Featured Post

Ombey

ވާހަކަ: ހިބާ

ހިބާ

        ހިބާއަކީ އޭނާގެ ރީތިކަމާއި އެއްވަރަށް ރިވެތި އަޚްލާޤެއް ލިބިފައިވާ ކިޔަމަންތެރި ބަސް އަހާކުއްޖެކެވެ. އޭނާ އުފަންވުމުގެ ހަތަރު މަސް ކުރިން އޭނާގެ ބައްޕަ ވަނީ ނިޔާވެފައެވެ. ހިބާގެ ޢުމުރުން އަށް އަހަރުގައި ޑެންގޫ ހުމަށް ފަރުވާ ދެމުންދަނިކޮށް އޭނާގެ މަންމަ ވެސް ވަނީ މަރުވެފައެވެ. ހިބާއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާއަކީ ކިޔަވުމުގެ އިތުރުން ސްކޫލުގައި ބާއްވާ ހުރިހާ ހަރަކާތެއްގައި ބައިވެރިވެ ވަނަ ހޯދާ ކުއްޖެކެވެ. ހުނަރުން ފުރިފައިވާ ޖަވާހިރެއްފަދަ ކުއްޖެކެވެ.

        ހިބާގެ މަންމަ މަރުވުމުން އޭނާ ބެލުމުގެ ޒިއްމާ އުފުލަންޖެހުނީ މަންމަ ފަރާތު ބޮޑުދައިތަ އަށެވެ. ބޮޑުދައިތަގެ ވެސް ހިބާއާ އެއް ޢުމުރުގެ އަންހެން ކުއްޖަކު ހުރެއެވެ. އެކުއްޖާގެ ނަމަކީ ނިޝްކާއެވެ. ބޮޑުދައިތަ ހިބާ ގެންގުޅެނީ ބަލާހިތަކުން ނޫނެވެ. މައިންބަފައިން މަރުވެ ބަލާނެ އެހެން މިހަކު ނެތުމުގެ ސަބަބުން ބަލަން މަޖުބޫރުވެގެން ބަލާ ކުއްޖެއްގެ ގޮތުގައެވެ. ބޮޑުދައިތަ އޭނާ ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. އޭނާ ހިބާ ގެންގުޅެނީ ނޯކަރެއްގެ ގޮތުގައެވެ. ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ ހިބާ އަށެވެ.

        ހިބާގެ މަންމަ މަރުވުމާއެކު އޭނައަށް ޖެހުނީ ކިޔެވުމަށް އަލްވަދާޢުކިޔާށެވެ. ބޮޑުދައިތަ އޭނާ ސްކޫލަކަށް ނުފޮނުވައެވެ. ނަމަވެސް ބޮޑުދައިތަގެ ދަރިފުޅު ސްކޫލަށް ދެއެވެ. ހިބާ އެކަމާ ވަރަށް ދެރަވެ ރޮއެ އާދޭސްކުރުމުން ވެސް ސްކޫލަކަށް ނުފޮނުވިއެވެ. ހިބާގެ މަންމަ މަރުވުމުގެ ކުރިން ހިބާއަށް ހުރީ ފަރުޟު ނަމާދާއި ސުންނަތް ނަމާދުކުރަން ދަސްކޮށްދީފައެވެ. ހިބާ އޭނާއަށް ތަޢްލީމު އުނގެނުމުގެ ފުރުސަތު ދެއްވާތޯ ތާ އަބަދު ﷲ އަށް ދުޢާކުރެއެވެ.

        ހިބާއާއި ނިޝްކު އުޅެނީ އެއް ކޮޓަރިއެއްގައެވެ. ނިޝްކު ހިބާދެކެ ވަރަށް ލޯބިވެއެވެ. އެހެންކަމުން ގޭގައި ކިޔަވާ ގަޑީގައި ހިބާ ބައިވެރިކުރެއެވެ. ނިޝްކަކީ ހިބާގޮތަށް ތޫނުފިލި ކުއްޖެއް ނޫނެވެ. ނިޝްކަށް ދަސްވަނީ ވެސް ވަރަށް އުނދަގުލުންނެވެ. ނަމަވެސް ހިބާގެ އެހީތެރިކަމާއެކު ނިޝްކަށް މިހާރު ފަސޭހަކަމާއެކު ފިލާވަޅު ދަސްވެއެވެ. ހިބާ ދަނީ ނިސްކުގެ ފޮތުން އަމިއްލައަށް ކިޔަވަމުންނެވެ. މިއިން އެއްވެސް ކަމެއް ބޮޑުދައިތައަކަށް ނޭނގެއެވެ.  

        އެއްދުވަހެއްގެ ފަތިސް ވަގުތެވެ. ފަތިސް ނަމާދަށްފަހު ހިބާ ގަޑި ބެލިއެވެ. ފަސްގަޑި ބައި ވަންދެން އޭނާ އިނީ ޤުރުއާން ކިޔަވާށެވެ. ބޮޑުދައިތަގެ ހަޅޭކުގެ އަޑުން ގެތެރޭގެ ހަމަހިމޭންކަން ނަގާލިއެވެ. ހެނދުނުގެ ސައި ތައްޔާރުނުކޮށް ހުރުމުގެ ސަބަބަުން ބޮޑުދައިތަ ހިތްހަމަ ނުޖެހުނެވެ. އޭނާ ހިތްހަމަނުޖެހޭ ގޮތަށް ހިބާއަށް ކިތަންމެ ކުޑަކުޑަކަމެއް ކުރެވުނަސް އެއްޗެހި ކިޔައި އަނިޔާކޮށް ހަދައެވެ. ގަޑި ހުރީ ހުއްޓިފައި ކަމެއް ހިބާއަކަށް ނޭނގެއެވެ. އެހެންކަމުން ހިބާ ގަޑި ބެލުމަށްފަހު ކިޔަވަން އިނީއެވެ. ބޮޑުދައިތަ ރުޅިއައިސްގެން ހިބާގައިގައި ތެޅިއެވެ. ތަޅަން ފެށުމުން ކަންވީގޮތް ކިޔައިދިނުމުން ވެސް އަޑުއެހުމުގެ ބަދަލުގައި ސައިހަދަން އަމުރުކޮށް ބަދިގެއަށް ފޮނުވިއެވެ. އޭނާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ހިބާ އޭނާއަށް އިހްތިރާމްކުރެއެވެ. އޭނާއަށްޓަކައި ހިބާގެ ހިތުގައި ވަނީ މައިވަންތަކުމުގެ ލޯތްބެވެ. އޭނާއަށް ކޮންމެ ކަމެއް ވެސް ކޮށްދެނީ ވަރަށް ރަނގަޅަށް ވަރަށް ލޯބިންނެވެ. ކޮށްދޭ ހިތުން ކުރާ ހިތުންނެވެ.

        އާދައިގެ މަތިން އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ހިބާ އުޅުނީ ދޫނި ކޮށި ސާފުކޮށް ގޭތެރެ ކުނިކަހައި ސާފުކޮށް މޮޕުޖެހުމުގެ މަސައްކަތުގައެވެ. އެ މަސައްކަތުގައި އުޅެނިކޮށް ބޮޑުދައިތަ ގެއަށް އައެވެ. ގެއަށް ވަނުމާއެކު ބޮޑުދައިތަގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ބިންމަތިގައި ހުރި ދޫނީގެ ކާއެއްޗެހި އަޅައިފައި ހުރި ފުޅިއެވެ. ހިބާ އަވަސްކުރަން ހަދައިގެން، އެ ފުޅި ނަގަން ހަނދާން ނެތުނީއެވެ. ބޮޑުދައިތަ ވަރަށް ރުޅިގަދަވިއެވެ. އޭނާ އަބަދު ވެސް ހުންނަނީ ހިބާއަށް ކަމެއް ގޯސްކޮށް ކުރެވޭތޯ ބަލަބަލައެވެ. ބޮޑުދައިތަ ފުޅި ނަގައި ހޫރާލިއެވެ. ހޫރާލި ބާރުމިނާއެކު ފުޅި ޖެހުނީ ހިބާގެ ބޮލުގައެވެ. ހިބާއަށް ރޮވުނެވެ. ބޮޑުދައިތަ ފައިވާންކިބަ ނެގިތަން ފެނުމުން ފައިވާނުން ޖެހުމުގެ ކުރިން އެތަނުން ދުއްވައިގަތެވެ.   

        ހިބާ ދުއްވައިގަތުމުން ބޮޑުދައިތަ ވެސް އޭނާގެ ފަހަތުން ދުއްވައިގަތެވެ. ހިބާ ދުވެފައި ގޮސް ސިޓިން ރޫމަށް ނިކުތެވެ. ބޮޑުދައިތަ ވެސް އޭނާގެ ފަހަތުން ދުވެފައި ސިޓިން ރޫމަށް ނިކުންނަން އުޅުނު ވަގުތު އޭނާގެ ހެދުން މަސްޓޭންކުގައި އަޅައިގެންފައި މަސްޓޭންކާއެކު އަނގަ ވަތަށް ވެއްޓުނެވެ. މަސްޓޭންކު ވެއްޓި ތަޅައިގެން ދިޔުމުގެ ސަބަބުން  ގައިގެ އެކިތަންތަން ކަނޑައިގެން ގޮސް އެކި ވަރުގެ އަނިޔާ ބޮޑުދައިތައަށް ވިއެވެ. މިތަން ފެނުމުން ހިބާ އަވަސް އަވަހަށް ހަލުއި ފިޔަވަޅުތަކެއް އަޅަމުން ގޮސް ބޮޑުދައިތައަށް އެހީވިއެވެ. އަދި އަވަށްޓެރި ކައްދައްތަގެ އެހީއާއެކު ބޮޑުދައިތަ ހޮސްޕިޓަލަށް ގެންދިޔައެވެ. ބޮޑުދައިތައަށް ލިބުނު އަނިޔާ ރަނގަޅުވަން ދެން ހިބާގެ އެހީތެރިކަން ދެމުން ދިޔައެވެ. ނަމަވެސް ނިޝްކުގެ އެއްވެސް އެހީތެރިކަމެއް މަންމައަކަށް ނުލިބެއެވެ. މަންމަ ހިބާއާ ދޭތެރޭ އެގޮތަށް ކަންތައް ކުރުމުން ނިޝްކު ހުންނަނީ އޭނާގެ މަންމަދެކެ ހިތްހަމަނުޖެހިފައެވެ.    

        އެ ކުޑަކުޑަ ޔަތީމު ކުއްޖާހެ އެހީތރިކަމާއެކު ބޯޑުދައިތައަށް ލިބުނު ޒަޚަމްތައް ދަނީ ރަނގަޅުވަމުންނެވެ. ހިބާގެ އެހީތެރިކަމާއި އަޅާލުން ފެނިފައި ބޮޑުދައިތަގެ ހިތުގައި އޭނާއަށްޓަކައި ލޯތްބާއި ކުލުނު އުފެދުނެވެ. އެހެންކަމުން ހިބާ ސްކޫލަށް ވައްދައި ކިޔަވައިދޭން ފެށިއެވެ. އޭނާގެ އަމިއްލަ ދަރިއަށްވުރެ މިހާރު ހިބާދެކެ އޭނާ ލޯބިވެއެވެ. އަދި އޭނާއަށް ކަންތައް ކުރެވުނު ގޮތަށްޓަކައި ހިބާއާއި ނިޝްކުގެ ފަރާތުން މަޢާފަށް އެދި ވަރަށް ލޯބިން ހިބާ ގެންގުޅެން ފެށިއެވެ.

 


No comments: