Friday, March 20, 2020

ވާހަކަ: ފަޒީނާ


ފަޒީނާ



Image result for beautiful muslim lady in pencil drawing 


الله أكبر الله أكبر ... ބަންގީގެ އަޑަށް ފަޒީނާއަށް ހޭލެވުނެވެ. އޭރު ގޭގޭ އެހެން މީހުން ހޭލާ އުޅޭ ކަން ގޭތެރެއިން އިވެމުންދިޔަ އަޑުތަކުން އެނގެއެވެ. ފަޒީނާ ނަމާދުކޮށް ނިމުމަށްފަހު އެދުރު އާދަކާދައިގެ މަތިން ޤުރުއާން ކިޔަވަން އިނެވެ. ފަތިހު ފަސްގަޑި ބައިވުމުން އިލޮށިފަތި ހިފައިގެން ކުނިކަހަން ފަޒީނާ ނިކުތެވެ. މުޅި ރަށުތެރޭން އިވެމުން ދިޔައީ އެއް މިއުޒިކެކެވެ. އިލޮށިފަތީގެ މިއުޒިކުގެ އަޑެވެ. 

ކުނިކަހައި ނިންމުމަށް ފަހު ފަޒީނާ ދިޔައީ މިސްކިތު ވަޅުދޮށަށް ފެން ބަލައެވެ. މިސްކިތަށް ދިޔަ މަގުމަތީގައި ފަޒީނާގެ ފަހަތުން މީހަކު އަންނަހެން ހީވެގެން ބަލާލިއެވެ. ނަމަވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން މަޑުމަޑު ރާގެއްގައި ހިނގަމުން ދިޔައެވެ. ފަޒީނާއަކީ ލަވަކިޔަން ވަރަށް މޮޅު ކުއްޖެކެވެ. ފަޒީނާ އެކަނި ތަންތަނަށް ދާއިރު ލަވަކިޔަމުން ދިއުމަށް ލޯބިކިރެއެވެ. އެގޮތުން އެދުވަހު ވެސް ފަޒީނާ ދިޔައީ ލަވަކިޔަމުންނެވެ. "ކަލާއަށް މިހިތް ލޯބިވީތީ ދިނީމޭ އެހީއެއް އަހަންނަށް ވެދޭތޯ ހުރީމޭ" ފަޒީނާގެ އަޑު މެދު ކެނޑުނީ ފިރިހެނަކު ލަވައެއް ކިޔާ އަޑު އިވުމުންނެވެ. އެއަޑު އައި ދިމާއަށް ފަޒީނާ ހިނގަން ފެށިއެވެ. ރީތިކަން ހުސްކޮށްލާފައި ހުރި ޒުވާން ފިރިހެނެއް ހިތްގައިމު ރާގެއްގައި ލަވަ ކިޔަމުން ދެއެވެ. "ހިތް އެދޭތީ މައެދެނީ ސަމާސާކުރަން، ވިންދުގައި ނެތްމެ ދިރުމެއް ކަލާޔާ ނުލާ، ހިތް އެދޭތީ ... " އެ ލޭފަވެތި ޒުވާނާގެ އަޑު ފަޒީނާގެ ކަންފަތުގައި ޖެހުނު ފުރަތަމަ ސިކުންތުން ފެށިގެން އޭނާގެ ހިތް އެއަޑުގެ މަސްތުގައި ވަނީ ޖެހިފައެވެ. އަދި އެމީހާގެ ލަވަޔަށް އިޖާބަ ދޭފަދަ މޭރުމަކުން އެހެން ލަވައެއް ކިޔަން ފެށިއެވެ. އެއީ އެއްވެސް ކަހަލަ އިޚްތިޔާރަކާ ނުލައެވެ. "ހިތުގާ ދޮރުފަތް ހުޅުވާލަދީ އަދި އެދޮރުން އަހަރެން ވަނަ ދޭށޭ ..." މިހެން ލަވަ ކިޔަމުން ގޮސް ދެމީހުންނަށް މިސްކިތު ވަޅުދޮށާ ހަމައަށް ދެވުނުކަން އެނގުނީ ފެން ދާނނިތަކުގެ އަޑުންނެވެ. އެކަކު އަނެކަކަށް ހިތްފުރެންދެން ބަލާލިއެވެ. 

ފަޒީނާއަށް ފިރިހެން ކުއްޖާގެ އެއްވެސް މަޢުލޫމާތެއް ނޭނގެއެވެ. އެހެންނަމަވެސް އެކުއްޖާ ދެކޭހިތުން ކެތްމަދުވެފައި ހުއްޓެވެ. ޓްރީން ޓްރީން ... ފަޒީނާގެ ގޭގެ ފޯނު ރިންގުވިއެވެ. ފަޒީނާ ބައްޕަ ފޯނުނެގިއެވެ. "ދަރިފުޅާ ފަޒީނާ! ފޯނެއް" ފަޒީނާ ބައްޕަގެ ގޮވާލުމަށް އިޖާބަ ދެއްވައި ބުންޏެވެ. "ލައްބަ ބައްޕާ! މިދަނީ" ވަރަށް ހަލުވި ފިޔަވަޅުތަކެއްގައި އައިސް ފަޒީނާ އަތުލިއެވެ.

"ހަލޯ" އަނެއްކޮޅުން ޖަވާބެއް ނުލިބެއެވެ. ފަޒީނާ ދެ ތިން ފަހަރު ހަލޯއޭ ކިޔާލިއެވެ. އަދި ބުންޏެވެ. "ވާހަކަ ދައްކަން ނުކެރެންޏާ ގުޅުމުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިވާނީ ވަރަށް ފިނޑި މީހަކަށް" އެހެންބުނުމާއެކު އިވެން ފެށީ ކުރީދުވަހުގެ ލަވައިގެ އަޑެވެ. "ހިތް އެދޭތީ މައެދެމޭ ސަމާސާކުރަން ..." ލަވައިގެ މައިގަނޑު ނިންމާލުމަށް ފަހު ފަޒީނާއަށް ގޮވާލިއެވެ. "ފަޒީނާ!" އޭރު ފަޒީނާއަށް އޭނާއަށް ހުރެވުނުތަން އިޙްސާސެއް ވެސް ނުރެވެއެވެ. އުޅަންސާއްޔެއްހެން އޭނާ އޮޅެނީއެވެ. އަނެއްކާ ވެސް ގޮވާލިއެވެ. "ފަޒީނާ! ފަޒީ! މައި ސުވީޓް ހާޓް! މަގޭ ހިތާ! މަގޭ ލޯބިވާ! މިހާރު އެނގިޖެއެއްނޫން ފިނޑީ ކާކުކަން" ޖަވާބުގައި ފަޒީނާ ބުންޏެވެ. "ލަ ލަ ލައް ލައް ލައް ލައްބަ! ތީ ތީ ކޮން  ކޮން ... ތީ ކޮން ބޭފުޅެއްތޯ؟ ޖަވާބު އައީ ފަޒީނާ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. "މިއީ ކަލާގެ ލޯތްބަށް ސަލާންޖަހާ އަޖްނަބީ އެއް" ފަޒީނާއަށް ހީވީ އޭނާއަށް ދުނިޔޭގެ ރަސްކަން ލިބުނީ ހެންނެވެ. އަދި މަޑުމަޑުން ސުވާލުކޮށްލިއެވެ. "ކީ ... ކީ ... ކީކޭ؟" ޖަވާބުގައި އަނެއްކޮޅުން ބުންޏެވެ. "ހަމަ އަޑުއިވުނީ ރަނގަޅަށް، މިއީ ފަޒީނާގެ ލޯތްބަށް ސަލާންޖަހާ މީހެއް، އަހަންނާ އިންނަން ކެރިދާނެތަ، މިސުވާލުގެ ޖަވާބު ހޯދަން މިރޭ އަށެއް ޖަހާއިރަށް ގުޅާނަން، ވަރަށް ލޯބިވޭ، ބޭއްވީއޭ"  

ފަޒީނާ ދުވެފައިގޮސް އެނދު މައްޗަށް ވެއްޓިގަތެވެ. އަދި އުފަލުން ފޮޅެމުން ލަވައަކަށް ފަހު ލަވައެއް ކިޔަނީ އެވެ. ކުއްލިއަކަށް ފަޒީނާގެ އަޑު ކެނޑުނެވެ. އަދި އެއީ ކާކު ތޯ އާއި އެމީހާގެ ސުވާލަށް ދޭންވީ ޖަވާބާމެދު ވިސްނިއެވެ. ކޮންމެ ގޮތެއް ވިޔަސް ފަޒީނާގެ ހިތްވަނީ އެމީހާއަށް ދެވިފައެވެ. ނަމަވެސް ކައިވެންޏަކީ މުޅި ޙަޔާތާ ގުޅިފައިވާ ކަމެއްކަމުން އަމިއްލައަށް ގޮތެއް ނިންމަން ފަޒީނާއަށް އުނދަގޫވިއެވެ. އަދި ގިސްލަ ގިސްލާފައި ރޯން ފެށިއެވެ. އަހަރެންގެ ލޯބިވާ މަންމަ ހުރި ނަމަ ... މިފަދަ ކޮންމެ ދަނޑިވަޅެއްގައި އޭނާގެ މަންމަ ނެތް ކަމުގެ އިޙްސާސް އޭނާއަށް ކުރެވެއެވެ. 

މޫނު ދޮވެލައިގެން ފަޒީނާ އޭނާގެ ބައްޕަ ގާތަށް ދިޔައެވެ. އަދި ކަންތައް ވީގޮތް ބައްޕައަށް ކިޔައިދިނެވެ. އަދި ބައްޕަގެ ލަފައަކަށް އެދުނެވެ. "ދަރިފުޅު ތިހިރީ މިހާރު މީހަކާ އިންނަ ޢުމުރަށް އެޅިފައި، ބައްޕަގެ ހުވަފެނެއް ބައްޕަގެ ދުނިޔޭގައި ދަރިފުޅު ކައިވެންޏެއްކޮށް އުފަލުގައި އުޅެތަން ބެލުމަކީ، ދަރިފުޅަށް ފެންނަގޮތެއް އޮންނާނީ، ދަރިފުޅު ކައިވެންޏެއް ކުރަން ތައްޔާރުނަމަ މިރޭ އޭނާ ގުޅިމަ ބުނޭ ބައްޕައާ ބައްދަލުކުރާށޭ، އަދި މާދަމާގެ މެންދުރު ކެއުމަށް އޭނައަށް ދަޢުވަތުދީ" ފަޒީނާގެ ހިތުގެ ވިންދު އޭނާގެ މޭކަށި ފަޅަލާފައި ބޭރަށް ނިކުންނަން އުޅޭކަހަލައެވެ. ފަޒީނާ އެރޭ އަށެއް ނުޖަހައިގެން ފޯނުކައިރީ ކުރުކާލި ކަނޑަ ކަނޑާ އިނެވެ. އޭނާގެ ބައްޕަ ޢިޝާ ނަމާދުން ފައިބައިގެން ގެއަށް އައިވަގުތެވެ. ފޯނު ރިންގުވާން ފެށިއެވެ. ބައްޕަ ހުރުމުން ފޯނު ނުނަގާ މަޑުކޮށްގެން ފަޒީނާ ހުއްޓެވެ. ބައްޕަ ކުޑަކޮށް ހީލާފައި އެތެރެއަށް ދިޔައެވެ. 

ފޯނުނަގައި "ހަލޯ!" ޖަވާބުގައި އަނެއްކޮޅުން ބުންޏެވެ. "ހާދަހާ މަސްތީ އަޑެކޭ، މިރޭ ދެން ނުކެޔަސް ރަނގަޅުވާނެ، ބަނޑު ފުރިއްޖެ" އެއަށްފަހު ފުންނޭވާއެއްލިއެވެ. "ކޮބާ ސުވާލުގެ ޖަވާބާ މެދު ވިސްނައިފިންތަ، އަޅެ ނޫނެކޭ ނުބުނައްޗޭ، މަގޭ ހިތް ހުއްޓިދާނެ" ޖަވާބުގައި ފަޒީނާ ބުންޏެވެ. "އަހަންނަކީ މަންމަ މަރުވެފައިވާ ނިކަމެތި ކުއްޖެއް، އަހަރެން ބަލައި ބޮޑުކޮށް ހުރިހާ ކަމެއް ކޮށްދިން މީހަކީ އަހަރެންގެ ހެޔޮލަފާ ބައްޕަ، އަހަންނާ އިންނަން ބޭނުމިއްޔާ މާދަމާ މިގެއަށް ބައްޕަޢާ ބައްދަލުކުރުމަށް އަންނަން ދަޢުވަތުދެން" "ﷲ އަށް ޙަމްދުހުރި، މަގޭ ހިތުގެ ރާނީ މީ މަހީކުރީ ވަރަށް ވުރެ މާ ފުރިހަމަ، ތިއީ ހަމަ ޙަޤީޤީ ރާނީއެއް، މައްސަލައެއް ނެތް މާދަމާ އަހަރެން ތިގެއަށް ދާނަން، އަދި ވާހަކައެއް ބުނަންތަ؟ މަށަކީ ކާކުތޯ އަހާލާކަށް ބޭނުމެއް ނުވޭތަ؟" ޖަވާބުގައި ފަޒީނާ ބުންޏެވެ. "ހުރިހާ މަޢުލޫމާތެއް ބައްޕަ ހޯދާނެ، ބައްޕަގެ ނިންމުމަކީ އަޅުގަނޑުގެ ނިންމުން، މާދަމާ މެންދުރު ދިމާވާނެތާ، ދެން ބޭއްވީ" 

ފަޒީނާގެ ބައްޕަ ހުރީ މިސްކިތުގައި ޤުރުއާން ކިޔަވާށެވެ. "ހަސަންބޭ! ޙާލު ކިހިނެއް؟" މީހަކު އެހެން ބުނި އަޑަށް ބަލާލިއެވެ. "އަހާނ! ދޮންކަލޯ ކިހިނެއްތަ؟ މިއަދު މާއަވަހަށް މިސްކިތަށް ތިޔައީ އޮފީހަށް ނުދާ ދުވަހެއްތަ؟" ޚަތިމެއް ނަގައިގެން ހަސަންބެ ކައިރީ އެމީހާ އިށިނެވެ. އަދި ބުންޏެވެ. "ނޫނޭ، އޮފީހަށް ގޮސްލާފަ މަސައްކަތް ނިންމާފަ މިއައީ" ބަންގިގޮވަން ދެން ދެމީހުންވެސް ތިބީ ކިޔަވާށެވެ. ނަމާދަށް ފަހު ދެމީހުންވެސް ދިޔައީ ގެއަށެވެ. ގެއަށް ގޮސް ހުދުކުލައިގެ ގަމީހެއް ލައިގެން ރީތި ވިއެވެ. އެއަށްފަހު ކާރަށް އަރައި ފަޒީނާއަށް ގުޅިއެވެ. އަދި އެގޭގެ އެޑްރެސް ހޯދިއެވެ. އަދި އެގެއާއި ދިމާލަށް މިސްރާބުޖެހިއެވެ. 

ގޭގެ ބެލް ރިންގު ވިއެވެ. ހަސަންބެ މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވުމާއެކު ދެމީހުންނަށް ވެސް ލިބުނީ ހައިރާންކަމެކެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ. ދޮރުމަތީގައި ހުރި ރާޝިދަށް ހަސަންބެ ގޮވާލިއެވެ. އަދި ބުންޏެވެ. "ދަރިފުޅަށް ތިއާދެވުނީ ވަރަށް ރަނގަޅު ވަގުތެއްގައެވެ. މިއަދު މިގޭގަ ކުޑަ ކަމެއް އެބަ އޮތް، ހިނގާ ވަންނަމާ" މިހެން ކިޔައި ދެމީހުން އެކުގައި އެތެރެއަށް ވަނެވެ. ރާޝިދު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަސަންބެ އަކީ އޭނާގެ މިސްކިތު އެކުވެރިޔާއެވެ. އޭނާގެ ބައްޕަ ދުނިޔޭގައި ނެތުމުން ބައްޕައެއް ގޮތަށް ދެކެމުން އައި މީހާއެވެ. ހަސްބޭ ވާހަކަ ދައްކަނީ އެވެ. ބުނާނެ އެއްޗެއް ނޭނގި ހުރެގެންހަސަންބެގެ ވާހަކައާއި ބައިވެރިވެލިއެވެ. ގައުމުގެ ހާލަތައި ރަށުގެ ހާލަތާމެދު ވާހަކަދައްކަން ތިބެފައި ހަސަން ގަޑި ބެލިއެވެ. އަދި ރާޝިދަށް ބުންޏެވެ. "ދަރިފުޅު މިގެއަށް އައި ކަމެއް އޮޅުން ވެސް ނުފިލުވާ މިހުރެވުނީ ކުއްޖެއްގެ އިންތިޒާރުގައި ހުރީމަ ހަނދާންނެތިފަ، މިގޭ ފަޒީނާއާ އިންނަން އަހަން މީހަކު އެބަ އާދޭ، މިއަދު ދާންވާނީ މިގެއިން ކައިގެން" 
އެއަށްފަހު ފަޒީނާއަށް ގޮވިއެވެ.  ފަޒީނާ ފެނުމުން ބުންޏެވެ. އެސޮރުގެ ޚަބަރެއް ނުވިއެއް ނުން، ހިނގާ ކާން ދަމާ" ފަޒީނާ ވަރަށް ލަދުން ހުރެ ބުންޏެވެ. "ބައްޕާ! ބައްޕަ ކައިރިގައި ތި އިންނެވީ އަންނަން ބުނި ޒުވާނާ" ހަސަން ރާޝިދަށް ބަލައިލިއެވެ. ދަރިފުޅު ނުވެސް ބުނަމެއް ނުން، ބައްޕަ ހީކޮށްގެން މިހިރީ ރާޝިދު ބައްޕަގެ އެކުވެރި ކަމުގައި މިގެއަށް ވަދެލީކަމަށް، ފަޒީނާ ބައްޕައަށް ރާޝިދު ވަރަށް ކަމުދޭ، ބައްޕަ ދެކުދިންގެ ކައިވެންޏަށް ރުހި ގަބޫލު، އަވަހަށް ކައިވެނި ކުރަން އުޅޭ" 

މާގިނަ ދުވަސްތަކެއް ނުވެ ދެކުދިން ކައިވެނިކުރިއެވެ. އަދި އެކައިވެންޏަށް 2 ކުދިން ލިބުނު ފަހުން ކެންސަރު ބަލީގެ ޝިކާރައިގައި ޖެހި ހަސަން ދުނިޔެއާ ވަކިވެގެން ދިޔައެވެ. ފަޒީނާއާ ރާޝިދަކީ އެރަށުގައި އެންމެ އުފާވެރިކޮށް ދިރިއުޅެމުންދާ ދެމަފިރިންނެވެ.

ގުރޭޑު 5 ގައި އިސްލާމް ކިޔަވަމުންދާ ދަރިވަރުންނަށް އެހީއެއް 7


ސުވާލާއި ޖަވާބު

ޢިބާދާތާއި ފިޤުހު 1

1-     ބާލިޣުވުމަކީ ކޮބައިކަން ބުނެދެމާ!

·        ބާލިޣުވުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ ތަކުލީފިތައް އުފުލުމަށް އަހުލުވެރިވާ ޢުމުރަށް ކުއްޖާ ދިއުމެވެ.

2-     ބާލިޣުވުމުން ކުއްޖާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔައިދެމާ!

·        އިޙްތިލާމްވުން

·        ޙައިޟުވުން

·        ކިހިލިފަތްދަށުގައި އިސްތަށިފެޅުން

·        ފިރިހެންކުދިން ތުނބުޅުއާއި މަތިމަސް ފެޅުން

3-     ބާލިޣުވީކަން އަންގައިދޭ ޢަލާމާތެއް ކުއްޖެއްގެ ކިބައިން ފެނިއްޖެނަމަ އިސްލާމްދީނުގައި އެކުއްޖާ ބެލެވޭނީ ކޮންކަހަލަ ކުއްޖެއްގެ ގޮތުގައިކަން ބުނެދެމާ!

·        އެކުއްޖާ ބެލެވޭނީ އެއީ ބޮޑުވެފައިވާ ކުއްޖެއްގެ ގޮތުގައެވެ.

4-     ބާލިޣުވުމުން ވާޖިބުވާ ބައެއް ދީނީ ކަންތައްތައް ބުނެދެމާ!

·        ނަމާދުކުރުން

·        ރޯދަހިފުން

·        ރޯދަހިފުން

·        ކުޅަދާނަވެގެންވާ މީހާ ޙައްޖުވުން

5-     ބާލިޣުވެފައިވާ ކުއްޖާއާ ބާލިޣުނުވާ ކުއްޖާގެ ތަފާތު ކިޔައިދެމާ!

·        ބާލިޣުވުމުގެ ކުރިން ކުރާ ކަންތައް ޢަމަލުގެ ފަތުގައި ނުލިޔުއްވައެވެ.

·        ބާލިޣުވުމަށްފަހު ކުރާ ހުރިހާ ކަމެއް ޢަމަލުގެ ފަތުގައި ލިޔުއްވައެވެ.

6-     ޙަދަޘް ބެހިގެންވާ ބައިތައް ކިޔައިދެމާ!

ޙަދަޘް ބެހިގެންވަނީ 2 ބަޔަކަށެވެ. އެއީ

·        ކުޑަ ޙަދަޘް

·        ބޮޑު ޙަދަޘް

7-     ކުޑަ ޙަދަޘް ވެރިވުމަކީ ކޮބައިކަން ބުނެދެމާ!

·        ވުޟޫ ގެއްލޭ ފަދަ ކަމެއް މެދުވެރިވުމެވެ.

·        ނުވަތަ ވުޟޫ ގެއްލުމެވެ.

·        ނުވަތަ ވުޟޫކުރަން ވާޖިބުވާކަމެއް މެދުވެރިވުމެވެ.

8-     ކުޑަ ޙަދަޘުން ޠާހިރުވާނީ ކިހިނެއްކަން ކިޔައިދެމާ!

·        ވުޟޫ ކުރުމުން ކުޑަ ޙަދަޘުން ޠާހިރު ވާނެއެވެ.

9-     ކުޑަ ޙަދަޘް ވެރިއާއަށް ނުކުރެވޭނެ ކަންތަކެއް ހުރެއެވެ. އެކަންތައް ކިޔައިދެމާ!

·        ނަމާދުކުރުން

·        ޠަވާފުކުރުން

·        މުޞްޙަފުގައި އަތްލުން ނުވަތަ މުޞްޙަފު އުފުލުން

10- ބޮޑު ޙަދަޘް ވެރިވުމަކީ ކޮބައިކަން ބުނެދެމާ!

·        ބޮޑު ޙަދަޘްވެރިވުމަކީ ހިނައިގަތުން ވާޖިބުވާފަދަ ކަމެއް މެދުވެރިވުމެވެ.

11- ބޮޑު ޙަދަޘުން ޠާހިރުވާނީ ކިހިނެއްކަން ބުނެދެމާ!

·        ބޮޑު ޙަދަޘުން ޠާހިރުވާނީ ހިނައިގަތުމުންނެވެ.

12- ބޮޑު ޙަދަޘްވެރިޔާ ކުރުން ޙަރާމް ވެގެންވާ ކަންތައް ކިޔައިދެމާ!

·        ނަމާދުކުރުން

·        ޠަވާފުކުރުން

·        މުޞްޙަފުގައި އަތްލުން ނުވަތަ މުޞްޙަފު އުފުލުން

13- ހިނައިގަތުމަކީ ކޮބައިކަން ބުނެދެމާ!

·        ހިނައިގަތުމަކީ ނިޔަތަކާއެކު މުޅި ހަށިގަނޑުގައި ފެން ޖައްސައި ދޮވެލުމެވެ.

14- ހިނައިގަތުމާއި ފެންވަރެމުގެ ތަފާތު ކިޔައިދެމާ!

·        ހިނައިގަތުމަކީ ނިޔަތަކާއެކު މުޅި ހަށިގަނޑުގައި ފެންޖައްސައި ދޮވުމެވެ. ނަމަވެސް ފެންވެރުމަކީ ނިޔަތެއް ނެތި ގަޔަށް ފެންއަޅައިގެން ފެންވެރުމެވެ. ފެންވެރުމުގައި މުޅި ހަށިގަނޑުގައި ފެންޖައްސާކަށް ނުޖެހެއެވެ. މިސާލަކަށް ބައެއް ފަހަރު ބޯ ނުދޮވެ ވެސް ފެންވަރެއެވެ.

15- ހިނެއިން ވާޖިބުވާ ބައެއް ކަންތައްތައް ލިސްޓުކޮށްލަމާ!

·        ޙައިޟުވުން.

·        އިޙްތިލާމްވުން.

·        ނިފާސްވެރިވުން.

·        މަރުވުން.

16- ހިނައިގަތުން ސުންނަތްވެގެންވާ ބައެއް ކަންތައްތައް ލިސްޓުކޮށްލަމާ!

·        ހުކުރަށް ހިނައިގަތުން.

·        ދެޢީދަށް ހިނައިގަތުން.

·        މައްޔިތަކު ހިނެވުމަށްފަހު ހިނައިގަތުން.

·        އިޙްރާމް ބަނުމަށް ހިނައިގަތުން.

·        މައްކާއަށް ވަނުމަށް ހިނައިގަތުން.

·        ޢަރަފާތުގައި ހުރުމަށް ހިނައިގަތުން.

17-ހިނެއިމުގެ ފަރުޟުތައް ކިޔައިދެމާ!

ހިނެއުމުގެ ފަރުޟު 2 ކެވެ. އެއީ

·        ނިޔަތްގަތުން

·        މުޅި ހަށިގަނޑަށް ފެންއެޅުން.

18-ހިނައިގަތުމުގެ ސުންނަތްތައް ލިސްޓުކޮށްލަމާ!

·        ދެއަތްތިލަ 3 ފަހަރު ދޮވެލުން.

·        ކުރިމަތި ފަރާތާއި ފުރަގަސްފަރާތް ދޮވެ ހަށިގަނޑުން ނަޖިސް ފިލުވައިލުން.

·        ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކޮށްލުން.

·        3 ފަހަރު ބޮލަށް ފެން އެޅުން.

·        ހަށިގަނޑުގައި އަތް އުނގުޅައި ހުރިހާ ތަނެއްގައި ރަނގަޅަށް ފެންޖެއްސުން.

·        ފެންއެޅުމުގައި ކަނާތްފަރާތް އިސްކުރުން.

19- ހިނައިގަތުމުން ލިއްބައިދޭ ބައެއް ފައިދާތައް ބެނެދެމާ!

·        ހިނައިގަތުމުން ޘަވާބާއި ދަރުމަ ލިއްބައިދެއެވެ،

·        ހަށިގަނޑަށް ތާޒާކަން ލިއްބައިދެއެވެ.

·        ކަންނެތްކަމާއި ވަރުބަލިކަމުން ރައްކާތެރިވެއެވެ.

20- ހިނައިގަންނާނެ ގޮތް ތަރުތީބުން ކިޔައިދެމާ!

·        އެންމެ ފުރަތަމަ ހިނައިގަތުމަށް ނިޔަތްގަންނާށެވެ.

·        އެއަށްފަހު ދެއަތްތިލަ 3 ފަހަރު ދޮވެލާށެވެ.

·        އޭގެފަހުން ކުރިމަތި ފަރާތާއި ފުރަގަސްފަރާތް ދޮވެ ހަށިގަނޑުން ނަޖިސް ފިލުވައިލާށެވެ.

·        އެއަށްފަހު ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކޮށްލާށެވެ.

·        ދެން އެއަށްފަހު ހަށިގަނޑުގައި އަތް އުނގުޅައި ހުރިހާ ތަނެއްގައި ރަނގަޅަށް ފެންޖެއްސާށެވެ.

21- އިތުރު މަޢުލޫމާތު ލިބިގަތުމަށް މި ލިންކަށް ފިތާލަމާ!





Tuesday, March 17, 2020

ގުރޭޑު 5 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އެހީއެއް 6


ސުވާލާއި ޖަވާބު


ސީރަތާއި ތާރީޚު 2

  

1-     މޫސާގެފާނު އުފަންވެވަޑައިގެންނެވިއިރު މިޞްރުގެ ޙާލަތު އޮތީ ކިހިނެއްކަން ބުނެދެމާ!

·        ވަރަށް ބިރުވެރި ޙާލަތެއްގައެވެ.

2-     އެޒަމާނުގައި ބަނީ އިސްރާއީލުގެ ފިރިހެން ދަރިން ޤަތުލުކުރަމުން ދިޔައީ ކީއްވެގެންކަން ބުނެދެމާ!

·        އޭރު މިޞްރުގެ ރަސްކަލަކަށް ހުންނެވި ފިރުޢައުނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅެއްގެ ސަބަބުންނެވެ.

3-     މޫސާގެފާނުގެ މަންމާފުޅު އެކަލޭގެފާނު ފޮށްޓަކަށް ލައްވައި ނީލަކޯރަށް ދޫކުރެއްވީ ކީއްވެގެންކަން ބުނެދެމާ!

·        މިޞްރުގެ ރަސްކަލަކަށް ހުންނެވި ފިރުޢައުނުގެ ނުބައި ރޭވުންތަކުން ސަލާމަތް ކުރުމަށްޓަކައެވެ.

4-     މޫސާގެފާނުގެ މަންމާފުޅު އެކަލޭގެފާނު ފޮށްޓަކަށް ލައްވައި ނީލަކޯރަށް ދޫކުރެއްވުމަށް ނިންމެވީ ކީއްވެގެންކަން ބުނެދެމާ!

·        ﷲ ތަޢާލާ އެކަމަނާއަށް އިލްހާމް ކުރައްވައި އެގޮތަށް ކަންތައް ކުރެއްވުމަށް އަމުރުކުރެއްވުމުން ނެވެ.

5-     މޫސާގެފާނު ބޮޑުފުޅުވީ ކޮންބައެއްގެ ގާތުގައި ހުންނަވައިގެން ކަން ބުނެދެމާ!

·        މޫސާގެފާނު ބޮޑުފުޅުވީ ފިރުޢައުނާ އޭނާގެ އަންހެނުންގެ ގަނޑުވަރުގައި ހުންނަވައިގެން އެކަލޭގެފާނުގެ މަންމައާ ޢާއިލާއާ އެކުގައެވެ.

6-     މޫސާގެފާނު ބޮޑުފުޅުވެ މާތްﷲގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމުން ފިރުޢައުނު ބޮޑާވެ މަލާމާތްކޮށް ހަރުކަށިކަން ދައްކައި އޭނާގެ ޤައުމުގެ މީހުންނަށް ބުނިކަމަށް މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅު މާނައާއެކު ކިޔާލަމާ!

·        مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِي  މާނައީ: އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ.

7-      މޫސާގެފާނު ބޮޑުފުޅުވެ މާތްﷲގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމުން ފިރުޢައުނު ބޮޑާވެ ދަޢުވާކުރީ ކޮންކަމަކަށްކަން ބުނެދެމާ!

·        އޭނާ ދަޢުވާކުރީ ރައްބުވަންތަކަމަށެވެ.

8-     ރައްބުކަމަށް ދަޢުވާކޮށް އޭނާ ބުނިކަމަށް މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅު ކިޔާދެމާ!

·        أَنَا رَبُّكُمُ الْأَعْلَىٰ  މާނައީ: ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.

9-     މޫސާގެފާނުގެ ނަބީކަމަކީ ތެދު ޙަޤީޤަތެއްކަން ހާމަކޮށްދެއްވުމުގެ ގޮތުން ﷲ ތަޢާލާ އެކަލޭގެފާނަށް ދެއްވެވި ވަރަށް ޚާއްޞަ ދެ މުޢުޖިޒާތެއް ބުނެދެމާ!

·        މޫސާގެފާނުގެ އަސާކޮޅު ހަރުފަޔަކަށް ބަދަލުވުން.

·        އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން ކަނޑު ދެފަޅިވުން.

10- މޫސާގެފާނުގެ ދުވަސްވަރު މިޞްރުގެ ރަސްކަންކުރެއްވި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔާގެފާނުގެ ފުރިހަމަ ނަންފުޅު ކިޔާދެމާ!

·        އާސިޔާ ބިންތި މުޒާޙިމު

11-ފިރުޢައުނުގެ ގަނޑުވަރުގެ ބާނދީން ނީލަކޯރުން ހޮވައިގެން ގެނައި ތުތްޕުޅު ފިރިހެން ކުއްޖާ ފިރުޢައުނުގެ ގާތަށް ގެންދަވައި އާސިޔާގެފާނު ވިދާޅުވި ބަސްފުޅު ބުނެދެމާ!

·         وَقَالَتِ امْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ .  މާނައީ:  އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ. ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ ނަތީޖާއެއް) ނޭނގެތެވެ.

12-އާސިޔަތުގެފާނަށް ފިރުޢައުނުގެ ލަޝްކަރުގެ މީހުންގެ ކިބައިން ލިބެމުންދިޔަ ގަދަފަދަ އަނިޔާގެ ވަގުތުގައި ސާބިތުކަމާއެކު ހުންނަވައި އެމީހުންގެ ބަހަށް އިންކާރު ކުރެއްވުމަށްފަހު މާތްﷲ އަށް އެދި ދެންނެވި ދުއާ ކިޔާދެމާ!

·        رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ.  މާނައީ: އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ!

13- އުއްމު އައްމާރުގެ ފުރިހަމަ ނަންފުޅު ބުނެދެމާ!

·        ސުމައްޔާ ބިންތި ޚައްޔާޠު

14- އުއްމު އައްމާރުގެ ކުންޔާ ބުނެދެމާ!

·        އުއްމު ޢައްމާރު

15-އުއްމު އައްމާރު ޝަހީދުކޮށްލީ ކާކުކަން ބުނެދެމާ!

·        އަބޫޖަހުލު

16- (صَبْراً يا آلَ يَاسِرُ فَإِنَّ مَوْعِدُكُمْ الجَنَّةَ)  ޙަދީޘުގެ މާނަ ކިޔާލަމާ!

·        މާނައީ: އާލު ޔާސިރުގެ ޢާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރުކުރައްވާށިއެވެ! ހަމަކަށަވަރުން ތިޔަބޭކަލުންގެ ނިމުން ވާހުށީ ސުވަރުގޭގައެވެ.

17-ލިންކުތައް ބަލާލަމާ!