ބައޮގުރަފިކަލް ރިކައުންޓު: ޔޫސުފް މިޝްޢަލް

 ޔޫސުފް މިޝްޢަލް 

   

                    

          ފެހުމުގެ ދާއިރާއިން ރާއްޖޭގައި ފާހަގަ ކުރެވޭ ޒުވާން މަޝްހޫރު ފެހުންތެރިޔާއަކީ ސ. ހަޖާރާ، ގުލްސަންޕާގޭ ޔޫސުފް މިޝްޢަލެވެ. 1994 އޮގަސްޓު 10 ގައި އުފަންވި މިޝްޢަލް ޢާއްމުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ "މިއްޓަލާ" ގެ ނަމުންނެވެ.

          މިޝްޢަލްގެ މާމާ ޝަދިޔާ އަޙްމަދަކީ ފެހުމުގައި މުޅި ސީނު އަތޮޅުން ފާހަގަ ކުރެވޭ ހުނަރުވެރިއެކެވެ. މިޝްޢަލްގެ ޢުމުރުން އެންމެ 9 އަހަރުގައި މާމަ ފަހާ ހެދުންތަކުގެ ރޮދިކޮށައި ގޮތް ހަރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނެވެ. މިއީ، މިޝްޢަލް މިދާއިރާއަށް ވަދެވެން މެދުވެރިވި ސަބަބެވެ. އަދި ލިބޭ ހުސްވަގުތުގައި ފެހުމުގެ ތަފާތު ހުނަރުތައް މާމަ ގާތުން ދަސްކުރިއެވެ.

          2004  ވަނަ އަހަރު، ލޮލަށް ޖެހުނު ބައްޔެއްގައި މިޝްޢަލްގެ މާމަގެ ލޯފަން މީހަކަށް ވުމުގެ ސަބަބުން ފެހުމުގެ މަސައްކަތް ހުއްޓައިލިއެވެ. އެހާ ހިސާބުން މާމަގެ ހުރިހާ މަސައްކަތަކާ ހަވާލުވީ މިޝްޢަލެވެ. ނަތީޖާއެއްގެ ގޮތުން މިޝްޢަލްގެ ހިތުގައި މިދާއިރާއަށް ޚާއްޞަ ލޯތްބެއް އުފެދުނެވެ. އަދި ވިޔަފާރިއެއްގެ ގޮތުގައި މިކަން ތަރައްޤީކޮށް އުފަން ރަށުގައި "ޝާދިޔާ ޓެއިލާރސް" ގެ ނަމުގައި ފަހާތަނެއް ހުޅުވިއެވެ.

          2005 ވަނަ އަހަރު ބޭއްވި އަތްތެރި މަސައްކަތުގެ މައުރަޒުގައި މިޝްޢަލް ބައިވެރިވީ އޭނާގެ މާމަގެ އެދުމުގެ މަތިންނެވެ. އެ މައުރަޒުގައި އޭނާ ބައިވެރިކުރި އަތްދަބަހާއި ޘަޤާފީ ހެދުންތަކަށް ޢާއްމުންގެ ބޮޑު ތަރުޙީބެއްލިބި، އެ މައުރަޒުގައި "ކޮސްޓިއުމް ޑިޒައިނިންގް" އިން އެއްވަނަ ލިބުނެވެ.   

          ސާކު ގައުމުތަކުގެ މެދުގައި ބޭއްވުނު ސާކު ޗެންޕިއަން "ފެހުމުގެ އެވޯޑު" ފެހުމުގެ މުބާރާތްތަކުގައި ބައިވެރިވެ މިޝްޢަލަށް ވަނީ ތަފާތު ތަފާތު ކާމިޔާބީތަކެއް ލިބިފައެވެ. އެގޮތުން 2005 ވަނަ އަހަރު އެންމެ މޮޅު ފަސްވަނައިގައި އޭނާގެ ނަން ހިމެނުނެވެ. އަދި 2006 ވަނަ އަހަރު މިޝްޢަލަށް ވަނީ މުބާރާތުން ދެވަނަ ލިބިފައެވެ. އަދި އޭގެ ތިން އަހަރު ފަހުން 2009 ވަނަ އަހަރު އެ މުބާރާތުގެ ފަޚްރުވެރި އެއްވަނަ އޭނާއަށް ވަނީ ލިބިފައެވެ. މީގެއިތުރުން 2010 ވަނަ އަހަރު ސައުތް އެފްރިކާގައި ބޭއްވުނު "ކަލްޗަރަލް އެވޯޑު" ފެހުމުގެ މުބާރާތުގައި ބައިވެރިވެ އެ މުބާރާތުގެ ތިންވަނަ މަޤާމު ލިބިފައިވެއެވެ. ހަމައެހެންމެ 2012 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވުނު "އިސްލާމިކް ވުމެންސް ކުލޯތު ޑިޒައިން" ގައި ބައިވެރިވެ ހުށަހެޅި ހެދުންތަކަށް ވަނީ މުޅި މުބާރާތުގެ ފަޚްރުވެރި އެއްވަނަ ލިބިފައެވެ.

          މި ދާއިރާއިން އޭނައަށް ލިބެމުންދިޔަ ކާމިޔާބީތާކާއެކު ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ބޭނުމުގައި މިޝްޢަލް ބުރޭންޑު ނަމުގައި ހެދުންތައް ފަހައި ވިއްކަން ފެށިއެވެ. އޭނާގެ އަތޮޅުން އެކަނި ލިބެން ހުރި ހެދުންތައް ރާއްޖޭގެ ދެ ސަރަހައްދަކުން ލިބޭނެގޮތް ހެދުމުގެ ގޮތުން ހއ.ތުރާކުނުގައްޔާއި، ކ. މާލޭގައި އޭނާ ފަހާ ހެދުންތައް ވިއްކާ ދެ ފިހާރަ ހުޅުވިއެވެ. މިކަން ވެގެން ދިޔައީ އޭނާގެ އަތޮޅުން ބޭރުވެ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ބަޔަކަށް މިޝްޢަލްގެ ފެހުން ޢާއްމުވެގެން ދިޔަ ކަމަކަށެވެ.

          ފެހުމާއި ޑިޒައިންކުރުމުގެ ދާއިރާއިން ކުދިން ތަމްރީނު ކުރުމުގެ އިތުރުން، ޤައުމަށް ހޯދައިދޭ ރީތި ނަން ފާހަގަކޮށް މިޝްޢަލަށް ވަނީ ރެހެންދި އެވޯޑުގެ އިތުރުން ޢާއްމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 2019 ވަނަ އަހަރު ލިބިފައެވެ.

          ފެހުމާއި ޑިޒައިންކުރުމުގެ ދާއިރާގައި ސާބިތުވެ ހުރި މިޝްޢަލަކީ މި ދާއިރާއިން ރާއްޖެ ފަޚުރުވެރިވާ ފަދަ ރަންވަނަތަކެއް ހޯދައިގެން ރާއްޖެއަށް ރީތި ނަންތަކެއް ގެނެސްދެމުންދާ ހުނަރުވެރި ޒުވާނެކެވެ.

No comments: