ޔުއާނާއި ޔޫނުސަކީ ދެބެއިންގެ ދެދަރި ދެ ކުދިންނެވެ. ޔުއާނާއި ޔޫނުސަކީ ވެސް ސަކަ
މިޒާޖެއްގެ ދެކުދިންނެވެ. ދެކުދިން އެކު އެކީ ކުޅެ މަޖާކުރުމުގައި ކޮންމެ ދުވަހެއްގެ
ވެސް މެންދުރު ފަހުގެ ވަގުތު ހޭދަކުރެއެވެ.
ޔުއާނު ކޮންމެ ދުވަހަކު ސުކޫލުން އައިސް އަވަސް ވެގަންނަނީ ކޮއްކޮ ޔޫނުސްގެ އެޕާޓުމަންޓަށް
ކުޅެން ދިއުމަށެވެ. ޔޫނުސް ވެސް ދޮންބެ ޔުއާނުގެ އިންތިޒާރުގައި ކުޅޭ އެއްޗެހި ނަގައިގެން
ހުރެއެވެ.
އެއްދުވަހަކު މި ދެ ކުދިން ކުޅެން އުޅެނިކޮށް ކުޑައައްތަ ޕިއްޒާއަކަށް އޯޑަރުކުރިއެވެ.
ޔޫނުސަކީ ޕިއްޒާކާން ވަރަށް ފޯރިހުންނަ ކުއްޖެކެވެ. އެހެންކަމުން އެކަމާ އުފަލުން އަތް
ޖަހަން ފެށިއެވެ. ޔޫނުސް އެކަމާ އުފާކުރަމުން ދިޔައިރު ޔުއާން އިނީ ދެރަވެފައެވެ. ދޮންބެގެ
ލޮލުން ކަރުނައިގެ އަސަރު ފެނުމުން ޔޫނުސް ދެރަވިއެވެ. އަދި ދޮންބެ ހިތްހަމަޖައްސައި
ދޭން މަސައްކަތްކުރިއެވެ.
"ދޮންބެ! ކިހިނެއްވީތަ؟ ދޮންބެ
ދެރަވީމާ ކޮއްކޮ ވެސް ވަރަށް ދެރަވެއްޖެ"
ޔުއާން ލޮލުން ކަރުނަ ފޮހެލަމުން ބުންޏެވެ.
"ކޮއްކޯ! އެއީ އެއްވެސް ކަމެއް ނޫން. ދޮންބެއަށް ޕިއްޒާ ނުކުވޭނެއެއް ނުން.
އެކަމާ ކުޑަކޮށް ދެރަވީ. އެކަމަކު އެއީ އެއްވެސް މައްސަލައެއް ނޫން. ކޮއްކޮއަށް ނުކެވޭ
ބައެއް އެއްޗެހި ދޮންބެއަށް ވެސް ކެވޭ. އެކި ކުދިންނަށް ކެވޭނީ ވެސް އެކި އެއްޗެހި.
ދޯ! "
ދެކުދިންގެ ވާހަކަ މެދު ކެނޑުނީ ގޭގެ ބެލް ޖެހި އަޑަށެވެ. ކުޑައައްތަ ދޮރު ހުޅުވައި
ޕިއްޒާ ހޯދިއެވެ.
"ޓަންޓަނާ... ކޮބާ އާދޭ ހުރިހާ ކުދިން ޕިއްޒާކާން." ކުޑައައްތަ ހުރިހާ
ކުދިންނަށް ގޮވިއެވެ.
"ޔޫނުސް ... ޔުއާން ... އާރްޔާ
... އާދޭ ޕިއްޒާކާން" ކުޑައައްތަ އަނެއްކާ ވެސް ގޮވިއެވެ.
ކުޑައައްތަ ގޮވުމުން ޔުއާން ބުންޏެވެ.
"ޔޫނުސް ދޭ އަވަހަށް ޕިއްޒާ ކާން. ދޮންބެ މަޑުކޮށްލާނަން"
ދޮންބެގެ ވާހަކަ މެދުކަނޑައިލަމުން ޔޫނުސް ބުންޏެވެ.
" ދޮންބެ ދެރަކޮށް ދަހިކޮށްލާފައި ކޮއްކޮއެއް ނުކާނަން ޕިއްޒާއެއް.
ހިނގާ ކުޅެން ފަށަމާ"
އިރުކޮޅެއް ފަހުން އަނެއްކާ ވެސް ކުޑައައްތަގެ އަޑު އިވުނެވެ.
"ކޮބާތަ މިގޭގަ އުޅޭ ކުޑަ
ދެކުދިން. ޔުއާން ... ޔޫނުސް ... އާދޭ! ޔުއާންގެ ޗިޕުސް ވެސް މަޑު ވެދާނެ. ކުޅޭނީ ކައި
ނިންމާފަ"
ދެކުދިންނަށް އެއްފަހަރާ އަލްޙަމްދު لله! ކިޔާލެވުނެވެ.
ދެކުދިން އުފަލުން ނަށަމުން ބަދިގެއަށް ދިޔައެވެ. ގޭ އެންމެން އެއް މޭޒެއްގެ ދޮށުގައި
ތިބެގެން ޕިއްޒާއާއި ކުކުޅާއި ޗިޕުސް ކައި މަޖާކުރިއެވެ. ޔުއާނަކީ ވަރަށް ގިނަ ކާއެއްޗެއްސަށް
އެލާޖިކުވާ ކުއްޖެއްކަމުން އެގޭ މީހުން އެއްޗެއް ހަދާއިރު އަބަދު ވެސް ޔުއާނަށް ކެވޭނެ
ކޮންމެވެސް އެއްޗެއް ހަދައެވެ. އެގޮތުން ކުކުޅާއި ޗިޕުސަކީ ޔުއާނަށް ކެވޭ ޒާތުގެ އެއްޗެކެވެ.
ކައިނިމިގެން ޔުއާން މޯޅިއަކަށް ދެމިލަމުން ސޯފާގައި އޮށޯތެވެ. ޔޫނުސް ވެސް އާފުރަމުން
ގޮސް ސޯފާ މައްޗަށް ވެއްޓިގަތެވެ. އެހެން ތިއްބާ ދެ ކުދިންނަށް ވެސް ނިދިއްޖެއެވެ.
އެރަށަކީ ޑަކުޓަރު ސަންތި މަރިޔަނބު ވަރަށް ގިނައިން ޒިޔާރަތްކުރާ ރަށެކެވެ. އެރޭ
ޑަކުޓަރު ސަންތި އެރަށަށް އަރައި ދަތް ނުއުނގުޅާ ނިދާފައި ތިބި ކުދިން ކޮޅެއް ފެނޭތޯ
މަސައްކަތް ކުރިއެވެ.
ކުއްޖަކު ނުފެނިގެން ހިނގަމުން ހިނގަމުން ގޮސް ޑަކުޓަރު ސަންތި ފައިން ވާގި ހުސްވެދާނެހެން
ހީވުމުން ދުވާރުމަތީ ދަތް ގޯނި ބަހައްޓައިގެން އަރާމުކުރަން މަޑުކުރިއެވެ. އެހެން އިންދާ
ދަތް ނުއުނގުޅާ ކުއްޖެއްގެ ދަތުގެ ކޮބަޑި ވަސް ޑަކުޓަރު ސަންތިގެ ނޭފަތުގައި ޖެހުނެވެ.
"ހައްހައްހާ... ކޮބަޑި ވަސް
އެބަ ދުވާ"
ޑަކުޓަރު ސަންތިގެ ވަރުބަލިކަން އެއްކޮށް ފިލައިދިޔަ ކަހަލަ އެވެ. އަދި މުޅި ހިސާބު
ގަނޑު ޑަކުޓަރު ސަންތިގެ ރާޑަރަށް އެރުވިއެވެ. ޒޫމްކޮށްލައިގެން އެންމެ ބޮޑަށް ވަސް
އަންނަނީ ކޮން ދިމާލަކުންތޯ ބެލިއެވެ. އެންމެ ބޮޑަށް ވަސް އަންނަހެން ހީވަނީ ބުންބާ
ފިހާރައިގެ މަތިންކަމަށް ޑަކުޓަރު ސަންތިގެ ރާޑަރުން ދެއްކިއެވެ. އެހެން ކަމުން އެދިމާއަށް
މިސްރާބު ޖެހިއެވެ.
އެ އިމާރާތަކީ 13 ބުރީގެ އިމާރާތެއްކަމުން ފަހަރަކު ފަންގިފިލާއަކަށް އަރަމުން
ދިޔައެވެ. އެ އިމާރާތުގެ 8 ވަނަ ފަންގިފިލާއާ ހިސާބަށް ގޮސް ބަލާލިއިރު ދެ ކުއްޖަކު
ސޯފާގައި ނިދާފައި އޮތްވާ ފެނުނެވެ.
"މިޝަން ކާމިޔާބު... ކުޅިވަރެއް ދައްކާލާނަން... ހުރިހާ ރީތި ދަތްތައް ނަގާނަން
..."
ޑަކުޓަރު ސަންތި ވަރަށް މަޑުމަޑުން ގޮސް ދެ ކުދިންގެ ގާތަށް މަޑުކުރިއެވެ. ޑަކުޓަރު
ސަންތި އެންމެ ފުރަތަމަ މަޑުކުރީ ޔޫނުސްގެ ކައިރިއަށެވެ. ޔޫނުސްގެ ދަތްތައް އުފުރަން
ތައްޔާރުވިތަނާ ޔުއާނަށް ހޭލެވުނެވެ. ކޮއްކޮގެ ކައިރީގައި އުޅެނީ ކުންކާ ތޯ ނުވަތަ
އެހެން މީހެއްތޯ ޔަގީންކުރިއެވެ. ކުންކާ ނޫންކަމާއި އެއީ އެހެން މީހެއްކަން އެނގުމުން
ޔުއާން ދެ ލޯ ބޮޑުކޮށް ހުޅުވައި އެއީ ކާކުތޯ ދެނެގަންނަން މަސައްކަތްކުރިއެވެ. ކަމަކު
ދާކަށް ނެތެވެ. އެއީ ޑަކުޓަރު ސަންތި މަރިޔަނބެވެ. ޔުއާން އަޑުގެ ކޮޅަށް ބަންގި ގޮވަން
ފެށިއެވެ.
"اللَّهُ
أَكْبَرُ اللَّهُ أَكْبَرُ اللَّهُ
أَكْبَرُ اللَّهُ أَكْبَرُ
أَشْهَدُ
أَنْ لاَ إِلَهَ إِلاَّ اللَّهُ ,
أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ
أَشْهَدُ
أَنَّ مُحَمَّداً رَسُولُ اللّهُ , أَشْهَدُ أَنَّ مُحَمَّداً رَسُولُ اللّهُ"
ބަންގީގެ އަޑު އިވެން ފެށުމުން ޑަކުޓަރު ސަންތި މަރިޔަނބު ތުރުތުރު
އަޅަން ފެށިއެވެ. އެއާއެކު ބާރަށް ރޯން ފެށިއެވެ. އަދި ރޮމުން ރޮމުން ދަތް ގޯނި ނަގައިގެން
ކުޑަ ދޮރާ ދިމާއަށް ހިނގައި ގަތެވެ. އަދި އެދިޔަގޮތަށް ގޮސް ކުޑަ ދޮރުން ބޭރަށް ފުންމާލިއެވެ.
ދެކުދިން އަވަސް އަވަހަސް ދިޔައީ މަންމަމެން ގާތަށެވެ. އަދި
ކަންތައް ހިނގައިދިޔަގޮތް ކިޔައިދިނެވެ. ދެން ދުވަހަކު ވެސް ދަތް ނުއުނގުޅައި ނުނިދާނެކަމަށް
ބުނެ މަޢާފަށް އެދުނެވެ.
އޭގެފަހުން އެ ދެކުދިން އަބަދު ވެސް ނިދުމުގެ ކުރިން ދަތް އުނގުޅައެވެ.
ނިމުނީ
1 comment:
iburai theri vaahaka eh! Salhi! 👏
Post a Comment