Featured Post

Ombey

Friday, October 12, 2018

namaadhuge muhinmmukan



ނަމާދުގެ މަޤާމާއި މުހިންމުކަން
Image result for ‫الصلاة عماد الدين‬‎
ލިޔުނީ: ޒީނަތު ލަބީބު.

ނަމާދަކީ އަޖައިބުން ފުރިގެންވާ އަޅުކަމެކެވެ. ދިރާސާވެރިންގެ ހޯދުންތަކުން ނަމާދުގެ ވަރަށް ގިނަ ފައިދާތަކެއް ވާކަން ވަނީ ހޯދިފައެވެ. އިންސާނާގެ ސިނކުޑީގައި ލޭދައުރުވުމަށް ހެޔޮބަދަލުތަކެއް އަންނަކަމަށް ވެއެވެ. ހަށިގަނޑަށް އަރާމައި ތާޒާކަން ގެނެސްދޭ ކަމަށް ވެއެވެ. ނަމާދުގެ ސަބަބުން ލިބޭ އެންމެ ބޮޑު ފައިދާއަކީ އިންސާނާގެ ރޫޙާނިއްޔަތު ތަރައްޤީވުމުވެ. އަޅާއާއި އޭނާގެ ރައްބާއި ދެމެދުގައި ލޯބީގެ ފާލަމެއް އެޅިގެންދިއުމެވެ. އެލޯތްބަކަށް އިންސާނުން ފެންބޮވައިގެންފައިވާ މަތިވެރިވަންތަ ހުސްޠާހިރުވަންތަ ﷲ ގެ ލޯބި އެމީހަކަށް ލިބުމެވެ. އެކަނިވެރިކަމާއި ކަންބޮޑުވުން ތަކުން ސަލާމަތްވުމެވެ. އަދި އެހެނިހެން ޚިޔާލުތަކާއި ފިކުރުތަކުން ދުރުހެލިވެ ހަމަޖެހުން ލިބުމެވެ. ﷲ އާއި އޮންނަ ގުޅުން ބަދަހިވެ އެންމެހާ ހަޑިމުޑުދާރު ސިފަތަކުން އެއްކިބާވެ ﷲ ގެ ރައްކާތެރިކަމާއި މަދަދު އެމީހަކަށް ލިބުމެވެ.  
ނަމާދަކީ އެހެން ހުރިހާ އަޅުކަމަކަށް ވުރެ މުހިއްމު އަޅުކަމެކެވެ. ދީނުގައި ހިމެނޭ އެހެން ހުރިހާ އަޅުކަމެއް ފަރުޟު ކުރެއްވުނީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބިންމަތީގައި ހުންނަވަނިކޮށްނެވެ. އެހެންނަމަވެސް ނަމާދު ފަރުޟު ކުރައްވާފައިވަނީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަތްވަނަ އުޑަށް އުފުއްލެވުމަށްފަހު ﷲ އާއި އެއިލާހުގެ އަޅާ ކުއްތަންކުރައްވައި ސީދާ ބަސްވަޙީކުރެއްވުމުންނެވެ. ނަމާދު ފަރުޟުކުރެވުނީ ސިދުރަތުލް މުންތަހާ ގައެވެ. މިކަމުން ވެސް ނަމާދުގެ މުހިންމުކަމާއި ނަމާދަށް އިސްލާމްދީނުގައި ދެއްވާފައިވާ މަޤާމާއި އަހައްމިއްޔަތުކަން އެނގިގެން ދެއެވެ.
ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ އަޅުކަމަކީ ވެސް ނަމާދެވެ. ނަމާދު އޭގެ ވަގުތުތަކުގައި ކުރަންޖެހޭ ގޮތަށް ކުރެވިފައިވާނަމަ އެހެންހުރިހާ ޢަމަލެއް ވެސް ރަނގަޅުވާނެއެވެ. އެހެންނަމަވެސް ނަމާދު ފާސިދުކުރެވިފައިވާ ނަމަ އެހެން ހުރިހާ ޢަމަލެއްވެސް ފާސިދުވެގެންދާނެއެވެ. ނަމާދަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ލޮލުގެ ފިނިކަމެވެ. ނަމާދަކީ އެކަލޭގެ ފާނުގެ ލޮލުގެ ފިނިކަން ކަމުގައި ވާއިރު ނަމާދަކީ މުސްލިމުންގެ ލޮލުގެ ފިނިކަން ކަމުގައި ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ﷲ އާއި އެއިލާހުގެ ރަސޫލާއާއި މުސްލިމެއްގެ ގޮތުގައި ބައްދަލުވާން އެދޭ މީހާ ނަމާދަށް ރައްކާތެރިވާށެވެ. ވަގުތުން ވަގުތަށް ނަމާދު ޤާއިމުކުރުން މަތީ ދެމިހުރެވޭ މީހެއް ކަމުގައިވުމަށް މަސައްކަތްކުރާށެވެ. ރަނގަޅުގޮތުގައި ނަމާދު ކުރާ މީހަކު ފާސިޤުންގެ ތެރެއިން ވެގެން ނުދާނެއެވެ.
ނަމާދަކީ ކުށްފާފަތަކުން މީހާ ސަލާމަތްކޮށްދޭ އައްޑަނައެކެވެ. ނަމާދުގެ ސަބަބުން ހުރިހާ ގޯސް ކަންތައްތަކުން ސަލާމަތްވެ މީހާ ސާފުޠާހިރުވެގެންދެއެވެ. މާތް ﷲ ވާޙީކުރައްވާފައި ވެއެވެ. وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ  މާނައީ އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެ އެވެ. عَنْ أَبي هُرَيْرَةَ رَضِيَ اللهُ عَنْهُ عَن النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ : أَرَأَيْتُمْ لَو أَنَّ نَهْرَاً بِبَابِ أَحَدِكُمْ يَغْتَسِلُ مِنْهُ كُلَّ يَوْمٍ خَمْسَ مَرَّاتٍ هَلْ يَبْقَى مِنْ دَرَنِهِ شَيْءٌ ؟  قَالُوا : لا يَبْقَى مِنْ دَرَنِهِ شَيْءٌ ، قَالَ : فَذَلِكَ مَثَلُ الصَّلَوَاتِ الْخَمْسِ يَمْحُو اللهُ بِهِنَّ الْخَطَايَا . (أخرجه مسلم والأباني في صحيح النسائي وصحيح الترمذي)  މާނައީ: ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ގޭގެ ދޮރުމަތީގައި ފެންއާރެއް އޮވެފައި، އެފެން އާރުން ދުވާލަކު ފަސްފަހަރު ފެންވާރާ މީހެއްގެ ގައިގައި އެއްވެސް ކަހަލަ ހަޑިއެއްޗެއް ހުރެދާނެ ކަމަށް ދެކެން ހެއްޔެވެ؟ ޖަވާބުގައި އެމީހުން ވިދާޅުވިއެވެ. އޭނާގެ ގައިގައި އެއްވެސް ހަޑި އެއްޗެއް ނުހުންނާނެ އެވެ. ދެން ޙަދީޘް ކުރެއްވިއެވެ. ފާފަތައް ފޮހެލެއްވުމުގައި ފަސް ނަމާދުގެ މިސާލަކީ އެއީ އެވެ.
ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ އަޅުކަމަކީ ނަމާދެވެ. ނަމާދަކީ ޝިރުކާއި މީހާ ދުރުކޮށްދޭ ހަތިޔާރެކެވެ. ޣައިރު މުސްލިމުންނާއި މުސްލިމުންނާއި ދެމެދުގައި ވާ ފަރަޤަކީ ނަމާދެވެ. ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ނަމާދަށް އިންކާރު ކުރާ ޙާލު، ނަމާދު އަޅައިފިނަމަ އިސްލާމްދީނުގެ ތަރައިގެ ތެރެއިން އެމީހަކު ބޭރުވެގެންދެއެވެ. އެހެންކަމުން ނަމާދު އަޅާމީހާ ވެގެންދާނީ ޣައިރުމުސްލިމުންގެ ތެރެއިންނެވެ. ނަމާދު އެޅުމަކީ މުނާފިޤުންގެ ސިފައެކެވެ. އެއީ މުސްލިމުންގެ ސިފައެއް ނޫނެވެ. ނަމާދުގެ ވަގުތުގައި ނަމާދު ކުރުމަށް ރައްކާތެރިވާން ޖެހެއެވެ.
ނަމާދަކީ ތައުޙީދުގެ ކަލިމައާއި ވިދިގެން އޮންނަ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. ނަމާދަކީ ބާލިޣުވެ ބުއްދި ސަލާމަތުންހުރި ކޮންމެ މުކަލަފެއްގެ މައްޗަށް ކޮންމެ ރެއަކާއި ދުވާލު ފަސްފަހަރު ކުރުން ފަރުޟު ވެގެންވާ އަޅުކަމެކެެވެ. ނަމާދަކީ ބަލިޙާލުގައްޔާއި ޞިއްޙަތު ސަލާމަތުން ހުން ޙާލުގައިވެސް އަދާ ކުރަންޖެހޭ އަޅުކަމެކެވެ. ނަމާދު ކުރުމުގައި މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަން އިޚްތިޔާރުކުރާށެވެ. ﷲ އަށް ބިރުވެތިވާ ޙާލުގައި ނަމާދު ކުރާށެވެ. ކުރާ ކޮންމެ ނަމާދަކީ ﷲ ޚާލިޞް ކުރާ ޙާލު ކުރާ ނަމާދެއް ކަމުގައި ހަދާށެވެ. ކޮންމެ ކަމެއްގައި ހުއްޓަސް ނަމާދު ވަގުތު ޖެހުމުން އެކަމެއް ހުއްޓާލުމަށް ފަހު ނަމާދަށް އަވަސް ވެގަންނާށެވެ. ނަމާދުކުރާ މީހުން ހިމެނެނީ މާތްﷲގެ ހިދާޔަތު ލިބިފައިވާ ޚާއްޞަ މީހުންގެ ތެރެއިންނެވެ.
ނަމާދަކީ ދީނުގައި މިފަދަ މުހިއްމުކަމެއްދެވިފައިވާ އަޅުކަމަކަށްވާއިރު، މިއަޅުކަން އަދާކުރުމުގައި ފަރުވާ ކުޑަކުރުމަކީ އެއްގޮތަކަށްވެސް ބުއްދިވެރި ކަމެއްނޫނެވެ. ތިބާ ދުނިޔޭގައި އުޅުމަށް ކަނޑައެޅިފައިވާ މުއްދަތު ފަހަނަޅާދިއުމުގެ ކުރިން ނަމާދު ޤާއިމުކުރާ މީހެއް ކަމުގައި ވާށެވެ.  މާތްﷲއީ އެކަލާނގެ އަޅުތަކުންގެ ތަޥްބާ ޤަބޫލުކުރައްވާ ރަސްކަލާނގެއެވެ. ފާފައިން ތަޥްބާވެއްޖެމީހާ ފާފައެއް ނުކުރާފަދައެވެ. އެހެންކަމުން މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ނަމާދު އަދާކުރެއްވުމަށް ދެއްވަވާށެވެ. އޭރުން މާތްﷲގެ އިރާދަފުޅާއި އެކުގައި ދެދުނިޔޭގެ ބާއްޖަވެރިކަންލިބޭނެއެވެ.
  
ނަމާދުން ހިތްތަކަށް އުފަލާ ޢަރާމާ ލައްޒަތާ ލިބެޔޭ
                              އަމާކަން ހޯދުމަށް އެކުގާ ކުރާށޭ މިންނަތަށް އެދިގެން
ލިބޭނެޔެ ކާމިޔާބު ތަކެއް ޢަދަދު ކުރުމަށް ނުކުޅެދޭނޭ 
                             ވިބޭނުންތައް ދެދުނިޔޭގައި ފުދޭނެޔެ ނޭނގިހުއްޓާ ދެން
 ތިބާގެ ރައްބު ﷲ އާ ކުރަން ބައްދަލު އެދޭ ނަމައީ
                             ތިބާ ވާށޭވި ރައްކާތެރި ފަރުޟުވި ފަސް ނަމާދަށް ދެން
ކުރާށެ ނަމާދު ޚާލިސްކޮށް ވި ކުޅަދުންތެރި ﷲއަށް
                              ކުރާށެ ދުޢާ ވި ޒިކުރުތަކާ ދުލުގެ އަރާމަކަށް އެދިގެން

­­­­­­­­­­­­­­­­­­­­                                   ----------------------------

No comments: