ހުވަފެނުގައި ...
ސުލްޙަވެރިކަމުގެ
ހުވަފެނަކުން ނައިލަށް ހޭލެވުނެވެ. އެ ރެއަކީ ހަނދުވަރު ރީތި ހިތްގައިމު ރެއެކެވެ.
ހަނދުވަރުގެ ހިތްގައިމު މަންޒަރު ބަލާލުމަށްޓަކައި ސައިކަލުގައި ނައްޓާލިއެވެ.
ސިޓީ ސްކެއާރގެ ދެކުނު ފަރާތުގައި ސައިކަލު ޕާކުކޮށްލުމަށްފަހު ނައިލް ބެންޗެއްގައި
އިށީނެވެ. ވިލާރޮއްޖެއް ވެސް ނެތް އުޑުގައި ތަރިތައް ވިދާ ބަބުޅަމުން ދެއެވެ.
ކަނޑުގެ ލޮނުގަނޑު އޮތީ ހިމޭން ސާލެއްހެން އޮމާންކޮށެވެ. ހަނދުވަރުގެ އަލިން
މޫދުގެ ލޮނުގަނޑު ވެސް ދަނީ ވިދާ ބަބުޅަމުންނެވެ. މުޅި ޖައްވާ ކައުނު ބައްދާލަމުން
ދިޔައީ ﷲ ގެ ނޫރާނީ އަލިންނެވެ. ފުން ޚިޔާލެއްގެ ތެރެއަށް ޢަރަޤުވެފައި އިން
ނައިލަށް މެންދަމުގެ ހަމަހިމޭން ކަމުގެ ތެރެއިން ނިކުމެވުނީ ބާރުގަދަ
އަޑުފަށްގަނޑެއްގެ އަޑަށެވެ.
ނައިލް
އުޑުގައިވާ ތަރިތަކަށް ބަލަމުން ދިޔައީ އޭނާގެ ލޮލަށް ފެންނަމުން ކުރެހެމުން ދިޔަ
މަންޒަރުތަކަކީ ޙަޤީޤަތެއް ނޫންކަން ސިނކުޑިއަށް ވިސްނައިދޭ ފަދަ މޭރުމަކުންނެވެ.
އެ ތަކެތި އެވަނީ ދުނިޔެއާއި އެތަކެއް މޭލު ދުރުގައި ކަން ބުނެދެމުންދާ ކަހަލަ
ގޮތަކަށެވެ. ނަމަވެސް އޭނާގެ ހިތަށް ވެރިވަމުން ދިޔަ ޚިޔާލުތަކަށް ސިކުނޑި ދިޔައީ
ނޫނެކޭ ބުނަމުންނެވެ. ނައިލްގެ ހިތަށް އެރިއެވެ. އޭނާ އެހުރީ ކޮންތަނެއްގައި
ބާވައެވެ؟ އޭނާއަށް ފެންނަމުން މި ދަނީ ކޮންކަހަލަ މަންޒަރެއް ބާވައެވެ؟ ލޮލަށް
ފެންނަ އެއްޗަކާ ހިތަށް އަރާ އެއްޗަކާ ސިކުނޑިއަށް ވިސްނޭ އެއްޗަކާ ދެމެދު
ހަނގުރާމަ ކުރަމުން މި ދަނީ ކޮންފަދަ ބިރުވެރި ގޮތަކަށް ބާވައެވެ؟ ވާން އުޅެނީ
ކޮން ކަމެއް ބާވައެވެ.؟ ރަންފޮތެއްގައި ލިޔަމުން ދިޔަ ފިރިހެނަކާއި ބާވެ ހަފުސްވެ
ހިރަފުހުން ތަތްތެޅިފައި އޮތް ކަޅު ކުލައިގެ ފޮތެއްގައި ލިޔަމުން ދިޔަ ފިރިހެނަކު
އޭނާއަށް ފެނުނެވެ. އެ ދެމީހުންގެ ޒުވާބުގެ އަޑުން ޚިޔާލީ މަސްތީ އޮއިވަރުގައި
ގެނބެމުން ޢަރަޤުވަމުން ދިޔަ ނައިލަށް ދުނިޔޭގެ ދަޅަތަކުން ހޭލައްވާލިއެވެ.
އެ ދެމީހުންގެ
ތެރެއިން އެކަކު ގޮވަމުން ދިޔައެވެ. އޭނައަކީ އަހަރެންގެ މީހެކެވެ. އޭނަ ނަމާދު
ކުރަނީ ހިތަށް އެރިނަމައެވެ. ޤުރުއާނުން އަކުރެއް ކިޔަވާލަނީ ވެސް ކޮންމެ އަހަރަކު
ރަމަޟާން މަސް އައުމުންނެވެ. އޭނައަކީ ހަޑި ހުތުރު ބަހުން ވާހަކަ ދެއްކުމުގައި
ފުންނާބު އުސް ފަންނާނެކެވެ. އޭނައަކީ އޭނާގެ ވަގުތު ހިތުހުރި ގޮތަކަށް ތަޅައި
ހުސްކުރި މުސްރިފެކެވެ. އޭނާގެ މުށު ތެރެއިން ފެންތިއްކެއް ވެސް ނުވެއްޓޭހާ
ބަޚީލުމީހެކެވެ. އޭނާގެ ލޮލުން ޙަލާލު މަންޒަރެއް ބަލާލަން އިންކާރު ކުރަމުން ދިޔަ
މަޖުނޫނެކެވެ. އޭނާގެ ކަންފަތުގެ ތެރެއަށް ވިރުވައި ނަގައިފައި ވަނީ ﷲ
ނަޙީކުރެއްވި އަޑުތަކުގެ ޖާދުވީ ކުލަވަރުތަކެވެ.
އަނެކަކު
ގޮވަމުން ދިޔައެވެ. އާދޭހެވެ! ނަމަވެސް އެއީ އަހަރެންގެ މީހެކެވެ. އޭނާއަކީ މިހާރު
ފަސް ވަގުތު ބަރާބަރަށް ނަމާދު ޤާއިމުކުރާ މީހެކެވެ. އޭނާ ވަނީ ޤުރުއާނުގެ
ދެބައިކުޅަ އެއްބައި މާނައާއެކު ހިތުން ދަސްކޮށް އެއަށް ޢަމަލުކުރަން ފަށާފައެވެ.
އޭނައަކީ ފަރުޟު ރޯދައިގެ އިތުރުން ސުންނަތް ރޯދަ ހިފަމުން އަންނަ ޞާއިމެކެވެ.
އޭނާއަކީ އޭނާގެދުލުން ހުވަފެނެއްގައި ނަމަވެސް ﷲ ނުރުއްސަވާފަދަ މޭރުމަކުން
ބަހެއް ބޭރު ނުކުރާ ދުލެއްގެ ވެރިމަޛްކޫރެކެވެ. އޭނައަކީ އޭނާގެ ވަގުތުގައި
ބަރަކާތް ލެއްވުން އެދި ރެއާއި ދުވާލު ދުޢާ ކުރުމުގައި ހޭދަކުރާ މުޚްލިޞެކެވެ.
އޭނާގެ އަތުގައި ތެރަސް ލައި ތަތްކުރިޔަސް މީހަކަށް ނުދޭނެ އެއްޗެއް ނޯވެއެވެ.
އެހާ ވެސް ދީލަތި ޞާދިޤެކެވެ. އޭނާގެ ލޮލުގެ ފިނިކަމަކީ ނަމާދެވެ. އޭނާއަކީ ﷲގެ
ކަލާމްފުޅު ތަޖުވީދާއި މަޚްރަޖުގެ ހަމަތަކާއި އެއްގޮތަށް ކިޔަވާ އަޑު އެހުމަށް
އިންތިހާއަށް ބޭނުންވާ ކަންފަތެއްގެ ވެރިއެކެވެ. އޭނައަކީ އިރެއްގައި ފާފައިގެ
ކަނޑުގައި ޢަރަޤުވިއެއް ކަމަކު ﷲ ގެ ރަޙްމަތުން ހެޔޮމަގު ފެނި ހިދާޔަތް
ދައްކަވާފައިވާ ތެދުވެރި ހާދީއެކެވެ.
ހުދު
ހެދުމުގައި ރަން ފޮތެއް ހިފައިގެން ހުރި ފިރިހެން މީހާ ނައިލް އަތުގައި ހިފައި
ދަމައިގަތެވެ. ކަޅު ހެދުމުގައި ބާވެ ހިރަފުސް އަރައިފައި އޮތް ފޮތް ހިފައިގެން
ހުރި މީހާ ވެސް ނައިލް އަތުގައި ހިފައި ދަމައިގަތެވެ. ދެމީހުންކުރެ އެކަކު ވެސް
ނައިލްގެ އަތުން ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ނައިލް ހަދާނެ ގޮތް ހުސްވިއެވެ.
ހަތަރު އުދަރެސް ފެނު ޖެހުނު ހެން އޭނައަށް ހީވިއެވެ. ވަރަށް ބިރުން ހުރެ ނަމަވެސް
އެ ދެމީހުން އެއީ ކޮންބައެއްތޯ ދެނެގަތުމަށް ނައިލް ހިތްވަރުކުރިއެވެ. އެމީހުންނާ
ސުވާލުކުރުމުން އެއީ ދެ މަލާއިކަތުންކަން އޭނައަށް އެނގުން ވި ހިނދު އޭނާ
ހޭނެތުނެވެ.
ނައިލް
ހޭއަރަމުން އައިއިރު އޭނާގެ ލޯމަތިން ސިފަވަމުން ދިޔައީ އޭނާގެ ޙަޔާތުން
އިސްރާފުކޮށްފައިވާ ދުވަސްތަކެވެ. އޭނާގެ މަސްތުވީ އަޑުގެ އިޝްޤުގައި އެތައް ޒުވާނަކު
ޖެހި އާޝޯޚު ވަމުންދާ ތަނެވެ. އޭނާގެ ވީޑިއޯ ލަވަތަކުގެ މަސްތުގައި އެތަކެއް ޒުވާނުންނެއް
ޝަހުވަތްތެރިކަމުގެ ކަނޑުގައި ޣަރަޤުވަމުންދާ މަންޒަރެވެ. އޭނާގެ ފާޙިޝް
ޢަމަލުތައް ބަލައި އަޑުއަހާ މީހުން އޭނައަށް ތައުރީފުކުރަމުންދާ މަންޒަރެވެ.
ނަމަވެސް އެ މަންޒަރު ބަލަން އޭނާގެ ހިތް ނަފްރަތުކުރާތީ، އެ މަންޒަރަށް
ފުރަގަސްދީ ދެލޯތަގުޅިކޮށްލިއެވެ. ނައިލްގެ ލޮލާއި ސިކުނޑިއަށް އޭނާގެ ބާރެއް
އޭނާއަކަށް ނުފޯރައެވެ. މަންޒަރަކަށް ފަހު މަންޒަރެއް ފެންނަމުން ދިޔައެވެ.
ފެންވަރާ ރީތިވެގެން ހުވަނދުލާ މަންޒަރެވެ. ފަތިހުގެ އަނދިރިކަމުގެ ތެރެއިން
ހިނގާލާފަ މިސްކިތާ ދިމާއަށް ދާ މަންޒަރެވެ. ޖާދުވީ ރަން އަޑަކުން ޤުރުއާން
ތިލާވަތުކުރަމުން ދާ ހިތްގައިމު އަޑެވެ. ދަންވަރުގެ ހަމަހިމޭންކަމުގެ ތެރެއިން
ގިސްގިސްލަ ގިސްލާފައި ރޯ އަޑެވެ. ފާފައިގެ ކަނޑުން ސަލާމަތްކޮށްދެއްވުމަށް އެދި
ދުޢާކުރަމުންދާ މަންޒަރެވެ. ޖާހިލުކަމުގެ އަނދިރިކަމުގެ ތެރެއިން އަލިކަމުގެ
ނޫރެއް އޭނާ ވަށާލާ މަންޒަރެވެ. ހަނިހަނި މަގަކުން ފަސޭހަކަމާއެކު ހިނގާފައިދާ
މަންޒަރެވެ. މީޒާނަކުން އެއްޗެހިތައް ވަޒަންކުރަމުންދާ މަންޒަރެވެ. މި މަންޒަރަކީ
އޭނާ އެ މަންޒަރެއް ބަލާލަން ހިތް އެދުނު މަންޒަރެއް ކަމުން ނައިލްގެ ދެލޯ
ހުޅުވާލިއެވެ.
ދެ
މަލާއިކަތުން ފެންނަން ނެތުމުން އޭނާ ކުޑަކޮށް ޖެހިލުން ވިއެވެ. އެކިފަރާތް
ފަރާތަށް އެނބުރެން ފެށިއެވެ. އެވަގުތު ނައިލަށް ފެނުނީ ދެ މަލާއިކަތުން އެ ދެ
ބޭކަލުންގެ ވަޒީފާ ނުހަނު ކިޔަމަންތެރިކަމާއެކު އަދާކުރަމުން ގެންދާތަނެވެ.
ހުދުކުލައިގެ ހެދުމުގައި ހުރި މަލާއިކަތާއި ނައިލް ސުވާލުކުރިއެވެ. ތިޔަ ލިޔުނީ
ކޮން އެއްޗެއް ތޯ އެވެ؟ އެ މަލާއިކަތާ ލިޔުނީ ކިޔަމަންތެރިންގެ ނަން ކަމަށް
ބުންޏެވެ. ތައުބާވެ މާތް ﷲ ލޯބިވާ ގޮތަށް އުޅޭ މީހުންގެ ނަން ކަމަށް ބުންޏެވެ.
ނައިލް ވަރަށް ލަދުން ހުރެ އިސްޖެހިއެވެ. އަދި އޭނާގެ ނަން އެ ލިސްޓުގައި އޮތްތޯ
ސުވާލުކުރިއެވެ. އާދާހޭ ދެންނެވުމަށް ފަހު
އެ ދެމަލާއިކަތުން ވެސް ގެއްލިއްޖެއެވެ. އެ ދެ މަލާއިކަތުން ފެނޭތޯ ތެދުވެ ހިނގަން
ފެށިވަގުތު ފޯނު އެލާމުވާ އަޑަށް އޭނައަށް ހޭލެވުނެވެ. އޭނާ އޮތީ އަރާމު
ތަންމަތީގައި ނިދާފައިކަން އެވަގުތު އެނގުނެވެ. އަދި މި ފެނުނީ ހުވަފެނެއްކަން
އެނގުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ.
No comments:
Post a Comment