ކާމިޔާބު ވިޔަފާރިއެއް ކުރުމަށްޓަކައި
ސަމާލުކަންދޭންވީ ކަންތައްތައް
އަމިއްލަ ވިޔާފާރިއެއް ފެށުމަކީ ގިނަޒުވާނުންގެ
ވަރަށްބޮޑު ހުވަފެނެކެވެ. މި ހުވަފެން ކާމިޔާބު ކުރުމަށް ދުނިޔޭގެ ކަންކޮޅު ތަކުގައި
ޒުވާނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް ވިޔަފާރީގައި
ކާމިޔާބުލިބެނީ ވަރަށް މަދުބައަކަށެވެ. އެހެންކަމުން ކާމިޔާބު ވިޔަފާރިއެއް
ކުރުމަށްޓަކައި ސަމާލުކަންދޭންޖެހޭ ކަންތަކުގެ އިރުޝާދު ޙިއްޞާކޮށްލާނަމެވެ.
ވިޔަފާރިއަކީ ކާމިޔާބު ވިޔަފާރިއަކަށް
ހެދުމަށްޓަކައި، ތިމާ ވިޔަފާރިކުރަން ހޭދަކުރާނެ ފައިސާއަކީ ޙަލާލު މަސައްކަތުން
ހޯދާފައިވާ ޙަލާލު ރުފިޔާކަން ކަށަވަރުކުރާށެވެ. އަދި ކުރަން އުޅޭ ވިޔަފާރިއަކީ
ކޮންކަހަލަ ވިޔަފާރިއެއްކަން ނިންމާށެވެ. މިއާއެކު ތިމާ ވިއްކަން ކަނޑައަޅާ
ބާވަތަކީ މީސްތަކުންގެ މެދުގައި މަޤުބޫލު އެއްޗެއްތޯ ބެލުމާއެކު، އެއީ ޙަލާލު އެއްޗެއްކަން
ކަށަވަރުކުރާށެވެ. އޭރުން އެ ވިޔަފާރިއެއްގައި ﷲ ބަރަކާތް ލައްވާނެއެވެ. ﷲ ގެ
ބަރަކާތާއި ރުހުން އެކަމުގައި ޝާމިލުވެއްޖެނަމަ ވިޔަފާރި ކާމިޔާބުވުމަށް
މަގުފަހިވެގެންދާނެއެވެ.
ކާމިޔާބު ވިޔަފާރިއެއް ކުރުމަށްޓަކައި
ފިހާރަ ހުޅުވާ ސަރަހައްދަކީ ޢާއްމުކޮށް މީހުން ދިރިއުޅޭ ސަރަހައްދެއްކަން
ޔަގީންކުރާށެވެ. އަދި ތިމާ ވިއްކަން ބޭނުންވާ ބާވަތްތައް އެކުލެވޭ ފިހާރައެއް އެ
ސަރަޙައްދުގައި ހުރި ނެތްތޯ ޔަގީންކުރާށެވެ. މީހުން އުޅޭ ސަރަހައްދަކަށް ވެފައި އެ
ބާވަތުގެ މުދާ އެ ސަރަހައްދަކުން ލިބެން ނެތް ނަމަ އެ ފިހާރައަށް ދާ މީހުންގެ
އިތުރުވެގެންދާނެއެވެ. އޭރުން މި ވިޔަފާރީއަކީ މީހުންގެ މެދުގައި މަޤްބޫލުކަންލިބި
ކާމިޔާބު މަސައްކަތަކަށް ވެގެންދާނެއެވެ.
ވިޔަފާރި ބަނގަރޫޓު ނުވެ ކާމިޔާބު
ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ފިހާރައަށް ވަންނަ މީހުންނަށް ދޭ
ޙިދުމަތަކީ އެ މީހުން ބަލައިގަންނަ ފަދަ ޚިދުމަތަކަށް ހަދާށެވެ. ކަސްޓަމަރުން ކުރާ
ސުވާލުތަކަށް ހިނިތުންވެރި މޫނަކާއެކު މަޑުމައިތިރިކަމާއެކު ޖަވާބުދޭށެވެ.
އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހައްދެއް ބާއްވާށެވެ. ކަސްޓަމަރު ދާ
ކޮންމެ ތަނަކަށް ފަހަތުން ދާނަމަ އެ ފިހާރައަކަށް ވަންނަން މީހުން ފޫހިވާނެއެވެ.
އެހެންކަމުން ފިހާރައަށް މުވައްޒަފުން އައްޔަންކުރާއިރު "ކަސްޓަމާކެއާރ"
ކުރަން ދަންނަ އެކަމަށް އަހުލުވެރި މީހުންނަށް ޖާގަދޭށެވެ. އޭރުން ވިޔާފާރީގައި
ކާމިޔާބުލިބުމަށް މަގުފަހިވެގެންދާނެއެވެ.
ވިޔަފާރީގެ ކުރާ މީހުން ގިނަވެފައިވާ
ދުވަސްވަރެއްގައި ތިމާކުރާ ވިޔަފާރިއަކީ ކާމިޔާބު ވިޔަފާރިއަކަށް ހެދުމަށްޓަކައި
ޙަލާލު ފައިސާ ނޫން ފައިސާއެއް ވިޔަފާރީގައި ބޭނުންނުކުރުމަށް ސަމާލުވުމަކީ
މުހިއްމުކަމެވެ. ހަމަމިއާއެކު ފިހާރަ
ހުޅުވާ ސަރަހައްދަކީ ޢާއްމުކޮށް ގިނަބަޔަކު ޖަމާވާ ނުވަތަ ވިޔަފާރިކުރެވޭ
ސަރަހައްދެއްތޯ ބެލުމާއެކު ފިފާރައިން ލިބޭ ޚިދުމަތަކީ ފެންވަރު ރަނގަޅު
ޚިދުމަތަކަށް ހެދުމަކީ ބޭނުންތެރިކަމެކެވެ. އޭރުން އެ ފިހާރައަށް ވަންނަ މީހުން
އިތުރުވެ، މީހުންގެ މެދުގައި މަޤްބޫލު ފިހާރައަކަށް އެ ތަން ވެގެންދާނެއެވެ.

No comments:
Post a Comment