Sunday, September 24, 2023

ދުޢާ - 26 ( މާނައާއެކު ދަސްކޮށްލަމާ! )

 ދުޢާ 26               

اَللَّهُمَّ اغْفِرْ لِيْ ذَنْــبـِيْ، وَأَذْهِبْ غَيْظَ قَلْبـِيْ، وَأَجِرْنــِيْ مِنْ مُضِلاتِ الْفِتَنِ

އަޅަމެން ހައްދަވާ ބޮޑުކުރެއްވި އިލާހު! މިއަޅާގެ ފާފަ ފުއްސަވާނދޭވެ! އަދި މިއަޅާގެ ހިތުން ރުޅިވެރިކަން ފިއްލަވާ ދެއްވާނދޭވެ! އަދި ފިތުނައިގެ ނުބައިކަމުން މިއަޅާ ރައްކާތެރިކޮށްދެއްވާ ފާނދޭވެ! 

اَللَّهُمَّ އަޅަމެން ހައްދަވާ ބޮޑުކުރެއްވި އިލާހު!  اغْفِرْ لِيْ މިއަޅާއަށް ފުއްސަވާނދޭވެ! ذَنْــبـِيْ، މިއަޅާގެ ފާފަ وَأَذْهِبْ އަދި ފިއްލަވާ ދެއްވާނދޭވެ! غَيْظَ قَلْبـِيْ، މިއަޅާގެ ހިތުން ރުޅިވެރިކަން وَأَجِرْنــِيْ އަދި މިއަޅާ ރައްކާތެރިކޮށްދެއްވާ ފާނދޭވެ!

مِنْ مُضِلاتِ الْفِتَنِ ފިތުނައިގެ ނުބައިކަމުން 

Friday, September 22, 2023

ދުޢާ - 25 ( މާނައާއެކު ދަސްކޮށްލަމާ! )

 

ދުޢާ 25


ياَ حَيُّ ياَ قَيُّوْمُ بِرَحْمَتِكَ أَسْتَغِيْثُ، أَصْلِحْ لِيْ شَأْنِيْ كُلَّهُ، وَلاَ تَكِلْنِيْ إِلَى نَفْسِيْ طَرْفَةَ عَيْنٍ

 

އޭ ދިރިދެމިވޮޑިގެންވާ އިލާހު! މުޅި ކާއިނާތު ބެލެހެއްޓެވުމުގައި ގާއިމުވެ ވޮޑިގެންވާ އިލާހު! ހަމައެކަނި އިބަ އިލާހުގެ ރަޙްމަތުން މިއަޅާ އެހީތެރިކަމަށް އެދެމެވެ. މިއަޅާގެ ހުރިހާ ކަމެއް މިއަޅާ އަށް އިޞްލާޙް ކޮށް ދެއްވާފާނދޭވެ! އަދި އެސްފިޔަ ޖަހައިލާހާ ހިނދުކޮޅަކަށްވެސް، މިއަޅާގެ ނަފުސް މިއަޅާއާ ޙަވާލު ނުކުރައްވާނދޭވެ!

 

 

ياَ حَيُّ އޭ ދިރިދެމިވޮޑިގެންވާ އިލާހު! ياَ قَيُّوْمُ މުޅި ކާއިނާތު ބެލެހެއްޓެވުމުގައި ގާއިމުވެ ވޮޑިގެންވާ އިލާހު! بِرَحْمَتِكَ ހަމައެކަނި އިބަ އިލާހުގެ ރަޙްމަތުން  أَسْتَغِيْثُ، މިއަޅާ އެހީތެރިކަމަށް އެދެމެވެ. أَصْلِحْ لِيْ މިއަޅާ އަށް އިޞްލާޙް ކޮށް ދެއްވާފާނދޭވެ! شَأْنِيْ كُلَّهُ، މިއަޅާގެ ހުރިހާ ކަމެއް وَلاَ تَكِلْنِيْ އަދި މިއަޅާއާ ޙަވާލު ނުކުރައްވާނދޭވެ! إِلَى نَفْسِيْ މިއަޅާގެ ނަފުސަށް طَرْفَةَ عَيْنٍ

އެސްފިޔަ ޖަހައިލާހާ ހިނދުކޮޅަކަށްވެސް،

އުތީމު ގަނޑުވަރުގެ ދެ އަޖައިބާއި އޭގެ ސިއްރު!

އުތީމު ގަނޑުވަރުގެ ދެ އަޖައިބާއި އޭގެ ސިއްރު! 



އަހުމަދު ސާއިލު އަލީ

އެއީ 1996 ހިސާބުގަ އެވެ. ދިވެހިންގެ ތާރީހުގެ ބޮޑު ތަރިކައެއް ކަމަށްވާ އުތީމު ގަނޑުވަރަށް ދަސްކުރާ މުދައްރިސުންގެ 10 ވަނަ ބެޗު ޒިޔާރަތްކޮށް މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރި ދުވަހެކެވެ. ގަނޑުވަރު ބޮޑުގެ ބޭރުގައި ކުޑަދޮރެއްކައިރީ ހުއްޓި ހުރި ދަރިވަރަކަށް އާދަޔާ ހިލާފު ކަމެއް ފާހަގަވި އެވެ. އެއީ އޭގެ އަނެއް ފަރާތުން ބޭރުން ހިނގާފައި ދިޔަ މީހެއްގެ ހިޔަނި އިދިކޮޅަށް ބޮޑުކޮށް އެގޭގެ އެތެރޭ އުނދޯލިދާންކޮޅުގައި ދަމާފައިވާ ފޮތިގަނޑަކުން ފެނުމެވެ. އެކަން ފާހަގަވެ ރަނގަޅަށް ބެލި އިރު އެއިމާރާތުގެ ބޭރުހަދާފައިވާ ލަކުޑީގައި ވާ ކުޑަ ތިން ލޯވަޅަކުން އެޅިފައިވާ އަލިން އެދިމާލު އެތެރޭގައި ދަމާފައިވާ ފޮތިގަނޑަކުން ވަރަށް ރީއްޗަށް ބޭރު ކުލަކޮށް ފެނެ އެވެ.

ބޮޑުގޭގައި އަންހެނުންނަށް ހާއްސަކޮށްފައިވާ އެތެރެގޭ އުނދޯލި ބޭރުން ދަމާފައިވާ ފޮތިގަނޑަށް އިމާރާތުގެ ބިތްހަދާފައިވާ ލަކުޑީގައި އެޅިފައިވާ ތިން ލޯވަޅުން އަލި އެޅޭ އިރު އެ އަލިން އެ އިމާރާތުގެ ބޭރުގައި ހަދާފައިވާ ދެ ގުދަނާއި އެދިމާލު ދޮރާށީގެ އިތުރުން އިމާރާތުގެ ބޭރުގައި އަލަށް ހަދާފައިވާ ޒަމާނީ މިސްކިތް އިދިކޮޅަށް ކުލަކޮށްފެނެ އެވެ. އަދި އުޑުގެ އަލި ވެސް ފެންނަން ހުރެ އެވެ. އެގޮތަށް ފެންނަނީ އެގޭތެރެ އަދިރިވުމުންނެވެ.


އުތީމު ބޮނޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި ހަވާލުވެ ހުންނެވި، އުތީމު ގަނޑުވަރުގައި 27 އަހަރު ހިދުމަތް ކުރައްވާފައިވާ އަބްދުލްލަތީފް އިބްރާހިމް ވިދާޅުވި ގޮތުގައި މިހާރު 500 ވަރަކަށް އަހަރުވެފައިވާ އެ އިމާރާތުގެ އެއާދަޔާ ހިލާފުކަންތައް ފާގަވަނީ 1996 ގަ އެވެ. އޭގެ ކުރިން އެކަން އެނގިފައެއްނެތެވެ.

"ކުރިން ވެސް ފެންނާނެ، އެހޯލް އިނދޭ، އެކަމަކު އޭރު އަޅައެއް ނުގަނެނޭ، އެ ދުވަހު އެކަން ހިނގި ފަހުން ބެލިބެލުމުން [އެކަން] މިފާހަގަވީ،" ލަތީފް ވިދާޅުވި އެވެ.

 


ތާރީހީ މައުލޫމާތައް ބިނާކޮށް ލަތީފް ވިދާޅުވާ ގޮތުގައި އެލޯވަޅުތަކަކީ އެގޮތަށް ބެލުމަށް ކޮނެފައިވާ ލޯވަޅެއް ކަމެއް ނުވަތަ ލަކުޑީގެ ޒާތުން ހެދިފައިވާ ލޯވަޅުތަކެއްކަން ސީދާ ބުންނަން ނޭނގެ އެވެ. އެއީ އެބޭނުމުގައިކޮށްފައި ހުރި ކަމަކަށް ވެސްވުން ގާތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެބޭފުޅުންނަކީ ވަރަށް ހިކުމަތްތެރިބޭފުޅުން، އެހެންވީމާ ވެދާނެ އެތެރޭގައި ހުންނަވައިގެން ބޭރުބެލުމަށް ޓަކައި ހަދާފައިވާ ގޮތަކަށް ވެސް، ސީދާ ނޭނގެ،" ލަތީފް ވިދާޅުވި އެވެ.

 


މިވަނީ ކިހިނެއް؟


އެގޮތަށް އެފެންނަ ފެނުމާ ގުޅިގެން އެލޯވަޅުތަކުގައި ވަކި އެއްޗެއް ހަރުކޮށްގެން ދައްކާ ދެއްކުމެއްތޯ ވަނީ ބަލައިފަ އެވެ. ލަތީފް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށާއި އެއީ އެލޯވަޅަށް އެޅޭ އަލިން ފެންނަ ފެނުމެއް ކަމަށެވެ. އެއީ އެތައް ބަޔަކު ހައިރާންވާ ކަމަކަށްވާ އިރު އެކަން އެގޮތަށްވާ ސަބަބު ދެނެގަތުމަށް ދިރާސާއެއް މިހާތަނަށް ކޮށްފައެއްނުވެ އެވެ. ނަމަވެސް އިލްމީ ބޭފުޅުން ގަބޫލް ކުރައްވާ ތިއަރީއެއްއޮވެ އެވެ.

ދިވެހި ތާރީހާއި ސަގާފަތް ދިރާސާކުރުމުގެ ފަންނީ ތަޖުރިބާކާރެއް ކަމަށްވާ އަލީ ސާހިލް ވިދާޅުވި ގޮތުގައި އެގޮތަށް ފެންނަ ފެނުމަކީ ޕިންހޯލް ތިއަރީ އެވެ. އެތިއަރީގެ ކެމެރާ އޮބްސްކިއުރާ އިފެކްޓްގެ ސަބަބުން ލޯވަޅަކަށް އެޅޭ އައްޔަކުން އެތެރޭގެ އަނދިރިކަމުގެ ތެރެއިން އެކޮޅުކޮޅުން ބޭރު ފެނުމެވެ. ކެމެރާގެ ލެންސް އުފެއްދުމަށް ބޭނުންކުރާ ސައިންސަކީއެއީ އެވެ.



ޕިންހޯލް ތިއަރީ ފެންނަ ގޮތް--

އެހޯލްއާ ބެހޭ ދިރާސާއެއް ނެތްއިރު ފަންނީ ބޭފުޅުންގެ ހިޔާލަކީ އެއީ އެވެ. އުތީމު ގަނޑުވަރަށް ޒިޔާރަތްކުރާ ފަރާތްތަކަށް މައުލޫމާތު ދެއްވާ ގައިޑެއްކަމަށްވާ މުހައްމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެތަނަށް ޒިޔާރަތްކުރި އިޓަލީ ވިލާތުގެ ޕިންހޯލްގެ ތަޖުރިބާކާރުންތަކެއް ވެސް އެމަންޒަރު ބެލުމަށް ފަހު އެއީ ޕިންހޯލް ތިއަރީ ކަމަށް ބުނެފައިވާ ކަމަށެވެ.

 


އެގޮތަށް އަލިއެޅިފައިވާ އެހެން ފާރެއް--

ކޮންމެ އަކަސް ގަނޑުވަރަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރުވަން ފަހުން ކުރިމަތިވި އެއްކަންތައް ކަމަށްވާ އެ މަންޒަރު ފެނުމާ ގުޅޭ ގޮތުން ގިނަ ބަޔަކަށް އެއްބަސްވެވެނީ އެއީ ޕިންހޯލް ތިއަރީންވެފައިވާ ކަމެއްކަމަށެވެ. ނަމަވެސް އެއީ އެކަން ކުރުމަށް ސީދާ ކޮނެފައިވާ ލޯވަޅުތަކެއްކަމެއް ނުވަތަ ނޫން ކަމެއް ނޭނގެ އެވެ.

ނުހުޅުވޭ ދޮރުކޮޅުގެ ވާހަކަ!

ދިވެހި ރާއްޖެ މިނިވަން ކުރުމުގެ ޖިހާދު ފެއްޓެވުމުގެ ކުރިން 1568 ވަނަ އަހަރުގެ އޭޕްރީލް މަހަގު 24 ވަނަ ދުވަހު ބޮޑުތަކުރުފާނު އާއިލާގެ ބޭފުޅުން ވަނީ މަލިކަށް ބަދަލުކުރައްވައިފަ އެވެ. އެ ދުވަހު މަލިކަށް ފުރުމަށް ޓަކައި އުތީމު ގަނޑުވަރުގެ މަރިޔާދުގެ ދެކުނު ފަރާތު ދޮރޮކޮޅުން ނުކުންނަވައި ހަސަން ތަކުރުފާނުވަނީ މަރިޔާދުގޭ ދަމާދޮރުކޮޅު ވަރަށް ބާރަށް ޖައްސަވައިފަ އެވެ. އޭގެ ފަހުން 448 އަހަރުވެފައިވާ އިރު އެދޮރުކޮޅު ނުހުޅުވޭ ކަމަށް ގަނޑުވަރުގެ މައުލޫމާތު ދެއްވާ ލަތީފް ވިދާޅުވި އެވެ.



ލަތީފު ވިދާޅުވި ގޮތުގައި އެ ދޮރުކޮޅު ހުޅުވޭތޯ ބެލުމަށް އެތައް މަސައްކަތެއް ވަނީ ކޮށްފަ އެވެ. އެގޮތުން އިންޖީނު ފަދަ ބަރުތަކެތި އުފުލާ ބެލްޓު ދޮރުކަނިން ލައްވައި ސިފައިން ދެ ފަރާތުގައި ތިބެ ދަމައިގެން ވެސް ނުހުޅުވުނެވެ. އަދި މަތާލައިގެން ހުޅުވަން އުޅެގެން ނުހުޅުވުނު އިރު ފުރާޅުން ޓިނުނަގައިގެން ކުރި މަސައްކަތުން ވެސް ދޮރު ނުހުޅުވުނު ކަމަށް ލަތީފް ވިދާޅުވި އެވެ.

"ވަރަށް ވަރަށް މަސައްކަތްކޮށް ވެސް ދޮރުކޮޅު ނުހުޅުވުނު، ސިފައިންގެ ބޭފުޅުން ދެފަރާތުގައި ހުރެ އިންޖީނު އުފުލާ ބެލްޓެއް އަޅުވައިގެން ދަމާ ހަދައިގެން ވެސް މަސައްކަތްކުރި،" ލަތީފް ވިދާޅުވި އެވެ.

އެދޮރުކޮޅު ނުހުޅުވި ވަނީ ތަޅެއްގެ ސަބަބުންތޯ ބެލުމަށް ދޮރުގެ ދާރަތަކަށް ދުނިކީހާއި ރޭޒަރުތިލަ ފަދަ ތަކެތި ވައްދައި ބެލިބެލުމުން ވެސް އެއްވެސް ތަޅެއް ނުވަތަ ބަންދުކުރުމެއް ފާހަގަނުވާ ކަމަށް ލަތީފް ވިދާޅުވި އެވެ.



އެވަނީ ކިހިނެއް؟


ތައުލީމީ ގޮތުން ދިވެހިން ކުރިނާރައި ހޭލުންތެރިކަން ކުޑަ ޒަމާނުގައި އެކަން މީހުން ގަބޫލްކުރީ އެއީ މާތްކަމެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ ހަގީގަތެއްނޫނެވެ. ދޮރުނުހުޅުވޭ ސަބަބާ ގުޅޭ ގޮތުން ތަފާތު ގޮތްތަކަށް ވާހަކަ ދެކެވެ އެވެ. އޭގެން އެއްވާހައަކީ އެދޮރުނުހުޅުވާ އެތައް އަހަރުތަކެއް ފަހުން ދޮރުހުޅުވަން މަސައްކަތްކުރި އިރު ފިނިހޫނުމިނަށް އައިބަދަލުގެ ސަބަބުން ދޮރުފިތުމެވެ.


"ދޮރު ވަރަށް ބާރަށް ލެއްޕެވި ކަމަށް ވަނީ، އެގޮތަށް އެތައް ސަތޭކަ އަހަރެއް ވަންދެން ހުރީ. ލަކުޑިއަކީ ފިނިވީމާ ފުޅާވާއެއްޗެއް، އެގޮތަށް ފުޅާވީމާ ފިތިފަކަމަށް ބެލެވޭ ލޮކްވެފައި އެވަނީ،" ގަނޑުވަރުގެ ގައިޑެއްކަމަށްވާ ޝިޔާމް ވިދާޅުވި އެވެ.


އެވިސްނުމަށް ބާރު ލިބޭ އެހެން ކަމެއްއެބަވެ އެވެ. މިއަދު ދުނިޔޭގައިތިބި ދުވަސްވީ މީހުންގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި އެ ދޮރޮކޮޅު ލެއްޕިފައި ހުރި އިރު ނުލެއްޕި ގާތްގަނޑަކަށް ހަތަރު ވަރަކަށް އިންޗި ހުރިކަމަށްވެ އެވެ. ކުރިން ހުރީ އަތްލެއްވޭ ވަރަށް ހަތަރު އިންޗިއެއްހާ ފުޅާކޮށް ފުޅާކޮށެވެ. ނަމަވެސް މިއަދު ވަނީ އެތަން ވަރަށް ހަނިވެފަ އެވެ. އެހެންކަމުން ދޮރުފިތޭކަން ޔަގީންވެ އެވެ.



ވަޑާމުގެ މަސައްކަތްކުރާ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ކުރީޒަމާނުގެ ކަހާދޮރުތައް ކަހާލުމަށް ޓަކައި ތިރީގައި ދަގަނޑު ފައްޗެއް އަޅާފައި ހުރެ އެވެ. އެފަތިން ދޮރު ނެއްޓިފައިވުމަކީ ވެސް އެދޮރު ނުހުޅުވޭނެ ސަބަބެއްކަމަށް އޭނާ ދެކެ އެވެ.


"ވަރަށް ބާރަށް ދޮރު ލައްޕާއިރަށް އެއްކަލަ ފަތިން ކަހާލަފާނެ. ދެން ކިތަންމެ ވަރަކަށް ހިފިޔަސް ނުދާނެ،" އޭނާ ވިދާޅުވި އެވެ.


ގަދަބާރުން އެތައް ބާރެއް ބޭނުންކޮށްގެން އެދޮރު ހުޅުވޭނެ ކަމަށް އެތަން ބަލަހައްޓާ ފަރާތްތަކުން ވެސް ގަބޫލްކުރެ އެވެ. ނަމަވެސް ދިވެހި ތާރީހީ އެހާއަގު ހުރި ތަނަކަށް ލިބިދާނެ ގެއްލުމަކަށް ޓަކައި އެކަން އެގޮތަށް ކުރުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ.

 

އުތީމު ގަނޑުވަރަކީ؟

އުތީމު ގަނޑުވަރަކީ ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކުރުމަށް ޖިހާދު ކުރެއްވި އުތީމު ތަކުރުފާނުންގެ ބައްޕަ ޙުސައިން ޚަޠީބު ތަކުރުފާނުގެ ގެއެވެ. މިގެއަކީ މިހާރު ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެ އެވެ. މިގެ ޢިމާރާތް ކުރި ފަހުން ގާތްގަނޑަކަށް 500 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ އެވެ.


އުތީމު ތިންބެއިންނާއި ފާޠިމާފާނު އުޅުއްވާ ބޮޑުފުޅުވީ މިގެކޮޅުގަ އެވެ. އިހުގައި މިގެކޮޅުގެ ބިތްތަކުގެ ބައެއް ހަދާފައި ހުރީ ބިމަށް ކާނިމުޑިޖަހައި، ދެމުޑި ދޭތެރޭ ގާފޮޅުމަތީ ފަތިވަކަރާއި އަރިވަކަރު އަޅައި އެވަކަރުތަކަށް މެއްލަޖަހައި ލާދުނބުރިން ބިތްގަތައި ބިތުގެ ބޭރުން ސަޓާޖަހައި އޭގެމަތިން ބިތްފަންދަމައި އޮބިއަޅައިގެންނެވެ. ނަމަވެސް ދަމާދޮރު ލާފައި ހުރި ބިތްތައް މިހާރު ވެސް ފެންނަށް އެހުރީ އޭރު ހުރި ގޮތަށް ލަކުޑިންނެވެ. މިގެކޮޅު ހިޔާކޮށްފައި ހުރީ ބިތްފަނުންނެވެ.



އުތީމު ގަނޑުވަރު ގައި ބައްދަލުވުންތައް ބޭއްވުމަށް އޭރު ބޭނުންކުރާ އަށިގެއެއް ހުރެ އެވެ. މިގެ ކުރިން ހުރީ ބިމުން މައްޗަށް އެކެއް ބައި ރިޔަންވަރު އުސްކޮށްފައި، އޭގެ މަތީ ހުރަސް ބެރި އަޅާފައި، އޭގެ މަތީގައި މަޅުއަޅައިފަ އެވެ. މިއަށިގޭގެ ބިތްތައް ހަދާފައި ހުރީ މައިގޭގެ ބިތްތައް ވެސް ހަދާފައި ހުރިގޮތަށެވެ.

 

ޕޯޗްކީޒުންގެ ކިބައިން ދިވެހިން ސަލާމަތް ކުރެއްވި ތިން ބޭފުޅުންގެ ތެރޭގައި ހިމެނެނީ އުތީމް އަލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް(ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު) އާއި، ޙަސަން ރަންނަބަނޑޭރި ކިލެގެފާނު އާއި އުތީމު ޢަލީ ތަކުރުފާނެވެ.

 

https://sun.mv/83081

 


ފަހުރުވެރި އުތީމުގަނޑުވަރު

ފަހުރުވެރި އުތީމުގަނޑުވަރު


ލިޔުނީ: ފަތުޙުﷲ އަޙްމަދު (2021)

          ހުދުކުލައިގެ އެ ދޮރާށި ކައިރިއަށް ހުއްޓިލުމަށްފަހު، ކިޔައިލެވުނީ ޕުލާސްޓިކް ބޯޑުގައި ކަޅުކުލައިގެ ދެލިން ފަވާލައިފައިވާ ނަމެވެ. ދެފަރަތާށް ބަލައިލުމުން ވެސް ފެންނަނީ އެއް މަންޒަރެކެވެ. ދައުލަތުގެ ނިޝާނުގެ ތިރިން ތަނުގެ ނަން ސާދާ އަކުރު ތަކަކުން ފަވާލައިފައިވާ ތަނެވެ. އެއް ބޯޑުގައި ނަން އޮތީ ތާނައިންނެވެ. އަނެއް ބޯޑުގައި ނަން އޮތީ އިނގިރޭސިންނެވެ. އަކުރުތަކުގައި ފިލި ޖަހައިލަމުން ބޯޑުގައިވާ ނަން ދެފަހަރަކު ކިޔައިލެވުނެވެ. އެންމެ ފަހު ފަހަރަށް ހިތުން އެ ނަން ކިޔައިލެވުނެވެ. އާއެކެވެ. ހުއްޓި މި ހުރެވުނީ އެ ގަނޑުވަރެއް ދުށުމަށް އެތައް ބަޔަކު ބޭނުންވާ ފަހުރުވެރި އުތީމުގަނޑުވަރުގެ މައި ދޮރުގެ ކުރިމަތީގައެވެ.

          އުނަގަނޑާ ހަމައަށް އަރާވަރުގެ ހަތަރެސްކަން ބައްޓަމުގެ މެދުން، ތޭރިތަކެއް ގޮތަށް ގަތައިލައިފައިވާ ގަނޑުވަރުގެ މައި ދޮރު ހުޅުވާލުމާއެކު ލޮލުގައި އަޅައިގަތީ ކުރިމަތީގައިވާ ހުދު ފާރުތަކެވެ. އާދައިގެ މީހެއްގެ އުނަގަނޑުން މައްޗަށް އަރާވަރުގެ ވަނާލި އެ ފާރުތަކުގައި އުފުލައިލެވިފައިވާ ކުރިބޯށިތަކެވެ. ތަންކޮޅެއް ތިރިއަށް ބަލައިލެވުނެވެ. ފާރުގެ މެދުގައިވާ ހަވާސާ ދޫކޮށްލުމަށްފަހު ކަނޑައިފައިވާ ހަތަރެސްކަން ގޮޅީގެ ސަބަބުން އިތުރު ފުރިހަމަ ކަމެއް ގެނުވައިދެއެވެ. އެއަށްވުރެ ތިރިއަށް ކަޅި ހިންގައިލެވުނެވެ. ލޮލުގައި އަޅައިގަތީ ވެލިގަނޑާ ހަމައިން ދަމާލެވިފައިވާ ކަޅު ފަށެވެ.

          ގަނޑުވަރުން ވަންނަ މައި ދޮރުކައިރިއަށް ފައިވާން ދޫކޮށްލުމަށްފަހު، އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ފައިގެ ދަށްފުށަށް ކުރެވެމުން ދިޔަ އިހުސާސްގެ ސަބަބުން ގައިން ހީނބިހި ނަގައިގަތެވެ. އަމިއްލަ ހިޔަނީގެ ބޮލަށް ފައިން އަރަމުން، ހޫނުވެފައިވާ ކަށިވެލިގަނޑު މަތީގައި ހިނގައިލުމާއެކު އާދަޔާ ޚިލާފު އަރާމެއް ލިބެމުން ދިޔައެވެ. ފަނަރަވަރަކަށް ފިޔަވަޅާއެކު ވަނާލި ފާރުތައް ކައިރިއަށް ހުއްޓިލުމަށްފަހު ބަކަރި ފުޅަށް ހުޅުވާލީމެވެ. މުށެއްހާވަރަށް ކަކޫ ލަނބައިލުމުން އޮޅި ގިރާކޮށްލެވުނެވެ. ދެތިން ފިޔަވަޅު ކުރިއަށް އަޅައިލެވުނު އިރު ހުރެވުނީ ގަނޑުވަރުގައިވާ ބޮޑު ގެކޮޅު ދޮރުމަތީގައެވެ. ކުޑަކޮށް ގުދުވެލަމުން ބޯ ތިރިކޮށްލައި ކަކޫ ލަނބައިލީމެވެ. ކަށިމައްޗާ ހަމާގައިވާ އޮޅި ހުރަސްކުރުމަށްފަހު ކަނާއަތު ފައި ޖައްސައިލީމެވެ. ކުރެވުނީ ހިމުން ދޮންވެލީގެ އިހުސާސެވެ. ނޭވާ އެތެރެއަށް ދަމައިލުމާއެކު ހިނދުރީގައި ހަރުލީ ލަކުޑީގެ ވަހެވެ. އެ ވަހުގެ މައްޗަށް އިތުރު ވަހެއް ގަދަވަމުން ދިޔަހެން ހީނވިއެވެ.

          އެތެރެއަށް އެޅުނު ފިޔަވަޅާއެކު ވައަތްފަރާތަށް ބަލައިލެވުނީ ވައަތު ފައިގެ ބޮޑުވާ އިނގިލި އެއްޗެއްގައި ޖެހުމުންނެވެ. އެއީ ހައިވަކަރުން ހަދާފައިވާ ބޮޑު އަށްޓެކެވެ. އަށިމަތީގައި އޮތީ ދިވެހިވަންތަ ބޮޑު ތުނޑުކުނަލެކެވެ. ކުނަލުގައި ޢަރަބި އަކުރުން، ކަޅުކުލައިން ލިޔެފައިވާ ޢިބާރަތް ސިއްރުސިއްރުން ކިޔައިލެވުނެވެ. "އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު، 3"ގެ ތިރިއަށް އޮތް ފޮޅުވަތުގައި ޢަރަބިބަހުން "ބޮޑުތަކުރުފާނު" ލިޔެފައި އޮތުމުން ފާޑެއްގެ ހިންޏެއް ވެސް އައެވެ. ހަމަ އެ ކުނަލުގެ މެދުގައިވާ މަންޒަރާ އެއް ވަޒަނަކަށް ހެނދުނު ފޮޅުނު ހުވަނދުމާތައް ހިނިތުންވެލައިގެން މެހެމާނުންނަށް މަރުހަބާ ކިޔައިލަކިޔައިލާ ތިއްބެވެ. ބޮޑު އަށީގެ ފަހަތުގައި ހައިވަކަރު ބޮޑު ފޮށްޓެއް ހުއްޓެވެ. އެއީ ހަނގުރާމަ މަތީގައި ބޮޑުތަކުރުފާނު ގެންގުޅުއްވި ފޮށިކޮޅެވެ. އަށީގެ މެދެއްހާ ހިސާބު ބިތް ކައިރީގައި އިތުރު ފޮށްޓަކާއި ކުޑަވަރެއްގެ މޭޒެއް ވެސް ތަކުރުފާނުގެ ތަރިކައަށް ސަނާކިޔަން ތިބީ އުތީމުގެ ރައްޔިތުން ލޯތްބާއެކު އެ ފުރާޅުގެ ދަށަށް ގެނައީތީ ފަހުރުވެރިވާ ހާލުގައެވެ.

          ކުރިއަށް އެޅި ފިޔަވަޅާއެކު ކަންފަތު ފޫޅުގަނޑުގައި ފިރުމައިލީ އެލުވާފައިވާ ހަތްވޮށްލީ ބައްތީގެ އަރިމަތިން ނިކުމެހުރި ތަންކޮޅެވެ. ބައްތިއަށް ލިބުނު ހައިރާންކަމާއެކު ހެލިލިއެވެ. ބައްތި ހުއްޓުވުމަށް ނެގި އިނގިލި ސިއްރުން ލަނބައިލަން ޖެހުނީ ހުއްދަނެތް ހަރަކާތަކަށްވީމައެވެ. އެ ބައްތި ހިސާބަކަށް ބާވެފައި ހުއްޓަސް ހިރަފުހުގެ ނިޝާނެއް ނެތެވެ. ހަކީގެ އަސަރެއް ނެތެވެ. ތަނުގެ ބެލެހެއްޓުންތެރިންގެ ފަރުވާތެރިކަމަށް ހިތާއި ހިތުން ތަޢުރީފުކުރެވުނެވެ. މަޑުމަޑުން އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ނޭފަތުގެ ތެރެއަށް ވަދެގެން ދިޔައީ ލޮއިވަހެވެ. އެ ވަސް ގޮސް ހަރުލީ ސިކުނޑީގެ އެންމެ ހިމަ ނާރުގައެވެ. އެ ފިޔަވަޅު މަތީ ހުރެ ތަންކޮޅެއް ތިރިއަށް ބަލައިލެވުނެވެ. ސިފަވީ ކުދިކުދި މަސްގޮނޑިތަކެކެވެ. އެހެނަސް އެއީ މަރަވަޅިތަކެކެވެ. ލަކުޑީން ހަދާފައިވާ ސާދާ ފައިވާންތަކެކެވެ.

          މަޑުމަޑުން ކުރިއަށް ޖެހިލީމެވެ. ހުދުކުލައިގެ ވަށާދެމިތަކުން ޒީނަތްކޮށްފައިވާ އުނދޯލި ދާންކޮޅުގެ ދެ އަރިމަތީގައި  މެހުމާނުންނަށް މަރުހަބާ ކިޔަން ރަތްކުލައިގެ ފޮތިން ޒީނަތްކޮށްފައިވާ ދެ ގޮނޑި ހިނިތުންވެގެން ތިބީ އުނގަށް ހުވަނދުމާ އަޅައިގެންނެވެ. ހުވަނދު މަލުގެ ވަސް ސިކުނޑިއާ ހަމައަށް ފޯރިއެވެ. އެހެންވެ ދެ ފަހަރަކު އެތެރެއަށް ނޭވާ ދަމައިލެވުނެވެ. ލަކުޑީގެ ވަހުގެ މައްޗަށް މުޅި ތަނުގައި ގަދަވެ ގަނެގެން އުޅެނީ އެ ވަސްކަމަށް ނިންމީމެވެ.

          މެދުގެއިން، އެތެރެގެއަށް މިސްރާބު ޖެހީމެވެ. ވަށާދެމި ސަނދުވާތަކާއި ބޯ ކިރުކޮޅެއް ފަދަ ހުދު ފޮތިގަނޑުގައި ކަޅި ތަތްވިއެވެ. އުނދޯލި ދާންކޮޅު ވަށައިގެން ދަމާފައިވާ އެ ފޮތިގަނޑަށް ބަލަން ހުރެވުނެވެ. ބޭރުން އަލި ވަންނަ ގޮތަށް ހުރި ދިމާއިން ފޮތިގަނޑަށް އެޅިފައިވާ ހިޔަނީގެ ސަބަބުންނެވެ. އެހެން ހިޔަނިތައް ފެންނަނީ ކަޅާއި ހުދުން ކަމުގައި ވިޔަސް އެ ހިޔަނި ފެންނަނީ ކުލަކޮށްނެވެ. ދެ ފަހަރަކު ހިޔަންޏަށް ބަލައިލީމެވެ. ފެންނަމުން ދިޔައީ ވިދުންގަދަ ގުއްބެކެވެ. ރަނގަޅަށް ވިސްނައިލުމުން ވާގޮތް އެނގުނެވެ. އެއީ ގަނޑުވަރާ އިންވެގެން ހުރި އުތީމު ބަންޑާރައިންގެ މިސްކިތުގެ ރަންކުލައިގެ ގުއްބުކަން ޔަގީންވިއެވެ. މިއީ އެ ކިޔާ "ޕިން ހޯލް" ތިއަރީގެ އަސްލު މަންޒަރެކޭ ހިތަށް އެރިއެވެ.

          ގަނޑުވަރުގެ ތެރެއިން ބޭރަށް ނުކުމެ ލަކުޑިތަކުގައި އަތްފިރުމުނެވެ. ކީލިކޮޅެއްހާ ހިސާބު ވެސް އިނގިއްޔަށް ހަމަލާ ނުދިނީ އެ ފިލާތަކުގެ އޮމާންކަމުންނެވެ. މަރިޔާދުގެއަށް ބޯދިއްކޮށްލައި ބަލައިލެވުނެވެ. އެ ތަނުގައި ހުރި ރީތި އަދަރާދަ ގޮނޑީގައި ކަޅި ތަތްވިއެވެ. މެހެމާންސަރާ އަކަށް ފުދި އިތުރުވާ ހިތްގައިމު ތަނެކެވެ. އެ ސަރާ ވަށައިގެން ހިނގައިލެވުނެވެ. ހައިރާންކަމާއެކު ބަލަން ހުރެވުނީ ނުހުޅުވޭ ދޮރެއްގެ ވާހަކަ އިވުމުންނެވެ. އެ ދޮރުހުޅުވުމަށް ކުރި މަސައްކަތާގުޅޭ މައުލޫމާތުން އިތުރު ސުވާލުތަކެއް އުފެދުނެވެ. ނަމަވެސް، އެއީ ގަދީމީ ތަރިކައެއްވީމަ އަޖުމަ ބަލައިލަން ވެސް ގޮތެއް ހަދައިލެވޭކަށް ނެތެވެ.

          ސުވާލުތައް ބޮލަށް ލައިގެން މަރިޔާދު ގެއިން ނުކުމެ މިސްރާބު ޖެހީ އަށިގެއާއި މައިދޮރާށްޓާ ދެމެދު، އިންފާރާ ދާދި ކައިރީގައި ހަތަރެސްކަން ބައްޓަމަށް ތިރިތިރިކޮށް ހުރި ލެއްގިވަޅާ ދިމާއަށެވެ. އޮމާން ޓިނުން ހަދައި ފެހިކުލައިގެ ދަވާދުލައިފައިވާ ވަޅުގެ މަތި ހިއްލައިލުމާއެކު ކަންފަތުގެ އެންމެ ހިމަ ނާރުތައް ވެސް ހޭލާން މަޖުބޫރުވާ ކަހަލަ އަޑެއް އިވުނެވެ. މަތި ހިއްލައިލުމަށްފަހު އެތެރެއަށް ބަލައިލީމެވެ. ސާފު އުޑުގެ ތަސްވީރާއެކު އަމިއްލަ ސޫރަ ވެސް ވަޅުތެރެއިން ރިވެލިވިއެވެ. އެއީ ފުންވަޅެކެވެ. ވަޅުތެރެއަށް ދާނި ކޮށްޕާލުމާއެކު ޕޮއްކިޔައިފައި އިވުނު އަޑާއެކު ފެންގަނޑުން ބާނިތައް ނަށަން ފެށިއެވެ. ފެން ކޯވަރެއް ބޮއެލުމާއެކު އަރުތެރެއަށް ފިނިކަން އިހުސާސްވިއެވެ. ދެވަނަ ފަހަރަށް ފެން ބޮއެލެވުނީ ފެނުގައި ހުރި އާދަޔާ ޚިލާފު މީރު ރަހައެއްގެ ސަބަބުންނެވެ. ކަނާއަތް ގޮށިކޮށްލުމަށްފަހު ފެން ފޮދެއް މޫނުގައި އުނގުޅައިލީމެވެ. ސުބުހާނަﷲއެވެ. ފަޅި ސިކުންތެއްގެ ތެރޭގައި މީހާ މުޅިން ތާޒާވެލިއެވެ. ހިނިތުންވެލެވުނީ އެ ވަޅުން ފެން ބޮއެފި ނަމަ ދެން ވެދާނެ ގޮތާ މެދުކިޔަމުންދާ ފޯކުލޯރ ހަގީގަތަކަށްވޭތޯ ހިތާހިތާ ދުޢާކޮށްލަމުންނެވެ. އެއީ އެ ގަނޑުވަރަށް ވަދެލުމުގެ އިތުރު ފުރުސަތެއް ބޭނުންވާތީއެވެ. 

          ވަޅުމަތީގައި ދާނި ބާއްވާލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އުތީމު ގަނޑުވަރުގެ ގޯތި ތެރޭގައިވާ މާހައުލަށް ބަލައިލެވުނެވެ. ފެންނަނީ މަސައްކަތްތެރިކަމެވެ. އުފެއްދުންތެރިކަމެވެ. ތަރުތީބުކަމެވެ. ސާދާ ދިރިއުޅުމެވެ. ތަންކޮޅެއް ފުންކޮށް ވިސްނައިލުމުން ކުރެވޭނީ އަމިއްލަ ގެދޮރާއި މުދާ ދޫކޮށް ޤައުމަށް ޓަކައި ފިދާވި އާއިލާއެއްގެ ހަނދާނެވެ. ކުރެވުނު އިހުސާސްތަކާއި ލިބުނު ތަޖުރިބާތައް ހިތުގެ މަކާނުގައި ގަޓަރި ޖަހައިލުމަށް ދޫކޮށްލުމަށްފަހު، ލަސް ފިޔަވަޅުތަކެއް އަޅަމުން ބޭރަށް ނުކުތީމެވެ. ބޭރަށް ނުކުމެ މިފަހަރު ބަލައިލެވުނީ އިނގިރޭސިން ފަވާފައިވާ ނަން ބޯޑަށެވެ. ސިކުނޑިއަށް ތަރުޖަމާ ތިލަވިއެވެ. ބަސް ތަފާތު ނަމަވެސް ނަމުގައި ތަފާތެއް ނެތެވެ. އެއީ ހަމަ ފަހުރުވެރި އުތީމުގަނޑުވަރެވެ.

  

Thursday, September 21, 2023

ދިވެހިބަހުން ތައުލީމު ދޭށެވެ! ބޭރު ބަސްތައް ވަކި ބަސްބަހުގެ ގޮތުގައި ދަސްކޮށްދޭށެވެ!

ދިވެހިބަހުން  ތައުލީމު  ދޭށެވެ!  ބޭރު  ބަސްތައް  ވަކި  ބަސްބަހުގެ  ގޮތުގައި  ދަސްކޮށްދޭށެވެ!

اشرف علي

އިސްލާމް  ދީނާއި  ދިވެހިބަހަކީ  ދިވެހި  ގައުމިއްޔަތުގެ  މައިގަނޑު  ދެ  ތަނބެވެ. ގާތްގަނޑަކަށް  ހަތްދިހަ  ވަރަކަށް އަހަރުތެރޭ  މި  މުޅި  ރާއްޖެ  އިސްލާމްކަމުގެ  މަތިވެރި  ނޫރުން  އުޖާލާވެ  ހުޅުދާން  ވުމުގެ  އަސްލާއި  ސަބަބަކީ  ޝައްކެއް  ނެތް  ގޮތުގައި  ދިވެހިބަހެވެ. އިސްލާމް  ދީން  ދިވެހިބަހުން  އޮޅުންފިލުވައިދީ  މީސްތަކުންގެ  ބުއްދީގެ  އިތުރަށް  އެބައިމީހުންގެ ހިތަށް  ގަބޫލުކުރުވުނު  ކުރެވުމެވެ.  ދިވެިބަހުން  އިސްލާމް  ދީން  ދިވެހީންނަށް ސާފުކޮށް  ބަޔާންކޮށް  ދެވުނު  ދެވުމެވެ. ﷲ  ތަޢާލާ  ކީރިިިތި  ޤުރުއާނުގެ  އިބްރާހިމް  ސޫރަތުގެ  4 ވަނަ  އާޔަތުގައި  ވަޙީ  ކުރެއްވި  ބަސްފުޅުގެ  މާނައިގައި  ވަނީ  "  ތިމަން    އެއްވެސް  ރަސޫލަކު  އެ  ބޭކަލެއްގެ ގައުމެއްގެ  ބަހުން  މެ  ނުވީ   ނުފޮނުއްވަމެވެ.  (އެއީ)  އެއުރެންނަށް  ސާފުކޮށް  ބަޔާންކޮށްދެއްވުމަށެވެ.

މި  ކަމުން  އެނގި  ހާމަވަނީ  ކޮން ކަމެއްތޯ  ވިސްނައިލަން  ޖެހެއެވެ.  ކަންކަން  ސާފުކޮށް  އޮޅުންފިލާނޭ  ހެން  ބުނެދީ  ބަޔާންކޮށް  ދެވޭނީ އެ  ގައުމެއްގެ  ބަހުން    ކަމެވެ  ދިވެހިބަހަކީ  ދިވެހިރާއްޖޭގެ  މީހުންގެ  ބަހެވެ.  ބަހަކީ  އިލާހީ  ނިޢުމަތެކެވެ.  މި  ކަމުގެ  ހެތްކާއި  ދަލީލު  ވެސް  އަޅުގަނޑުމެންނަށް  ކީރިތި  ޤުރުއާނުގެ  މޫރިތި  އާޔަތަކުން  ސާފުކޮށް  ހާމަވެއެވެ.  އެއީ  ރޫމް  ސޫރަތުގެ  22ވަނަ  އާޔަތެވެ.  އެ  އާޔަތުގެ  މާނައިގައި  ވެއެވެ.  "  އުޑުތަކާއި  ބިން  ހެއްދެވުމާއި، ތިޔަބައި  މީހުންގެ  ދޫތަކާއި  (އެބަހީ  ބަސްތަކާއި) ކުލަތައް  ތަފާތުވެފައި  ވާކަމީ  އެކަލާނގެ  ކުޅަދުންވަންތަކަމުގެ  ހެކިތަކުގެ  ތެރެއިން  ވާ  ކަމެކެވެ.  ހަމަކަށަރުން،  އެ  ކަމުގައި  (އެފަދަ  ކަންތައްތައް)  ދަންނަ  މީހުންނަށް ހެކިތަކެއް  ވާ  ކަން  ކަށަވަރެވެ.

އަޅުގަނޑުމެންގެ  ދުލަކީ  ދިވެހިބަހެވެ.  އަޅުގަނޑުމެންގެ  ކަންކަން  އެންމެ  ސާފުކޮށް  އަޅުގަނޑުމެންގެ  ބުއްދިއާއި  ހިތަށް  ވިސްނައިދީ  ދޭހަކޮށް  ދެވޭނީ  ދިވެހިބަހުންނެވެ.

އެހެނަސް  އެހެން  ނުވެ  އެހެން  ބަހަކުން  (އެބަހީ  އިނގިރޭސިބަހުން) ބުނީމާ  އަދުގެ  ދަރީންނަށް  ދޭހަ  ވަނީ   ތައުލީމުގެ  ތެރެއިން  އެ  މަގަށް  މަގުތައް ކޮށައިދީ  އާރާސްތުކޮށް  ދެވުނު  ގޮތުގައި  ހުރި  ހަރުދަނާކަން  ކުޑަ  ގޮތެއްގެ  ސަބަބުންނެވެ.  ދެންވެސް  ލަސްނުކޮށް  ޅަފަތުގެ  ތައުލީމުގެ  އިރުޝާދީ  ބަަހަކަށް  ދިވެހިބަސް  ހަދަންވީއެވެ.  ޅަފަތުގެ  ތައުލީމު  ދިވެހިބަހުން  ދޭންވީއެވެ.  ޅަފަތުގެ  ތައުލީމު  ކަމުގައި  މި  ދަންނަވަނީ  ޕްރީ  ސްކޫލުންނފެށިގެން  ކީ  ސްޓޭޖު  1 ގެ  މަރުހަލާ  އަމާޒުކުރާ  ތައުލީމަށެވެ.  ހަމައެހެންމެ  މި  މަރުހަލާގައި  ދަރިވަރުންނަށް ބޭރު  ބަސްތައް  އެއީ  ވަކި ބަސްބަހުގެ  ގޮތުގައި  ކިޔަވައިދޭންވީއެވެ.

އޭރަށް  އެއްވެސް  ދަރިވަރަކަށް  ދިވެހިބަހުން  ގުނަން  ނޭނގިގެން،  ދިވެހިބަހުން  ކުލަޔާއި  މަސްތަކާއި ދުވަސްތައް  ކިޔަން  ނޭނގިގެން،  ދިވެހި  މާހައުލު  ދިވެބަހުން  ސިފަކުރާން  އުނދަގޫވެގެން، ދިވެހިބަހުން  ވާހަކަދައްކަން  ނޭނގިގެން،  ދިވެހިބަހުން  ކިޔަވައިދިނީމާ  އިސްލާމް  ދީނުގެ  ކަންކަން  އޮޅުން  ނުފިލައިގެން  އުޅޭކަށް  ނުޖެހޭނެއެވެ.

ވީމާ،  ޅަފަތުގެ.  ތައުލީމީ  މަރުހަލާގައި ދިވެހިބަހުން  ތައުލީމު  ދޭށެވެ!  ބޭރު  ބަސްތައް  ވަކި  ބަސްބަހުގެ  ގޮތުގައި  ދަސްކޮށްދޭށެވެ!

ދަރިވަރުންގެ  ވިސްނުން  ފުޅާވެ  ފަހުމްވުމާއި  ދޭހައިގެ  ގްބިލިއްޔަތު  އިތުރުވާނީ  އޭރުންނެވެ.  ހަނދާނުގެ  ދައިރާތައް  ފުޅާވާނީ  ވެސް  އޭރުންނެވެ.  ކިޔެވުމުގައި  އެންމެ  މޮޅު  ހާސިލްކުރެވޭނީ  ވެސް  އޭރުންނެވެ.