Featured Post

Ombey

Saturday, December 1, 2018

kiyan dhaskohdhinumah




ކިޔަން ދަސްކޮށްދިނުމަށް


                              Image result for reading
                                                               
ލިޔުނީ: ޒީނަތު ލަބީބު.


ތަޢާރަފު:

ޢާންމު އުޞޫލެއްގެ ގޮތުން ސްކޫލްތަކުގައި ކިޔަވައިދެމުންދާ އިރު ޓީޗަރުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކި ކުދިންގެ ދަސްވުމުގެ ޤާބިލުކަމަށް އަންނަ ތަފާތެވެ. ބައެއް ކުދިންނަކީ ވަރަށް އަވަހަށް ފިލާވަޅު ދޭހަކޮށްގަންނަ ކުދިންނަށް ވާއިރު އަނެއްބައި ކުދިންނަކީ ވަރަށް ލަސް ލަހުން އެއްޗެހި ދޭހަ ކުރެވޭ ކުދިންނެވެ. އަދި އޭގެ ތެރޭގައި އެކުދިންގެ ޠަބަޢީ ހާލަތު  ތަންދޭގޮތުން ކިޔަވަން ނޭގޭ ކުދިންވެސް އުޅެއެވެ. 
ލިޔަން ކިޔަން ހުރިހާ ކުދިންނަށް އެނގޭ ގޮތެއް ހަމަޖެއްސުމަކީ ހުރިހާ ޤައުމަކުން ދެކޭގޮތުގައިވެސް ވަރަށް ބޮޑު ޒިންމާ އެކެވެ. އެހެންކަމުން ދުނިޔޭގެ ހުރިހާ ހިސާބެއްގައި ދަނީ އެކަމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމާމެދު ހޯދުންތައް ހޯދައި ޢިލްމީ ދިރާސާތަކެއްދަނީ ކުރެވެމުންނެވެ. އެގޮތުން ހެދިފައިވާ ރިސާޗްތަކުން އެނގުނު ގޮތުގައި ޚާއްޞަ އެހީތެރިކަމެއް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމުގައި ތަފާތު އުކުޅުތައް ބޭނުންކުރަން ޖެހޭކަން ހާމަވެފައި ވެއެވެ. އެ އުކުޅުތައް ބޭނުންކޮށްގެން ކިޔަވައި ދިނުމުން ކުއްޖާގެ ސިނކުޑީގައި ދަސްކުރުމުގެ ޤާބިލުކަން ހުންނަ މިންވަރު އިތުރުވެ މަޑުމަޑުން ދަސްކުރަން ފަށައެވެ. އޭގެ ސަބަބުން  ކުއްޖާގެ އުޅުމަށާއި ކުއްޖާގެ އިޙްސާސްތަކަށް ހެޔޮ ބަދަލުތަކެއް އާދެއެވެ. ކިޔަން ދަސްކޮށްދިނުމުގައި އެންމެ މުހިންމު ކަމަކީ ބަހެއްގެ ހުރިހާ އަކުރުތައް ދަނެގަނެ އޭގެ މާނަ އެނގޭވަރު ކޮށްދިނުމެވެ. މިކަން ކުރުމަށް ތަފާތު އުކުޅުތައް ބޭނުންކުރެވިދާނެއެވެ.
މި އެސައިންމަންޓަކީ މާސްޓާރ އޮފް އެޑިއުކޭޝަން ދިވެހި ލެންގުއޭޖް ޓީޗިންގައި ހިމެނޭ މޮޑިއުލެއް ކަމަށްވާ އާރލީ އިންޓަރވެންޝަން ފޮރ ލެންގުއޭޖް ލާރނާރސްގެ ދަށުން ކިޔަން ނޭނގޭ ކުއްޖަކަށް ކިޔަން ދަސްކޮށްދޭން ކުރި މަސައްކަތުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރެވުނު ރިޕޯޓެކެވެ.

ކިޔަން ދަސްކޮށްދިން ކުއްޖާގެ މަޢުލޫމާތު:

މި އެސައިންމެންޓްގެ މަސައްކަތްކުރުމަށް އަޅުގަނޑު އިޚްތިޔާރުކުރި ދަރިވަރަކީ ޢުމުރުން 11 އަހަރުގެ ފިރިހެން ދަރިވަރެކެވެ. މި ދަރިވަރަކީ އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އަމިއްލަ ފަރާތަކުން ހިންގާ ސްކޫލެއްގެ ގުރޭޑް 5 ގައި ކިޔަވަމުން ގެންދާ ދަރިވަރެކެވެ. މި ދަރިވަރަކީ ދަރިވަރުގެ ޢުމުރާ އެއްވަރަށް ލިޔަން ކިޔަން އެނގިފައިވާ ކުއްޖެއް ނޫނެވެ. މި ދަރިވަރުގެ މަޢްލޫމާތު ހޯދުމަށް އަޅުގަނޑު ކުރި މަސައްކަތުން އެނގުނީ ދަރިވަރަކީ "ޑިސްލެކްސިއާ" ކުއްޖެއް ކަމެވެ. "ދަސްކޮށްދޭ އެއްޗެތި ހަނދާން ނުހުންނާތީވެ ވަރަށް މަސައްކަތްކޮށްދެން، އެހެންނަމަވެސް މިއަދު ދަސްކޮށްދޭ އެއްޗެތި މާދަން އަންނައިރު ހަނދާނެއް ނުހުރޭ، އަކުރުތައް ވަރަށް އޮޅުވާލައިގެން ކިޔާނީ ވެސް، ވަރަށް އޮޅުވާލާނެ p ، b ،d ، q، އާ އަދި ތާނަ އަކުރުތައް ވެސް އޮޅުވާލާނެ ޢަރަބި އަކުރުތައް ވެސް، އެހެންނަމަވެސް ހިސާބު އަކުރުތައް އޮޅުވާނުލައި ކިޔާނެ، އަދި ކިޔާއިރު އަކުރުތައް ވައްޓާލާނެ، ހަތަރު ފުރޮޅުލީ ކޮންމެ އެއްޗަކީ ކާރު" މިދަރިވަރަށް އެލް ކޭ ޖީ ގައި ކިޔަވާދެއްވި އާންޓީއެއް މަޢުލޫމާތު ދެމުން ވިދާޅުވިއެވެ. އަދި މި ދަރިވަރަކީ އުނގެނުމުގައި ދަތިކަމެއް ހުންނަ ކުއްޖެއްކަން ބެލެނވެރިޔާއަށް އެންގުމުން އެބޭފުޅުން މި ދަރިވަރު ޑޮކްޓަރަށް ދެއްކި ކަމަށް ވެސް އެ ޓީޗަރު މަޢުލޫމާތުދެއްވިއެވެ. މިއީ ކިހާވަރެއްގެ ހަޤީޤަތެއްތޯ ބެލުމަށް ދަރިވަރުގެ މައިންބަފައިންނާ ސުވާލުކުރުމުން  ދަރިވަރުގެ މަންމަ ވަނީ މިކަމާ ގުޅުންހުރި ތަޖުރިބާކާރުންގެ ލިޔުންތަކުގެ އެހީގައި ކަށަވަރުކޮށްދީފައެވެ.
ދަރިވަރަށް ސްކޫލުގެ މާޙައުލުން (ބޭބީ ނާސަރީ) އެންމެ ފުރަތަމަ ކިޔަވައިދެއްވި ޓީޗަރުން ބުނާގޮތުގައި މިދަރިވަރަކީ  "ޑިސްލެކްސިއާ"  ކުދިންނާއި އަޅައިބަލާއިރު ވަރަށް ހުނަރުވެރި މޮޅު ކުއްޖެކެވެ. އެހެންކަމުން ކޮންމެ ކަހަލަ ކުރެހުމެއްވެސް ވަރަށް ރީތިކޮށް ކުރަހާލާ ކަމަށް ޓީޗަރުން މަޢުލޫމާތު ދިނެވެ. އަދި ހިސާބު ގަޑިއަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަކަމަށާއި ހިސާބާއި ގުޅިގެންދެވޭ ޙަރަކާތްތައް ނިންމަން މަސައްކަތް ކުރާކަމަށާއި އެއްޗެއް ބަލައިގެން ވަރަށް ފުރިހަމައަށް ނަކަލުކުރާ ކަމުގައި ވެސް މަޢްލޫމާތު ދިނެވެ. އެހެން ނަމަވެސް ބުނެދޭ އަޑާއި އަކުރުތަކާއި ގުޅިގެން ސުއާލުކުރުމުން ހަނދާން ނުހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް މަޢުލޫމާތު ދިނެވެ. އަދިހަމަ އެހެންމެ އަޑުއެހި ނުވަތަ ބެލި އެއްޗެއްގެ ހަނދާންވެސް ނުހުންނަ ކަމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް ކުލޭ ބޭނުންކޮށްގެން އެއްޗެހި ހެދުމާއި ކަތުރުން ތަފާތު ޑިޒައިންތަކަށް ކެފުމާއި ފަންސުރުގައި ހިފައިގެން އަކުރު މަތީ އަކުރު އެޅުމުގައި އެއްވެސް ވަރަކަށް މައްސަލަ ނުހުންނަ ކަމަށާއި ފިޒިކަލް އެޑިއުކޭޝަން މާއްދާއާއި ގުޅިގެން ގެންދާ ހުރިހާ ޙަރަކާތެއްގައި ވެސް ބައިވެރިވެ އެންމެ ރަނގަޅު ކާމިޔާބީ ހޯދާކަމަށް މަޢުލޫމާތު ދިނެވެ. 
ދަރިވަރަކީ ލިޔަން ކިޔަން އެނގޭ ކުއްޖަކަށް ހެދުމަށް ކެނޑިނޭޅި ސުކޫލުން ކުރަމުން އައި މަސައްކަތުގެ ނަތީޖާއިން މިހާރު މިދަރިވަރަކީ އިނގިރޭސީގެ ހުރިހާ އަޑުތަކާއި އަކުރުތަކުގެ ނަންތައް ލިޔަން ކިޔަން އެކަށީގެންވާ މިންވަރަށް އެނގޭ ކުއްޖެކެވެ. އެހެންނަމަވެސް ޢުމުރުގެ އެހެން ކުދިންނާއި އެއްފެންވަރަށް އަދިވެސް ލިޔުމާއި ކިޔުން ތަރައްޤީ ނުވާ ކަމަށް މިހާރު އެދަރިވަރަށް އިނގިރޭސި ކިޔަވައި ދެއްވާ މުދައްރިސް މަޢުލޫމާތު ދިނެވެ. އިނގިރޭސި އަޑުތަކާއި އަކުރުގެ ނަން ދަސްކޮށްފައިވާ މިދަރިވަރަކީ ތާނަ އަކުރާއި ޢަރަބި އަކުރު އެއްވެސް ވަރަކަށް ވަކިކުރަން އެނގޭ ކުއްޖެއް ނޫނެވެ. އެހެންނަމަވެސް އަބަދު އަޑުއިވޭ ޤުރުއާނުގެ ކުރު ސޫރަތްތަކާއި ބަންގި ކިޔައިދޭން އެނގޭ މިދަރިވަރަކީ އެއްޗެއް ބަލައިންގެ ބޮޑު މީހަކު ލިޔާ ވަރަށް ވުރެ ރީއްޗަށް ދިވެހި ލިޔާ ކުއްޖެކެވެ. އަދި ދައްކާ ވާހަކަ ލެޓިންބަހުންވެސް މިދަރިވަރު ލިޔަން ފަށާފައިވާކަން ފާހަގަ ކުރެވެއެވެ. މި އެސައިންމެންޓް ހެދުމަށް އަޅުގަނޑު މި ދަރިވަރު އިޚްތިޔާރު ކުރީ މީގެ އެހީގައި ދިވެހި އަޑުތަކާއި ދިވެހި އަކުރުތަކުގެ ނަން ދަރިވަރަށް ދަސްކޮށް ދެވިއްޖެނަމަ އެހެން ކުދިންނާ އެއްފެންވަރެއްގައި ލިޔުމާއި ކިޔުން ހިފަހައްޓައިލެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭތީއެވެ.

ލިޓްރެޗާރ ރިވިއު:

ކިޔަން ފަށައިގަންނަ ކުދިންނަށް ކިޔަން ދަސްކޮށްދިނުމުގައި ވަކި ޚާއްޞަ ގޮތްތަކެއް ގެންގުޅެން ޖެހެއެވެ. މީގެ އިތުރުން ކިޔަން ދަސްކޮށްދޭ ޓީޗަރުންނަކީ ކޮންމެ ކުއްޖަކަށް ވެސް ކިޔަން ލިޔަން ދަސްކޮށްދެވޭނެ ކަމުގެ ޔަގީންކަމާއެކު އަމިއްލަ ނަފުސަށް އިތުބާރާއި ސާބިތުކަން އޮންނަ ބަޔަކަށް ވާންޖެހެއެވެ. އަދި މި ކަމާގުޅޭ ފުރިހަމަ ތަމްރީންތައް ވަރަށް ރަނގަޅަށް ލިބިފައިވާ ބަޔަކަށް ވެސް ވާންޖެހެއެވެ. ރަނގަޅަށް ކިޔަން ދަސްކޮށްދިނުމުގެ ޕްރޮގުރާމެއްގައި 5 ހުނަރެއް ދަސްކޮށްދޭންޖެހޭކަމަށް ކްރިސް ޖޮލީއާއި ސޫ ލޯއިޑް (1989) އެމީހުންގެ ޕްރޮގުރާމެއް ކަމަށްވާ ޖޮލީ ފޮނިކްސް އެކްސްޓްރަރ ގައި ބަޔާންކޮށްފައި ވެއެވެ. އެބައިތަކަކީ : އަކުރުތަކުގެ އަޑުތައް ފާހަގަކުރުމާއި އަކުރު ލިޔަން އެނގުމާއި އަކުރުތަކުގެ އަޑުތައް ބްލެންޑް ކުރަން އެނގުމާއި ލަފްޒެއްގައި ހިމެނޭ އަޑުތައް ފާހަގަކުރުމުގެ އިތުރުން ޓްރިކީ ބަސްތައް ދަސްކޮށްދިނުމެވެ.
ކިޔަން ފަށައިގަންނަ ކުދިންނަށް ކިޔަން ދަސްކޮށްދިނުމަށް ރަނގަޅު ޕްލޭންތަކެއް ހަދައި ވަރަށް ރަނގަޅަށް ތައްޔާރުވާންޖެހެއެވެ. ތައްޔާރުވާންޖެހޭ މިންވަރަށް ތައްޔާރުނުވެ ކިޔަން ދަސްކޮށްދޭން ފަށައިފިނަމަ އެ މަސައްކަތަކީ އެހައި ކާމިޔާބު މަސައްކަތަކަށް ނުވެ ހިނގައިދާނެއެވެ. މިކަމާ ގުޅޭގޮތުން ކަމުގެ މާހިރުން ކޮށްފައިވާ ދިރާސާތަކުގެ ނަތީޖާއަށް ބަލާއިރު ކިޔަން ފަށައިގަންނަ ކުދިންނަށް ކިޔަވައި ދިނުމަށް ހެދޭ ޕްލޭންތައް ހަދާއިރު މެދުނުކެނޑި ކޮންމެ ދުވަހަކު ދަރިވަރާއެކު ވަގުތު ހޭދަކުރެވޭ ގޮތަކަށް އެ ޕްލޭންތައް ހަދަންޖެހޭކަމަށް ބުނެފައި ވެއެވެ. ކިޔަން ފަށައިގަންނަ ކުދިންނަށް ކިޔަވައިދިނުމުގައި އެއް ސެޝަން އަނެއް ސެޝަންގެ ދެމެދު މާގިނަ ދުވަސްތައް ފާއިތުވާނަމަ ކިޔަވައިދޭ އެއްޗެހި ހަނދާންނެތޭ ކަމަށް މިކަމުގެ މާހިރެއް ކަމަށް ވާ ޖިމް ރޯސް އޭނާގެ އިންޑިޕެންޑެންޓް ރިވިއު އޮފް ދަ ޓީޗިންގް އޮފް އާރލީ ރީޑިންގް (2006) ގައި ވިދާޅުވެފައި ވެއެވެ. އެހެން ކަމުން ކިޔަން ދަސްކޮށްދޭން ފަށައިގަންނަ ކުދިންނަށް ކިޔަވައި ދޭން ފެށުމުގެ ކުރިން އެ ދަރިވަރުންނަށް ކޮންމެ ދުވަހަކު އާދެވޭ ކަހަލަ ދުވަސްވަރަކަށް ބަލަންޖެހެއެވެ. ޖިމް ރޯސްގެ މި ރިޕޯރޓުގައިވާ ގޮތަށް ކިޔަވައި ދެއްވަމުން ގެންދަވާ ބައެއް ޓީޗަރުން ބުނާ ގޮތުން ނަމަ މެދުކެޑުމެއްނެތި ކިޔަވައި ދެވޭ ކުދިންގެ ހަނދާނުގައި ހަރުލާ މިންވަރާ އަޅާ ބަލާއިރު މެދުކެނޑިގެން ކުލާސްތައް ގެންދެވޭ ކުދިންގެ ހަނދާނުގައި ހަރުލާ މިންވަރު ވަރަށް ބޮޑުތަން ދަށްކަމަށް ވެއެވެ.
ކިޔަން ދަސްކޮށްދޭން ފަށައިގަތުމުގެ ގޮތުން ހެދޭ ޕްލޭނެއްގައި މައިގަނޑު 8 ކަމެއް ހިމެނުން އެއީ މުހިއްމުކަމެއްގެ ގޮތުގައި ޖިމް ރޯޒް (2016) ގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެބައިތަކަކީ:-

1-      ފޮނީމިކް އަވެއަރނެސް އާއި ފޯނިކްސް ބޭނުންކޮށްގެން ކިޔަވައިދިނުން.
2-      ބަސް ޑީކޯޑުކުރުމާއި ސައިޓް ވަރޑުސް ދަސްކުރުން.
3-      ބަސް ތަރައްގީކުރުމާއި ބަސްކޮށާރު މުއްސަނދިކުރުން.
4-      ތަފްސީލުކޮށް ކިޔުން ދޭހަވުމަށް ބޭނުންކުރާ ގޮތްތައް ދަސްކޮށްދިނުން.
5-      މާނަހުރި ލިޔުންތައް ލިޔުއްވުން.
6-      ކިޔުން ފަރިތަކުރުމަށް ކުއްޖާއަށް ކިޔަން އެނގޭ ލިޔުންތައް ގިނަގިނައިން ކިޔުއްވުން.
7-      ތަފާތު ގިނަ ވައްތަރުގެ ލިޔުންތައް ކިޔުއްވުން.
8-      އެހީއާ އެކުގައްޔާއި އެކަނި ކިޔުމުގެ ފުރުސަތު ދިނުން.  ހިމެނެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ކިޔަން އުނދަގޫ ކުދިންނަށް ކިޔަން ދަސްކޮށްދިނުމަށް ހިންގޭ ޕްރޮގުރާމްތަކަކީ ދިގު މުއްދަތަކަށް ކުރިޔަށް ގެންދަންޖެހޭ ހަރަކާތްތަކެއް ނޫނެވެ. މިކަމަށް އެންމެ ރަނގަޅީ 6 ހަފުތާ އާއި 12 ހަފުތާ ދޭތެރޭގެ މުއްދަތެކެވެ. ހޯދުންތަކުން ދައްކާ ގޮތުގައި ދިގު މުއްދަތަކަށް ހިންގާ މިފަދަ ޕްރޮގްރާމްތަކުން ދުވަސްކޮޅެއް ފަހުން ކުދިންނަށް އެހާ ރަނގަޅު ފައިދާތަކެއް ނުކުރެއެވެ.
ކިޔަން ފަށައިގަންނަ ކުދިންނަށް ކިޔަން ދަސްކޮށްދޭން ފަށައިގަތުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށްފަހު ދަރިވަރުންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރާއި ޔަގީންކަން އިތުރުކުރުމަށާއި އެކުދިންނަށް ލިޔަން ކިޔަން އެނގޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހޯދައިދޭން ޖެހެއެވެ. މީގެ އިތުރުން އެކުދިން ކިޔަވަން ތިބޭ ތަނަކީ ފަސޭހަކަމާއެކު ތިބެވޭފަދަ އަޑު މަޑު ތަނަކަށް ހަދަންޖެހެއެވެ. އަދި މަސައްކަތާ ނުގުޅޭ މީހުން ވަދެ ނުއުޅޭ ތަނަކަށް ވެސް ހަދަންޖެހެއެވެ. މިގޮތަށް މިކަންތައް ކުރަންޖެހެނީ އެހެން މީހުން ވަދެ ނުކުމެ އުޅުމުން ލަދުވެތިކަން އިހްސާސް ކުރެވިއްޖެނަމަ އެކުދިންގެ ނަފްސަށް ކުރަމުން އައި އިތުބާރު ގެއްލިދާނެތީ ކަމަށް ޖިމް ރޯޒް (2016) ގެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ.
އެވޭލާ ޒަމާނުގައި ކިޔަން ދަސްކޮށްދެމުން އައިގޮތް ހަނދާންނައްތާލުމަށްފަހު، ކިޔަން ފަށައިގަންނަ ކުދިންނަށް އެންމެ ފުރަތަމަ ވެސް އެ ބަހެއްގައި ހިމެނޭ އަޑުތައް ރަނގަޅަށް ދަސްކޮށްދޭންޖެހޭ ކަމަށާއި، މިގޮތަށް ދަސްކޮށްދިނުމުގައި ކުޅިވަރުގެ ތެރެއިން ދަސްކޮށްދިނުމުން ކުދިން އެކަމުގައި ބައިވެރިވެ ފޫހިކަމެއްނެތި ދަސްކުރަމުންދާނެ ކަމަށް ކްރިސް ލަސްކަޑޯ (2009) އޭނާގެ ޓީޗިންގް ލިޓްރަސީ ތްރޫ ފޮނިކްސް ގައި ބަޔާންކޮށްފައި ވެއެވެ. މިގޮތަށް އުނގަންނައި ދިނުމުން ލަފުޒުތައް ކިޔަންޖެހޭ ގޮތަށް ކިޔުމަށާއި ލިޔެކިޔުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް މި ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އަޑުތައް ދަސްކޮށްދިނުމުގައި ކޮންމެ އަޑަކަށް ތަފާތު ހަރަކާތެއް ދެއްކުމަށް ޖޮލީއާއި ސޫ ލޯއިޑް (1989) އިރުޝާދު ދެއެވެ. ދިވެހި ބަހުގައި "ވަވުލްސް" ގެ ގޮތުގައި ބޭނުންކުރަނީ ފިލިތަކެއް ކަމަށްވާތީ އަޑު ދަސްކޮށްދީ ނިމުމުން ފިލިތަކުގެ އަޑު ދަސްކޮށްދޭށެވެ.
ބަހުގައި ހިމެނޭ އަޑުތައް ރަނގަޅަށް ދަސްކޮށްދީ ނިމުމުން އަޑުގެ ނަންތައް ދަސްކޮށްދޭންޖެހޭ ކަމަށް ކްރިސް ލަސްކަޑޯ (2009) ހާމަކުރެއެވެ. އަޑާއި އެއްކޮށް އަކުރުގެ ނަންތައް ތަކުރާރުކޮށް ކިޔައިދީ އަކުރާއި އަޑާއި ދެމެދުގެ ގުޅުންތައް ރަނގަޅަށް އެނގެންދެން ފަރިތަކުރުވުމަށް ޖެހޭކަމަށް ޖޮލީ ފޮނިކްސް އެކްސްޓްރަރ ގައި ބަޔާން ކޮށްފައިވެއެވެ. ދަސްކުރާ އެއްޗެތި އެނގޭ މިންވަރު ބެލުމަށް ކުޑަ ކުޑަ ވާހަކަފޮތްފޮތާއި ކުލަޖައްސާ ފޮތްފޮތާ ބޭނުންކޮށްގެން މަސައްކަތް ކުރުމަށް ކްރިސް ލަސްކަޑޯ (2009) އިރުޝާދު ދެއެވެ. އަދި އެއްގޮތަކަށް ހުންނަ އަކުރުތަކަށް (ނ، ޏ، ށ، ކ، އ) ނިޝާންތަކެއް ދައްކައިގެން ދަސްކޮށްދިނުމަށް ވެސް މި ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ.
އަކުރާއި އަޑުތައް ރަނގަޅަށް އެނގުމުން އެއްވަޒަނަކަށް ހުންނަ އަކުރުތައް ކިޔުއްވާށެވެ. އަދި ކޮންމެ އަކުރެއްގައި ހިމެނޭ އަޑުތައް ވަކިކުރުވާށެވެ. އަޑުތަކާއި އަކުރުތައް ގުޅުވައިގެން ކިޔުއްވާއިރު އަކުރުގެ މަތިން އިނގިލި ބޭނުންކޮށްގެން އަކުރުއަޅުވަމުން ގެންދާށެވެ. އަދި ކިޔުއްވާ އެއްޗެއްގައި ހިމެނޭ މަންޒަރުތައް ހިމަނައިގެން އަޑުތަކަށް ވިސްނައިގެން ކިޔުމަށް ހިތްވަރުދޭށެވެ.
ކިޔަން ފަށައިގަންނަން ދައްކާ ލިޔުމުގައި ލިޔުމާއި ގުޅޭ މަންޒަރު ހިމަނާށެވެ. އޭރުން އެލިޔުމުގައި ބުނާ ވާހަކައެއް ދެނެގަންނަން ފަސޭހަވެގެންދާނެއެވެ. އަދި ހަމަ އެއާއެކު އެމަންޒަރުތަކަކީ ރީތި ކުލަތަކުން ކުލަ ޖައްސާފައިވާ މަންޒަރުތަކަށް ހަދާށެވެ. އެކުލަތަކުން އެކުދިންނަށް ދަސްކުރުމަށް ހިތްވަރު ލިބޭނެއެވެ. އެއީ ލަހުން ދަސްވާ ކުދިން މަންޒަރާއި ކުލަތަކަށް އިސްކަންދޭގޮތް ބޮޑުވާނެ ކަމަށް ޖިމް ރޯޒް (2006) ގައި ބަޔާންކޮށްފައިވެ އެވެ.

 މަންޒަރާއެކު ލިޔުން ހުންނަ ނަމަ ކުއްޖާއަށް ފަސޭހައިން ކިޔަން ދަސްވެގެން ދާނެއެވެ. ސަބަބަކީ މަންޒަރު ފެންނަން ހުރުމުން ކުއްޖާއަށް ފަސޭހައިން ވިސްނައިގަނެވެއެވެ. މާހައުލުން ފެންނަ ތަކެއްޗާއި އެނޫން ވެސް ތަފާތު އެއްޗެހި ވަކިކުރަން ގިނަ ކުދިންނަށް އެނގޭނެ އެވެ. އެގޮތަށް މަންޒަރު ފެނުމުން އެއަށް ބަލާފަ އަކުރާއި އަޑަށް ވިސްނައިގެން އަމިއްލައަށް ކިޔައިގަންނަން ކުއްޖާ މަސައްކަތްކުރާނެ އެވެ. އަދި ކިޔަން އެނގޭ ކަމުގެ އިޙްސާސްކުރެވެން ފަށާނެއެވެ. އެހެންވުމުން ކުރިއަށްދިޔުމަށް ލިބޭ ހިތްވަރު ބޮޑުވެގެންދާނެ ކަމަށް ޓްރެވަރ ފްލެޗަރ (2009) ލިޓްރަސީ ޓީޗިންގ ގައިޑު ފޮނިކްސް ގައި ބަޔާންކޮށްފައިވެ އެވެ.
އަޑުތައް ދަސްކޮށްދިނިމުގައި ޓީޗަރަކީ މޮޑެލްއަކަށް ވާންޖެހެއެވެ. "އަޑު" ކިޔާގޮތް ބާރަށް ކިޔަމުން މަންޒަރު ދައްކަމުން ބުނެދެމުން ކިޔުއްވުމުން އަޑުތައް އެނގި އެއަޑުތަކަށް ކުދިން އަހުލުވެރިވާނެކަމަށް ޖޮލީ އާއި ސޫ ލޯއިޑް (1989) ހާމަކުރައްވައެވެ. އޮޅުވާލެވޭ އަކުރުތައް އަތާއި އިނގިލިތައް ބޭނުންކޮށްގެން އަޅަން ދަސްކޮށްދިނުމަށް  ކްރިސް ލަސްކަޑޯ (2009) ލަފާދީފައި ވެއެވެ.
އަޑުތަކާއި އަކުރުތައް ދަސްކޮށްދިނުމުގައި "މަލްޓި ސެންސަރީ އެކްޓިވިޓީސް" ތައް ގެންދަންޖެހެއެވެ. ކުދިން ޝައުގުވެރިވާ ފަދަ ތަފާތު ގޮތްގޮތަށް އެކި ހަރަކާތްތައް ރާވަންޖެހެއެވެ. އަކުރުތައް ވައިގެ ތެރޭގައި އެޅުއްވުމާއި އަކުރުގެ ބައްޓަމަށް ހަށިގަނޑު ހަރަކާތް ކުރުވުންފަދަ ކަންތައް ކުރުވަންޖެހެއެވެ. އަދި ވެލީ ގައި އަކުރު ލިޔުއްވުމާއި އަކުރު މަތީ އަކުރު އެޅުންފަދަ ތަފާތު ހަރަކާތްތައް ގެންދިއުމަށް ކްރިސް ލަސްކަޑޯ (2009) އިރުޝާދުދެއްވާފައިވެ އެވެ. މިގޮތަށް މިހަރަކާތް ގެންދިއުމުން ކުދިންގެ ލިޔުމުގެ ފެންވަރު ތަރައްގީވެ، އަޑާއި އަކުރު ދަސްވާއިރު ހުންނާނީ އަކުރުގެ ބައްޓަމަށް އަކުރު އަޅަން ވެސް ދަސްވެފައެވެ.
އުނގެނުމުގައި ލަސްކަމެއް ހުންނަ ކުދިންނަށް އުނގަންނައި ދިނުމުގައި ދެވޭ އިރުޝާދުތައް ސާފުބަހުން ކުދިންނަށް ސާފުވާފަދަ މޭރުމުކުން ބުނުދިނުމަކީ ވަރަށް މުހިއްމުކަމެކެވެ. އެއްފަހަރު ބުނެދެވޭ ގޮތުން އެކުދިންނަށް ނުވިސްނޭނަމަ ތަފާތު އެހެން ގޮތަކަށް ބުނެދޭށެވެ. މިގޮތަށް ބުނެދޭ އިރު ޓީޗަރުގެ ހިނިތުންވުމާއި ޓީޗަރު ބޭނުންކުރާ ރާގަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ކުދިންގެ ހިތް މަރާނުލެވޭފަދަ ގޮތަކަށް މިކަންތައް ކުރަންޖެހޭ ކަމަށް  ލަސްކަޑޯ (2009) އިރުޝާދުދީފައިވެ އެވެ. އަދި ތަފާތު ގޮތްގޮތަށް ތަފާތު ކުދިންނާއެކީ (ކުދި ގުރޫޕު ތަކުގައި) ހަރަކާތް ގެންދިއުންވެސް ވަރަށް މުހިންމު ކަމަށް ޖިމް ރޯޒް (2006) ގައި ބަޔާންކޮށްފައިވެ އެވެ. ކުދިންގެ މަސައްކަތަށް ދޭންޖެހޭ ފީޑްބެކް ވަގުތުން ދޭންޖެހޭ ކަމާށާއި ފީޑްބެކް ދިނުމުގައި ވެސް ކުދިންނަށް ހިތްވަރުލިބޭފަދަ ގޮތަކަށް ޕޮޒިޓިވް ލެންގުއޭޖް ބޭނުންކޮށްގެން ފީޑްބެކް ދޭންޖެހޭކަމަށް ޖޮލީ އާއި ސޫ ލޯއިޑް (1989) ލަފާދެއެވެ. 

މަސައްކަތް ގެންދެވުނުގޮތުގެ ތަފްޞީލު:

މި އެސައިންމެންޓް ހެދުމަށް ދަރިވަރު އިޚްތިޔާރު ކުރުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއް އަޅުގަނޑު ދިނީ ދަރިވަރުގެ ޒާތި ބައެއް މަޢްލޫމާތު ހޯދުމަށެވެ. އެގޮތުން މި ދަރިވަރުގެ ބެލެނިވެރިޔާ ކަމަށް ވާ ދަރިވަރުގެ މަންމައަށް ފޯނުން ގުޅައި، އަޅުގަނޑު ހަދަންމުންދާ ކޯހުގައި މިކަހަލަ އެސައިންމެންޓެއް ހަދަން ޖެހޭ ކަމާއި، އެ އެސައިންމެންޓް ހެދުމަށް އަޅުގަނޑު އިޚްތިޔާރު ކޮށްފައިވަނީ މި ދަރިވަރުކަމަށް ބުނެ ބެލެނިވެރިޔާގެ ގާތުން އިޒުނަ ހޯދީމެވެ. ބެލެނިވެރިޔާގެ އިޒުނަ ލިބުމުން ދަރިވަރު އެންމެ ގަޔާވާ ކަންތަކާއި ބެހޭ ގޮތުން ސުވާލުކޮށް އޮޅުންފިލުވީމެވެ.  ކުރެވުނު ސުވާލުތަކަށް ލިބުނު ޖަވާބުން އަޅުގަނޑަށް އެނގިގެން ދިޔައީ މި ދަރިވަރަކީ ކާރަށް ވަރަށް ލޯބި ކުރާ ކުއްޖެއް ކަމާއި ކާރާއި ގުޅުން ހުރި ކޮންމެ ކަމެއް ވެސް މި ދަރިވަރު ކުރާނީ ޝައުޤާއި ފޯރިއާއު އެކުގައި ކަމެވެ. އެހެންކަމުން މި ދަރިވަރަށް ކިޔަން ދަސްކޮށް ދިނުމަށް އަޅުގަނޑު ފެށީ ކާރުތަކުގެ ނަމުންނެވެ. އެމެރިކާގެ ޑިޕާރޓްމަންޓް އޮފް އެޑިއުކޭޝަން އެންޑް ސްކިލްސް ގެ ފަރާތުން 2005 ގައި ނެރެފައިވާ އަންޑަރސްޓޭންޑިންގް ރީޑިންގް ކޮންޕްރިހެންޝަންގައި ބަޔާންކޮށްފައިވާ ގޮތުން ކުއްޖާއާއި ރައްޓެހި ކުޅޭ އެއްޗެއް ބޭނުންކޮށްގެން ކިޔަން ދަސްކޮށްދޭން ފެށުމުން އޭގެ ރަނގަޅު އަސަރުތަކެއް ކުއްޖާއަށް ކުރާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.
އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން އަޅުގަނޑު ދަރިވަރާއި ވަރަށް ބަދަހި ގާތްގުޅުމެއް ގާއިމުކުރަން މަސައްކަތްކުރީމެވެ. ދަރިވަރު ގޮވައިގެން ކާރު ދުއްވަން ދިޔައީމެވެ. ކާރު ދުއްވުމުގެ ތެރޭގައި ތަފާތު ކާރުތައް ފެނުމުން އެކާރުތަކުގެ ނަމާއި ބެހޭގޮތުން ސުވާލުކުރީމެވެ. ސުވާލުތަކަށް ވަރަށް ފަރިތަކަމާއެކު ދަރިވަރު ދިޔާއީ ޖަވާބު ދެމުންނެވެ. ދަރިވަރު ކާރުގެ ނަން ބުނެލުމުން ކާރުގެ ނަމުގައި ހިމެނޭ އަޑުތައް ވަކިކޮށްގެން ދަރިވަރަށް އިވޭ ވަރަށް އަޅުގަނޑު ދިޔައީ ތަކުރާރުކޮށް ކިޔަމުންނެވެ. އަދި އެ އަޑުތައް ދަރިވަރު ލައްވައި ވެސް ކިޔުއްވީމެވެ. އެގޮތަށް 30 ވަރަކަށް މިނިޓް ހޭދަކުރުމަށްފަހު ތަފާތު ކާރުތަކުގެ ފޮޓޯތައް ދެއްކީމެވެ. އަދި ކޮންމެ ފޮޓޯއެއް ދައްކަމުން ދިޔައީ ކާރުގެ ނަން އޮޅުންފިލުވުމަށް ސުވާލު ކުރަމުންނެވެ. ކޮންމެ ކާރެއްގެ ނަން ކިޔުމުން އެކާރުގެ ނަމުގައި ހިމެނޭ އަޑުތަކާއި ބެހޭގޮތުން ސުވާލުކޮށް އަޑުތައް ދަސްކޮށްދޭން ފެށީމެވެ. މިގޮތަށް އަޑުތައް ދަސްކޮށްދިނުމަށް އަޅުގަނޑު ބޭނުންކުރީ ހިލަކަރުދާހުން ތައްޔާރު ކޮށްފައިވާ ތާނަ އަކުރު ސެޓެކެވެ. އެއިން ކޮންމެ އަޑެއް ކިޔާދިނުމަށްފަހު އެއަޑު ހިމެނޭ އަކުރު އަތަށް ދީގެން އެއަކުރުގެ މަތިން އިނގިލި ހިންގަމުން އަޑު ތަކުރާރުކޮށް ކިޔުއްވީމެވެ. އެގޮތަށް ކިޔުއްވަމުން ގޮސް ފަރިތަކަމާއެކު އަޑު، ކިޔަން ފެށުމުން އެހެން އަޑެއް ދެމުން ގޮސް 9 އަޑު ދަސްކޮށްދިނީމެވެ. އަދި އެއަށްފަހު ތަސްވީރުތަކެއް ދިނުމަށްފަހު އެއަޑުތަކުން ފެށޭ ތަސްވީރުތައް ވަކިކުރުވީމެވެ. ފުރަތަމަ ދުވަހުގެ މަސައްކަތުން ދަރިވަރަށް ޙާޞިލުވި މިންވަރު ދަރިވަރަށް ވަޒަން ކުރަން ބޭނުންކުރީ ތަސްވީރުތަކެވެ. އެދުވަހުގެ މަސައްކަތަށް ފަހު ދަރިވަރަށް ހިތްވަރުދީ ދަރިވަރަށް ލިޔަން ކިޔަން ދަސްވާނެކަމުގެ ޔަގީންކަން ހޯދައިދިނީމެވެ.
ފުރަތަމަ ދެ ދުވަހު ދަރިވަރާއެކު 3 ގަޑި އިރު އަޅުގަނޑު ހޭދަކުރީމެވެ. އެގޮތުން ތަފާތު މާހައުލުތަކުގައި ތިބެގެން އަޑާއި އަކުރާއި ފިލިތައް ދަސްކޮށްދިނީމެވެ. އަޑު ދަސްކޮށްދިނުމުގައި ކޮންމެ އަޑަކަށް ހަރަކާތެއް ކުރުވަމުން ދަސްކޮށްދިނީމެވެ. އަޑާއި އަކުރުތަކުގެ ގުޅުން ރަނގަޅަށް ދަސްވެ ފަރިތަކަމާއެކު ކިޔަން ދަސްވުމުން އަކުރުތައް ލިޔުއްވަން ފެށީމެވެ. އަކުރުތައް ލިޔުއްވަން އަޅުގަނޑު ބޭނުންކުރީ ފިލާއަކާއި މާކަރެކެވެ. އަދި ވައިގެ ތެރޭގައި އަކުރުގެ ބައްޓަމަށް އަތުން ހަރަކާތް ކޮށްގެން ވެސް އަކުރު އެޅުވީމެވެ. އެގޮތުން ފުރަތަމަ ތަސްވީރެއް ދީގެން އެ ތަސްވީރުގެ ނަން ކިޔުއްވުމަށްފަހު އަޑުތައް ވަކިކޮށްގެން ކިޔުއްވީމެވެ. އަދި އެތަސްވީރުގެ ނަމުގައި ހިމެނޭ އަކުރުތަކާއި ބެހޭގޮތުން ސުވާލުކުރުމަށްފަހު، ތަސްވީރާއި ދިމާއަށް އޭގެ ނަން ލިޔުއްވަން ފެށީމެވެ. ލިޔަމުން ދާއިރު ހަނދާން ނެތޭ ގޮތް ވެއްޖެނަމަ ހަނދާން ނެތޭ އަޑުގެ ހަރަކާތް ދައްކަމުން ހަނދާން އާކުރުވަމުން ލިޔުއްވީމެވެ. މި މަސައްކަތުގައި އަޅުގަނޑުގެ ލަނޑުދަނޑިއަކީ ތާނަ އަކުރުގެ ހުރިހާ އަކުރުތަކާއި ފިލިތައް (ސުކުން ފިއްޔާއި ހުސްނޫނު ފިޔަވައި) ދަސްކޮށްދިނުމެވެ. 3 ދުވަހުން ކުރެވުނު މަސައްކަތުން ހުރިހާ އަޑުތަކާއި އަކުރުތަކުގެ ނަންތައް އެކަށީގެންވާ ވަރަށް ދަރިވަރަށް ވަނީ ދަސްވެފައެވެ. އެހިސާބުން އަޅުގަނޑު މިސްރާބުޖެހީ އަކުރުތަކުގައި ފިލިޖަހައިގެން ކިޔުއްވުމަށެވެ.
8 ދުވަހަށް ފިލިތައް ބަހާލައިގެން ކޮންމެ ދުވަހަކު ދަރިވަރަށް ވާހަކައެއް ކިޔާދެމެވެ. އެވާހަކަ ޚާއްޞަ ކުރެވިފައިވާނީ ތަފާތު ފިލިތަކަށެވެ. ވާހަކަ ކިޔައިދިނުމުގެ ކުރިން ވާހަކައިގެ ހިމެނޭ ޝަހްސިއްޔަތްތަކުގެ ފޮޓޯތައް ދެއްކީމެވެ. އެއަށްފަހު ވާހަކަ ކިޔުއްވަމެވެ. ކޮންމެ ދުވަހަކު ވެސް ރަނިން ރެކޯޑު ހެދުމަށްފަހު ދަރިވަރަށް ދައްކައި ލިބެމުންދާ ކުރިއެރުމަށް ތަޢްރީފުކޮށް ހިތްވަރުދެމުން ދިޔައީމެވެ.

ފެނުނު ކަންތައްތައް:

ކުރަކިކޮށް (ހިލަ ކަރުދާސް) ހުންނަ ގޮތަށް ތައްޔާރުކުރެވިފައިވާ އަކުރު ތަކުގެ މަތީގައި ފިންގަރ ޓިޕްސް ބޭނުންކޮށްގެން  އަކުރު އަޅުވަމުން ލިޔުއްވަމުން ގެންދިޔުމުން އަކުރުތަކުގެ ބައްޓަން ވަރަށް ރަނގަޅަށް ދޭހަކޮށްގަނެއެވެ. އަޑު ދަސްކޮށްދޭ އިރު އަކުރު އަތަށް ދިނުމަށްފަހު އަކުރުތަކުގެއަޑު ކިޔަމުންދާއިރު އަކުރު އޮންނަ ގޮތަށް އަކުރުމަތިން އިނގިލި ހިންގުވުމުން އަޑެއް އިއްވާފަ އެއަޑުގެ އަކުރު ވައިގެ ތެރޭގައި އަޅާލަން ބުނާއިރަށް އަޅަން އެނގެއެވެ. އަދި އަޑާއި އަކުރު ރަނގަޅަށް ދަސްކޮށްދިނުމަށްފަހު ވެސް ބައެއްކަހަލަ އަކުރު އޮޅުވައިލެވެއެވެ. މިސާލަކަށް "ޓ" އާއި "ބ" ، "ފ" އާއި "ދ" އެއްގޮތަކަށް ކިޔައެވެ. އެހެންނަމަވެސް އަކުރުގެ ނަން ބުނެނުދީ އެ އަޑެއް ދަސްކޮށްދެމުންދިޔަ އިރު އެ ދެއްކި ހަރަކާތް ދެއްކުމުން އަމިއްލައަށް ރަނގަޅުކުރަން އެނގެއެވެ. ލަފްޒެއް ބުނެފަ އެއަކުރެއްގައި ހިމެނޭ އަޑުތައް ވަކިކުރަން ބުނުމުން ބައެއް ފަހަރު ފިލީގެ އަޑު ދޫކޮށްލެވެއެވެ. އެހެންނަމަވެސް އެ ލަފުޒެއްގެ ފޮޓޯ ދެއްކުމުން އަމިއްލައަށް ރަނގަޅުކުރަން މަސައްކަތްކޮށް ގިނަފަހަރަށް ރަނގަޅު ވެސް ކޮށްލައެވެ. ބައެއް ވާހަކަތައް ދައްކައިގެން ކިޔަމުންދާ އިރު އެވާހަކަތަކުގައި ސުކުން ބޭނުންކޮށްފައި ހުންނަތަންތަނަށް އެ ސުކުނުގައި އޮންނަ އަކުރުގެ އަޑު އިއްވައިގެން (މިސާލު: އަހަރެން ހައިވާނު ބަގީޗާއަ ށު ށު ށު ށު ގޮސް ސް ސް) ކިޔައެވެ. އަދި ބައެއް ފަހަރަށް ފުރަތަމަ ކިޔާ ޖުމްލައިގައި އެވާ އެއްޗެއް އެގޮތަށް (މިސާލު: އަހަރެން ހައިވާނު ބަގީޗާއަށް ގޮސް، އަހަރެން ކުޑަކުދިންގެ ބަގިޗާއަށް ގޮސް، އަހަރެން ފެނުގެ ބަގީޗާއަށް ގޮސް، ކޮންމެ ފަހަރަކުވެސް ކިޔަނީ ހައިވާނު) ކިޔައެވެ. ހުރިހާ އަޑެއް ދަސްކޮށްދިނުމަށްފަހު އަކުރުގެ ނަން ދަސްކޮށްދިނުމުންނާއި ކުޅިވަރުގެ ތެރެއިން އުނގަންނައިދިނުމުން ވަރަށް އަވަހަށް އަޑާއި ގުޅޭ އަކުރުގެ ނަން ދަސްކުރިއެވެ. ރަނިން ރެކޯޑު ދެއްކުމުން އަމިއްލައަށް ހެދިފައި ހުންނަ ކުށްތައް ގުނާ ކުށްތަކުގެ އަދަދު ދެން އަންނަ ކުލާހެއްގައި މަދުކުރުމަށް އުފަލާއެކު އަޒުމް ކަނޑައަޅައެވެ. އަދި ކޮންމެ ދުވަހަކު ވެސް ރަނިން ރެކޯޑު ހެދުމަށް އެދެއެވެ. 

ރަނގަޅު ކުރަން ހުށަހަޅާ ހުށައެޅުން:

ކިޔަވައި ދިނުމަކީ ފަސޭހަކަމެއް ނޫނެވެ. އަދި އެހާ އުނދަގޫ ކަމެއް ވެސް ނޫނެވެ. އުނދަގޫވަނީ އެކަމަށް ހަދަންޖެހޭ ޕްލޭންތަކާއި ވާން ޖެހޭ ތައްޔާރީތައް ނުވެވޭތީއެވެ. ރަނގަޅު ގޮތުގައި ކިޔަވައި ދިނުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކާމިޔާބު ޓީޗަރަކަށް ވުމަށްޓަކައި ކިޔަވައިދިނުމާއި ގުޅޭ އުކުޅުތައް ކިޔަވައި އެކަމުގެ ތަޖުރިބާ ހޯދަން ޖެހެއެވެ. ޖިމް ރޯޒް (2006)  ގައި ބަޔާންކޮށްފައިވާ ގޮތުންނަމަ ކިޔަވައިދޭ ޓީޗަރަކީ ތަފާތު ކުދިންތަކަށް ކިޔަވައި ދިނުމުގެ ގާބިލްކަން ހުންނަ އަމަލީ ގޮތުންނާއި އިލްމީ ގޮތުން ތަޖުރިބާތަކެއް ލިބިފައިވާ، ޓީޗަރަކަށް ވާންޖެހެއެވެ. އަދި ވަރަށް ރަނގަޅަށް ކިޔަވައިދޭ ކުދިން ދަސްކުރަން ވެސް ޖެހެއެވެ. މި މަސައްކަތުގައި އުޅުނުއިރު އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަވި ކަމަކީ އުނގެނުމުގައި ލަސްކަމެއް ހުންނަ ކުދިންނަށް އުނގަންނައި ދިނުމުގައި އެ ކުދިންގެ މައްސަލަ ރަނގަޅަށް ދަނެގަނެ އެކުދިންނަށް ކިޔަވައިދޭން ބޭނުންކުރަންޖެހޭ ޚާއްސަ ގޮތްތައް ހޯދާ އެގޮތަށް ކިޔަވައިދޭން މަސައްކަތްކުރަން ޖެހޭކަމެވެ. 
ކުއްޖެއްގެ އުމުރުން 11 އަހަރު ހޭދަވާ އިރު އެކުއްޖަކު ހުންނާނީ ސްކޫލެއްގެ ހިޔާވަހިކަމުގެ ދަށުގައި މަދުވެގެން 8 އަހަރު ދުވަސް ހޭދަކޮށްފައެވެ. އެއީ ކުރު މުއްދަތެއް ނޫނެވެ. އަޅުގަނޑު މި އެސައިންމެންޓް ހެދުމަށް އިޚްތިޔާރު ކޮށްފައިވާ ކުއްޖާއަށް ކިޔަވައި ދިނުމަށް ވަރަށް ގިނަ ޓީޗަރުން ވާނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކުއްޖާގެ ހުރި އަސްލު މައްސަލަ ހޯދިފައި ނުވާކަން އަޅުގަނޑަށް ފާހަގަ ކުރެވުނެވެ. އެކުއްޖާގެ އަސްލު މައްސަލަ އަކީ އަކުރުތަކުގެ އަޑާއި އެއަޑާއި ގުޅޭ އަކުރުތަކުގެ ދެމެދުގައިވާ ގުޅުން ނޭނގުމެވެ. ކްރިސް ޖޮލީ އާއި ސޫ ލޯއިޑް (1989) ހާމަކުރާ ގޮތުގައި އުނގެނުމުގައި ލަސްކަމެއް ހުންނަ ކުދިންގެ ކިބައިގައި ހުރި މައްސަލައަކީ ކޮބައިކަން ދުރާލާ ދެނެގަތުން ވަރަށް މުހިންމެވެ. އަދި އެކަން ދަނެގަތުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަންވެސް އިރުޝާދުދެއްވާފައިވެ އެވެ.
ތަފާތު ސަބަބުތައް މެދުވެރިވެގެން ނަމަވެސް މިއަދު ދުނިޔޭގައި އުނގެނުމުގައި ލަސްކަމެއް ހުންނަ ކުދިންގެ އާބާދީ ދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. އެހެންކަމުން ގައުމީ އަދި ފަރުދީ ފެންވަރުގައި މިއީ ވިސްނާލަންޖެހޭ މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ތެރެއިން އުނގަންނައި ދިނުމުގެ ދާއިރާ އިޚްތިޔާރުކުރާ ކޮންމެ ކުއްޖަކީ ވެސް އިޚްލާޞްތެރި ނިޔަތަކާއެކު މިދާއިރާއަށް ކުރިމަތިލާ ކުއްޖަކަށް ވާން ޖެހެއެވެ. އުނގަންނައިދިނުމަކީ ލިބޭ އާމްދަނީގެ ބޭނުމުގައި ކުރާ މަސައްކަތަކަށް ވުރެ ބޮޑަށް އުޚުރަވީ ހަޔާތަށްޓަކައި ކުރާކަމަކަށް ހަދަން ޖެހެއެވެ. މުދައްރިސުން ތަމްރީނު ކުރާ މަރުކަޒުތަކުން ކޮންމެ މާއްދާއަކުން ކުރިޔަށް ދިޔަ ކަމުގައި ވިޔަސް ތަފާތު ފެންވަރުގެ ތަފާތު ކުދިންނަށް ކިޔަވައިދެވޭ ފަދަ ގޮތަކަށް ކުދިން ތަމްރީންކުރަން ޖެހެއެވެ. ކުދިންގެ ކިބައިގައި ހުންނަ މައްސަލަތައް ދަނެގަނެވޭނޭ ފަދަ ގާބިލް އެދުރުންތަކަކަށް އެކުދިން ހަދަން ޖެހެއެވެ. މިގޮތަށް ކަންތައް ކުރެވިއްޖެ ނަމަ އުނގެނުމުގައި ހުންނަ ތަފާތުތައް ނައްތާލެވޭނެކަމަށް ގަބޫލުކުރެވެއެވެ.

ހަވާލާދިނުން:

×      ޖިމް ރޯޒް. (2006). އިންޑިޕެންޑެންޓް ރިވިއު އޮފް ދަ ޓީޗިންގ އޮފް އާރލީ ރީޑިންގ. ޑިޕާޓްމެންޓް ފޯރ އެޑިއުކޭޝަން އެންޑް ސްކިލްސް. ނޮޓިންހަމް. ޔޫކޭ.
×      ޓްރެވަރ ފްލެޗަރ. (2009). ލިޓްރަސީ ޓީޗިންގ ގައިޑް ފޮނިކްސް.
×      ބޮނީ ބީ. އާމްބަރަސްޓަރ. (2006). ޕުޓް ދަ ރީޑިންގ ފަސްޓް.
×      ކްރިސް ލަސްކަޑޯ. (2009). ޓީޗިންގ ލިޓްރަސީ ތްރޫ ފޮނިކްސް.
×      ޑރ. ޓިމޮތީ ޝަނަހަން. (2009) ޕޮނީމިކް އެވެއާރނެސް އެންޑް ޕޮނިކްސް.
×      ކޭ ރޯވ. (2005). ޓީޗިންގ ރީޑިންގ. ނޭޝަނަލް އިންކުއަރީ އިންޓު ދަ ޓީޗިންގ އޮފް ލިޓްރަސީ ޑީ އީ އެސް ޓީ.
×      ޖޮލީ . ސޫ ލޯއިޑް. (1989). ޖޮލީ ފޮނިކްސް އެކްސްޓްރަރ.
×      ޖަކުއި އޯޑެންނެލް. (2007). ޓީޗިންގ އާރލީ ރީޑިންގ: އަ ސިންތެޓިކް ފޮނިކްސް އެޕްރޯޗް.

No comments: