މަސްޖިދުލް އަޤްޞާއާއި
ފިލަސްޠީނުގެ ދުލުން ...
އަހަންނަކީ މުސްލިމުންގެ
ފުރަތަމަ ޤިބްލައެވެ. އަހަންނަކީ ﷲގެ ގެކޮޅުތަކުގެ ތެރެއިން ދެވަނައަށް އެންމެ ދޮށީ
ގެއެވެ. އަހަރެންގެ ވަށައިގެން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ބަރަކާތް ލައްވާފައެވެ.
އެކަން މުސްލިމުންގެ ދުސްތޫރައިގައި ވަރަށް ޞަރީޙަކޮށް ބަޔާން ކުރައްވާފައިވެއެވެ.
އަހަންނަކީ އެތަނެއްގައި މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ކީރިތި މާތް ނަބިއްޔާ
މުޙައްމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބިއްޔުންގެ އިމާމެއްގެ ގޮތުގައި
ހުންނަވައި ދެ ރަކްޢަތް ނަމާދެއް ކުރެއްވި ބަރަކާތްތެރި މަޤާމެވެ. އަހަރެން މިވަނީ
އަނިޔާވެރި ޔަހޫދީންގެ އަނިޔާވެރިކަމުގެ ތެރެއަށް ޣަރަޤުވެފައެވެ. މިކަމުގެ ސަބަބުން
އަހަރެންގެ ޙާލުބަލައި އަހަރެންގެ ގައިގައި ފިރުމައިދޭން ދުވާލަކު ފަސް ފަހަރު އަހަންނަށް
ޒިޔާރަތްކުރާ މީހުންނަށް މިހާރު އަހަރެންގެ ވަސްދުވާ ހިސާބަކަށް ވެސް ނާދެވޭތާ އެތަކެއް
ދުވަސްތަކެއް ވަނީ ފާއިތުވެ ގޮސްފައެވެ. އަހަރެންނަށް ގެއްލުންދޭން އުޅޭ ޔަހޫދީންނަށް
ކުރެވޭނެހާ ވެސް ކަމަކީ އަހަރެންގެ ވަށައިގެން ސިފައިން ފާރަޔަށް ބައިތިއްބައި އަހަރެން
ދެކެ ލޯބިވާ މީހުންނާ އަހަރެންނާ ބައްދަލުވިޔަ ނުދިނުމެވެ. އެމީހުންނަކަށް މިބިންމަތިން
އަހަރެން ފޮހެ ނުލެވޭކަން އަހަންނަށް ޔަގީންކަމާއެކު ބުނަން ކެރެއެވެ. ސަބަބަކީ ޖައްބާރުވަންތަ
ޖަލާލުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަންނާއެކު ވޮޑިގެންވެއެވެ.
އަހަންނަކީ އެ ބިމަކަށް
ގިނަ ނަބިއްޔުންތަކަކާއި ރަސޫލުންތަކެއް އުފަންވެ، އެ ބިމެއްގައި އެ ބޭކަލުންގެ ދިރިއުޅުން
އާރާސްތުކުރެއްވުމަށްފަހު އަވަހާރަވެ އެ ބިމެއްގައި އެބޭކަލުން ފަސްދާނުލެވިފައިވާ
މާތް ބިމެކެވެ. އަހަރެންގެ ބުރަކަށިމަތީގައި ބިނާވެފައިވާ މަޞްޖިދުލްއަޤްޞާއަކީ ދުނިޔޭގައި
ވާ މިސްކިތްތަކުގެ ތެރެއިން 3 ވަނައަށް އެންމެ މާތް މިސްކިތެވެ. ތަންމަތި ބަނދެގެން
ޒިޔާރަތްކުރަން ހުއްދަ ދެއްވާފައިވާ މިސްކިތްތަކުގެ ތެރޭގައި އަހަރެންގެ ލޮލުގެ ކޮއި
ކަމަށްވާ މަޞްޖިދުލްއަޤްޞާ ހިމެނޭކަމީ އަހަންނަށް ލިބިފައިވާ މަތިވެރި ޝަރަފަކާއި ޢިއްޒަތެއް
ނޫންހެއްޔެވެ؟ އަހަންނަކީ ފަސްގަނޑު ރަނގަޅު މުޑުވައް ރަނގަޅު ބިމެއްގެ ވެރިއަކީމެވެ.
މިއާއެކު ޤުދުރަތީގޮތުން އެތަކެއް އަގުހުރި ނިޢްމަތްތަކެއް ދެއްވާފައިވާ ނަލަ ޗާލު
ބިމެކެވެ. ނަމަވެސް މިހާރަކު އަހަރެންގެ ރީތިމަކެއް، ޗާލުކަމެއް ނަލަކަމެއް
ނެތެވެ. އަހަރެން ވަށައިލައިފައިވާނީ ބޯ ދުމެވެ. އަހަންނަކީ މުސްލިމުންގެ މިލްކެކެވެ.
ނަމަވެސް އަހަރެންގެ ނަސްލު އޮޅުވައިލައި އަހަންނަކީ ޔަހޫދީންގެ މިލްކަކަށް ހަދަން
ޒައިނިސްޓުން މަސައްކަތްކުރާތާ ޤަރުނަކާ ގާތްވަނީއެވެ. އެހެންކަމުން އަހަރެންގެ ހިތުގެ
ވިންދު ކަމަށްވާ އަހަރެންގެ މުސްލިމު އަޚުންނާއި އުޚުތުން މި ވަނީ އިންސާނީ ޙައްޤުތަކުން
މަޙްރޫމުވެ ހާލުގައި ޖެހިފައެވެ. އަހަރެންގެ ދަރިން ދުނިޔެއަށް ފަހުނޭވޭ ދޫކޮށްލަނީ
ސާފު ބޯފެން ފޮދެއް ނުލިބޭތާ ފެންބޮވައިގެންފައިވާ ހާލުގައެވެ. އަހަރެންގެ މާބަނޑު
އަންހެންދަރިންނާއި އަންހެނުންގެ ޢިއްފަތް ނަގާލަނީ ރަޙްމެއް ހަމްދަރުދީއެކޭ ކިޔާއެއްޗެއް
ދުނިޔޭގައި ނެތްކަން ހާމަކޮށްދީ އެމީހުންގެ ވޭނީ އާހް އިއްވާލާ ހާލަތުގައެވެ. އަހަރެންގެ
މައިންނާއި ބަފައިންނާއި ބޮޑުބޭބެއިންނާއި ބޮޑުދައިތަމެން ފަދަ ޢމުރުން ދުވަސްވެފައިވާ
މުސްކުޅިން ފަހުނޭވާ ދޫކޮށްލަނީ، އެބައިމީހުންގެ ދަރިންނަށް ލިބެމުންދާ ގެއްލުމުން
ސަލާމަތްކުރަން ކުރެވޭނެ ކަމެއް ނެތްކަމުގެ ވޭނީ ކަރުނަ އަޅަމުންނެވެ. އަހަރެންގެ ލޯބިވެތި
އަޚުން އެއްވެސް ކަހަލަ ޙައްޤެއް ނެތި ބިކަކޮށް ޝަހީދުކުރަމުންދަނީ ކަނުއަނދިރީގައި
ލޮލުގެ ފެނުމާމެދު ސުވާލު އުފެދޭ ފަދަ ހާލެއްގައެވެ. އަހަރެންގެ ލަޝްކަރާއި ރިޕޯޓަރުންނާއި
ޑަކުޓަރުން އެބައިމީހުންގެ މަސައްކަތުގައި ސާބިތުވެ ތިބެނީ ޒައިނިސްޓުންގެ މޭތެރޭ ހިތެއް
ނުވާކަމަށް ބުނަމުންދާ ބުނުންތަކާ އެކުގައެވެ. އިސްރާއީލުގެ ޔަހޫދީން ވަނީ އަހަރެންގެ
އަވަށްޓެރި ޤައުމުތަކާ އަހަރެން ދުރުކޮށް އެކަހެރިކޮށްފައެވެ. އެ ނުބައި ނުލަފާ އިސްރާއީލުން
މަސައްކަތް ކުރަމުން ގެންދަނީ އަހަރެންގެ ދަރިންނާއި އެ ދަރިންގެ ނަސްލު ދުނިޔެއިން
ނައްތާލައި ދުނިޔޭގެ ޗާޓުން ވެސް އަހަރެންގެ ނަން ފޮހެލައި، އަހަރެންގެ ވަސް ވެސް ދުނިޔެއިން
ނައްތާލަންކަން، އެމީހުން ދެމުން ގެންދާ ރަޙުމެއްނެތް އަނިޔާވެރި ލާއިންސާނީ ޙަމަލާތަކުން
ހާމަވެގެންދެއެވެ.
އަހަރެންގެ ބޯމައްޗަށް
ވެހެމުންދާ އުންޑައާއި ރޮކެޓާއި ބޮމުގެ ވާރެއިން އަހަރެން މި ދަނީ ބިމާ ހަމަވަމުންނެވެ.
އަހަރެންގެ އަޑު މިވަނީ ކުރަކިވެ މޯޅިވެފައެވެ. ނަމަވެސް އަހަރެންގެ އަޑަކީ ޖަޒުބާތުން
ފުރިފައިވާ ޢިޝްޤީ އަޑެކެވެ. މުސްލިމުންނޭވެ. އަހަރެންގެ އަޑު އަހާށެވެ. އަހަރެންގެ
އަޑު އަހައި، އެހެން މީހުންނާ ހަމައަށް މި އަޑު ގެންގޮސްދޭށެވެ. އަހަރެންނާއި އަހަރެންގެ
ދެ ލޮލުގެ ކޮއި ކަމުގައިވާ މަޞްޖިދުލްއަޤްޞާ، ނުލަފާ ޔަހޫދީންގެ އަތްދަށުން ސަލާމަތްކޮށްދެެވުމަށް
އެދި މުސްލިމުންގެ އައްޑަނަ ކަމަށްވާ ދުޢާގައި ހިފައި ދުޢާކޮށްދޭށެވެ. ވަދޫދުވަންތަ
ﷲ ތަޢާލާ އަހަރެންނާއި އަހަރެންގެ އަޚުންގެ ޙާލު މޮޅަށް ދެނެވޮޑިގެންވެއެވެ. އަހަންނާއި
އަހަރެންގެ ޢާއިލާއިން ތަހައްމަލުކުރަމުންދާ މިވޭނަކީ މުސްލިމުންނާ ކުރިމަތިކުރުވައިފައިވާ
އިމްތިހާނެކެވެ. މި އިމްތިހާނުން ފާސްވުމަށް އަހަރެން ދެކެ ލޯބިވާ ހުރިހާ މުސްލިމުން
މަސައްކަތްކޮށް ދިނުމަކީ އަހަރެންގެ އެންމެ ފަހުގެ އެދުންކަމަށް ބަލާށެވެ. ނަޞްރާއި
ނަޞީބަކީ ﷲގެ ޙަޟްރަތުން މެނުވީ ލިބުމެއް ނުވާކަމެކެވެ. އާދެ އަހަންނަކީ ތިޔަ ބޭފުޅުން
އެ މިސްކިތެއްދެކެ ލޯބިވާ މަސްޖުދުލްއަޤްޞާއާއި އެ މިސްކިތް ބިނާކުރެވިފައިވާ ފިލަސްޠީނުގެ
މާތް ބިމެވެ. އަހަރުމެންނަށް ނަޞްރު ލިބުން ވަނީ ދާދި ގާތުގައެވެ.
No comments:
Post a Comment