Featured Post

Ombey

އިރުޝާދުދޭ ލިޔުން: ނަމާދުކުރާނެގޮތް

 

 ނަމާދުކުރާނެގޮތް

ނަމާދަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އަޅުކަމެވެ. އެއީ  ކާފިރުންނާއި މުސްލިމުން ފަރަގުކޮށްދޭ ކަމެކެވެ. މިއަޅުކަން ނުކޮށްހުރެގެން ކުރާ އެއްވެސް ޢަމަލެއް ރަނގަޅު އަޅުކަމެއް ކަމަށް ނުބެލެވެއެވެ. ޤިޔާމަތް ދުވަހުގައި އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ ނަމާދާ ބެހޭގޮތުންނެވެ. ނަމާދުގެ ހިސާބުން ފާސްވެއްޖެ މީހާގެ އެހެން ހުރިހާ ކަމެއް ރަނގަޅުވެދެއެވެ. ސުވަރުގެ ލިބިދެއެވެ. ނަމާދުގެ ހިސާބުން ފޭލްވާ މީހާގެ އެހެން އެއްވެސް ޢަމަލެއް ގަބޫލުނުކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން ނަރަކައަށް ދާންޖެހެއެވެ. އެހެންކަމުން ފުރިހަމަގޮތުގައި ނަމާދުކުރާނެގޮތް ދެނެގަތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވާ އަޅުކަމެކެވެ.

ނަމާދުކުރުމަށްޓަކައި އެންމެފުރަތަމަ އައުރަނިވާކުރާށެވެ! އަންހެނާގެ އައުރަޔަކީ ދެ އަތްތިލައާއި މޫނު ފިޔަވައި ހުރިހާ ތަނެކެވެ. ފިރިހެނާގެ އައުރަޔަކީ ފޫޅާއި ކަކުލާއި ދެމެދެވެ. ނަމަވެސް ދެ ފޮށާއަށްވުރެ ގިނަ ފޮށާ ލިބިފައިވާ މީހެއްނަމަ ކޮނޑު ނިވާކުރުން އައުލާކަން ބޮޑުވެގެންވެއެވެ.

އެއަށްފަހު ޤިބްލައަށް ކުރިމަތިލާށެވެ! މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ ۗ. މާނައީ: ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!

ދެން ކުޅަދާނަވެގެންވާނަމަ ނަމާދަށް ކޮޅަށް ހުންނާށެވެ! رسول الله صلى الله عليه وسلم قال: صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ. މާނައީ: ކޮޅަށް ހުރެގެން ނަމާދުކުރާށެވެ! ފަހެ ކޮޅަށް ހުރުމަށް ތިބާއަށް ކުޅަދާނަވެގެންނުވާނަމަ އިށީނދެ އިނދެގެން ނަމާދުކުރާށެވެ! ފަހެ އިށީނދެ އިނުމަށް ތިބާއަށް ކުޅަދާނަވެގެންނުވާނަމަ އެއްއަރިމައްޗަށް އޮށޯވެއޮވެގެން ނަމާދުކުރާށެވެ!

އޭގެފަހުން ނަމާދަށް ނިޔަތްގަންނާށެވެ! ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. إِنَّمَا الأَعْمَالُ بِالنِّيَّاتِ މާނައީ: ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. ނިޔަތުގެ މަހައްލަކީ ހިތެވެ. އެހެންކަމުން ނަމާދުކުރަން ހިތަށް އަރުވާށެވެ!

އެއަށްފަހު ހަށަންބަންތަކުބީރު ކިޔާށެވެ! (ހަށަންބަންތަކުބީރު الله أكبر ﷲ އޭ އެންމެ ބޮޑީ.) ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. رسول الله صلى الله عليه وسلم قال: مفتاح الصلاة الطهور وتحريمها التكبير وتحليلها التسليم. މާނައީ: ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. އަދި (ކެއިން ބުއިންފަދަ ކަންތައް) ނަމާދު ތެރޭގައި ކުރުން ޙަރާމްކޮށްދެނީ ތަކުބީރެވެ. އަދި ނަމާދުން ބޭރުގައި (އެކަންތައް) ޙަލާލުކޮށްދެނީ ސަލާމެވެ.

ދެން އެއަށްފަހު ދުޢާއުލް އިސްތިފްތާހް ކިޔާށެވެ!  سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ. މާނައީ: އިބަ އިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. އިބަ އިލާހަށް ޙަމްދު ހުއްޓެވެ. އިބަ އިލާހުގެ އިސްމުފުޅުތައް ބަރަކާތްތެރިވެގެންވެއެވެ. އިބަ އިލާހު ފިޔަވައި އިލާހަކު ނުވެއެވެ. ދުޢާއުލް އިސްތިފްތާހް  ނިމުމުން އަޢޫޛު ބިސްމި ކިޔުމަށްފަހު ފާތިޙާ ސޫތަރް ކިޔަވާށެވެ! ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. لا صلاة لمن لم يقرأ بفاتحة الكتاب, (متفق علىيه)  މާނައީ: ފާތިޙާ ސޫރަތް ނުކިޔަވައިފި މީހާއަށް ނަމާދެއް ނުވެއެވެ. މުރާދަކީ އެމީހާގެ ނަމާދު ޞައްޙައެއް ނުވާނެއެވެ. ފާތިޙާ ސޫރަތް ކިޔަވާ ނިމުމުން އާމީން ކިޔާށެވެ! ބާރަށް ކިޔަވާ ނަމާދާއި ސިއްރުން ކިޔަވާ ނަމާދުގައި ވެސް ފާތިޙާ ސޫރަތަށްފަހު އާމީން ކިޔުމަށް ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދުދެއްވާފައެވެ. އެއަށްފަހު ޤުރުއާނުން އެމީހަކަށް ފަސޭހަވި މިންވަރެއް ކިޔަވާށެވެ!

އެއަށްފަހު ތަކުބީރުކިޔައި ރުކޫޢަށް ދާށެވެ! އަދި ރުކޫޢުގައި ހަމަޖެހިލާށެވެ! އެއަށްފަހު ރުކޫޢުގައި ކިޔާ ތަސްބީޙަ ކިޔާށެވެ! (ރުކޫޢުގައި ކިޔާ ތަސްބީޙް: سُبْحَانَ رَبِّيَ الْعَظِيْمِ ތިންފަހަރު، މާނައީ: އަޅުގެ ވެރި ކީރިތިވަންތަ ﷲ ގެ ހުސްޠާހިރު ވަންތަ ކަމާއެވެ.) މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا  މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ركوع ކޮށް، سجدة ކުރާށެވެ!

އޭގެފަހުން سَمِعَ اللهُ لِمَنْ حَمِدَهُ (މާނައީ: ﷲ އަށް ޙަމްދުކުރާ މީހުންގެ އަޑު އެކަލާނގެ އަށް އިވިވޮޑިގެންވެއެވެ.) ކިޔައި އިޢްތިދާލަށް ތެދުވާށެވެ! އަދި އިޢްތިދާލުގައި ހަމަޖެހިލާށެވެ! އެއަށްފަހު އިޢްތިދާލުގައި ކިޔާ ދުޢާ ކިޔާށެވެ! رَبَّنَا وَلَكَ الْحَمْدُ ، حَمْداً كَثِيْراً طَيِّباً مُبَارَكاً فِيْهِ  މާނައީ: އަޅަމެންގެ ވެރި ރައްބު، ގިނަގުނަ، ބަރަކާތްތެރި އެއްމެހައި ހަމްދެއް ހުރީ އިބައިލާހަށެވެ.

އެއަށްފަހު ސަޖިދައަށް ދާށެވެ! އަދި ސަޖިދާގައި ހަމަޖެހިލާށެވެ! އެއަށްފަހު ސަޖިދާގައި ކިޔާ ދުޢާ ކިޔާށެވެ! (سُبْحَانَ رَبِّيَ الْأَعْلَى  (ތިން ފަހަރު) މާނައީ: އަޅުގެވެރި އެއްމެ މަތިވެރިވަންތަ އިލާހުގެ ހުސްޠޯހިރު ވަންތަ ކަމާއެވެ.) މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا  މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ركوع ކޮށް، سجدة ކުރާށެވެ! ސަޖިދާގައި އޮންނާނީ ހަތް ގުނަވަނެއްގެ މަތީގައެވެ. عن عبدالله بن عباس رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ.  أن النبي صلى الله عليه وسلم قال: ((أمرت أن أسجد على سبعة أعظُمٍ: على الجبهة وأشار بيده على أنفه، واليدين، والركبتين، وأطراف القدمين، ولا نكفت الثياب والشعر)) متفق عليه. މާނައީ: ހަތް ގުނަވަނެއްގެ މައްޗަށް ސަޖިދަ ކުރެއްވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވުނެވެ. އެއީ ނިތްކުރި ނޭފަތާއި، ދެ އަތް ތިލައިގެ ބަނޑުފުށާއި، ދެ ކަކުލާއި، ދެ ފައިތިލައިގެ އިނގިލީގެ ބަނޑުފުށުގެ މައްޗަށެވެ. އަދިސަޖިދާގައި ހެނދުން ބޮނޑި ނުކުރެއްވުމަށާއި އިސްތަށި ބޮނޑި ނުކުރެއްވުމަށް ވެސް އަމުރުކުރެއްވުނެވެ.

އެއަށްފަހު ތަކްބީރުކިޔައި ދެސަޖިދަ ދެމެދު އިށީންނާށެވެ! އަދި ދެސަޖިދަ ދެމެދު ހަމަޖެހިލާށެވެ! އެއަށްފަހު ދެސަޖިދަ ދެމެދު ކިޔާ ދުޢާ ކިޔާށެވެ! (رب اغفر لي ، رب اغفر لي " މާނައީ: މިއަޅާގެ ފާފަ ފުއްސަވާފާންދޭވެ. މިއަޅާގެ ފާފަ ފުއްސަވާފާންދޭވެ.) އެއަށްފަހު ތަކްބީރުކިޔައި ދެވަނަ ސަޖިދައަށް ދާށެވެ! މި ސަޖިދަ ކުރާނީ ފުރަތަމަ ސަޖިދަ ކުރި ގޮތަށެވެ. ސަޖިދަ ނިމުމުން ތަކްބީރު ކިޔައި ދެވަނަ ރަކްޢަތަށް ތެދުވާށެވެ! ދެވަނަ ރަކްޢަތް ވެސް ކުރާނީ ފުރަތަމަ ރަކްޢާތާ އެއްގޮތަށެވެ.   ދެވަނަ ރަކްޢަތުގެ ދެވަނަ ސަޖިދައަށްފަހު ދެ ރަކްޢަތް ނަމާދެއް ނަމަ ފަހު އައްތަޙިއްޔާތަށް އިށީންނާށެވެ! ހަތަރު ރަކްޢަތް ނުވަތަ ތިން ރަކްޢަތް ނަމާދެއް ނަމަ އިށީންނާނީ ފުރަތަމަ އައްތަޙިއްޔާތަށެވެ. އައްތަޙިއްޔާތު ނިމުމުން ސަލާމްދޭށެވެ! ސަލާމްދިނުމަށް ކިޔާނީ السّلام عليكم ورحمة الله وبركاته  މިފަދައިންނެވެ.   

މިހިސާބުން  ނަމާދުކޮށް ނިމުނީ އެވެ. ސަލާމް ދިނުމަށްފަހު ވެސް ކިޔުން ވާރިދުވެފައިވާ ދުޢާތައް ވެއެވެ. އެހެންކަމުން އެންމެ ފަހުކަމެއްގެ ގޮތުން މި ދުއާތައް ކިޔާށެވެ! ދުޢާކުރުމަކީ ﷲގެ ޙަޟްރަތުގއި މީހާގެ ދަރަޖަ އުފުލިގެންދާނެ މަތިވެރި އަޅުކަމެކެވެ. އަދި މީހާގެ ދެދުނިޔޭގެ ޙާޔާތް ކާމިޔާބުކުރުމަށްޓަކއި ހުޅުވިގެންދާ ދޮރެކެވެ. ވީމާ ކޮންމެ މުސްލިމަކު ވެސް ބަރާބަރަށް ނާމާދު ކުރުމަށާއި، ނާމާދުގެ ފަހުން ކިޔުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވި ދުޢާތައް ކިޔުމަށް އާދަކުރަމާ ހިނގާށެވެ!  

No comments: