ވާހަކަ : ވަކިވެދިއުން

 

ވަކިވެދިއުން

ދުވާލުގެ ބުރަ މަސައްކަތަށްފަހު އަރާމުކޮށްލަން އޮށޯތީ ދިރިއުޅުމުގައި ދިމާވާ ދަތިއުނދަގޫތަކާމެދު ނުވިސްނާ، ލޮޑުވެފައިވާ ސިކުނޑި ތާޒާކޮށްލުމުގެ މަތިވެރި މަޤްޞަދުގައެވެ. ނަމަވެސް އަހަރެން އެ ޚިޔާލުތަކާ ދުރަށް ދިއުމަށް ކިތަންމެ ބޭނުންވި ނަމަވެސް، ވަރުބަލިވެފައިވި ސިކުނޑި ތެރޭގައި އެނބުރިގަތީ މަޟީގެ ހިތި ހަނދާނީ ޞަފްޙާތަކެވެ. ލޯބިވާ މީހަކު ޙަޔާތުން ވަކިވެގެން ދިއުމަކީ އިންސާނަކަށް ކުރިމަތިވާނޭ އެންމެ ބޮޑު އެއް ހިތާމައެވެ.

އެއީ މީގެ 25 އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 12 އަހަރެވެ. ފުދުންތެރި ތަނަވަސް ޢާއިލާއަކަށް ނިސްބަތްނުވި ނަމަވެސް އަހަރެންގެ ބައްޕައަކީ މީހުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ، ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން ދިޔަ މީހެކެވެ. ނަމަވެސް ބައްޕަ ވަޒީފާ އަދާކުރަމުން ދިޔައީ ޢާއިލާއާ ވަރަށް ދުރުގައެވެ. ކިތަންމެ ދުރުގައި ހުރެގެން މަސައްކަތްކުރަމުން ދިޔަ ނަމަވެސް ބައްޕަ ދިޔައީ، އޭނާގެ ދަރިންނަށްޓަކައި ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އޭނާގެ ދަރިންގެ އިބްތިދާއީ ތަޢުލީމު ނިމި ސާނަވީ ތަޢުލީމީ މަރުޙަލާއާ ހަމައަށް ދާންވާއިރަށް މުޅި ޢާއިލާ މާލެ ބަދަލުކުރުމުގެ ފޮނި ހުވަފެނެވެ.

ދުވަސްތައް ފާއިތުވެ މަޟީއާ އެކުވެގެން ދިޔައީ ނުހަނު ހަލުވި ދުވެލީގައެވެ. އެންމެ ލޯބިވާ ފަސްގަނޑު، ދޫކޮށް މާލެ ބަދަލުވާ ވަގުތު މިވަނީ ކުޑަތަންވެފައެވެ. ރަށުގެ ހިތްގައިމު ހަމަހިމޭން މާހައުލު ދޫކޮށް ދާންމިއުޅެނީ ވަރަށް ކާރޫބާރުބޮޑު ހަލަބޮލި މާހައުލަކަށް ކަން ޢާއިލާ މީހުންނާއި އެކުވެރި މިތުރުން ދިޔައީ ވިސްނައިދެމުންނެވެ. ނަމަވެސް ބައްޕަގެ ހުވަފެނުގައި ކުލަޖައްސައި ޙަޤީޤަތަކަށް ހެދުމަށް ބައްޕަ ނުހަނު ބޭނުންވެއެވެ. އަހަރެންގެ ވެސް ހުވަފެނަކަށް ވީ ބައްޕަގެ ހުވަފެން ޙަޤީޤަތަކަށް ހަދައި ކުލަޖެއްސުމެވެ. އެކަމުގެ ޔަޤީންކަން އަހަރެން ބައްޕައަށް ދިނީމެވެ.

މާލެ ބަދަލުވިތާ މަސްތަކެއް ފާއިތުވެ ހިނގައްޖެއެވެ. ރަށު މަދަރުސާއިން ދަސްވެފައިވާ އެއްޗެއްގެ އެތައް ގުނައެއް އިތުރަށް މަދު ދުވަސްތަކެއްގެ ތެރޭގައި އަހަރުމެންނަށް ދަސްވެއްޖެއެވެ. އަހަންނާއި އަހަރެންގެ ކޮއްކޮ ހޯދަމުންދާ ކުރިއެރުމާއި ކާމިޔާބީއަކީ އަހަރެންގެ މަންމަ އާއި ބައްޕަ އުފާކުރާ އެއްކަމެވެ. މާލެއަކީ ބައްޕަ ދަންނަ މީހުން ގިނަ ރަށެކެވެ. ސްކޫލުން ގެއަށް އަންނަ މަގުމަތީގައި މަދުން ނަމަވެސް ބައްޕަގެ ރައްޓެހިންނާ ބައްދަލުވެއެވެ. އެއިން މީހަކާ ބައްދަލުވެ ދެކެވޭ ވާހަކައިގެ ތެރޭގައި ވެސް އެމީހުން ދައްކަނީ ބައްޕަގެ ހިތްހެޔޮ ވާހަކައެވެ. ބައްޕަގެ ހިތްވަރު ގަދަކަމާއި ރިވެތި އަޚްލާޤުގެ ވާހަކައެވެ. ބައްޕަގެ ދަރިންނަށްޓަކައި ކުރާ އުންމީދުތަކުގެ ވާހަކައެވެ. ދަރިންނަށްޓަކައި އެ ބައްޕަ ވަމުންދާ ޤުރުބާނީގެ މަތިވެރި ވާހަކައެވެ. މިފަދަ ވާހަކަތައް އަޑުއިވޭ ކޮންމެ ފަހަރަކު، ބައްޕަ ފަދައިން އަހަރެންނަކީ ވެސް ރިވެތި އަޚުލާޤުގެ ވެރި ހަރުދަނާ ޒިންމާދާރު މީހަކަށް ވުމަށް ބޭނުންވެއެވެ. އަދި އެކަމަށް އެދި މަތިވެރި ﷲ ގެ ޙަޟްރަތަށް ދުޢާ ކުރެވެއެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަންނާއި އަހަރެންގެ ކޮއްކޮ ފިލާވަޅު ދަސްކުރުމުގައި އަވަދިނެތި އުޅެމުން ދިޔަ ވަގުތެވެ. ބަލިކަށި އަޑަކުން ބައްޕަ މަންމައަށް ގޮވާލި އަޑު އިވުމުން އަހަރެންގެ ހިތަށް ބުނަން ނޭނގޭ ކަހަލަ އިޙްސާސްތަކެއް ކުރެވުނެވެ. އެހެންކަމުން މަންމައާ އެކީ ބައްޕަގެ ގާތަށް އަހަރެން ވެސް ދިޔައީމެވެ. ބައްޕަގެ ހަށިގަނޑު އާދަޔާ ޚިލާފަށް ހޫނެވެ. ދެ ލޯވެސް ވަނީ ދުޅަވެ ރިނދޫ ވެފައެވެ. ވެގެން އުޅޭ ގޮތެއް ރަނގަޅަށް ނޭނގުނަސް ބޮޑު ކަމެއް ދިމާ ވެގެން އުޅޭކަން މަންމަގެ ޙަރަކާތްތަކުން ދޭހަވެއެވެ. މަންމަ ތައްޔާރުވަމުން ދިޔައީ ބައްޕަ ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށެވެ. ބައްޕައަށް ކަމެއް ވެއްޖެއްޔާ އަހަރެން ވަރަށް ދެރަވާނެއެވެ. ބައްޕަ ހެޔޮ ޙާލުގައި ލެއްވުން އެދި ޚާލިޤުވަންތަ ﷲ ގެ ޙަޟްރަތަށް ދުޢާކުރީމެވެ. މަންމައާއި މާމައަށް ކެތްތެރިކަން ދެއްވައި ހިތްވަރު ދެއްވުމަށް އެދި ވެސް ދުޢާކުރީމެވެ. މަންމަ މެންނާ އެކު ހޮސްޕިޓަލަށް ދާން އަހަރެން ވެސް ބޭނުންވިއެވެ. ނަމަވެސް އެރޭ އަހަންނާއި އަހަރެންގެ ކޮއްކޮ މަޑުކުރަން ޖެހުނީ ބައްޕަގެ ރައްޓެއްސެއްގެ ގޭގައެވެ.

އާދުވަހަކަށް އިރު އެރީ ހިތާމައިގެ ސާލެއް ލައްވަމުންނެވެ. ބައްޕަ ތައްޔާރުވަމުން ދިޔައީ ރާއްޖެއިން ބޭރަށް ދިއުމަށެވެ. ބައްޕަ ފުރަން ދިޔުމުގެ ކުރިން އަހަރުމެންގެ ގާތަށް އައެވެ. އަދި ބައްޕަ އަހަރެމެން ދެބެއިންގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. ބައްޕަ އަހަރެންގެ ގައިގައި ބައްދާލުމުން ލިބުނު އުފަލާ އެއްވަރަށް ބުނަން ނޭނގޭފަދަ ވޭންތަކެއް ވެސް އިޙްސާސްވަމުން ދިޔައެވެ. މި ބެއްދުން މިއީ ވަދާޢީ ބެއްދުމަށް ނުވެދާނެ ހެއްޔޭ ހިތަށް އަރަމުން ދިޔައެވެ. އެ އިޙްސާސްތައް އެއްފަރާތްކޮށް އަހަރެންގެ ހިތް މަސަލަސް ކުރެވޭތޯ މަސައްކަތްކޮށް ބައްޕަގެ ގައިގައި ބާރަށް ބައްދާލީމެވެ. ނަމަވެސް އެވަގުތު އަހަރެންނާއި އަހަރެންގެ ކޮއްކޮ ގާތު ބައްޕަ ބުނީ ތިން ވާހަކައެކެވެ. "ދަރިފުޅުމެންނޭ! ބައްޕަ ދަރިފުޅުމެން ދެކެ ވަރަށް ލޯބިވޭ. ބައްޕަ ނެތަސް މަންމަގެ ބަސްއަހާތި. އަދި ކިޔަވައިގެން މޮޅުވެގެން ޒިންމާއަދާކުރާ ދެ ކުދިން ކަމުގައިވާތި." މިހެންނެވެ. އެއީ ބައްޕަގެ އެންމެ ބޮޑު ހުވަފެނެވެ. ބައްޕަގެ އުއްމީދެވެ. 

ބައްޕަ ރާއްޖެއިން ބެރަށް ދިޔަތާ ހަފުތާއެއްވީއެވެ. އެ ދުވަހު ގޭގެ އެއްވެސް މީހެއްގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރެއް ނުފެނެއެވެ. ކޮންމެވެސް ކަމެއް ވެގެން އުޅޭކަން ޔަގީން ވިއެވެ. ބައްޕަ ކުއްލިގޮތަކަށް ރާއްޖޭން ބޭރަށް އެދިޔައީ ބައްޕަގެ ކިޑުނީއާއި ގޯލްޑު ބުލަޑާގައި ހިލަ ހުރުމުން، އެ ހިލަތައް ނެގުމަށެވެ.  "އަނެއްކާ ބައްޕައަށް ކަމެއް ވީބާ! ނާސްތާކުރުމެއް ވެސް ނެތް. އެންމެން ބަސް ހުއްޓިފައި."

އަހަރެން ސިކުނޑީގެ ތެރޭގައި ބިރުވެރި ޚިޔާލުތަކެއް އުފެދެމުން ދިޔައެވެ. އެ ޚިޔާލުން އަހަރެންނަށް ނިކުމެވުނީ މާމަ ގޮވާލި އަޑަށެވެ. މާމަ އަހަރުމެން ދެބެއިންނަށް ވިސްނާ ދިނެވެ. "ދަރިފުޅު މެންނަށް އިނގޭތަ؟ ކޮންމެ އިންސާނަކަށް ވެސް ދުނިޔޭގައި ހުރެވޭނީ އެމީހަކަށް ކަނޑައެޅިފައިވާ ވަގުތާ ހަމައަށް. އެހިސާބުން ޖެހޭނީ ދާން. އެގޮތުން ބައްޕައަށް ވެސް މި ދުނިޔޭގައި ހުރުމަށް ލިބިފައިވާ ވަގުތު ހަމަވެއްޖެ. ބައްޕަގެ އޮޕަރޭޝަންތެރޭގައި ނާރެއް ބުރިވެ ލޭމަނާނުވުމުގެ ސަބަބުން އަބަދުގެ އަބަދަށް އަހަރުމެންނާ ވަކިވެއްޖެ. އަވަހަށް ފުރަންދާން ތައްޔާރުވާށެވެ!"

ކޮންފަދަ ހިތްދަތި ކަމެއް ހެއްޔެވެ. އަބަދުގެ އަބަދަށް އަހަރުމެންނާ ވަކިވެގެން އެ ދިޔައީ، ޢާއިލާގެ އެންމެ މުހިއްމު މީހާއެވެ. މުޅި ޢާއިލާ އެމީހަކަށް ބަރޯސާވާ މީހާއެވެ. އަހަރުމެންގެ ދިރިއުޅުމަށް ލޮޅުންއެރިއެވެ. ދެކެމުންދިޔަ ފޮނި ހުވަފެން އޮޔާ ދިޔަކަހަލައެވެ.

އޭގެފަހުން 15 އަހަރުވެގެން ދިޔައީއެވެ. ނަމަވެސް އެ ހަނދާންތަކާއި ޚިޔާލުތަކާ ދުރަކަށް ނުދެވެއެވެ. އަހަރެންގެ ދެ އަހަރުގެ ފިރިހެން ދަރިފުޅު ބައްޕާއޭ ކިޔާ ގޮވާލިއަޑަށް ޚިޔާލީ ދުނިޔެއިން ނިކުމެވުނެވެ. އަދި ވަރުބަލިވެފައިވާކަން ހަނދާން ނައްތާލުމަށްފަހު ލޯބިލޯބި ޔޫސުފް އުރާލީމެވެ. މިއަދު ބައްޕައެއް ނެތެވެ. ނަމަވެސް ބައްޕަގެ ހުވަފެނުގައި ވަނީ ކުލަޖެހިފައެވެ. އަދި ބައްޕަ ފަދަ ޒިންމާދާރު ދަރިއަކަށާއި، ފިރިއަކަށާއި، ބޭބެއަކަށާއި، ބައްޕައަކަށް ވުމަށް އަހަރެން ދަނީ މަސައްކަތްކުރަމުންނެވެ. ބައްޕަ ހުރިނަމަ ހާދހާ އުފާވާނެއޭ އަހަރެންގެ ހިތަށް އަރައެވެ. 

No comments: