ވާހަކަ: އާފަލު ގަސް

އާފަލު ގަސް


 

ޒީނަތު ލަބީބު

އެއްސަހަރެއްގައި ވަރަށް ބޮޑު ބިޔަ އާފަލު ގަހެއް ހުއްޓެވެ. ކުޑަކުޑަ ފިރިހެން ކުއްޖެއް ކޮންމެ ދުވަހަކު އެ ގަސް ދޮށަށް ކުޅެން އާދެއެވެ. އެ ގަސް ދޮށަށް ކުޅެން ދިއުމަކީ އެ ކުޑަކުޑަ ފިރިހެން ކުއްޖާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އޭނާ އައިސް އެ ގަހުގެ ވަށައިގެން ކުޅެ ދުވެ ހަދައެވެ. އަދި އޭނާ އެ ގަހުގެ އެންމެ މައްޗަށް އަރައި އާފަލުތައް ބިނދެ އެ އާފަލުތައް ކައި ހަދައެވެ. އަދި އޭނާ ވަރުބަލިވުމުން ގަހުގެ ހިޔަލުގައި ނިދައެވެ.

އެ ކުޑަކުޑަ ފިރިހެން ކުއްޖާ އެ ގަސް ދެކެ ވަރަށް ބޮޑަށް ލޯބިވެއެވެ. ހަމައެފަދައިން އާފަލު ގަސް ވެސް އެ ކުޑަކުޑަ ފިރިހެން ކުއްޖާ ދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި އެ ގަސް އެ ކުޑަކުޑަ ފިރިހެން ކުއްޖާއާ އެކު ވަގުތު ހޭދަކޮށް ކުޅެލުމަށް ލޯބިކުރެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ކުޑަކުޑަ ފިހިހެން ކުއްޖާ ތަންކޮޅެއް ބޮޑުވިއެވެ. އެ ކުޑަ ކުއްޖާ ކުޑަކުޑަ ކުއްޖެއްގެ ގޮތުގައި ހުރިއިރު ކުރަން ނުޖެހޭ ކަންތައްތަކެއް ކުރަން ޖެހުމުގެ ސަބަބުން މިހާރު ކޮންމެ ދުވަހަކު ގަހުގެ ވަށައިގެން ދުވެ ކުޅޭކަށް ވަގުތެއް ނުވެއެވެ. އަދި ގަހާއެކު ކުޅެ މަޖާކޮށް ހަދަން ކުރިން ހުރި ޝައުޤުވެރިކަމެއް މިހާރަކު ނެތެވެ. އަދި އާފަލު ގަސް ދެކިލާކަށް ވެސް ނުދެއެވެ.

ޒަމާންތަކަކަށް ފަހު އެއްދުވަހަކު އެއްކަލަ  ކުއްޖާ އާފަލު ގަސް ކައިރިއަށް އަތުވެއްޖެއެވެ. އޭނާ ހުރީ ވަރަށް ބޮޑަށް މާޔޫސްވެ ދެރަވެފައެވެ. އޭނާ ފެނުމާ އެކު ގަސް ބުންޏެވެ.

"އާދޭ އަހަރެންނާ ކުޅެލަން"

ގަހުގެ ވާހަކަ އަޑުއަހަން ހުރެފައި އެ ކުއްޖާ ބުންޏެވެ.

"މިހާރު އަހަންނަކީ އެހައި ކުޑަކުއްޖެއް ނޫނޭ"

އެހެންވީމާ މިހާރު އަހަރެން ގަހާ އެކު ކުޅޭ ހިތެއް ނުވެއެވެ.

"މިހާރު އަހަރެން ބޭނުންވަނީ ކުޅޭ އެއްޗެހި" އެ އެއްޗެހި ގަތުމަށް އަހަރެން ފައިސާ ބޭނުންވެއެވެ.

އެ ކުޑަ ކުއްޖާގެ ވާހަކަ އަޑު އެހުމަށް ފަހު ގަހުގެ ހިތް ކުދިކުދި ވިއެވެ. އަދި  ބުންޏެވެ. މަޢާފުކުރާށެވެ! އަހަރެން އަތުގައި ފައިސާއެއް ނެތެވެ. ނަމަވެސް އަހަރެންގެ އާފަލުތައް ބިނދެގެން ވިއްކާލުމުން ކުޅޭ އެއްޗެހި ގަންނަން ފައިސާ ލިބިދާނެއެވެ.

އެ އަޑު އިވުމާއެކު އެ ކުއްޖާ އުފަލުން ފޮޅުނެވެ. އަދި "ޔެ ޔެ ޔެ ސް ސް" އޭ ކިޔައި ހަޅޭއްލެވިއެވެ. އަދި އުފާވެރި ކަމުގެ ކަރުނަ އެ ކުއްޖާގެ ލޮލުން ފޭދުނެވެ. އެ މަންޒަރު ބަލަން ގަސް ހުރީ ފެންކަޅިވެފައިވާ ހާލުގައެވެ. އެ ކުއްޖާ ގަހާ މެދު އަޅާލުމެއް ފަރުވާލެއް ބެހެއްޓުމެއް ނެތި ގަހުގައި ހުރި ހުރިހާ އާފަލެއް ބިނދެލައިގެން އެނބުރި ހިނގައްޖެއެވެ.

އޭގެ ފަހުން ދުވަހަކަށް ފަހު ދުވަހެއް މަހަކަށް ފަހު މަހެއް އަހަރަކަށް ފަހު އަހަރެއް ފާއިތުވަމުން މާޒީއާ އެކުވަމުން ދެއެވެ. އެ ކުއްޖާގެ ހިލަމެއް ވެސް ނުވެއެވެ. އެ ކުއްޖާ ގަސް ކައިރިއަށް ނުދެއެވެ. އެކަމާ ހިތާމަކުރުން ނޫން ކަމެއް ގަހަކަށް ނުވެއެވެ. އެ ކުއްޖާ ފެނޯތޯ ހޯދާ ހޯދާ ގަހުގެ ދެލޯ ވަނީ ވަރުބަލިވެފައެވެ.

ގިނަ އަހަރުތަކަކަށް ފަހު އެއްކަލަ ކުއްޖާ އާފަލު ގަސް ކައިރިއަށް ދިޔައެވެ. އޭރު އެއްކަލަ ކުޑަކުޑަ ފިރިހެން ކުއްޖާ ވަނީ ފުރާފުރިހަމަ ވެފައިވާ ފިރިހެނަކަށް ވެފައެވެ. އެހާ ގިނަ ދުވަސް ފަހުން އެ ކުއްޖާ ފެނުމުން ވެސް ގަހަށް އެ ކުއްޖާ ވަކިކުރަން އެނގުނެވެ. އަދި އުފަލުން ނަށަން ފެށިއެވެ. ހަމައެއާއެކު އެ ގަހުގެ ހިތުން މަތިވެރި މަގާމެއް ދެވިފައިވާ އެ ކުއްޖާ ފެނުމުން ގަހަށް ރޮވުނެވެ. ނަމަވެސް އުފާވެރި ހިނިތުންވުމަކާ އެކު އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން ބުންޏެވެ.

"އާދޭ އަހަރެންނާ ކުޅެލަން"

އެ ވަގުތު އެއްކަލަ ކުއްޖާ ގަހާ ދިމާލަށް ބުންޏެވެ.

"މިހާރު ކުޅޭނެ ވަގުތެއް ނޯވޭ"

އަހަރެންގެ ޢާއިލާ ދިރިއުޅޭނެ ގެއެއް އެޅުމަށްޓަކައި އަހަރެން މަސައްކަތްކުރަން އެބަޖެހެއެވެ. ގަހަށް މިކަމުގައި އަހަންނަށް އެހީއެއް ވެދީފާނަން ހެއްޔެވެ؟

އެ އަޑު އިވުމާއެކު ގަހަށް ކުރި އަސަރެއްގެ ބޮޑުކަމުން ހިތް ފަޅައިގެން ދިޔަ ކަހަލަ އިހްސާސެއް ކުރެވުނެވެ. އަދި އޭނާގެ އެދުމަށް ޖަވާބެއް ދެމުން ބުންޏެވެ.

މަޢާފުކުރާށެވެ! އަހަރެންގެ އަތަކު ގެއެއް ނެތެވެ.  

ނަމަވެސް އަހަރެންގެ ގޮފިތައް ކަނޑައިލައިގެން ގެންގޮސް ގެއެއް އެޅިދާނެއެވެ. އޭނާއަށް ގަހުގެ ޖަވާބު އަޑުއިވުމާއެކު އޭނާ އުފުން ފޮޅުނެވެ. އަދި "ޔެ ޔެ ޔެ ސް ސް" އޭ ކިޔައި ހަޅޭއްލެވިއެވެ. އަދި އެ ގަހުގެ ހުރި ހުރިހާ ގޮފިތަކެއް ކަނޑައިގެން ދިޔައެވެ. އޭނާ އުފާވެފައި ހުރިތަން ފެނުމުން ގަސް ވެސް އެކަމާ އުފާކުރިއެވެ. 

ނަމަވެސް އޭގެ ފަހުން އޭނާ އެނބުރި ގަސް ފެންނަ ހިސާބަށް ވެސް އައިސްފައެއް ނުވެއެވެ. ގަސް އަނެއްކާވެސް އެކަނިވެރިވިއެވެ.

އޭގެ އަހަރުތަކެއް ފަހުން ހޫނު މޫސުމުގެ ދުވަސްތައް ޖެހުމާއެކު އެއްދުވަހަކު އެމީހާ ގަސް ކައިރިއަށް އަތުވެއްޖެއެވެ. މިފަހަރު ވެސް އޭނަ ފެނުމުން އާފަލު ގަސް ވަރަށް އުފާވިއެވެ. އަދި އޭނާ ދުނިޔޭގައި ސަލާމަތުން ދިރިހުރިތަން ފެނުމުން އުފާވެރިކަމުގެ ފުން ނޭވާއެއް ދޫކުރިއެވެ. އަދިހަމަ ކުރީ ފަހަރުތަކެކޭ އެއްފަދައިން ގަހާއެކު ކުޅެލުމަށް އައުމަށް އެދުނެވެ. ގަހުގެ އެދުމަށް ޖަވާބުދެމުން އޭނާ ބުންޏެވެ.

"އަހަރެން މިވަނީ މުސްކުޅިވެފަ"

މިހާރު އަހަރެން ބޭނުންވަނީ ހިތްހަމަޖައްސާލައި މަޖާކޮށްލަން ދުނިޔެ ވަށައި ދަތުރުކޮށްލުމަށެވެ. އަހަންނަށް ބޯޓެއް ހޯދައިދީފާނަން ހެއްޔެވެ؟ އެވަގުތު އިތުރު އެއްވެސް ޝަކުވާއެއް ނެތި ގަސް ބުންޏެވެ. އަހަރެންގެ ގަސްގަނޑު ކަނޑައިލައިގެން ބޯޓު ހަދާށެވެ. އަދި ދުރު ހިސާބުތަކަށް ދުއްވާލަން ގޮސް އުފާކޮށް މަޖާކޮށް ހިތްހަމަ ޖައްސާލާށެވެ.

މިފަހަރު ވެސް އޭނާ އެއްވެސް ކަހަލަ ޚިޔާލެއް ފިކުރެއް ކުރުމެއް ނެތި ގަސްގަނޑު ކަނޑައިލިއެވެ. އަދި އެއިން ބޯޓެއް ބަނދެގެން ދުއްވަން ދިޔައެވެ. އަދި އޭގެ ފަހުން ގިނަ އަހަރުތަކެއް މަޒީއާ އެކުވެ ދިޔައިރު ވެސް ގަހަށް ޒިޔާރަށް ކޮށްލާކަށް އޭނާއެއް ނާދެއެވެ.

އޭގެ އެތަކެއް ޒަމާންތަކަކަށްފަހު އެއްކަލަ މީހާ ގަސް ކައިރިއަށް އަތުވެއްޖެއެވެ. އެވަގުތު ގަސް ބުންޏެވެ. މަގޭ ލޯބިވާ ކުއްޖާފުޅާ އެވެ. އަހަންނަށް މަޢާފުކުރާށެވެ! މިހާރު އަހަރެން އަތުގައި ތިޔަ ކުއްޖާއަށް ދޭނެ އެއްވެސް އެއްޗެއް ނެތެވެ. އާފަލެއް ވެސް ނެތެވެ. ގަހުގެ ވާހަކަ ނިމުމާއެކު އެއްކަލަ މީހާ ބުންޏެވެ. އެއްވެސް މައްސަލައެއް ނެތެވެ. މިހާރު އާފަލު ކާނެ ދަތެއް އަހަރެންގެ ވެސް ނެތެވެ. ގަސް އަނެއްކާ ވެސް ބުންޏެވެ. ތިޔަ ކުއްޖާ އަރާކަށް މިހާރު އަހަރެންގެ ހަށިގަނޑުގައި ގޮތްޕެއް ވެސް ނެތެވެ. އެވަގުތު އޭނާ ގަސް ބުޑަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. އެއިކީ އެއްވެސް މައްސަލައެއް ނޫނެވެ. މިހާރު ގަހަށް އަރާ ވަރަށް ވުރެ އަހަރެން މިވަނީ މުސްކުޅިވެ ގައި ބާރު ދެރަ ވެފައެވެ.   

އެވަގުތު ގަސް ވަރަށް ހިތާމަވެރި އަޑަކުން މާޔޫސްކަމާއެކު ބުންޏެވެ. މަގޭ ކުއްޖާފުޅާއެވެ! މިހާރު އަހަރެން އަތަކު ތިޔަ ކުއްޖާއަށް ދޭނެ ހަމައެކައްޗެއް ވެސް ނެތެވެ. މިހާރު އަހަރެން އަތުގައި އޮތީ ހަމައެކަނި މަރާ ހަނގުރާމަކުރަމުންދާ އަހަރެންގެ މޫތަކެވެ. މިވާހަކަތައް އަޑުއަހަން ހުރެފައި އެއްކަލަ މީހާ ބުންޏެވެ. އަހަރެންނަކަށް ވެސް މިހާރު މާގިނަ އެއްޗެއް ބޭނުމެއް ނުވެއެވެ. މިހާރު މުސްކުޅިކަމުން އަހަރެން މިވަނީ ބަލިކަށިވެފައެވެ. އަހަރެން މިހާރު ހަމައެކަނި ބޭނުންވަނީ ގަހުގެ މީގަނޑު މަތީ އޮށޯވެލައި އަރާމުކޮށްލުމަށެވެ. އެވަގުތު ގަސް ވަރަށް އުފާވިއެވެ. އަދި ބުންޏެވެ. އަވަހަށް އަންނާށެވެ. އަދި އަހަރެންގެ މޫތައް މަތީ އޮށޯވެ އަރާމުކޮށްލާށެވެ!  

އެމީހާ ޖަވާބުގައި ބުންޏެވެ.

އެމީހާ އިށީނުމުން ގަސް އުފާވެފައި ހުރެ އުފާވެރިކަމުގެ ކަރުނަ ލޮލުން ފޮހެލައި ހިނިތުންވެލިއެވެ. 

މިއީ އަހަރުމެން އެންމެންގެ ވާހަކައެކެވެ. އެ ގަހަކީ އަހަރުމެންގެ މައިންބަފައިންނެވެ. އަހަރުމެން ކުޑައިރު މަންމައާއި ބައްޕައާއެކު ސަކަރާތްޖަހައި މަޖާކޮށް ކުޅެން ވަރަށް ބޮޑަށް ލޯބިކުރީމެވެ. ނަމަވެސް އަހަރެމެން ބޮޑެތިވުމުން އެމީހުން ދޫކޮށްލަމެވެ.  އެމީހުންގެ ގާތަށް އަންނަނީ ހަމައެކަނި އަހަރުމެންނަށް ކަމެއް ބޭނުންވާ ވަގުތުތަކުގައެވެ. ނުވަތަ އަހަރުމެންނަށް ދަތިތަކެއް ކުރިމަތިވާ ވަގުތުތަކުގައެވެ. ކޮންމެ ގޮތެއް ވިޔަސް މައިންބަފައިން އަބަދު ވެސް އަހަރުމެން އުފާކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެއެވެ.

އެ ކުޑަކުޑަ ފިރިހެން ކުއްޖާއަކީ ގަހަށް އަނިޔާވެރި ކުއްޖެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް އަހަރުމެން އެންމެން މައިންބަފައިންނާ މެދު ކަންތައް ކުރާގޮތަކީ ހަމައެއީއެވެ. އަޅުގަނޑުމެން އެކަންކަން ނަގަނީ އާދައިގެ ކަމެއްގެ ގޮތުގައެވެ. އަހަރެމެންނަށްޓަކައި އެމީހުން ކުރާ ހުރިހާ ކަމެއްގެ އަގުވަޒަން ކުރުމެއް ނުވެއެވެ.

މައިންބަފައިންނާ މެދު ލޯބިން އަޅާލައި އެހީތެރިވެދިނުމެއް ނޯވެއެވެ. އެމީހުންގެ އަގު ވަޒަންކުރެވޭ އިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ. އެހެނީ ގިނަފަހަރަށް މައިންބަފައިންގެ އަގު ވަޒަންކުރެވެނީ، އެމީހުން ދުނިޔެއާ ވަކިވެގެންދިޔައިމައެވެ. ނުވަތަ މައިންބަފައިންގެ އަގު ވަޒަންކުރެވޭނީ އަހަރުމެންނަށް ދަރިން ލިބުނީމައެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا ﴿سورة الإسراء٢٣﴾ 

މާނައީ: އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ.  އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ! (23)

وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿سورة الإسراء٢٤﴾ މާނައީ: އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24)

މިއީ ކުޑަ ކުދިންގެ ހިތުގައި ދިވެހި ބަހަށް ލޯބި ޖެއްސުމުގެ މަޤުޞަދުގައި، "ދަ ބޯއި އެންޑް ދި އެޕަލް ޓްރީ" އަސްލަކަށް ބަލައިގެން ލިޔުނު ވާހަކައިގެ ތަރުޖަމާއެކެވެ. 

 

 

 

No comments: