ވާހަކަ: ޢީދު ހަދިޔާ

ޢީދު ހަދިޔާ 

ލިޔުނީ: ޒީނަތު ލަބީބު.

އެއީ ފިޠުރު ޢީދުގެ ފުރަތަމަ ދުވަހެވެ.  ޢުމަރު އޮތީ ނިދާފައެވެ. ޢުމަރު ނިދަންއޮތީ އޭނާގެ ރީތި ބޮޑު އެނދުގައެވެ. ކުއްލިއަކަށް ޢުމަރަށް ހޭލެވުނީ ބަންގީގެ އަޑަށެވެ. ޢުމަރު ސަމާލުކަމާއެކު ބަންގީގެ ކަލިމަތައް އަޑުއަހަމުން އެކަލިމަތައް ތަކުރާރުކުރަމުން ދިޔައެވެ. ޢުމަރަކީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދެކެ އިންތިހާއަށް ލޯބިވާ ކުއްޖެކެވެ. ބަންގީގެ ކަލިމަތައް ފަހަތުން އެ ކަލިމަތައް ތަކުރާރުކުރުމަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދުދެއްވާފައެވެ. އެހެންނަމަވެސް ބަންގީގެ ކަލިމަތަކުގެ ތެރެއިން حي على الصلاة، حي على الصلاة، حي على الفلاح، حي على الفلاح،  މިކަލިމަތަކުގެ ފަހަތުން ކިޔުމަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އިރުޝާދު ދެއްވާފައިވަނީ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ  އެވެ.

ބަންގި ނިމުމާއެކު ޢުމަރު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ފެންވަރައިގެން ވުޟޫކޮށްގެން މިސްކިތަށް ދިޔައެވެ. މިސްކިތަށް ދާން ގެއިން ނިކުންނަމުން ގެއިން ބޭރަށް ނިކުންނަމުން ކިޔަން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވާފައިވާ ދުޢާ ތަކުގެ ތެރެއިން ދުޢާއެއްކިއެވެ. އެ ދުއާއަކީ بِسْمِ اللهِ، تَوَكَّلْتُ عَلَى اللهِ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ . މާނައީ: الله ގެ އިސްމުފުޅުގެ ބަރަކާތުން ނިކުންނަމެވެ. އަހުރެންގެ އެންމެހާ ކަންތައްތައް الله އާޙަވާލުކޮށްފީމެވެ. އަދި އެއްވެސް ހެޔޮކަމެއް ކުރުމުގެ ބާރެއްވެސް އަދި ނުބައިކަމަކުންސަލާމަތްވުމުގެ ބާރެއްވެސް اللهގެ ޙަޟްރަތުން މެނުވީ ނުވެއެވެ.

ޢުމަރު ދިޔައީ އޭނާގެ ގެއާ އެންމެ ކައިރީގައި ހުންނަ މިސްކިތް ކަމަށްވާ މަސްޖިދުލްވާލިދައިނި އަށެވެ. އަދި ޢުމަރު މިސްކިތުގެ ދޮރާ އަރައި ހަމަވުމުން މިސްކިތަށް ވަންނަމުން ކިޔުމަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވާފައިވާ ދުޢާގެ ތެރެއިން ދުޢާއެއް ކިއެވެ. އެދުޢާއަކީ اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ. މާނައީ: ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަاللهގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުއްވައިދެއްވާނދޭވެ!  އެއަށްފަހު ފަތިސް ނަމާދުގެ އިހު ސުންނަތް ދެރަކްޢަތް ކުރިއެވެ. އޭގެ އިރުކޮޅެއްފަހުން ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމަށްފަހު ގެއަށް ދިޔައެވެ. ގެއަށްގޮސް ކޮޓަރި ދޮރުހުޅުވާލުމާއެކު ބޮޑުބޮޑު ޕާރުސަލެއް ފެނުނެވެ. ވަރަށް އުފަލުން އެ ޕާރުސަލް ކަނޑައި ބަލައިލިއިރު އޭގެ ތެރޭގައި އޮތީ ބައިސްކަލެވެ. ޢުމަރު ހިތާހިތުން ﷲއަށް ޙަމްދުކުރިއެވެ. ކޮންޕިއުޓަރަކާއި ބައިސްކަލެއް ދެއްވުން އެދި ﷲއަށް ޢުމަރު ދުޢާކުރާތާ ދުވަސްކޮޅެއްވަނީ ފާއިތުވެފައެވެ.

ދުވަހަކީ ފިޠުރު ޢީދު ދުވަސްކަމުން ޢީދު ނަމާދަށް ދިއުމަށް ޢީދު ހެދުން ލައި ތައްޔާރުވިއެވެ. ޢުމަރު ތައްޔާރުވެ ނިމުނުތަނާހެން މީހަކު ގޮވާލި އަޑު ޢުމަރަށް އިވުނެވެ.

"ޢުމަރުގެ މަންމަ: ދަރިފުޅާ  ޢުމަރު! ތައްޔާރުވެއްޖެތަ؟ މަންމަ މިހިރީ ތައްޔާރަށް... އާދޭ އަވަހަށް".

"ޢުމަރު: ލައްބަ މަންމާ، މިދަނީ". ބުނެޏެވެ.

މަންމައާއި ޢުމަރު ދިޔައީ ހިތަދޫ ސްޓޭޑިއަމުގައި އޮތް ބޮޑު ޖަމާޢާތަށެވެ. ޢުމަރު ދިޔައީ އޭނައަށް ލިބުނު އާ ބައިސްކަލުގައެވެ. މަންމަ ވެސް ދިޔައީ މަންމަގެ ބައިސްކަލުގައެވެ. ޢީދު ނަމާދު ފެށެންދެން ހުރިހާ އެންމެން ތަކުބީރުކިޔަމުން ގެންދިޔައެވެ. ޢީދު ނަމާދު ނިމުމުން ޢުމަރާއި މަންމަ އެންމެނަށް ސަލާންކޮށް ޢީދުތަހުނިޔާ ކިޔުމަށްފަހު ގެއަށްދިޔައެވެ. ގެއަށް ދިޔައީ ކުރިންއައި މަގުން ނޫން އެހެން މަގަކުންނެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާ ގޮތަށް ކަންތައް ކުރުމަށެވެ. އެގޮތަށް ދިއުމުން ކުރިން ދިމާނުވާ މީހުންނާ ދިމާވެ ޢީދުގެ ތަހުނިޔާ ކިޔޭނެއެވެ.

ގެއަށް ދެވުމާއެކު ޢުމަރުގެ މަންމަ އަވަސްވެގަތީ ސައި ތައްޔާރުކުރާށެވެ. ޢުމަރު ޓީވީ ބެލިއެވެ. ޓީވީން ފެންނަނީ ޙަރަމް ފުޅުގައި ޢީދު ނަމާދަށް ތައްޔާރުވަމުން ދިޔަ މަންޒަރެވެ.

"السلام عليكم"  ކުއްލިއަކަށް މީހަކު ސަލާންގޮވާލި އަޑު އިވުނެވެ.

"وعليكم السلام"  ކިޔައި ޢުމަރު ސަލާމުގެ ޖަވާބު ދިނެވެ.

އަދި އެއީ ކާކުތޯ ބަލައިލިއެވެ. ޢުމަރަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ދޮރުމަތީގައި ހުރީ ޢުމަރުގެ ބައްޕައެވެ. ބައްޕަގެ ކައިރީގައި ވަރަށް ބޮޑު ޕާރުސަލެއް ހުއްޓެވެ. ޢުމަރު އުފަލުން ގޮސް ބައްޕަ ގައިގައި އޮޅުލައިގަތެވެ. ބައްޕަ ޢުމަރަށް ޢީދުގެ ތަހުނިޔާ ކިޔައި އޭނާގެ ނިތްކުރިއަށް ބޮސްދިނެވެ.

ޢުމަރު ބައްޕަ ގެނައި ޕާރުސަލް ކެނޑިއެވެ. އޭގެ ތެރޭގައި އޮތީ ޢުމަރު ނުލިބިގެން އުޅޭ ކަހަލަ ކޮންޕިއުޓަރެކެވެ. ޢުމަރު ވަރަށް ވަރަށް އުފާވިއެވެ. އަދި ﷲ އަށް ޙަމްދުކުރިއެވެ.

"ކޮބާ! ދެބަފައިން އާދޭ ސައިބޯން" ޢުމަރުގެ މަންމަގެ އަޑު އިވުނެވެ. މަންމަ އާއި ބައްޕަ އާއި އެކު ސައިބޮއިގެން ޢުމަރު ދިޔައީ ކޮޓަރިއަށެވެ. އަދި މަންމަ އާއި ބައްޕަ އަށް ދިނުމަށް ވަރަށް ރީތި ކާޑެއް ތައްޔާރުކުރިއެވެ. އެއަށްފަހު އެކާޑު މަންމަ އާއި ބައްޕައަށް ދިނެވެ. މި ޢީދަކީ ޢުމަރަށް ވަރަށް އުފާވެރި ޢީދެކެވެ.

 

 

 


No comments: