ސުވާލާއި ޖަވާބު
ޢަޤީދާ 2
1- މާތް ﷲ އެއްކައުވަންތަ ކުރުމަކީ ކޮބައިހެއްޔެވެ؟
ޖ. އެއިލާހުގެ ރުބޫބިއްޔަތާއި އުލޫހިއްޔަތާއި އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ. މިއިން އެއްވެސް ކަމެއްގައި އެއިލާހާ ބައިވެރިވާ އެހެން ފަރާތެއް ނުވާކަން ޔަގީންކުރުމެވެ.
2- ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުން ޙައްގުވެގެން ނުވަނީ ކީއްވެ؟
ޖ. މީސްތަކުން ޚަލްޤުކުރައްވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމުގައިވާތީއެވެ. އަދި ﷲ ތަޢާލާ ފިޔަވައި އަޅުކަން ކުރެވޭ ތަކެއްޗަކީ އެއްވެސް ކަމެއް ފުއްދައިނުދެވޭ ބޭކާރު ތަކެއްޗަށް ވާތީއެވެ.
3- އީމާންކަމަކީ ކޮބައިހެއްޔެވެ؟
ޖ. އީމާންކަމަކީ އިސްލާމްދީނުގައި އަންގަވާފައިވާ އެންމެހާ ކަންތައްތައް ހިތުން ތެދުކޮށް ޤަބޫލުކުރުމާއެކު ދުލުން އިޤްރާރުވެ ގުނަވަންތަކުން ޢަމަލުކުރުމެވެ.
4- އީމާންކަމުގެ ރުކުންތަކަކީ ކޮބައިކަން ޙަދީޘެއްގެ އެހީގައި ކިޔައިދޭށެވެ!
ޖ. الإيمان أن تؤمن بالله وملائكته وكتبه ورسله وباليوم الآخر وبالقدر خيره وشره.
5- އީމާންކަމުގެ އެންމެ މުހިންމު ރުކުނަކީ ކޮބައިހެއްޔެވެ؟
ޖ. އީމާންކަމުގެ އެންމެ މުހިންމު ރުކުނަކީ ﷲއަށް އީމާންވުމެވެ.
6- ތައުޙީދަކީ ކޮބައިހެއްޔެވެ؟
ތައުޙީދަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. އެއްކައުވަންތަ ކުރުމުގެ މާނައަކީ އެއިލާހަށް ޚާއްޞަ އެއްވެސް ކަމެއްގައި ދެވަނަ ފަރާތެއް ބައިވެރި ނުކުރުމެވެ.
7- ތައުޙީދުގެ ބައިތަކަކީ ކޮބައިހެއްޔެވެ؟
ތައުޙީދުގެ ބައިތަކަކީ ތައުޙީދުލް އުލޫހިއްޔާ، ތައުޙީދުއް ރުބޫބިއްޔާ، ތައުޙީދުލް އަސްމާއު ވައްޞިފާތު އެވެ.
8- ތައުޙީދުލް އުލޫހިއްޔާ ގައި މާތްﷲގެ އެއްކައުވަންތަ ކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ؟
އަޅުކަންކުރުމުގައި ﷲތަޢާލާ އާ އެހެން ފަރާތަކާ އެއްފަދަ ނުކުރުމެވެ. އަޅުކަމުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ.
9- ތައުޙީދުއް ރުބޫބިއްޔާގައި މާތްﷲގެ އެއްކައުވަންތަ ކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ؟
ﷲތަޢާލާ ކުރައްވާ ކަންތައްތަކުގައި އެއިލާހާ އެހެން ފަރާތަކާ އެއްފަދަ ނުކުރުމެވެ. އެއިލާހުގެ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ.
10- ތައުޙީދުލް އަސްމާއި ވައްޞިފާތު ގައި މާތްﷲގެ އެއްކައުވަންތަ ކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ؟
ކީރިތި ޤުރުއާނުންނާއި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުން ސާބިތުވާ ﷲތަޢާލާގެ އިސްމުފުޅުތަކުގައްޔާއި ސިފަފުޅުތަކުގައި އެއިލާހާ އެހެން ފަރާތަކާ އެއްފަދަ ނުކުރުމެވެ. މިސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ.
11- ސޫރަތުލް އިޚްލާޞްގެ މާނައިން އެނގޭ 3ކަމެއް ލިޔާށެވެ!
· ﷲ ތަޢާލާއަކީ އެއްކައުވަންތަ ފަރާތެއްކަން.
· ﷲތަޢާލާއަކީ އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެންވާ ފަރާތެއްނޫންކަން.
· ﷲތަޢާލާއާއި އެއްފަދަވެގެންވާ އެއްވެސް އެއްޗެއް ނުވާކަން.
12- މާތް ﷲގެ އެއްކައުވަންތަކަމުގެ ދަލީލެއް ޤުރުއާނުގެ އަލީގައި ލިޔާށެވެ!
قُلْ هُوَ اللَّهُ أَحَدٌ (1 سورة الإخلاص) " ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲ އެވެ. "
13- ރަސޫލުބޭކަލުންނަކީ ކޮބައިހެއްޔެވެ؟
ރަސޫލުބޭކަލުންނަކީ މީސްތަކުންނަށް ހިދާޔަތްދެއްކެވުމުގެ ގޮތުން މީސްތަކުންގެ ތެރެއިން ހޮއްވަވައި މީސްތަކުންނަށް ހެޔޮނުބައި ވަކިކޮށްދެއްވުމަށް ﷲ ފޮނުއްވި ބޭކަލުންނެވެ.
14- ރަސޫލުބޭކަލުންނަށް އީމާންވުމަކީ ކޮބައިހެއްޔެވެ؟
ރަސޫލުބޭކަލުންނަށް އީމާންވުމަކީ ކޮންމެ އުއްމަތަކަށްވެސް ރަސޫލުބޭކަލަކު ފޮނުއްވިކަމާއި، އެބޭކަލުން ގެންނެވި ކަންތައްތަކަކީ މާތްﷲގެ ޙަޟްރަތުން ގެންނެވި ކަންތައްތަކެއް ކަން ހިތުގައި ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ.
15- ރަސޫލުބޭކަލުންނަށް އީމާންވުން ބިނާވެގެންވާ ކަންތަކުގެ ތެރެއިން 3 ކަމެއް ލިޔާށެވެ!
· ރަސޫލުބޭކަލުންގެ ވާހަކަފުޅަކީ އެބޭކަލުންގެ އަމިއްލަ ވާހަކަފުޅުތަކެއް ނޫންކަން.
· ކޮންމެ އުއްމަތަކަށްވެސް ﷲ ތަޢާލާ ރަސޫލަކު ފޮނުއްވާކަން.
· ރަސޫލުބޭކަލުން ގެންނެވި އެންމެހައި ކަންތައްތައް އެއީ ޙައްޤު ތެދުކަން.
No comments:
Post a Comment