Featured Post

Ombey

ވާހަކަ: ބަލިވި ދުވަސް

 ބަލިވި ދުވަސް

               

          ދުވަހަކީ ހަފުތާ ބަންދަށްފަހު ސްކޫލު ހުޅުވޭ ދުވަހެވެ. ފަތިސް ނަމާދަށް ފަހު ޔަޝްޢަލް ތައްޔާރުވަމުން ދިޔައީ ސްކޫލަށް ދިއުމަށެވެ. ސައިބޯން ހުރި އިރު ޔަޝްޢަލް އެއްވެސް ވާހަކައެއް ނުދައްކާތީ އޭނާގެ މަންމަ އޭނާގެ ޙާލު ރަނގަޅުތޯ ސުވާލުކުރިއެވެ. ކުޑަކޮށް ބޮލުގައި ރިއްސާވާހަކަ ބުނުމަށްފަހު ބޭސްގުޅައެއް ހޯދުމަށް މަންމަގާތު ޔަޝްޢަލް އެދުނެވެ.

          މަންމަ ޔަޝްޢަލަށް ބޭސްގުޅައެއް ގެނެސްދިނުމަށްފަހު އޭނާގެ ނިތްކުރީގައި އަތް ޖައްސައި ހުން ހުރިތޯ ބެލިއެވެ. އަތް ޖައްސާލުމުން ޔަޝްޢަލް ހުރީ ހުންއަައިސްފައި ކަން މަންމައަށް ފާހަގަ ވިއެވެ. އެހެންކަމުން ސްކޫލަށް ފޮނުވުމުގެ ބަދަލުގައި ޔަޝްޢަލް ގޮވައިގެން ދިޔައީ ގެ ކައިރީގައި ހުުންނަ އެއިމްސް ކުލިނިކަށެވެ. ހެނދުނުގެ އެ ގަޑީގައި ވެސް ކުލިނިކުގައި ޑަކުޓަރަށް ދައްކަން ގޮސް ތިބި މީހުން ވަރަށް ގިނައެވެ.

          ޔަޝްޢަލްއަށް ލިބުނީ ކިއު ނަންބަރު ހައެކެވެ. އެހެންކަމުން ސާޅީހަކަށް މިނިޓު އެތާނގައި މަޑުކުރަން ޖެހުނެވެ. އެންމެ ފަހުން ޑަކުޓަރު ކޮޓަރި ހިސާބަށް ދެވިއްޖެއެވެ. ޑަކުޓަރު ބަލާލުމުން އެނގުނީ އޭނާގެ ހަށިގަނޑުގައި ހުންނަންޖެހޭ ވަރަށް ވުރެ މާބޮޑަށް ހަށިގަނޑުގެ ހޫނުމިން މަތިވެފައިވާ ކަމެވެ. ހުންގަދަކަމުން ލޭގެ ޓެސްޓެއް ހެދުމަށާއި އައިވީއަކާއެކު އިންޖިކުޝަނެއް ޖަހަން ޖެހޭ ވާހަކަ ޑަކުޓަރު ބުންޏެވެ.

          ލެބޯޓަރީއަށް ގޮސް ލޭ ދިނުމަށްފަހު އިންޖިކުޝަން ނަގައިގެން ޔަޝްޢަލްއާއި އޭނާގެ މަންމަ ދިޔައީ އަވަސްފަރުވާ ދޭ ކޮޓަރިއަށެވެ. ކަންތައްވީ ވަރަށް ދެރަ ކޮށެވެ. ނަރުސް ދައްތަ އައިވީ ކަށި ގުޅަން އުޅެއުޅެ ގުޅޭގޮތެއް ނުވިއެވެ. ކަށި ކޮށްޕާ ކޮންމެ ފަހަރަކު އެތަން ދުޅަވެއެވެ. ޔަޝްޢަލްއަކީ ވަރަށް ހިތްވަރު ގަދަ ކުއްޖެކެވެ. ނޭޝަނަލް ޖޯގުރަފީ ޗެނަލުން ވަރަށް ގިނަ ޑޮކިއުމެންޓަރީ ބަލާ ކުއްޖެކެވެ. އެހެންކަމުން އޭނާއަކީ ޢާއްމު މަޢުލާމާތު ވަރަށް މުއްސަނދި ކުއްޖެކެވެ. ނަރުސް ދައްތަ ގާތު ފަޔަށް ގުޅޭތޯ މަސައްކަތް ކުރުމަށް ޔަޝްޢަލް އެދުނެވެ. އޭނާ ބެލި ޑޮކިއުމެންޓަރީއަކުން ބަލި ކުއްޖެއްގެ ފަޔަށް އައިވީ ގުޅިތަން އޭނާއަށް ފެނިފައިވާ ވާހަކައާއި އެގޮތަށް މަސައްކަތްކޮށްގެން ކާމިޔާބު ވެއްޖެނަމަ އޭނާ އަވަހަށް ބަލިން ރަނގަޅު ވެދާނެ ކަމަށް ބުންޏެވެ.

          ޔަޝްޢަލްގެ އެދުމުގެ މަތިން އައިވީ ފަޔަށް ގުޅަން ކުރި މަސައްކަތް ވަރަށް ކާމިޔާބެވެ. ފުރަތަމަ ފަހަރުން އައިވީ ގުޅުނެވެ. އައިވީ ހުސްވި އިރު ޔަޝްޢަލްގެ ހުންވަނީ ފިނިވެފައެވެ. އެހެންކަމުން ބޭސް ސިޓީ ލިޔެ ދިނުމަށްފަހު ގިނަގިނައިން ދިޔާ އެއްޗެހި ބުއިމަށާއި ތިން ދުވަސް ވަންދެން އަރާމުކުރުމަށް ނަސޭޙަތްދިނުމަށްފަހު ގެއަށް ފޮނުވާލިއެވެ.     

 

No comments: