Featured Post

Ombey

ގުރޭޑު 5 ގައި ކިޔަވަމުންދާ ދަރިވަރުންނަށް އެހީއެއް (ޢަޤީދާ - 1 )


ސުވާލާއި ޖަވާބު 

އަޤީދާ 1 

 

 

1-   އީމާންކަމުގެ ރުކުންތައް ލިޔެލަމާ!

·        މާތް ﷲ އަށް އީމާންވުން.

·          މަލާއިކަތްބޭކަލުންނަށް އީމާންވުން.

·        މާތް ﷲ ބާވައިލެއްވި ފޮތްތަކަށް އީމާންވުން.

·          ރަސޫލުބޭކަލުންނަށް އީމާންވުން.

·         އާޚިރަތްދުވަހަށް އީމާންވުން.

·          ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން.

 

2-   މާތް ﷲ އީ އެއްކައުވަންތަ އިލާހޭ ބުނެވޭ ބަހުގެ މާނަ ބުނެލަމާ!

·        މާތް ﷲ އީ ޚާލިޤުވަންތަ ކަމުގައްޔާއި އިލާހު ވަންތަކަމުގެ ފުރިހަމަ ސިފަފުޅުތައް ލިބިވޮޑިގެންވާ އިލާހު ކަމާއި އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާ އިލާހުކަން ޤަބޫލުކުރުމެވެ.

 

3-   މާތް ﷲ ގެ އެއްކައުވަންތަކަމާއި އުލޫހިއްޔަތުގެ މަޤްޞަދު ބުނެލަމާ!

 

·        ޙައްޤުގޮތުގައި އަޅުކަންކުރުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަން ހިތުގެ އަޑިން ޤަބޫލުކުރުމާއެކު އެންމެހައި އަޅުކަންތައް އެއިލާހަށް ޚާލިޞްކުރުމެވެ.

 

4-   ސޫރަތުލް އިޚްލާޞްގެ މާނައިން އެނގޭ ބައެއްކަންތައް ލިސްޓުކޮށްލަމާ!

·         އަޅުކަންކުރުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަން.

·        މާތް ﷲ އަށް ޝަރީކު ނުކުރެވޭނެ ކަން.

·        އެންމެހައި ޢައިބުތަކުން މާތް ﷲ ގެ ޛާތުފުޅު ހުސްޠާހިރުވެވެޑިގެންވާ ކަން.

·        އުލޫހިއްޔަތުގެ ޞިފައާއި މާނަ އެކުލެވިގެންވަނީ ހަމައެކަނި މާތް ﷲ ގެ ޛާތުފުޅުގައި ކަން.

 

5-   މާތް ﷲ ގެ އެއްކައުވަންތަކަން ދޭހަކޮށްދޭ ދަލީލެއް ޤުރުއާނުގެ އެހީގައި ބުނެލަމާ!

·        މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. قُلْ هُوَ اللهُ أحَدٌ.

 

6-   ރަސޫލުބޭކަލުންނަކީ ކޮބައިކަން ބުނެލަމާ!

·        ރަސޫލުބޭކަލުންނަކީ، މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި އިންސާނުންގެ ތެރެއިން އިޚްތިޔާރުކުރައްވައި، އެބޭކަލުންނަށް މާތް ﷲ ވަޙީ ބާވައިލައްވައި އާ ޝަރީޢަތެއް ދެއްވައި މީސްތަކުންގެ ގާތަށް ފޮނުއްވި ބޭކަލުންނެވެ.

 

7-   ރަސޫލުބޭކަލުންނަށް އީމާންވުމަކީ ކޮބައިކަން ލިޔެލަމާ!

·        ރަސޫލުބޭކަލުން ގެންނެވި ރިސާލަތަކީ މާތް ﷲ ގެ ޙަޟްރަތުން ގެންނެވި ޙައްޤު ތެދުކަން ހިތުން ތެދުކޮށް ޤަބޫލުކުރުމާއެކު އެއަށް ޢަމަލުކުރުމެވެ.

 

8-   ރަސޫލުބޭކަލުންނަށް އީމާންވުމުގެ މުހިއްމުކަން ލިސްޓުކޮށްލަމާ!

·        ރަސޫލުބޭކަލުންނަށް އީމާންނުވާ މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ.

·        އެބޭކަލުން އެންގެވި ގޮތަށް އުޅެގެން މެނުވީ އާޚިރަތުގައި ކާމިޔާބީއެއް ނުލިބޭނެ.

·        ތެދުމަގު ލިބޭނީ އެބޭކަލުން އެންގެވި ގޮތަށް އުޅެގެން.

 

9-   ރަސޫލުބޭކަލުންނަށް އީމާންވާންޖެހޭ ކަމުގެ ދަލީލެއް ޤުރުއާނުގެ އެހީގައި ބުނެލަމާ!

·        فَآمِنُوا بِاللَّـهِ وَرُسُلِهِ (سورة النساء171) މާނައީ: ފަހެ، اللَّه އާއި، އެކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވާށެވެ!

 

10-  ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި (ނިންމެވި) ރަސޫލަކީ ކޮން ބޭކަލެއްކަން ބުނެދެމާ!

·        އެއީ އެންމެހައި މީސްތަކުންގެ ގާތަށް ފޮނުއްވި ރަސޫލާ މުޙައްމަދު صلى الله عليه وسلم އެވެ.

 

11-  ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި (ނިންމެވި) ރަސޫލަކީ މުޙައްމަދު صلى الله عليه وسلم ކަން ދޭހަކޮށްދޭ ދަލީލެއް ޤުރުއާނުގެ އެހީގައި ލިޔެލަމާ!

·        مَّا كَانَ مُحَمَّدٌ أَبَا أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ اللَّـهُ بِكُلِّ شَيْءٍ عَلِيمًا ﴿ سورة الأحزاب ٤٠﴾ މާނައީ: ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.

 

12-   އުލުލްޢަޒްމުގެ ވެރިބޭކަލުންނަކީ ކޮބައިކަން ލިޔެލަމާ!

·        ނޫޙު ޢަލައިހިއްސަލާމް.

·        އިބްރާހީމް ޢަލައިހިއްސަލާމް.

·        މޫސާ ޢަލައިހިއްސަލާމް.

·        ޢީސާ ޢަލައިހިއްސަލާމް.

·        މުޙައްމަދު صلى الله عليه وسلم އެވެ.

 

13-   ފޮތްތަކަށް އީމާންވުމަކީ ކޮބައިކަން ބުނެދެމާ!

·        ހުރިހާ ރަސޫލުބޭކަލުންގެ މައްޗަށް މާތް ﷲ ފޮތް ބާވައިލެއްވި ކަމާއި، އެފޮތްތަކުގައި ވަނީ މާތް ﷲ ގެ ވަޙީ ބަސްފުޅުކަމާއި، ފޮތް ބާވައިލެއްވީ މީސްތަކުންނަށް ހިދާޔަތް ދެއްކެވުމަށް ކަން ހިތުގައި ޝައްކެއްނެތި ޤަބޫލުކުރުމާއެކު އެއާއި އެއްގޮތަށް ޢަމަލުކުރުމެވެ. 

 

14- ފޮތްތަކަށް އީމާންވުމުން ލިބޭނެ ފައިދާތައް ލިސްޓުކޮށްލަމާ!

·        އުޅެންވާ ގޮތް އެނގޭނެ.

·        މާތް ﷲ ގެ އޯގާވަންތަކަމާއި ކުޅަދުންވަންތަ ކަން އެނގޭނެ.

·        ކުރީގެ އުންމަތްތަކުގެ މަޢްލޫމާތު އެނގޭނެ.

·        މާތް ﷲ ރުހިވޮޑިގަންނަވާ ކަންތައްތަކާއި ރުހިވޮޑިނުގަންނަވާ ކަންތަކަށް ރައްކާތެރިވާން އެނގޭނެ.

 

15- ކީރިތި ޤުރުއާނަށް އީމާންވުމަކީ ކޮބައިކަން ލިޔެލަމާ!

·        ކީރިތި ޤުރުއާނަކީ ޖިބްރީލުގެފާނު މެދުވެރިކުރައްވައި ރަސޫލު ﷲ صلى الله عليه وسلم ގެ މައްޗަށް ބާވައިލެއްވި މާތް ﷲ ގެ ކަލާމްފުޅު ކަމާއި، ޤުރުއާނަށް ފަހު ކުރީގައި ބާވައިލެއްވި ފޮތްތައް މަންސޫޚު ކުރައްވާފައިވާ ކަމާއި، ޤުރުއާނަކީ އާޚިރަތާއި ހަމައަށް ދެމިގެންވާ ފޮތެއްކަން ހިތުގައި އެއްވެސް ޝައްކުކަމެއް ނެތި ޤަބޫލުކުރުމާއެކު އޭގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމެވެ. 

 

16-  މުޢުޖިޒާތަކީ ކޮބައިކަން ބުނެދެމާ!

·        މުޢުޖިޒާތަކީ ނަބިބޭކަލުންނާއި ރަސޫލުބޭކަލުންގެ ދަޢުވަތުގެ ތެދުކަން މީސްތަކުންނަށް ހާމަކޮށްދެއްވުމުގެ ގޮތުން އެބޭކަލުންގެ ފަރާތްޕުޅުން ފައުޅު ކުރައްވާފައިވާ (ދައްކަވާފައިވާ)، އިންސާނުންނަށް ކުރުން ކުޅަދާނަ ނޫން އާދަޔާ ޚިލާފު ކަންތައްތަކެވެ.

 

17-  މުޢުޖިޒާތުގެ ޝަރުޠުތައް ލިސްޓުކޮށްލަމާ!

 

·        އިންސާނުންނަށް ކުރުން ކުޅަދާނަވެގެންނުވާ އާދަޔާޚިލާފު ކަމެއްކަމުގައިވުން.

·        ދޮގުކުރާ މީހުންނާއި ޝައްކުކުރާ މީހުންނަށް ގޮންޖެއްސެވުމުގެ ގޮތުން ގެނެވޭ އެއްޗެއް ކަމުގައިވުން.

·        ރަސޫލުބޭކަލެއް ނުވަތަ ނަބީބޭކަލެއްގެ ކިބައިން ފާޅުވުން.

 

18-   މުޢުޖިޒާތާއި ކަރާމާތާއި ސިޙުރުގެ ތަފާތު ލިޔެލަމާ!

 

މުޢުޖިޒާތް

ކަރާމާތް

ސިޙުރު

·                    މުޢުޖިޒާތް ފާޅުކުރައްވަނީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފަރާތްޕުޅުންނެވެ.

·                    މުޢުޖިޒާތަކީ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ދަޢުވަތުގެ ތެދުކަން ހާމަކޮށްދެއްވުމުގެ ގޮތުން އެބޭކަލުންގެ ފަރާތްޕުޅުން ފާޅުކުރައްވާ އާދަޔާޚިލާފު ކަންތައްތަކެވެ.

·        މުޢޫޖިޒާތަކީ ތެދު ޙަޤީޤަތެވެ.

 

·        ކަރާމާތް ފާޅުކުރައްވަނީ މާތް ﷲ ގެ ވަލީވެރިންގެ ފަރާތްޕުޅުންނެވެ.

·        ކަރާމާތަކީ ވަލީވެރިންނަށް މާތް ﷲ ދެއްވާ މަތިވެރި ކަމެކެވެ. ނުވަތަ ދީނަށް ނަޞްރު ދެއްވުމުގެ ގޮތުން ވަލީވެރިންގެ ފަރާތްޕުޅުން ފާޅުކުރައްވާ ކަންތައްތަކެވެ.

·        ކަރާމާތަކީ ތެދު ޙަޤީޤަތެވެ.

·        ސިޙުރަކީ އެކަމަށް ކުޅަދާނަ ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެކެވެ.

·        ސިޙުރަކީ ޖިންނި ޝައިޠާނުން މެދުވެރިކޮށް އިންސާނުންގެ ލޯ މައްޗަށް ދައްކުވައި އޮޅުވާލާ އޮޅުވާލުމެކެވެ.

·        ސިޙުރަކީ އޭގައި އެއްވެސް ޙަޤީޤަތެއް އެކުލެވިގެންނުވާ ދޮގުތަކެކެވެ.

 

 

 

19-    ޤުރުއާނަކީ މުޢުޖިޒާތެއްކަން ހާމަކޮށްދޭ ބައެއް ކަންތައް ލިސްޓުކޮށްލަމާ!

·        ލަފްޡުތަކުގެ ރީތިކަމާއި ޢިބާރާތްތައް އެކުލެވިފައިވާލެއް ފުރިހަމަކަން.

·        ކުރު ޢިބާރާތްތަކުގައި ގިނަ މާނަ އެކުލެވިގެންވުން.

·        އިންސާނުންނަށް ކުރީގައި އެނގިފައިނުވާ ޢިލްމީ އެތައް ޙަޤީޤަތްތަކެއް ޤުރުއާނުގައި ބަޔާންކުރައްވާފައިވުން.

·        އެހެން ފޮތްތަކާއި ޚިލާފަށް ޤުރުއާން ހިތު ދަސްކުރަން ފަސޭހަވުން.

·        އިސްވެ ގޮސްފައިވާ ކަންތަކުގެ ވާހަކައާއި ފަހުން ވާނޭ ކަންތަކުގެ ވާހަކަ ބަޔާންވެފައިވުން.

·        ޤުރުއާނާއި އެއްފަދަ އެހެން ފޮތެއް މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އުފެއްދުމުގެ ކުޅަދާނަކަން ލިބިގެންނުވުން.

 

20-   މިއާޔަތުގެ މާނަ ލިޔެލަމާ! قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ عَلَىٰ أَن يَأْتُوا بِمِثْلِ هَـٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا ﴿سورة الإسراء ٨٨﴾ 

 

·        މާނައީ:   ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآن އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.

 

21-    ޝިރުކުކުރުމަކީ ކޮބައިކަން ބުނެދެމާ!

·        ޝިރުކުކުރުމަކީ ﷲ އާއި އެހެން ފަރާތެއް ބައިވެރިކުރުމެވެ.

 

22-   ޝިރުކުކުރުމުގެ ބައެއް މިޘާލުތައް ލިސްޓުކޮށްލަމާ!

·        ބުދަށް އަޅުކަންކުރުން.

·        ނެތުމުގެ ތެރެއިން ތަކެތި އުފެއްދުމުގައި މާތް ﷲ އާއިއެކު އެހެން ފަރާތެއް ބައިވެރިވާކަން ޤަބޫލުކުރުން.

·        ދިރުއްވުމާއި މަރުގެންދެވުމުގައި މާތް ﷲ އާއިއެކު އެހެން ފަރާތެއް ބައިވެރިވާކަން ޤަބޫލުކުރުން.

·        ޣައިބުގައިވާ ކަންތައްތައް މާތް ﷲ ފަދައިން އެހެން ބަޔަކަށްވެސް އެނގިދާނެ ކަމަށް ޤަބޫލުކުރުން.

 

23-   ޝިރުކުކުރުމުން ލިބިދާނެ ބައެއް ގެއްލުންތައް ލިސްޓުކޮށްލަމާ!

·        މާތް ﷲ ގެ ލޯބިން މަޙްރޫމުވުން.

·        އެއްވެސް ޢަމަލެއް ޤަބޫލެއް ނުކުރައްވާނެ.

·        ސުވަރުގޭގެ ދޮރުކޮޅުތައް އެމީހެއްގެ މައްޗަށް ބަންދުވާނެ.

·        ހުރިހާ ހެޔޮ ޢަމަލެއް ބާޠިލުވާނެ.

·        ޝިރުކުކުރުމަށް ފަހު ތައުބާނުވެ މަރުވެއްޖެނަމަ އެމީހަކަށް މާތް ﷲ މާފުނުކުރައްވާނެ.

 

24-    ޝިރުކުކުރުމުން ރައްކާތެރިވާނީ ކިހިނެއްކަން ބުނެދެމާ!

·        އިސްލާމީ ޢަޤީދާއާއި ބެހޭ ޞައްޙަ މަޢުލޫމާތު ހޯދައި ޝިރުކުގެ ނުރައްކާތެރިކަން ދެނެގަތުމާއެކު ތިމާ ކުފުރުވާފަދަ ބަސްތަކާއި ޢަމަލުތަކުން ދުރުހެލިވެ ރައްކާތެރިވުމާއެކު، ޝިރުކުގެ ނުބައިކަމުން ސަލާމަތް ކުރެއްވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. 

 

No comments: