އިރުޝާދުދޭ ލިޔުން: އަތް ދޮންނާނެ ގޮތް

އަތް ދޮންނާނެ ގޮތް

         "އަހަރުމެންގެ މުސްތަޤްބަލް އޮތީ އަހަރުމެންގެ އަތުގައެވެ. އެކުގައި ކުރިއަށް ދަމާ ހިނގާށެވެ!" ބައިނަލް އަޤްވާމީ ފެންވަރެއްގައި އަތް ދޮވުމުގެ ދުވަހެއް ފާހަގަ ކުރަން ފަށާފައިވަނީ ދެހާސް އަށް ވަނަ އަހަރުގައެވެ. ކޮންމެ އަހަރެއްގެ އޮކުޓޫބަރު މަހެއްގެ ފަނަރަ ވަނަ ދުވަސް ޚާއްޞަކޮށްފައި ވަނީ އެ ދުވަހުގެ ގޮތުގައެވެ. ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުމުގެ ސަބަބުން ނުރައްކާތެރި ބަލި ތަލުން ސަލާމަތްވުމުގެ ފުރުޞަތު ބޮޑުވެގެން ދެއެވެ.

         އެންމެ ފުރަތަމަ ރަނގަޅަށް އަތް ދޮންނާނެ ގޮތް ދެނެގަންނަމާ ހިނގާށެވެ! އެގޮތުން އެންމެ ފުރަތަމަ ސައިބޯންޏާއި ފެން ބޭނުންކޮށްގެން އަތްތިލައިގެ ދެ ފުށް ވިހި ސިކުންތު ވަންދެން ރަނގަޅަށް ދޮންނާށެވެ! އެއަށްފަހު އިނގިލިތަކުގެ ދޭތެރެއާއި ބޮޑުވާ އިނގިލި ރަނގަޅަށް ދޮންނާށެވެ! މިގޮތަށް ދޮވުމުގައި މުޅިއަތުގައި އަތް ހިންގާށެވެ! ދެން އަތްތިލައިގެ ގޮޑިއާއި އަތުގެ ކުޑަ ހުޅު ވެސް ރަނގަޅަށް ދޮންނާށެވެ! އެއަށްފަހު ސައިބޯނި ފިލަންދެން ފެނުން އަތް ދޮވެލާށެވެ! މިގޮތަށް އަތް ދޮންނަ މީހުންނަށް ނުރައްކާތެރި ބަލިތައް ޖެހޭ މިންވަރު މަދުވެފައިވާ ކަން ކަމާ ބެހޭ މާހިރުންގެ ދިރާސާތަކުން ހާމަވެއެވެ. 

         ދެވަނަ ކަމެއްގެ ގޮތުން އަތް ދޮންނަންޖެހޭ ހާލަތްތައް ދެނެގަންނަމާ ހިނގާށެވެ! އެންމެ ފުރަތަމަ ކެއުމުގެ ކުރިން ރަނގަޅަށް އަތްދޮންނަން އާދަކުރާށެވެ! އެއަށްފަހު ކައި ނިންމާލުމަށް ފަހު ވެސް ރަނގަޅަށް އަތް ދޮންނާށެވެ! އަހަރުމެން އުޅެންވާ ގޮތް ދަސްކޮށްދެއްވުމަށް ﷲ ތަޢާލާ ފޮނުއްވި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ކެއުމުގެ ކުރިން އަތް ދޮވުމަށް އިރުޝާދު ދެއްވާފައެވެ. މީގެއިތުރުން ފާޚާނާ ކުރުމަށްފަހު ވެސް ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނާށެވެ! ފާޚާނާއަކީ ހުރިހާ ވައްތަރެއްގެ ޖަރާސީމު އެތަނެއްގައި ވަކި ހިއްޕާފައިވާ ތަނެކެވެ. ހަމަމިއާއެކު ބަލި މީހާއަށް ޒިޔާރަތް ކުރުމުގެ ކުރިންނާއި ފަހުން ވެސް ރަނގަޅަށް އަތް ދޮންނާށެވެ! އޭރުން ބަލި މީހާއާއި ތިމާގެ އަމިއްލަ ނަފުސަށް ވެސް އެހެން ބައްޔަކަށް ހުށަހެޅުމުގެ ފުރުޞަތު ހަނިވެގެން ދާނެއެވެ. މީގެއިތުރުން ކުންޏާއި ޑަސްބިން ފަދަ އެއްޗެހީގައި އަތްލުމަށް ފަހު އަތް ދޮންނާށެވެ! މިފަދަ ހާލަތްތަކުގައި އަތް ދޮވުމުގެ އާދަ ހަރުލައިފި ނަމަ ކޫސަނި ބަލިތަކުން ރައްކާތެރި ވުމުގެ ފުރުޞަތު ފަހިވެގެން ދާނެއެވެ.

         ގިނަގިނައިން އަތް ދޮވުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އަހަރުމެންގެ ނަބިއްޔާ އިރުޝާދުދެއްވާފައިވަނީ ގިނަގިނައިން ވުޟޫކުރުމަށެވެ. މިފަދަ ކަމަކަށް ނަބިއްޔާ އިރުޝާދުދެއްވުމުން އެކަމުގެ މުހިއްމުކަން ހާމަވެގެންދެއެވެ. އެހެން ކަމުން ގިނަ ގިނައިން އަތް ދޮވެގެން ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް މަސައްކަތްކުރާ ބަޔަކަށް ވަމާ ހިނގާށެވެ!


No comments: