އިރުޝާދުދޭ ލިޔުން: އަތުލިޔުން ރީތިކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައް

 އަތުލިޔުން ރީތިކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައް

 

          ޢިލްމުވެރިންގެ ނަޒަރުގައި އަތުލިޔުމަކީ މީހާއަށް ލިބޭ ތަޢުލީމުގެ ދެބައިކުޅަ އެއްބައެވެ. އަތުލިޔުން ރީތިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އިމްތިހާނުގައި ކަރުދާހުގައި ދީފައި ހުންނަ ސުވާލުތަކުގެ ޖަބާބު ދަރިވަރުންނަށް ބަރާބަރަށް އެނގުނު ނަމަވެސް، އަތުލިޔުމުގެ ސަބަބުން ޖަވާބުތައް އޮޅުންބޮޅުންވެ މާކުސް އުނިވާގޮތް ވެއެވެ. އޭގެ ސަބަބުން ދަރިވަރުންގެ ނަތީޖާއަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެހެންކަމުން މި ލިޔުމުގައި އަތުލިޔުން ރީތިކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންތައްތަކަށް އަލިއަޅުވާލާނަމެވެ.

          އަތުލިޔުން ރީތިކުރުމަށްޓަކައި އެންމެ ފުރަތަމަ ވެސް ގެންގުޅެން ފަސޭހަ ނުވަތަ ހިފައިގެން އުޅެން ފަސޭހަ ފަންސުރެއް ނުވަތަ ގަލަމެއް ހޯދާށެވެ! އެއަށްފަހު ފަންސުރު ނުވަތަ ގަލަމުގައި ހިފަހައްޓަންޖެހޭ ގޮތަށް ހިފަހައްޓަން ދަސްކުރާށެވެ! ލިޔަން ގެންގުޅޭ ފަންސުރު ނުވަތަ ގަލަމުގެ ސަބަބުންނާއި، އޭގައި ހިފަހައްޓާލެވޭ ގޮތަކުން ވެސް ލިޔުން ހުތުރުވެގެންދެއެވެ. އެހެންކަމުން ލިޔަން ގެންގުޅޭ ފަންސުރު ނުވަތަ ގަލަމުގައި ރީތިކޮށް ހިފެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ލިޔަން ގެންގުޅޭ ފަންސުރު ނުވަތަ ގަލަމުގައި ބޮޑުވާ އިނގިލި އަދި ޝަހާދަތް އިނގިލި ބޭނުންކޮށްގެން ހިފަހައްޓާށެވެ! އަދި އޭގައި ހިފަހައްޓާއިރު މާބޮޑަށް އަތަށް ބާރު ނުލާށެވެ! ގެންގުޅެން ފަސޭހަ ފަންސުރެއް ނުވަތަ ގަލަމެއްގައި، ހިފަހައްޓަންޖެހޭ ގޮތަށް ހިފަހައްޓައިގެން ގިނަގިނައިން ލިޔާނަމަ އަތުލިޔުން ދުވަހުން ދުވަހަށް ދާނީ ރީތިވަމުންނެވެ.

          އަތުލިޔުން ރީތިކުރުމަށްޓަކައި ދެވަނަ ކަމެއްގެ ގޮތުން އަކުރާއި ފިލިތަކުގެ ބައްޓަން ރަނގަޅަށް ދަސްކުރާށެވެ! އަކުރާއި ފިލި އަޅަން ފަށާ ހިސާބާއި ނިންމާ ހިސާބު ދެނެގަންނާށެވެ! އަކުރަކީ ފޮޅުވަތުގެ ކޮންތަނެއްގައި އޮންނަންޖެހޭ އަކުރެއްތޯ ބަލައި ދަސްކޮށް އެގޮތަށް އަޅަން ފަރިތަ ކުރާށެވެ! ތަކުރާރުކޮށް ގިނަގިނައިން އެއް އަކުރެއް އެއް ގަވާއިދަކަށް އަޅަންފެށުމުން އެއަކުރެއްގެ ބައްޓަމަށް އަކުރު އެޅި އަތުލިޔުން ރީތިވެގެން ދާނެއެވެ. ލިޔަމުންދާއިރު އަތް ވާޅުވެއްޖެނަމަ ކުޑަ ވަގުތު ކޮޅަކަށް ލިޔުން މެދު ކަނޑާލައި އަތަށް ކަސްރަތުދޭށެވެ! ކޮންމެ ދުވަހަކު ވެސް ލިޔުމުގެ މަސައްކަތެއް ކުރެވޭނަމަ ލިޔުމުން އެކަން ފެނިގެންދާނެއެވެ.

          އަތުލިޔުން ރީތިކުރުމަށްޓަކައި ކެތްތެރިކަން އިސްކުރާށެވެ! އެއްދުވަހަކުން ދެދުވަހަކުން އަތުލިޔުން ރީތިކޮށް ނުލެވޭނެއެވެ. މިކަމަށް ވަގުތުތަކެއް ނަގާނެއެވެ. ކޮންމެ ކުއްޖަކު ވެސް އެކުއްޖެއްގެ ލިޔުމަށް އަންނަ ބަދަލުތައް ދެނެގަތުމާއެކު އެކަމަށް ފަޚުރުވެރިވާށެވެ! އަދި އާ ހިތްވަރަކާއެކު އިތުރަށް މަސައްކަތްކުރާށެވެ! ރީތިކޮށް ލިޔެފައިވާ ލިޔުންތައް ބަލައި ނަކަލުކުރުން ގިނަކުރާށެވެ! ޑރ ޙަސަން ޙަމީދު ހާމަކުރައްވާގޮތުގައި ނަކަލުކުރުމަކީ، އަށާރަވަނަ ޤަރުނާއި ނަވާރަވަނަ ޤަރުނުގައި، އެމެރިކާގެ ކިޔަވާ ކުދިންނަށް ޢިބާރާތްކުރަން ދަސްކޮށްދިން ޢާންމު ގޮތެވެ. އެގޮތްވެފައިވަނީ، އަތުލިޔުމާއި، ބަހުގެ ގަވާއިދާއި ލިޔުމުގައި ބޭނުންކުރާ ޚާއްޞަ ނިޝާންތައް ދަސްކޮށްދޭން ފަސޭހަ އަދި ބޭނުންވާ ނަތީޖާ ނެރެދިން ގޮތަކަށެވެ. އެހެންކަމުން ރީތިކޮށް ލިޔެފައި ހުންނަ ލިޔުންތައް ނަކަލުކޮށް އަތުލިޔުން ރީތިކުރުމަށްޓަކައި ކެތްތެރިކަމާއެކު މަސައްކަތް ކުރާށެވެ!

          އެކި ކުދިންގެ އަތުލިޔުމުގެ ފެންވަރު ތަފާތުވާނެއެވެ. އެކި ކުދިންނަށް ލިޔެވޭނީ އެކި ގޮތަށެވެ. ނަމަވެސް އެކުއްޖަކަށް ފަސޭހަ ގަލަމެއް ނުވަތަ ފަންސުރަކުން އަކުރާއި ފިލި ބައްޓަމަށް އަޅައިގެން ގިނަގިނައިން ލިޔުމަކީ އަތުލިޔުން ރީތިކުރުމަށްޓަކައި ކޮންމެހެން ވެސް ބޭނުންތެރިކަމެކެވެ. ހިތްވަރާއެކު މަސައްކަތްކުރެވިއްޖެނަމަ ކޮންމެ ކުއްޖެއްގެ އަތުލިޔުމަކީ ވެސް، ބަލާ މީހެއްގެ ހިތަށް އުފާވެރިކަން ގެނެސްދޭފަދަ ލިޔުމަކަށް ހަދާލެވިދާނެއެވެ.

 

 

 

No comments: