އުފެއްދުންތެރި ލިޔުން: އިރު އޭގެ އަމިއްލަ ޒާތުގެ ދުލުން

އިރު އޭގެ އަމިއްލަ ޒާތުގެ ދުލުން


 

     ދުނިޔޭގެ ނިޒާމުގެ ހަރުދަނާކަން ދެމެހެއްޓުމަށްޓަކައި އަހަރެންނަކީ ވަރަށް ގިނަގުނަ މަސްއޫލިއްޔަތުތަކެއް ކޮނޑުގައި އަޅައިގެން ޒިއްމާދާރުކަމާއެކު އަދާކުރަމުންދާ މަޚްލޫޤަކީމެވެ. ޚާލިޤުވަންތަ ﷲ އަހަރެން ހައްދަވައި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށް މަދަދާއި އެހީތެރިކަން ލިބޭނޭ ފަދަޔަކުން އަހަރެން ލެއްވި އެވެ. އަހަރެންނަކީ އަހަރެންގެ އަމިއްލަ މޮޅުކަމުން އެއްވެސް ކަމެއް ބަޔަކަށް ފުއްދައި ދެވިދާނެ މަޚްލޫޤަކީމެއް ނޫނީމެވެ. އަހަރެންނަށް ދެއްވާފައިވާ ހުރިހާ އާރެއް ބާރެއް ދެއްވެވީ ކުޅަދުންވަންތަ ﷲ އެވެ.

     އޭ އަހަރެންގެ އެހީތެރިަކަން ލިބިގަންނަ ހަމައެކަނި ބަސްމޮށުންތެރިކަން ދެއްވާފައިވާ އިންސާނުންނޭވެ! ތިބާއަށް ރޭދުވާ ވަކިކޮށް އެނގެނީ އަހަރެންގެ ސަބަބުންނެވެ. އަހަރެންގެ ވަށައިގެން ދައުރުވަމުން ދައުރާނަވަމުން ތިބާހުންގެ ދުނިޔެ އެނބުރެމުންދާ ހިނދު އެދަނީ ބައެއް ފަހަރަށް އަހަރެންގެ ދޯދިތަކުން ހީފިލުވަމުންނެވެ. އަނެއްބައި ފަހަރަށް އަހަރެން ގެއްލުމުގެ ސަބަބުން ނާމާން ކަނު އަނދިރީތެރޭގައި ހީކަރުވަމުންނެވެ. އެހެންނަމަވެސް ދަންނަވަންތޯއެވެ. އަހަރެން އެންމެ ހިނދުކޮޅަކަށް ވެސް ދުނިޔެއާއި ވަތްކެއް ނުވަމެވެ. އެއްބަޔަކަށް ނުފެންނަ ވަގުތު އަނެއް ބަޔަކަށް ފެންނަން ހުންނަމެވެ.

     އޭ އަހަރެންގެ އެހީތެރިަކަން ލިބިގަންނަ ހަމައެކަނި ބަސްމޮށުންތެރިކަން ދެއްވާފައިވާ އިންސާނުންނޭވެ! އަހަރެންގެ ސަބަބުން ދުނިޔޭގެ ދިޔަވަރު ހިކުމާއި ބޮޑުވުން ވާކަން ތިބާ އިޙްސާސް ކުރަންހެއްޔެވެ؟ އެ ވާޖިބު އަދާކުރަނީ ސީދާ އަހަރެން ކަމަށް ނުވިޔަސް އަހަރެންގެ އަލިން ޒީނަތްތެރިވެގެން ހަނދު އެ ވާޖިބު އަދާކޮށްދޭ އެހެންނޫންތޯއެވެ؟ ހަނދަށް އެ އަލިކަން އަހަރެން ނުދިންނަމަ އަޅެފަހެ ދުނިޔޭގެ ދިޔަވަރަށް އެ ބަދަލު އައީސް ހެއްޔެވެ؟ ނާންނާނެކަން އެނގެންވާނެއެވެ. މިވާހަކަ އަހަރެން މިދެންނެވީ ހަމަ މަޖާޒީ ގޮތެއްގައެވެ. ކައުނުގައި ވާހަކަތަކެއްޗެއްގެ ނިޒާމު ލެއްވެވި ޚާލިޤަކު ވާކަމަށް ހެކިވެ އީމާންވާ ޙާލުގައެވެ.

     އޭ އަހަރެންގެ އެހީތެރިަކަން ލިބިގަންނަ ހަމައެކަނި ބަސްމޮށުންތެރިކަން ދެއްވާފައިވާ އިންސާނުންނޭވެ! ތިބާހުންގެ ބިމުގައި ހެދިބޮޑުވާ ބިންވަރުނައަށް ތާޒާކަމާއި އާރޯކަމާއި ފެހިކަން ގެނެސްދެނީ ކޮންފަރާތެއްގެ ސަބަބުންކަން ތަޞައްވަރު ކުރެވޭ ހެއްޔެވެ؟ އެ މަޤާމަވެސް އަދާކުރަނީ އަހަރެންނީމެވެ. އަހަރެންގެ ދޯދިތަކުގެ ޒަރީޢާއިންނެވެ. އަހަރެން ނުވާނަމަ އެ ފެހިކަމާއި އެ ތާރޯތާޒާކަން އެ ގަސްގަހާ ގެއްސަށް ލިބޭކަށް ނޯންނާނެއެވެ. މިއީ ތިބާ ވިސްނާލަން ޖެހޭ ކަމެއްކަން ކަށަވަރެވެ. މިކަންކަން އަހަރެންނަށް ކުރުވެނީވެސް އަހަރެން ހެއްދެވި ﷲ އަހަރެންނަށް ދެއްވި ކުޅަދާނަކަމުގެ ބޭނުން ކޮށްގެންނެވެ.

     އޭ އަހަރެންގެ އެހީތެރިަކަން ލިބިގަންނަ ހަމައެކަނި ބަސްމޮށުންތެރިކަން ދެއްވާފައިވާ އިންސާނުންނޭވެ! ދުނިޔޭގެ ސަތޭކަ ސާޅީސް ނުވައެއް ޕޮއިންޓު ހައެއް މިލިޔަން ކިލޯ މީޓަރުގެ ދުރުމިނުގައި އަހަރެން އުޅެމުންދަނީ ދުނިޔެދެކެ އަހަރެން ލޯބި ނުވާތީއެއް ނޫނެވެ. ދުނިޔެއަށް ފޫހީވާތީއެއް ނޫނެވެ. ހަމަ ޙަޤީޤަތުގައި ވެސް ދުނިޔެއާއި ދުނިޔޭގައި ވާހައި ތަކެއްޗަކަށް ހުރި ލޯތްބެއްގެ ބޮޑުކަމުންނެވެ. އަހަރެން އެންމެ ތަންފުކެއް ވެސް ދުނިޔެއާއި ކާރި ވެއްޖެނަމަ ދުނިޔެ އަނދައި ހުލިވެގެން ހިނގައިދާނެއެވެ. އަދި އެންމެ ތަންފުކެއް ވެސް ދުރަށް ޖެހިލައިފިނަމަ ދުނިޔެ ފިނިކަމުން ދުނިޔޭގައި ދިރިހުރި އެއްވެސް މަޚްލޫޤަކަށް ނުއުޅެވޭނެއެވެ. މިއީވެސް ތިބާހުންގެ ވިސްނުމުގައި ބަހައްޓަން ޖެހޭނެ ކަމެއްކަން ކަށަވަރެވެ.

     އޭ އަހަރެންގެ އެހީތެރިަކަން ލިބިގަންނަ ހަމައެކަނި ބަސްމޮށުންތެރިކަން ދެއްވާފައިވާ އިންސާނުންނޭވެ! ތިބާ ނޭވާލުމަށްޓަކައި ބޭނުންވާ ވަޔާއި އެހެންތަކެއްޗަށް ވެސް ބޭނުންވާ ވައިގެ ތަފާތު ބަހާތައް ވުޖޫދުގައި ދެމިއޮތުމަށް މަގުފަހި ވެގެންދާނީ އަހަރެންގެ ސަބަބުންނެވެ. އަހަރެން އެ ޚިދުމަތް އަދާކުރަނީ ރާޅުތަކަށް ރޫޙު ދީގެންނެވެ. ޖައްވީ ޙާލަތްތަކަށް ބަދަލުތަކެއް ގެނެސްގެންނެވެ. މިއީވެސް ތިބާހުންގެ ޚިދުމަތުގައި އަހަރެން އަދާކުރަމުންދާ މަސްއޫލިއްޔަތެއްކަން ކަށަވަރެވެ.

     އޭ އަހަރެންގެ އެހީތެރިަކަން ލިބިގަންނަ ހަމައެކަނި ބަސްމޮށުންތެރިކަން ދެއްވާފައިވާ އިންސާނުންނޭވެ! ގަސްގަހާގެއްސަށާއި ޖަނަވާރުތަކަށާއި ޖަމާދާތުތަކަށާއި ނަބާތާތުތަކަށް އަދި ޚާއްޞަކޮށް އިންސާނުންނަށް ޟަރޫރީގޮތުން ބޭނުންވާ ފެން ތިބާހުންނަށް ވާޞިލު ކޮށްދިނުމުގެ ޒިއްމާ ވެސް އަހަރެން އެބަ އަދާކުރަމެވެ. އެއީވެސް އަހަރެންގެ ހޫނުން ކަނޑާއި ކޯރުތަކަށް ހޫނުކަން ދިނުމުން ޖައްވަށް އަރައިގެންދާ އާތްވެއްގެ އެހީގައި ވިލާތައް އުފެދި ފެންބަރުކައިގެން އޮހެމުންދާ ވާރޭގެ ސަބަބުން ލިބޭ ފެނެއް ނޫންތޯޢެވެ؟ މިކަންވެސް ތިބާ ދަންނަންވާނެއެވެ.

     އޭ އަހަރެންގެ އެހީތެރިަކަން ލިބިގަންނަ ހަމައެކަނި ބަސްމޮށުންތެރިކަން ދެއްވާފައިވާ އިންސާނުންނޭވެ! އަހަރެންނަކީ މިނޫންވެސް ކިތަންމެ ކިތަންމެ ރޮނގަކުން ދުނިޔޭގެ ދިރިއޮތުމާ ގުޅިފައިވާ ވަރަށް ބޮޑު ޕްލެނެޓެކެވެ. ޑައިމީޓާރުގައި 864،938 މޭލުގެ ބިޔަ ޕްލެނެޓެކެވެ. ހޫނު ޕްލެނެޓެކެވެ. އަހަރެން ހެއްދެވި ކުޅަދުންވަންތަ އިލާހަށް ޙަމްދާއި ޝުކުރުކޮށް އެ އިލާހު ދެއްވި ނިޢުމަތުން ކުޑަހިނދުކޮޅަކަށް ވެސް ޣާފިލު ނުވަމެވެ. ތިބާހުން ވެސް ތިބާހުންނާ ހަވާލުކުރެވިފައިވާ މަތިވެރި އަމާނާތާއެކު ހިންދެމިލާށެވެ. ﷲ އަށް ބިރުވެތިވެ ތަޟައްރުޢުވެރިވާށެވެ.


No comments: