ދިވެހިޤައުމީ ދިދަ

 




          ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދައަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާތައް ގުޅިފައިވަނީ އެ ބައެއްގެ އަޤީދާއާއި  ޤަބޫލުކުރުންތަކާއި އެ ބައެއްގެ ޤައުމިއްޔަތާއެވެ. ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއް ރަމްޒުކޮށްދޭ ދިދަ އަކީ އެ ޤައުމެއްގެ ޤައުމީ ދިދަ އެވެ.

          ދިވެހިން ޤައުމީ ދިދައެއް ގެންގުޅެން ފެށި ދުވަސްވަރެއް ނޭނގެއެވެ. އެހެންނަމަވެސް މިހާރު މި ބޭނުންކުރާ ޤައުމީ ދިދައިގެ ކުރިން ވެސް ޤައުމީ ދިދައެއް އޮވެއެވެ. ފުރަތަމަ ބޭނުންކުރި ޤައުމީ ދިދައަކީ ހަމައެކަނި ރަތްކުލަ ހިމެނޭ ދިދައެކެވެ. އެއީ އާންމުކޮށް ނަގައި އުޅުނު ދިދައެއްނޫންކަމެވެ. އެ ދިދަ ދަނޑިމައްޗާ އެކުގައާއި ހުދު ހަނދުފަޅިއަކާއެކު ވެސް ބޭނުންކޮށްފައިވެއެވެ.

          މިޒަމާނުގައި މިބޭނުންކުރާ ދިދަ ފަރުމާކުރެވުނީ 1930 ގެ އަހަރުތަކުގެ ތެރޭގައެވެ. އަޅުގަނޑުމެން މިދެކެނީ ދިވެހި ދިދަ ފުރަތަމަ ފަރުމާ ކުރެވިގެން ބޭނުންކުރަން ފެށުނު ގޮތަކަށް ނޫނެވެ. ފުރަތަމަ ބޭނުންކުރި ޤައުމީ ދިދައަކީ ހަމައެކަނި ރަތްކުލަ ހިމެނޭ ދިދައެކެވެ. އެ ދިދަ ދަނޑިމައްޗާ އެކުގައާއި ހުދު ހަނދުފަޅިއަކާއެކު ވެސް ބޭނުންކޮށްފައިވެއެވެ.

          ދިދައިގެ ކުލަ ތަކުގެ ގޮތުގައި ފެއްސާއި ރަތާއި ހުދު ހިމެނިގެންދިޔައީ 1932 ވަނަ އަހަރުއެވެ. އޭރު ދިދައިގައި ހަނދުފަޅި ހުންނަނީ ދިދަދަނޑިއާވީކޮޅަށެވެ. ދިދަ ދަނޑިއާ ދުރަށްވާގޮތަށް ހަނދުފަޅި ބަދަލު ކުރެވުނީ 1953 ވަނަ އަހަރުއެވެ. 20 ވަނަ ޤަރުނުހާތަނުން ފެށިގެން ދިވެހި ޤައުމީ ދިދައިގައި އަނބުރާފައިހުރި ކަޅާއި ހުދުގެ ދަނޑިމަތި ދިދައިން އުނިކުރީ 1965 ވަނަ އަހަރުއެވެ.

         ދައުލަތުގެ އޮފީސްތަކުގައި ޤައުމީ ދިދަ ނަގަން ފަށާފައިވަނީ 1945 ވަނައަހަރުއެވެ. އެއިރު ދިދަ ނަގަނީ ހެނދުނު 6 ން ފެށިގެން އިރުއޮއްސި 6 އަށެވެ. އެންމެ ފުރަތަމަ ދިވެހި ޤައުމީ ދިދަ ބޭނުންކުރަން ފެށުނުއިރު ދިދައިގެ މެދުގައި ހަނދުފަޅިއާއެކު ތަރިއެއްވެސް ހުރެއެވެ. އަދި ދަނޑިއާއިވީ ފަރާތުގައި ކަޅާއި ހުދުގެ ރޮނގުތަކެއްވެސް ހުރެއެވެ. ޖުލައި 1965 ގައި އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންކަން ލިބުމާއެކު ވަޒީރުންގެ މަޖިލީހުން ފާސްކުރައްވައިގެން ދިދައިގެ ދަނޑިއާވީ ފަޅީގައި ހުރި ކަޅާއި ހުދުގެ ފަށް ނައްތާލެއްވިއެވެ. ދިވެހި ދިދަ ހުންނަންވީ ގޮތް ޤާނޫނު އަސާސީގެ 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.  

          ޤައުމީ ދިދައަކީ ޤައުމު އަންގައިދޭ ފާހަގައެވެ. ދިވެހި ޖުމްހޫރިއްޔާގެ މިހާރުގެ ޤާނޫނު އަސާސީގައި ވާގޮތުން ދިދައިގެ މެދުގައި ހުންނަނީ ފެހިކުލައިގެ ދިގުއަކައެކެވެ. އޭގެ މެދުގައި ހުދު ހަނދުފަޅިއެއް ހުރެއެވެ. މި ފެހި ދިގު އަކައިގެ ބޭރުން ހުންނަނީ ރަތްކުލައިގެ ބޯޑަރެކެވެ. ޤައުމީ ދިދައިގެ ފުޅާ މިނަކީ އޭގެ ދިގުމިނުގެ ތިންބައިކުޅަ ދެބައެވެ.    

          ދިވެހި ޤައުމީ ދިދައިގައި ހިމެނޭ ކޮންމެ ކުލައަކުން ވެސް ކަންތައްތަކެއް ރަމްޒުކޮށްދެއެވެ. ރަތް ކުލައިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަކީ ދީނާއި ޤައުމުގެ މިނިވަން ކަމަށްޓަކައި ލެއާއި ފުރާނައިން ޤުރުބާންވުމަށް ފަސްނުޖެހޭ ދަރިންތަކެއް ލިބިފައިވާ ޤައުމެއް ކަމެވެ. ފެހި ކުލައިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަކީ މިނިވަންކަމާއި ޞުލްޙަވެރިކަމާއި ދިރުމާއި ކުރިއެރުން ޤާއިމުވެފައިވާ ޤައުމެއް ކަމެވެ. ހުދުކުލަ ނުވަތަ ހުދު ކުލައިގެ ހަނދުފަޅިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމެވެ.

          ޤައުމީ ދިދައިން އެ ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދެއެވެ. އެ ޤައުމެއްގެ ޝާނާއި ޝައުކަތު ދައްކުވައިދެއެވެ. އެއީ ކޮން ބައެއްކަމާއި އެ ބައިމީހުންގެ އަޤީދާ އާއި ޤައުމިއްޔަތާއި ޢަޒުމް ބުނެދެއެވެ. ކޮންމެ ޤައުމެއްގައިވެސް ޤައުމީ ދިދައެއް އޮންނަނީ އެހެންވެގެންނެވެ.

1 comment:

Anonymous said...

Varah molhu