ޢަރަބި މުސްލިމު ޒުވާނާ
ލިޔުނީ: ޒީނަތު
ލަބީބު
ޢަރަބި މުސްލިމު ޒުވާނަކު ކިޔެވުމަށްޓަކައި އެމެރިކާއަށް ދަތުރުކުރިއެވެ. އެތާނގައި
ދިރިއުޅެމުން ދަނިކޮށް ކުރިސްޓިއަނަކާ އެކުވެރިކަމުގެ ގުޅުން ބަދަހިވި އެވެ. އެ
ކުރިސްޓިއަން މީހާ ޢަރަބި ޒުވާނާއަށް އެމީހުންގެ ޗާޗު ބަލާލަން އެތަނަށް އެއފަހަރު
ދިއުމަށް ދަޢުވަތުދިނެވެ. ކޮންމެއަކަސް މި ޒުވާނާ އޭނާގެ އެކުވެރިޔާއާއި އެކު
އެމެރިކާގެ ކުރިސްޓިއަން ޗާޗަކަށް ދިޔައެވެ. އެމީހުން އެތާނގައި ތިއްބާ އެތާނގެ
ފާދިރީ އެތަނަށް ވަޑައިގަތެވެ. ފާދިރީ އައިސް އެންމެންގެ މޫނުތަކަށް ރަނގަޅަށް
ނަޡަރުހިންގާލުމަށް ފަހު ވިދާޅުވި އެވެ. މިތާނގައި މުސްލިމު ޒުވާނަކު
އެބަހުއްޓެވެ. ވީހާ އަވަހަކަށް އެތަނުން ނިކުތުމަށް ބުންޏެވެ. އަދި އެއްވެސް
މީހަކު އޭނައަށް އެއްވެސް ގޯނާއެއް ނުކުރުމަށް އެދުނެވެ. އެ މުސްލިމު ޒުވާނާ
މާޔޫސްވެފަވާ ޙާލު އެތަނުން ނިކުތުމަށް ދިމާކުރިއެވެ. އެހިނދު ފާދިރީ އޭނާއަށް
ބުންޏެވެ. ދިއުމުގެ ކުރިން ތިމަންނަ ކުރާ 22 ސުވާލަކަށް ޖަވާބުދިނުމަށްފަހު
ދެވެދާނެ ހެއްޔެވެ؟ އާދެ ފާދިރީގެ ބޭނުމަކީ އޭނައަކީ ވަރަށް މޮޅު މީހެއްކަން
ޘާބިތުކޮށްދިނުމަށްފަހު އެ މުސްލިމު ޢަރަބި ޒުވާނާ ނިކަމެތިކޮށްލުމެވެ. ނަމަވެސް ﷲގެ
ކުޅަދުންވަންތަކަން ދުނިޔޭގެ އެކަކަށް ވެސް ނޭނގޭނެއެވެ. ﷲ ތަޢާލާ ކަންތައްތައް
ބަދަލުކުރައްވާ ގޮތް އެއީ އެކަކަށް ވެސް އިޙްސާސްކުރެވޭ އެއްޗެއް ނޫނެވެ. ޢަރަބި
މުސްލިމު ޒުވާނާ ވަރަށް ކެރިހުރެ އެކަމަށް ތައްޔާރަށް ހުންނެވި ވާހަކަ ބުންޏެވެ.
އެހެން ބުނުމުން ފާދިރީ އޭނައާ ސުވާލުކުރަން ފެށިއެވެ. އެގޮތުން ކުރެއްވި ސުވާލުތަކަކީ:
1-
އެއާއި އެއްފަދަ ދެވަނައެއް ނުވާ ފަރާތަކީ ކޮން ފަރާތެއް ހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ. އެއީ ﷲ އެވެ. لا
إلهَ إلاَّ اللَّه މާނައީ: ﷲފިޔަވައި އެހެން އިލާހަކު ނުވެއެވެ. އަދި ބުންޏެވެ. لَيْسَ
كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ މާނައީ: އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ.
އަދި އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
2-
ތިންވަނަ އެއް ނުވާ ދެވަނަ އެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ. އެއީ ރޭގަނޑާއި ދުވާލެވެ. وَهُوَ
الَّذِي جَعَلَ اللَّيْلَ وَالنَّهَارَ މާނައީ: އަދި
އެކަލާނގެއީ، ރެޔާއި ދުވާލު އެކައްޗަކަށްފަހު، އަނެކައްޗެއް އަންނަގޮތުގައި ލެއްވި
ރަސްކަލާނގެއެވެ.
3-
ހަތަރު ވަނަ އެއް ނުވާ ތިނެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ. އެއީ ﷲ ގެ ރަސޫލާ މޫސާ
ޢަލައިހިއް ސަލާމް ޙިޟުރުގެފާނާއި އެކުގައި ވަޑައިގަތް ވަޑައިގަތުމުގައި
ހުށައެޅުއްވި ތިން ޢުޒުރެވެ.
4-
ފަސްވަނަ އެއް ނުވާ ހަތަރެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ. އެއީ ތައުރާތާއި އިންޖީލާއި ޒަބޫރާއި
ޤުރުއާނެވެ.
5-
ހަވަނަ އެއް ނުވާ ފަހެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ. އެއީ ފަރުޟު ފަސް ނަމާދެވެ.
6-
ހަތްވަނަ އެއް ނުވާ ހައެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ. އެއީ ﷲ ތަޢާލާ މި ކައުނު ޚަލްޤު
ކުރެއްވި ހަދުވަހެވެ. خَلَقَ السَّمَاوَاتِ
وَالْأَرْضَ فِي سِتَّةِ أَيَّامٍ މާނައީ: ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއީ،
ހަ ދުވަހުގެ ތެރޭގައި، އުޑުތަކާއި ބިން ހެއްދެވި اللَّه އެވެ.
7-
އަށްވަނަ އެއް ނުވާ ހަތެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ. އެއީ ހަތް އުޑެވެ. الَّذِي
خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا މާނައީ: އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ.
8-
ނުވަ ވަނަ އެއް ނުވާ އަށެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ. އެއީ ޙަމަލަތުލް ޢަރުޝިއެވެ. وَيَحْمِلُ
عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ މާނައީ: އެދުވަހުން
ކަލޭގެފާނުގެ ވެރިރަސްކަލާނގެ عرش ފުޅު، އެއުރެންގެ
މަތީގައި އުފުއްލަވާނީ، އަށް ملائكة ންނެވެ.
9-
ދިހަ ވަނަ އެއް ނުވާ ނުވަ އެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ މޫސާ ޢަލައިހިއް ސަލާމަށް ﷲ ތަޢާލާ ދެއްވި ނުވަ މުޢުޖިޒާތެވެ.
10-
އިތުރުވުން ޤަބޫލުކުރާ ދިހަ އެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ ހެޔޮ ކަންތަކެވެ. مَن جَاءَ
بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا މާނައީ: ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ
ދިހަ ހެޔޮކަމުގެ ثواب ހުށްޓެވެ.
11-
ބާރަ ވަނަ އެއް ނުވާ އެގާރަ އެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ ޔޫސުފު ޢަލައިހިއް ސަލާމުގެ 11 އަޚުންނެވެ.
12-
ތޭރަ ވަނަ އެއް ނުވާ ބާރަ އެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ މޫސާ ޢަލައިހިއް ސަލާމަށް ﷲ ދެއްވި މުޢުޖިޒާތެކެވެ. އެއީ ﷲ ގެ އަމުރުފުޅަށް
އަސާކޮޅު ކަނޑުގައި ޖެއްސެވުމުން ހެދިގެން ދިޔަ 12 މަގެވެ. فَانفَجَرَتْ
مِنْهُ اثْنَتَا عَشْرَةَ عَيْنًا މާނައީ: ފަހެ، (އެހިނދު موسى ގެފާނަށް) ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ.
ކަލޭގެފާނުގެ އަސާކޮޅުން، ކަލޭގެފާނު އެ ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު
އެހިލައިގައި ޖެއްސެވިހިނދު) އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ.
13-
ސާދަ ވަނަ އެއް ނުވާ ތޭރަ އެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ ޔޫސުފު ޢަލައިހިއް ސަލާމުގެ އެގާރަ އަޚުންނާއި އެކަލޭގެފާނުގެ މަންމައާއި
ބައްޕައެވެ.
14- ރޫޙެއް ނެތި ނޭވާލާ އެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ ޞުބުޙެވެ. މާނައީ ފަތިހެވެ. وَالصُّبْحِ إِذَا
تَنَفَّسَ މާނައީ: އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ.
15- އެމީހަކާއިގެން ދަތުރުކުރި ޤަބުރަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ ޔޫނުސު ޢަލައިހިއް ސަލާމު ބަނޑުގެ ތެރެއަށް ދިރުވާލި މަހެވެ. فَالْتَقَمَهُ
الْحُوتُ މާނައީ: ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ.
16- ދޮގުހެދުމަށް ފަހު ސުވަރުގެ ވަން ބަޔަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ ޔޫސުފު ޢަލައިހިއް ސަލާމުގެ އަޚުންތަކެކެވެ. قَالَ
لَا تَثْرِيبَ عَلَيْكُمُ الْيَوْمَ ۖ يَغْفِرُ اللَّـهُ لَكُمْ ۖ މާނައީ: އެކަލޭގެފާނު
ވިދާޅުވިއެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް
اللَّه
ފާފަފުއްސަވާށިއެވެ!
17-
އެއެއްޗެއް ﷲ ޚަލްޤުކުރެއްވުމަށްފަހު އެއީ
މުންކަރު އެއްޗެކޭ ވިދާޅުވި އެއްޗަކީ ކޯޗެއްހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ ޙިމާރުގެ އަޑެވެ. إِنَّ أَنكَرَ
الْأَصْوَاتِ لَصَوْتُ الْحَمِيرِ މާނައީ: ހަމަކަށަވަރުން، އަޑުތަކުގެ
ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން
ކަށަވަރެވެ.
18-
އަލިފާނުން ﷲ ޚަލްޤުކުރެއްވީ ކޯޗެއްހެއްޔެވެ؟
އަލިފާނުން ހަލާކު ކުރެވުނީ ކާކު ހެއްޔެވެ؟ އަލިފާނުން ސަލާމަތްކުރެވުނީ ކާކު
ހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ. ﷲ ތަޢާލާ އަލިފާނުން ޚަލްޤުކުރެއްވި އެއްޗަކީ އިބްލީސެވެ. އަލިފާނުން
ހަލާކުކުރެވުނީ އަބޫޖަހުލާއި އޭނާގެ އަޢުވާނުންނެވެ. އަލިފާނުން ސަލާމަތްކުރެވުނީ
އިބްރާހީމް ޢަލައިހިއް ސަލާމެވެ.
19- މަންމައަކާ ބައްޕައަކާ ނުލާ ﷲ ޚަލްޤުކުރެއްވި
ތަކެއްޗަކީ ކޮބާހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ އާދަމުގެފާނާއި މަލާއިކަތުންނާއި ﷲ ތަޢާލާ ޞާލިޙު ޢަލައިހިއް ސަލާމަށް
މުޢުޖިޒާތެއްގެ ގޮތުގައި ދެއްވި ނާޤާއެވެ. އަދި ﷲ ތަޢާލާ އިބްރާހީމް ޢަލައިހިއް
ސަލާމަށް ދެއްވި ޛަބަޙަ ކުރެއްވުމަށް ދެއްވި ކަބްޝެވެ.
20- ﷲ ތަޢާލާ ހިލައިން ޚަލްޤުކުރެއްވީ
ކޯޗެއްހެއްޔެވެ؟ އަދި ހިލައިން ހަލާކުކުރެވުނީ ކޮން ބައެއް ހެއްޔެވެ؟ އަދި
ހިލައިން ސަލާމަތްކުރެވުނީ ކޮން ބައެއް ހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
ހިލައިން ޚަލްޤުކުރެވުނީ ﷲ ތަޢާލާ ޞާލިޙު ޢަަލައިހިއް ސަލާމަށް މުޢުޖިޒާތުގެ
ގޮތުގައި ދެއްވެވި ނާޤާއެވެ. ހިލައިން ހަލާކުކުރެވުނު ބަޔަކީ ފީލުބާގައިގެ
މީހުންނެވެ. ހިލައިން ސަލާމަތްކުރެވުނު ބަޔަކީ ކަހުފު ބާގައިގެ މީހުންނެވެ.
21- އެއެއްޗެއް ޚަލްޤުކުރައްވާފައި އެއީ ވަރަށް
ބޮޑު އެއްޗެއް ކަމުގައި ވަޙީކުރެއްވެވީ ކޯޗެއްހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ އަންހެނުންގެ މަކަރެވެ.
22-
އެގަހެއްގައި 12
ގޮފިވާ ކޮންމެ ގޮތްޕެއްގައި 30 ފަތްވާ އަދި ކޮންމެ ކުރި ގަނޑެއްގައި ފަސް މެވާ
އަޅާ، އަނދިރީގައި ތިން މޭވާ އަލިގައި ދެ
މޭވާ ވާގަހަކީ ކޮން ގަހެއް ހެއްޔެވެ؟
ޢަރަބި މުސްލިމު ޒުވާނާ ޖަވާބުގައި ބުންޏެވެ.
އެއީ އަހަރެވެ. އަހަރެއްގައި 12 މަސް އެއީ އެ 12 ގޮތްޕެވެ. ކޮންމެ މަހެއްގައި 30
ދުވަސް ވެއެވެ. އެއީ 30 ފަތެވެ. 5 މެވާ އަކީ ފަރުޟު 5 ނަމާދެވެ. ރޭގަނޑުގައި
ކުރަނީ 3 ނަމާދެވެ. ދުވާލުގައި ކުރަނީ 2 ނަމާދެވެ.
ޢަރަބި މުސްލިމު ޒުވާނާގެ މިޖަވާބުތައް އަޑުއެހުމަށްފަހު
ފާދިރީ ހަމަހިމޭން ވެއްޖެއެވެ. ޗާޗުގެ ތެރެއަށް ވެސް ހަމަހިމޭންކަން
ވެރިވެއްޖެއެވެ. ޢަރަބި މުސްލިމު ޒުވާނާ އެނބުރި ދިއުމަށްޓަކައި އެނބުރިގެން ދިޔައެވެ.
ނަމަވެސް ދިޔުމުގެ ކުރީގައި ފާދިރީއާ މުޚާޡަބުކޮށް ބުންޏެވެ. އޭ ފާދިރީއެވެ. ކަލެއާ
އެންމެ ސުވާލެއް ކޮށްލަން ބޭނުންވެއެވެ. ما
هو مفتاح الجنة؟ މާނައީ: ސުވަރުގެގެ
ތަޅުދަނޑިއަކީ ކޮބާހެއްޔެވެ؟ ސުވާލު އަޑުއެހުމަށްފަހު ފާދިރީގެ ހަމަހިމޭންކަން
އިތުރުވެގެން ދިޔައެވެ. ޗާޗު ތެރޭގައި ތިބި މީހުން ފާދިރީއާ މުޚާޡަބުކޮށް ބުންޏެވެ.
އޭ ފާދިރީއެވެ. މި ޢަރަބި މުސްލިމު ޒުވާނާ ކަލޭ ކުރި 22 ސުވާލުގެ ޖަވާބު ދީފިއެވެ.
އޭނާ ކުރި އެންމެ ސުވާލުގެ ޖަވާބު ކަލެއަށް ނޭނގޭ ހެއްޔެވެ؟ ފާދިރީއަށް ޙަޤީޤަށް
ވަރަށް ރަނގަޅަށް އެނގެއެވެ. އަދި ބުންޏެވެ. "މަށަށް ޖަވާބު އެނގެއެވެ."
ނަމަވެސް އެސުވާލުގެ ޖަވާބު ބުނެފި ނަމަ އޭނާގެ ފުރާނައަށް ނުރައްކާ ވެދާނެތީ
ބިރުގަންނަ ކަމަށް ފާދިރީ ބުންޏެވެ. އެމީހުން ބުންޏެވެ. އެއްވެސް ނުރައްކަލެއް
ނެތެވެ. ޖަވާބުދޭށެވެ. ފާދިރީ ބުންޏެވެ. أشهد
أن لا إله إلا الله وأشهد أن محمدا رسول الله. ﷲ ގެ
ކުޅަދުންވަންތަކަން އެއްވެސް މީހަކަށް ނޭނގެއެވެ. ކަމަކަށް އިރާދަކުރައްވައިފި
ނަމަ އެކަމެއް ވެދެއެވެ. އެ ފާދިރީ އިސްލާމްކަން ޤަބޫލުކޮށްފިއެވެ. މިއީ
ސުވަރުގޭގެ ތަޅުދަނޑިއެވެ. އެތާނގައި ތިބި މީހުން އެއްއަޑަކުން ޝަހާދަތުގެ
ދެކަލިމަ ކިޔައި އިސްލާމްވި އެވެ.
ﷲ ތަޢާލާ އެ ޢަރަބި މުސްލިމު ޒުވާނާއަށް ހެޔޮ ޖަޒާ މިންވަރުކޮށްދެއްވާށީ!
އާމީން!
މަޞްދަރު:
22 ސުވާލު (އައްޝައިޚު
އިލްޔާސް ޙުސައިން)
No comments:
Post a Comment