ސުވާލާއި ޖަވާބު
ސީރަތާއި ތާރީޚު 1
1- ތިމާ ދިރިއުޅޭ ރަށުގައި ހުރެގެން ﷲއަށް އަޅުކަންނުކުރެވޭ ނަމަ ކަންތައްކުރަންވާގޮތް ބުނެދެމާ!
× ﷲއަށް އަޅުކަންކުރެވޭނެ ބިމަކަށް ހިޖުރަކުރާނީ އެވެ.
2- ހިޖުރަކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްކަން ބުނެދެމާ!
× މައްކާގައި ދިރިއުޅެމުން ދިޔަ މުސްލިމުންނަށް ލިބެމުންދިޔަ އަނިޔާތަކުން ސަލާމަތްވުމަށްޓަކައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިޒުނަފުޅާއެކު މަދިނާއަށް ހިޖުރަ ކުރިއެވެ. އޭގެފަހުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަބޫބަކުރުގެފާނާއެކު މަދިނާއަށް ހިޖުރަ ކުރެއްވިއެވެ.
3- "ހިޖުރަކުރުން" މިބަހުގެ މާނައަކީ ކޮބައިކަން ލިޔެލަމާ!
× ހިޖުރަކުރުމަކީ ތިމާދިރިއުޅޭރަށް ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރުމެވެ.
4- ހިޖުރަ ކުރެއްވުމުގެ އަމުރުފުޅު ﷲގެ ޙަޟްރަތުން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގެންނެވުމާއެކު އެޚަބަރު ދެއްވުމުން ދަތުރުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގެ މަސްއޫލިއްޔަތު އަދާކޮށްދެއްވި ބޭކަލަކީ ކޮބައިކަން ބެނެލަމާ!
× އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އެވެ.
5- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަ ކުރެއްވި ވަގުތު އެކަލޭގެފާނުގެ އަރިހުގައި ވަޑައިގަތީ ކޮންބޭކަލެއްކަން ބުނެދެމާ!
× އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އެވެ.
6- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރަ ކުރެއްވުމުގައި ޢަބްދުﷲ ބިން އުރައިގަޠުގެ ދައުރަކީ ކޮބައިކަން ލިޔެލަމާ!
× ދަތުރުކުރާނެ މަގު ބުނެދިނުމެވެ.
7- ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ހިޖުރައަށް ނިކުމެވަޑައިގަތުމުގެ ކުރިން ޢަލީ ރަޟިޔަﷲ ޢަންހާއާއި ހަވާލުކުރެއްވި ދެކަމަކީ ކޮބައިކަން ބުނެދެމާ!
× ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަތްޕުޅުގައި ހުރި، އަމާނާތްތައް އޭގެ ވެރިފަރާތަށް ރައްދުކޮށްދެއްވުން.
× ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަދަލުގައި، އެކަލޭގެފާނުގެ އެނދުދާންކޮޅުގައި ޢަލީގެފާނު އަވަހާރަފުޅު ލެއްޕެވުން.
8- ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގަތުލުކުރާމީހަކަށް ހުށަހެޅުނީ ކޮންއެއްޗެއްކަން ލިޔެލަމާ!
× ސަތޭކަ ޖަމަލެވެ.
9- ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި ތިއްބެވިއިރު މައްކާގެ ޚަބަރު އެދެބޭކަލުންނާއި ހަމައަށް ގެންގޮސްދެއްވީ ކޮންބޭކަލެއްކަން ބުނެލަމާ!
× ޢަބްދުﷲ ބިން އަބޫބަކުރުގެފާނުގެ މަސައްކަތްޕުޅަކީ ކޮންމެ ދުވަހަކު އިރުއޮއްސުމުން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން މަައްކާގެ ޚަބަރުތައް ވިދާޅުވެދެއްވުމެވެ.
10- ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި ތިއްބެވިއިރު އެދެބޭކަލުންނަށް ފަރިއްކޮޅު ގެންގޮސްދެއްވީ ކޮންބޭކަލެއްކަން ބުނެލަމާ!
× އަސްމާ ބިންތު އަބޫބަކުރުއްޞިއްދީޤެވެ.
11- ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި ތިއްބެވިއިރު އެދެބޭކަލުންނަށް ކިރުފޮދު އެރުވުމާއި ޘައުރު ފަރުބަދައަށްދާ މަގު އަމާންކޮށްދެއްވީ ކޮންބޭކަލެއްކަން ބުނެލަމާ!
× ޢާމިރު ބިން ފުހައިރާއެވެ.
12- ކީރިތި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި ތިއްބަވަނިކޮށް އެބޭކަލުން ހޯދަމުންދިޔަ މައްކާގެ މުޝްރިކުން ޘައުރު ފަރުބަދައިގެ ކައިރިން ފެނުމުން އަބޫބަކުރުގެފާނު އެކަމާ ކަންބޮޑުވެލެއްވުމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅު ކިޔާލަމާ!
× "لاَ تَحْزَنْ إِنَّ اللهَ مَعَنَا" މާނައީ: "ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! ހަމަކަށަވަރުންވެސް ﷲ ތަޢާލާ ވޮޑިގެންވަނީ އަހަރުމެންނާއި އެކީގައެވެ."
13- ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު ޘައުރު ފަރުބަދައިގެ ހޮހޮޅާގައި މަޑުކުރެއްވީ ކިތައް ދުވަހަށް ކަން ބުނެލަމާ!
× ތިންރޭ ތިން ދުވަހަށެވެ.
14- އިސްލާމްދީނުގައި އެންމެފުރަތަމަ ބިނާކުރެވުނު މިސްކިތް ހުންނަނީ ކޮންތަނެއްގައިކަން ބުނެލަމާ!
× ޤުބާގައެވެ.
15- ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމާއި އަބޫބަކުރުގެފާނު މަދީނާއަށް ހިޖުރަ ކުރުމުގެ މަގުމަތީގައި މަޑުކުރެއްވި ކޮންރަށެއްގައިކަން ބުނެލަމާ!
× ޤުބާގައެވެ.
16- މަދީނާއިން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް މެހުމާންދާރީ އަދާކުރެއްވުމުގެ ނަސީބު ލިބިލެއްވި ބޭކަލަކީ ކޮބައިކަން ބުނެދެމާ!
× އަބުލް އައްޔޫބުލް އަންޞާރީ ގެފާނެވެ.
17- މަދީނާއިން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް މެހުމާންދާރީ އަދާކުރެއްވުމުގެ ނަސީބު އަބުލް އައްޔޫބުލް އަންޞާރީ ގެފާނަށް ލިބިލެއްވި ގޮތް ކިޔާދެމާ!
× ﷲ ތަޢާލާގެ އަމުރުފުޅަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސަވާރީ އެކަލޭގެފާނުގެ ގޭގެ ދޮރުމައްޗަށް މަޑުކުރެއްވުމުންނެވެ.
18- ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގަތް ދަތުރުމަތީގައި މަޑުކުރައްވައި ހުކުރު ނަމާދު ކުރެއްވީ ކޮންތަނެއްގައިކަން ބުނެލަމާ!
ބަނޫ ސާލިމު ބިން އައުފުގައެވެ.
19- ބަދުރު ހަނގުރާމައަކީ ކޮބައިކަން ބުނެލަމާ!
× ބަދުރު ހަނގުރާމައަކީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަ ވަނައަށް ވީ ދުވަހު މުސްލިމުންނާއި މުޝްރިކުންނާއި ދެމެދު ބަދުރުގެ މައިދާނުގައި ކުރެވުނު ހަނގުރާމައެވެ.
20- ބަދުރު ހަނގުރާމައިގެ ދެ ލަޝްކަރުގެ ޢަދަދު ބުނެލަމާ!
× މުސްލިމުންގެ ލަޝްކަރުގެ ޢަދަދަކީ 313 ސިފައިން، އަދި މުޝްރިކުންގެ ލަޝްކަރުގެ ޢަދަދަކީ 1000 ސިފައިންނެވެ.
21- މުސްލިމުންނަށް ކާމިޔާބު ލިބުނު ސަބަބުތައް ލިސްޓުކޮށްލަމާ!
× މުސްލިމުންގެ އީމާންތެރިކަން ވަރުގަދަވުމުން.
× ކެތްތެރިކަމާއެކު ޘާބިތުކަންމަތީ ތިބުން.
× މުސްލިމުންގެ މެދުގައި އޮތް އެއްބައިވަންތަކަން.
× މުސްލިމުންގެ ކިޔަމަންތެރިކަން.
22- އަސީރުންނާމެދު ކަންތައް ކުރެވުނު ގޮތް ބުނެލަމާ!
× އަސީރުން ދޫކޮށްލެވުނީ ޝަރުޠަކާ އެކުގައެވެ. އެއީ ކޮންމެ އަސީރަކު މުސްލިމުންގެ ތެރެއިން 10 ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުމެވެ.
23- ކޮންމެ އަސީރަކު މުސްލިމުންގެ ތެރެއިން 10 ކުއްޖަކަށް ލިޔަންކިޔަން ދަސްކޮށްދިނުމަށް ޝަރުޠުކުރުމުން ދޭހަވެގެންދާ މުހިންމު ކަމެއް ބުނެލަމާ!
× ތަޢްލީމު އުނގެނުމަށް އިސްލާމްދީން ބާރުއަޅާ މިންވަރެވެ.
24- މުޝްރިކުންގެ ލަޝްކަރުގެ ލީޑަރަކީ ކޮން ބޭކަލެއްކަން ބުނެލަމާ!
× މައްކާގެ އިސްލީޑަރެއް ކަމަށްވާ އަބޫ ސުފިޔާން އެވެ.
25- އާޔަތުގެ މާނަ ލިޔެލަމާ! إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ ﴿أنفال ٩﴾
× ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް އެހީއަށްއެދި ތިޔަބައިމީހުން ދެންނެވިހިނދު، ހަނދުމަކުރާށެވެ! ފަހެ، އެހިނދު އެކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. ملائكة ންގެ ހާހަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް مدد ދެއްވާހުށީމެވެ. އެކަކަށްފަހު އަނެކަކު އަންނަގޮތުގައެވެ. (9)
26- އުޙުދު ހަނގުރާމައަކީ ކޮބައިކަން ބުނެލަމާ!
× އުޙުދު ހަނގުރާމައަކީ ހިޖުރައިން ތިންވަނަ އަހަރުގެ ޝައްވާލު މަހުގެ 10 ވީ ހުކުރު ދުވަހު މުސްލިމުންނާއި މުޝްރިކުންނާއި ދެމެދު އުޙުދުގެ މައިދާނުގައި ކުރެވުނު ހަނގުރާމައެވެ.
27- އުޙުދު ހަނގުރާމައިގެ ދެ ލަޝްކަރުގެ ޢަދަދު ބުނެލަމާ!
× މުސްލިމުންގެ ލަޝްކަރުގެ ޢަދަދަކީ 700 ސިފައިންނާއި 50 އަސްވާރުންނެވެ. މުޝްރިކުންގެ ލަޝްކަރުގެ ޢަދަދަކީ 3000 ސިފައިންނާއި 200 އަސްވާރުންނެވެ.
28- އުޙުދު ހަނގުރާމައިގައި މުސްލިމުންގެ ތެރެއިން ޝަހީދުވި ކިތައް ބޭކަލުން ކަމާއި މުޝްރިކުންގެ ތެރެއިން މަރުވީ ކިތައް މީހުން ކަން ބެނުލަމާ!
× މުސްލިމުންގެ ތެރއިން 70 ބޭކަލުން، މުޝްރިކުންގެ ތެރއިން 22 މީހުންނެވެ.
29- މުސްލިމުގެ ލަޝްކަރުގައި ރުމާތުންގެ އިސްބޭފުޅަކަށް ހުންނެވީ ކޮން ބޭކަލެއްކަން ބުނެލަމާ!
× ޢަބްދުﷲ ބުން ޖުބައިރު ރަޟިޔަﷲ ޢަންހު އެވެ.
30- އުޙުދު ހަނގުރާމައިގައި މުސްލިމުން ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ސަބަބު ބުނެލަމާ!
× ރުމާތުން ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަމުރުފުޅާ ޚިލާފުވުމުންނެވެ.
31- އުޙުދު ހަނގުރާމައިން ލިބޭ 3 ޢިބްރަތެއް ލިސްކޮށްލަމާ!
× އެއްބައިވަންތަ ވެގެންނޫނީ ކާމިޔާބު ޙާޞިލު ނުވާނެ ކަން.
× މަޝްވަރާ ކުރުމުގެ މުހިންމުކަން.
× ކިޔަމަންގަތުމުގެ މުހިންމުކަން.
No comments:
Post a Comment