ދާނާގެ ދުޢާ
މާދަމައަކީ ދާނާގެ
ސްކޫލުގައި ފުނަރު ޝޯގެ ނަމުގައި ޓެލެންޓު ޝޯއެއް ބާއްވާ ދުވަހެވެ. މި ޝޯގައި
އެކުއްޖަކަށް ލިބިފައިވާ ހުނަރު ދައްކާލުމުގެ ފުރުޞަތު ސްކޫލުގެ ހުރިހާ
ދަރިވަރުންނަށް ވަނީ ހުޅުވާފައެވެ. ދާނާއަކީ ތަފާތު ހުނަރުތަކެއް ލިބިފއިވާ ކުއްޖެކެވެ.
އެހެންކަމުން ދާނާއަށް ލިބިފައިވާ ހުނަރުތައް ދެއްކުމަށް އޭނާ ތައްޔާރުވާތާ
ދުވަސްތަކެއް ވެއްޖެއެވެ.
ދާނާއަށް ލިބިފައިވާ
ހުރިހާ ހުނަރެއްގެ ތެރެއިން އޭނާގެ ޢާއިލާގެ މީހުންނަށް އެންމެ ކަމުދާ ހުނަރަކީ
މަދަޙަ ކިޔުމުގެ ހުނަރެވެ. އޭނާގެ ބައްޕަ ވަނީ މި ޝޯގައި ހުށަހެޅުމަށް މުޅިން އާ
މަދަޙައެއް ހައްދާ ދީފައެވެ. ދާނާގެ ޖާދުވީ ފަރިފަރި އަޑުން ބަނޑިލައްވަމުން އެ
މަދަޙަ ކިޔަމުންދާ ހިނދު އެންމެން ތިބެނީ އަންތަރީސްވެ އާޝޯޚުވެފައެވެ. މާދަމާ މި
ޝޯ ފެށޭއިރު އެންމެ ފުރަތަމަ ވެސް އޮތީ މަދަޙަ ކިޔުމެވެ. އެހެންކަމުން މާދަމާ
ސްޓޭޖުގައި މަދަޙަ ކިޔާހިތުން ދާނާއަށް ހުރެވެނީކީ ނޫނެވެ.
މަދަޙަ ފަރިތަކުރަން
ވަރަށް ދަންވަންދެން އުޅުމަށްފަހު ދާނާ ނިދީ ސޯފާގައެވެ. ހެނދުނު ހޭލައިގެން ދާނާ ތެދުވަން
އުޅުނުއިރު ފަޔަށް ތަދުވާތީ ސޯފާއިން ފޭބުނީ ވަރަށް ހާލުންނެވެ. ނިދަން އޮވެވުނު
ގޮތަކުން އޭނާގެ ފަޔަށް ހުރީ ތަދެއް އަރާފައެވެ. އެހެންވެ އަނެއްކާ ވެސް ދާނާ
ސޯފާގައި އޮށޯތެވެ. އަދި މަންމާއޭ ކިޔައި ބާރަށް ރޮއިގަތެވެ.
މަންމަ ދުވެފައި
އައިސް ދާނާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. އަދި ވެގެންއުޅޭގޮތެއް
އޮޅުންފިލުވިއެވެ. އަދި އެއީ އެހާވަރުގެ ކަމެއް ނޫންކަމާއި ބާމު ކޮޅެއް
އުނގުޅާލުމުން ރަނގަޅުވާނެކަމަށް ބުންޏެވެ. ނަމަވެސް ދާނާ އެކަމަކަށް އެއްބަހެއް
ނުވިއެވެ. އަދިވެސް ރޮނީއެވެ. އަދި ގިސްލަ ގިސްލަމުން ބުންޏެވެ. މާދަމާ
އަޅުގަނޑަށް ޓެލެންޓު ޝޯއަށް ވެސް ނޭރޭނެއެވެ. މި ފައި ރަނގަޅު ނުވެސް ވާނެއެވެ. ފައި
ރަނގަޅު ނުވަނީސް ޝޯއަކަށް ނޭރޭނެއެވެ.
ދާނާ ވާހަކަދެއްކި
ގޮތުން މަންމަ ހުރީ ހައިރާންވެ ދެރަވެފައެވެ. މަންމަގެ މޫނުމަތިން
ނުތަނަވަސްކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. ނަމަވެސް މަންމަ ފުންނޭވާއެއް
ލުމަށްފަހު އޭނާގެ ދަރިފުޅަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ދަރިފުޅާ...!
ބަލަ ދަރިފުޅުމެން ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ކިޔެވީ އިހަށް ދުވަހަކުއެއް
ނޫންތަ؟ ތިއީ ﷲއަށް އެހާ ބޮޑުކަމެއްތަ؟ ދަރިފުޅުގެ ފައި ރަނގަޅުކޮށްލުން އެއީ
ﷲއަށް ބޮޑުކަމަކަށް ވެދާނެތަ؟"
މަންމަގެ އެ ވާހަކަ
ކޮޅު އަޑުއެހުމަށް ފަހު ދާނާ ކުއްލިއަކަށް ދެލޯ ބޮޑުކޮށްފައި ހިނިތުންވެލިއެވެ. އަދި
ބުންޏެވެ.
"ނޫން މަންމާ!
މިއީ ﷲއަށް ހަމަ އެއްވެސް ކަމެއް ނޫން... ނެތުމުގެ ތެރެއިން އިންސާނުން ހައްދަވައި
ގެންގުޅުއްވާ އިލާހަށް މިއީ ހަމަ އެއްވެސް ކަމެއް ނޫން ... ހިނގާ މަންމާ،
އަޅުގަނޑުގެ ފައި ރަނގަޅުކޮށްދެއްވުމަށް އެދި ﷲއަށް ދުޢާކުރަން..."
މަންމަ ބުންޏެވެ. "ލައްބަ
ދަރިފުޅާ! ހިނގާ އަވަހަށް... މަންމަވެސް ދުޢާ ކޮށްދޭނަން... ދަރިފުޅު ވެސް
އަވަހަށް ފެންވަރައި ސައިބޮއެގެން ދުޢާ ކުރޭ!"
ދާނާ އުފަލުން
ތެދުވަން އުޅުނެވެ. " އައުޗީ އައުޗީ އައުޗް ... މަންމާ! އެކަމަކު އަޅުގަނޑު
ބޭނުމީ ފުރަތަމަ ދުޢާ ކުރަން... މަންމަ އަޅުގަނޑު ފެންވަރުވާފަ
ވުޟޫކުރުވަދީ.."
ދާނާގެ އެދުމުގެ
މަތިން އޭނާގެ މަންމަ އޭނާ ގޮވައިގެން ފާހާނާއަށް ވަދެ ދާނާ ފެންވަރުވައި ވުޟޫ ކުރުވިއެވެ.
ދާނާ އައިސް ސޯފާގައި އިށީނދެ އިނދެ މަޑުމަޑުން ދުޢާކުރަން ފެއްޓިއެވެ.
ޔާ ﷲ! އިބަ އިލާހަކީ
އެންމެ ރީތި އިލާހު! އެންމެ ބާރުގަދަ އިލާހު! އަޅުގަނޑަށް ބައިވަރު އެއްޗެހި
ދެއްވާ އިލާހު!
ޔާ ﷲ! އަޅުގަނޑަށް
ޢަފޫކުރައްވާނދޭވެ! ... އިބަ އިލާހު މަތިން އަޅުގަނޑު ހަނދާން ނެތޭތީ... އަދި
އަޅުގަނޑަށް ހަޑިކޮށް އުޅެވޭތީ...
ޔާ ﷲ! މާދަމައަކީ އަޅުގަނޑު
ޓެލެންޓު ޝޯއަށް އަރަންޖެހޭ ދުވަސް... އަޅުގަނޑުގެ ފައި ރަނގަޅުކޮށްދެއްވާނދޭވެ!
ޔާ ﷲ! އަޅުގަނޑުގެ
މަންމައާއި ހުރިހާ މުސްލިމުންނަށް ފާފަފުއްސަވައި ހެޔޮ ރަޙްމަތްލައްވާނދޭވެ!
ދާނާ ދުޢާކޮށް
ނިންމުމަށްފަހު މަންމަގެ އެހީގައި ބަދިގެއަށް ސައިބޯން ދިޔައެވެ. އަދި މަންމައާއި
ބައްޕަވެސް ދާނާއަށް ދުޢާކޮށްދިނުމަށް ބުންޏެވެ.
އެރޭ ދާނާ ނިދުމުގެ
ކުރިން އޭނާގެ މަންމަ އޭނާގެ ފައި ހޫނުފެނުން ބޮނޑިތާންކުރުމަށްފަހު ބާމު
އުނގުޅައިދިނެވެ. އަނެއްދުވަހު ހޭލިއިރު ދާނާގެ ފައި ވަރަށް ބޮޑަށް ރަނގަޅެވެ.
އަދި ދާނާ މަޑުމަޑުން ހިނގާފައި ގޮސް ސްޓޭޖަށް އަރައި ވަރަށް ރީތިކޮށް މަދަޙަކިޔެވެ.
މަދަޙަ ކިޔާ ނިންމާލުމަށްފަހު ދާނާ ﷲއަށް ޙަމްދުކޮށް ޝުކުރުގެ ސަޖިދަކުރިއެވެ. އެ
މުބާރާތުން މަދަޙަ ކިޔުމުން އެއްވަނަ ލިބުނީ ދާނާއަށެވެ.
سورة غافر މާތް ﷲ
ވަޙީކުރައްވާފައިވެއެވެ. وَقَالَ رَبُّكُمُ
ادْعُونِي أَسْتَجِبْ لَكُمْ ۚ ﴿٦٠﴾ މާނައީ: އަދި ތިޔަބައިމީހުންގެ
ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ.
ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.
No comments:
Post a Comment