Saturday, October 16, 2021

ކުލައާއި އިސްކޮޅަށް ބަލައި ފާޑުކިޔާ ކިޔުމަށް ހުއްޓުމެއް ގެންނަމާ ...!

 

ކުލައާއި އިސްކޮޅަށް ބަލައި ފާޑުކިޔާ ކިޔުމަށް ހުއްޓުމެއް ގެންނަމާ ...!



ލިޔުނީ: ޒީނަތު ލަބީބު

         ދެމީހެއްގެ ޒަވާޖީ ޙަޔާތް ފެށޭ ހިސާބުން އެ ދެމީހުންގެ އާއިލާ މެންބަރުންނާއި އަވަށްޓެރިންނާއި ހެޔޮއެދޭ ރަޙްމަތްތެރިން ދެކެންފަށަނީ މުޅިން އާ ހުވަފެނެކެވެ.  އެ ދެމީހުންގެ ޒަވާޖީ ޙަޔާތުގެ ބަގީޗާގައި ލޯބި ލޯބި މަލެއް ފަރިވެ ފޮޅޭތަން ދުށުމުގެ ހުވަފެނެވެ. ފެންނަ ކޮންމެ ތަނަކުން އެ ސުއާލު ކުރިމަތިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ގަބޫލުކޮށް އެ ސުއާލު ތަކުރާރުކޮށް ކުރެއެވެ. ކުއްޖަކު ލިބެން އުޅޭ ކަމުގެ އުފާވެރި ޚަބަރު ލިބުމާއެކު ދެން ގުނަން ފަށާނީ އެ ކުއްޖާ ދުނިޔެއަށް އަންނާނެ ދުވަހެކެވެ. ދަރިފުޅު ބަނޑުގައި އުފުލާ މަންމައަށް ވުރެ ރަނގަޅަށް އެ ދަރިފުޅަށް ބަލިވެ އިންތާ ވީ ދުވަސް އެނގޭނެ ބަޔަކީ އެ ދެމީހުންގެ އާއިލާ މެންބަރުންނާއި އަވަށްޓެރިންނާއި ހެޔޮއެދޭ ރަޙްމަތްތެރިންނެވެ. ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް ނުވަ މަސް ދިހަ ވެ ދަރިފުޅު ދުނިޔެއަށް އުފަންވެދެއެވެ.

          ދަރިފުޅު އުފަންވީ ޚަބަރާއެކު އެންމެން ވެސް އަވަސްވެގަންނަނީ އެ ކުއްޖަކު ދުށުމަށްޓަކައި އެ ގެއަށް ނުވަތަ ހަސްފަތާލަށް ޒިޔާރަތްކުރުމަށެވެ. ކުއްޖާ ފެނުމާއެކު "މިއީ ހާދަ ކަޅު ކުއްޖެކޭ ... މަންމަގެ ކުލައެއް ވެސް ނެތް ... އަމުދަކުން ބައްޕަގެ ކުލައެއް ވެސް ނޫން ... މިއީ ކޮންތާނކުން ހޯދި ކުއްޖެއް" ހޭ އަހައި އެތަށް ސުވާލެއް ކުރެއެވެ. ނުވަތަ މިއީ ހާދަ ކުޑަ ކުއްޖެކޭ ބުނެ އެވެނި ގޭގެ މިވެނި ކުއްޖަކު ވިހެއި އިރު ވަރަށް ބޮޑޭ ކިޔައި ހާސަރުދަމަން ފަށައެވެ. މިހުރިހާ ހާސަރެއް ދަމާ ނިމި އެތަށް އިރެއްވާ ފަހުން ވެސް މައިމީހާއާއި ދަރިފުޅުގެ ޚާލު އޮޅުންފިލުވަން ހަނދާން ހުންނަނީ މަދު ބައެކެވެ. މިއީ ވަރަށް ކުރީއްސުރެ ވެސް ދިވެހިންގެ ކިބައިގައި ހަރުލާފައިވާ ނޭދެވޭ ސިފައެކެވެ.

          ލިބޭ ދަރިންގެ ސިފަ އާއި ކުލަ ކަނޑައަޅަނީ އެ ކުއްޖެއްގެ މަންމައާއި ބައްޕަ އަމިއްލައަކަށް ނޫނެވެ. އެކަންކަން މިންވަރު ކުރައްވަވަނީ ﷲ ތަޢާލާއެވެ. ކޮންމެ އިންސާނަކުވެސް ﷲ ތާޢާލާ ދުނިޔެއަށް ފޮނުއްވަވަނީ އެންމެ ފުރިހަމަ އެންމެ ރިވެތި ސިފައިގައެވެ. އެކުއްޖަކު ހުރުމަށް ﷲ ތަޢާލާ އެންމެ ރުހިވޮޑިގަންނަވާ ސިފައިގައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.  لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ﴿٤﴾  سورة التين   މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެންމެ ރިވެތި صورة ގައި އިންސާނާ ހެއްދެވީމެވެ.  ކުއްޖާގެ  މޮޅުކަމާއި ޚުލްޤް ރަނގަޅުކަން އަދި ތަޤްވާވެރިކަން ވަނީ އެ ކުއްޖެއްގެ ބޭރުފުށުން ފެންނަ ޖިސްމާނީ ސިފައިގައެއް ނޫނެވެ. އެކަންކަމަކީ ބޭރުފުށުގެ ސިފައާއި އެއްވެސް ގުޅުމެއް ހުރި ކަންކަމެއް ނޫނެވެ. ނަމަވެސް ހިތާމައަކީ ބައެއް މީހުންނަށް ދަރިފުޅުގެ ކުލަ އާއި ސިފަ މިވަނީ އެންމެ މުހިންމު ކަންކަމަށެވެ. ގައިގެ ކުލަ ކިތަންމެ ކަޅު ނަމަވެސް ވަރަށް ރީތި މީހުންވެސް ބައިވަރެވެ. އަދި އަޚްލާޤާއި ތަޤްވާވެރިކަމުގައި ކުރިއަރައިފައިވާ މީހުން ދޮން އަދި ސިފަ ރީތި މީހުންނަށްވުރެ މާކުރީގައިވެސް އެބަތިއްބެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައި ވެއެވެ. إنَّ الله لا ينظر إلى صوركم، ولا إلى أموالكم، ولكن ينظر إلى قلوبكم وأعمالكم  މާނައީ: ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުންގެ ބުރު ސޫރައަކަށް ބައްލަވާވޮޑިގެންނުވެއެވެ. އެހެނެއްކަމަކު ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަބައިމީހުން ހިތްތަކަށާއި ޢަމަލުތަކަށް ބައްލަވާވޮޑިގެންވެއެވެ.

          އެހެންކަމުން ކޮންމެ ކުއްޖަކުވެސް ހެދިބޮޑުވެގެން އަންނަނީ ތަފާތު ކުއްޖެއްގެ ގޮތުގައެވެ. އެކިކުދިންނަށް ލިބިފައިވަނީ އެކި ހުނަރެވެ. ފަހަރެއްގައި ވެސް އެއީ ކުއްޖާގެ އިސްކޮޅަށް ނުވަތަ ކުއްޖާގެ ކުލައަށް ބަލައި އެކުއްޖަކަށް ލިބޭ އެއްޗެއް ނޫނެވެ. ރީތި ދޮން ކުދިން ދެއްވަވަނީ ވެސް ﷲ ތަޢާލާއެވެ. ގައިގެ ކުލަ ތަފާތު އަދި ސިފަ ތަފާތު ކުދިން ދެއްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. ކޮންމެ ކުލައެއްގައި އަދި ކޮންމެ ސިފައެއްގައި ހުރި ނަމަވެސް އެއީ އެ ކުއްޖަކަށް ﷲ ތަޢާލާ ދެއްވެވި ސިފައެވެ. އެ ކުއްޖެއްގެ މަންމައަށް ނުވަތަ ބައްޕައަށް އެކަމުގައި އެއްވެސް ބާރެއް ފޯރުވޭނެ ކަމެއް ނޫނެވެ.

ކީރިތި ޤުރުއާނުގައި އެބަޔަކު ދެކެ ﷲ ތަޢާލާ ލޯބިވާ މީހުންގެ ވާހަކަ އެތަށް ތަނެއްގައި ބަޔާންކުރައްވާފައި ވެއެވެ. ނަމަވެސް އެއިން އެއްވެސް ތަނެއްގައި ދޮން ކުދިންނާއި ކަޅުކުދިންގެ ވާހަކައެއް ނެތެވެ. އަދި ޖިސްމާނީ ގޮތުން ރީތި އިސްކޮޅާއި ރޫފަ ރަނގަޅު ކުދިންގެ ވާހަކައެއް ވެސް ނެތެވެ. ވިމާ މަކަމުން ވެސް ފިލާވަޅެއް ލިބިގަންނާށެވެ. ﴿ إِنَّ اللهَ يُحِبُّ الْمُحْسِنِينَ﴾ [البقرة195]  ﴿ وَ اللهُ يُحِبُّ الصَّابِرِينَ ﴾ [آل عمران 146 ] ﴿ إِنَّ اللهَ يُحِبُّ التَّوَّابِينَ ﴾ [البقرة 222 ]  ﴿ إِنَّ اللهَ يُحِبُّ الْمُتَوَكِّلِينَ ﴾ [آل عمران 159] ﴿ إِنَّ اللهَ يُحِبُّ الْمُتَّقِينَ ﴾ [التوبة 4] ﴿ إِنَّ اللهَ يُحِبُّ الْمُقْسِطِينَ ﴾ [الممتحنة 8] ﴿ وَيُحِبُّ الْمُتَطَهِّرِينَ ﴾ [البقرة 222] ...

ކަޅުކަމާއި ދޮންކަމަކީ ނުވަތަ ދިގުކަމާއި ކުރުކަމަކީ ގައިންގަޔަށް އަރާ ބައްޔެއް ނޫނެވެ. ކަޅު ކުއްޖަކާ އެކު ތިބާގެ ދަރިފުޅު އުޅޭތަން ފެނުމުން އެކަން މަނާ ނުކުރާށެވެ. ދަރިންނަކީ މާތް ﷲ އަހަރެމެންނަށް ދެއްވާ އަގުބޮޑު ނިޢުމަތެކެވެ. ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެކެވެ. އެހެން ކަމުން އަހަރުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތަކީ ދަރިން ހެޔޮގޮތުގައި ބަލައި ބޮޑުކޮށް ތަރުބިއްޔަތު ކުރުމެވެ. ރިވެތި އަޚްލާޤުގެ ވެރިއެއްގެ ގޮތުގައި ދަރިން ބޮޑުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ. ކޮންމެ އާއިލާ މެންބަރަކާއިި އަވަށްޓެރިއަކާއި ހެޔޮއެދޭ ރަޙްމަތްތެރިއެއްގެ ޒިއްމާއަކީ ކުއްޖާ ޖިސްމާނީ ސިފަ ސްކޭންކުރާ މެޝިނަކަށް ވުމުގެ ބަދަލުގައި އިސްލާމީ ތަރުބިއްޔަތުގެ މަތީގައި އެ ކުއްޖާ ތަރުބިއްޔަތުކުރަން އެ މައިންބަފައިން އަތުގައި ހިފާ މީހަކަށް ވުން ކަމުގައި ހަދަމާ ހިނގާށެވެ!

ވީމާ މިކަންކަމަށް އިތުރަށް ވިސްނައި ހޭލުންތެރިވުމަށް ވަޞިއްޔަތް ކުރަމެވެ.