ވާހަކަ: ރާމާމަކުނާއި ކިނބޫ


ރާމާމަކުނާއި ކިނބޫ

 ކަށްބޯހެރައިގެ ބިޔަ ޖަންގަލީގައި އުޅެމުންދިޔަ މުރާލި ރާމާމަކުނެކެވެ. މި ރާމާމަކުނު ދިރިއުޅެމުން ގެންދަނީ ކޯރެއްގެ އައްސޭރީގައި ހެދިފައިވާ ވަރަށް ބޮޑު ބިޔަ ސައްކެޔޮ ގަހެއްގައެވެ. ކިނބޫ ކޮންމެ ދުވަހަކު ވެސް އެ ކޯރުގެ ތެރޭގައި އޮވެފައި މަކުނު އޮންނަ ގަހާ ދިމާއަށް ކައިރިކުރެއެވެ. ގަހުގައި މަކުނު އޮވެގެން ގަހުން މީރު ސައްކެޔޮ ބިނދެފައި ކުޑަ ކިނބުލަށް ކާންދެއެވެ.

 ކިނބޫ ދިރިއުޅެމުންދާ ކޯރަކީ މާކަނޑާ ގުޅިފައިވާ ކޯރެކެވެ. އެހެންކަމުން ބައެއް ދުވަސް ދުވަހު ކިނބޫ ވެސް މަކުނަށް ކަޅުބިލަ މަސް ގެނެސްދެއެވެ. ކިނބުލާއި މަކުނު ކޮންމެ ދުވަހަކު ދިމާވުމުން ދެ މީހުންގެ ޢާއިލާގެ ވާހަކަތަކާއި ދެމީހުންގެ އަމިއްލަ ވާހަކަ ދައްކައި ސައްލާކުރުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ.

 ދުވަސްތައް ފާއިތުވަމުން ގޮސް އެއްދުވަހަކު ކިނބޫ ބުނެފިއެވެ. "މަކުނާ އަހަރެންނާއެކު އަހަރެންގެ ގެއަށް ދާން ހިނގާ" ށެވެ. ކިނބުލުގެ ގެއަށް މަކުނު ދާނީ ކިހިނެއް ހެއްޔޭ ސުވާލުކުރުމުން ކިނބޫ ބުންޏެވެ. މަކުނު އައިސް ކިނބުލުގެ ބުރަކަށިމަތީ އިށީނުމުން ގެއަށް ގެންގޮސް ދޭނަމެވެ.

 އެ ވަގުތު މަކުނު ފުންމައިގެން ގޮސް ކިނބުލުގެ ބުރަކަށި މައްޗަށް ސަވާރުވެގެން އިށީނެވެ. ކިނބޫ ލަވަކިޔަމުން ނަށަމުން ގޮސް މާކަނޑަށް ނިކުތެވެ. މާކަނޑުގެ މެދުން ދަތުރުކުރަމުން ދިޔަ މަކުނަށް ވެސް އިނދެވުނީ ކަނޑުގެ ޗާލުކަމާއި ރީތިކަން ފެނި އާޝޯޚުވެފައެވެ. ނޫކުލައިގެ ސާލެއްހެން ފެތުރިފައި އޮތް ލޮނުގަނޑު އިރުގެ ދޯދިން ޖަރީވެ ބަބުޅަމުން ދިޔަ މަންޒަރަށް ގެއްލިފައެވެ. 

 ކިނބޫ ދަތުރުކުރަމުން ކުރަމުން ގޮސް އައްޑޫ ކަނޑު ނިމި ހުވަދޫ ކަނޑުގެ މެދަކާ ހިސާބަށް ދެވުމުން މަކުނަށް ގޮވާލަމުން ބުންޏެވެ.

"މަކުނަށް އެނގޭތަ މަކުނު މިތަނަށް މި ގެނައީ ކީއްކުރަންކަން" "މަކުނު މި ގެނައީ މަކުނުގެ މޭގަނޑު ކާލަންވެގެން" "ހެއް ހެއް ހޭ" "މިހާރު މަކުނަކަށް ފަތާފައި ވެސް ރަށާ ހިސާބަކަށް ނުދެވޭނެ" އެވެ.

 އެވަގުތު މަކުނު ބުންޏެވެ. "އެހެންވިއްޔާ އަވަހަށް އަނބުރާލާ" "އަހަރެން މިއައީ އަހަރެންގެ މޭގަނޑު ދޮވެފައި ގަހުގައި ހިއްކަން ބާއްވާފަ" "މޭގަނޑު ލިބޭނީ އަނބުރައި އައިކޮޅަށް ގޮސްގެން" އެވެ.

 މަކުނު ބުނީ ތެދެއް ކަމަށް ހީކޮށް ކިނބޫ އަނބުރައި އައިކޮޅަށް އަނބުރައި ދިޔައެވެ. މަކުނު އުޅެމުންދާ ގަހާ ހަމައަށް ދެވުނު ތަނާ މަކުނު ފުންމައިގެން ގޮސް ގަހަށް އެރިއެވެ.

"އާހް ހައް ހައް ހާ..." މަކުނު ބިނދި ބިނދިފައި ހޭން ފެށިއެވެ. މަކުނު ހެމުން ހެމުން ކިނބުލަށް ބެލިއެވެ. އަދި ބުންޏެވެ. މޭގަނޑު ވަކިން ތަނެއްގައި ބާއްވާއިގެން މީހަކަށް ދިރި ނުއުޅެވޭނެކަން ނޭނގޭ ޒާތުގެ މޮޔަ އެކުވެރިން އަހަންނަކަށް ބޭނުމެއް ނެތެވެ. ކިނބޫ ގަންނާކުރެއްވި ލަދުން ކޯރުގެ އަޑިއަށް ފީނައިފިއެވެ.


މިވާހަކައަކީ The Monkey and the Crocodile | Panchatantra Stories| English Stories| Children| Kids| Bedtime| Fairy އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ.

ނިމުނީ


No comments: