Featured Post

Ombey

ވާހަކަ - މުރާލި އަފްޠަން

                މުރާލި އަފްޠަން

       އަފްޠަނާއި އާޔަނަކީ ދެބެންގެދެދަރި ދެ ކުދިންނެވެ. އެކުގައި އެއްގެއެއްގައި އުޅޭ ދެ ކުދިންނެވެ. އަފްޠަނަކީ ވަރަށް ހީވާގި މުރާލި މަސައްކަތްތެރި ކުއްޖެކެވެ. ނަމަވެސް އާޔަން ފޯރި ހުންނަނީ ކެއުމާއި ކުޅިވަރަށް އެކަންޏެވެ.

       އެއްދުވަހަކު އަފްޠަނަށް ވަރަށް މީރު ރަތް ފޭރެއް ލިބުނެވެ. އަފްޠަން އެ ފޭރުން އެއްބައި ކޮއްކޮއަށް ދިނެވެ. އަދި އަނެއްބައި މީރުކޮށް ކެއުމަށްފަހު އޭގެ އޮށް އިންދިއެވެ. ދުވަސްކޮޅެއް ފަހުން ގަސްފަޅައި، އެ ގަސްތައް ރަނގަޅަށް ހެދެން ފެށިއެވެ. ގަސް ފެޅިފަހުން އަފްޠަން ކޮންމެ ދުވަހަކު ވެސް ގަހަށް ފެންދީ ހަދައެވެ. އަދި ކާނާ ވަޅުލައި ހިންޏާއި ކުދި ފަނިފަކުސަތަކުން ގަސް ސަލާމަތް ކުރަން ބޭސްޖަހައި ހަދައެވެ. އަދި ގަހުގެ ގޮފިތައް ހިފެހެއްޓުމަށްޓަކައި މުޑި ވިއްދައި ހަދައެވެ. ހަމައެހެންމެ ގަސް މަރުނުވެ ހެދޭތޯ ﷲއަށް ދުޢާކުރެއެވެ. ގަސްހެދެމުން އައީ ހީވެސް ނުކުރާހާ ހަލުވި މިނެއްގައެވެ. އަފްޠަން އުފަލުން ގަހުގެ ހިޔަލުގައި އިނދެ ގަސް ފޯދި މީރު މޭވާ ލިބޭތޯ ގިނަގިނައިން ދުޢާކޮށް ހަދައެވެ.

       އަފްޠަންގެ ކޮއްކޮ އާޔަން އެއްވެސް ވަރަކަށް ގަހާމެދު ޝައުގުވެރިކަމެއް ފާޅުނުކުރެއެވެ. ތިޔައީ ދުނބުރި ގަހެއްތޯ ނުވަތަ ފޭރު ގަހެއްތޯ ވެސް އަހާނުލައެވެ. އެންމެ ފަހުން ގަސްފޯދިއްޖެއެވެ. ގަހުގައި ފުރަތަމަ ވެސް ފޭރުތައް އެޅީ ބަލާމީހަކު އަޖައިބުވާހާ ގިނައިންނެވެ. މުޅިގަސް ހީވަނީ ބޮކިތަކަކުން ޒީނަތްތެރި ކޮށްފައި ހުރި ހެންނެވެ. އަފްޠަން އުފަލުން ﷲ އަށް ޙަމްދުކޮށް އެގަހަކީ އަފްޠަނަށްޓަކައި ބަރަކާތްތެރި ގަހަކަށް ހެއްދެވުން އެދި ދުޢާކުރިއެވެ.  

       ރީތި ރަތް ފޭރުތައް ފެނިފައި އާޔަނަށް ވެސް ގަހާ ދުރުގައި ނުހުރެވުނެވެ. އަދި އެއްދުވަހަކު ބުންޏެވެ. ފޭރުތައް ދެމީހުންނަށް އެއްވަރަކަށް ބަހާލަން ވާނެއެވެ. އަދި އެ ވިއްކައިގެން ދެ މީހުންނަށް ވެސް ރަނގަޅު ފައިދާއެއް ހޯދިދާނެއެވެ. އޭނާ ވަނީ އޭނާއަށް ލިބޭ ބައި ވިއްކާނެ ފިހާރަތައް ބަލައި އެމީހުންނާ ވާހަކަ ވެސް ދައްކާފައި ކަމަށް ބުންޏެވެ. ކޮއްކޮގެ ވާހަކަ އަޑުއަހަން އަފްޠަނަށް ހުރެވުނީ ހައިރާންކަމާ އެކުގައެވެ. ކޮއްކޮގެ ވިސްނުމުގެ ކޮށިކަން ހިތަށްއަރައި ދެރަވެފައި ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.

       އެންމެފަހުން ދޮންވެ ފައްކާވެފައިވާ ފޭރުތައް ބިނދެފިއެވެ. އަފްޠަން ފޭރުތައް ތިން ބަޔަށް ބައިކުރިއެވެ. އޭގެ ތެރެއިން އެއްބައި ފޭރު ދެއްވި ގަދަކީރިންތިވަންތަ އިލާހުގެ މަގުގައި ޞަދަޤާތްކުރިއެވެ. އަނެއް ބައި އާއިލާ މީހުންނަށް ބެހިއެވެ. ދެން ހުރި ބައި ވިއްކާފައި ރުފިޔާ ހޯދިއެވެ.

       ފުޓުބޯޅަ މެޗު ނިންމާލާފައި އާޔަން ގެއަށް އައިއިރު އެއްކަލަ ފޭރުގަހުގައި އެންމެ ފޭރެއް ވެސް ނެތެވެ. އެކަމާ އާޔަން ވަރަށް ކަންބޮޑުވިއެވެ. އަދި ފޭރުތަކަށް ވީގޮތް އޮޅުންފިލުވުމަށް އަފްޠަންގެ ގާތަށް ދިޔައެވެ. ކަންކުރިގޮތް ވަރަށް ރީއްޗަށް ކިޔައި ދިނުމަށްފަހު އަފްޠަން ކޮތަޅެއްގައި ހުރި ފޭރު އާޔަނަށް ދިނެވެ. އަދި ފޭރު ވިއްކައިގެން މުއްސަނދި މީހަކަށް ވާން ބޭނުންނަމަ ފޭރު ކައިފައި އޮށް އިންދުމަށް ނަސޭޙަތްތެރިވިއެވެ. ރިޒުގަކީ ދެއަތް މައްޗައި ނަގައިގެން ހުއްޓަސް ލިބޭނެ އެއްޗެއް ނޫންކަމަށްބުނެ މަސައްކަތްކޮށް ރީތި ދިރިއުޅުމެއް އުޅެން ހިތްވަރު ދިނެވެ. ބޭބެގެ ނަސޭހަތް އަޑުއަހަން ހުރުމަށްފަހު އެ ގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީން އާޔަން ދިނެވެ.

No comments: