Monday, July 3, 2023

ވާހަކަ: ލަމްޙާ

 

ލަމްޙާ ގެ ޢުމުރުން އެންމެ ބާރަ އަހަރުގައި އޭނާގެ ބައްޕަ ވަނީ މަރުވެފައެވެ. ލަމްޙާގެ ބައްޕަ މަރުވިއިރު އޭނާގެ މަންމައަކީ އިސްޓުރޯކެއްޖެހި އެއް ފަޅި ވާގިނެތި އެނދުމަތި ކުރެވިފައިވާ މީހެކެވެ.  ބައްޕަ މަރުވުމާއެކު މަންމަގެ ހުރިހާ ޒިންމާއަކާއި ފަސް އަހަރުގެ ކޮއްކޮ ފައިޒާނުގެ ހުރިހާ ޒިންމާއެއް އެޅުނީ ކުޑަކުޑަ ލަމްޙާގެ ކޮނޑުގައެވެ. ލަމްޙާގެ މަންމަ އިސްޓުރޯކެއް ޖެހުނުކަން އެނގުނު ހިސާބުން ފެށިގެން މަންމަގެ ޢާއިލާއާއި  ބައްޕަގެ ޢާއިލާއިން ވެސް އެމީހުންނާ އެއްވެސް ގުޅުމެއް ނުބާއްވައެވެ. އެމީހުންނަށް ވިސްނިފައި ވާގޮތުން އެ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. އެހެންކަމުން އެ ބަލިން ރައްކާތެރިވުމުގެ ގޮތުން ލަމްޙާގެ ޢާއިލާއާ ގުޅުން ކެނޑީއެވެ. އެކަމުގެ ހިތާމައިގައި ލަމްޙާގެ ބައްޕަވަނީ އުފަން ރަށް ދޫކޮށް ދިރިއުޅުން ސ. ކަށިކެޔޮފުށްޓަށް ބަދަލުކޮށްފައެވެ.

ލަމްޙާގެ ބައްޕައަކީ ރާވެރިއެއްގެ އިތުރުން ދަނޑުވެރިއެކެވެ. ބައްޕަގެ ފަރާތުން ލަމްޙާއަށް ވަނީ ދަނޑުވެރިކަން ވަރަށް ރަނގަޅަށް ދަސްވެފައެވެ. ބައްޕަގެ ކަށުކަމާކެމީގެ ކަންތަކަށްފަހު ލަމްޙާ އޭނާގެ މަންމަގެ ލޮލުން ކަރުނަ ފޮހެދެމުން މަންމައަށް ވަޢުދުވިއެވެ. މަންމަގެ ބޭސްފަރުވާ ﷲ ގެ އިރާދަފުޅުން މެދުނުކެނޑި ކުރިއަށްދާނެކަމަށާއި އޭނާގެ ކޮނޑުގައި އެޅުނު މަސްއޫލިއްޔަތު އަދާކުރުމުގައި ފަހަތަށް ނުޖެހި ހިތްވަރާއެކު ކުރިއަށްދާނެ ކަމަށް ވަޢްދުވިއެވެ. އަދި ކޮއްކޮއަށް ރަނގަޅު ތަޢްލީމެއް ހޯދައިދީ ޑަކުޓަރަކަށް ހަދައި ބައްޕަގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަކީ އޭނާގެ ހުވަފެނަކަށް ހެދިއެވެ. ލަމްޙާ ކޮންމެ ރެޔަކު ދަންވަރު ތިނެއްޖަހާއިރު ހޭލައެވެ. ދަމު ނަމާދުކޮށް ނިމިގެން ޤުރުއާނުން ފަސް ޞަފްޙާ ކިޔަވައެވެ. އެއަށްފަހު ބަދިގެއަށް ވަދެ ހެނުދުނާއި މެންދުރުގެ ކެއުން ތައްޔާރުކުރެއެވެ. ފެންވަރައި ނަލަހެދިލައިގެން ފަތިސް ނަމާދުކުރެއެވެ. ނަމާދަށް ފަހު ލަމްޙާ ދަނޑަށް ދެއެވެ. ދަނޑަށް ދާ މަގުމަތީގައި ހެނދުނުގެ ޛިކުރުކުރެއެވެ. ހަތެއް ޖަހަންވާ އިރަށް ދަނޑުން އެނބުރި ގެއަށް ދެއެވެ. މަންމައާއި ކޮއްކޮއަށް ސައި ތައްޔާރުކުރުމަށްފަހު އިސްކޫލަށް ދާން ތައްޔާރުވެއެވެ. ލަމްޙާ އިސްކޫލަށް ދަނީ ކޮއްކޮ ގޮވައިގެންނެވެ. އިސްކޫލަށް ދާ މަގުމަތީގައި ކިޔެވުމަށް ހިތްވަރުދީ ކޮއްކޮއަށް ނަޞޭޙަތްތެރިވެއެވެ.

މެންދުރުގެ ނަމާދަށް ފަހު ލަމްޙާ އޭނާގެ މަންމައާއި ކޮއްކޮއަށް މެންދުރުގެ ކެއުން ތައްޔާރުކޮށްދެއެެވެ. އަދި ކެއުމަށްފަހު ލަމްޙާ ބައިގަޑިއެއްހާއިރު ވަންދެން އަރާމުކުރެއެވެ. އަރާމުކުރުމަށްފަހު ޢަޞްރު ނަމާދު ވަގުތާ ހަމައަށް އިސްކޫލުގެ މަސައްކަތް ނިންމައި ފިލާވަޅު ދަސްކުރެއެވެ. ޢަޞްރު ނަމާދަށް ފަހު ހަވީރުގެ ޛިކުރުކުރަމުން ލަމްޙާ ދަނޑަށް ދެއެވެ. ކޮންމެ ދުވަހަކު ވެސް ދަނޑުން ގެންނަ މޭވާއާއި ތަރުކާރީ ތިންބަޔަށް ބަހައެވެ. އެއްބައި ގޭގެ ބޭނުމަށް ބަހައްޓައެވެ. އަނެއް ބައި އަވަށްޓެރިންގެ ތެރެއިން ކޮންމެވެސް އެއް ގެޔަކަށް ޞަދަޤާތްކުރެއެވެ. އަނެއް ބައި ވިއްކައެވެ. މަޣްރިބު ވަގުތުގެ ކުރިން ލަމްޙާގެ މަސައްކަތް ނިންމައި މަންމަ ފެންވަރުވައި ރީތިކޮށް ނަމާދަށް ތައްޔާރުކުރެއެވެ. މަޣްރިބު ނަމާދަށް ފަހު ޢިޝާ ނަމާދު ވަގުތާ ހަމަޔަށް ލަމްޙާގެ ތިންމެއިން ޤުރުއާން ކިޔަވައެވެ.

ޢިޝާ ނަމާދަށް ފަހު ރޭގަނޑުގެ ކެއުން ތައްޔާރުކޮށް ކައި ނިންމުމަށް ފަހު ލަމްޙާ ދަނީ ރެސްޓޯރެންޓަށެވެ. އެތަނުގައި ވެއިޓަރެއްގެ މަސައްކަތް ކުރުމުން ލަމްޙާއަށް ރެއަކަށް 150 ރުފިޔާ ލިބެއެވެ. އެތަނުން 50 ރުފިޔާ މަންމަގެ ބޭސް ފަރުވާއަށް ރައްކާކުރެއެވެ. އަދި އަނެއް 50 ރުފިޔާ ކޮއްކޮގެ ކިޔެވުމަށް ރައްކާކުރެއެވެ. އަދި ރެސްޓޯރެންޓާ އިންވެގެން ހުންނަ ގޭގައި އޮންނަ ބަލި ކުއްޖަކަށް ކޮންމެ ރެއަކު 25 ރުފިޔާ ޞަދަޤާތް ކުރެއެވެ. ބާކީ އޮތް 25 ރުފިޔާ ބޭނުން ކުރަނީ ގޭގޭ ކެއުމުގެ ކަންތައް ހަމަޖެއްސުމަށެވެ. ދުވާލެއްގެ މައްޗަށް 400 ވަރަކަށް ރުފިޔާ ލަމްޙާ ރައްކާ ކުރެއެވެ. ތަރުކާރީއާއި މޭވާ ވިއްކާފައި ލިބޭ ރުފިޔާ ވެސް ލަމްޙާ ތިން ބަޔަށް ބަހައެވެ. މަންމައާއި ކޮއްކޮއަށްޓަކައި 2 ބައި ރައްކާކޮށް ބާކީ ބައިން ދަނޑަށް ބޭނުންވާ އެއްޗެހި ގަނެއެވެ.

ލަމްހާގެ ޢުމުރުން 16 އަހަރުގައި އޯލެވެލް ހަދައި ނިންމިއެވެ. އޯލެވެލް ނިންމުމަށްފަހު ލަމްޙާގެ މަންމަ ގޮވައިގެން އިންޑިޔާއަށް ދިޔައެވެ. އިންޑިޔާއިން ލިބުނު ފަރުވާގެ ސަބަބުން މިހާރު ލަމްޙާގެ މަންމައަށް އަސާގެ އެހީގައި އެކަނި އުޅެވޭވަރުވެއެވެ. އިންޑިޔާއަށް ދިޔައީ އަވަށްޓެރި ސުހައިލް ބޭބެއާއި ފަރީނާ ދައްތައާ އެކުގައެވެ. ލަމްޙާ ފުރުމުން ދަނޑުގެ ކަންތަކާ ހަވާލުވެ ހުރީ އަވަށްޓެރި ފަސީހާ ދައްތައެވެ. ރަށަށް އެނބުރި އައި ދުވަހު ލަމްޙާގެ ޕުރިންސިޕަލާއި ބައެއް މުދައްރިސުން އެގެއަށް ދިޔައެވެ. ލަމްޙާއަށް މަރުޙަބާ ކިޔުމަށެވެ. އޯލެވެލްގެ ގަދަ ފަސްވަނައިގައި ލަމްޙާ ހިމެނުނެވެ. އަދި ހިސާބުން ދުނިޔޭގެ އެއްވަނަ ލިބުނެވެ. ލަމްޙާގެ މަންމަ ވަރަށް އުފާވިއެވެ. ލިބުނު އުފާވެރިކަން އެ ޢާއިލާއިން ނިންމީ ޝުކުރުގެ ސަޖިދައަކުންނެވެ.