މެދުމަދަރުސާ ނިންމާ ކުދިންނަށް ލިޔުންތެރިކަން އުނގަންނައިދިނުމުގައި ކުރިމަތިވާ
ގޮންޖެހުންތައް
ލިޔުނީ: ޒީނަތު ލަބީބު
ލިޓްރެޗަރ ރިވިއު:
"މޮޅުލިޔުންތަކެއް ލިޔާ ކުއްޖާގެ ގަލަމަކީ އެކުއްޖާގެ
ދޫ" . "ކޮންމެ ޓީޗަރަކީ މުޚްލިޞަކަށް އަދި މުޙްސިނަކަށް ވެވިއްޖެނަމަ
އުނގަންނައިދިނުމުގައި މާބޮޑު ގޮންޖެހުންތަކެއް ނުހުންނާނެ" އަލްމަރްޙޫމް
ޢަބްދުﷲ ޢަލީ.
މި ލިޓްރެޗަރ ރިވިއުގައި ޢިލްމީ ދިރާސާގެ އަލީގައި، ބަލާފައިވަނީ
ދަރިވަރުންނަށް ލިޔަން ދަސްކޮށްދިނުމުގައި ޓީޗަރުންނަށް ކުރިމަތިވާ ގޮންޖެހުމާއި
ބެހޭގޮތުންނެވެ. ލިޔުމުގެ ހުނަރަކީ ބަހެއް ދިރުވާ އާލާކުރުމަށް ވަރަށް ބޮޑު
ދައުރެއް އަދާކުރާ އެއްޗެކެވެ. ޚިޔާލާއި އިޙްސާސްތައް ގުޅުވައިގެން ރަނގަޅު
އެއްޗެއް ގެނެވެނީ ލިޔުންވެސް އޭގައި ޝާމިލްވެގެންނެވެ. އެއްޗެއް ކިޔަން މީހުން
ޝައުޤުވެރިވަނީ އެ އެއްޗަކާއި ލިޔުމާ ދެމެދު ހުންނަ ގުޅުމެއްގެ ބޮޑު ކުޑަ
މިނުންނެވެ. ލިޔުންތައް ލިޔެވޭނީ އެލިޔުމަކާއި ގުޅޭ ރަނގަޅު އުކުޅުތައް
ދަސްވެގެންނެވެ. ލިޔުންތެރިކަމަށް ޙާއްޞަ އުކުޅުތަކަކީ ލިޔުންތައް ކުރިއެރުވުމަށް
ކޮންމެހެން އެނގެންޖެހޭ ކަންތައްތަކަކެވެ. ލިޔުމަކީ އެކަމެއްގައި، ޤަވާޢިދުތަކާއި
ހަމަތަކެއްގެ އިތުރުން ބަސްކޮށާރެއް ވަކި އުޞޫލަކާއި ތަރުތީބަކުން އެމުނި
އެކުލެވިފައިވާ އެއްޗެއްކަމަށް ސީ ޓީ ލިންސް އެންޑް ޑީ ނުނަން (2005) އެމީހުންގެ
ޕްރެކްޓިކަލް އިންގްލިޝް ލެންގުއޭޖް ޓީޗިންގ ގައި ހާމަކުރައްވާފައިވެ އެވެ.
ކިޔެވުމުގައި ކުރިޔަށްދާން އެދޭ ކުއްޖަކު އެކުއްޖެއްގެ ލިޔުންތެރިކަމުގެ ހުނަރު
ތަރައްޤީކުރަންޖެހެ އެވެ. އަދި އެހުނަރުގެ ޒަރީޢާއިން ތިމާއަށް ދަސްވާ އެއްޗަކާއި
އުފެދޭ ޚިޔާލުތައް އެހެން މީހުންގެ އަތްފޯރާފަށަށް ފަސޭހަކަމައެކު ގެނެސްދެވޭނެ
އެވެ.
މިހާރަކަށް އައިސް ލިޔުންތެރިކަމުގެ ދާއިރާވަނީ
ވަރަށް ބޮޑަށް ހަނިކުރެވިފަ އެވެ. ލިޔުމަކީ ދަރިވަރުންގެ ފެންވަރު ދަނެގަތުމަށް
ގެންގުޅޭ ހަތިޔާރެއް ކަމަށް ސީ ޓީ ލިންސް އެންޑް ޑީ ނުނަން (2005) އެމީހުންގެ ޕްރެކްޓިކަލް
އިންގްލިޝް ލެންގުއޭޖް ޓީޗިންގް ގައި ހާމަކުރައްވާފައިވެ އެވެ. މިގޮތަށް
ދިމާވުމުގެ ސަބަބުން ލިޔުންތެރިކަން ވަޅުޖެހި އެކަށީގެންވާ ގޮތަކަށް
ކުރިއަރައިގެން ނުދެއެވެ. ޑރ. ޙަސަން ޙަމީދު ހާމަކުރައްވާ ގޮތުގައި ހަތަރު އަހަރު ދުވަހު
ކިޔެވުމަށްފަހު އެމެރިކާގެ ކޮލެޖްތަކުން ނެރޭ ދަރިވަރުންގެ ކިބައިގައި އެކަށީގެންވާ
މިންވަރަކަށް ފިކުރީ ހުނަރުތައް ނުހުންނަކަމަށް ދިރާސާތަކުން ދައްކައެވެ. ވަކިން ޚާއްޞަކޮށް، ދަސްވެނިވާ މީހުންގެ ލިޔުންތެރިކަމުގެ
ހުނަރުދަނީ ގެނބެމުންނެވެ. ތިންބައިކުޅަ އެއްބައި ކުދިން، ކޮލެޖްގެ ފުރަތަމަ އަހަރުން ތިންވަނަ އަހަރަށް ދާއިރު
މި ދެމެދުގައި ވީ ދުވަސްތަކުގައި ލިޔުންތެރިކަމަށް އެއްވެސް ކުރިއެރުމެއް ނާދެއެވެ.
މިގޮތަށް ދިމާވުމުގެ އެންމެ ބޮޑު
އެއްސަބަބަކީ ލިޔަން ދަސްކޮށްދޭ ގިނަ ކުލާސްތަކުގައި ކިޔަވާދިނުން ގެންދެވެނީ
ވަރަށް ފޫހިގޮތަކަށެވެ. މިހިސާބުން ލިޔުން
ދަސްކޮށްދިނުމަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ބަލާލާނަމެވެ.
×
ލިޔަން ދަރިވަރުން ބޭނުން ނުވުން:
މީގެ 3 އަހަރު ކުރިން އޮކްސްފޯޑު ޔުނިވަރސިޓީން 450
ޓީޗަރުން ބައިވެރިކޮށްގެން، ލިޔުންތެރިކަން ދަސްކޮށްދިނުމަށް ހުރި ގޮންޖެހުން
މިނަމުގައި ކުރެވުނު ދިރާސާގެ %23 އިންސައްތަ ޓީޗަރުންދެކޭ ގޮތުގައި
ލިޔުންތެރިކަން ދަސްކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރިވަރުން ލިޔަން
ބޭނުންނުވުމެވެ. މި ގޮންޖެހުމުގެ ސަބަބުން ޓީޗަރުންގެ ތެރެއިން ގިނަމީހުންގެ
މާޔޫސްވެ ގޮތްހުސްވެ އެވެ. ލިޔުންތެރިކަމަކީ މުހިންމު ކަމެއްކަމުގައި ދަރިވަރުން
އެއްވެސް ވަރަކަށް ނުދެކޭ ކަމަށް ވެސް މި ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ. މި
ދިރާސާގެ ބައިވެރިއެއްކަމަށްވާ މަރޓިނާ ހާމަކުރައްވާ ގޮތުގައި ދަރިވަރުން ދެކޭ
ގޮތުގައި ލިޔުމަކީ މިއީ އެހާ މުހިންމު ކަމެއް ނޫނެވެ. އަދި ލިޔުމަށް ވަރަށް
ފޫހިވާކަމަށާއި ލިޔުމެއް ލިޔަން އެތަށް
ވަގުތެއް ހޭދަކުރަންޖެހޭކަމަށް ވެސް ދަރިވަރުން ބުނާކަމަށް މަރޓިނާ
ހާމަކުރައްވަ އެވެ. މި ދިރާސާގެ ބައެއް ކުދިން ލިޔުމަށް ފޫހިވަނީ އަތުން ލިޔަން
ވުމުންކަމަށް ދިރާސާގެ ބައިވެރިއެއްކަމަށްވާ ކްރޯޝިއާ ހާމަކުރައްވަ އެވެ.
އެހެންކަމުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ލިޔުންތެރިކަން
ތަރައްޤީކުރެވިދާނެ ކަމަށް ކްރޯޝީއާ ޤަބޫލުކުރައްވަ އެވެ.
ލިޔަން ކުދިން ބޭނުންނުވާނަމަ ލިޔަން ދަސްކޮށްދިނުމަކީ
އުނދަގޫކަމެއްކަން ފާހަގަކުރައްވަމުން އަމީރުލްމުހްމިނިން (2004) ހާމަކުރައްވާގޮތުގައި
ލިޔަން ދަސްކޮށްދިނުމުގައި ކުދިންގެ ކިބައިން ފެނިދާނެ މައްސަލަތަކާއި އެމައްސަލަތައް
ހައްލުކުރާނެ ގޮތް ކުދިންނަށް ޓީޗަރުން ބުނެދޭން ޖެހޭނެއެވެ. އަދި އެކަމުން ސަލާމަތްވުމަށް
އެހީ ތެރިވެވޭފަދަ މީހަކަށް ޓީޗަރު ވާންޖެހެއެވެ. މިއަދުގެ ދުނިޔޭގައި ތަފާތު
ވަސީލަތްތައް ލިބެން ހުރުމާއެކު މިފަދަ ކުދިންނަށް އެހީވުމުގެ ގޮތުން ޒަމާނީ
ވަސީލަތްތައް ބޭނުންކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމަށް ގަބޫލުކުރެވޭކަމަށް
އޮކްސްފޯޑު ޔުނިވަސިޓީން (2015) ކުރެވުނު ދިރާސާގެ ބައިވެރިން ހާމަކުރައްވައެވެ. އުނގަންނައިދިނުމުގެ
މަސައްކަތްކުރަމުންދާ މީހެއްގެ ހައިސިއްޔަތުން މިއީ އެންމެ ރަނގަޅުކަމެއް ކަމަށް
އަޅުގަނޑަށް ވެސް ގަބޫލުކުރެވެއެވެ. އެހެންނަމަވެސް ކިޔަވާ ކުދިންގެ ފެންވަރު
ދަނެގަތުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް އަސާސަކީ ލިޔުން ކަމުގައި ވުމުން
ޒަމާނީ ވަސީލަތާއެކުއކީގައި އަތުން ލިޔެގެން ލިޔުންތައް ލިޔުއްވަން ވެސް
ފަރިތަކުރުވަން ޖެހެއެވެ. ތަފާތު މާހައުލުތަކުން ތަފާތުގޮތްތަކަށް ލިޔުންތައް
ލިޔަން ދަސްކޮށްދެވޭނަމަ ލިޔުމަށް ބޭނުންނުވާ ކުދިންގެ އިންސައްތަ
މަދުކުރެވޭނެކަމަށް ޖޯޑަން (1997) ހާމަކުރައްވައެވެ. އެގޮތުން ލިޔުއްވަން އުޅޭ
ލިޔުމަކާއި ގުޅޭގޮތުން މަޢްލޫމާތު ލިއްބައިދޭ ފަދަ މާހައުލެއް ތަޖުރިބާކުރުމުގެ
ފުރުޞަތު ފަހިކޮށްދިނުމަށް ފަހު، އެލިޔުމެއްގެ ޖޯންރާ ބުނެދީގެން ލިޔަން
ދަސްކޮށްދެވޭނަމަ ކުދިން ލިޔަން ބޭނުންވާނެ ކަމަށް ރިޗާޑް (2008)
ހާމަކުރައްވައެވެ.
×
އެއްކުށްތަކެއް ތަކުރާރުކުރުން:
އޮކްސްފޯޑު ޔުނިވަރސިޓީން (2015) ހެދި ދިރާސާއިން
ދައްކާގޮތުގައި %21 އިންސައްތަ ޓީޗަރުންގެ ދެކޭ ގޮތުގައި އަބަދު އެއްކުށެއް
ތަކުރާރުކުރުމަކީ ލިޔުންތެރިކަން އުނގަންނައިދިނުމަށް ކުރިމަތިވާ ގޮންޖެހުމެކެވެ.
މިހާރުގެ ކުދިން ކުށުން ދަސްކުރުން އެއްގޮތަކަށް ވެސް ނުގެންގުޅެއޭ ބުނެވިދާނެ
އެވެ. އެގޮތަށް ދިމާވުމުން ޓީޗަރުން ވަރަށް ފޫހިވާކަމަށް ވެއެވެ. އެގޮތަށް
އެއްކުށްތަކެއް ތަކުރާރުކުރެވުމުން ޓީޗަރުން ރަނގަޅުކުރަން ބުނެދޭ ކަންތައްތަކަކީ
ކުދިންނަށް މާ މުހިންމު ކަމެއް ހެން ހީނުވާކަމުގެ އިހްސާސް ޓީޗަރުންނަށް ކުރެވެ
އެވެ. މިދިރާސާގެ ބައިވެރިއެއް ކަމަށްވާ ލިންކާ ހާމަކުރައްވާ ގޮތުގައި ކުށް
ރަނގަޅުކޮށްދޭ ވަރަށްވުރެ ކުށް ތަކުރާރުކުރާ ގޮތް ގިނަ އެވެ. ލިޔުމުގެ ކުރީކޮޅު
ކުށެއް ރަނގަޅުކުރަން ބުނެދީފައި ވާނަމަ އެކުށް ލިޔުމުގެ ފަހަތުގައި މާބޮޑަށް ވެސް
އިތުރުވެފައި ވާކަން ފާހަގަ ވެއެވެ.
ކުށްޖެހުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް
އެއްކުށްތަކެއް ތަކުރާރުވާނަމަ އެކުދިންގެ މަސައްކަތް ވަރަށް ގާތުން ބަލާށެވެ.
އަދި އެކުދިންގެ ކިބައިން އާދަޔާޚިލާފު ކަމެއް (މިސާލު: ޑިސްގްރެފިއާ)
ނުފެންނަނަމަ އެކުދިންނަށް ފީޑްބެކް ދޭށެވެ. އަދި ދެވޭ ފީޑްބެކަކީ މައްސަލަ
ބުނެދެވުމާއެކު އެމައްސަލަ ރަނގަޅުކުރާނެގޮތާއި އެކަން ރަނގަޅުކުރުމަށް ކުރެވިދާނެ
ކޮންމެވެސް ކަމެއް ހިމެނޭ ކަހަލަ ފީޑްބެކަކަށް ވާންޖެހޭ ކަމަށް ޖޯޑަން (1997)
ހާމަކުރައްވައެވެ. ހަމައެއާއެކު ފީޑްބެކައްފަހު ކުދިން ނިންމާ މަސައްކަތް ކުރީގެ
މަސައްކަތާ އަޅާކިޔުމަށް ޖެއްސުމަކީ މިކަމަށް ހައްލެއް ލިބިގެންދާނެކަމެއް ކަމަށް
އަމީރުލްމުހްމިނިން (2004) ހާމަކުރައްވައެވެ.
×
ލިޔުންތެރިކަން އުނގަންނައިދޭ
ގަޑިތައް މަދުވުން:
ހަފުތާއެއް ތެރޭގައި ގިނަވެގެން ލިބެނީ 2 ކުލާސް
ކަމަށް އޮކްސްފޯޑު ޔުނިވަރސިޓީގެ (2015) ގެ ދިރާސާގެ ބައިވެރިއެއް ކަމަށްވާ
ސިލްވީނާ ހާމަކުރައްވަ އެވެ. ކުލާހެއްގައި މަދުވެގެން ތިރީހަކަށް ކުދިންތިބޭ އިރު
އެންމެ 2 ގަޑި އޮވެގެން އެކުދިންނަށް ދޭންވާ އެހީތެރިކަމާއި އަޅާލުން އޭގެ އެންމެ
ފުރިހަމަގޮތުގައި ނުދެވޭ ކަމަށް ގަބޫލުކުރެވެ އެވެ. އަދި ޚާއްޞަ އެހީތެރިކަން
ދޭންޖެހޭ ކުދިންނަށް އެއްވެސް ވަރަކަށް އެހީ ނުދެވޭ ކަމަށް ވެސް ހާމަކުރައްވަ
އެވެ. އެހީތެރިކަން ދޭންޖެހޭ މިންވަރަށް ނުދެވި ލިޔުއްވަން އުޅުމުން ފެންނާނެ
މަންޒަރު މިދަނީ ފެންނަމުންކަމަށް ވެސް ސިލްވީނާ ވިދާލުވެފައި ވެއެވެ.
އެހެންނަމަވެސް ތަޖުރިބާކާރު ޓީޗަރުންނަކީ
އެމީހުންނާ ކުރިމަތިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި، އެކަންތައްތަކުން
އަރައިގަތުމުގެ ވިސްނުމާއި ކުޅަދާނަކަންލިބިފައިވާ ބަޔަކަށް ވާންޖެހެއެވެ. އަދި
ނަގައިދެވޭ ކޮންމެ ފިލާވަޅަކަށް ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު
ތައްޔާރުވާން ވެސް ޖެހެއެވެ. ފިލާވަޅުތަކަށް ތައްޔާރުވުމުގައި ތަފާތު އުކުޅުތަކާއި
ހުނަރުތައް ބޭނުންކުރާނެ ގޮތާއި، ކިޔަވައިދިނުމުގައި ބޭނުންކުރާ ވަސީލަތްތަކަކީ އެ
އުކުޅުތަކާއި ހުނަރުތައް ބޭނުންކުރެވޭފަދަ އެއްޗަކަށް ހަދަންޖެހެ އެވެ. އެގޮތަށް
ގެންދިއުމުން ގަޑިތައް މަދުވެގެން އުޅޭއުޅުމަށް ހައްލެއް ލިބިގެންދާނެކަމަށް ޑީ
ނުނަން (2005) ހާމަކުރައްވައެވެ.
×
ޝައުޤުވެރިކަންނެތުން.
ލިޔުމަށް ޝައުޤުވެރިކަން ނެތުމަކީ ލިޔަން
ދަސްކޮށްދިނުމުގައި ޓީޗަރުންނަށް ކުރިމަތިވާ ގޮންޖެހުމެއް ކަމަށް ސައިމާ ޒެރިން
(2007) ހާމަކުރައްވަ އެވެ. ދަރިވަރުން ޝައުޤުވެރިކުރުމަށް ޓީޗަރުން ޚާއްޞަ
ސަމާލުކަމެއް ދޭންޖެހެ އެވެ. އަދި ދަރިވަރުންގެ ފެންވަރާ ގުޅޭގޮތަށް ދާންވާ
މިސްރާބު ބުނެދީ ލިޔަން ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައްވުމަށް ފުރުޞަތު ދިނުމާއެކު
އެހީތެރިވާން ޖެހޭކަމަށް ޑީ. މެލީސާ (2005) ހާމަކުރައްވަ އެވެ. ދަރިވަރުންގެ ހިތުގައި
ލިޔުންތެރިކަމަށް ޝައުޤުވެރިކަން އުފެދިގެން ނުދަނީ ލިޔުންތެރިކަމަކީ ކޮބައިކަމާއި
ލިޔުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ބަދަލުގައި ލިޔުއްވަން
މަސައްކަތްކުރެވޭތީ ކަމަށް ޕްރިޔާ މެތިއު (2018) ހާމަކުރައްވަ އެވެ. ލިޔުންތެރިކަމުގެ ހުނަރު
ދަސްކޮށްދިނުމުގައި ޝައުޤުވެރިކަން އެއީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް
ކަމަށާއި ޝައުޤުވެރިކަން ނުހުންނަ ކުދިބަޔަކަށް ލިޔުންތެރިކަން ކިޔަވާދިނުމަކީ
ދަތި އުނދަގޫކަމެއްކަމަށް އަރީޖް އަލްޝޯރަފް (2012) ހާމަކުރައްވަ އެވެ.
ލިޔުމަށް ޝައުޤުވެރިކަން ނުހުންނަ އެންމެ ބޮޑު އެއް
ސަބަބަކީ ކުދިން ބޭނުންވާ ކަހަލަ ލިޔުންތައް ލިޔުމަށް ދެވޭ ފުރުޞަތުތައް
މަދުވުންކަމަށް ޖާވިސް (2005) ހާމަކުރައްވައެވެ. ލިޔުމަށް ޝައުގުވެރިކަން
އިތުރުކުރުވުމަށް "ފްރީ ރައިޓިންގް" ލިޔުމަށް ފުރުސަތުތައް ހޯދައިދޭން
ޖެހޭކަމަށް އަޅުގަނޑަށް ވެސް ގަބޫލުކުރެވެއެވެ. އަދި ކުދިންގެ މަސައްކަތުގެ
ފަހަތުގައި "ޕޮޒިޓިވް ފީޑްބެކް" އެއް ޓީޗަރުން ލިޔުއްވަން
ޖެހޭނެކަމަށާއި ތަޢްރީފުގެ ބަސްތައް ޓީޗަރު ބުނާއަޑު ކުދިންނަށް ގިނަގިނައިން އިއްވުމަކީ
ވަރަށް މުހިންމުކަމެއް ކަމަށް ޖާވިސް (2005) ހާމަކުރައްވައެވެ.
×
ބަސްކޮށާރު ނިކަމެތިވުން:
ރަނގަޅު ފެންވަރެއްގެ ލިޔުމެއް ލިޔުމަށް
ބަސްކޮށާރަކީ އެންމެ މުހިންމު އެއް އަސާސެވެ. ބަސްކޮށާރު ނިކަމެތިވުމަކީ
ލިޔުންތައް ލިޔުއްވުމަށް ޓީޗަރުންނަށް ކުރިމަތިވާ ގޮންޖެހުމެކެވެ. ބަސްކޮށާރު
ނިކަމެތިވުމުގެ ސަބަބުން ޖުމުލަތަކާއި ޕެރެގުރާފު ހުންނާނީ ހަނި ދާއިރާއެއްގެ
ތެރޭގައި ހިފެހެއްޓިފަ އެވެ. ގިނަދަރިވަރުން ލިޔުންތެރިކަމަށް ދަށްވާ ސަބަބު
ތަކުގެ ތެރޭގައި ބަސްކޮށާރުގެ ނިކަމެތުވުން ހިމެނޭކަމަށް އަމިރުލްމުހްމިނިން
(2014) ހާމަކުރައްވަ އެވެ. އެހެންކަމުން ދަރިވަރުންގެ ބަސްކޮށާރު ރަނގަޅުކުރުމަށް އިސްކަންދީގެން
ފިލާވަޅުތައް ރާވަންޖެހެ އެވެ. އަދި އާބަސްތައް ބޭނުންކުރާ އަޑު ދަރިވަރުންނަށް
އިއްވަންޖެހެ އެވެ. ބަސްކޮށާރު ނިކަމެތިވުމަކީ ލިޔުންތެރިކަމުގެ ފެންވަރު ދަށްވުމަށް
މެދުވެރިވާ ސަބަބެކެވެ. މަދަރުސާ ނިންމާ ދަރިވަރުންގެ ލިޔުންތެރިކަމުގެ
ނިކަމެތިކަމުންނާއި ނޫސްތަކުގެ ޚަބަރުތައް ކިޔާލުމުންނާއި ޚަބަރުތަކާއި ގުޅިގެން
ކިޔުންތެރީން އެމީހުންގެ ޚިޔާލުތައް ބަޔާންކޮށް ލިޔާ ކޮމަންޓްތަކުގެ ބަހުގެ
ފެންވަރަށް ނަޒަރު ހިންގާލުމުން މިކަން ޔަޤީންވެގެންދާ ކަމަށް ޑރ ޙަސަން ޙަމީދު
ހާމަކުރައްވަ އެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން އެއްމާނައެއް
ދޭހަވާ ބަސްތަކާއި އިދިމާނަ ދޭހަވާ ބަސްތައް ބުނެދޭށެވެ. ބަހެއްގެ މާނަ
ބުނެދިނުމުގެ ކުރިން އެބަހެއް ބޭނުންކޮށްފައިވާ ޖުމްލައެއް ދެއްކުމަށްފަހު
އެޖުމްލަ މާނަކުރުވައި އެބަސް އެހެން ގޮތްގޮތަށް ބޭނުންކުރވޭ ޙަލަތްތައް ބުނެދީ
ހަދަންޖެހޭކަމަށް ޔުނިތާ މުހައްމަދު މާސްކޯ (2016) ހާމަކުރައްވައެވެ. އާބަސްތައް
ބޭނުންކުރާ އަޑު އިއްވޭ މިންވަރު އިތުރުކުރެވި ކުދިންގެ ލިޔުންތަކުން އާބަސްތައް
ފެންނަނަމަ އެކަން ފާހަގަކޮށް އެކަމަށް ދޭންޖެހޭ ފީޑްބެކްދެވޭނަމަ ބަސްކޮށާރު
ތަރައްޤީކުރުމަށް ކުދިން އާ ހިތްވަރެއް ކުރާނެކަމަށް އަމީރުލްމުހްމިނިން (2014)
ހާމަކުރައްވައެވެ. އަދި ހަމައެއާކު ބަސްތައް ޑިކްޝަނަރީ ރަދީފު ފަދަ ތަކެއްޗަކީ
ކުދިންނާއި ރައްޓެހި އެއްޗަކަށް ހަދަންޖެހެ އެވެ.
×
ބަހުގެ ޤަވާޢިދާއި ހަމަތައް ނޭނގުން:
ބަހުގެ ޤަވާޢިދާއި ހަމަ ރަނގަޅަށް ބޭނުންކުރަން
އެނގުމަކީ ބަހުގެ ހުނަރު ތަރައްޤީކުރުމަށް އަސަރުކުރުވާ ބަހާއެކެވެ. ޚިޔާލުތައް
ޕެރެގުރާފުތަކެއްގެ މައްޗަށް ރާވަން އެނގޭނީވެސް މިހުނަރު ހުރެގެންނެވެ.
މިހުނަރަށް ދަރިވަރުން ދަށްވުމަކީ އުނގަންނައިދިނުމަށް ކުރިމަތިވާ ގޮންޖެހުމެކެވެ.
ލިޔަންދެވޭ މައުޟޫޢެއް ރަނގަޅަށް ކިޔައިދިނުމަށްފަހު އެލިޔުން ލިޔުއްވުމަށް ޓީޗަރު
ބޭނުންވާގޮތް ވެސް ބުނެދީ ދަސްކޮށްދޭށެވެ. ދަސްކުރަން އެންމެ ފަސޭހަގޮތެއް
އިޚްތިޔާރުކުރުމުގެ ފުރުޞަތުދޭށެވެ. އަދި ބަހުގެ ޤަވާޢިދާއި ހަމަތައް ބޭނުންކުރަން
ދަސްކޮށްދޭށެވެ. ބައެއްދަރިވަރުން ޒަމާންތައް ހިތުން ދަސްކުރެ އެވެ. އެގޮތަށް
ހިތުން ދަސްކުރުވުމަށްވުރެ ބޮޑަށް އެ ބޭނުންކުރަންޖެހޭ ހާލަތު ބުނެދީ ރަނގަޅަށް
ބޭނުންކުރަން ދަސްކޮށްދިނުމުން އޭގެ ފައިދާ މާބޮޑުވާނެކަމަށް ރަބެޔާ ނަސްރިން ޚާން
(2007) ހާމަކުރައްވަ އެވެ. އާދަމް ޒާހިރު (2012) ހާމަކުރައްވާގޮތުގައި
"އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދިވެހިބަހުގައިވެސް މި ހަމައާއި
އަމިއްލަވަންތަކަމެއް އެކުލެވިގެން އައިސްފައިވެ އެވެ. ބަހުގެ ވަންތަ ގޮތެއް މި
ބަހުގައި ވެއެވެ. ކޮންމެ ބަހެއްގައިވެސް ހަމައަކާއި އުސޫލެއް އޮންނާނެ އެވެ.
ދިވެހި ބަހުގެ މާހިރުންގެ ނަޒަރުގައި މިބައިތަށް ބަހުގެ ބަދަހިކަން އުފައްދަ އެވެ.
އަދި ބަހަށް އުސޫލީ ހަމައެއް ގެނެސްދެ އެވެ". ޖުމްލަލިޔުމުގައި ބޭނުންހާ
ތާކަށް ބޭނުންހާ ނަންއިތުރު ކަންއިތުރު ގުޅުވާ އަކުރު ހިމެނިގެން ނުދެއެވެ. އަދި
ޖުމްލައިގައި ލަފުޒުތައް ބޭނުންކުރުމުން އެ ލަފުޒުތަކަށް އަންނަ ބަދަލުވާކަމެވެ.
އަދި މާނަ އުފަންކުރުމަށް ލަފުޒުތައް ވަކިވަކިން އެތުރޭ ޤަވާޢިދެއް ވާކަމަށް ވެސް
އާދަމް ޒާހިރު ހާމަކުރައްވަ އެވެ.
މިސާލަކަށް: ކައިފި ކަރީމު ބަތް / ބަތް ކަރީމު ކައިފި / ކައިފި ބަތް
ކަރީމު
ބަތް ކަރީމު ކައިފި، މިއިބާރާތުން ކަންކުރާއަކީ
ބަތެވެ. ކަމުގެ ސިފަ ލިބޭފަރާތަކީ ކަރީމެވެ. ކުރި ކަމަކީ ކައިފި އެވެ.
ކޮންމެ ބަހެއްގައިވެސް
ވާފަދައިން ދިވެހިބަހުގެ އާންމު ބައިތަކެއް ވެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ
ޤައުމީ މަރުކަޒުން (1984) ހާމަކުރާގޮތުގައި، ދިވެހިބަހުގެ މައިގަނޑު ބައިތަކުގެ ގޮތުގައި ބެލެވެނީ
މައިގަނޑު 8 ބައެއް ކަމަށް އާދަމް ޒާހިރު ހާމަކުރައްވަ އެވެ. ތިރީގައިވާ ފޮޓޯއިން
ފެންނަން އެހުރީ އެބައިތަކެވެ. "މޮޅުލިޔުންތަކެއް ލިޔާ ކުއްޖާގެ ގަލަމަކީ
އެކުއްޖާގެ ދޫ" އަލްމަރްޙޫމް ޢަބްދުﷲ ޢަލީ. ދުލުގެ ގަލަމުން
ލިޔާމިންވަރު (ފޮތް ކިޔާ މިންވަރު) އިތުރުކުރުމުން ބަހުގެ ގަވާއިދާއި ހަމަތައް
ބޭނުންކުރަން ފަސޭހަކަމާއެކު ކުދިންނަށް އެނގިގެންދާނެކަމަށް އަމީރުލްމުހްމިނިން
(2014) ހާމަކުރައްވައެވެ. މިނިންމުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރެވޭ
ނިންމުމެކެވެ. ސަބަބަކީ އަޅުގަނޑުމެންނަށް (ދިވެހިންނަށް) ހިންދީ ބަސްދަސްކޮސްދިން
ޓީޗަރެއް ސުކޫލެއް ނެތޭ ދެންނެވިދާނެއެވެ. އެހެންނަމަވެސް ދިވެހި ބަހަށްވުރެ
ފަރިތަކޮށް ހިންދީ ބަހުން ވާހަކަދައްކާ މީހުންގެ ޖީލެއް ވަނީ އުފެދިފައެވެ.
އެމީހުންނަށް އެބަސް ދަސްވެފައިވަނީ އަޑުއަހައިގެންނެވެ. ހިންދީ އަކުރުތައް
އެނގޭނަމަ ލިޔަންވެސް ލިޔާނެއެވެ. އެހެންކަމުން ފޮތްކިޔުމުގެ ރޫހު ކުދިންގެ
ކިބައިގައި ހަރުލައްވަން ޖެހެއެވެ. އަދި ޓީޗަރުންނަކީ ކުދިންނަށް އެކަމުގައި
ނަމޫނާދައްކާ ބަޔަކަށް ވާންޖެހޭނެކަމަށް އަމީރުލްމުހްމިނިން (2014) ހާމަކުރައްވައެވެ.
×
ފެންވަރުގެ ގޮތުން ތަފާތު ދަރިވަރުން
އެއްކުލާހެއްގައި ތިބުން:
ކޮންމެ ދަރިވަރަކީ ވެސް ލިޔުންތެރިކަމުގެ ރޮނގުން
ތަފާތު ފެންވަރެއްގެ ކުއްޖެކެވެ. ބައެއް ދަރިވަރުންނަކީ ވަރަށް ހުޝީޔާރުކަމާއެކު
ހަވާލުކުރެވޭ މަސައްކަތް، ލިބިފައިވާ ހުނަރު ބޭނުންކޮށްގެން ހަލުވިކަމާއެކު
ނިންމާލާ ރަނގަޅު ކާމިޔާބީއެއް ހޯދަމުންދާ ހުނަރުވެރި ކުދިންނެވެ. އޭގެ އަނެއް
ކޮޅުވެސް ކުލާސްތެރެއިން ފެނިގެންދެ އެވެ. އެގޮތަށްދިމާވަނީ އެކުދިންނަށް
ލިބިފައިވާ ބަހުގެ ފެންވަރު ދަށްވުމުން ކަމަށް ރަބެޔާ ނަސްރިން ޚާން (2007).
ހާމަކުރައްވަ އެވެ. ދަރިވަރުންގެ ފެންވަރާއި ގުޅޭގޮތުން މަސައްކަތް ހަވާލުނުކުރެވެ
އެވެ. ޓީޗަރުން އަބަދުވެސް މަސައްކަތް ހަވާލުކުރަނީ އެކުދިންގެ ގުރޭޑް ލެވެލަށް
ބަލައިގެންނެވެ. ކުދިންގެ ފެންވަރަށް ބަލައިގެންނެއް ނޫނެވެ. އަދި އެ ހަވާލުކުރެވޭ
މަސައްކަތް ނިންމުމަށް ބާރުއަޅަ އެވެ. އަބަދުވެސް ޓީޗަރުންގެ ޝަކުވާއަކަށް
ވެފައިއޮންނަނީ ކުދިންގެ ފެންވަރުގެ ތަފާތު ވާހަކަ އެވެ. ނަމަވެސް އެފެންވަރު
ނައްތާލަން ޓީޗަރުން މަސައްކަތްކުރަނީ ވަރަށް މަދުންނެވެ. ތަފާތު ފެންވަރުގެ
ކުދިންނާ ގުޅޭގޮތުން ތަފާތު ފެންވަރުގެ ލިޔުންތައް ތައްޔާރުކުރެވި، ލިޔަން ދަސްކޮށްދެވޭނަމަ
މިކަމަށް ނިމުމެއް އަންނާނެކަމަށް ހެމިލްޓަން (2006) ހާމަކުރައްވަ އެވެ.
×
ނަކަލު ކުރުވުމަށް ހުއްޓުމެއް
އައުން:
ޑރ ޙަސަން ޙަމީދު ހާމަކުރައްވާގޮތުގައި
ނަކަލުކުރުމަކީ، އަށާރަވަނަ ޤަރުނާއި ނަވާރަވަނަ
ޤަރުނުގައި، އެމެރިކާގެ ކިޔަވާ ކުދިންނަށް
ޢިބާރާތްކުރަން ދަސްކޮށްދިން ޢާންމު ގޮތެވެ. އެގޮތްވެފައިވަނީ، އަތުލިޔުމާއި، ބަހުގެ ގަވާއިދާއި ލިޔުމުގައި
ބޭނުންކުރާ ޚާއްޞަ ނިޝާންތައް ދަސްކޮށްދޭން ފަސޭހަ އަދި ބޭނުންވާ ނަތީޖާ ހަލިކޮށް ނެރެވޭ
ގޮތަކަށެވެ. ނަމަވެސް، ވިހިވަނަ ޤަރުނު ފެށުމާއެކު، ދަރިވަރުންނަށް ޢިބާރާތް
ކުރަން މިގޮތުން ދަސްކޮށްދިނުމާ ދުރަށް މުދައްރިސުން ދާން ފަށައިފިއެވެ. ބައެއް މުދައްރިސުންނަށް
ގަބޫލުކުރެވެން ފެށީ، ކޮޕީކުރުމަކީ ނުވަތަ ތަޤްލީދުކުރުމަކީ
ޢިބާރާތްކުރަން ދަސްކޮށްދޭން އެންމެ ރަނގަޅު ގޮތް ނޫންކަމެވެ. މިގޮތް ކިޔަވާދިނުމުގައި
ބަދަލުގައި، މުދައްރިސުން ހަދަން ފެށިގޮތަކީ، ރަނގަޅު ޢިބާރާތްތަކުގައި
ހުންނަ އާއްމު ސިފަތައް ކިޔަވާދީފައި، ދަރިވަރުން އެފަދަ ސިފަތައް ހިމެނޭ ގޮތަށް ޢިބާރާތްކުރަން ދޫކޮށްލީއެވެ. މިގޮތަކީ، ތިއަރީގައި ނުވަތަ ޚިޔާލުގައި
ރަނގަޅު ގޮތެއްކަމަށް ވެދާނެއެވެ. ނަމަވެސް، އަމަލީގޮތުން ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅުވެ
އެދެވޭ ނަތީޖާ ނެރެވޭހެނެއް ހިއެއް ނުވެއެވެ. ކުރިން ބަޔާން ކުރެވުނު ފަދައިން މަދަރުސާ
ނިންމާ ދަރިވަރުންގެ ލިޔުންތެރިކަމުގެ ނިކަމެތިކަމުން މިކަން ދޭހަވެއެވެ. ކުރުނބާ ބޭނުންނަމަ، ކާށި ވަޅުލައިގެން ކޯދު އަރުވައިގެން، ރުއް ހައްދައިގެން ނޫނީ ކުރުނބައެއް
ނުލިބޭނޭ ކަމެވެ. އެހެން ލިޔުންތެރިއެއްގެ ލިޔުން ކޮޕީކުރުމުގެ މަޤްޞަދަކީ، އެމީހެއްގެ ލިޔުމުގެ ފޭޑި
ކޮޕީ ކުރުމެއް ނޫނެވެ. ލިޔުމުގެ އަމިއްލަ ސްޓައިލެއް އުފަން ކުރުމެވެ.
ނަކަލުކުރުމުން މަންފާއެއް ނުކުރާނޭ ކަމަށް ހީނުކުރާށެވެ. މިއީ ވަރަށް އާދައިގެ ކަމެއްކަމަށް
ވިއަސް، މިކަމުން ތިބާގެ ލިޔުންތެރިކަމަށް
ވަރަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ.
ނިންމުން:
ލިޔަން ދަސްކޮށްދިނުމަށްޓަކައި ކުދިންނަށް ގިނަ މަސައްކަތްތަކެއް
ކޮށްދޭން ޓީޗަރުން އެބަޖެހެއެވެ. އެހެނީ ލިޔުމަކީ ކުދިންގެ މުޅި ދިރިއުޅުން އޭގެ މައްޗަށް
ބަރޯސާވެފައިވާ އަސާސްތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ. ކުދިންގެ އިހްސާސްތައް އެންމެ
ރަނގަޅު ގޮތުގައި އެހެންމިހުނަށް ބަޔާންކޮށްދެވޭނީ ވެސް ލިޔުންތެރިކަން އޭގައި ޝާމިލުވެގެންނެވެ.
ލިޔަން ދަސްކޮށްދިނުމުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، އެކަންތަކާއެކު
ވެސް ކުދިންނަށް ލިޔަން ދަސްކޮށްދިނުމުގެ މަސައްކަތް ކާމިޔާބުގޮތުގައި ކުރުމަށް
މަސައްކަތްކުރަން އެބަޖެހެއެވެ. އިޚްލާޞްތެރި ނިޔަތަކާއެކު ކުއްޖަކަށް އެއްޗެއް
(ލިޔަން، ކިޔަން، ވާހަކަދައްކަން، ...) ދަސްކޮށްދެވިއްޖެނަމަ އެއިންދެނީ ދިގު ދެމިގެންވާ
ގޮތެއްގައި މޭވާ ލިއްބައިދޭނެ (ޘަވާބާއި ދަރުމަ) ގަހެއްކަން ދަންނާށެވެ. ރަސޫލާ
ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ.
ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑީ ޤުރުއާން އުނގެނީ އެ އުނގަންނައިދޭ
މީހާއެވެ. ޤުރުއާނުގައި ލިޔުމުގެ އަދަބާއި ކިޔުމުގެ އަދަބާއި ބަހުގެ ޤަވާޢިދާއި
ހަމަތައް ވަރަށް ފުރިހަމައަށް އެކުލެވިފައި ވެއެވެ. ބަހެއް އުނގަންނައިދިނުމަށް
ބޭނުންވާ ހުރިހާ އަސާސެއް ޤުރުއާނުގައި ޝާމިލުވެފައި ވެއެވެ. އެހެން ކަމުން
ޢިލްމުވެރިން ވިދާޅުވާގޮތުގައި ރަނގަޅު ކޮންމެ ޢިލްމެއް އުނގަންނައިދޭ މީހުން
އެންމެ ރަނގަޅު މިހުންގެ ގޮތުގައި ޙަދީޘުގައި ހިމެނިފައިވާ މީހުންގެ ތެރެއަށް
ވަންނާނެއެވެ. (ﷲ
ތަޢާލާ މޮޅަށް ދެނެވޮޑިގެންވޭ)
ހަވާލާދިނުން:
ޢަބްދުﷲ ޙަމީދު (2004). އަތުލިޔުން. ފަތްތޫރަ 26.
ޑރ. ޙަސަން ޙަމީދު. ފަށުވިކޮށް ޢިބާރާތްކުރަން ދަސްކުރާނެގޮތް.
ޞަފްޙާ.377.
ޑީ. މެލީސާ (2005). އައިޑެންޓިފައި ޓެކްނީކްސް
ފޯރ އެންކަރޭންޖިންގް ކޮމްޕެޝަނޭޓް ކޮމިއުނިކޭޝަން.
ޕްރިޔާ މެތިއު (2018). ތްރީ ވޭ ޓު ސަޕޯޓް
އެޑިއުކޭޓަރސް ހޫ ހޭޓް ޓު ޓީޗް ރައިޓިންގް.
އަރީޖް އަލްޝޯރަފް (2012). ދަ އިފެކްޓް އޮފް
މޯޓިވޭޝަން އޮން ރައިޓިން ސްކިލް އިން އިންގްލިޝް.
އަމިރުލްމުހްމިނިން، އެސް.ޕީޑީ. އެމް.އެސްސީ. އީޑީ.
ޕީއެޗް.ޑީ. (2014). ދަ ޗެލެންޖްސް އިން ޓީޗިންގް ރައިޓިންގް ސްކިލްސް.
ހެމިލްޓަން (2006). އެސެސްމެންޓް. ހެމިލްޓަން
ސްކޫލް ޑިސްޓްރިކްޓް.
ރަބެޔާ ނަސްރިން ޚާން (2007). އެކެޑަމިކް
ރައިޓިންގް ޗެލެންޖްސް އެތް ޔުނިވަރސިޓީސް އިން ސައުދި އަރަބިއާ އެންޑް ސޮލޫޝަންސް.
އާދަމް ޒާހިރު (2012). ދިވެހިބަހުގެ ހަމަ
ބޭނުންކުރުމުގައި ހޭލަމާ ހެއްޔެވެ؟. (މުދައްރިސް.ބްލޮގްސްޕޮޓް.ކޮމް).
އޮކްސްފޯޑު ޔުނިވަރސިޓީ ޕްރެސް (2015). ޓީޗާރސް
ޓެލް އަސް ދަ ޓޮޕް ރައިޓިން ޗެލެންޖްސް ދެއި ފޭސް އިން ދަ ކްލާސްރޫމް.
(އިންގްލިޝް ލްންގުއޭޖް ޓީޗިންގް ގްލޯބަލް ބްލޮގް).
ޖޯޑަން، އާރު (1997). އިންގްލިޝް ފޯރ އެކަޑެމިކު
ޕަރޕަސެސް: އަ ގައިޑު އެންޑް ރިސާޗު ބުކު ފޯރ ޓީޗާސް. ކެމްބްރިޖު: ކެމްބްރިޖު ޔުނިވަރސިޓީ
ޕްރެސް.
ކީން އާރު (2000). ލިޓްރަސީ އެންޑް
ލެންގުއޭޖު ޓީޗިން. ހޮންގކޮން: އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.
އެމް. ޖާވިސް (2005). ދަ ސައިކޮލޮޖީ
އޮފް އިފެކްޓިވް ލާނިން. ޗެލްޓެންހަމް: ނެލްސަން ތޯރެންސް.
1 comment:
ވަރަށް މުހިންމު ބޭނުންތެރި މަޢުލޫމާތުތަކެއް ލިބިއްޖެ.
Post a Comment