ޑްރާމާ
ޑްރާމާއަކީ، ދިރިއުޅުމުގެ ޢަމަލީ ޙާދިޘާއެއް ނުވަތަ ޙާދިޘާތަކެއްގެ މައްޗަށް އިއްވުމަށް ނުވަތަ ދެއްކުމަށް ލިޔާލިޔުމެކެވެ. ޑްރާމާގެ ދެބާވަތެއް ވެއެވެ. އެއީ ރޭޑިއޯ ޑްރާމާއާއި، ސްޓޭޖް ޑްރާމާއެވެ. ރޭޑިއޯ ޑްރާމާ ލިޔާއިރު ހުރިހާ ވާހަކަތަކެއް ސިފަކޮށްދޭންޖެހޭނީ އިވޭ އިވުންތަކާއި ދައްކާ ވާހަކަތަކުންނެވެ. އެހެންކަމުން ލިޔުންތެރިޔާ މިކަމަށް ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. އެހެންނަމަވެސް ސްޓޭޖް ޑްރާމާއެއްގައި މިކަންކަމަށް ވިސްނަންޖެހޭވަރު ކުޑަވެދާނެއެވެ.
ޑްރާމާ ލިޔުމުގައި ވިސްނަންޖެހޭ ކަންތައްތައް:
1- ކޮންމެ މަންޒަރެއްވެސް ފެށޭއިރު އެމަންޒަރު ސިފަވާކަހަލަ އިބާރާތްކޮޅެއް ގެނައުން.
2- ވާހަކަދައްކާ ބަހުރުވައިން ލިޔުން.
3- ކޮންމެމީހެއްގެ ވެސް ނަންލިޔެފައި އެމީހަކު ދައްކާ ވާހަކަ ވަކިފޮޅުވަތެއްގައި ލިޔުން.
4- ކުރަންޖެހޭ ޙަރަކާތްތައް، އިއްވަންޖެހޭ އަޑުތައް، ވާހަކަދައްކަންޖެހޭ ރާގު، ބުރެކެޓްގައި ލިޔުން.
5- ޢާއްމުން މޮށެއުޅޭ ބަހަކުން ލިޔުން.
6- ކިޔުމަކީވެސް ފަންނެއްކަން ހަނދާންކޮށްގެން ކިޔާމީހާއަށް ފަސޭހަވާނޭހެން ލިޔުން.
7- ޒަމާނާ ނުގުޅޭ ބަހުރުވަ ނުލިޔުން.
8- ދެމާނަ ދޭހަވާ ޖުމުލަ ނުލިޔުން.
9- ކަނޑައެޅިގެން ލިޔުންތެރިޔާ ދޭހަކޮށްދޭން ބޭނުންވާ މާނަ ދޭހަވާނޭހެން ލިޔުން.
10- ކުރު، މަޤްޞަދަށް އަމާޒުވާ ކަހަލަ ގޮތަކަށް، ޞަރީޙަ ޢިބާރާތުން ލިޔުން.
11- ކުރު، ގިނަ ޖުމުލަތަކެއް ހިމެނުން.
12- ވީހާބޮޑަށް އަސަރުކުރާގޮތަށް ލިޔުން.
13- ޖުމުލަ ދިގަސް ބުނާވާހަކަ ތަފާތު ގޮތަކަށް ގެނެވޭތޯބެލުން.
އެއްމަންޒަރުން އަނެއް މަންޒަރަށް ބަދަލުވާއިރު ބޭނުންކުރާ އުކުޅުތައް:
1- މަދު ސިކުންތުކޮޅަކަށް ދެމިގެންދާ ހަނުހުރުމެއް.
2- ހިމޭން ގަދަ މިޔުޒިކު ކޮޅެއް.
3- އަޑު ހިނދުން.
4- ފަސްމަންޒަރުގައި ތަފާތު އަޑުތައް ބޭނުންކުރުން.
5- އެހެން އެނައުންސަރެއް ބޭނުންކުރުން.
6- އަޑުއަހާމީހާގެ ހިތުގައި މަންޒަރު ސިފަކޮށްދިނުން.
އެޗް.އެސް.ސީ އިމްތިޙާނުގައި ޑްރާމާވެސް ލިޔަންޖެހެނީ 20 ފޮޅުވަތާއި 25 ފޮޅުވަތާ ދެމެދުގެ މިނަވަރަކަށް ކަމަށްވާތީ، ލިޔަން ޖެހޭނީ ޑްރާމާއެއްގެ އެއް ސީނެވެ. އެހެންކަމުން ޑްރާމާ ލިޔަން އަންނަ ސުވާލުގައި ބުނާއެއްޗެއް ކިޔައި ރަނގަޅަށް އޮޅުންފިލުވުމަށްފަހު، ލިޔަން ކަނޑައެޅިފައިވާ ދިގުމިނަށް އެ ސީން ފެއްތުމަށް ސަމާލުކަން ދޭންޖެހޭނެއެވެ. އަދި އެސީނުގައި ޑްރާމާގެ މައިގަނޑު މައްސަލައިގެ ނިންމުން ގެންނަން ޖެހޭނެއެވެ.
ތިރީގައި އެވަނީ އިމްތިޙާނުގައި ޑްރާމާ ލިޔެވިދާނެގޮތުގެ ނަމޫނާއެކެވެ.
1. ސިރާޖާއި ޒައިދަކީ ސްކޫލު ދައުރުން ފެށިގެން ވަރަށް ގާތްކޮށް އުޅެމުން އަންނަ ދެ އެކުވެރިންނެވެ. ސިރާޖަކީ މުއްސަނދި ވިޔަފާރިވެރިއެއްގެ ދަރިއެއްކަމުން އެ ވިޔަފާރީގެ އެންމެ އިސް ފަރާތަކީ ސިރާޖެވެ. އެހެންކަމުން ސިރާޖު، ޒައިދަށް ރަނގަޅު ވަޒީފާއެއް ދިނެވެ. ނަމަވެސް ޒައިދުވީ ސިރާޖު ހީކުރިގޮތާ ޚިލާފަށް ބޮޑު މަކަރުވެރި، ޚިޔާނާތްތެރިއަކަށެވެ. އެންމެފަހުން އޮފީހުގެ ގިނަދުވަސްވެފައިވާ ޙަސަނުގެ ތޫނު ވިސްނުމުގެ އެހީގައި ޒައިދުގެ ޚިޔާނާތްތެރިކަން ފަޅާއަރައި، ޒައިދު އޮފީހުން ކަނޑާލިއެވެ. މިޙާދިސާގެ މައްޗަށް ޑްރާމާގެ އެއްސީން ލިޔާށެވެ.
ހެޔޮކަމުގެ ބަދަލުގައި ތެޔޮހަމެއް
ޑްރާމާގެ މިސީނުން ދައްކައިދޭނީ ސްކޫލް ނިންމުމަށް ފަހު ޒައިދަށް ވަޒީފާއެއް ނުލިބިގެން އުޅެނިކޮށް ސިރާޖު އޭނާގެ ބައްޕަގެ ވިޔަފާރި ކުންފުނިން ޒައިދަށް ރަނގަޅު ވަޒީފާއެއް ދިނުމުން، ސިރާޖުގެ އިޙްސާންތެރިކަމުގެ އަގު ވަޒަންނުކޮށް، ކުންފުނީގެ ގިނައަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވަމުން ދަނިކޮށް ކުންފުނީގެ ދުވަސްވީ، ޙަސަނުގެ ތޫނު ވިސްނުމުން އެކަން ފަޅާއެރުމުން، ޒައިދު ވަޒީފާއިން ވަކިކުރިގޮތެވެ.
ސިރާޖު: ޙަސަނު މިއީ ޒައިދު. މިއީ އަހަރެން ވަރަށް އިތުބާރުކުރާ ވަރަށް ގާތް ރަޙްމަތްތެރިއެއް. ޒައިދު. މިއީ
ޙަސަނު. މިތާނގެ އެންމެދުވަސްވީ އަދިބައްޕަ އެންމެ އިތުބާރުކުރާމީހަކީ ޙަސަނު. އައްސަލާމް ޢަލައިކުމް.
(ޙަސަނާ ޒައިދު ސަލާމްކުރުން)
ސިރާޖު: (ދުވަސްތަކެއްފަހުން ޙަސަން ގޮވާފަ ވަރަށް ކަންބޮޑުވެފަ) މިމަހު ވިޔަފާރި ހާދަދަށޭ. ކިހިނެއް މިވަނީ.
ބައްޕަވެސް މިކަން ފާހަގަކުރެއްވި.
ޙަސަނު: އަހަރެންވެސް މިހުންނަނީ ތިކަމާ ވަރަށް ކަންބޮޑުވެފަ. މިބަދަލު އައީ ހަމައެކަނި މިމަހަކު ނޫން. މީގެ
ހަތަރުމަހެއްހާ ކުރިން ފެށިގެން މި ބަދަލު އަންނަންފަށައިފި.
ސިރާޖު: (ވަރަށްބޮޑަށް ރުޅިއައިސްފަ) ހަސަން، ޒައިދުގެ ބޮލުގައި މިކަން އަޅުވަނީދޯ! އަހަރެންނަށް އެނގޭ ޒައިދު
މިތާގައި މަސައްކަތް ކުރަންފެށުމުން ޙަސަނު ހިތްހަމަނުޖެހިފައި ހުރިކަން. ޒައިދަށް އަހަރެން ފުރިހަމައަށް
އިތުބާރުކުރަން. އެންމެރަނގަޅު ޙަސަނު ދެން ދިޔަޔަސް.
ޙަސަނު: (އޭނާ ކެބިންއަށްވަދެ ދޯނިފަހަރުގެ ކެޕްޓަނުންނަށާއި ފިހާރަތަކުގެ ސޭޓުންނަށް ގުޅާފަ) ދޯނިފަހަރުގެ ފައިސާ
އާއި ފިހާރަތަކުގެ ފައިސާ ޒައިދު އަތަށް ދިނުމުގެ ކުރިން އަހަރެން ގާތަށް ގެނަސް މި ފޮތުގައި ނޯޓުކޮށް
ސޮއިކުރާތި. މިކަން ޒައިދަށް ނާންގާތި.
ސިރާޖު: (ހަސަނު އަށް ގޮވާފައި ޙަސަނު އައުމުން ވަރަށް ދެރަވެފައި) ޒައިދާމެދު އަހަރެންނަށްވެސް ޝައްކު ކުރެވެން
ފަށައިފި.
ޙަސަނު: (ވަރަށް ޔަޤީންކަމާއެކު) އަހަރެންނަށް ޔަޤީންވެއްޖެ.
ސިރާޖު: (ޙައިރާންވެފަ) އެއީ ކިހިނެއް!
ޙަސަނު: ފިހާރަތަކާއި ދޯނިފަހަރުން ގެންނަ ފައިސާ ޒައިދާ ޙަވާލުކުރުމުގެ ކުރިން އަހަރެން ދިޔައީ ވަކިފޮތެއްގައި
ނޯޓުކޮށް ސޭޓުންނާއި ކެޕްޓަނުން ލައްވާ ސޮއިކުރުވަމުން. އެމީހުން ޒައިދާ ޙަވާލުކުރި ފައިސާއާ އޭނާ
ބޭންކަށް ޖަމާކުރާ ފައިސާއާ ދިމައެއްނުވޭ. މިފޮތުން ދައްކާ ޢަދަދަށްވުރެ 3 ލައްކަ ރުފިޔާ މިމަހު އެކަނި
ވެސް މަދު. މިއަދަދަށް ބަލައި އަންދާޒާކުރާއިރު 1.5 މިލިޔަން ރުފިޔާ މަދުއެބަވޭ.
ސިރާޖު: (ވަރަށް ރުޅިއައިސްފައި) ހަމަމިހާރު ޒައިދަށް ގޮވާ!
ޒައިދު: (ވަރަށް ހާސްވެފަ) ސިރާޖު ހާދަ ރުޅިއައިސްފައި އިންހެން ހީވެއޭ. ކިހިނެއްވީ!
ސިރާޖު: (ރުޅިއައިސް ތުރުތުރު އަޅައިގެންފައި) ޒައިދު ތިހުރީ ވަޒީފާއިން ވަކިކޮށްފައި. މިހާރު މިތަނުންދޭ!
ޒައިދު: ކިހިނެއްވީ؟ ކޮބާ މައްސަލައަކީ؟
ސިރާޖު: މި ތިންމަސްދުވަހު ތެރޭގައި ގަތް ދޯންޏާއި ގަނެފައިވާ ކާރާއި ކުރި އެހެނިހެން ޚަރަދުތައް އެއީ މައްސަލަ
އަކީ. އެނގިއްޖެތަ؟ އިތުރު މައްސަލަ ހޯދާނީ ޝަރީޢަތުން ދެން މިހާރުދޭ!
________________________________
(އެޗް.އެސް.ސީ ދިވެހި ދެވަނަ އިސްދާރުން ނަކަލުކޮށްފަ)
No comments:
Post a Comment