Featured Post

Ombey

ވާހަކަ: ރާމާމަކުނު ބޮޑުވަޒީރުގެ އާލާސްކަންފުޅު

 

ރާމާމަކުނު ބޮޑުވަޒީރުގެ އާލާސްކަންފުޅު

 

     އެފްރިކާގެ ޖަންގަލީގެ ތެރޭގައި ވަރަށް ބާރުގަދަ ވެރިކަމެއް ކުރަމުން އައި ޖަނަވާރުންގެ ޤަބީލާއެއް އުޅުނެވެ. އެ ޤަބީލާގެ ރަސްކަލަކީ ސިންގާ ރަސްގެފާނެވެ. ސިންގާ ރަސްގެފާނުގެ އެންމެ ބުއްދިފުޅުހެޔޮ ބޮޑުވަޒީރަކީ ރާމާމަކުނެވެ. މި ވަޒީރުގެ ބުއްދިފުޅު ހެޔޮކަމުން ރަސްގެފާނު ވެރިކަމުގެ އެއްވެސް ކަމަކާ ބެހިވަޑައެއް ނުގަންނަވައެވެ. އެކިވަރުގެ ކުދިކުދި ވަޒީރުންގެ މައްޗަށް ވެރިކަމުގެ އެކިބައިބަޔަށް ބައިއަޅައިގެން އުޅުއްވަމުން ރާމާމަކުނު ބޮޑުވަޒީރު ވެރިކަން ކުރައްވާލެއް ސިންގާ ރަސްގެފާނަށް ވަރަށް ވެސް ކަމުދެއެވެ.

     ސިންގާ ރަސްގެފާނުގެ ވެރިކަމަށް ފަންސާސް އަހަރު ފުރުމާ ދިމާކޮށް ޖަނަވާރުތަކުގެ މެދުގައި ބޭއްވުނު ތަފާތު ކުޅިވަރު މުބާރާތްތަކެއް ބައްލަވައި ލެއްވުމަށް ރާމާމަކުނު ބަޑުވަޒީރު އޭނާގެ ފުރިހަމަ އިއްޒަތުގައި ވަޑައިގެންނެވިއެވެ. އެ ދުވަހު ބޭއްވުނު ރޭސްތަކުގެ ތެރޭގައި ކަންޒުކަހަނބާއި މުސަޅުގެ ރޭހާއި ބޮޑުބާޒާއި ރޭރުގެ ވާދަކުރުމާއި ހިންޏާއި މަސްކާށިދޫނީގެ ޑުރާމާ ފަދަ އެތައް ކުޅިވަރެއް ބޭއްވިގެން ދިޔައެވެ.

     ކޮންމެއަކަސް ކުޅިވަރުގެ ކަންތައް ނިމެންދެން ރާމާމަކުނު ބޮޑުވަޒީރަށް އެތާނގައި ކެތްކުރެއްވޭ ގޮތެއް ދިމައެއް ނުވިއެވެ. ހިއްޕެވުނު އެއްޗެއްގެ ސަބަބުން ބަނޑުދިޔާވެ ކުއްލިޔަކަށް ފާޚާނާއަކަށް ވަޑައިގަންނަވަން ޖެހިއްޖެއެވެ. ރަސްމިއްޔާތު ނިމުމުން ސެޓުފިކެޓާއި ތަށިތައް ބައްސަވައި ދެއްވުން އެހެން ވަޒީރަކާ ހަވާލުކުރެއްވުމަށް ފަހު އެކަނިމާއެކަނި ރާމާމަކުނު ބޮޑުވަޒީރު ގަނޑުވަރަށް ވަޑައިގަންނަވަން ދަތުރުފުޅު ފައްޓަވައިފިއެވެ.

     ކަންތައްވެގެން ދިޔައީ ވަރަށް ދެރަ ގޮތަކަށެވެ. އެއްގަހުން އަނެއްގަހުން އެއް ގޮފިގަނޑުން އަނެއް ގޮފިގަނޑުން ބާރަށް ވަޑައިގަންނަވަނިކޮށް ކުއްލިއަކަށް ހިއްޕަވަން އުޅުއްވި ގޮފިގަނޑަކާއި ލައްވާނުލެވި ސަތޭކަވަރަކަށް ފޫޓު އުސްމިނުން ބިންމައްޗަށް ވެއްޓިވަޑައިގަތެވެ. ބިންމައްޗަށް ވެއްޓިވަޑައިގަތް ވަގުތު ވާތު ފައިންޕުޅަށް ވަރަށް ބޮޑަށް ތަދުވާގޮތްވެ އެއްވެސް ގޮތަކަށް ކުރިޔަކަށް ވަޑައެއް ނުގެންނެވުނެވެ. މި މަންޒަރު ފެންނަ ހިސާބުގައި ޖަންގަލީގެ ތެރޭގައި އޮތް ރަންވަންފުއްލާއެއް ކުއްލިއަކަށް ދުވެފަ އައިސް މިތަނަށް ހުއްޓި ބަލައިލިއިރު މި ވެއްޓިވަޑައިގަތީ މި ޝަހަރުގެ ބޮޑުވަޒީރު ރާމާމަކުނެވެ.

     ރަންވަންފުއްލާ ބަލާކަށް ނުހުރެ އެހެން ޖަނަވާރުތަކަށް ގޮވައި މިތަނަށް ގެނެސްފިއެވެ. ބޮޑުވަޒީރު ރާމާމަކުނަށް ވީ ކިހިނެއްތޯ ބަލައިލިއިރު ވާތްފަރާތު ފައިންޕުޅު ވަނީ ކަކުލުހުޅާއި ތަނބިކަށި ހުޅާ ދެމެދުން ބިނދިފައެވެ. ދިލަނަގާވަރުންނާއި ތަދުވާވަރުން ކެތް ނުކުރެއްވިގެން ބޮޑުވަޒީރު ކީރިތި ކުރައްވަނީއެވެ. އެންމެންވެގެން ރާމާމަކުނު ބޮޑުވަޒީރު އެ ޝަހަރުގައި ހުރި ރުއްގަލުބޭހުގެ މަޝްހޫރު ޙަކީމެއް ކަމަށްވާ ސާރިދޯޅު ސާހަބުގެ ހަސްފަތާލަށް ގެންގޮސްފިއެވެ.

     ޙަކީމު ސާރިދޯޅު ސާހަބު ވަރަށް ރަނގަޅަށް މި ފައިންޕުޅު ބައްލަވައި ކަށި ސީދާކޮށް އޮބިއަޅައި ވަރަށް އަވަސް އަވަހަށް ބަނދެފިއެވެ. އަދި ވަރަށް އަވަސް އަވަހަށް ހޯދަންޖެހޭ ބޭހުގެ ލިސްޓެއް ލިޔެފަ ރަންވަންފުއްލާއާއި ހަވާލުކޮށްފިއެވެ. ހޯދަންޖެހުނު ބޭހުގެ ތެރޭގައި ހިމެނެނީ އަރަޅި ބުރޮޅި އެސްމާ ގޯނބިލި ކަނަހަނދުން ބަޒަބާޒު ދަވިއްގަނދު ދިވެހިރުކުގެ ފަންސަނގެވެ. ރަންވަންފުއްލާއަކީ ޖަނަވާރުތަކުގެ ތެރެއިން އެންމެ ބާރަށް ދުވާ އެއް ޖަނަވާރު ކަމަށް ވުމުން ދާދިކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހުރިހާ ބޭހެއް އެއްފަހަރާ ހޯދައިގެން އަތުވެއްޖެއެވެ.

     ކޮންމެއަކަސް ރާމާމަކުނު ބޮޑުވަޒީރު ޙަކީމު ސާރިދޯޅުގެ ހަސްފަތާލުގައި އެދުމަތި ކޮށްފިއެވެ. މި ޚަބަރު ވައިރޯލިއެއްހެން މުޅި ހިސާބަށް ފެތުރިގެން ދިއުމާއެކު ރަސްކަމުގެ ކޮއިލުގައި ހިމެނި ވަޑައިގަންނަވާ ހުރިހާ ދަރަޖައެއްގެ ހުރިހާ ފަންތިއެއްގެ އެންމެހައި ބޭފުޅުން ޙަކީމު ސާރިދޯޅުގެ ހަސްފަތާލަށް ވަޑައިގެންފިއެވެ. ޚުދު ސިންގާ ރަސްގެފާނު ވެސް އެތަނަށް ވަޑައިގެން ވަރަށް ބޮޑަށް ކީރިތި ކުރެއްވިއެވެ.

     ކޮންމެއަކަސް ތިންހަތްދުވަސް ވަންދެން ހަސްފަތާލުގައި އޮންނެވުމަށްފަހު ރާމާމަކުނު ބޮޑުވަޒީރު ހެޔޮޙާލުކޮޅަށް އެނބުރި ރުޖޫޢަވެ ވަޑައިގެންފިއެވެ. 

No comments: