Sunday, December 25, 2022

Thiba maruvumun

 ތިބާ މަރުވުމުން ދިރިތިބީން إنا لله وإنا إليه راجعون ކިޔާނެއެވެ.



ތިބާ ވަޅުލުމަށް ފަހު ގަޑިއެއްހާއިރު ފަހުން، ތިބާ ވަކިވެދިއުމުގެ ހިތާމައިގާ ރޮމުން ދިޔަ މީހުންގެ ރުއިމުގެ އަޑު ކެނޑިގެންދާނެއެވެ. އަދި ތިބާގެ ގޭ މީހުން އެނބުރި ގެއަށް ގޮސް އާއިލީ މީހުންގެ ކެއުމާއި ބުއިމުގެ އިންތިޒާމު ހަމަޖެއްސުމުގައި މަޝްޣޫލުވާނެއެވެ. އެވަގުތަކީ ތިބާގެ ހަށިގަނޑު ބިންގަނޑު ދަށުގައިވެ، ކަށްވަޅު ފިއްތާލުމުގެ ވޭން ތިބާ ތަހައްމަލުކުރަމުންދާނެ ވަގުތެވެ.

ތިބާ ވަޅުލުމަށް ފަހު ދެ ގަޑިއެއްހާއިރު ފަހުން، ތިބާގެ ގެއަށް މީހުން ގުޅަންފަށާނެއެވެ. އެއީ ތިބާގެ ޖަނާޒާއަށް ނާދެވުނު ސަބަބު ބުނެދިނުމަށެވެ. ހަމައެވަގުތު ތިބާގެ ގޭގެ ބައެއް މީހުން ސިޔާސީ ވާހަކަތައް ދައްކަންފަށައެވެ. އަދި އަނެއް ބަޔަކު ކުޅިވަރުގެ ވާހަކަ ދައްކަން ފަށައެވެ. ތިބާ ވަޅުލުމަށް ފަހު ހަ ގަޑިއެއްހާއިރު ފަހުން، ތިބާގެ އާއިލީ މީހުންތައް އެމީހުންގެ ގެތަކަށް ދެއެވެ. އަދި ކުރިއަށް އޮތް ދުވަހަށް ތައްޔާރުވާން ފަށައެވެ.

ތިބާ ވަޅުލުމަށް ފަހު ސައުވީސް ގަޑިއިރު ފަހުން، ތިބާގެ އެތެރެހަށީގެ ގުނަވަންތައް ކުނިވެ ހަލާކުވާން ފަށާނެއެވެ. އެވަގުތު ވެސް ތިބާގެ އެކުވެރިންގެ ތެރެއިން ތިބާގެ މަރުގެ ޚަބަރު ލިބިފައިނުވާ މީހުންގެ ފޯނުކޯލުތަކާއި މެސެޖުތައް ތިބާ ގެންގުޅުނު ފޯނަށް މެދު ނުކެނޑި އައިސް އައިސް ހުންނާނެއެވެ. ތިބާ މަރުވިތާ ތިން ދުވަސް ވަރު ފަހުން، ތިބާގެ މަގާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުތައް ކުރިއަށްދާނެއެވެ. އޭރު ތިބާގެ ހަށިގަނޑު ކުނިވެ، ނޭފަތުންނާއި އަނގައިން ފާދިޔަ ނިކުންނާނެއެވެ.

ތިބާ މަރުވިތާ ފަސް ދުވަސް ވަރު ފަހުން، ތިބާގެ ދަރިންތައް ވަޒީފާތަކަށް ނިކުންނަން ފަށާނެއެވެ. އޭރު ތިބާގެ ހަށިގަނޑުގެ ހަލާކުވެ ކަށްޓާއި މަހާއި ވަކިވެދެއެވެ. ތިބާ މަރުވިތާ ދެ ހަފްތާ ވަރު ފަހުން، ތިބާގެ ދަރިން ވަކީލުންނާ ބައްދަލުކޮށް މުދާ ބެހުމުގެ ކަންތައް ކުރިއަށް ގެންދަން ފަށައެވެ. އޭރު ތިބާގެ ދަތާއި ނިޔަފަތި ހަށިގަނޑާ ވަކިވެދެއެވެ.

ތިބާ މަރުވިތާ އަހަރެއްހާ ދުވަސް ފަހުން، ބައެއް މީހުން ބުނާނެއެވެ. "ހިވަނީ ހަމަ އިއްޔެ ވީ ކަމެއް ހެންނެވެ". ތިބާ މަރުވިތާ ދިހަ ވަރަކަށް އަހަރު ފަހުން، ތިބާގެ ހަނދާނަކަށް ހުންނާނީ ތިބާގެ ފޮޓޯތަކެވެ. އޭރު ތިބާގެ ހަށިގަނޑުގެ ބަޔަކަށް ހުންނާނީ ކަށިތައް އެކަންޏެވެ. 

ދުނިޔޭގައި ހޭދަކުރަން ލިބިފައި މިވާ ކުޑަކުޑަ ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށްލާށެވެ! ކޮންމެ އިންސާނެއްގެ ވެސް ނިމުން އޮތީ މިބީދައިންނެވެ.