ސިޓީ ލިޔުން

 


   
 ސިޓީ ލިޔުން


Image result for ‫ސިޓީ‬‎

ލިޔުނީ: ޒީނަތު ލަބީބު.

ސިޓީއަކީ ވަރަށް މުހިއްމު އެއްޗެކެވެ. ސިޓީއާނުލައި މީހުންގެ ދިރިއުޅުން، ސަރުކާރުތަކުގެ ހިނގުން، ކުންފުނިތަކުގެ ވިޔަފާރި ކުރިއަށް ގެންދިއުމަކީ ވަރަށް ދަތި އުނދަގޫކަމެކެވެ. ޚާއްޞަކޮށް ރަސްމީ ސިޓީއަކީ އޮފީސްތައް ހިންގުމުގައި ވަރަށް ބޮޑު ބައެއް އަދާކުރާ އެއްޗެކެވެ. ވީމާ، ރަސްމީ ސިޓީއާ ދޭތެރޭ ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. ސިޓީއަކީ ކަމެއް އެންގުމުގެ ގޮތުން ނުވަތަ ކަމަކަށް އެދި ކޮންމެވެސް ފަރާތަކުން އެހެން ފަރާތަކަށް ފޮނުވާ ލިޔުމެކެެވެ.

ސިޓީގެ ބާވަތްތައް:

ސިޓީ ބެހެނީ މައިގަނޑު 2 ބާވަތެއްގެ މައްޗަށެވެ. އެއީ ރަސްމީ ސިޓީއާއި އަމިއްލަ ސިޓީއެވެ. ރަސްމީ ސިޓީއަކީ ރަސްމީ ފަރާތްތަކުން ލިޔާސިޓީއެވެ. އަމިއްލަ ފަރާތްތަކުން ލިޔާ ކޮންމެސިޓީއެއް ވާނީ އަމިއްލަ ސިޓީއަކަށެވެ. ނަމަވެސް މިއިން ކޮންމެ ބާވަތެއް 2 ބަޔަކަށް ބައިކޮށް ނަންދީފައި ހުރެއެވެ. އެބައިތައް ދައްކުވައިދޭ ކުރެހުމެއް ތިރީގައި އެވަނީއެވެ. އަދި ތަފްޞީލުވެސް ހިމަނާފައި ވާނެއެވެ.

Image result for ‫ސިޓީ‬‎
                                                           

އަމިއްލަ އަމިއްލަ ސިޓީ:

އަމިއްލަ އަމިއްލަ ސިޓީއޭ ބުނެވެނީ ރަސްމީ އެއްވެސް ފަރާތެއް ބައިވެރިނުވާ ސިޓީއަށެވެ. އެއީ އަމިއްލަ މީހަކު ނުވަތަ ބަޔަކު އަމިއްލަ އެހެން ފަރާތަކަށް ފޮނުވާ ސިޓީއެވެ. ޢާއިލާގެ މެންބަރުންނާއި އެކުވެރިންނަށް ފޮނުވާ ސިޓީއަކީ އަމިއްލަ އަމިއްލަ ސިޓީއެވެ.

އަމިއްލަ ރަސްމީ ސިޓީ:

އަމިއްލަ ރަސްމީ ސިޓީއަކީ އަމިއްލަ ފަރާތަކުން ރަސްމީ ފަރާތަކަށް ލިޔާ ސިޓީއެވެ. އެއީ އެކި އެކި ބޭނުންތަކުގައި އަމިއްލަ މީސްމީހުން ރަސްމީ ފަރާތްތަކަށް ފޮނުވާ ސިޓީއެވެ.

ރަސްމީ ރަސްމީ ސިޓީ:

ރަސްމީ ރަސްމީ ސިޓީ އަކީ ރަސްމީ އިދާރާއަކުން ނުވަތަ ރަސްމީ ފަރާތަކުން ރަސްމީ ފަރާތަކަށް ފޮނުވާ ސިޓީއެވެ. މިބާވަތުގެ ސިޓީ ލިޔާނީ ވެސް އަދި ލިބޭފަރާތަކީވެސް ރަސްމީ ފަރާތެކެވެ.

ރަސްމީ އަމިއްލަ ސިޓީ:

ރަސްމީ އަމިއްލަ ސިޓީއަކީވެސް ހަމަ ރަސްމީ ސިޓީއެކެވެ. ނަމަވެސް މިބާވަތުގެ ސިޓީ ލިބޭ ފަރާތަކީ ޢާއްމު ނުވަތަ އަމިއްލަ ފަރާތެކެވެ. މިސިޓީ ލިޔާނީ ރަސްމީ ފަރާތަކުންނެވެ.

ސިޓީގެ ބައިތައް: 

ސިޓީގައި އޮންނާނީ މައިގަނޑު 2 ބައެކެވެ. އެއީ އޮނިގަނޑާއި މައިގަނޑެވެ. ކޮންމެބާވަތެއްގެ ސިޓީއެއްގައި ވެސް މި 2 ބައި އޮންނާނެއެވެ. ނަމަވެސް ސިޓީގެ ބާވަތުގެ ގޮތުން އޮނިގަނޑުގައި ހިމެނޭ ބައިތައް ތަފާތުވާނެއެވެ.

ސިޓީގެ އޮނިގަނޑު:
ސިޓީގެ އޮނިގަނޑަކީ ސިޓީގައި ހިމެނޭ ބައިތަކާއި އެބައިތައް ކަރުދާހުގައި އެތުރިފައި ހުންނަ ގޮތެވެ. ސިޓީގެ އޮނިގަނޑުގައި ހިމެނޭ ބައިތަކަކީ :
1-      ބިސްމި
2-      ނިޝާން ( ރަސްމީ )
3-      ލިޔާފަރާތުގެ އެޑްރެސް
4-      ނަމްބަރު ( ރަސްމީ )
5-      ޚިޠާބު ކުރުން ( ސިޓީ ލިބެންވާ ފަރާތުގެ ނަން )
6-      ސަލާމުގެ ޢިބާރާތް
7-      އިޙްތިރާމުގެ ޢިބާރާތް
8-      ތާރީޚް ( ރަސްމީ ސިޓީގައި 2 ތާރީޚް : ފުރަތަމަ ހިޖުރީތާރީޚު)
9-      ޚާދިމްކުމް
10-   ސޮއި
11-   ސޮއިކުރި މީހާގެ ނަން
12-   މަޤާމު ( ރަސްމީ )
13-   ސިޓީ ލިބެންވާ ފަރާތުގެ އެޑްރެސް
އޮނިގަނޑުގައި ހިމެނޭ ބައިތަކުގެތެރެއިން ބައެއް ބައިތައް އަމިއްލަ ސިޓީތަކަކު ނުހުންނާނެއެވެ. ނިޝާން، ނަމްބަރު، ދެތާރީޚް އަދި ސޮއިކުރިމީހާގެ މަޤާމު ލިޔުމަކީ ރަސްމީ ސިޓީތަކަށް ޚާއްޞަކުރެވިފައިވާ ބައިތަކެވެ. ކުރެހުން 1 ގައި އެވަނީ ރަސްމީސިޓީއެއްގެ ފޯމެޓެވެ. އަދި ދެވަނަ ކުރެހުމަކީ އަމިއްލަސިޓީގައި ހިމެނޭ ބައިތައް ދައްކުވައިދޭ ފޯމެޓެވެ.


ކުރެހުން 1

ރަސްމީ ސިޓީގެ އޮނިގަނޑު 
                                                          Image result for ‫ސިޓީ‬‎

ކުރެހުން 2

އަމިއްލަ ސިޓީގެ އޮނިގަނޑު 
Image result for ‫ސިޓީ‬‎

ކުރެހުމުގައި ދައްކާފައިވާ ގޮތަށް އޮނިގަނޑުގައި އެބައެއް އޮންނަންވާތާގައި  ބޭއްވުމަކީ މުހިންމު ކަމެކެވެ. އަދި އޮނިގަނޑުގެ ބައިތަކުގެ ތެރެއިން އަންނަނިވި ނުކުތާ ތަކުގައި އިޝާރާތް ކޮށްފައިވާ ކަންތައްތަކަށް ސަމާލުކަން ދޭންވާނެއެވެ.

1.     ސިޓީ ލިޔާފަރާތުގެ އެޑްރެހާ ލިބެންވާފަރާތުގެ ނަމާ ދެމެދު ހުސްފޮޅުވަތެއް ދޫކުރުން.
2.     ރަސްމީ ސިޓީއެއްނަމަ ނިޝާނާއި ނަމްބަރާއި 2 ތާރީޚް އަދި ސޮއިކުރި މީހާގެ މަޤާމު ލިޔުން.
3.     ސިޓީ އެޑްރެސްކުރާ ނުވަތަ ލިބެންވާ ފަރާތުގެ ނަން ލިޔާއިރުވެސް ރަސްމީ ސިޓީއެއްނަމަ މަޤާމާއި ލަޤަބް ނަމުގެ ކުރިއަށް އިތުރުކުރުން.
4.     ރަސްމީ ސިޓީގައި ސަލާމުގެ ޢިބާރާތް " ވެދުން ސަލާމަށްފަހު ދަންނަވަމެވެ." މިގޮތަށް ބޭއްވުން.
5.     ރަސްމީ ސިޓީގައި 2 ތާރީޚް ޖަހާއިރު ފުރަތަމަ ހިޖުރީ ތާރީޚް ލިޔުން.

  ސިޓީގެ މައިގަނޑު:
    
ސިޓީގެ މައިގަނޑުގައި ހިމެނޭނީ ސަލާމުގެ ޢިބާރާތާއި އިޙްތިރާމުގެ ޢިބާރާތާ ދެމެދުގައި އޮންނަ ބައެވެ. މިއީ ސިޓީގެ ވަރަށް މުހިއްމު ބައެކެވެ. މިބައިގައި ބަޔާންކުރާނީ ކަންއޮތްގޮތް ނުވަތަ ކަންވީގޮތް އަދި އެދޭ ގޮތެވެ. ސިޓީގެ މަޤްޞަދު ޙާޞިލުވާނީ މިބައިންނެވެ. ތިރީގައި އެވަނީ ސިޓީގެ މައިގަނޑު ޢިބާރާތް ކުރުމުގައި ސަމާލުކަންދޭންޖެހޭ ނުކުތާތަކެވެ.

1-      ބޭނުމެއްނެތް ބޭކާރު ހާސަރު ނުލިޔުން.
2-      ބޭނުންވާ ކަންތައް ނުވަތަ ބޭނުންވާ ގޮތް އޮޅުންނާރާނެހެން ސާފުކޮށް ލިޔުން.
3-      ސިޓީ ނޯޓަކަށް ސިޓީ ލިޔާއިރު ނޯޓުގައި އިޝާރާތްކުރާ ހުރިހާ ނުކުތާއެއް ފުރިހަމަ ކުރުން.
4-      ސިޓީއެއްގެ ޖަވާބުގައި ސިޓީއެއްލިޔާނަމަ އެސިޓީއާ ޙަވާލާ ދީގެން ލިޔުން.
5-      ރަސްމީފަރާތަކަށް ލިޔާ ސިޓީއެއްނަމަ އެފަރާތަކާ އެކަށޭނެ ދަރަޖައަކުން ބަސްމަގު ބެހެއްޓުން.
6-      ސިޓީގެ މައިގަނޑުގައި ހިމެނޭ ބައިތައް ޕެރެގްރާފްކޮށްފައި ބެހެއްޓުން.
7-      ސިޓީ ނޯޓު ރަނގަޅަށް ކިޔައި، ފޮނުވާފަރާތާއި ލިބެންޖެހޭ ފަރާތް ދެނެގަތުން.

ސިޓީ ޢިބާރާތްކުރުން
    
އެންމެ ފުރަތަމަ ސިޓީ ޢިބާރާތް ކުރުމުގެ މައްޗަށް ވިސްނާލުން ރަނގަޅުވާނެއެވެ. ސިޓީ ލިޔަންވާނީ، އެސިޓީގައި ލިޔަންޖެހޭ ވާހަކަތައް ކޮންމެވެސް އެކަށީގެންވާ ގޮތަކަށް ތަރުތީބުކޮށް އަތުރާލައިގެންނެވެ. ސިޓީ ލިޔަން ފަށާއިރު، ސިޓީ ލިޔަން ޖެހުނު ސަބަބު ނުވަތަ މަޤްޞަދު ރަނގަޅަށް އެނގެންވާނެއެވެ. އެހެން ގޮތަކަށް ބުނާނަމަ ސިޓީގައި ލިޔަންވީ ކޮންކަހަލަ ވާހަކަތަކެއްކަން ރަނގަޅަށް އެނގެން ޖެހޭނެއެވެ. ސިޓީގައި ލިޔަންވީ ވާހަކައެއް ރަނގަޅަށް އޮޅުން ނުފިލާ ޙާލެއްގައި، އަދި ސިޓީގައި އެކުލަވަންވީ ބައިތައް ވަކި ތަރުތީބަކުން ނޯޓުކޮށް ލިޔަން ފަށައިފިނަމަ އެސިޓީ ފުރިހަމަ ސިޓީއަކަށް ނުވުމަކީ ވަރަށް ކައިރީގައި އޮންނާނޭ ކަމެކެވެ. ޚާއްޞަކޮށް މުހިއްމު މައްސަލަތަކާ މެދު މި ގޮތަށް ނޯޓުނުކޮށް ދިގު ސިޓީއެއް ލިޔެފިނަމަ ފަހަރެއްގައި، ބޭނުންތެރި ނުކުތާއެއް ނުހިމެނި އޮތުން ވަރަށް ކައިރިއެވެ.

ސަލާމަށްފަހު ދެން ސިޓީގައި ލިޔެފަިވާ ފުރަތަމަ ޢިބާރާތުން ނުވަތަ ބަސްކޮޅުން އެސިޓީއަކީ، ކޮން މައްސަލައަކާމެދު ލިޔެފައިވާ ސިޓީއެއްކަން ކިޔާމީހަކަށް ވިސްނޭ ގޮތަށް ލިޔުން ރަނގަޅެވެ. އެތައް ވާހަކަތަކަކަށްފަހުވެސް ކިޔާމީހާއަށް ސިޓީގެ ބޭނުން ނުވިސްނޭނަމަ އެސިޓީއަކާ ދިމާއަށް އެމީހެއްގެ ޝައުޤުވެރިކަން ދަމައިގަތުން ވަރަށް  ކުޑަވާނެއެވެ.

ސިޓީއެއް ޕެރެގްރާފްތަކަކަށް ބަހާލާނަމަ، އެޕެރެގްރާފެއްގެ ޕޮއިންޓް އެޕެރެގްރާފަކުން ރަނގަޅށް ސާފުވާނެއެވެ. މިސާލަކަށް ވަކި ކމެއް ވަކި ގޮތަކަށް ހަމަޖައްސައި ދެވެންނެތްކަމަށް ބަޔާންކޮށް ލިޔާ ޢިބާރާތްތައް، އެއީ ވަކި ޕޮއިންޓެއް ކަމަށް ބަލައި ވަކި ޕެރެގްރާފެއްގައި އެވާހަކަތައް ލިޔެވިދާނެއެވެ.

ސިޓީގެ ރާގަކީ ވަރަށް މުހިއްމު އެއްޗެކެވެ. ސިޓީއެއްގެ ރާގަކީ ބޭނުންވާ ބަސްތައް ބުނެފައި ހުންނަ ގޮތެވެ. ރާގާމެދު ވިސްނާލަން އެންމެ ފަސޭހަވާނީ މިގޮތަށް އެހެން މީހަކު ތިމާއަށް ލިޔެފިނަމަ، ތިމާއަށް ރުހެވޭނެތޯ އަމިއްލައަށް ސުވާލުކޮށްލުމުންނެވެ. ސިޓީގައި އަދަބުވެރިކަމަށް ވަރަށް ބޮޑަށް ބަލަންވާނެއެވެ. ހަރުކަށިނުވެ ޤަވާޢިދުގައި ހުރެވިދާނެކަން ހަނދާން ބަހައްޓާށެވެ. ސާފު، ފޮރުވުމެއްނެތް، ތެދުވެރި ޢިބާރާތްތަކަށްވުރެ ފައިދާހުރި އެއްޗެއް ނެތެވެ. ސިޓީގައި ވީހާވެސް ކުރު، ޞަރީޙަ ޢިބާރާތް ތަކަކުން ކަންއޮތްގޮތް އަދަބުވެރިކަމާއެކު ބުނެދީފައި އޮޅުން ފިލުވާ ދީފައި އޮންނަން ވާނެއެވެ. ދިގު ޖުމްލަތަކާއި އުނދަގޫ ބަސްތައް ލިޔުން ރަނގަޅެއް ނޫނެވެ.

ސިޓީއެއްގެ ޖަވާބުދިނުމުގެ ގޮތުން ލިޔާ  ސިޓީއެއްނަމަ އެއީ ޖަވާބު ސިޓީ އެއްކަން އެނގެން އޮންނަންވާނެއެވެ. އަދި  ޖަވާބު ދޭ ސިޓީގެ ނަމްބަރާއި ތާރީޚުވެސް އޮންނަން ވާނެއެވެ. ޖަވާބު  ދިނުން  ފިޔަވައި، ވަކި ސިޓީއަކާ ގުޅޭގޮތުން ކަމެއް ނުވަތަ މަޢުލޫމާތެއް ސާފުކޮށްލުމުގެ ގޮތުން ލިޔާ ސިޓީއެއްނަމަ، އެސިޓީއާ ގުޅޭ ގޮތުން ނުވަތަ އެސިޓީއާ ހަވާލާދި ލިޔުން ރަނގަޅުވާނެއެވެ.

އެދޭކަމެއް ކޮށްދެވެން ނެތިގެން ޖަވާބުދޭނަމަވެސް އެކަން ކޮށްދެވެންނެތް ސަބަބާއެކު ސާފު ޢިބާރާތުން އެއްވެސް ފޮރުވުމެއްނެތި އަންގައިދޭންވާނެއެވެ. ކަމެއްނުވާގޮތް މެދުވެރިވެފައި ނުވި ސަބަބު ނޭނގުމަށްވުރެ ސޓީކިޔާމީހާގެ ހިތްނުތަނަވަސްވާނެ ކަމެއް ނެތެވެ.

ޖަވާބު ސިޓީއެއްނަމަ ސުއާލު ސިޓީގައިވާ ހުރިހާ ސުއާލަކަށް ޖަވާބު ދެވިފައިވާންވާނެއެވެ. ސުއާލު އުފެދިދާނެ ވާހަކައެއްނަމަ އެކަންވެސް ސުއާލު ނުކުރެވޭ ގޮތަށް ސާފުކޮށްދިނުން ބޭނުމެވެ.

ސިޓީގައި ހުންނަންވާނީ ހަޤީޤަތެވެ. ޤަވާޢިދުތަކަށް ފެތޭ މަޢުލޫމާތުތަކެވެ. ވީމާ، ޖަވާބުދެވޭ ސިޓީވެސް  ކިޔާލާ ކުރީގެ ފައިލެއް ބަލަންޖެހޭނަމަ ބަލައި ޤަވައިދުތަކަށް ވިސްނައި މަޢުލޫމާތުތައް ޗެކްކޮށް ކުށެއް އޮތްތޯ ބަލަންވާނެއެވެ. އަދި ބަހުގެގޮތުން ހަމަނުޖެހޭ ޢިބާރާތެއް އޮތްތޯ އަދި ޢިމްލާކުށެއް އޮތްތޯވެސް ބަލަންވާނެއެވެ.

އެއްވެސް ޙާލެއްގައި ފުރަތަމަ ސިޓީ ރަނގަޅަށް ކިޔާފައި ނުދީ  ސޮއި ނުކުރާށެވެ.

ގެޒެޓުގައި ރަސްމީސިޓީއާ ބެހޭގޮތުން ބަޔާންކުރެވިފައިވާ މުހިއްމު ނުކުތާތައް:

1-      ދައުލަތުގެ އެއްތަނަކުން އަނެއް ތަނަކަށް ލިޔާ ސިޓީތަކުގެ ތެރެއިން އެތާގެ ފަރާތުން  ކަމަކަށް ނުވަތަ ލަފަޔަކަށް އެދި ލިޔާ ސިޓީގައި އެތަނަަކަށް އެކަމެއް ފެންނަގޮތެއް ނުވަތަ އެކަމެއްގެ ލަފައެއް ލިޔަންވާނެއެވެ.
2-      ދައުލަތުގެ ކަަންކަމާއިމެދު ކުރިން ފޮނުވާފައިވާ ސިޓީއަކާ ބެހޭ ވާހަކައެއްލިޔަނީ ވިއްޔާ ކުރިން ލިޔުނު ސިޓީގެ ހަވާލާ ފަހުގެ ސިޓީގައި ދޭންވާނެއެވެ.
3-      ދައުލަތުގެ އެއްތަނަކުން އަނެއްތަނަކަށް ފޮނުވި ސިޓީއަކަށް އެވަޤުތަށް ފުރިހަމައަށް ޖަވާބު ދެވެން ނެތްނަމަ އެކަމާއިމެދު ކުރަންވީ ކަމަކާއި އަދި ފުރިހަމަ ޖަވާބެއް ދެވޭނެ ދުވަސްވަރެއް ބަޔާންކޮށް އެތަންވަޅަށް ފުދޭނެ ޖަވާބެއް ލިޔެ  ފޮނުވަންވާނެއެވެ.
މަޞްދަރު:
ޙަސަން ލަބީބު. ކެމީ. ސ. ހިތަދޫ.
ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް 2008   

No comments: