ވާހަކަ: ކޮތަޅެއް ބޭނުން؟

ކޮތަޅެއް ބޭނުން؟

         ޢީދު ޕާޓީއަށް ބޭނުންވާ އެއްޗެހި ގަންނަން އާރްޔާ ބާޒާރަށް ދިޔައީ އޭނާގެ ތިއްތިބެއާއި ދޮންބެއާ އެކުގައެވެ. ދޮންބެ ފިހާރައަށް ވަދެ ޓުރޮލީއެއް ނެގިއެވެ. ތިއްތިބެ ފާރު ޒީނަތްތެރިކުރަން ބޭނުންވާ އެއްޗެހި ފިހާރައިގެ ހަރުތަކުން ނަގާ ޓުރޯލީއަށް އެޅިއެވެ. އާރްޔާ ދިޔައީ މެޓާއާއި ޗޮކުލެޓު ހަރު ކައިރިއަށެވެ. ޙަލާލު ލޭބަލް ހުރިތޯ ބެލުމަށްފަހު ޗޮކުލެޓާއި މެޓާ ނެގިއެވެ. ދޮންބެ ދިޔައީ ޕާޓީއަށް ބޭނުންވާ ޖޫސް ނެގުމަށެވެ.

         ޕާޓީއަށް ބޭނުންވާ ހުރިހާ އެއްޗެއް ނެގުމަށްފަހު ތިން ކުދިން ފައިސާ ދައްކާ ކައުންޓަރަށް ދިޔައެވެ. ފިހާރައިގެ ސޭޓު ބޭބެ ހުރިހާ އެއްޗެއް ބަލައި ހިސާބުކުރުމަށް ފަހު ރުފިޔާ އެރި ވަރު ބުންޏެވެ. ދޮންބެ ވޮލެޓު ނެގުމަށް ފަހު ރުފިޔާ ދެއްކި އެވެ. ރުފިޔާ ދިނުމާއެކު ސޭޓު ބޭބެ ސުވާލު ކުރިއެވެ. "ކޮތަޅެއް ބޭނުން ހެއްޔެވެ؟" ތިން ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް ބުންޏެވެ. "ނޫން ބޭބޭ ... އަޅުގަނޑުމެން އައީ ކޮތަޅު ހިފައިގެން" އެވެ. ކިޔައި އެކުދިން ގެނައި ފޮތި ކޮތަޅުތައް ދިއްކޮށްލައިފައި އެއަށް ހުރިހާ އެއްޗެއް އަޅައިދިނުމަށް އެދުނެވެ. އާރްޔާ މެންގޭގެ ކޮންމެ ކުއްޖެއްގެ އަތުގައި ފޮތި ކޮތަޅެއް އޮވެއެވެ. ބާޒާރަށް ދާއިރު ކޮތަޅު ގެންދަން އެގޭ ހުރިހާ ކުދިން ވެސް ޚާއްޞަ ސަމާލުކަމެއް ދެއެވެ.

         އާރްޔާއާއި ދޮންބެއާ ތިއްތިބެ ގެއަށް ދާންވާއިރަށް  އާރްޔާގެ މަންމައާއި ބައްޕަ ޕާޓީ ހެދުން ތައްޔާރުކޮށް އިސްތިރިކުރިއެވެ. ތިއްތައާއި ހަސީބެ ޕިއްޒާއާއި ޗިޕުސް ތައްޔާރުކުރިއެވެ. ކުޑާއްތަ ޕާޓީ ކޭކު ތައްޔާރުކުރިއެވެ. މާމައާއި ކާފަ ޢީދު ހަދިޔާ ޕާރުސަލުކުރިއެވެ.

އާރްޔާގެ ޢާއިލާ އެންމެން ވެގެން ޕާޓީއަށް މުޅިގެ ތައްޔާރުކުރިއެވެ. ޕާޓީގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު އެއްވެސް އެއްޗެއް ބޭނުން ނުކުރެއެވެ. އެއީ ތިމާވެށްޓާ ރައްޓެހި ކުދިން އުޅޭ ގެއެކެވެ.



1 comment:

zeenath labeeb said...

ހުރިހާ ކުދިން ވެސް އާރްޔާ ގޭގެ ކުދިން ގޮތަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކުން ތިމާވެށި ސަލާމަތްކުރުމަށް މަސައްކަތްކުރަން އަތުގުޅާލަމާ!