ޢީދުދުވަހުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށްޓަކައި މުސްލިމުން ކަންތައް ކުރަންވާ ގޮތް
ކޮންމެ މިއްލަތެއްގެ ބަޔަކަށްވެސް
ޢީދެއްވާފައިވާ ފަދައިން، މުސްލިމުންނަށް ވެސް ދެ ޢީދު ދުވަސް ލައްވާފައިވެއެވެ. ޢީދުދުވަސް
ފާހަގަކުރުމަކީ މުސްލިމުންގެ މަތިވެރި ޝިޢާރެކެވެ. ދެ ޢީދު ދެ ދުވަސް އަންނަނީ
އިސްލާމްކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ބޮޑު ދެ އަޅުކަމެއް ނިންމުމާ
ގުޅިގެންނެވެ. އެއީ މުސްލިމުން އުފާފާޅުކޮށް ހަދަންވީ ދެ ދުވަހެވެ. އެހެންކަމުން މި
ދުވަހުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށްޓަކައި ކަންތައް ކުރެވިދާނެ ގޮތުގެ
އިރުޝާދުތަކެއް ހިއްސާކޮށްލަމެވެ.
ޢީދުދުވަހުގެ
ބޭނުން ރަނގަޅުގޮތުގައި ހިފުމަށްޓަކައި ޢީދު ނަމާދަށް ދާށެވެ. އެކަމުގައި
ފަރުވާކުޑަ ނުކުރާށެވެ. އެދުވަހުގެ ޖަމާޢަތުގައްޔާއި ދުޢާގައި ހުރިހާ މުސްލިމުން ވެސް
ބައިވެރިވުމަށް ނަބިއްޔާ ވަނީ ބާރު އަޅުއްވާފައެވެ. ޢީދު ނަމާދަކީ މުސްލިމުން
އެއްތަންވެ، ޢީދުގެ ތަހުނިޔާ ކިޔައި، ހެޔޮ ދުޢާކުރުމުގެ އިތުރުން މާތް ﷲގެ
ހަޟްރަތަށް ޝުކުރުވެރިވުމުގެ ގޮތުން އަދާކުރާ މަތިވެރި އަޅުކަމެކެވެ. މި ނަމާދުން
މުސްލިމުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުވެއެވެ. ވީމާ
މި ނަމާދަށް އަހައްމިއްޔަތުކަން ދީ، ޤަވާއިދުން ނަމާދަށް ހާޒިރުވާށެވެ.
އެހެންކަމުން ޢީދު ނަމާދު އަދާކުރުމަށް ސަމާލުކަންދެވިއްޖެނަމަ ޢީދުދުވަހުގެ
ބޭނުން ރަނގަޅުގޮތުގައި ހިފުމަށް މަގުފަހިވެގެން ދާނެެއެވެ.
ޢީދު
ދުވަހަކީ އުފާ ފާޅުކުރުމުގެ ދުވަހަކަށް ވީ ހިނދު، މި އުފަލުގައި ނިކަމެތިންނާއި
ފަޤީރުން ބައިވެރިކުރާށެވެ. އެއީ މާތް ﷲ ރުއްސަވުމާއި ފުއްސެވުން ލިބޭނޭ ކަމެކެވެ.
ނިކަމެތިންނާއި ފަޤީރުން ޢީދުގެ އުފަލުގައި ބައިވެރިކުރުމަށްޓަކައި ފިޠުރު ޒަކާތް
ދޭށެވެ. އޭގެ ސަބަބުން އެބައިމީހުންގެ ހިތްތަކަށް އުފާވެރިކަން ލިބިގެންދާނެއެވެ.
އަދިހަމަމިއާއެކު ޢީދު ދުވަހަށް ތައްޔާރުކުރާ ކެއުންތަކުގައި އެމީހުން
ބައިވެރިކުރާށެވެ. ކާނާ ދިނުމުން ނުވަތަ ހަދިޔާ ދިނުމުން އެބައިމީހުންގެ
މޫނުމަތިން ފެންނަ ހިނިތުންވުމަކީ އަޅުގަނޑުމެންގެ ހިތްތަކަށް ލިބޭ ބޮޑު އުފަލަކަށް
ހަދާށެވެ. އެހެންކަމުން، ޢީދުގެ އުފާ ފަޤީރުންނާ ހިއްސާކޮށް، އެބައިމީހުންގެ
ހަޔާތަށް އުފާވެރިކަން ގެނެސްދެވިއްޖެ ނަމަ ޢީދުދުވަހަކީ ބާއްޖަވެރި ކާމިޔާބު
ދުވަހަކަށް ވެގެންދާނެއެވެ.
ޢީދުގެ
އުފާ ލިބިގަނެ އެ ދުވަހުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށްޓަކައި، ކުޅިވަރުކުޅެ މަޖާކުރުމުގައި އިސްލާމީ
އުސޫލުތަކާއި ހަމަތަކުގައި ހިފެހައްޓާށެވެ. ދީނުގައި ހުއްދަ ނޫން ކަންކަމުން
ދުރުވެ، ﷲ ހަޟްރަތަށް ނުކިޔަމަންތެރިވާ ކަންކަމުގައި ބައިވެރިނުވުމަށް ސަމާލުކަންދޭށެވެ.
ބޭކާރު ކަންކަމުގައި ވަގުތު ހޭދަނުކޮށް، ޢާއިލާ މީހުންނާއި ރައްޓެހިންނާއި
ގާތްތިމާގެ މީހުންނާ ބައްދަލުކޮށް، އެކުވެރިކަން ބަދަހިކުރާށެވެ. އޭރުން އިސްލާމީ
އަޚްލާޤަށް ފެތޭ ގޮތަށް އުފާފާޅުކޮށް ޢާއިލީގުޅުން ބަދަހިވެ އީމާންތެރިކަން
ވަރުގަދަވުމުގެ އިތުރުން، ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެއެވެ.
ޢީދު ދުވަހަކީ އަހަރެއްގެ
ތެރޭގައި އެންމެ ދެ ފަހަރު އަންނަ ދުވަހެއް ކަމުން، މި ދުވަހުގައި ކުރަން ﷲަ
އަންގަވާފައިވާ އަޅުކަންތައް ކުރުމަށް ސަމާލުވާށެވެ. އަދި ނިކަމެތިންނާއި
ފަގީރުންނަކީ ވެސް އެދުވަހުގެ ޙިއްސާއެއް ކަމުގައި ދެކިގެން އެ އުފަލުގައި
ބައިވެރިކުރުވާށެވެ. އަދި ޢީދު މަޖާ ﷲ އާއި ރަސޫލާގެ އެންގެވުންތަކާ ޚިލާފު
މުންކަރާތްތަކުން ދުރުހެލިކުރާށެވެ. މިކަންކަން ކޮށްފިނަމަ ޢީދުގެ އުފާ ލިބި ދީނުގެ
ހުދޫދުގެ ތެރޭގައި ޢީދު ދުވަސް ފާހަގަ ކުރެވިގެންދާނެއެވެ.

No comments:
Post a Comment