ވާހަކަ: އިޒްޔާނުގެ ހުވަފެން

 އިޒްޔާނުގެ ހުވަފެން


          އިޒްޔާނަކީ މުއްސަނދި ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އޭނާއަކީ ދުނިޔޭގެ މާއްދިއްޔަތަށް ވިކި ހުސްވެފައިވާ މީހެކެވެ. އެއްވެސް ކަމެއް ކުރުމުގައި ނަހީއަކަށް މުންކަރާތަކަށް ބެލުމެއް ނޯވެއެވެ. ކުށްފާފަތަކުން އޭނާގެ ދިރިއުޅުން ވަނީ ޣަރަޤުވެފައެވެ. ކެއިން ބުއިމުގައި ހަލާލެއް ހަރާމެއް ބެލުމެއް އަމުދަކުން ނޯވެއެވެ. ނުބައިވެގެންވީ އެންމެހައި ކުށްތައް އޭނާގެ ދިރިއުޅުމުގެ ބަޔަކަށް ވަނީ ވެފައެވެ. ކުށްފާފައިގެ މަސްތުން އޭނާއަށް މިވަނީ ހޭލަން މަޖުބޫރުވެފައެވެ.

          ދެހާސް ނަވާރަ ވަނަ އަހަރުގެ ޑިސެންބަރު މަހު މުޅި ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާގައި ދުނިޔެއަށް އަލްވަދާޢު ކިޔައި ދާއިމީ ޙަޔާތަށް މަރުޙަބާކީ މީހުންގެ ލިސްޓުގެ ފަސްވަނައަށް ލިޔެވިފައޮތީ އިޒްޔާންގެ ބައްޕަ އިބްރާހީމް ފަރީދަށެވެ. ފަރީދަކީ ވިޔަފާރިވެރިންގެ ސަފުގައި ނަން މަޝްހޫރު ފުންނާބު އުސް މީހެކެވެ. ދެ ވަޑާންގޭގެ އިތުރުން ބަދިގޭގެ ސާމާން ވިއްކާ ތިން ފިހާރައަކާއި ހާޑުވެއާރ ދެ ފިހާރައެއްގެ މިލްކު ވެރިފަރާތެވެ. މީގެއިތުރުން "އިޒްމަން" ކޮންޕެނީ ޕުރައިވެޓު ލިމިޓެޑުގެ މެނޭޖިންގ ޑައިރެކްޓަރ ވެސް މެއެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ގެންގުޅުނީ ރުފިޔާގެ ދާނެއްގައި ނިންދަވައި، ޑޮލަރާއި ޕައުންޑުން ފެންވަރުވައިގެންނެވެ. އިޒްޔާނު އޭނާގެ ބައްޕަ ގާތުން ރުފިޔާ ހޯދަން އެދުނު ވަރަކަށް ރުފިޔާ ދެއެވެ.

          އިޒްޔާން މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި މެލޭޝިޔާއަށް ދިޔައީ ދެހާސް ދިހަ ވަނަ އަހަރުގައެވެ. އެ ޤައުމުގައި ވެސް އޭނާ މަޝްހޫރުވެފައިވަނީ "ދަ މަނީ ބޯއި" ގެ ނަމުންނެވެ. މެލޭޝިޔާގައި ކިޔަވަން އުޅުމުގެ ތެރޭގައި އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނެވެ. ކުރީގައި ކިތަންމެ ގިނައިން ރުފިޔާ ލިބުނު ނަމަވެސް ރުފިޔާ ހޭދަނުކުރާ ގޮތަށް ރުފިޔާ ހޭދަކުރަން ފެށިއެވެ. އެ ކޮޅުގައި ކިޔަވަން އުޅުނު ޣައިރު މުސްލިމު ކުދިންނާއެކު ދަންވަރު ގަޑީގައި ޕާޓީހެދުން ޢާއްމުވިއެވެ. އެ ބަދަލުތައް އައީ ރޭކާ ވެސް ނުލާ ހުއްޓައެވެ. ރުފިޔާ ހުސްވާ ވަރަކަށް ބައްޕަ ދިޔައީ ރުފިޔާ ފޮނުވަމުންނެވެ. ނަމަވެސް ތިމާ ފޮނުވާ ރުފިޔާއަކީ ތިމާގެ ދަރިފުޅު އަންދާލާ އަލިފާނެކޭ ވިސްނާހެނެއް ހީއެއް ނުވެއެވެ. ކަޅު އަނދިރި ވިލާތަކުން އޭނާގެ ދިރުއުޅުން ބަނަވަމުން ގޮސް އޭނާގެ ދެ ދުނިޔެ ނެތިގެން ދިޔައެވެ.

          ކުލަބުތަކުގެ މާކެޓުގައި އެންމެ އަގުބޮޑުކޮށް ހިނގާ އަންހެން ކުދިންނާ އެކު ޒިނޭކުރުން އެއީ އޭނާގެ ހިތްހަމަޖެހުން ކަމުގައި ވެގެން ދިޔައެވެ. ރާބުއިމާއި މަސްތުވާ ތަކެތީގެ ކަނޑުގައި ގެނބި ޣަރަޤުވަމުން ދިޔައިރު އޭނަ ހަމަ މަގަށް އަޅުވާލަން ބަހެއް ބުނެލުމުގެ ޙައްޤު އޭނަ ބަނޑުއަޅާއި ވިހޭ މައިމީހާއަށް ވެސް ނޯވެއެވެ. މަންމަޔަކީ ދީނީ ކަންކަމަށް ލޯބިކުރާ ބަރާބަރަށް ނަމާދުކުރާ ކިޔަމަންތެރި ބަސްމަދު މީހެކެވެ. މަންމައަކީ ދީންވެރި މީހަކަށް ވާތީ އިޒްޔާނާއި އޭނާގެ ބައްޕަ ޤަބޫލުކުރާގޮތުގައި އެ މަންމައަކީ ރާއްޖެތެރޭ ވިސްނުން ގެންގުޅޭ ނާތަހުޒީބު ކަޓު މީހެކެވެ. އެހެންކަމުން މަންމަގެ ބަހަކީ އިޒްޔާން ކުރިމަތީގައި މަށީގެ އަގަށްވުރެ ވެސް ދަށުދަރަޖައިގެ އެއްޗެކެވެ. މަންމަގެ ހުރިހާ ވެސް އުފަލަކީ ދުޢާއެވެ. ހުއްޓުމެއް ނެތި އޭނާގެ ދަރިފުޅަށް ހިދާޔަތްދެއްކެވުން އެދި ދުޢާކުރުންމަތީ ދެމި ހުއްޓެވެ.

          އިންސާނުންގެ ލޮލަށް ނުފެންނަ ވަރުގެ ކުޑަކުޑަ މަޚްލޫޤަކު މުޅި ދުނިޔޭ ހޭލައްވާލިއެވެ. އިންސާނުންނަކީ ގަދަބަސް ބުންޏެއްކަމަކު އެއްވެސް ކަހަލަ އާރެއް ބާރެއް ނެތް ބައެއްކަން ހާމަކޮށްދިނެވެ. ލޮލަށް ނުފެންނަ ކުޑަކުޑަ މަޚްލޫޤެއްގެ މުށުތެރެއަށް ދުނިޔެ ލުމަކަށް މާގިނަ ވަގުތެއް ނުނަގައެވެ. އޭގެ އަތްދަށުގައި ގަދަބަސްބުނެ މަތިހަށިނަގައި ދުނިޔޭގެ ރަސްކަންކުރާކަމަށް ދަޢުވާކުރާ އިނގިރޭސިންނާއި އެމެރިކާ މީހުން ވިއެވެ. އަދިހަމައެފަދައިން ފަޤީރުކަމާއި ބަނޑުހައި ހޫނުކަމުގެ ދަލުގައިޖެހިފައިވާ ނިކަމެތި ފަގީރުން ވެސް ވިއެވެ. ކުލައަކަށް ދީނަކަށް ނަސްލަކަށް ބެލުމެއްނެތި އޭގެ ކޮންޓުރޯލުދަށަށް މުޅި ދުނިޔެ ގެނައިފަދައެވެ.  

          ދުނިޔެ މިހާތަނަށް ދެކެފައިނުވާ މި ޢާލަމީ ވަބާގައި އެންމެ ބޮޑު ހިތާމައެއް ކުރިމަތި ވި އެކަކީ އިޒްޔާން ކަމުގައި ވިއެވެ. ކޮވިޑުގެ ޢާލަމީ ވަބާގައި ވިޔަފާރިވެރިން އިނދަޖެހި ހަދާނެގޮތް ހުސްވެ ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އޭނާއަށް ރުފިޔާ ފޮނުވަން އެކިތަންތަނުން ނަގާފައިހުރި ލޯނުތައް ދައްކައި ނިމުނުއިރު އޭނާގެ ބައްޕަގެ އަތްމަތި ހުސްވެ ވަނީ ބަނގަރޫޓުވެފައެވެ. އެކައުންޓު ހުރީ ސުމެއްގައެވެ. ފިހާރައިގެ ވިކުރާއަކީ ވެސް ސުމެކެވެ. މިނާޒުކު ދަނޑިވަޅުގައި އިޒްޔާންގެ މަންމަ އޭނާއަށް ގުޅިއެވެ. އަދި އުޅެމުންދާ ވިޔާނުދާ ހަޑި މުޑުދާރު ދިރިއުޅުން ބަދަލުކުރަން އާދޭސްކުރިއެވެ. ނަމަވެސް އެ ނިކަމެތި މަންމަގެ ބަސްތަކަށް އޭނާދިނީ ބީރުކަންފަތެކެވެ.

          އާދަކާދައިގެ މަތިން ކުލަބެއްގެ ލޮބީގައި ރީތި ހުސްކޮށްލާފައިހުރި އަންހެން ކުއްޖަކާއެކީ ރާތަށްޓެއް ހިފައިގެން ގޮސް ލިފްޓަށް އަރަން ދިމާކުރިއެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ރާއްޖޭގެ ނަންބަރެއްކަން އެނގުމުން ފޯނު ކަނޑާލުމަށްފަހު ލިފްޓަށް އެރިއެވެ. އަދި އަންހެން ކުއްޖާ ގޮވައިގެން އެތާނގެ ފަސްވަނަ ފަންގިފިލައިގައި ހުރ ކޮޓަރިއަކަށް ވަނެވެ. ޒިނޭގެ ފާފައިގެ ތެރޭގައި އޭނާ ގެނބެމުން ދަނިކޮށް އަނެއްކާ ވެސް ފޯނު ރިންގުވާ އަޑު އިވުނެވެ. އެއަޑާއެކު އަނގައިން ހަޑި ބަސްތަކެއް ބޭރުކުރުމަށްފަހު ނަންބަރު ބަލައިލިއެވެ. މިފަހަރު ފޯނު ކެނޑުމުގެ ބަދަލުގައި ފޯނު ނެގިއެވެ. ފޯނު ނެގުމާއެކު ލިބުނު ޚަބަރުން އޭނާ ހޭނެތިގެން ވެއްޓުނެވެ. އޭނާއަށް ހޭވެރިކަން ވީ ޖެހިގެން އައި ދުވަހު ހެނދުނެވެ. އޭނާ ހޭއަރަން މިހާ ގިނަ ވަގުތު ނެގީ އޭނާ ހުރީ ވަރަށް ގަދައަށް ރާބޮއިގެން ކަމުންނެވެ. މަސްތުގެ ނިދިން ހޭލުމާއެކު އޭނާ އަވަސްވެގަތީ މަންމައަށް ގުޅުމަށެވެ. ނަމަވެސް އޭނާގެ މަންމަގެ ފޯނަކަށް ނުގުޅެއެވެ. ބައްޕަގެ ފޯނަށް ގުޅަން އުޅުމުން ވެސް ގުޅޭ ގޮތެއް ނުވިއެވެ.

          ފެންވަރައިގެން ކޮލެޖަށް ދިއުމުގެ ކުރިން ފޭސްބުކަށް ވަނެވެ. ފޭސްބުކް ހުޅުވާލުމާއެކު އޭނައަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެ ލިބުނު ޚަބަރާއެކު ބަސްހުއްޓި އާގަމަވިއެވެ. އަނގައިން ބަހެއް ބުނެވޭ ގޮތެއް ވެސް ނުވިއެވެ. ނަމަވެސް ކަށިން ހިތްވަރުލައި ތެދުވެ އެއާލައިނުން ޓިކެޓެއް ލިބޭތޯ ބަލަމުން ގެންދިޔައެވެ. ނަމަވެސް އެކަން ވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެދުވަހު މެލޭޝިޔާގެ މީހަކު ކޮވިޑަށް ފައްސިވުމުގެ ސަބަބުން މެލޭޝިޔާ ވެސް ފުރަބަންދަކަށް ދިޔައެވެ. ހިތާމައިގެ ކަރުނައަށް ޖާގެއް ނުދޭން ވަޢުދުވެފައިވާ ދެ ލޮލުން ކަރުނައިގެ ކޯރު ފުރިގެން ބަންޑުންވިއެވެ. އިޒްޔާން އަޑުގެ ނެތްކޮޅަށް ހަޅޭއްލެވިއެވެ. ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ލިބުނު ހިތްދަތިކަމުން ހިތް ކުދިކުދިވިއެވެ. ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހުނީއެވެ.   

          މާތް ﷲ މީހަކަށް ހިދާޔަތް ދައްކަވަން އިރާދަކުރައްވައިފިނަމަ އެކަމަކަށް ލަހެއްފަހެއް ނުވެއެވެ. ގޮތް ހުސްވެ ހަދާނެގޮތެއް ނޭނގިފައި އިން އިޒްޔާނަށް ހޭވެރިކަންވީ ކާރެއްގެ ސައިރަންގެ އަޑަށެވެ. އިޒްޔާން އިންގޮތުން އެހީއަކަށް އެދިފައި އިން ކުއްޖެއްހެން ހީވުމުން އެމީހާ މަޑުކުރީއެވެ. އިޒްޔާން އެމީހާއަށް އޭނާއަށް ދިމާވެގެން އުޅޭ ކަންތައް ތުނޑުންތުނޑަށް ކިޔައިދިނެވެ. އެއަށްފަހު އެމީހާގެ ކާރުގައި އެމީހާ ގެންދިޔަ ތަނަކަށް ދިޔައެވެ. އެއީ ވަރަށް ހިތްފަސޭހަ މާހައުލެކެވެ. އަމާންކަމާއި ހިތްގައިމުކަމުގެ ފިނިފިނި ވައިރޯޅިތަކުން ހިތްއުފާކޮށްދެމުން ދިޔަ މަންޒިލެކެވެ. އެތަނުގެ ބެންޗެއްގައި އެ ދެމީހުން ވަރަށް ގިނަ ވަގުތު ހޭދަކުރިއެވެ. މެންދުރު ނަމާދަށް ބަންގި ގޮވާ އަޑު އިވުމުން މަގުމަތިން ދިމާވި އެކުވެރިޔާ އިޒްޔާނަށް މިސްކިތަށް ވަނުމަށް ދަޢުވަތުދިނެވެ. އެއީ މިސްކިތެއްކަން ވެސް އޭނާއަށް އެނގުނީ އެހިސާބުންނެވެ.

          އެ ދުވަހުގެ މެންދުރު ނަމާދު ވެގެން ދިޔައީ އޭނާގެ ޙަޔާތް އިންގިލާބެއް ގެނުވިފަދަ ޖާދޫގެ ތަޅުދަނޑި އަކަށެވެ. އެއީ ވިޔާނުދާ ދިރިއުޅުމުން އިޒްޔާން ނިކުންނަށް ލިބުނު ތަޅުދަނޑިއެކެވެ. އެ ނަމާދަށް ފަހު ޢުމަރު ސުލައިމާނުގެ ދަރުސެއް މިސްކިތުގައި އޮތެވެ. އެ ދަރުސުން ސުވަރުގޭގެ ނިޢްމަތްތަކުގެ ވާހަކަ އަޑު އިވި ސުވަރުގެ ޙާޞިލުކުރުމަށް އޒްޔާނުގެ ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ. މިސްކިތުން ފައިބައިގެން ކުޑަތަންކޮޅަށް ނުދެވެނީސް އުފާވެރިކަމުގެ ޚަބަރެއް އިޒްޔާން ވަށައިލިއެވެ. ކޮވިޑުގެ ސަބަބުން ރާއްޖެ އަންނަން ބޭނުންވެފައި ތިބި ކުދިން ރާއްޖެ ގެންދިއުމުގެ ކަންތައް ރާއްޖޭގެ ސަރުކާރުން ހަމަޖެއްސި ވާހަކައެވެ.

          އިޒްޔާނާއި އޭނާގެ އެކުވެރި އައިމަނާ ދެމީހުންގެ މިސްރާބުހުރީ ދިވެހި އެންބަސީއާ ދިމާއަށެވެ. އައިމަނަކީ ވެސް މެލޭޝިޔާގައި ކިޔަވަން ހުންނަ ދިވެހި ކުއްޖެއް ކަމުން ދެ މީހުން ވެސް މާލެ ދިއުމުގެ ކަންތައް ހަމަޖައްސަން ނުހަނު ބޭނުންވިއެވެ. ދެ މީހުންގެ ނަސީބު ވެސް އެހާމެ ރަނގަޅެވެ. އެންމެ ފުރަތަމަ ފުލައިޓުން ދެ މީހުންނަށް ވެސް ޖާގަ ލިބުނެވެ. ގެއަށް ދިޔަ މަގުމަތީގައި ވެސް ދެ އެކުވެރިންގެ ޙަޔާތުގެ ޞަފްޙާތައް އުކަމުން ކިޔައިދެމުން ދިޔައެވެ. އިޒްޔާން ހުރީ އިސްއުފުލަން ވެސް ނުކެރިފައެވެ. އައިމަންގެ ކިޔަމަންތެރި ތަޤްވާވެރިކަމުން ފުރިފައިވާ ޙަޔާތުގެ ވާހަކަ އަޑު އިވެމުން ދިޔަ ދިޔަ ހެން އިޒްޔާންގެ ދިރިއުޅުމާ މެދު ވިސްނެމުން ދިޔައެވެ. އޭނާގެ ހިތުގެ ތެޅުން އަވަސް ކަމުން ހަށިގަނޑުން ބޭރަށް އަޑުއިވޭހެން ހީވެއެވެ. އައިމަންގެ ވާހަކައަށް ފަހު އިޒްޔާނުގެ ޙަޔާތުގެ ވާހަކަ ފެށިއެވެ.

          އައިމަން އެކުވެރިޔާއަށް ހިތްވަރުދިނެވެ. ކަށިކުނބުރު ބިޔަ ޖަންގައްޗެއްހެން އޮތް މަގުން ނިކުމެ އަމާންކަމުގެ އައްސޭރިޔަށް ދާނެ މަގު ބުނެދިނެވެ. އަދި އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤުޞަދު، އެކުވެރިޔާއަށް ކިޔައިދީ ހަނދާންކޮށް ދިނެވެ. ވަގުތީ ދުނިޔެއިން ދާންޖެހޭނެ ކަމާއި މަރު އަންނާނީ އެއްވެސް ކަހަލަ އިޝާރާތެއް ނެތި ކަން ހަނދާންކޮށް ދިނެވެ. އިންސާނާގެ ފުރާނައަކީ އެ ފުރާނައިގެ ވެރިފަރާތުގެ މިލްކެއް ކަމާއި ވަގުތު ޖެހުމުން ލަހެއް ފަހެއް ނޯންނާނެ ކަން ހަނދާނަށް ގެނެސްދީ ރަނގަޅު މަގު ކިޔައިދިނެވެ. ފާފައިގެ ކޯރެެއްގައި ޣަރަޤުވެފައިވާ އިޒްޔާނުގެ ހިތުގައި ހިދާޔަތުގެ ނޫރުން ޓަކިޖެހިއަޑު އޭނާގެ ކަންފަތަށް އިވުނުހެން އޭނާއަށް ހީވިއެވެ.  

          ފަސް ގަޑި އިރުގެ ދިގު ދަތުރަކަށް ފަހު ދެ މިތުރުން އަލްވަދާޢުގެ ސަލާމްކުރީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ޕޮއިންޓު ކައިރިންނެވެ. ދެ މިތުރުންގެ ފޯނު ނަންބަރު ބަދަލުކުރުމަށް ފަހު އައިމަން ދިޔައީ ހުޅުމާލެއާ ވީ ކޮޅަށެވެ. އިޒްޔާން ދިޔައީ މާލެއަށެވެ. އޭނާގެ ގެއާ ކައިރި ވަމުން ދިޔަ ހެން ހިތުގެ ވިންދު އަވަސް ވަމުން ދިޔައެވެ. ނޭވާ ހާސްވެ މޫނުމަތިން ދާހިއްލާ ފޯވަމުން ދިޔައެވެ. ކާރު މަޑުކުރުމާއެކު ދަބަސް ކޮނޑުގައި އަޅުވައިގެން އެތެރެއަށް ވަނެވެ. ލިފުޓުން އެގާރަ ވަނަ ނަންބަރަށް ފިތާލީ ނުހަނު ފޮނި އުއްމީދަކާއެކުއެވެ. ހާސްކަމާ ކަންބޮޑުވުން ކަފުންކޮށް ފޮރުވައި އުފާވެރި މޫނަކާ އެކު އޭނާގެ މައިންބަފައިނަށް ބޮސްދިނުމުގެ ފޮނި އުއްމީދުގައި މައްޗަށް އެރިއެވެ.

          އިޒްޔާނުގެ މައިންބަފައި ދިރިއުޅެމުންދާ އެޕާޓުމެންޓާ ހަމައަށް ދެވުމުން ބެލްއެޅިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގޭގައި ގެންގުޅޭ މެއިޑު މީހާ ދޮރު ހުޅުވިއެވެ. މަންމައާއި ބައްޕަ ކޮބައިތޯ ސުވާލުކުރުމުން އެމީހުން ވީ ފެސިލިޓީގައި ކަމަށް އޭނާ ބުންޏެވެ. ދަބަސް ބެހެއްޓުމަށްފަހު ގޭގެ ފޯނު ނަގައި ބޮޑުބޭބެއަށް ގުޅިއެވެ. އިޒްޔާންގެ އަޑު ބޮޑުބޭބެ ކަންފަތުގައި ޖެހުމާއެކު އޭނާ އަވަސް ވެގަތީ އެގެއަށް ދިއުމަށެވެ. ކަންތައްވެގެން އުޅޭގޮތް ފޯނުން ކިޔައި ދިނުމުގެ ބަދަލުގައި އޭނާއާ ބައްދަލުކޮށް ކިޔައިދިނުން ރަނގަޅުކަމަށް އޭނާއަށް ވިސްނޭތީއެވެ. ކަންތައްވެގެން ދިޔައީ ބޮޑު ބޭބެ އުއްމީދުކުރި ގޮތާ މުޅިން އިދިކޮޅަށެވެ. އޭނާއަށް އެގެއާ ހިސާބަށް ނުދެވެނީސް އެންބިއުލާންސް އެހިސާބަށް ފޯރިއެވެ. އިޒްޔާނުގެ މަންމައަށް ކޮވިޑު ޖެހުނުތާ އެދުވަހަށް އެކާވީސް ދުވަސް ވީއެވެ. ކޮވިޑުގެ ބަލިކަމުގެ ތެރެއިން އިޒްޔާނުގެ މަންމައަށް ވަނީ ސްޓްރޯކެއްޖެހި އެއްފަޅި ވާގިނެތިފައެވެ. މަންމަގެ ސްޓްރޯކު ޖެހުނު ޚަބަރާއެކު ބައްޕަގެ އަނގައިން ވަނީ ބަސް ހުއްޓިފައެވެ. އޭނާގެ ބައްޕައަށް ކޮވިޑު ޖެހުނުތާ އަށާރަ ދުވަހެވެ. އަނބިމީހާއާ ދޭތެރޭ ފަރުވާކުޑަކުރެވި އިހުމާލުވެފައިވާ ކަމުގެ އިޙްސާސް އެ ފިރިމީހާއަށް ކުރެވުނު އިރު ވަގުތުވަނީ އޭނާއަށް އަލްވަދާޢުކިޔާފައެވެ. އަނބިގޮއްޔެއަކަށް އަޅާލަން އޭނާއަކަށް ދެން ކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ހިތަށް އެރިއެއް ކަމަކު ކުރާނެ ފައިދާއެއް ނެތެވެ. އޭނާ ގުނަމުން ދިޔައީ އެންމެ ފަހުގެ ނޭވާކަން ޚުދު އޭނައަށް ވެސް އެނގެއެވެ.  

          އިޒްޔާނުގެ މަންމައަށް ޑަކުޓަރުންނާއި ނަރުހުންނާއި އެހީތެރިކަމާ ނުލައި ނޫޅެވޭ ވަރު ވެފައިވުމުން އެ އެޕާޓުމެންޓުގެ އެންމެ ބޮޑު ކޮޓަރި އެއްކޮށް ހުސްކޮށް ވަނީ ހޮސްޕިޓަލުގެ ކޮޓަރިއެއްހެން ތައްޔާރުކޮށްފައެވެ. އޭނާގެ ކަންކަން ބެލެހެއްޓުމަށް ދެ ނަރުހުން ކުއްޔަށް ހިފާފައިވެއެވެ. މަންމަގެ ކަންތައް ހަމަޖެއްސުމަށްފަހު ހޮސްޕިޓަލުން އައި މީހުން ދިޔުމާއެކު އިޒްޔާން އެ ކޮޓަރިއަށް ދިޔައެވެ. އޭނާ އެތަނަށް ވަދެ އެންމެ ފުރަތަމަ ވެސް ދިޔައީ މަންމަގެ ގާތަށެވެ. މަންމާ އޭ ކިޔާ ގޮވާލުމުން މަންމަގެ ފަރާތުން ހިލަމެއް ވެސް ނުވެއެވެ. އޭނާގެ ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ވުޟޫކޮށްލައިގެން އައިސް ދެ ރަކްޢަތް ނަމާދެއް ކުރިއެވެ. ނަމާދަށް ފަހު ދެއަތް މައްޗަށްނަގައި ދުޢާކުރަން ފެށިއެވެ. އެގޮތުގައި އޭނާ ހުއްޓައި ބޮޑުބޭބެ އެތަނަށް އައިސް ވެގެން އުޅޭ ހުރިހާ އެއްޗެއް ކިޔައި ދިނެވެ. ބައްޕަގެ ވިޔަފާރި ބަނގަރޫޓުވެ އެއްވެސް ފިހާރައެއް މިހާރަކު ނެތްކަމާއި އެކަމުގެ ހިތާމައިގައި ބައްޕަ އުޅެނިކޮށް ކޮވިޑުޖެހުނު ކަމާއި ކޮވިޑުގެ ވަބާ ތަހައްމަލުކުރަމުން ދަނިކޮށް ކޯމާއަކަށް ދިޔަ ވާހަކަ ކިޔައި ދިނެވެ. އެ ކަންތަކަށް ކެތްނުކުރެވި މަންމަ ފަކީރު އުޅެނިކޮށް މަންމައަށް ސްޓްރޯކެއް ޖެހި އެއްފަޅި ވާގި ނެތުނު ވާހަކާއާއި، ބައްޕަގެ ކޯމާގެ ޚަބަރާއެކު މަންމަ ވެސް ކޯމާއަކަށް ދިޔަ ވާހަކަ ކިޔައި ދިނެވެ. އަދި ހަފުތާއެއްގެ ތެރޭގައި ބައްޕަ ވެސް ގެއަށް ބަދަލުކުރާނެ ކަމުގެ ޚަބަރު ޑޮކްޓަރުން ދެއްވާފައިވާ ވާހަކަ ބުންޏެވެ.

          އިޒްޔާނަށް ރޮވުނެވެ. އަދި އޭނައަށް މާފުކޮށްދިނުމަށް އެދުނެވެ. ބައްޕައާއި މަންމައަށް އެގޮތް ދިމާވީ އޭނާގެ ސަބަބުންކަމަށް އޭނާ ގަބޫލުކުރިއެވެ. އަދި ގެއްލިފައިވާ އުފާވެރިކަން އަނބުރައި ހޯދައިދިނުމަށް އޭނާ އަމިއްލަ ނަފުސަށް ވަޢްދުވިއެވެ. އެ ހިތްދަތި ދުވަހަކީ އޭނާ ޙަޤީޤީ ދުނިޔެއަށް ހޭލާން މަޖުބޫރުކުރުވި ވަގުތެވެ. ހިތުހުރިގޮތަކަށް އުޅެމުން އައި އިޒްޔާންގެ ދިރިއުޅުމަށް އިރުއެރިއެވެ. އޭނާގެ އެންމެ އިސް ވާޖިބަކީ ފަރުޟު ފަސް ނަމާދުކުރުން ކަމަށް ހެދިއެވެ. އޭނާ ކިޔާ ލަވަޔަކީ ކީރިތި ޤުރުއާން ކަމުގައި ހެދިއެވެ. އޭނާގެ ދުލުން ނިކުންނަ ބަސްތަކަކީ ﷲއަށް ޒިކުރުކުރުން ކަމުގައި ހެދިއެވެ. އޭނާގެ ބުއިމަކީ ފެނާއި ކިރަށް ހެދިއެވެ. އޭނާގެ ގޮހޮރުން ޙަލާލު ނޫން ކާއެއްޗަކަށް ޖާގައެއް ނުދެއެވެ. އޭނާގެ ފުރާނައަކީ އޭނާގެ މަންމައާއި ބައްޕަ ކަމުގައި ދެކި އެމީހުންނަށް ޚިދުމަތްކުރުމުގައި ދެމިހުއްޓެވެ. ރޭއަޅުކަމުގައި ވަގުތު ހޭދަކުރަން ފެށިއެވެ. އޭނާގެ މައިންބަފައިނަށްޓަކައި ވަޒީފާއަށް ދާން ފެށިއެވެ. ކިތަންމެ އާދައިގެ ވަޒީފައެއް ނަމަވެސް އޭނާ އުޅެނީ ހިތްހަމަޖެހިގެންނެވެ.

          އެދުވަހަކީ އިޒްޔާން ރާއްޖެއައިތާ އަހަރެއްވީ ދުވަހެވެ. އެރޭ ތަޙައްޖުދު ނަމާދު ނިންމުމަށްފަހު ދުޢާ ކުރަން ހުއްޓައި އޭނާއަށް އޭނާގެ މަންމަގެ ގޮވާލުމުގެ އަޑުއިވުނުހެން ހީވިއެވެ. ނަމަވެސް އެއީ ހުވަފެނެއް ކަމަށް ބަލައި ވިތުރި ނަމާދު ކުރަން ފެށިއެވެ. ވިތުރީގެ ތިންވަނަ ރަކްޢަތުގެ ފަހު އައްތަޙިއްޔާތުގައި ހުއްޓާ މަންމަގެ ގޮވާލުމުގެ އަޑު އޭނާއަށް އިވުނެވެ. ސަލާމްދިނުމަށްފަހު މަންމަގެ އެނދުގެ ކައިރިއަށް ޖެހިލިއެވެ. އުފާވެރިކަމުގެ ކޮޅެއް ނެތެވެ. އޭނާގެ މަންމަ އޮތީ ލޯ ހުޅުވައިގެން އޭނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. މަންމަގެ މޫނާ އޭނާގެ މޫނާކައިރި ކުރިއެވެ. މަންމައަށް ބޮސް ދިނެވެ. މަންމަގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހޯސްލާފައި ފައިބަމުން ދިޔައެވެ. އިޒްޔާން މަންމަގެ ލޮލުން ކަރުނަ ފޮހެ ދެމުން މަންމަގެ ކިބައިން މާފަށް އެދުނެވެ. އަދި އޭނައަކީ މިހާރު މަންމަ އެދުނު ފަދަ ކުއްޖެއްކަން މަންމަގާތު ބުންޏެވެ. ކުރިއަށް އޮތްތަނުގައި މަންމަގެ ލޮލުން ދުވަހަކު ވެސް ހިތާމައިގެ ކަރުނަ ނުފެންނާނެ ކަމުގެ ޔަގީންކަން މަންމައަށް ދިނެވެ. މަންމައާއި އިޒްޔާނާއި ދެމީހުންގެ ވާހަކައިން އެ ދެމީހުން ހޭލައްވާލީ ވޭނީ އާހެއްގެ އަޑެވެ. ފެންފޮދެއް ގެނެސް ދީބަލާށޭ ބުނި އަޑެވެ. އެއީ ބައްޕަގެ އަޑެވެ. އަލްޙަމްދު ލިއްލާހީ! އިޒްޔާނަށް އުފަލުން ބުނެވުނެވެ. އަވަސް އަވަހަށް ފެން ތަށްޓެއް ހިފައިގެން ނަރުސް އައެވެ. އެ ފެންތަށި ހޯދައިގެން އިޒްޔާން އޭނާގެ ބައްޕަގެ ގާތަށް ދިޔައެވެ. އަދި ސަމުސަލަކުން އޭނާގެ ބައްޕައަށް ފެންފޮދެއް ދިނެވެ. އިޒްޔާން ބައްޕައަށް ގޮވާލުމުން އެ ބައްޕަގެ މޫނުމަތި އުފާވެރިކަމުގެ އަލިން އަލިވެގެން ދިޔައެވެ. ބައްޕަގެ ފުރަތަމަ ސުވާލަކަށް ވީ މަންމަ ކޮބައިހެއްޔެވެ. އިޒްޔާން އޭނާގެ މަންމަ އެނދު ބައްޕަގެ އެނދާ ކައިރިކުރިއެވެ. އުފާވެރި ކަމުގެ ކުޑަ ވަގުތު ކޮޅަކަށް ފަހު ބައްޕަ މަންމަގެ ފަރާތުން މާފަށް އެދުނެވެ. އަދި ދާއިމީ ނިންޖަކުން ނިދާލިއެވެ.

          އެ އުފާވެރިކަމުގެ ވަގުތުކޮޅު ދެމިއޮތީ ކުޑަ ހިނދުކޮޅަކަށެވެ. ބައްޕަގެ ކަށުކަމާކެމީގެ ކަންތައް ނިންމުމަށްފަހު ކޯމާގެ އަނދިރިކަމުން އޭނާގެ މަންމަ ނެރެދެއްވި ﷲއަށް ޝުކުރުގެ ސަޖިދަ ކުރުމަށް އިޒްޔާން އަވަސްވިއެވެ.

No comments: