Monday, May 24, 2021

އޮޓޯބައޮގުރަފީ: އަޅުކަމުގެ ދުލުން

އަޅުކަމުގެ ދުލުން ...!!!

               

               އަޅުގަނޑަކީ އަޅުގަނޑުގެ ގާތް މިތުރުންދެކެ އިންތިހާއަށް ލޯބިވާ މީހަކީމެވެ. އެހެންކަމުން އެ މިތުރުންނާ ވަކިވެގެން އެންމެ ހިނދުކޮޅަކަށް ވެސް ދުރަށް ދިއުމަކީ ދުވަހަކު ވެސް  އަޅުގަނޑު ކުރާނެ ކަމެއް ނޫނެވެ. އަޅުގަނޑުގެ މުޅި އުމުރު ނަގައިލަނީ އެ އެކުވެރިންނަށް ޓަކައެވެ. އެ އެކުވެރިންގެ ހިތްތަކުގައި ރަސްކަން ކުރުމަށް ރެއާ ދުވާލު އަރާމުކުރުމެއް ކެއުމެއް ބިއުމެއް ނެތި އަޅުގަނޑު މި ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެކުވެރިންގެ ތެރެއިން ވަރަށް މަދު ކުދިން ކޮޅެއް ނޫނީ އަޅުގަނޑާ އަޅައެއް ނުލައެވެ. އަޅުގަނޑަކީ ހުންނަ މީހެކޭ ވެސް އެ އެކުވެރިންގެ ހިތަކަށް ނާރައެވެ. އަޅުގަނޑު ގޮވާލިޔަސް އަނގައިން ނުބުނާތާ ނިތް އަރުވާލަން ވެސް ނުކެރެއެވެ. އެފަދަ ވަގުތުތަކުގައި އަޅުގަނޑުގެ ހިތް ހަށިގަނޑާ ވަކިވެގެންދާ ހެން ހީވެއެވެ.  

                އަޅުގަނޑަށް އަޅާލައި ލޯބި ދީ ހަދާ އެކުވެރިން ކުރާ ކޮންމެ ކަމެއް ކުރަނީ އަޅުގަނޑަށް ޓަކައެވެ. އެ އެކުވެރިން ލާ ކޮންމެ ނޭވާއެއް ވެސް ލަނީ އަޅުގަނޑާއެކު އެންމެ ފަހު ވަގުތު ވެސް ހޭދަކުރުމުގެ ބޭނުމުގައެވެ. އަޅުގަނޑު އުފާކޮށްދިނުމުގެ ބޭނުމުގައެވެ. އަޅުގަނޑު މަތިން ހަނދާން ކުރާ ހާލުއެވެ. އަޅުގަނޑު އެ އެކުވެރިންނާ ވަކިނުވޭތޯ ދުޢާ ކުރާ ހާލުގައެވެ. އެ މިތުރުންނާ އަޅުގަނޑާ ބައްދަލުވާ ހިނދު އެ އެކުވެރިންގެ ހުރިހާ އުފާތަކަކާއި ހިތާމަތަކެއް އަޅުގަނޑާ ހިއްސާކުރެއެވެ. އަދި އަޅުގަނޑަށް އިތުބާރުކުރާ ހާލު އެ މިތުރުންނަށް ކުރެވޭ ރަނގަޅު ކަންތައްތަކާއި ގޯސްކަންތައް ވެސް ކިޔައިދެއެވެ. އަދި އެ މިތުރުން އެންމެ ބޭނުންވާ ކަންކަމުގެ ލިސްޓެއް ވެސް އަޅުގަނޑަށް އިއްވާދެއެވެ. އެއީ އަޅުގަނޑުގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ވަގުތުތަކެކެވެ.

             އެހެންކަމުން އެ އެކުވެރި މިތުރުންނަށްޓަކައި ބައެއް ކަހަލަ ކަންތައް ކުރުމަކީ އަޅުގަނޑަށް ލާޒިމުކުރާކަމެކެވެ. އެގޮތުން އެ އެކުވެރިން ހިނގަން އޮންނަ މަގުގައި ހުންނަ ކުންޏާއި ނަޖިސް ނަގައި ސާފުކޮށް މަގުގައި ހުންނަ ގުދުތައް ސީދާ ކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް ކަމުގައި ހަދަމެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަށް މަގު ފުޅާކޮށް މަގުގެ ފެންވަރު ރަނގަޅުކުރަން ކެނޑިނޭޅި މަސައްކަތްކުރަމެވެ. އަދި އެ މިތުރުންގެ ދުޝްމިނަކަށް އެމަގުގެ ވަސް ދުވާ ހިސާބަށް ވެސް ކައިރި ވިޔަކަ ނުދެމެވެ. ޒަމާނީ ވަސީލަތްތަކަށް ފޫއަޅުވައި ނުލެވޭ ފަދަ ވަރުގަދަ ހަތިޔާރުތަކެއް ހިފައިގެން މަގުގެ ވަށައިގެން ފާރަވެރިން ބައިތިއްބަމެވެ. އަދި އެ ފާރަވެރިންނަކީ އެކުވެރި މިތުރުންނަށް ހެޔޮއެދޭ އަމާނާތްތެރި ކިޔަމަންތެރި އިހްސާންތެރި ބައެއް ކަމުގެ އުފާވެރި ޚަބަރު ވެސް  އަޅުގަނޑު ވާނީ އެ މިތުރުންނަށް ދީފައެވެ. 

              އަޅުގަނޑު ކޮށައި މަށައި ހަދާދޭ މަގުން އެ އެކުވެރިން ހިނގަން ފެށުމުން އެ މީހުންގެ ހިތްތަކަށް  އުފާވެރިކަމާއި ހަމަޖެހުން އައިސް ފުރާލައެވެ. އެ އެކުވެރިންނަށް ޓަކައި އަޅުގަނޑުގެ ވެރި ފަރާތުުގެ ލޯތްބާއި ރަޙްމަތް ހުޅުވާލެވެއެވެ. އަދި ކުދި ބޮޑު ޒުވާން މުސްކުޅި އެންމެންގެ ލޯބި އެ އެކުވެރިންނަށް މަރުހަބާ ކިޔައެވެ. މީގެއިތުރުން އެ އެކުވެރިން ވެގެންދަނީ އެހެން މީހުން އިތުބާރުކުރާ އިހްތިރާމުކުރާ ކުދި ބަޔަކަށެވެ. އެއީ އަޅުގަނޑަށް ބުނެދޭން ނޭނގޭ ފަދަ އުފަލެއް އިހްސާސްކުރެވޭ ފަދަ ކަމަކަށް ވެގެން ދެއެވެ.

                 އަދި މިހިސާބުން ވެސް ނިމުނީ އެއް ނޫނެވެ. އެ އެކުވެރިންގެ ދެދުނިޔޭގެ ޙަޔާތް ވެސް ބާއްޖަވެރި ވެގެން ދެއެވެ. ދުނިޔޭގައި ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅުމަށްފަހު މަތިވެރިވެގެންވާ ސުވަރުގެއިން ފުރުސަތު ހޯދައިދެމެވެ. ވިދުވަރެއްހެން ސިރާތުމަގު ހުރަސްކުރެވޭނެ މަގު ވެސް އެ މިތުރުންނަށް ފަހިކޮށްދެމެވެ. ޤިޔާމަތް ދުވަހުން ކަނާތުން ފަތް ލިބޭ މީހުންގެ ތެރޭގައި އަޅުގަނޑަށް ކަމޭހިތާ ހުރިހާ މިތުރުން ހިމެނޭނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. މަޙްޝަރުގެ މައިދާނުގައި އަހަރެންގެ އެކުވެރިންނަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙައުޟުން ފެންލިބޭނޭކަމުގެ އުފާވެރި ޚަބަރު ވެސް އެ މިތުރުންނަށް ވާނީ އަންގާފައެވެ. ﷲ ތަޢާލާގެ ވަޖުހުފުޅު ދުށުމުގެ ނަސީބު ވެސް އަޅުގަނޑުގެ ހުރިހާ އެކުވެރި މިތުރުންނަށް ހޯދައިދޭނަމެވެ. މިއީ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލެވެ. މިއީ އެ ނަސީބު ލިބިގަތުމަށްޓަކައި އިންސާނުން އެންމެ ބޭނުންވާ ކަމެވެ. އަޅުގަނޑުގެ އެކުވެރި މިތުރުންނަކީ ހާދަހާވާ ނަސީބުގަދަ ބައެކޭ ތިބާގެ ހިތަކަށް ނާރާ ހެއްޔެވެ؟

                އެއްވެސް މީހަކަށް ހުރިހައި އުފަލެއް ހާސިލެއް ނުވާނެއެވެ. އެގޮތުން އަޅުގަނޑަށް ވެސް ހުރިހާ އުފަލެއް ނުލިބެއެވެ. ހަނޑުލުގައި ވީ ހުންނަ އުސޫލުން އަޅުގަނޑުގެ އެކުވެރިންގެ ތެރޭގައި ވެސް އަޅުގަނޑާ ގުޅުން ނުބާއްވާ އަޅުގަނޑަށް ނަފުރަތު ކުރާ ކުދިން ވެސް އުޅެއެވެ. އޭގެ ސަބަބުން އެމީހުންނަށްޓަކައި ފައިދާ ހުރި އެއްވެސް ކަމެއް އަޅުގަނޑު ނުކުރަމެވެ. އެހެންކަމުން އެމީހުންގެ ދެ ދުނިޔޭގެ ދިރުއުޅުން ވެސް ވެގެންދާނީ އުނދަގޫ ނިކަމެތި ދިރިއުޅުމަކަށެވެ. އެމީހުން ވެގެންދާނީ އާޚިރަތްދުވަހުން ވާތަށް ފަތް ލިބޭ މީހުންގެ ތެރެއިންނެވެ. އެމީހުން ވެގެންދާނީ ސިރާޠު މަގު ހުރަސް ނުކުރެވި ނަރަކައިގެ ތެރެއަށް ވެއްޓޭ މީހުންގެ ތެރެއިންނެވެ. 

            މިއަދު ވެސް މާދަމާ ވެސް ބުނަން އޮތީ ތިޔަ މިތުރުންގެ ދެ ދުނިޔޭގެ ހަޔާތް ބާއްޖަވެރި ކުރަން އެދެނީ ނަމަ އަޅުގަނޑާ އަޅާލާށެވެ. އަޅުގަނޑަށް ލޯބި ދޭށެވެ. އަޅުގަނޑާއެކު ވަގުތު ހޭދަކުރާށެވެ. ތިޔަ މިތުރުންގެ ހިތްތަކުގައި ރަސްކަން ކުރުމުގެ ފުރުސަތު އަޅުގަނޑަށް ފަހިކޮށްދޭށެވެ. ތިޔަ މިތުރުންގެ ނިދި އަޅުގަނޑަށްޓަކައި ނަގާލާށެވެ. ތިޔަ މިތުރުންގެ އުފަލާއި އަރާމު އަޅުގަނޑަށްޓަކައި ގުރުބާންކުރާށެވެ. ތިޔަ ހީކުރީ ހަމަ ރަނގަޅަށެވެ. އަޅުގަނޑަކީ ތިޔަ އެކުވެރި މިތުރުންގެ އަޅުކަމެވެ.