Wednesday, October 31, 2018

كيفية التيمم


ތަޔައްމުމުކުރުން

Related image
ލިޔުނީ: ޒީނަތު ލަބީބު.

ތަޔައްމުމު:

ތަޔައްމުމަކީކޮބައިހެއްޔެވެ؟ ތަޔައްމުމުކުރުން އެއީ އިސްލާމް ދީނުގައި ހުއްދަކަމެއް ހެއްޔެވެ؟
ބަހުގެ ގޮތުން ތަޔައްމުމުގެ މާނައީ ކަމެއްކުރުމަށް ގަސްދުކުރުމެވެ. ޝަރުޢީގޮތުން ތަޔައްމުމުގެ މާނައީ ﷲ ތަޢާލާއަށް އަޅުކަން އަދާކުރުމުގެ ގޮތުން މުޅިމޫނާއި ދެ އަތްތިލަ ޠާހިރުވެލިން ފުހުމެވެ. އިސްލާމް ދީނަކީ ލުއިފަސޭހަ ފުރިހަމަ ޝަރީޢަތެއްގެ މައްޗަށް
ބިނާވެގެންވާ ދީނެކެވެ. އެގޮތުން ތަޔައްމުމުކުރުމަކީ ﷲ ތަޢާލާ ދެއްވާފައިވާ ލުއިފަސޭހަ ކަމެކެވެ.

ތަޔައްމުމުކުރުން ހުއްދަކަމުގެ ދަލީލު:

ތަޔައްމުމުކުރުމަކީ ހުއްދަކަމެކެވެ. ތަޔައްމުމުކުރުން ޝަރުޢުވެގެންވާކަމެއް ކަމުގެ ދަލީލަކީ މާއިދާ ސޫރަތުގެ ހަވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَ‌افِقِ وَامْسَحُوا بِرُ‌ءُوسِكُمْ وَأَرْ‌جُلَكُمْ إِلَى الْكَعْبَيْنِ وَإِن كُنتُمْ جُنُبًا فَاطَّهَّرُ‌وا وَإِن كُنتُم مَّرْ‌ضَىٰ أَوْ عَلَىٰ سَفَرٍ‌ أَوْ جَاءَ أَحَدٌ مِّنكُم مِّنَ الْغَائِطِ أَوْ لَامَسْتُمُ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيدًا طَيِّبًا فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُم مِّنْهُ مَا يُرِ‌يدُ اللَّـهُ لِيَجْعَلَ عَلَيْكُم مِّنْ حَرَ‌جٍ وَلَـٰكِن يُرِ‌يدُ لِيُطَهِّرَ‌كُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُ‌ونَ [المائدة٦]  މާނައީ : އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރަން ޤަޞްދުކޮށްފިނަމަ) ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި ފެން ފުހޭށެވެ! އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ޠާހިރުވެގަންނާށެވެ. (މުރާދަކީ: ހިނައިގަންނާށެވެ!) އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ، ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ (މުރާދަކީ: ޖިމާޢުވެއްޖެނަމަ)، ދެން، ފެން ނުލިބިއްޖިއްޔާ ޠާހިރުވެލީން ތިޔަބައިމީހުން ތަޔައްމުމުކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް الله އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ޠާޙިރުކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަ ކުރެއްވުމަށެވެ. އެއީ ތިޔަބައިމީހުން ޝުކުރުކުޅައުމަށްޓަކައެވެ.

ތަޔައްމުމުކުރެވޭ ހާލަތްތައް:

ތަޔައްމުމުކުރުމަކީ ވުޟޫކުރުން ނުވަތަ ހިނައިގަތުމުގެ ބަދަލުގައި ވާ ކަމެކެވެ. ތަޔައްމުމުކުރެވޭ ހާލަތްތަކަކީ ފެން ލިބެންނެތުން  ނުވަތަ ފެން ހުސްވެދާނެކަމަށް ބިރުހީވާނަމައެވެ. އަދި ފެން ހުރެމެ އެ ބޭނުންކުރަން ނުކުޅެދުންތެރިވެފައިވުމެވެ. ފެން އިސްތިޢުމާލުކުރުމަށް ނުކުޅެދުންތެރި ވެއްޖެނަމަ އޭ ބުނާ ބަހުގެ މުރާދަކީ  ބައްޔެއްގެ (ފެން ބޭނުން ނުކުރެވޭ ފަދަ ބަލިހާލުގައި) ސަބަބުން ނޫނީ ފިނިގަދަވުމުގެ ސަބަބުން ނުވަތަ ފުރާނައަށް ނުރައްކަލެއް ވެދާނެކަމުގެ ބިރު ހީވާނަމަ ނުވަތަ ހަށިގަނޑުގައި ފެންޖައްސައިފިނަމަ ގެއްލުމެއް ލިބިދާނެކަމަށް ބިރުހީވުމެވެ. ފެނުން ޠާހިރުވުމުން ހުއްދަވާ ކަންތައްތައް ކުރުމަށް ތަޔައްމުމުގެ ސަބަބުން ވެސް ހުއްދަވެގެންވެއެވެ. މިސާލަކަށް ނަމާދާއި، ޠަވާފާއި، ޤުރުއާން ކިޔެވުމާއި ޤުރުއާން އުފުލުން ފަދަ ކަންކަން، ތަޔައްމުމުކުރުމަށް ފަހު ކުރުން ހުއްދަވެގެންވެއެވެ. މިހާލަތްތަކުގައި ވާ މީހުންނަށް ރަށުގައި ޤާއިމުވެތިބެގެން ނުވަތަ ދަތުރުމަތީގައި ތަޔައްމުމުކުރުން ހުއްދަވެގެންވެއެވެ.

ތަޔައްމުގެ ސިފަތައް:

1.     ނިޔަތްގަތުން.
2.     ﷲގެ އިސްމުފުޅުން ފެށުން.
3.     ޠާހިރުވެލީގައި ދެއަތުން ޖަހައިލުން.
4.     ދެއަތުން މޫނުގައި ފުހުން.
5.     ދެ އަތްތިލައިގައި ފުހުން.

ތަޔައްމުމު ބާޠީލުވާކަންތައް:

ތަޔައްމުމު ބާޠިލުވާނީ ތަޔައްމުމުކުރަން މެދުވެރިވި ސަބަބު ފިލައިދިއުމުންނެވެ.
1.     ފެން ލިބުން. (ފެން ލިބުނީ ނަމާދުގެ ފަހުން ކަމުގައިވަނީނަމަ ނަމާދު އަލުން ކުރާކަށް ނުޖެހޭނެއެވެ.)
2.     ބަލި ރަނގަޅުވުން. (ބަލި ރަނގަޅުވުމުމަށްފަހު ވުޟޫގެ ބަދަލުގައި ނުވަތަ ހިނައިގަތުމުގެ ބަދަލުގައި ތަޔައްމުމުކުރުން ޞައްޙަވެގެންނުވެއެވެ.)
3.     ބިރުފިލައިދިއުން.
4.     މީގެ އިތުރުން ވުޟޫ ގެއްލޭފަދަކަމެއް މެދުވެރިވުމުން ވެސް ތަޔައްމުމު ބާޠިލުވާނެއެވެ.

ތަޔައްމުމުގެ ޝަރުޠު ހަމާވާ މީހާ ތަޔައްމުމުކުރުމަށްފަހު ފަރުޟު ނަމާދާއި ސުންނަތް ނަމާދު ކުރުން ވެސް ހުއްދައެވެ. ސަބަބަކީ އެމިހާ އެހުރީ ޠާހިރުކަންމަތީގައެވެ. عن أبي ذر قال: قال رسول الله صلى الله عليه وسلم : الصعيد الطيب طهور المسلم ، ولو إلى عشر سنين ما لم يجد الماء ، فإذا وجد الماء فليمسه بشرته ، فإن ذلك خير. މާނައީ: އަބީ ޛައްރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސުލު ﷲ صلى الله عليه وسلم  ޙަދީޘް ކުރައްވާފައި ވެއެވެ. ޠާހިރު ވެލި މުސްލިމުން ޠާހިރުކޮށްދެއެވެ. އެއީ ދިހައަހަރުވަންދެން ފެންނުލިބުނުކަމުގައިވިޔަސްމެއެވެ. ދެން ފެންލިބޭހިނދު ފަހެ  ހަށިގަނޑުގައި އެފެން ޖައްސާހުށިކަމެވެ. ފަހެ އެއީ ހަމަ އެންމެ ރަނގަޅު ގޮތެވެ.  

ހަވާލާދިނުން:





https://binbaz.org.sa/fatwas/15967/ كيفية التيمم







Tuesday, October 30, 2018

الإغسال المُستحَبَّة


ސުންނަތް ހިނައިގަތުން
Image result for ‫إغتسال المستحبة‬‎

ލިޔުނީ: ޒީނަތު ލަބީބު.

ހިނައިގަތުމަކީ ބައެއް ހާލަތްތަކުގައި ވާޖިބުވެގެންވާ ކަމެކެވެ. އަދި ބައެއް ހާލަތްތަކުގައި ސުންނަތްކަން ގަދަވެގެންވާ ސުންނަތެކެވެ. ޖަމާޢަތްތަކަށް ދާމީހާ ހިނައިގަތުމަކީ ވެސް ސުންނަތެކެވެ. ޖަމާޢަތެއްގައި ބައިވެރިވާ ކޮންމެ މީހަކަށް ވެސް އަނެއްމީހާގެ އުނދަގުލުން (ނުބައިވަހުން) ސަލާމަތްތެރިކަން ހޯދާދިނުމުގެ ގޮތުން ހިނައިގަތުން ސުންނަތްވެގެން ވެއެވެ. މިސާލަކަށް ޢީދު ނަމާދަށް ހިނައިގަތުން ހިމެނެއެވެ. އިމާމު އައްނަވަވީ ރަޙިމަހުﷲ ވިދާޅުވާގޮތުގައި ޢީދަށް ހިނައގަތުމަކީ ސުންނަތެއް ކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. އެއީ ފިރިހެނެއް އަންހެނެއް އަދި ކުޑަކުއްޖެއް ކަމުގައި ވިޔަސް މެއެވެ. ޢީދަށް ހިނައިގަތުމުގެ މުރާދަކީ ކޮންމެ މީހަކު ވެސް ޢީދަށްޓަކައި ޒީނަތްތެރިވުމެވެ.


ހިނައިގަތުން ސުންނަތްވާ ކަންތައްތައް:

1-    ކޭތަ ނަމާދަށް ހިނައިގަތުން.
2-    އިސްތިސްޤާ ނަމާދަށް ހިނައިގަތުން.
3-    ހުކުރަށް ހިނައިގަތުން.
4-    ދެޢީދަށް ހިނައިގަތުން.
5-    ޢަރަފާތަށް ދިއުމަށް ހިނައިގަތުން.
6-    ޠަވާފުކުރުމަށް ހިނައިގަތުން.
7-    މައްޔިތަކު ހިނެވުމަށްފަހު ހިނައިގަތުން.
8-    އިޙްރާމް ބަނުމަށް ހިނައިގަތުން.
9-    މައްކާއަށް ވަނުމަށް ހިނައިގަތުން.
10-   ޢަރަފާތުގައި ހުރުމަށް ހިނައިގަތުން.
11-  ޖަމްރާއަށް ހިލައުކުމަށް ހިނައިގަތުން.

ހިނެއުމުގެ ފަރުޟުތައް:

1-    ނިޔަތްގަތުން.
2-    މުޅި ހަށިގަނޑަށް ފެންއެޅުން.


ހިނައިގަތުމުގެ ސުންނަތްތައް:

1-     ދެއަތްތިލަ 3 ފަހަރު ދޮވެލުން.
2-     ކުރިމަތި ފަރާތާއި ފުރަގަސްފަރާތް ދޮވެ ހަށިގަނޑުން ނަޖިސް ފިލުވައިލުން.
3-     ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކޮށްލުން.
4-      3 ފަހަރު ބޮލަށް ފެން އެޅުން.
5-     ހަށިގަނޑުގައި އަތް އުނގުޅައި ހުރިހާ ތަނެއްގައި ރަނގަޅަށް ފެންޖެއްސުން.
6-     ފެންއެޅުމުގައި ކަނާތްފަރާތް އިސްކުރުން.  

ހިނައިގަތުމުގެ މާނަ:

ލުޣަވީގޮތުން ހިނައިގަތުމުގެ މާނާއަކީ މުޅިހަށިގަނޑު އެއްކޮށް ދޮވުމެވެ.
ޝަރުޢީގޮތުން ހިނައިގަތުމުގެ މާނާއަކީ ވަކި ޚާއްޞަ ނިޔަތަކާއެކު މުޅި ހަށިގަނޑުގައި ފެން އޮހޮރުވައިލުމެވެ. ނުވަތަ ޠާޙިރު ފެން މުޅި ހަށިގަނޑުގައި، ނިޔަތަކާއެކު ވަކި ގޮތްތަކަކަށް، ﷲ އަށް އަޅުކަން އަދާކުރުމުގެ ގޮތުން، އިސްތިޢުމާލުކުރުމެވެ. ފަރުޟު ހިނައިގަތުމާއި ސުންނަތް ހިނައިގަތުން ވެސް ހިނައިގަންނާނީ އެއްގޮތަކަށެވެ.  

ހިނައިގަންނާނެ ގޮތް:

އެންމެ ފުރަތަމަ ވެސް ހިނައިގަތުމަށް ނިޔަތްގަންނާށެވެ. ނިޔަތުގެ މަޤާމަކީ ހިތެވެ. އެއަށްފަހު ދެއަތްތިލަ ކުޑަހުޅާއެކު 3 ފަހަރު ދޮވެލާށެވެ. ދެން ކުރިމަތި ފަރާތާއި ފުރަގަސްފަރާތް ދޮވެ ހަށިގަނޑުން ނަޖިސް ފިލުވައިލާށެވެ. އެއަށްފަހު ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން ބޮލަށް 3 ފަހަރު މަތިން ފެން އަޅާށެވެ. އެއަށްފަހު މުޅި ހަށިގަނޑަށް ފެންއަޅާށެވެ. ފެންއެޅުމުގައި ކަނާތްފަރާތް އިސްކުރާށެވެ. އެއަށްފަހު ހަށިގަނޑުގައި އަތް އުނގުޅައި ހުރިހާ ތަނެއްގައި ރަނގަޅަށް ފެންޖައްސާށެވެ.

ހަވާލާދިނުން:

https://www.youtube.com/watch?v=oROif1kLqp8



Monday, October 29, 2018

زكاة الأموال


މުދަލު ޒަކާތުގެ މުހިއްމުކަން

Image result for ‫كيفية إخراج زكاة الحلي‬‎

ލިޔުނީ: ޒީނަތު ލަބީބު.


الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އިސްލާމްދީން ބިނާވެގެންވަނީ މައިގަނޑު ފަސް ރުކުނުގެ މައްޗަށެވެ. އެއީ ފިޔަވައި އެހެން އިލާކު ނުވާކަމަށާއި މުހައްމަދުގެފާނީ ﷲ ގެ ރަސޫލާ ކަމަށް ހެކިވުމާއި، ފަރުޟު ފަސްނަމާދު ޤާއިމްކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހު ރޯދަހިފުމާއި، ކުޅަދާނަކަންލިބިގެންވާ މީހާ ހައްޖުވުން މިއެވެ. މިގޮތުން އަޅުގަނޑު މީގައި ބަލާލަން ޤަޞްދުކުރަނީ ޒަކާތާ ބެހޭގޮތުންނެވެ.
ލުޣަވީ ގޮތުން ޒަކާތުގެ މާނަތަކުގެ ގޮތުގައި އިތުރުވެ ގިނަވުން، ޠާހިރުވުން، އިޞްލާޙްވުން ހިމެނެއެވެ.
އިޞްޠިލާޙީ ގޮތުން ޒަކާތަކީ ޚާއްޞާބާވަތްތަކެއްގެ މުދަލަށް ވަކި މުއްދަތެއް ހަމަވެ އޭހެ ނިޞާބު ހަމަވާނަމަ ވަކި ބަޔަކަށް ދިނުމަށް ނެރެވޭ ކަނޑައެޅިގެންވާ މިންވަރެވެ.
ޒަކާތް ފަރުޟު ކުރެވުނީ ހިޖުރައިން ދެވަނަ އަހަރުގައެވެ.  ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވަނީ خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرْهُمْ وَتُزَكِّيْهِمْ بِهَا (سورةالتوبة 103) މާނައީ: " ފާފަތަކުން ޠާހިރުކޮށްފަނިވި ޒަކާތެއް އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ! "
ޒަކާތް ދެބަޔަކަށް ބެހިގެންދެއެވެ. އެއީ ފިތުރީ ޒަކާތާއި މުދަލުގެ ޒަކާތެވެ.  ފިތުރު ޒަކާތަކީ ރަމަޟާންމަސް ނިމުމާއިވިދިގެން ނެރޭ ޒަކާތެވެ. އެހެންނަމަވެސް، މުދަލުގެ ޒަކާތަކީ، އެމީހާގެ މުދަލުގައި ވަކިވަރަކަށް ތަނަވަސްކަމެއް ހުރެއްޖެނަމަ، އޭގެން ވަކިމިންވަރެއް ކީރިތި ޤުރްއާނުގައި ބަޔާންކުރެވިގެންވާ 8 ވައްތަރެއްގެ މީހުންނަށް ބެހުމެވެ.
ނުވަ ބާވަތަކުން ޝަރުތު ހަމަވެއްޖެ ނަމަ ޒަކާތް ނެރެން ޖެހޭނެއެވެ. އެއީ : ރަން ، ރިހި ، ޖަމަލު ، ގެރި، ކަނބަޅި ބަކަރި ( ނަޢަމް ސޫފި ) ، ގޮދަން ، ކަދުރު އަދި ހިކި މޭބިސް ކަދުރެވެ.

ޒަކާތް ވާޖިބުވުމުގެ ޝަރުތުތައް:

މުދަލު ޒަކާތަކީ އަންނަނިވި ޝަރްޠުތައް ހަމަވުމުން ނެރެން ޖެހޭ އެއްޗެކެވެ.
1.  ޒަކާތް ނެރޭފަރާތަކީ މުދަލުގެ މިލްކުވެރިޔާ ކަމުގައިވުން.
2.  އިތުރުވާފަދަ މުދަލަކަށްވުން.
3.  ނިޞާބު ހަމަވުން.
4.   އޭގެ އަހްލުވެރިޔާގެ ބޭނުންތައް ފުދި އިތުރުވުން.
5.   ދަރަނިން ސަލާމަތްވެފައި ވުން.
6.   ރަނާއި އަދި އެނޫންވެސް ވިޔަފާރީގެ ގޮތުގައި ބޭނުން ކުރެވޭ މުދަލެއްނަމަ، ހިޖްރީ އަހަރެއްހަމަވެފައިވުން. ނަމަވެސް ދަނޑުގޮވާން ފަދަތަކެތީގައި އަހަރުހަމަވުން ލާޒިމެއް ނޫނެވެ. އޭގައި އޮންނަނީ ގޮވާން ކަނޑާ ދުވަހުން ޒަކާތް ނެރުމެވެ. ސޫރަތުލް އަންޢާމް ގެ 141 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَآتُوْا حَقَّهُ يَوْمَ حَصَادِهِ) މާނައަކީ: " ގޮވާން ކަނޑާ ދުވަހަކުން އެއިން ޒަކާތް ނެރޭށެވެ. "
7.  ތިމާގެ އަމިއްލަ ބޭނުންތަކަށް ވުރެ އިތުރަށް ހުރުން.
އެހެންކަމުން ފިޠުރު ޒަކާތް ދިނުމަކުން މުދަލު ޒަކާތް ދެވުނީ ކަމަކަށް ނުބެލެވޭނެއެވެ. މުދަލު ޒަކާތަކީ ހަމަ އެކަނި ވިޔަފާރިވެރިންގެ އަތުން ނެގޭ އެއްޗެއް ނޫނެވެ. ފައިސާ ފޮރުވާފައި ހުއްޓާ އަހަރުވެ، ނިޞާބު ހަމަވެއްޖެނަމަ ވިޔަފާރި ކުރިޔަސް ނުކުރިޔަސް މަތީގައިވާ ޝަރްޠުތައް ހަމަވާނަމަ ނެރެންޖެހޭ  އެއްޗެކެވެ.
މުދަލާއި މުދަލުގެ ވެރިފަރާތުގައި ފުރިހަމަ ވާންޖެހޭ ޝަރުތު ހަމަވެއްޖެނަމަ ޒަކާތް ދޭންޖެހޭނެއެވެ.
ޒަކާތް ނެރެން ޖެހޭނީ އެއް ހައުލު ހަމަވުނުންނެވެ. އެއީ އަހަރަކު އެއްފަހަރު، ( ހިޖުރީ ސަނަތުން ފުރިހަމަ އެއް އަހަރު ވުމުންނެވެ.)

ޒަކާތުގެ މުދާ ލިބެންވާ ފަރާތްތައް:

إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ

1.    ފަޤީރުން
2.    މިސްކީނުން
3.    ޢާމިލުން
4.    ހިތްތައް އެކުވެރި ކުރެވިފައިވާ މީހުން
5.    އަޅުން މިނިވަން ކުރުން
6.    ގެ މަގުގައި ހޭދަކުރުން
7.    ދަތުރުވެރިން.
8.    ދަރަނިވެރިން.

ޤުރުއާނުގެ އާޔަތްތައް

ޒަކާތްނެރުމަކީ ތަނަވަސްކަމުގެ އަހްލުވެރިންގެމައްޗަށް މާތްﷲ ފަރްޟު ކުރައްވާފައިވާ ކަމެކެވެ. ނަމާދުކުރުމާއި، ރޯދަހިފުމާއި، ޙައްޖުވުމާއި، މިރުކުންތައް އަދާކުރަންޖެހޭފަދައިން، ޒަކާތްވެސް އަދާކުރަންޖެހޭނެއެވެ. ފުރިހަމަ މުސްލިމަކަށް ވެވޭނީ މިރުކުންވެސް، އަދާކުރަން އޮންނަގޮތަށް އަދާކޮށްގެންނެވެ. މިގޮތުން ކީރިތި ޤުރްއާނުގައި ނަމާދާގުޅިގެން ޒަކާތުގެ ޛިކުރު ވަރަށްގިނަފަހަރު އައިސްފައި ވެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ މާނައަކީ:  "ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ. "
އަދިވެސް މާތް الله ، އެ މީހަކަށް ތަނަވަސްކަން ދެއްވައިފައިވަނިކޮށް، މުޖްތަމަޢުގެ ޙައްޤުގައި ތިމާގެ މުދަލުން އަދާކުރަންޖެހޭ ޙައްޤު އަދާނުކޮށްފިނަމަ، އެ މީހަކަށް ގަދަފަދަ ވެގެންވާ ޢަޛާބު ޤިޔާމަތް ދުވަހުން ލިބޭނެކަން އަންގަވަމުން اللهވަޙީކުރައްވައިފައިވެއެވެ.وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ . يَوْمَ يُحْمَىعَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ هَذَا مَا كَنَزْتُمْ لأنْفُسِكُمْ فَذُوقُوا مَا كُنْتُمْ تَكْنِزُونَ މާނައީ:" ޒަކާތުގެ ގޮތުގައި، الله ގެ މަގުގައި ހޭދަކުރަންވީ ބައި ހޭދަނުކޮށް، ރަނާއި ރިހީގެ ޚަޒާނާ ޖަމާކޮށް ރައްކާކޮށްފައި ބަހައްޓާ މީހުންނަށް، ޤިޔާމަތްދުވަހުން ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ! އެބައިމީހުން އެ ޖަމާކުޅަ މުދާ، ޤިޔާމަތްދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރެވި، އެބައިމީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރަކަށިތަކުގައި ޖައްސައި ފިއްސައިލެވޭނެއެވެ. އަދި އެމީހުންނަށް ބުނެވޭނެއެވެ. މިއީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި ތިޔަބައިމީހުން ޖަމާކުޅަ ތަކެއްޗެވެ. ފަހެ، މިއަދު މިތަކެތި ވެފައިވަނީ ތިޔަބައިމީހުންނަށް ހުރި އާފަތަކަށެވެ. އެހެންކަމުން ޒަކާތް ނުދީ ތަކެތި ރައްކާކޮށްފައި ބެހެއްޓުމުގެ ސަބަބުން އެ ކަމުގެ ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ. "
މުދަލަކީ الله سبحانه وتعالى ތިމާއާ ޙަވާލުކުރައްވައިފައިވާ އަމާނާތެއްކަން އެއްވެސް މުސްލިމަކު އެންމެ ހިނދުކޮޅަކަށް ވެސް ހަނދާންނައްތާލައިގެން ނުވާނެއެވެ. މުދަލުގެ ޙަޤީޤީ މާލިކަކީ الله އެވެ. އެކަލާނގެ އަޅުގަނޑުމެންނާ އެމުދާ ޙަވާލުކުރައްވައިފައިވަނީ، އެކަލާނގެ އަންގަވާގޮތެއްގެ މަތީން އެއިން ހޭދަކުރުމަށްޓަކައި އަމާނާތެއްގެ ގޮތުގައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.  وَآتُوهُمْ مِنْ مَالِ اللَّهِ الَّذِي آتَاكُمْ މާނައީ: "ތިޔަބައިމީހުންނަށް الله ދެއްވައިފައިވާ މުދަލުން، ތިޔަބައިމީހުން އެބައިމީހުންނަށް ހޭދަކުރާށެވެ! " މިއާޔަތުންވެސް މުދަލަކީ އަމާނާތެއްކަމާއި އޭގެ ޙައްޤުވެރިންނަށް އެ އަދާކޮށްދޭންޖެހޭ ކަން އެނގި ހާމަވެއެވެ. މުދަލުގައިވާ އެންމެ ބޮޑު އެއް ޙައްޤަކީ އެއިން ޒަކާތުގެ ގޮތުގައި އޭގެ ބެހެނިވެރިންނަށް ދޭންޖެހޭ ބައެވެ.
الله އަންގަވައިފައިވާ ގޮތަށް މުދާ ހޭދަކުރުމަކުން އެއްވެސް ޙާލެއްގައި  އެ މުދާ ގެއްލިގެނެއް ނުދާނެއެވެ. އޭގެ ބަދަލުގައި ޤިޔާމަތް ދުވަހުން ޘަވާބާއި ދަރުމަ އެ މީހަކަށް ލިބޭނެއެވެ. މީގެ އިތުރުން މުދަލުގައި ބަރަކާތްލައްވައި މުދާ އިތުރުވާނެއެވެ. އަލްބަޤަރާ ސޫރަތުގެ 261 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. " الله ގެ މަގުގައި، އެބައިމީހުންގެ މުދާ ހޭދަކުރާ މީހުންގެ މިސާލަކީ، ބިމުގައި އިންދާ އޮށްޓަރެއްގެ މިސާލެވެ. އެ އޮށުން ގަހެއް ފަޅައެވެ. އެ ގަހުން ހަތް ކުރާގަނޑު ނުކުމެއެވެ. އެއިން ކޮންމެ ކުރާ ގަނޑެއްގައި ސަތޭކަ އޮށް ހުރެއެވެ. الله އިރާދަކުރައްވާ މީހަކަށް އަދި ވެސް ސަވާބު އިތުރު ކޮށްދެއްވައެވެ.الله އީ،ރޯދި ބަރަކާތް ދެއްވުމުގައި  ތަނަވަސްވެވޮޑިގެންވާ ހުރިހާ ކަމެއް ދެނެވޮޑިގެންވާ އިލާހެވެ. "
ތަނަވަސްކަމުގެ އަހުލުވެރިން އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރަމުންދާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެންދާނޭކަން ކަށަވަރެވެ. މުޖްތަމަޢުން ފަޤީރުކަންކުޑަވެ، މުޖްތަމަޢުގެ އެންމެހައި ފަރުދުންނީ ފުދުންތެރި ބަޔަކަށް ވެގެން ދާނެއެވެ. އަތްމަތި ދަތި މީހުންގެ ހިތްތަކުގައި ތަނަވަސްކަމުގެ އަހްލުވެރިންނަށް އޮންނަ ޙަސަދަ ފިލައިގޮސް، މުޖްތަމަޢުގެ އެއްބައިވަންތަކަން ބަދަހިވެގެންދާނޭ ވެސް މެއެވެ.

ޒަކާތުން ލިބޭ ފައިދާތައް


ޒަކާތް ނެރުމުން ލިބޭ ފައިދާތައް މައިގަނޑު ތިން ބަޔަކަށް ބަހާލެވިދާނެއެވެ. އެއީ ޒަކާތުގެ ސަބަބުން ލިބޭ ރޫޙާނީ ފައިދާތަކާއި، ޒަކާތުގެ ސަބަބުން ލިބޭ އަޚްލާޤީ ފައިދާތަކާއި އަދި ޒަކާތުގެ ސަބަބުން ލިބޭ އިޖްތިމާޢީ ފައިދާތަކެވެ.

ޒަކާތުން ލިބޭ ރޫޙާނީ ފައިދާތައް

ޒަކާތްނެރުމަކީ ތަނަވަސްކަމުގެ އަހްލުވެރިންގެމައްޗަށް މާތްﷲ ފަރްޟު ކުރައްވާފައިވާ ކަމެކެވެ. ނަމާދުކުރުމާއި، ރޯދަހިފުމާއި، ޙައްޖުވުމާއި، މިރުކުންތައް އަދާކުރަންޖެހޭފަދައިން، ޒަކާތްވެސް އަދާކުރަންޖެހޭނެއެވެ. ފުރިހަމަ މުސްލިމަކަށް ވެވޭނީ މިރުކުންވެސް، އަދާކުރަން އޮންނަގޮތަށް އަދާކޮށްގެންނެވެ. މިގޮތުން ކީރިތި ޤުރްއާނުގައި ނަމާދާގުޅިގެން ޒަކާތުގެ ޛިކުރު ވަރަށްގިނަފަހަރު އައިސްފައި ވެއެވެ. ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ(سورةالتوبة 11) މާނައަކީ:  "ފަހެ، އެއުރެން توبة ވެ، ނަމާދު قائم ކޮށް، زكاة ދީފިނަމަ، ފަހެ، އެއުރެންނަކީ، دين ގައި ތިޔަބައިމީހުންގެ أخ ންނެވެ. އެނގޭބަޔަކަށް ތިމަންރަސްކަލާނގެ آية ތައް تفصيل ކޮށްދެއްވަމެވެ. " ނަމާދާ ޙައްޖުގެ އިތުރުން ރޯދައިގެ އަޅުކަމެކޭ އެއްފަދައިން ޒަކާތުގައިވެސް ލައްވާފައިވާ އެންމެ ބޮޑު ރޫޙާނީ ފައިދާއަކީ ﷲ އަށް ކިޔަމަންތެރިވުމެވެ. އިންސާނާ އެތަކެއްޗަށް ނުހަނު ލޯބިކުރާ މުދާ ﷲ ގެ ޢަމުރުފުޅަށް ކިޔަމަންވެ ހޭދަކުރުމަކީ، ކިޔަމަންތެރި އަޅަކަށް މެނުވީ ކުރެވޭނެކަމެއް ނޫންކަން ޔަޤީނެވެ. ކިޔަމަންގަތުމުގެ އިތުރުން ތިމާފަދަ އަނެކުންގެ މުޞީބާތްތަކުގައި އެހީތެރިވެދިނުމުގެ އުފާ އަމިއްލަ ނަފްސަށް ލިބިގަތުމުގެ އިތުރުން ނަފްސަށް މީގެ ސަބަބުން ހިތްހަމަޖެހުން ލިބިގެންވެސް ދާނެއެވެ. މީގެ އިތުރުން الله އަންގަވައިފައިވާ ގޮތަށް މުދާ ހޭދަކުރުމަކުން އެއްވެސް ޙާލެއްގައި  އެ މުދާ ގެއްލިގެނެއް ނުދާނެއެވެ. އޭގެ ބަދަލުގައި ޤިޔާމަތް ދުވަހުން ޘަވާބާއި ދަރުމަ އެ މީހަކަށް ލިބޭނެއެވެ. މީގެ އިތުރުން މުދަލުގައި ބަރަކާތްލައްވައި މުދާ އިތުރުވާނެއެވެ. އަލްބަޤަރާ ސޫރަތުގެ 261 ވަނަ އާޔަތުގައި ވެއެވެ " مَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنْبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنْبُلَةٍ مِائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَنْ يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ  މާނައީ: " الله ގެ މަގުގައި، އެބައިމީހުންގެ މުދާ ހޭދަކުރާ މީހުންގެ މިސާލަކީ، ބިމުގައި އިންދާ އޮށްޓަރެއްގެ މިސާލެވެ. އެ އޮށުން ގަހެއް ފަޅައެވެ. އެ ގަހުން ހަތް ކުރާގަނޑު ނުކުމެއެވެ. އެއިން ކޮންމެ ކުރާ ގަނޑެއްގައި ސަތޭކަ އޮށް ހުރެއެވެ. الله އިރާދަކުރައްވާ މީހަކަށް އަދި ވެސް ސަވާބު އިތުރު ކޮށްދެއްވައެވެ. الله އީ،ރޯދި ބަރަކާތް ދެއްވުމުގައި  ތަނަވަސްވެވޮޑިގެންވާ ހުރިހާ ކަމެއް ދެނެވޮޑިގެންވާ އިލާހެވެ. "

ޒަކާތުން ލިބޭ އަޚްލާޤީ ފައިދާތައް

މުދަލާއި ތަކެއްޗަށް ލޯބިވެ އެތަކެތި އެއްކޮށް ޖަމާކުރުމުގެ އާދައަކީ، އިންސާނުންގެ ތަބީޢަތުގައިވާ ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުން ޘާބިތުވެގެންވާ ގޮތުގައި މީހަކަށް ރަން ފަރުބަދައެއް ލިބިއްޖެނަމަ އިތުރު ރަން ފަރުބަދައަކަށް އެދޭނެތެވެ. މިއީ އިންސާނުންގެ ތަބީޢަތް އޭގެ މަތީގައިވާ ގޮތްކަމުގައިވާއިރު މިއީ ނޭދެވޭ އެތަށް ސިފަތަކެއްގެ އަޞްލެވެ. ބައެއްފަހަރު މިސިފައިގެ ސަބަބުން އިންސާނާގެ ކިބައިގައިވާ މަތިވެރި ސިފަތައް ނައްތާލައި އިންސާނިއްޔަތުގެ ކަމުގެ މަޤާމުން އޭނާ އެއްކިބާކުރުވައެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. لاَ يَجْتَمِعُ الإِيمَانُ وَالْبُخْلُ فِي قَلْبِ رَجُلٍ مُؤْمِنٍ أَبَدًا މާނައީ: " އިމާންކަމާއި، ދަހިވެތިކަން އެއްވަގުތެއްގައި މީހެއްގެ ކިބައިގައި އެކުނުވާ ހުއްޓެވެ. " ވުމާއެކު ޒަކާތްދިނުމުގެ ސަބަބުން ދަހިވެތިކަމާއި އަމިއްލަ އެދުންތައް ނެތިކޮށް އެހީތެރިކަމާއި އޯގާތެރިކަމުގެ މާތް ސިފަ މީހާގެ ކިބައިގައި އަށަގަނެ އަޚްލާޤީ ގޮތުން ގިނަގުނަ ފައިދާތައް ލިބިގެންދެއެވެ.

ޒަކާތުން ލިބޭ އިޖްތިމާޢީ ފައިދާތައް

ކޮންމެ މުޖުތަމަޢެއްގައިވެސް ފަޤީރުންނާއި ނިކަމެތިންނާއި ބަލިކަށި ނުކުޅެދޭ މީހުން ހިމެނެއެވެ. މިގޮތުން އެބައިމީހުންގެ ދަތިތަކާއި މުޞީބާތްތައް ފިލުވައިދީ އެބައިމީހުންގެ ކަރާމާތާއި އިންސާނިއްޔަތުކަން ގެއްލިގެން ދިޔަނުދީ ބެލެހެއްޓުން ކޮންމެހެންވެސް ބޭނުންވެއެވެ. އެއީ އެފަދަ މީހުންނަކީ، މުޖްތަމަޢަށް ބޭނުން ބަޔަކު ކަމުގައި ހެދުމަށްޓަކައެވެ. އެބައިމީހުންގެ ޝަރޫރީ ބޭނުންތައް ކަމުގައިވާ ބަނޑުހައިހޫނުކަމާއި، އުނުއޮރިޔާން ނިވާކުރެވޭނެ ގޮތްވުމާއި، ބޯހިޔާވަހިކަން ފަހިވުމުން އެފަދަ ކިތަންމެ ބައެއްގެ ސަބަބުންވެސް ގިނަގުނަ ބޭނުންތައް މުޖުތަމަޢަށް ޙާޞިލު ކުރެވޭނެއެވެ.
ފަޤީރުންނާއި ނިކަމެތީންގެ ބޭނުންތައް ޙާޞިލު ނުކުރެވިއްޖެނަމަ ތަފާތު އިޖްތިމާޢީ ކުށްތައްގިނަވެ، މުޖްތަމަޢުގެ އަމްނު އަމާންކަމާއި ހަމަޖެހުން ގެއްލިދެއެވެ. ވުމާއެކު، މުއްސަނދި ފޯރުންތެރިންގެ މުދަލުން ވަކިމިންވަރެއް ނެރެ ފަޤީރުންނާއި ނިކަމެތީންނަށް ހޭދަކުރުން ފިޔަވައި މިކަން ޙައްލުކުރެވޭނެ އެހެން މޮޅު ގޮތެއް އޮންނާނެތޯއެވެ. الله سبحانه وتعالى ވަޙީކުރެއްވިއެވެ.  وَآتُوهُمْ مِنْ مَالِ اللَّهِ الَّذِي آتَاكُمْ(سورةالنور 33) މާނައީ: "ތިޔަބައިމީހުންނަށް الله ދެއްވައިފައިވާ މުދަލުން، ތިޔަބައިމީހުން އެބައިމީހުންނަށް ހޭދަކުރާށެވެ! "
ތަނަވަސްކަމުގެ އަހުލުވެރިން އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރަމުންދާނަމަ އިސްލާމީ މުޖްތަމަޢުގެ ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެންދާނޭކަން ކަށަވަރެވެ. މުޖްތަމަޢުން ފަޤީރުކަންކުޑަވެ، މުޖްތަމަޢުގެ އެންމެހައި ފަރުދުންނީ ފުދުންތެރި ބަޔަކަށް ވެގެން ދާނެއެވެ. އަތްމަތި ދަތި މީހުންގެ ހިތްތަކުގައި ތަނަވަސްކަމުގެ އަހްލުވެރިންނަށް އޮންނަ ޙަސަދަ ފިލައިގޮސް، މުޖްތަމަޢުގެ އެއްބައިވަންތަކަން ބަދަހިވެގެންދާނޭ ވެސް މެއެވެ.
މިހުރިހާ ކަމެއްގެ އާޚިރު ނަތީޖާއަކަށް ވެގެންދަނީ މުޖުތަމަޢުން ފަޤީރުކަން ނެތިގޮސް ޒަކާތުގައި ހިފާނެ މީހަކު ނުވުމެވެ. އަދި އޭގެ ސަބަބުން މުޖުތަމަޢު އެނގި ރޮނގު ރޮނގުން ތަރައްޤީވެ ކުރިއަރައި ދިޔުމެވެ. އިސްލާމީ ތާރީޚުން މިކަމުގެ ފުރިހަމަ މިސާލު ލިބެއެވެ. މިގޮތުން ހުލަފާއުއް ރާޝިދީންގެ ފަސްވަނަ ޚަލީފާގެ ނަމުން މަޝްހޫރުވެފައިވާ ޢުމަރު ބުން ޢަބްދުލް ޢަޒީޒުގެ ޚިލާފަތުގައި މުސްލިމުން ތަނަވަސްވެ ޒަކާތުގެ ފައިސާގައި ހިފާނެ މީހަކު ނުވާކަމީ މަޝްހޫރު ވާހަކައެކެވެ.
ޒަކާތުގެ ސަބަބުން ލިބޭ ފައިދާތަކުގެ ގިނަގުނަކަމާއި އޭގެ މުހިއްމުކަމުގެ ބޮޑުކަމުން އިސްލާމްދީނުގައި އެއަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީފައިވެއެވެ. މިކަން ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޞައްޙަ ޙަދީޘުން އެނގި ހާމަވެއެވެ. އަދި ހަމައެހެންމެ މުދަލުގެ ޒަކާތުގެ މުހިއްމުކަން އެނގި ހާމަވާ އަނެއްކަމަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަވަހާރަވެވަޑައިގެންނެވުމަށްފަހު ދެން އިސްލާމީ އުއްމަތުގެ ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވި އަބޫބަކުރުގެފާނުގެ ދުވަސްވަރު ޒަކާތްދިނުމަށް އިންކާރުކުރި މީހުންނާ ހަނގުރާމަކުރި ކުރުމެވެ. އަބޫބަކުރުގެފާނުގެ ދުވަސްވަރު ނަބީކަމަށް ދަޢުވާކުރި މީހުންނާއި މުރުތައްދުވީ މިހުންނާއި ޒަކާތްދިނުމަށް އިންކާރުކުރި މީހުންނާއި ބެހޭ ގޮތުން ޢަމަލުކުރާނެ ސިޔާސަތަކީ ކޮބައިތޯ ބެއްލެވުމަށް އަބޫބަކުރުގެފާނުން ޞަހާބީންނާ މަޝްވަރާކުރެއްވި އެވެ. އެކަލޭގެފާނުންގެ ނިންމެވުމަކީ އެހުރިހާ މީހުންނާ ވެސް ހަނގުރާމަކުރެއްވުމެވެ. ޞަހާބީންގެ ޚިޔާލަކަށްވީ ނަބީކަމަށް ދަޢުވާކުރި މީހުންނާއި މުރުތައްދުވީ މީހުންނާ ދެކޮޅަށް ހަނގުރާމަކުރެއްވުމަށެވެ. ނަމަވެސް ޒަކާތްދިނުމަށް އިންކާރުކުރި މީހުންނާ މެދު ޢަމަލުކުރުމުގައި އެ ބޭކަލުންގެ ޚިޔާލުފުޅަކަށްވީ ވަގުތުގެ ނާޒުކުކަމަށް ވިސްނައިގެން މަޑުމައިތި ސިޔާސަތެއް ގެންގުޅުމެވެ. އުމަރުގެފާނުންގެ ޚިލާޔުފުޅަކަށް ވެސް ވީ މި ގޮތެވެ. އެހެންނަމަވެސް އަބޫބަކުރުގެފާނުގެ ވަރުގަދަ އަޒުމާއި ދީނަށް ދެއްވައިވާ ގަދަރާއި، ޚިކުމަތްތެރި ރޭއްވެމުގެ މަތިން ވިދާޅުވީ ބަސްފުޅުވެގެން ދިއައީ ޒަކާތްދިނުމަށް އިންކާރުކުރި ފަރާތްތަކުގެ ހިތްތައް މައިތިރިކުރުވި ބަސްފުޅަކަށެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. " ﷲ ގަންދީބުނަމެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ދީ އުޅޭ ޒަކާތުން އެންމެ ބަކަރިއެއްގެ ޅަދަރިއެއް ދިނުމަށް ދެކޮޅުހެދި މީހަކާ ޚިލާފަށްވެސް އަހުރެން ޖިހާދުކުރާހުށީމެވެ. " އެކަލޭގެފާނުންގެ މި ވަރުގަދަ ސިޔާސަތުގެ ހަރުދަނާކަން ފެނި، ނަތީޖާއަކަށްވީ ޒަކާތްދިނުމަށް އިންކާރުކުރި މީސްތަކުން ޒަކާތް ހިފައިގެން ޚަލީފާގެ ދަރުބާރަށް އަންނަން ފެށުމެވެ. މިކަމުންވެސް މުދަލުގެ ޒަކާތުގެ މުހިއްމުކަން ވަރަށް ސާފުވޭ އެހެން ނޫންތޯއެވެ.
وصلى الله وسلم على نبينا محمد ، وعلى آله وصحبه وسلم .

ހަވާލާދިނުން:



www.noorul-islam.net 

https://binbaz.org.sa/categories/fiqhi/75?page=4  كيفية إخراج زكاة الحلي

https://mawdoo3.com/ ما هي الزكاة


ޒަކާތްދީގެން ރައްކާތެރިކަން ޙާޞިލުކުރަމާތޯ / ދަރުސް (އައަޝައިޚް ޢުޘްމާނު ޢަބްދުﷲ)
އިސްލާމްދީނުގައި ޒަކާތުގެ މަޤާމް / ދަރުސް (އައްޝައިޚު ޢަލީ ޒާހިރު ބިން ސަޢީދުޤާސިމް)
قرآن (ދިވެހި ތަރުޖަމާ)