ކިވީ
އާރްޔާއަކީ ކުޑައިރުއްސުރެ ދިރޭ އެއްޗެހިދެކެ ގަޔާވާ ކުއްޖެކެވެ. އާރްޔާގެ
ޢުމުރުން ބާރަ އަހަރުގައި އޭނާގެ ބައްޕަ މާލެ ގޮސްފައި އައިއިރު އޭނައަށް ވަރަށް ރީތި
ހުދު ކުލައިގެ ބުޅަލެއް ގެނެސްދިނެވެ. އެ ބުޅަލުގެ ގައިގައި ކެހެރި ގިނަކަމުން
ހީވަނީ ފުށްކަފަ ބޯޅައެއް ހެންނެވެ. އާރްޔާ އެ ބުޅާ ގެންގުޅެމުން ދިޔައީ ވަރަށް
ލޯބިންނެވެ. ވަރަށް އޯގާވެރިކަމާ އެކުގައެވެ. ބުޅަލަށް ކާންދިނުމާއި ބުޅާ ގޮވައިގެން
ޕާކަށް ދިއުމަށް ކޮންމެ ދުވަހަކު އޭނާ ވަގުތު ހުސްކުރެއެވެ. އެ ބުޅަލަށް އާރްޔާ
ވަނީ ނަމެއް ވެސް ދީފައެވެ. އޭތީގެ ނަމަކީ ކިވީ އެވެ.
ފިނި ވައި ޖެހެމުންދިޔަ ރީތި ދުވަހެކެވެ. އާރްޔާ ބޭރަށް ނިކުތީ އޭނާގެ ބުޅަލަށް ކާންދިނުމަށެވެ.
"ކިވީ ... ލޯބި ލޯބި ކިވީ ..."
އާރްޔާ ބުޅަލަށް
ގޮވިއެވެ.
ނަމަވެސް ބުޅަލެއް
ނައެވެ. އާރްޔާ ދެތިން ފަހަރެއްގެ މަތިން އެ ބުޅަލަށް އޭނާ ގޮވައި އުޅޭގޮތަށް
ގޮވިއެވެ. ނަމަވެސް ބުޅަލުގެ ހިލަމެއް ވެސް ނުވެއެވެ. އާރްޔާ ކަންބޮޑުވެ ބުޅާ
ފެނޭތޯ ހޯދިއެވެ. އޭނާގެ މަސައްކަތުން ބުޅާ ފެނޭ ގޮތެއް ނުވިއެވެ.
"ބައްޕާ...
މަންމާ... ކޮބާ ބުޅާ"
އާރްޔާ އަޑުގެ ނެތްކޮޅަށް
ހަޅޭއްލެވިއެވެ. އެ އަޑަށް އޭނާގެ މަންމަ އާއި ބައްޕަ ބޭރަށް ނިކުުުުުތެވެ.
"ކިހިނެއް ވީ މަގޭ
ލޯބި ލޯބި ދަރިފުޅާ"
ބައްޕަ އާރްޔާއާ
ސުވާލުކުރިއެވެ. އޭނާ ގިސްލަގިސްލާފައި ރޮމުން ބައްޕައާއި މަންމައަށް ވީގޮތް ކިޔައިދިނެވެ.
އާރްޔާގެ ބައްޕަ އޭނާގެ ދަރިފުޅު ގަޔާ ކައިރިކޮށްލައި ބޮލުގައި ފިރުމިއެވެ. އަދި
ކަންބޮޑު ނުވުމަށާއި ބުޅާ ހޯދުމުގެ މަސައްކަތް ބައްޕަ ކުރާނެ ކަމުގެ ޔަގީންކަން
އާރްޔާއަށް ދިނެވެ. އަދި ބުޅާ ފެނޭތޯ މަގުމަތި ބަލަން ނިކުތެވެ.
އާރްޔާ ހުރީ ބަސްހުއްޓި އާގަމަވެފައެވެ. އޭނާގެ ހިތް ހަށިގަނޑާ ވަކިވެގެންދާ
ހެން ވެސް ހީވެއެވެ. މުޅި ދުވަހު އޭނާ އުޅުނީ ނުކައި ނުބޮއެވެ. އާރްޔާގެ ރައްޓެހިންނަށް ކިވީ ގެއްލިގެން
އުޅޭ ކަމުގެ ޚަބަރު ލިބުމުން ކިވީ ހޯދަން ނިކުތެވެ. ރުއްތަަކުގައްޔާއި ފާރުތަކުގައި
ކިވީގެ ފޮޓޯ ހިއްޕައިގެންނެވެ. އާރްޔާ އޮތީ ގޭގެ ބޭރު ޖޯލިފަތީގައި އޮށޯވެގެންނެވެ.
"އާރްޔާ ...! އާރްޔާ ...! މި އޮތީ އެކުވެރިޔާގެ ހިތުގެ ވިންދު ... ކިވީ"
އާރްޔާގެ އެކުވެރި
ޝާމް ކިވީ އޭނާއާ ހަވާލުކުރިއެވެ. އާރްޔާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އޭނާގެ
ލޮލުން ކަރުނަ ފާއްދާލިއެވެ. އާރްޔާއާއި އޭނާގެ މައިންބަފައިން އެކުވެރި ޝާމަށް ޝުކުރުއަދާކުރިއެވެ.
އަދި ކިވީ ހޯދުމުގެ މަސައްކަތުގައި ބައިވެރިވި ހުރިހާ އެކުވެރިނަށް ވެސް ޝުކުރު
އަދާކުރިއެވެ.
1 comment:
Nice story 👏👍👏
Post a Comment