Wednesday, December 25, 2024

ރަމަޟާން މަހަށް އިސްތިޤްބާލުކުރުމަށްޓަކައި ކުރެވިދާނެ ބައެއްކަންކަން

 


ރަމަޟާން މަހަށް އިސްތިޤްބާލުކުރުމަށްޓަކައި ކުރެވިދާނެ ބައެއްކަންކަން

1446 ވަނަ އަހަރުގެ ރަމަޟާންމަސް އަޅުގަނޑުމެންނާއި ބައްދަލުކުރުމަށް މިވަނީ ދާދި ކުޑަތަން ވެފައެވެ. ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި އަޅުގަނޑުމެން ދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެމަހަކަށް އިންތިޒާރުކޮށް އެމަހަކަށް އަޅުގަނޑުމެން ތައްޔާރުވަމުންދާ މިމާތް މައްސަރަށް މަރުޙަބާކިޔަން ކުރާ މަސައްކަތްތައް މިކުރެވެނީ ހަމަ އެންމެ ރަނގަޅަށްތޯ ސުވާލު އުފެދެއެވެ. އާއްމު ގޮތެއްގައި ރަމަޟާންމަހަށް ތައްޔާރުވަމުން ދާއިރު އަޅުގަނޑުމެންގެ ވިސްނުން ބެހެއްޓެނީ މާއްދީއްޔަތަށް އެކަންޏެވެ. ރޫޙާނިއްޔަތާމެދު އަޅުގަނޑުމެން ތިބެނީ ޣާފިލުވެފައެވެ. އެ މަތިވެރި މައްސަރަކީ ކެއުމާއި ކުޅިވަރުގެ މަހަކަށް ވަނީ ވެފައެވެ. އެހެންކަމުން ކާބޯތަކެތި ޖަމާކުރުމާއި ކުޅިވަރު ސާމާނު ޖަމާކުރުމާއި މިފަދަ ކަންކަން ކުރުމުގައި އެކަކު އަނެކަކަށް ވާދަ ކުރެއެވެ. އަސްތަޣްފިރުﷲ! މިއީ އެއްވެސް ޙާލެއްގައި މިކަން އޮންނަން ޖެހޭ ގޮތެއް ނޫނެވެ. މި މައްސަރަކީ އެކަންކަމުން ދުރުވުން އެންމެ އެކަށީގެންވާ މައްސަރެވެ. މިއީ ހެޔޮ ޢަމަލުތަކުން އަޅުގަނޑުމެންގެ ހެޔޮ ޢަމަލުގެ ފަތް ބަރާކޮށްލަން ލިބޭ ރަނުގެ ފުރުޞަތެކެވެ. مَنْ عَمِلَ صَالِحًا فَلِنَفْسِهِ  ހެޔޮ ޢަމަލު ކޮށްފިމީހާގެ ދަރުމަހުރީ، އެމީހާގެ އަމިއްލަ ނަފްސަށެވެ.

އަޅުގަނޑުމެންގެ ރޫޙާއި ޖިސްމު އެމަހަކަށް ތައްޔާރުކުރަމުންދާއިރު، އަޅުގަނޑުމެންގެ ޢަދުއްވުން މަތިން ހަދުމަ ނައްތާނުލާށެވެ! އެއީ މިމަހުގެ މަތިވެރި ހެޔޮކަން ލިބުނަ ނުދިނުމަށް ގަދައަޅައި މަސައްކަތް ކުރާ ބައެއްކަން ދަނެގަނެ އެކަމަށް ފާރަވެރިވާށެވެ! يَاأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيْكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ.  އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.

ރޫޙާނީގޮތުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ ގިނަގުނަ ކަންތައްތަކެއް ވެއެވެ.

ހ. ރަމަޟާން މަހަކީ ޤުރުއާނުގެ މައްސަރެވެ.

 

އެގޮތުން މިހާރުއްސުރެ ޤުރުއާން ކިޔަވަން ފަރިތަކޮށް ކިޔަވަން ފެށުން. ގިނަގިނައިން ޤުރުއާން ކިޔެވުމަށްޓަކައި ޚާއްޞަ މުޞްޙަފެއް ބޭއްވިދާނެއެވެ. އަބަދުވެސް ރޯދަމަހު ކިޔަވާ މުޞްޙަފަކީ އެއީ ކަމުގައި ހެދުމުން ފަސޭހަވާނެއެވެ. ނުވަތަ ފޯނުން ރަނގަޅު ޤުރުއާން އެޕްލިކޭޝަނެއްވެސް އެޅިދާނެއެވެ. އަދި ކޮންމެ ނަމާދެއްގެ ފަހުން ޤުރުއާނުގެ ވަކި މިންވަރެއް ކިޔާލެވިދާނެއެވެ. ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވުނު މަހެވެ. އެހެންކަމުން ޤުރުއާން ކިޔެވުން ގިނަކޮށް އެފޮތުގެ އާޔަތްތަކުގެ މާނަތަކާއި މެދު ވިސްނައި ފިކުރު ކުރުމަށްވެސް މިއީ އެންމެ މޮޅުވެގެންވާ އެއްދުވަސްވަރެވެ. ބައެއް މީހުން ހަމައެކަނި ޤުރުއާން ކިޔެވުން ގިނަކުރެއެވެ. ނަމަވެސް އެފޮތުގައި ބުނާ އެއްޗަކާއި މެދު ވިސްނައި އެފޮތުގެ އާޔަތްތަކަށް ޢަމަލުކުރަން ފަށަންވެސް ޖެހެއެވެ. އެހެނީ އެފޮތުގެ ބަރަކާތް އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުވާނީ އެފޮތަށް ޢަމަލުކޮށްގެން ކަމުގައި ވާތީއެވެ. އެފޮތް ގިނައިން ކިޔެވުމުން ސަވާބު ލިބޭ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ނަމަވެސް އެފޮތް ހަމައެކަނި އަކުރުތައް ކިޔަވާލާފައި އެފޮތަށް ޢަމަލުނުކުރަންޏާ ޙަޤީޤީ ފައިދާއެއް ޙާޞިލުނުވާނެ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އެފޮތުގައި އަންގަވާފައިވާ ހުރިހާ އަމުރުފުޅުތަކަށް ބޯލަނބަން ފަށާ މަހަކަށް މިމަސް ހަދަމާތޯއެވެ؟

 

ށ. ރޯދައިގެ ޙުކުމްތައް ލިޔެވިފައިވާ ފޮތްތަކާއި އަދި އާރޓިކަލްތައް ކިޔާލައި ރޯދަމަހު އަޅުކަން ރަނގަޅު ގޮތުގައި ކުރެވޭނެ ގޮތްތައް ދަސްކުރުން.  އެގޮތުން ޢިލްމުވެރިން ލިޔުއްވާފައިވާ ފޮތްތައް ކިޔައި ހެދިދާނެއެވެ.

 

ނ. ރޯދަމަހު ވަރަށް ގިނަމީހުން ހީކުރަނީ ރޯދަ ހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުންކަމުގައެވެ. ނަމަވެސް އެއީ ނުކައިނުބޮއި ހުރުމާއި އެކު ޝަހުވަތްތަކުން ދުރުވެ ހުރުމެވެ. ނަމަވެސް ހިތާމަޔަކީ އަޅުގަނޑުމެން ރޯދަހިފަނީ ނުކައި ނުބޮއި ހުރެގެންކަމުގައިވާތީއެވެ. އެހެން ހުރިހާ ޝަހުވަތްތަކުން އަޅުގަނޑުމެން ރޯދައެއް ނުހިފައެވެ. ރޯދައިގެ ޢަރަބި ލަފުޒުގެ (ޞައުމުގެ) މާނައަކީ ދުރުވެހުރުމެވެ. އަޅުގަނޑުމެން ޝަހުވަތްތަކުން ދުރުނުވާނަމަ ރޯދައިގެ މާނަ ގެއްލިގެން ދަނީއެވެ.

 

އެހެންވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

 

(مَنْ لَمْ يَدَعْ قَوْلَ الزُّورِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ) رواه البخاري في صحيحه: 1804.

 

މާނައީ: “ދޮގުހެދުމާއި(ބުހުތާނާއި އަދި ނުބައި ބާޠިލުބަސްތައް ބުނުމާއި) އަދި ފާޙިޝްކަންކަން ކުރުން ދޫނުކުރާނަމަ، ﷲއަށް އެމީހެއްގެ (ރޯދައިން) ނުކައިނުބޮއެ ހުރުމުގެ އެއްވެސް ޙާޖަތެއްނުވެއެވެ.”

 

ޙަދީޘްގައި އެބުނަނީ ނުކައި ނުބޮއި ހުރުމުން ރޯދަހިފުން ޙާޞިލުނުވާ ކަމެވެ. އެހެނީ ޢަމަލު ޤަބޫލުނުވުން އެކަމުގެ މައްޗަށް ޙާޞިލުވެދާނެ ވާހަކައެވެ. އެއީ ކެއުންބުއިން ދޫކުރުމާއި އެކު ހުރިހާ ބާވަތެއްގެ ފާޙިޝް ޢަމަލެއް ދޫކޮށްފުމަށް ދާންދެނެއެވެ. އެހެންކަމުން ރޯދަ ހިފުމަށް ރައްކާތެރިވާން ޖެހެއެވެ. ރޯދަ ފުރިހަމަ ގޮތުގައި ހިފިޔަނުދޭން މަސައްކަތްކުރާ މީސްތަކުންގެ ކިބައިން ރައްކާތެރިވާން ޖެހެއެވެ. އެހެންކަމުން ފާޙިޝްކަންކަން ދެނެގަތުމަކީ މުހިންމުކަމެކެވެ. ފުރިހަމަ ގޮތުގައި ރޯދަ ހިފޭނީ ފާޙިޝްކަންކަމަކީ ކޮބައިކަން ދެނެގަނެ ކެއިންބުއިމުން ދުރުވާހެން އެކަންކަމުންވެސް ދުރުވެގެންނެވެ.

 

ރ. ނަމާދަށް ރައްކާތެރިވުން.

 

ވަރަށް ގިނަމީސްތަކުން ރޯދަމަހުގައި ނަމާދު ނުކޮށް ކެއިން ބުއިމުން ދުރުވެހުރެއެވެ. އެހެނީ ނަމާދުނުކޮށް ކުރާ އެއްވެސް އަޅުކަމެއް ޤަބޫލުވެވިގެންނުވެއެވެ. އެހެންކަމުން ނަމާދަށް ރައްކާތެރިވާން ޖެހެއެވެ. އަދި ބައެއް މީހުން ރޯދަ މަހު ނަމާދުކޮށްފައި އެހެން މަސްތަކުގައި އެކަން ދޫކޮށްލައެވެ. އެހެނީ ނަމާދު ނުކުރުމަކީ ކުރިން ކުރި ޢަމަލުތައް ބާޠިލުވެގެންދާނެކަމެކެވެ. ރޯދަމަހު ކުޅަހައި ހެޔޮކަން ނަގާނުލައްވާށެވެ.  ސަލަފުންގެ ބޭކަލުން ވިދާޅުވާގޮތުގައި ހެޔޮ ޢަމަލެއް ﷲގެ ޙަޟްރަތުން ޤަބޫލުވިކަމުގެ ޢަލާމަތްތަކުގެ ތެރޭގައި ހެޔޮކަން މަތީގައި ދެމިހުރުން ހިމެނެއެވެ.

 

އަދި ވަރަށް ގިނަ ބޭފުޅުންނަށް ނަމާދުގައި ކިޔާތަކެތި ފުރިހަމައަށް ކިޔަން ނޭނގުމަކީވެސް ވަރަށް ބޮޑު މައްސަލައެކެވެ. ރޯދައަށް ތައްޔާރުވުމަށްޓަކައި ނަމާދުގައި ކިޔާތަކެތިވެސް ރަނގަޅަށް ދަސްކުރައްވައި ދުޢާތައް ދަސްކޮށް ހަދަންޖެހެއެވެ.

 

ބ. ބައެއް ފަރާތްތަކުން ރަމަޟާންމަހަށްތައްޔާރުވުމަށްޓަކައި އިތުރަށް ކާތަކެތި ޖަމާކޮށް ރޯދަމަހު އިސްރާފުގެ މަހަކަށް ވެފައި އޮންނަނީ މަދެއްކޮށެއްނޫނެވެ. އެހެންކަމުން މިފަހަރަކީ އެކަން ބަދަލުކޮށްލާ މަހަކަށް ހަދަމާތޯއެވެ؟ އިސްރާފުކުރުމަކީ ޙަރާމްކަމެކެވެ. އަދި ﷲ ނުރުއްސަވާ ސިފައެކެވެ. ރޯދަމަހަކީ މިކަމުގައި އާއުސްމިންތަކަކަށް ދަތުރުކުރާ މަހަކަށް ނުހަދައި މިފަދަ ކަންކަމުން ދުރުވަމާތޯއެވެ.

 

ޅ. އިޢުތިކާފަށް ތިބުން. މިއީ ރޯދަމަހު ފަހުކޮޅުގައި ކުރުން ޝަރުޢުވެފައިވާ އަޅުކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް މިކަން ކުރަންވެސް ނޭނގެއެވެ. އެއީ ކޮންކަމެއްކަންވެސް ނޭނގެއެވެ. އަޅުގަނޑުމެންނަށް އެނގެނީ ރޯދަމަހުގެ މުބާރާތްތަކާއި އެކިއެކި ރޭސްތަކެވެ. އެހެންކަމުން މިފަހަރު ރޯދަމަހު ބަދަލުކޮށްލާ ކަންކަމުގެ ތެރެއަށް މިކަންވެސް ހަމަޖައްސާލުން ކިހިނެއްވާނެތޯއެވެ؟

 

ވީމާ ދުޢާއަކީ އެންމެ ފުރިހަމަ ގޮތުގައި ރޯދަ ހިފާ މީހުންކަމުގައި ލައްވައި ހެޔޮކަމުގެ މައްސަރު ލިބިގަންނަ ބައެއްކަމުގައި އަޅުގަނޑުމެން ލެއްވުމެވެ. ނަސީބުވެރިންނަކީ ނަސީބުގެ ފުރުސަތުތައް ލިބިގަންނަ ބަޔަކީ ރޯދަމަހުގެ ﷲގެ މަސް އިހުޔާކޮށް އެމަހުގެ ސަވާބު ލިބިގަންނަ މީސްތަކުންނެވެ. ލައިލަތުލްޤަދުރި ވިލޭރޭ ލިބިގަންނަ މީސްތަކުންނެވެ. އެއްވެސް ޙާލެއްގައި ޖުވާކުޅޭ އުސޫލުތަކުގެ މައްޗަށް ބާއްވާ މުބާރާތްތަކުގައި ބައިވެރިވެގެން ލިބޭ އިނާމަކީ ނަސީބެއްނޫނެވެ. އެއީ ބަދުނަސީބެކެވެ. އެފަދަ ފާޙިޝް ހުރިހާ ކަންކަމުން ދުރުވުމަށް ނަޞީޙަތްތެރިވަމެވެ. އެފަދަ ކަންކަމުން ދުރުވުމުގެ ތައުފީޤު އަޅުގަނޑުމެންނަށް މިމަހުގައި ދެއްވާށިއެވެ. އާމީން.

 

ނަބިއްޔާގެ އަޖަލުފުޅު ކައިރިވެއްޖެކަން އިޙްސާސް ކުރެއްވުނު..

 


އިސްލާމީ ރިސާލަތު ފުރިހަމަވެ ޢަރަބިކަރައިގެ މީސްތަކުން އިސްލާމްދީނަށް ފައުޖުފައުޖަށް ވަންނަ ތަން ފެނިވަޑައިގަތުމުން ނަބިއްޔާ ޞ އަށް އެކަލޭގެފާނުގެ އަޖަލުފުޅު ކައިރިވެއްޖެކަން އިޙްސާސް ކުރެއްވުނު..

إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ ﴿١﴾‏ وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا ﴿٢﴾

‏ فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ ۚ إِنَّهُ كَانَ تَوَّابًا ﴿٣﴾‏

މިސޫރަތުން އެކަލޭގެފާނުގެ އަވަހާރަވުމުގެ ވަގުތު ޖެހިއްޖެކަން ﷲ ތަޢާލާ އެކަލޭގެފާނަށް އަންގަވާ ކަހަލައެވެ. އެކަލޭގެފާނުގެ އަބަދީ ޙަޔާތުގެ ދަތުރު ފެށްޓެވުމުގެ ވަގުތު ކައިރިވެއްޖެ ކަމުގެ މިނޫން ޢަލާމާތްތައް ވެސް އޭރު ފެންނަމުން ދިޔައެވެ. މިގޮތުން އެހެން އަހަރު ތަކާއި ޚިލާފަށް ހިޖުރައިން 10 ވަނަ އަހަރު 10 ދުވަހުގެ ބަދަލުގައި 20 ދުވަހު، އެކަލޭގެފާނު އިޢްތިކާފަށް އިންނެވިއެވެ. އަދި އެ ރަމަޟާންމަހު ޖިބްރީލުގެފާނު ވަޑައިގެން އެކަލޭގެފާނާއެކު ކީރިތި ޤުރުއާން 2 ފަހަރަށް މުދާރަސާ ކުރެއްވިއެވެ. އަދި ޙައްޖަތުލް ވަދާޢުގައި އެކަލޭގެފާނު އަޞްޙާބުންނަށް ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ ކިބައިން ޙައްޖުގެ އަޅުކަންތައް ދަސްކުރާށެވެ. ފަހަރުގައި ތިމަންކަލޭގެފާނު މިއަހަރުގެ ފަހުން ތިޔަބޭކަލުންނާ ބައްދަލުނުވެދާނެއެވެ."

ޙައްޖުން އެނބުރި ވަޑައިގަތުމަށްފަހު ހިޖުރައިން 11 ވަނަ އަހަރު ފެށުނު ތަނާހެން އެކަލޭގެފާނުގެ ކިބައިން އަވަހާރަވުމުގެ އާލާސްކަންފުޅުގެ އަޘަރުތައް ފެންނަން ފަށައިފިއެވެ. ދެން އެކަލޭގެފާނު އުޙުދުގައި ޝަހީދުވި ބޭކަލުންގެ ޤަބުރުފުޅުތަކަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އެބޭކަލުންނަށް ހެޔޮޮ ދުޢާ ކޮށްދެއްވިއެވެ. ދެން އަބޫމުވައިހިބާ ރޟ އާއެކު ބަޤީޢަށް ވަޑައިގެން އެތަނުގައި ފަސްދާނުލެވިފައިވާ ބޭކަލުންނަށް ހެޔޮ ދުޢާ ކުރެއްވިއެވެ. އަދި އަބޫމުވައިހިބާއަށް ވިދާޅުވިއެވެ. " އޭ އަބޫމުވައިހިބާއެވެ! ތިމަންކަލޭގެފާނަށް ދުނިޔޭގެ ޚަޒާނާތަކާއި އެތަނުގައި އަބަދަށް ދެމިހުންނެވުން ލިބިވަޑައިގަތެވެ. އަދި މިކަންތަކާއި ތިމަންކަލޭގެފާނުގެ ވެރި ރައްބާ ބައްދަލުވެވަޑައިގަތުމާއި ދެކަމުން 1 ކަމެއް އިޚްތިޔާރު ކުރައްވަން ލިބިވަޑައިގަތެވެ." އެހިނދު އަބޫމުވައިހިބާ ވިދާޅުވިއެވެ. " އަޅުގަނޑުގެ މަންމައާއި ބައްޕަ ކަލޭގެފާނަށްޓަކައި ފިދާއެވެ. ދުނިޔޭގައި ދާއިމަށް ދެމިހުންނެވުން އިޚްތިޔާރު ކުރައްވާށެވެ!" އެހިނދު ޙަދީޘް ކުރެއްވިއެވެ. "ނޫނެކެވެ. ތިމަންކަލޭގެފާނު އިޚްތިޔާރު ކުރެއްވީ ތިމަންކަލޭގެފާނުގެ ރައްބާއި ބައްދަލު ކުރެއްވުމެވެ."

އެއަހަރުގެ ޞަފަރު މަހު އެކަލޭގެފާނު ޖަނާޒާއަކަށް ވަޑައިގެންފައި އެނބުރި ވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ އާލާސްކަންފުޅު އިތުރު ވެއްޖެއެވެ. ދުވަސްކޮޅެއްފަހުން ހުރިހާ އަނބިއަނބި ކަނބަލުންގެ އިޛުނައާއެކު އެކަލޭގެފާނު އައިޝަތުގެފާނުގެ ގެކޮޅަށް ބަދަލުވެވަޑައިގަތެވެ. އިސްތަށިފުޅުގައި ވަރަށް ބޮޑަށް ރިއްސާޙާލު އެކަލޭގެފާނު އަލްފަޟްލު ބުން ޢައްބާސާއި ޢަލީގެފާނުގެ ކޮނޑުފުޅުގެ އެހީފުޅުގައި ފައިންޕުޅު ދަންމަވާ ޙާލު ޢާއިޝަތުގެފާނުގެ ގެކޮޅަށް ވަޑައިގެންނެވިއެވެ.

އާދެ ޢާއިޝާގެފާނު އެކަލޭގެފާނުގެ ގައިކޮޅަށް ޤުރުއާނުގެ އާޔަތްތައް ކިޔުއްވައި ހެއްދެވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅަށް ފުމެލައްވައި އެބަރަކާތްތެރި އަތްޕުޅުން އެކަލޭގެފާނުގެ ގައިކޮޅުގައި ފިރުންމަވާ ހެއްދެވިއެވެ.

އަވަހާރަވުމުގެ 5 ދުވަސް ކުރިން އެކަލޭގެފާނުގެ އާލާސްކަންފުޅު ބޮޑުވިއެވެ. އަޞްޙާބު ބޭކަލުން ހިތާމައާއި މޮޅިން އެކަލޭގެފާނު ޚަބަރު ބެއްލެވުމުގައި ދެމި ތިއްބެވިއެވެ. ހުންފުޅު ގަދަކަމުން އެކަލޭގެފާނު ހޭފުޅު ނެތުނެވެ. ދެން ހޭފުޅު އެރުމުން ބިލާލުގެފާނު ކުރެން މީސްތަކުން ނަމާދުކޮށްފިތޯ އެއްސެވިއެވެ. އެއަށްފަހު ބިލާލުގެފާނު އަޞްޙާބުން އެކަލޭގެފާނުގެ އިންތިޒާރުގައި ތިއްބެވި ކަމަށް ވިދާޅުވުމުން އެކަލޭގެފާނުގެ އިސްތަށިފުޅަށް ފެން ހަމެއް އެޅުމަށް އަމުރު ކުރެއްވިއެވެ. މިގޮތުގައި 7 ހަމުގެ ފެން އެޅުނު ހިނދު ފުދިއްޖެ ކަމުގައި ވިދާޅުވިއެވެ. ދެން އެކަލޭގެފާނު އުފުއްލަވައިގެން މިސްކިތަށް ގެންދެވުނެވެ. އަދި މިންބަރުގައި ބޭންދެވުނެވެ. އޭރުވެސް އަކަލޭގެފާނުގެ އާލާސްކަންފުޅާއި ވޭން ވަރަށް ބޮޑެވެ. ހުމުގެ އަސަރާއި އިސްތަށިފުޅުގެ ރިހުން ވަރަށް ގަދައެވެ. ނަމަވެސް އެކަލޭގެފާނުގެ އަޞްޙާބުންނަށް އެންމެ ފަހުގެ ވަޞިއްޔަތެއް ކުރައްވަން ބޭނުންވެ ވަޑައިގަތެވެ.

 އެހިނދު މޮޅިއާއި ހިތާމައިން ފުރިފައި ތިިބި އެކަލޭގެފާނުގެ އަޞްޙާބުންނަށް ﷲގެ މަތިން ހަނދުމަކޮށްދެއްވިއެވެ. އަދި ވަޞިއްޔަތް ކުރެއްވިއެވެ. މިގޮތުން އަބޫބަކްރުގެފާނުގެ މާތްކަމާއި އަންޞާރުންގެ މާތްކަމުގެ ވާހަކަ ވިދާޅުވުމާއެކު އެބޭކަލުންނަށް ހެޔޮކޮށް ހިއްތެވުމަށް ވަޞިއްޔަތް ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ޤަބްރުފުޅު އަޅުކަން ކުރާ ތަނަކަށް ނެހެދުމަށް މުސްލިމުންނަށް އަމުރު ކުރެއްވިއެވެ. މިގޮތުގައި ﷲ ތަޢާލާ އެއްކައުވަންތަ ކޮށް ޝިރުކުން އެއްކިބާ ވުމަށް މީސްތަކުންނަށް ގޮވާލެއްވިއެވެ.

އަދިވެސް އެބަލި ޙާލުކޮޅުގައި ހުންނަވައި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އެމީހެއްގެ ހަށިގަނޑަށް ނުވަތަ އަބުރަކަށް ގެއްލުން ދީފައިވާ މީހަކުވާނަމަ ތިމަންކަލޭގެފާނު މިހުންނެވީއެވެ. އެކަމުގެ ބަދަލު ހޯދާށެވެ. އަދި ތިމަންކަލޭގެފާނު އެމީހެއްގެ މުދަލަކުން ނަގާފައިވާ މީހަކު ވާނަަމަ މިހިރީ ތިމަންކަލޭގެފާނުގެ މުދަލެވެ. ފަހެ އެމީހެއްގެ ޙައްޤު ހޯދާށެވެ!" މިހެން އެ ވިދާޅުވަނީ މުޅި ޙަޔާތްޕުޅުގައި ވެސް މީހެއްގެ ޙައްޤަކަށް އަރާވަޑައިގެންފައިނުވާ ޙާލުއެވެ.

އަނެއްކާވެސް ވިދާޅުވިއެވެ. ﷲ ތަޢާލާ އަޅަކަށް ދުނިޔޭގެ ޙަޔާތުގެ ޒީނަތާއި އެއަޅުގެ ވެރި ރައްބުގެ ޙަޟްރަތުގައިވާ އެއްޗަކާ ދެމެދު އިޚްތިޔާރު ކުރުމަށް ދެއްވިއެވެ. ދެން އެއަޅު އޭނާގެ ވެރި ރައްބުގެ ޙަޟްރަތުގައިވާ އެއްޗެއް އިޚްތިޔާރު ކުރެއްވިއެވެ. " މިއާއެކު އަބޫބަކުރުގެފާނު ކީރިތި ކުރައްވަން ފެށްޓެވިއެވެ. އެއަޅަކީ ނަބިއްޔާ ޞ ކަން އެކަލޭގެފާނަށް އެނގި ވަޑައިގަތެވެ. އަދި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. " އަޅުގަނޑުމެންގެ މަންމައިންނާއި ބައްޕައިން ކަލޭގެފާނަށްޓަކައި ފިދާއެވެ. އަޅުގަނޑުމެންގެ މަންމައިންނާއި ބައްޕައިން ކަލޭގެފާނަށްޓަކައި ފިދާއެވެ. "

މޮޅިއާއި ހިތާމައިން ތިބި އެކަލޭގެފާނުގެ އަޞްޙާބުންނަށް މިއީ އެކަލޭގެފާނުގެ ފަހު ވަޞިއްޔަތްޕުޅު ކަން އެނގިވަޑައިިނުގެންނެވި ނަމަވެސް އެކަލޭގެފާނުގެ އާލާސްކަންފުޅާއެކު މުޅި މަދީނާގެ ގެތަކާއި މަގުތައް ފަޅުވި ފަދައެވެ. ހަމަހިމޭންކަމާއެކު އެންމެން އިންތިޒާރު ކުރަމުން ދިޔައީ އެކަލޭގެފާނު އާލާސްކަންފުޅުން ފަސޭހަވެވަޑައިގަންނަވާނެ އިރަކަށެވެ.

ނަބިއްޔާ ޞ ގެ ޙާލުކޮޅު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔައެވެ. އާލާސްކަންފުޅު ގަދަ ވަމުން ދިޔައެވެ. ނަމަވެސް އާލާސްކަންފުޅުގެ ބޮޑުކަމާއެކުވެސް އަޞްޙާބު ބޭކަލުންގެ އެހީގައި މިސްކިތަށް ނިކުމެ ވަޑައިގެން މީސްތަކުންނާއިގެން އިމާމުވެ ނަމާދު ކުރައްވައެވެ.

ރަބީޢުލް އައްވަލު މަހުގެ 8 ވީ ބުރާސްފަތި ދުވަހެވެ. އެދުވަހުގެ މަޣްރިބް ނަމާދަށް ފަހު އެކަލޭގެފާނު ކޮޓަރިކޮޅަށް ވަދެވަޑައިގެން އޮށޯވެ އޮންނެވިއެވެ. އިޝާ ވަގުތު ޖެހުމުން ބިލާލުގެފާނު ވަޑައިގެން ނަމާދަށް ގޮވާލެއްވިއެވެ. އެހިނދު ވިދާޅުވިއެވެ. " މީސްތަކުން ނަމާދު ކޮށްފި ހެއްޔެެވެ؟ " އެހިނދު ބިލާލްގެފާނު ވިދާޅުވިއެވެ. " ނޫނެކެވެ. ﷲ ގެ ރަސޫލާއެވެ. މީސްތަކުން ކަލޭގެފާނުގެ އިންތިޒާރުގައި އެބަ ތިއްބެވެ. " އެހިނދު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ ގައިކޮޅަށް ފެންއަޅާށެވެ." އޭރު އެކަލޭގެފާނުގެ ހުންފުޅު ވަރަށް ގަދައެވެ. އާލާސްކަންފުޅު ވަރަށް ބޮޑެވެ."

ދެން ފެން އަޅައި ނިމުމުން އެކަލޭގެފާނު ތެދުވެވަަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނު ހޭފުޅު ނެތުނެވެ. ދެން އެބޭކަލުން އަނެއްކާވެސް އެކަލޭގެފާނަށް އިންތިޒާރު ކުރައްވަން ތިއްބެވިއެވެ. އަނެއްކާވެސް ހޭފުޅު އެރުމުން ވިދާޅުވިއެވެ. " މީސްތަކުން ނަމާދު ކޮށްފި ހެއްޔެެވެ؟ " އެހިނދު އެބޭކަލުން ވިދާޅުވިއެވެ. " ނޫނެކެވެ. ﷲ ގެ ރަސޫލާއެވެ. މީސްތަކުން ތިބީ ކަލޭގެފާނުގެ އިންތިޒާރުގައެވެ. " އާއެކެވެ. އެބޭކަލުންގެ ލޯބިވެތި ނަބިއްޔާއަށްޓަކައި މުޅި ޢުމުރު އިންތިޒާރު ކުރައްވަން ޖެހުނަސް އެބޭކަލުން ތިއްބެވީ ތައްޔާރަށެވެ. އެހިނދު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ ގައިކޮޅަށް ފެންއަޅާށެވެ." ނަމަވެސް އެކަލޭގެފާނަށް ތެދުވެވަޑައި ނުގެންނެވުނެވެ. އަނެއްކާވެސް ތެދުވެވަޑައިގަންނަވަން އުޅުއްވުމުން ހަމައެފަދައިން ހޭފުޅު ނެތުނެވެ. އެހާތަނުން އެކަލޭގެފާނަށް މީސްތަކުންނާއިގެން ނަމާދު ނުކުރެއްވޭނެކަން އެނގި ވަޑައިގަތެވެ. އަދި އަބޫބަކުރުގެފާނަށް މީސްތަކުންނާއިގެން ނަމާދުކުރެއްވުމަށް އަމުރު ކުރެއްވިއެވެ.

މިގޮތުގައި ހުކުރު ދުވަހުވެސް އެކަލޭގެފާނަށް ނަމާދަށް ނިކުންނެވޭ ވަރު ނުވިއެވެ. ދެން ހޮނިހިރު ނުވަތަ އާދީއްތަ ދުވަހު އެކަލޭގެފާނު އާލާސްކަންފުޅު ކުޑަކޮށް ލުއިވުމުން މެންދުރު ނަމާދުގެ ވަގުތުގައި އެކަލޭގެފާނުގެ ކޮޓަރިކޮޅުން މިސްކިތަށް ވަދެވަޑައިގަތެވެ. އެހިނދު މުޅި މިސްކިތް އަލިވެ އުޖާލާވެގެން ދިޔަ ފަދައެވެ. އެކަލޭގެފާނު ވަދެވަޑައިގަތުމުގެ އުފަލާއެކު މުސްލިމުންގެ ސަފުތައް ގުޑިގެން ދިޔައެވެ. އަބޫބަކުރުގެފާނުވެސް ފަހަތަށް ޖެހިވަޑައިގަތުމަށް ނިންމިއެވެ. އެހިނދު އެކަލޭގެފާނު އަބުބަކުރުގެފާނަށް ނަމާދު ކުރިޔަށް ގެންދެވުމަށް އިޝާރާތް ކުރެއްވިއެވެ. ދެން ނަބިއްޔާ ޞ އަބޫބަކުރުގެފާނުގެ އެއްފަރާތުގައި އިށީނދެވަޑައިގަތެވެ. އެދުވަހުގެ ނަމާދު ނިމުމުން އެކަލޭގެފާނުގެ އާލާސްކަންފުޅު ރަނގަޅުވީ ކަމުގައި ހީކޮށް މީސްތަކުން އުފާކުރިއެވެ. ނަަމަވެސް އަނެއްކާވެސް އެދުވަހުގެ ޢަޞުރު ނަމާދަށް ނިކުމެވަޑައިގެންނެވޭ ވަރަށްވުރެ އެކަލޭގެފާނުގެ ޙާލުކޮޅު ދެރަވިއެވެ.

އަނެއްކާވެސް މީސްތަކުންގެ މައްޗަށް ހިތާމައިގެ ބޮޑު ވިލާގަނޑެއް ހިޔާއެޅި ފަދައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ނަފްސު ފިދާކޮށްފައި އެކަލޭގެފާނު ދިރިހުންނަވަން ބޭނުންވާ ކަހަލައެވެ. ނަމަވެސް އެއީ ﷲ ތަޢާލާގެ ބަދަލު ނުކުރެވޭނެ ނިޔާފުޅެވެ.

ރަބީޢުލް އައްވަލު މަހުގެ 11 ވީ އާދީއްތަ ދުވަހު އެކަލޭގެފާނުގެ ހުރިހާ މުދަލަކުން ޞަދަޤާތް ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ހަތިޔާރުތައް މުސްލިމުންނަށް ހިބަކުރެއްވިއެވެ. އަދި އާލާސްކަންފުޅާ އުޅުއްވި މިމުއްދަތުގައި ނަމާދަށް ރައްކާތެރިވުމަށް، ތަކުރާރުކޮށް އުއްމަތަށް ވަޞިއްޔަތް ކުރެއްވިއެވެ.

އާދީއްތަ ދުވަސް ނިމި ހޯމަދުވަހުގެ ފަތިސްނަމާދަށް މީސްތަކުން ތިބި ވަގުތެވެ. އެކަލޭގެފާނުގެ ކޮޓަރިކޮޅުގެ ފަރުދާކޮޅު ކައްސަވާލައްވައި  މީސްތަކުން އަބޫބަކުރުގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރަމުންދާ ތަނަށް ބައްލަވައިލެއްވިއެވެ. އަދި ހިނިވަރުނަކުރެއްވިއެވެ. އެކަލޭގެފާނުގެ އުޖާލާ މޫނުފުޅު މީސްތަކުންނަށް ފެނުނު ހިނދު، އުފަލުން އެބައިމީހުންގެ ނަމާދުވެސް ބާޠިލުވެދާނެ ފަދައެވެ.

ދެން އެދުވަހުގެ ޟުޙާ ވަގުތު އެކަލޭގެފާނުގެ އަހުލުބައިތުން އެއްކުރެއްވިއެވެ. އެބޭކަލުންގެ ތެރެއިން ދުނިޔޭގައި ހުންނެވި، އެކަލޭގެފާނުގެ ހަމައެކެނި ދަރިކަލުން ފާޠިމާ ވިދާޅުވިއެވެ. " ބައްޕާފުޅުގެ ވޭނުގެ ބޮޑުކަމާއެވެ!" އެހިނދު ޙަދީޘް ކުރެއްވިއެވެ. " މިއަދަށް ފަހު ކަމަނާގެ ބައްޕާފުޅަަށް ވޭނެއް ނުވެއެވެ."

ޟުޙާ ވަގުތުގެ ފަހުން އެކަލޭގެފާނުގެ އާލާސްކަންފުޅު އިތުރަށް ބޮޑުވެއްޖެއެވެ. އެކަލޭގެފާނުގެ އިސްތަށިފުޅު އޮތީ ޢާއިޝަތުގެފާނުގެ އުނގުފުޅުގައެވެ. އެވަގުތު ޢާއިޝާތުގެފާނުގެ ކޮއްކޯފުޅު ޢަބްދުއްރަޙްމާން މިސްވާކެއް ހިއްޕަވައިގެން ވަދެވަޑައިގަތުމުން ނަބިއްޔާ އެމިސްވާކަށް ބައްލަވާތަން ފެނިވަޑައިގަތެވެ. އެހިނދު މިސްވާކު ބޭނުންފުޅުތޯ ޢާއިޝަތުގެފާނު އެއްސެވިއެވެ. އއެކަލޭގެފާނު ބޮލުން އިޝާރާތް ކުރެއްވުމުން އެމިސްވާކު ހޯއްދަވައި އެކަމަނާގެ ދަތްޕުޅުން އެ ފިސްކުރައްވައި، އެކަލޭގެފާނުގެ ދަތްޕުޅު އުނގުޅުއްވައި ދެއްވިއެވެ.

އެކަލޭގެފާނުގެ ހުންފުޅު އަދިވެސް ވަރަށް ގަދައެވެ. އެވަގުތު އެކަލޭގެފާނު، ކައިރީގައި ހުރި ފެންއެއްޗަކުން މޫނުގައި އަމިއްލަފުޅަށް ފެން ފުއްސަވަމުން ވިދާޅުވިއެވެ. " لا إله إلا الله.. إن للموت سكرات إن للموت سكرات ﷲ މެނުވީ ޙައްގުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވެއެވެ. ހަމަކަށަވަރުން މަރަކީ އޭގެ ވޭން ހުރި ކަމެކެވެ. ހަމަކަށަވަރުން މަރަކީ އޭގެ ވޭން ހުރި ކަމެކެވެ." އެގޮތުގައި އޮންނަވާފައިވެސް އެކަލޭގެފާނު އެއްފަހަރު ހޭފުޅު ނެތުނެވެ.

ދެން ހޭފުޅު އެރުމުން އެކަލޭގެފާނު މައްޗަށް ބައްލަވަން ފެށްޓެވިއެވެ. "އަދި ޝަހާދަތް އިނގިލިފުޅު މައްޗަށް އުފުއްލަވައި ވިދާޅުވިއެވެ. " بل الرفيق الأعلى بل الرفيق الأعلى " އެހެނެއްކަމަކު މަތިވެރިވެގެންވާ އިލާހާ ބައްދަލުވުމެވެ. އެހެނެއްކަމަކު މަތިވެރިވެގެންވާ އިލާހާ ބައްދަލުވުމެވެ." ޢާއިޝަތުގެފާނު ވިދާޅުވިއެވެ. "އެތަން ފެނިވަޑައިގަތް ހިނދު، އެއީ (އެހެން ނަބިއްޔުންނަށްވެސް، ދާއިމަށް ދުނިޔޭގައި ތިބުމާއި ﷲ ތަޢާލާއާއި ބައްދަލު ކުރުމާއި ދެމެދު، އިޚްތިޔާރު ކުރެއްވުމަށް ދެއްވޭފަދައިން) އެކަލޭގެފާނަށްވެސް އިޚްތިޔާރު ދެއްވެނީކަން، ތިމަންކަމަނާއަށް އެނގިވަޑައިގަތެވެ." ދެން އެއާއެކު އެކަލޭގެފާނުގެ ޠާހިރު ރޫޙުފުޅު ހަށިކޮޅާ ވަކިވެއްޖެއެވެ. އޭރު އެކަލޭގެފާނުގެ ގައިކޮޅުން އާދަޔާޚީލާފު މީރު ވަހެއް ދުވަމުން ދިޔައެވެ.

إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ   - " ހަމަކަށަވަރުން ކަލޭގެފާނީ، އަވަހާރަވާނޭ ބޭކަލެކެވެ. އަދި ހަމަކަށަވަރުން، އެއުރެންނީވެސް މަރުވާނޭ ބަޔެކެވެ."

އާދެ. ރަޙްމަތުލް ލިލް ޢާލަމީން އެކަލޭގެފާނުގެ އަޞްޙާބުންނާއި މުޅި އުއްމަތް ރޮއްވާފައި އުއްމަތާ ވަކިވެ، އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟްރަތަށް ވަޑައިގަތީއެވެ. އެކަލޭގެފާނުގެ ވެރި ރައްބުގެ ރިސާލަތު ފޯރުކޮށްދެއްވާފައެވެ. ނަބީކަމުގެ އަމާނާތް އަދާކުރައްވާފައެވެ. އަދި އުއްމަތަށް ނަޞޭހަތްތެރިވެ ވަޑައިގެންފައެވެ.

Thursday, December 19, 2024

އިދްރީސް ތައުފީގު އިސްލާމްވީ ގޮތް

 


               އިދްރީސް ތައުފީގު އިސްލާމްވީ ގޮތް

              އިސްލާމްދީނާ ގާތަށް އަހަރެން ގެންދިޔައީ އަހަރެން ބެލި ދަރުހަކުން، ނުވަތަ މުސްލިމަކާ އޮތް ރަހުމްތެރިކަމެއްގެ ސަބަބަކުން ނޫނީ އިސްލާމީ ޚަލަގާއަކުން ވެސް ނޫނެވެ. އެ ދީނަށް އަހަރެންނަށް ވަދެވުމުގެ އަސްލަކަށްވީ ދުވާރުމަތީ ބޫޓު ސާފުކުރަން އިން ކުޑަކުއްޖެކެވެ. އަހަރެންނާއި އަނބިމީހާ އެއްއަދުވަހު އޭނާ ބޫޓު ސާފުކުރަން އިން ދުވާރުމަތިން ދަނިކޮށް އަހަރުމެންގެ ހުދުހަން އޭނާއަށް ފާހަގަވިއެވެ. އޭނާއިނީ ވަރަށް ހިކިކޮށް އަނަރޫފަވެ،ކަޅުވެފައެވެ. އަހަރުމެން ފެނުމުން އޭނާގެ މޫނުމައްޗަށް އުޖާލާކަމެއް އައިކަހަލައެވެ. އަދި އަހަރުމެންނަށް ބުންޏެވެ. "އައްސަލާމު ޢަލައިކުމް (ތިބާއަށް ސަލާމަތްކަން ހުރި)" އެވެ. އޭނާ ހިތުގެ އަޑިން އެހެންބުނިކަން އަހަންނަށް އިޙްސާސް ކުރެވުނެވެ. މިސްރުގައި އަހަރުމެން ހޭދަކުރި ދުވަސް ތަކުގައި ކޮންމެ ދުވަހަކު ވެސް އޭނާ އިންނަ މަގުން އަހަރެމެން ހިނގަމުއެވެ. އަދި ކުދިކުދި އެއްޗެހި އަރަބިން ބުނަން ދަސްކޮށް އެކުއްޖާއަށް މުޚާޠަބުކުރަމުއެވެ. ޙާލު ކިހިނެއް ހެއްޔޭ އެހިނަމަ އަލްހަމްދުލިއްލާހި! ވަރަށް ރަނގަޅޭ ބުނާނެއެވެ.

              އަހަރެންނަށް އިސްލާމްދީން ތަޢާރަފުކޮށްދިނީ އެތުއްތު ކުއްޖާގެ ސަލާމައި އެއިން ހިތައް ވެރިވި ހިތްހަމަޖެހުމެވެ. އެއް ހަފްތާއަށްފަހު ކެއިރޯއިން އަހަރެން ފުރައިގެން ދިޔައިރު އަހަންނަކަށް އަސްލާމްދީނެއް ނޭނގެއެވެ. އެކަމަކު މުސްލިމުންނަކީ މީޑިއާ އެދައްކާ ކަހަލަ ނުބައި ޖާހިލު ބައެއް ނޫންކަން ހަމަޔަގީނުން ވެސް އަހަންނަށް އެނގެއެވެ. ރަށަށް ދިޔަތަނާހެން ރަށުން (އެމެރިކާއިން) އަހަންނަށް ޓީޗަރެއްގެ ވަޒީފާ ލިބުނެވެ. އެ ވަޒީފާ ލިބުނީ ރަށުގެ ކުޑަކުޑަ ޕަބްލިކް ސްކޫލަކުންނެވެ. އެތާނގައި އޭރު ތަޢުލީމު ހާސިލްކުރަމުން ދިޔައީ ވަރަށް ވިޔާނުދާ އުޅުމެއް ނެތް ކުދިންތަކެކެވެ. ވަރަށް ވިޔާނުދާ ނުލަފާ އުޅުމެއް ހުރި ކުދިންތަކެކެވެ. ނަމަވެސް އެތަނުގައި އެތަނުން ތަޢުލީމު އުނގެނެމުންދާ ޢަރަބި ކުދިންތަކެއް ވެސް އުޅެއެވެ. އެއީ ވެސް ޢަރަބި މުސްލިމް ކުދިންތަކެވެ. އަހަރެންނަށް ކިޔަވާދޭން ޖެހުނީ ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުން އައި 6 ދީނާއި ބެހޭގޮތުންނެވެ. އަހަރެންނަށް އެނގޭ ދެ ދީނަކީ ހަމައެކަނި ކްރިސްޓިއަނިޓީ އާއި ޖުޑައިޒަމްއެވެ. ދެން ހުރި 4 ދީން ނޭނގި އެކުދިން ފަހު އިމްތިހާނަށް ތައްޔާރުކުރާނެ ގޮތެއް ނެތެވެ. އެހެންވެ ފޮތްތައް ނަގައިން އެދީންތައް ވެސް އުނގެނެން ފެށީމެވެ. އެ ހަތަރު ދީނުގެ ތެރޭގައި އިސްލާމްދީން ވެސް ހިމެނެއެވެ. އެގޮތަށް 3 ނުވަތަ 4 މަސް ފާއިތުވެ ދިޔަ ފަހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަންފުޅު ގަންނަ ކޮންމެ ފަހަރަކު އަހަރެންނަށް ( ނަފްސަށް ) ނޭނގި އަހަރެންގެ ލޮލުން ކަރުނަ އާދެއެވެ. އަދި ދެރަވެގެން ގޮސް ބައެއް ފަހަރަށް އަރުބެދޭހެން ހެންވެސް ހީވެއެވެ. ނަމަވެސް އެކުދިން ޖާހިލުކަމުން އަހަންނަށް އިހުސާސްތައް ފޮރުވާ އެއިން އެއްކިބާވާން މަޖުބޫރުވިއެވެ.

              މިހެން ދުވަސްތައް ފާއިތުވަމުން ގޮސް ރަމަޟާން މަސް އައިސް ބައްދަލުކުރިއެވެ. އެއްކަލަ މުސްލިމު ކިޔަވާކުދިން އަހަރެން ގާތަށް އައިސް ބުންޏެވެ. މުޅި ސްކޫލުން ވެސް ކާޕެޓު އަޅާފައި އޮންނަނީ ސާރގެ ކުލާހުގައި އެކަންޏެވެ. އަދި މޫނު ދޮންނަ ތަށި ވެސް ސާރަގެ ކުލާހުގައި އެބައިނެވެ. އެހެންވީމާ ބަންގި ގޮވީމާ މިތާނގައި ނަމާދު ކުރުމުގެ ހުއްދަ އަކަށް އެދެމެވެ. މިއީ ހަމައެދުވަސްވަރާ ދިމާކޮށް ﷲ މެދުވެރިކުރެއްވި ގޮތެވެ. ރޯދަމަސް ފެށުމާއެކު އެކުދިން ކޮންމެ ނަމާދު ގަޑިއަކު ނަމާދަށް އާދެއެވެ. އެންމެ ފުރަތަމަ އެމީހުންގެ ނަމާދާމެދު އަހަރެން އަޅާނުލަމެވެ. އަހަރެން އިންނާނީ ގިނައިން ފޮތްތައް މާކުކުރަން ނޫނީ ވޯކްޝީޓް ތައްޔާރު ކުރުމުގައި އަވަދިނެތިއެވެ.  ނަމަވެސް ފަހުން ފަހުން އައިސް އެ ކުދިންގެ ނަމާދު އޮބްޒާވުކުރާހިތްވިއެވެ. ފާހަގަވާން ފެށީ ސަޖިދައަށް ދާކަމެވެ. ރުކޫޢު ކުރާކަމެވެ. އެހިސާބުން އިންޓަނެޓަށް ވަދެ ހޯދަން ފެށީމެވެ. ނަމާދުގައި ކިޔާ އާޔަތްތައް ދަސްކޮށް ރޯދަނިމުނުއިރު އެކުދިންނާއެކު ނަމާދުކޮށް ނަމާދުކުރަން ދަސްވެ ރޯދަވެސް ހިފަން ފެށީމެވެ. އޭރު އަހަރެން އެކަން ކުރީ ﷲ އަށް ޓަކައެއް ޏުނެވެ. އެކުދިންނަށް ހިތްވަރު ދިނުމަށްޓަކައެވެ.

              ރޯދަމަސް ނިމުނުތަނާ އަހަރެން ދާންޖެގހުނީ ލަންޑަންގެ މިސްކިތަކަށެވެ. އެތަނުން އަހަންނާ ޔޫސުފް އިސްލާމްއާ ދިމާވިއެވެ. އޭނަގެ ދަރުހެއް ނިމުމުން އޭނަ ގާތަށް ގޮސް މުސްލިމަކަށް ވެވޭނީ ކިހިނެއް ހެއްޔޭ އެހީމެވެ. އޭނާ ބުންޏެވެ. މުސްލިމުން ގަބޫލުކުރާނީ އެންމެ ކަލެކެވެ. އަހަރެން އޭނާއަށް ބުނީމެވެ. މިއޮތް ހުރިހާ ދުވަހު ވެސް އަހަރެން ގަބޫލުކުރީ އެންމެ އިލާހެކެވެ. އެންމެ ކަލެކެވެ. އެހިސާބުން ޔޫސުފް އަހަންނަށް ބުންޏެވެ. އެހެންވެއްޖެނަމަ ފަސް ވަގުތު ނަމާދުކުރާށެވެ. އަހަރެން ނަމާދުކުރާ ވާހަކަ ވެސް ބުނީމެވެ. އެހެންނަމަ ރޯދަ ހިފަން ޔޫސުފް އަހަރެން ގާތުން އެދުނެވެ. އަހަރެން ރޯދަހިފާ ވާހަކަ ވެސް ބުނީމެވެ. އެއަޑު އަހާފައި އޭނާ ހައިރާންވިއެވެ. ހައިރާންވެފައިހުރެ އެނާ ބުންނެވެ. "ކާކަށް އޮޅުވާލަން ތި އުޅެނީ؟ ތި ބުނި ކަންތައް ކުރާނަމަ ތިއީ މިހާރު ވެސް މުސްލިމެއް ނޫން؟" އެހެން ބުނިތަނާ މަޣްރިބު ނަމާދަށް ބަންގި ގޮވިއެވެ.

              އެވަގުތު އަހަންނަށް އިހްސާސްވިއެވމިހުރިހައި ކަމަކުން އަހަރެން ތައްޔާރުކުރީ މިވަގުތަށެވެ. އަހަރެން ކަންފަތުގައި އޭނާބުނި ޖުމްލަ ގުގުމަމުން ދިޔައެވެ. އެންމެން ސަފުހަދާ ނަމާދު ކުރަން ފެށިހިނދު މަލާއިކަތުން އެތަނަށް ހާޒިރުވެ އެތަން ފުރާލިކަމުގެ އިޙްސާސް އަހަރެންގެ ހިތަށްކުރިއެވެ. އަދި ގުރުއާން ކިޔަވަމުން ދިޔައިރު ހުއްޓުމެއްނެތި ރޮވުނެވެ. އެ ނަމާދަށް ފަހު އިސްލާމްވީމެވެ. ޝަޙާދަތް ލައި ދިނީ ޔޫސުފް އިސްލާމެވެ.

މަސްދަރު : އިންޓަވިއު/ބިލީވާރަސް ވޮއިސް އިން ނެގި ތަރުޖަމާކުރެވިފައި

ތިބާ ބޮޑާވެ ކިބުރުވެރި ވަނީ ކޮންކަމަކާހެއްޔެވެ؟


  ތިބާ ބޮޑާވެ ކިބުރުވެރި ވަނީ ކޮންކަމަކާހެއްޔެވެ؟

އިއްޔެ ތިބާއަށް ލިބުނު މުސާރަކޮޅު ކޮބައިހެއްޔެވެ؟ އެ މުސާރަ ހޯދަން ކުރި ބުރަ މަސައްކަތުގެ ސަބަބުން ތިބާގެ ހަށިގަނޑުގައި އެޅިވޭން ނުފިލަނީސް އެ ހުސްވެއްޖެ ނޫންތޯއެވެ. މިއީ ވެސް މިދުނިޔޭގެ އަގެއް ނެތް ކަމުގެ ކުޑަކުޑަ މިސާލެކެވެ. އެއެއްޗެއް ހޯދަން އަހަރުމެންގެ މުޅި ޙަޔާތް ހޭދަކުރާ އެއްޗެއްގެ އަގެއް ނެތް ކަމެވެ. އެ ބިމަކާ ހެދި ތިބާގެ އަޚުންނާ ގުޅުންކަނޑައިލި ބިމެވެ. އެގެއަކަށްޓަކައި ތިބާގެ އަޚުންނާ ގުޅުންކަނޑައިލި ގެއެވެ. އެ މުދަލަކަށްޓަކައި ތިބާގެ އަޚުން ހަތުރުންނަށް ހަދާލި މުދަލެވެ. އެ ގެންދެވޭނެ ހެއްޔެވެ؟ ނުގެންދެވޭނެއެވެ.  ހަމައެކަނި ގެންދެވޭނީ ތިން ކަފުނާއި ތިން އަރިފިލާއިން ޖަހާފައިވާ ސަންދޯކަކާއި ހަތަރު ވެލިކޮތަޅެވެ. އެވެސް ވެއްޔެވެ. ޖަވާހިރު ކޮތަޅެއް ނޫނެވެ

މިއީ ޙާޤީޤަތްކަމަށްވާއިރު ރުޅިވެރިކަމާ ހަސަދައިގެ އަލިފާނުން ތިބާގެ ހިތް އަންދާ އަޅިއަށް ހަދަނީ ފަހެ ކީއްވެގެން ހެއްޔެވެ؟ ރަހިމުގެ ގުޅުން ނުބާއްވާތަނުގައި އިންސާނިއްޔަތުކަމުގެ ގުޅުން ކަނޑާލަނީ ފަހެ ތިބާ ތިއީ މި ދުނިޔޭގައި ދާއިމަށް ހުންނާނެ މީހެއް ހެއްޔެވެ؟ ނުވަތަ މީހެއްގެ އަތެއް ނެތި ހިތަކަށް މި ދުނިޔެއަށް އައި މީހަކީ ހެއްޔެވެ؟ 

އޭ އަޚާއެވެ. އޭ އުޚުތާއެވެ. އޭ މަގޭ ނަފުސާއެވެ. ޣާފިލިކަމުގެ ނިދިން ހޭލާށެވެ! މި ދުނިޔެއަކީ ﷲ ގެ ޙަޟްރަތުގައި މަދިރިއެއްގެ ފިޔައިގެ ބުރަދަން ވެސް ނެތް، ވަގުތީ  ގޮވައްޗެކެވެ. ތިބާއަށް މިގޮވަތީގައި އުޅެން ލިބިފައިވަނީ ތިން ދުވަހެވެ. އިއްޔެ ވަނީ ތިބާއާ ވަކިވެފައެވެ. މާދަމާ ތިބާއާ ބައްދަލުވާނެ ކަމެއް ނޭނގެއެވެ. ތިބާއަށް އޮތީ މިއަދެވެ. މި ކުރު ދަތުރުގެ ނިމުން އައިސް ތިބާއާ ބައްދަލުނުކުރަނީސް، ދިގު ދަތުރަކަށްފަހު އަމާންކަމުގެ އައްސޭރިއަކަށް ދެވޭނެގޮތް ހޯދަން މަސައްކަތް ފަށާށެވެ. އެ ދަތުރުގައި ކާމިޔާބީ ލިބެން އޮތީ މި ކުރު ދަތުރުގައި ކުރެވުނު ހިތްވަރެއްގެ މައްޗަށް ބިނާކޮށެވެ.

 


Sunday, December 15, 2024

ނަމާދު ޤަޟާކުރުން

ނަމާދު ޤަޟާކުރުން

ނަމާދަކީ އޭގެ ވަޤުތުގައި އަދާކުރަންޖެހޭ އަޅުކަމެކެވެ.

﴿إِنَّ الصَّلاَةَ كَانَتْ عَلَى الْـمُؤْمِنِينَ كِتَابًا مَّوْقُوتًا﴾ [النساء 103]

މާނައީ: ހަމަކަށަވަރުން ނަމާދަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައިވިޔެވެ. ނަމާދު އެޅުމަށް އެއްވެސް ޢުޛުރެއް ނޯވެއެވެ.

ނަމާދު ވަޤުތުން ފާއިދުވެދާނެ އޮންނަނީ މަޤްބޫލު ދެ ޢުޛުރެކެވެ.

އެއީ
1-
ނިދުމާއި

2- ހަނދާން ނެތުމެވެ.

( مَنْ نَامَ عَنْ صَلاةٍ أَوْ نَسِيَهَا فَلْيُصَلِّهَا إِذَا ذَكَرَهَا) رواه البخاري (597) ومسلم (684)

މާނައީ:ނިދިގެން ނުވަތަ ހަނދާން ނެތިގެން ނަމާދެއް ދޫވެއްޖެ މީހާ ހަނދާންވުމުން އެ ނަމާދުކުރާށެވެ.
ވީމާ، ފަތިސް ނަމާދަށް ލަހުން ހޭލެވުނު މީހާ، މިސާލަކަށް ހެނދުނު ހޭލެވުނު މީހާ، އޭނާ ހޭލެވުނުހާ އަވަހަކަށް ފަތިސްނަމާދު ކުރަން ޖެހޭނެއެވެ. މެންދުރު ނަމާދު ވަޤުތު ޖެހެންދެން މަޑުކޮށްގެން ނުވާނެއެވެ. ހޭލެވުނު ގަޑިޔަކީ ނަމާދުކުރުން ޙަރާމް ވަޤުތެއް (މިސާލަކަށް އިރު އަރާވަޤުތު) ކަމުގައި ވިޔަސް އަދި އިރު އަރާ ފަހުން ކަމުގައި ވިޔަސް މެއެވެ. އެހެނީ ނަމާދު ވަޤުތު ފާއިތުވާ މީހާ އެ ހުންނަނީ އޭނާގެ ބޮލުގައި ވަރަށް ބޮޑު ޒިންމާއެއް، ﷲ ގެ ޙައްޤެއް އެޅިފައެވެ. ވީހާ އަވަހަކަށް އޭނާ އެ ޙައްޤު ކަނޑުވަން ޖެހޭނެއެވެ.

·         ފާއިތުވި ނަމާދު ނުކުރެވޭނެ ވަޤުތެއް ނޯވެއެވެ.

·     ފާއިތުވި ނަމާދު ކުރާ އިރު އަބަދުވެސް ކުރާނީ ތަރުތީބުންނެވެ.

މިސާލަކަށް ނިދުމުގެ ސަބަބުން މީހަކަށް ހޭލެވުނީ ޢަޞްރު ނަމާދުގެ ވަޤުތު ވަދެފައި ހުއްޓައެވެ. އޭނާ ހުރީ މެންދުރު ނަމާދުވެސް ނުކޮށެވެ. މި ޙާލަތުގައި ޢަޞްރު ނަމާދު ކުރާނީ މެންދުރު ނަމާދު ކޮށްފައެވެ. މި ކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.

عَنْ عَبْدِ الرَّحْمَنِ بْنِ أَبِي سَعِيدٍ عَنْ أَبِيهِ قَالَ شَغَلَنَا الْمُشْرِكُونَ يَوْمَ الْخَنْدَقِ عَنْ صَلَاةِ الظُّهْرِ حَتَّى غَرَبَتْ الشَّمْسُ .. فَأَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِلالًا فَأَقَامَ لِصَلاةِ الظُّهْرِ فَصَلاهَا ثُمَّ أَقَامَ لِلْعَصْرِ فَصَلاهَا ثُمَّ أَذَّنَ لِلْمَغْرِبِ فَصَلاهَا كَمَا كَانَ يُصَلِّيهَا فِي وَقْتِهَا ..) رواه النسائي ( الأذان/655 ) وصححه الألباني في صحيح النسائي برقم (638)

ޢަބްދުއްރަޙްމާން ބިން އަބޫ ސަޢީދު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. ބައްޕަ ވިދާޅުވިއެވެ.ޚަންދަޤުގެ ދުވަހުގައި ހަނގުރާމައިގެ ކަންތައްތަކުގައި އުޅެން ޖެހުމުގެ ސަބަބުން މުސްލިމުން މެންދުރު ނަމާދުނުކޮށް އުޅެނިކޮށް އިރު އޮއްސުނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަންގި ގޮވުމަށް ބިލާލުގެފާނަށް އަމުރުކުރެއްވިއެވެ. އޭގެ ފަހުގައި މެންދުރު ނަމާދަށް ޤަމަތް ދެއްވިއެވެ. (މެންދުރު ނަމާދު ކުރެއްވިއެވެ.) އޭގެ ފަހުގައި ޢަޞްރު ނަމާދަށް ޤަމަތް ދެއްވިއެވެ. (ޢަޞްރު ނަމާދު ކުރެއްވިއެވެ.) އޭގެ ފަހުގައި މަޣްރިބު ނަމާދަށް ޤަމަތް ދެއްވިއެވެ. އަދި މަޣްރިބް ނަމާދުގެ ވަޤުތުގައި ނަމާދު ކުރައްވާ ބީދައިން އެ ނަމާދުވެސް ކުރެއްވިއެވެ.

މި ޙަދީޘުން ދަލާލަތު ކުރަނީ ފާއިތުވެދިޔަ ނަމާދު ކުރާ އިރު ތަރުތީބުން ކުރުމަށެވެ. ފާއިތުވެ ދިޔަ ނަމާދު ކުރާއިރު ނަމާދު ޤަޟާކުރަން ނިޔަތް ގަންނާކަށް ނުޖެހޭނެއެވެ.

އެހެންވީމާ، ފާއިތުވި ނަމާދު ކުރާ މީހާ ނަމާދު ކުރާ ގޮތާ، ނަމާދުގެ ވަޤުތުގައި ނަމާދު ކުރާ މީހާ ނަމާދު ކުރާ ގޮތާ އެއްވެސް ތަފާތެއް ނުހުރެއެވެ. ފާއިތުވާ ނަމާދު ކުރާނީ އޭގެ އަޞްލު ނަމާދު ކުރާ ބީދައިންނެވެ. އެއީ ބާރަށް ކިޔަވާ ނަމާދެއް ނަމަ ދުވާލު އެ ނަމާދު ކުރި ކަމުގައި ވިޔަސް ސުންނަތް ވެގެންވަނީ ބާރަށް ކިޔެވުމެވެ. މިސާލަކަށް ފަތިސް ނަމާދު ދުވާލު ކުރާ މީހާ ސުންނަތް ވެގެންވަނީ ފަތިސް ނަމާދުގައި ބާރަށް ކިޔެވުމެވެ. އެއީ އެ ނަމާދުގެ އަޞްލު އޮތް ގޮތެވެ. ޢަޞްރު ނަމާދު ރޭގަނޑު ކުރަން ޖެހިއްޖެ މީހާ ކިޔަވާނީ ސިއްރުންނެވެ. އެއީ އޭގައިވެސް ބަލާނީ ނަމާދުގެ އަޞްލަށެވެ.

ނަމާދު އަޅާ މީހުން ބެހިގެން ވަނީ ދެބަޔަކަށެވެ.

އޭގެތެރެއިން އެއް ބަޔަކީ، ނިދުމާއި ހަނދާން ނެތުން ފަދަ ކަމެއް ދިމާވެގެން ނަމާދު އަޅާ މީހުންނެވެ. މިބައިމީހުންނަށް އޮތީ ފާއިތުވި ނަމާދު ޤަޟާކުރުން އެކަންޏެވެ. އެކަން ކުރުމުގެ ވަގުތުވަނީ ތަނަވަސްވެގެންނެވެ. މިބައިމީހުންގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ.

އަނެއް ބަޔަކީ، އެއްވެސް ޢުޒުރެއްނެތި، ކަންނެތްކަމާއި ފަރުވާކުޑަކަމުން، ނަމާދު އަޅާ މީހުންނެވެ. މިބައިމީހުން ފާފަވެރިވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެފަދަ މީހާ ތައުބާވާންޖެހޭނެއެވެ.

Friday, December 13, 2024

ރޭއަޅުކަންކުރުން

 

ރޭއަޅުކަންކުރުން

ރޭއަޅުކަމަކީ ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރޭގައި މުޅިދުނިޔެ ޣާފިލުކަމުގެ ނިދީން ނިދާފައި ވަނިކޮށް ތެދުވެ، ﷲ ތަޢާލާ ހަދުމަކޮށް އެއިލާހަށް އަޅުކަން ކުރުމެވެ. ފާފަފުއްސެވުމަށް އެދި އެއިލާހަށް ދެންނެވުމެވެ. ﷲ ތަޢާލާގެ ހަޟުރަތަށް އިސްތިޣްފާރުކޮށް އެއިލާހުގެ ރަޙުމަތްތަށް އެދި ދެންނެވުމެވެ.

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ރަސޫލުصلى الله عليه وسلم އާއި މުޚާތަބު ކުރައްވައި ވަޙީ ކުރައްވާފައިވަނީ يَا أَيُّهَا الْمُزَّمِّلُ ﴿١﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿٢﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿٣﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا ﴿٤﴾ ( سورة المزمل 1،2،3،4) މާނައީ: ”އޭ ރަޖާ އަޅުއްވައިގެން އޮތް ނަބިއްޔާއެވެ. ރޭގަނޑުގެ ކުޑަ ވަގުތުކޮޅެއް ފިޔަވައި ރޭއަޅުކަމަށް ތެދުވެ ވަޑައިގަންނަވާށެވެ. ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައި ރޭއަޅުކަން ކުރައްވާށެވެ. ނުވަތަ އެއަށްވުރެ ތަންކޮޅެއް މަދު ކުރައްވާށެވެ. ނުވަތަ އެއަށްވުރެ އިތުރު ކުރައްވާށެވެ. އަދި ލަސްލަހުން ޤުރުއާން ކިޔަވާ ވިދާޅުވާށެވެ“.

މިއާޔަތްތައް ބާއްވާލެއްވުމުން ރަސޫލުصلى الله عليه وسلم އާއި އަސްޙާބު ބޭކަލުން އެބޭކަލުންގެ ފައިންޕުޅުތައް ދުޅަވަންދެން ރޭއަޅުކަމުގައި ޤާއިމުވެ ތިއްބެވިއެވެ. މިގޮތުގައި ފުރިހަމަ އެއްއަހަރު ވޭތުވެދިއުމަށްފަހު ﷲގެ ރަޙުމަތްވަންތަކަމާއި ޙިކުމަތް ވަންތަކަން ނިއާކުރާ ގޮތުގެ މަތިން މިކަން ލުއި ކުރެއްވުމުގެ އާޔަތް ބާވާލެއްވއެވެ.

އެއާޔަތަކީ سورة المزمل ގެ 20 ވަނަ އާޔަތެވެ. (إِنَّ رَبَّكَ يَعْلَمُ أَنَّكَ تَقُومُ أَدْنَىٰ مِن ثُلُثَيِ اللَّيْلِ وَنِصْفَهُ وَثُلُثَهُ وَطَائِفَةٌ مِّنَ الَّذِينَ مَعَكَ ۚ وَاللَّـهُ يُقَدِّرُ اللَّيْلَ وَالنَّهَارَ ۚ عَلِمَ أَن لَّن تُحْصُوهُ فَتَابَ عَلَيْكُمْ ۖ فَاقْرَءُوا مَا تَيَسَّرَ مِنَ الْقُرْآنِ ۚ…) މާނައީ : ”ކަލޭގެފާނާއި، ކަލޭގެފާނުގެ އަރިހުގައިވާ މީހުންކުރެ ބަޔަކު، ރޭގަނޑުގެ ތިންބައިކުޅަ ދެބަޔަށްވުރެ މަދުންނާއި، އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައްޔާއި، އަދި އެ ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި، ރޭއަޅުކަން ކުރެއްވުމަށް ތިއްބަވާކަން ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި ރޭގަނޑާއި، ދުވާލުގެ ވަގުތުތައް މިންވަރު ކުރައްވަނީ اللَّه އެވެ. މުޅި ރޭގަނޑު، ރޭއަޅުކަމުގައި ޤާއިމުވެ ތިބުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެންނުވާނެކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، ތިޔަބައިމީހުންގެ މައްޗަށް އެކަން ޢަފޫ ކުރައްވައި ލުއިކުރައްވައިފިއެވެ. ފަހެ، ޤުރުއާނުން ފަސޭހަވީ މިންވަރެއް ތިޔަބައިމީހުން ކިޔަވާށެވެ!“

ރޭއަޅުކަމަކީ، ނުވަތަ ތަޙައްޖުދު ނަމާދަކީ ރަސޫލުصلى الله عليه وسلمގެ މައްޗަށް ﷲ ތަޢާލާ ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ނަމަވެސް އުއްމަތުގެ މީހުންގެ މައްޗައް އެއީ ގަދަވެގެންވާ ސުންނަތެކެވެ.

މުޢާޛް ބުނު ޖަބަލް (ރަޟިޔަﷲ ޢަންހު) ވިދާޅުވެފައި ވަނީ: ރަސޫލުصلى الله عليه وسلم ތިމަންނައަށް ވިދާޅުވިއެވެ. ألا أدلك على أبواب الخير ؟ الصوم جنّة ، والصدقة تطفيء الخطيئة كما يُطفيء الماء النار ، وصلاة الرجل في جوف الليل  ”ކަލޭގެފާނަށް ތިމަންކަލޭގެފާނު ހެޔޮކަމުގެ ދޮރުތައް ދައްކަވަންހެއްޔެވެ؟ ރޯދައަކީ ރައްކައުތެރި ކަމެކެވެ. ޞޮދަޤާތަކީ ފާފަތައް ނިއްވާލާކަމެކެވެ. އެއީ ފެނުން އަލިފާންނިވޭ ފަދައިންނެވެ. އަދި ރޭގަޑުގެ ތެރޭގައި މީހަކު ކުރާ ނަމާދެވެ.“ އެހެން ހަދީޘްކުރުމަށްފަހު  މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. تَتَجَافَىٰ جُنُوبُهُمْ عَنِ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفًا وَطَمَعًا وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿١٦﴾ فَلَا تَعْلَمُ نَفْسٌ مَّا أُخْفِيَ لَهُم مِّن قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ﴿١٧﴾ (سورة السجدة 17،16) މާނައީ:”އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ބިރުވެތިކަމާއި އުންމީދާއެކު دعاء ކުރާ حال، އެއުރެންގެ އަރިކަށިތައް (ރޭއަޅުކަންކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންރަސްކަލާނގެ، އެއުރެންނަށް ދެއްވި ތަކެތީން، އެއުރެން ހޭދަކުރެތެވެ.   ފަހެ، އެއުރެންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (އެބަހީ: ލޮލަށް ފިނިކަންދެނިވި، ސުވަރުގޭގެ نعمة ތައް) އެއްވެސް نفس އަކަށް ނޭނގޭނެތެވެ. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކުގެ ޖަޒާއެއް ކަމުގައެވެ.“

ތަރާވީޙް ނަމާދު، ވިތުރި ނަމާދު، ތަހައްޖުދު ނަމާދު، މިއީ ޤިޔާމުއްލައިލި (ރޭ އަޅުކަމަށް) ކިޔާ ތަފާތު ނަންތަކެވެ. އަޅުކަން ކުރެވޭ ވަޤުތުގެ ގޮތުން ނުވަތަ އަޅުކަން ކުރެވޭ ކައިފިއްޔަތުގެ ގޮތުން ނަންތައް ތަފާތުވިޔެއް ކަމަކު އަޅުކަމަކީ އެއް އަޅުކަމެކެވެ. އެއީ ރޭ އަޅުކަމެވެ.

ވިތުރި ނަމާދުގެ ވަގުތު

އިޝާނަމާދަށް ފަހުގައި ނޫނީ ވިތުރީގެ ވަގުތު ނުވަންނާނެކަމަށް ދަންނަބޭކަލުން އިޖުމާޢު ވެފައިވެއެވެ. އަދި އެވަގުތު ފަޖުރާ ހަމައަށް ދެމިގެންވާ ކަމަށް ވެސް އިޖުމާޢުވެފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. (إِنَّ اللَّهَ قَدْ أَمَدَّكُمْ بِصَلاةٍ وهي الْوِتْرُ جَعَلَهُ اللَّهُ لَكُمْ فِيمَا بَيْنَ صَلاةِ الْعِشَاءِ إِلَى أَنْ يَطْلُعَ الْفَجْرُ) رواه الترمذي،  ”މާތް ﷲ ތިޔަބައިމީހުންނަށް ވަގުތު ދެމިގެންވާ ނަމާދެއް ލައްވައިފިއެވެ. އެއީ ވިތުރެވެ. ޢިޝާ ނަމާދުން އަވަދިވީއްސުރެ ފަޖުރުލުމަށް ދާންދެން ވިތުރީގެ ވަގުތު ދެމިގެންވެއެވެ.“

ވިތުރީގައި ރަނގަޅީ ވަގުތުގެ ކުރީކޮޅުގައި ކުރުންތޯ ނުވަތަ ފަހުބައިގައި ކުރުންތޯ؟

ރޭގަނޑު ދަމުނަމާދު ކުރުމަށް ނިޔަތް ގަންފައިވާ މީހާއަށް މާތްކަން ބޮޑުވެގެންވަނީ ވިތުރި ލަސްކޮށްލުމެވެ. ސަބަބަކީ ވިތުރިއަކީ ރޭގަނޑުގެ އެންމެ ފަހު ނަމާދު ކަމަށްވީތީއެވެ. ނަމަވެސް ދަމުނަމާދަށް ނުތެދުވެވިދާނެ ކަމުގެ ބިރު އޮތް މީހާގެ ޙައްގުގައި ވިތުރީގެ އެންމެ ރަގަޅު ވަގުތަކީ ނިދުމުގެ ކުރިން ކުރުމެވެ. ރަސޫލުصلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. (مَنْ خَافَ أَنْ لا يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ أَوَّلَهُ وَمَنْ طَمِعَ أَنْ يَقُومَ آخِرَهُ فَلْيُوتِرْ آخِرَ اللَّيْلِ فَإِنَّ صَلاةَ آخِرِ اللَّيْلِ مَشْهُودَةٌ وَذَلِكَ أَفْضَلُ  ) رواه مسلم މާނައަކީ: ”ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ނުތެދުވެވިދާނެ ކަމުގެ ބިރުއޮތް މީހާ ވަގުތުގެ ކުރީކޮޅުގައި ވިތުރި ކުރާ ހުށި ކަމެވެ. ރޭގަނޑުގެ ފަހުބައިގައި އަޅުކަން ކުރުމަށް ތެދުވުމަށް ގަޞްދުކޮށްފައިވާ މީހާ ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރާ ހުށިކަމެވެ. ރޭގަނޑުގެ އެންމެ ފަހުވަގުތުގައި ކުރެވޭ ނަމާދަކީ ހެކިވެވިގެންވާ ނަމާދެކެވެ. އެއީ އެންމެ މާތް ނަމާދެވެ“. ކީރިތި ރަސޫލާ ވިތުރި ނަމާދު ކުރައްވާފައިވަނީ ދަމުނަމާދުގެ ވަގުތުގައެވެ. އެއީ އެންމެ މާތް ވަގުތަށް ވާތީއެވެ.

ވިތުރީގެ މިންވަރު

ވިތުރިއަކީ ގަދަވެގެންވާ ސުންނަތެކެވެ. އޭގެ އެންމެ މަދު މިންވަރަކީ ޢިޝާ ނަމާދަށްފަހު އެއް ރަކުޢަތެވެ. އެއީ ޢިޝާ ނަމާދުގެ ފަހު ސުންނަތަށް ފަހު އެއް ރަކުޢަތެވެ. އަދި އެއަށްވުރެ އިތުރަށް ކުރުން މޮޅުއިތުރުވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ރޭގަނޑު ވިތުރި ކުރެއްވިއެވެ. އެކަލޭގެފާނު ވިތުރި ކުރެއްވުމުގައި އެކިފަހަރު އެކި ޢަދަދަށް ކުރައްވާފައިވެއެވެ. ބައެއްފަހަރު ތިން ރަކުޢަތެވެ. ބައެއްފަހަރު ފަސް ރަކުޢަތެވެ. ބައެއްފަހަރު ހަތެއް ނުވަތަ އެގާރަ ރަކުޢަތެވެ. އަދި ބައެއްފަހަރު ތޭރަ ރަކުޢަތް ކުރެއްވިއެވެ. މިއީ އެންމެ ގިނައިން ކުރެއްވި ކަމަށް ވާރިދުވެގެންވާ ޢަދަދެވެ. ނަމަވެސް ވިތުރީގެ ރަކުޢަތުގެ ޢަދަދުގެ ޙައްދެއް ކަޑައަޅުއްވާފައެއްނުވެއެވެ. ފަހެ، އެއަށްވުރެ ގިނަ ރަކުޢަތް ކުރަން ބޭނުންވާމީހާއަށް އެގޮތަށް ކުރުމުގައި މައްސަލައެއް ނެތެވެ. އެއީ އެކަލޭގެފާނުގެ އަންނަނިވި ޙަދީޘްގައިވާ ފަދައިންނެވެ.

ރަސޫލުصلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (الْوِتْرُ رَكْعَةٌ مِنْ آخِرِ اللَّيْلِ) رواه مسلم  މާނައަކީ: ”ވިތުރި އަކީ ރޭގަނޑުގެ ފަހުބައިގައި ކުރެވޭ ރަކްޢަތެކެވެ“. އެހެން ޙަދީޘެއްގައިވެއެވެ. (صَلاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى) رواه البخاري (911) ومسلم (749)، މާނައަކީ: ”ރޭގަނޑުގެ ނަމާދުތައް ދެރަކްޢަތުން ދެރަކްޢަތުން ކުރާށެވެ. އަދި ފަތިސްވަގުތު ވެދާނެކަމަށް ބިރު ހީވުމުން ވިތުރީގެ އެއްރަކްޢަތް ކުރާހުށި ކަމެވެ“. ވިތުރީގެ އެއް ރަކްޢަތް ކުރިޔަސް ރަގަޅެވެ. އަދި ތިން ރަކްޢަތާއި ފަސްރަކްޢަތް އަދި ހަތް ރަކްޢަތް ނުވަތަ ނުވަ ރަކްޢަތްވެސް ކުރެވިދާނެއެވެ.

މިނަމާދުގައި ވަކި މިންވަރެއް ކަނޑައެޅިފައި ނުވެއެވެ. ނަމަވެސް ނަބިއްޔާ صلى الله عليه وسلم ވިތުރި ކުރެއްވިގޮތަށް ކުރަން ބޭނުންވާ މީހާ އެގާރަ ނުވަތަ ތޭރަ ރަކުޢަތްކުރުން މޮޅުއިތުރުވެގެންވެއެވެ. މިއަށްވުރެ މަދުން ކުރުމުގައި މައްސަލައެއް ނެތެވެ. އަދި އިތުރު ކުރިޔަސް މައްސަލައެއް ނެތެވެ. ތިން ރަކުޢަތުން ވިތުރި ކުރާއިރު ދެ ފަހަރު ސަލާމްދިނުންވެއެވެ. އެއީ ދެ ރަކުޢަތް ކޮށްފައި ސަލާމް ދިނުމަށްފަހު ދެން ވަކިން އެއް ރަކުޢަތްކޮށް ސަލާމްދިނުމެއެވެ. މިއީ ފުރިހަމަ އެންމެ މަދު މިންވަރެވެ. ފަހެއް ނަވަތަ ހަތެއް ނުވަތަ އެއަށްވުރެ ގިނައިން ކުރުން މޮޅުއިތުރުވެގެންވެއެވެ. ކޮންމެ ދެ ރަކުޢަތަކުން ސަލާމްދެމުން ނިންމާލަމުން ވަކިން އެއް ރަކުޢަތްކުރާނީއެވެ. އަދި އެ ރަކުޢަތުގައި ޤުނޫތު ކިޔާނީއެވެ. މިއީ އެންމެ މޮޅުއިތުރުވެގެންވާ ގޮތެވެ.

ވިތުރީގައި ކިޔަވާ ސޫރަތްތައް

ވިތުރީގައި އަލްޙަމްދަށް ފަހު ކޮންމެ ތަނެއް ކިއުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ޢަލީގެފާނު ވިދާޅުވެފައިވެއެވެ. ކީރިތި ޤުރްއާނުގައި ދޫކޮށްލަން ޖެހޭ އެއްވެސް އާޔަތެއް ނުވެއެވެ. ތިބާއަށް ފެންނަ ތަނަކުން ކިޔަވާށެވެ. ނަމަވެސް ތިން ރަކުޢަތުން ވިތުރިކުރާނަމަ މުސްތަޙައްބުވެގެންވަނީ ފުރަތަމަ ރަކުޢަތުގައި ފާތިޙާއަށް ފަހު ސޫރަތުލްއަޢުލާ ކިޔެވުމަށެވެ. ދެވަނަ ރަކުޢަތުގައި ފާތިޙާއަށް ފަހު ސޫރަތުލްކާފިރޫން ކިޔެވުމަށެވެ. އަދި ތިންވަނަ ރަކުޢަތުގައި ފާތިޙާއަށް ފަހު ސޫރަތުލްއިޚްލާޞްއާއި ، ފަލަޤި ނާސި ކިޔެވުމަށެވެ. މިގޮތަށް އިމާމު އަޙްމަދާއި ތިރުމިޛީ ޢާއިޝަތުގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ.

ވިތުރީގައި ޤުނޫތު ކިޔުން:

ޤުނޫތު ކިޔާނީ ރުކޫޢުގެ ފަހުން، ރަސޫލާ صلى الله عليه وسلم އަލްޙަސަން ބުން ޢަލީއަށް އުނގަންނަވައިދެއްވި ފަދައިންނެވެ. އެއީ: ((اللهُمَّ اهْدِنِي فِيمَنْ هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ…)) މިދުޢާ ނިމެންދެނެވެ. އެންމެ މޮޅުއިތުރު ގޮތަކީ ޤުނޫތު ކިޔާއިރު ދެ އަތް އުފުލުމެވެ. އެހެނީ ރަސޫލާ عليه الصلاة والسلام ޤުނޫތު ކިޔުއްވާއިރު ދެ އަތް އުފުއްލެވިއެވެ. ދުޢާ ކުރާއިރު ދެ އަތް އުފުލުމަކީ ދުޢާ އިޖާބަވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. އަތް ނުއުފުލުމުގައި މައްސަލައެއް ނެތެވެ. އަދި ވިތުރީގައި ޤުނޫތު ނުކިޔުމަކީވެސް މައްސަލައެއް ނޫނެވެ. އެހުރިހާ ގޮތެއް މުސަތަޙައްބުވެގެންވެއެވެ. ޤުނޫތު ކިޔުމާއި ޤުނޫތު ކިޔުމުގައި ދެ އަތް އުފުލުން އެއީ އެންމެ މޮޅުއިތުރު ގޮތެވެ. އެކަން ދޫކޮށްލުމަކީވެސް މައްސަލައެއް ނޫނެވެ.

ޚުލާޞާއަކީ ވިތުރި ނަމާދަކީ ސުންނަތް ނަމާދެކެވެ. ފަރުޟު ނަމާދެއް ނޫނެވެ. ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރުމަށް ކުޅަދާނަވެގެންވާމީހާ އެގޮތަށް ކުރުން މޮޅުއިތުރުވެގެންވެއެވެ. އަދި ރޭގަނޑުގެ ފަހުބައިގައި ނުހޭލެވިދާނެކަމަށް ބިރުވެތިވާމީހާ ރޭގަނޑުގެ ކުރީކޮޅު ވިތުރި ކުރާނީއެވެ. ނަބިއްޔާ عليه الصلاة والسلام ރޭގަނޑުގެ ކުރީކޮޅު ވިތުރި ކުރެއްވިއެވެ. އަދި ރޭގަނޑުގެ މެދުބައިގައި ވިތުރި ކުރެއްވިއެވެ. އަދި އެއަށްފަހު އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާންދެން، ރޭގަނޑުގެ ފަހުބައިގައި ވިތުރި ކުރެއްވުމުގައި ޤާއިމުވެވަޑައިގެންނެވިއެވެ.

ދަމުނަމާދު

ދަމުނަމާދަކީ، އަހަރެމެންގެ ޙަޔާތް އަލިކޮށްދޭނެ މަތިވެރި އަޅުކަމެކެވެ. ހަމައެހެންމެ އެއީ ވަރަށް ޘަވާބުހުރި ޢަމަލެކެވެ. ދެރަކްޢަތުން ދެރަކްޢަތުން ސަލާމް ދެމުންކުރާ ނަމާދެކެވެ.  ﷲ ތަޢާލާ ޛާރިޔާތު ސޫރަތުގެ 15 ވަނަ އާޔަތުން 18 ވަނަ އާޔަތައް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. إِنَّ ٱلْمُتَّقِينَ فِى جَنَّٰتٍ وَعُيُونٍ﴿١٥﴾‏ ءَاخِذِينَ مَآ ءَاتَىٰهُمْ رَبُّهُمْ إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُحْسِنِينَ﴿١٦﴾‏كَانُوا۟ قَلِيلًا مِّنَ ٱلَّيْلِ مَا يَهْجَعُونَ ﴿١٧﴾‏ وَبِٱلْأَسْحَارِ هُمْ يَسْتَغْفِرُونَ﴿١٨﴾ މާނައީ: ”ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ. (15) އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ثواب ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ إحسان ތެރިން ކަމުގައެވެ. (16) އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ. (17) އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ. (18)

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާގޮތުގައި، ފަރުޟު ނަމާދަށްފަހު ދެން އެންމެ މާތްވެގެންވަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައި ކުރެވޭ (ސުންނަތް) ނަމާދެވެ. (މުސްލިމް: 1163) ހަމަ މިއާއެކު، މީސްތަކުން ނިދާފައި ތިބޭހިނދު، ދަންވަރުގެ ވަގުތުގައި ތެދުވެ ނަމާދުކުރާ މީހުން ސަލާމަތްކަމާއެކު ސުވަރުގެއަށް ވަންނާނެކަމަށް ޙަދީޘްކުރެއްވިއެވެ. (އިބުނު މާޖާ: 3251) އަދިވެސް އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އަޅާއާ އޭނާގެ ރައްބާ އެންމެ ކައިރިވާ ވަގުތަކީ ރޭގަނޑުގެ ފަހު ބައިގެ ވަގުތެވެ. އެވަގުތުގައި ﷲ ހަނދުމަކޮށް ދުޢާ ދަންނަވާމީހުންގެތެރެއިންވުމަށް ކުޅަދާނަވެއްޖެމީހާ ފަހެ، އެކަން ކުރާހުށިކަމެވެ." (ތިރުމިޛީ: 3579)

ދަމުނަމާދު ވަގުތު

ދަމު ނަމާދު ކުރުން އެއްމެ އައުލާވެގެންވާ ވަގުތަކީ މީހުން ނިދާފައި ތިބޭ ވަގުތެވެ. އެއީ ރޭގަނޑުނގެ ތިންބައި ކޮށްފައި ތިންވަނަ ބައި ފެށިގެން ފަތިސް ވަންދެނެވެ. އެހެން އިބާރާތަކުން ނަމަ އެވަގުތަކީ ހާރު ދަމެވެ. ދަމު ނަމާދު ކުރުން އެންމެ އައުލާވެގެންވަނީ ރޭގަނޑު ތިންބައި ކޮށްފައި އޭގެ ފަހުބައިގައެވެ. އެހެން އިބާރާތަކުން ނަމަ އެވަގުތަކީ ހާރު ދަމެވެ.

މިސާލަކަށް 6 ޖަހާއިރު އިރު އޮއްސި ފަތިސްވަގުތުވަނީ 4 ޖަހާއިރު ކަމުގައިވާނަމަ، ރޭގަނޑުގެ ދިގުމިނަކީ 10 ގަޑީއިރެވެ. އެހެންކަމުން 10 ގަޑީއިރު ތިންބަޔަށް ބެހީމާ ކޮންމެ ބަޔަކަށް ވާނީ 3 ގަޑިއިރާ 30 މިނެޓެއްހާ އިރެވެ. އެހެންކަމުން ފުރަތަމަ ބަޔަކީ 6 ފެށިގެން 9.30 ހާ އިރެވެ. އަދި ދެވަނަ ބަޔަކީ 9.30 ހާ އިރުން 12.30 ހާ އިރަށެވެ. އަދި ތިންވަބަ ބަޔަކީ 12.30 ހާ އިރުން ފެށިގެން 4 އަށެވެ. މިއީ ގާތްގަނޑަކަށެވެ. މިއީ ގާތްގަނޑަކަށެވެ. އެހެންކަމުން ރޭގަނޑު ތިންބައި ކޮށްފައި ފަހުބަޔަކީ އެއީ ދިވެހި ރާއްޖޭގައި ޢާއްމުކޮށް ނަމާދު ވަޤުތު އިންނަ ގޮތުން ނަމަ، ރޭގަނޑު 1 ޖަހާކަންހާ އިރުން ފެށިގެން ފަތިސް ނަމާދު ބަންގި ގޮވަންދެނެވެ.

ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ މަޚްލާޤެއް ގަންދެއްވައި އެންމެ ގިނަ ޢަދަދަކަށް ހުވާ ވަޙީކުރައްވާފައިވަނީ ރޭގަނޑު ގަންދެއްވައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ﷲ ތަޢާލާ، މަޚްލޫޤެއް ގަންދެއްވައި ހުވާކުރެއްވުމަކީ އެ މަޚްލޫޤެއްގެ މާތްކަމާއި މަތިވެރިކަން ދޭހަވާ ކަމެކެވެ. އެހެންކަމުން ކީރިތި ޤުރުއާނުގައި ރޭގަނޑު އެހާ ގިނައިން ގަންދެއްވައި ވަޙީކުރައްވާފައިއެވަނީ ރޭގަނޑުގައިވާ މިދެންނެވި މަތިވެރިކަމާއި މާތްކަމަށްޓަކައެވެ. ރޭގަނޑުގެ ތިންބައިގެ ތެރެއިން ފަހު ބަޔަކީ ދުވަހެއްގައި އަންނަ އެންމެ މާތް ވަޤުތެވެ. އެއީ ގެރެންޓީއާއެކު ދުޢާ އިޖާބަ ކުރައްވާ ވަޤުތެވެ.

ރަސޫލާ ހަދީޘް ކުރައްވާފައި ވެއެވެ.

އަހަރުމެންގެ ވެރިރަސްކަނލާގެ ކޮންމެރެއަކު ރޭގަނޑުގެ ފަހު ތިންބައިކުޅަ އެއްބަޔަށްވާހިނދު ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވައެވެ. ދެން ވަޙީ ކުރައްވައެވެ. ތިމަން الله އަށް ދުޢާކުރަނީ ކާކުހެއްޔެވެ؟ ފަހެ އޭނާއަށް އިޖާބަކޮށްދެއްވާހުށީމެވެ. ތިމަން الله އަށް އެއްޗަކަށް އެދި ދަންނަވަނީ ކާކުހެއްޔެވެ؟ އޭނާއަށް ދެއްވާ ހުށީމެވެ. ތިމަން الله އަށް ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ؟ އޭނާއަށް ފާފަފުއްސަވައިދެއްވާހުށީމެވެ.

ދަމުނަމާދުގެ ވަގުތަކީ ދުޢާ އިޖާބަ ކުރައްވާ ވަގުތެކެވެ. އެހެންކަމުން އެގަޑީގައި ބޭނުންވާ ކަންކަމަށް ދުޢާ ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ފާފަ ފުއްސަވާތޯ ދުޢާ ކުރަން ވާނެއެވެ.

ދަމުނަމާދުގެ މިންވަރު

ދަމުނަމާދު ކުރާނީ ދެރަކުޢަތުން ދެރަކުޢަތުން ނުވަތަ ހަތަރު ރަކުޢަތުން ހަތަރު ރަކުޢަތުން ސަލާންދެމުންނެވެ. ابْنِ عُمَرَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު رسول الله صلى الله عليه وسلم ގެ އަރިހުގައި ރޭ އަޅުކަން ކުރާނީ ކިހިނެއްތޯ ދެންނެވުމުން ހަދީޘް ކުރެއްވިއެވެ. صَلَاةُ اللَّيْلِ مَثْنَى مَثْنَى فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى. [البخاري ومسلم] މާނައަކީ: ”ރޭއަޅުކަން ވަނީ ދެރަކުޢަތުން ދެރަކުޢަތުން ނެވެ. (ދެރަކުޢަތް ކޮށްފައި ސަލާންދީފައި އަނެއްކާ ދެރަކުޢަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުޢަތް ކުރާށެވެ!“

ރޭއަޅުކަމުގައި ދެމިހުރުމަށް ޤިޔާމުއްލައިލި އޭ ކިޔައެވެ. އެއީ ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުމާއި، ދުޢާ ދެންނެވުމާއި އަދި ﷲ ގެ މަޚުލޫޤުންނާމެދު ވިސްނައި ފިކުރުކުރުންފަދަ ކަންކަން ކުރުމަށްޓަކައި ﷲ އާ ކުއްތަންވެ ވަގުތު ހޭދަކުރުމެވެ. އެއީ ގަޑިއެއްހައިއިރު ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ އެއަށްވުރެ މަދު ވަގުތުކޮޅަކަށް ނަމަވެސްމެއެވެ. ރޭއަޅުކަމުގެ ތެރޭގައި ކުރެވޭ ދަމުދަމާދަށް ތަހައްޖުދު ނަމާދު އެވެ ކިޔައެވެ. މި ނަމާދު ކުރާނީ ދެރަކުޢަތުން ދެރަކުޢަތުން ސަލާން ދެމުންނެވެ. މި ނަމާދުގެ އެންމެ މަދުމިނަކީ ދެރަކުޢަތެވެ. ގިނަވެގެން އެމީހަކު ބޭނުންވަރަކަށް ކުރެވިދާނެއެވެ.

ދަމުނަމާދުގައި ކިޔަވާ ސޫރަތްތައް

ކޮންމެ ރަކުޢަތެއްގައިމެ ސޫރަތުލްފާތިޙާއަށްފަހު އެމީހަކު ބޭނުން ސޫރަތެއް ނުވަތަ އާޔަތްތަކެއް ކިޔަވާނީއެވެ. ކުޅަދާނަވެގެންވާނަމަ ޤުރުއާން ކިޔެވުން ދިގުކުރުމާއި ރުކޫޢު އާއި ސަޖިދައިގައި ހޭދަކުރާ ވަގުތު ދިގުކުރުން އެދެވިގެންވެއެވެ. ޢިޝާ ނަމާދަށްފަހު ފަތިސް ނަމާދާ ހަމައަށް، ދަމު ނަމާދުގެ ވަގުތު ދެމިގެންވެއެވެ. ދަމުނަމާދުގައި އެދެވިގެންވާ ގޮތަކީ ވީހައި ދިގުކޮށް ޤުރްއާން ކިޔަވައި ޤިޔާމާއި ރުކޫޢާއި ސަޖިދަ ދިގުކުރުމެވެ. ރަކުޢަތްތަކުގެ އަދަދު އިތުރު ކުރުމެއް ނޫނެވެ. ދަމުނަމާދުގައި މި ހުރިހައި ގޮތެއް ތަނަވެސް ވެގެން ވެއެވެ.

ދަމު ނަމާދު ކުރުމަށްޓަކައި ނިދައި ހޭލުމަކީ ލާޒިމު ކަމެއް ހެއްޔެވެ؟

ނިދާފައި ތެދުވެ ދަމު ނަމާދު ކުރުމަކީ ދަމު ނަމާދު ޞައްޙަވުމުގެ ޝަރުޠެއް ނޫނެވެ. ހޭލާހުރި ނިދުމުގެ ކުރިން ދަމު ނަމާދު ކުރިކަމުގައި ވިޔަސް ދަމު ނަމާދު ޞައްޙަ ވާނެއެވެ. އެކަމަކު އެންމެ ރަނގަޅުގޮތަކީ، ނިދާލާފައި ތެދުވެ ދަމު ނަމާދު ކުރުމެވެ. އެއީ އޭރުން މީހާ ހުންނާނީ ތާޒާވެ، ބޮޑަށް ޚުޝޫޢަތްތެރިވެވޭ ޙާލަތެއްގައެވެ. އެހެންނޫނީ މީހާ ހުންނާނީ ނިދިއައިސް ވަރުބަލިވެ، އަވަހަށް ނަމާދު ނިންމާލަން ބޭނުންވެފައެވެ. އެ ޙާލަތުގައި ޙުޝޫޢަތްތެރިކަމާ ބިރުވެތިކަމާއެކު ނަމާދު ކުރުމަށް އުނދަގޫވެދާނެއެވެ.

ޖަމާޢަތުގައި ނަމާދު ކުރަން ދިޔަ މީހާ، އިމާމާއެކު ވިތުރި ކޮށްފިއެވެ. އޭނާ އެރޭ ދަންވަރު ތެދުވެ ނަމާދު ކުރަން ބޭނުންވާނަމަ ޢަމަލު ކުރަންޖެހޭނީ ކިހިނެއް ހެއްޔެވެ؟

ވިތުރީގެ އަޞްލަކީ ރޭ އަޅުކަމުގެ އެންމެ ފަހަތަށް ވިތުރި ލުމެވެ. ޙަދީޘްގައިވާ ފަދައިންނެވެ. عن عبد الله بن عمر قال : قال رسول الله صلى الله عليه وسلم – اجْعَلُوا آخِرَ صَلَاتِكُمْ بِاللَّيْلِ وِتْرًا. رواه البخاري ( 998 ) ، ومسلم ( 749 ) . ޢަބްދުﷲ ބިން ޢުމަރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ވިތުރި ހަދާށެވެ.”

ތަރާވީޙު ނަމާދު ކޮށް ވިތުރި ކޮށްފަ އަނެއްކާ ދަމު ނަމާދުކޮށް ވިތުރި ކުރީމާ ދެ ވިތުރި އެއްރޭ ކުރެވުނީއެވެ. ޙަދީޘްގައި އޮންނަނީ އެހެން ކަންތައް ނުކުރުމަށެވެ.

ޢިޝާ ނަމާދު ނުވަތަ ތަރާވީޙު ނަމާދުކޮށްގެން ވިތުރި ކޮށްފިނަމަ، ދަމު ނަމާދުކޮށްފަ އަލުން ވިތުރި ކުރާކަށް ނުޖެހޭނެއެވެ. ވިތުރި ރޭގަނޑުގެ އެންމެ ފަހު ނަމާދަކަށް ހެދުމަށް އައިސްފައިވާ އަމުރަކީ ވާޖިބަށް އޮތް އަމުރެއް ނޫނެވެ. އެއީ މުސްތަޙައްބު ކަމެކެވެ.

والله أعلم