Wednesday, June 20, 2018

mainbafain nnah kameyhithun


މައިންބަފައިންނަށް ކަމޭހިތުން

Image result for ‫بر الوالدين‬‎ 

ލިޔުނީ: ޒީނަތު ލަބީބު
     
އިންސާނުން ދުނިޔެއަށް އައުމުގެ އަޞްލަކީ އޭނާގެ މައިންބަފައިންނެވެ. މައިންބަފައިންނަކީ އިންސާނުން މިދުނިޔެއަށް ފޮނުއްވުމަށް ﷲ ތަޢާލާ ލައްވާފައިވާ ސަބަބެވެ. މައިންބަފައިންނަށް ކަމޭހިތުމަކީ ވަރަށް މުހިންމު މަތިވެރި ދަރަޖައެއް އިސްލާމްދީނުގައި ދެއްވާފައިވާ ކަމެކެވެ. މައިންބަފައިންނަށް ކަމޭހިތުމަކީ ނަބީބޭކަލުންގެ ޚުލްޤުފުޅެވެ. އިސްލާމްދީނުގައިވަނީ މައިންބަފައިންނަށް އޯގާވެރިވެ އަޅާލާ ކިޔަމަންތެރިކަން އަދާކުރުމަށް ނުހަނު ބޮޑަށް ބާރުއަޅުއްވާފައެވެ. ކީރިތި ޤުރުއާނުގެ 4 ތަނެއްގައި ﷲއަށް ޝަރީކު ނުކުރުމަށް އެންގެވުމާއި ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމަށް އަންގަވާފައިވެއެވެ. އެހެންކަމުން މައިންބަފައިންނަށް އަޅާލާ އޯގާވެރިވެ ހެޔޮކޮށްހިތުމަކީ އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާއެކެވެ.  
     މައިންބަފައިން އެމީހުންގެ ދަރިންގެ މައްޗަށް އަދާކޮށްދީފައިވާ ހެޔޮކަންތައް ގިނަގުނައެވެ. އެމިހުންނަކީ އެމީހުންގެ އަމިއްލަ ނަފްސުތައް ދަރިންނަށްޓާކައި ޤުރުބާންކުރަމުންދާ މީހުންނެވެ. އެމީހުން އެދެނީ އެމީހުންގެ ދަރިންނަށް ހުރިހާ އުފަލަކާއި ކާމިޔާބީއަކަށެވެ. މައިންބަފައިންނަކީ އެމީހުންގެ ދަރިންނަށްޓަކައި އެމީހުންގެ އަރާމު ނިދި ދޫކުރި މީހުންނެވެ. ކޮންމެ މަޔަކާއި ބަފަޔަކީ މޮޅު ޑޮކްޓަރެކެވެ. އަދި އެހާމެ މޮޅު ޙާކިމެކެވެ. އިންސާފުވެރި ލޯޔަރެކެވެ. ހުޝިޔާރު ކޯޗެކެވެ. އެހާމެ ހުނަރުވެރި އެކްޓަރެކެވެ. ކުޅަދާނަ ޝެފެކެވެ. ޤާބިލް އެދުރެކެވެ. މައިންބަފައިން އެމީހުންގެ ދަރިންނަށް ދިމާވާ ކަމެއްގެ ހައްލު ހޯދާނެއެވެ. އެކަމަކަށް ހައްލެއް ނުލިބެނީސް އެމީހުންގެ އަރުތެރެއަށް ފެންފޮދެއް ދިރުވައެއް ނުލާނެއެވެ. ދަރިންނަކީ މައިންބަފައިންގެ ހިތުގެ ވިންދެވެ. އެމީހުންގެ ލޮލުގެ ފިނިކަމާއި ލޮލުގެ ނޫރެވެ. އެމީހުންގެ މުޅި ޢުމުރު ޤުރުބާންކުރަނީ އެމީހުންގެ ދަރިންނަށްޓަކައެވެ. އެހާ މަތިވެރި ޤުރުބާނީއެއްވާ ބަޔަކަށް ހެޔޮކޮށްހިތުމަކީ ވަރަށް މަތިވެރިކަމެކެވެ.
     އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. سَألْتُ النَّبِيَّ صلى الله عليه وسلم أيُّ العَمَلِ أحَبُّ إلَى الله؟ قال: «الصَّلاةُ عَلَى وَقْتِهَا». قال: ثُمَّ أيٌّ؟ قال: «ثُمَّ بِرُّ الوَالِدَيْنِ». قال: ثُمَّ أيٌّ؟ قال: «الجِهَادُ فِي سَبِيلِ الله». متفق عليه. މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު ސުވާލުދެންނެވީމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ކޮން ޢަމަލެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ. ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެޔަށްފަހު މައިންބަފައިންނަށް އޯގާވެރިކޮށް ހިތުމެވެ. ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމެވެ.  ނަމާދަށްފަހު އެންމެ ބޮޑު ހެޔޮވެގެންވާ ކަމެއްގެ ގޮތުގައި ނަބިއްޔާ ޞައްލަޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވީ މައިންބަފައިންނަށް ހެޔޮކޮށްހިތައި އަޅާލުމުގެ ވާހަކައެވެ. މިކަމުން މައިންބަފައިންނަށްް އޯގާވެރިވުމުގެ މުހިންމުކަމާއި މާތްކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ.
     ސަލަފުއްޞާލިޙުންވަނީ މައިންބަފައިންނަށް ކަމޭހިތުމުގައި ލާމަޘީލު ނަމޫނާތަކެއް ދައްކަވާފައެވެ. ޒައިނުލް ޢާބިދީން ރަޙިމަހުﷲއަކީ މައިންބަފައިންނަށް ކަމޭހިއްތެވުމުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އެކަލޭގެފާނުގެ މަންމައަށް އެކަލޭގެފާނު ވަރަށް ބޮޑަށް ކަމޭހިއްތަވައެވެ. އެހެންނަމަވެސް މަންމައާއި އެއްސުފުރާއެއްގައި ފަރީނުކުޅުއްވައެވެ. އޭގެ ސަބަބެއްކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. މަންމަ ނަންގަވަން ބޭނުންވެލައްވާ ކާއެތިކޮޅު ތިމަންކަލޭގެފާނަށް މަންމައަށްވުރެ ކުރިން ނެގި މަންމަ ހިތުގައި ޖެއްސިދާނެކަމަށް އެކަލޭގެފާނު ބިރުގަނެއެވެ. ސުބުޙާނަﷲ...
     ރަސޫލާ ޞައްލަﷲ ޢަަލައިހި ވަސައްލަމަގެ ޞަޙާބީއަކަށް ވުމަށް ނޭދޭނީ ފަހެ ކާކު ހެއްޔެވެ؟ އުވައިސުލް ޤަރްނީ ރަޙިމަހުﷲއަކީ ޞަޙާބީއަކަށް ވުމުގެ ފުރުޞަތު އެކަލޭގެފާނުގެ މަންމައަށް ޚިދުމަތްކުރެއްވުމުގެ ގޮތުން ދޫކޮށްލެއްވި ބޭކަލެކެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރު އުޅުއްވި ބޭކަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ބައްދަލުކުރައްވައި، އެކަލޭގެފާނުގެ ޞަޙާބީއަކަށް ވެވަޑައިނުގެންނެވުނީ މަންމައަށްޚިދުމަތްކުރެއްވުމުގެ ގޮތުން މަދީނާއަށް ވަޑައިނުގެން މަޑުކުރެއްވީމައެވެ. ޞަޙާބީއަކަށް ވުމުގެ މަތިވެރި ޝަރަފު ދޫކުރެއްވީ މަންމައަށްޓަކައެވެ. އެހެންކަމުން ﷲ ތަޢާލާ އެކަލޭގެފާނު މާތްކުރައްވައި، އެކަލޭގެފާނު ދުޢާއެއް ކުރައްވައިފިނަމަ، އެ ދުޢާ ވަގުތުން އިޖާބަކުރައްވައެވެ. ﷲ އަކްބަރު...
     މައިންބަފައިންގެ ހިތުގައި ނުޖައްސާ ފަޅި ސިކުންތެއްވެސް މިއަދު އަޅުގަނޑުމެން ދޫކޮށެއްނުލަމެވެ. މައިންބަފައިންގެ ހިތުގައި ޖެއްސުމަކީ އެއީ މިއަދު އަޅުގަނޑުމެންނަށް ލިބޭ ހިއްހަމަޖެހުމާއި ކާމިޔާބީއެވެ. މައިންބަފައިންގެ ނުރުހޭހާކަމެއް ކުރުމަށް އަޅުގަނޑުމެން ތިބެނީ ތައްޔާރީ ހާލަތުގައެވެ. މައިންބަފައިންނަށްޓަކައި ސިނަމާއަކަށް ދިއުންވެސް އަޅުގަނޑުމެން ދޫކޮށެއްނުލާނެއެވެ. މައިންބަފައިންނަކީ އަޅުގަނޑުމެންނަށް ޖެހިފައިވާ މުސީބާތެކޭ ބުނާ ދަރިން ދަނީ އިތުރުވަމުންނެވެ. މައިންބަފައިންގެ ކަންތައް ބަލަހައްޓާ އެމީހުންނަށް އަޅާލުމަށް އިސްނަގާނެ ދަރިއަކު މިހާރަކު ނެތެވެ.  މައިންބަފައިންގެ ދަރަޖަވަނީ ގޭގައި ގެންގުޅޭ ނޯކަރަށް ވުރެވެސް ދަށުގައެވެ. 50 ހަކަށް ރުފިޔާ ދިއްކޮށްލުމުން އެމީހުންގެ ޙައްޤު އަދާވީކަމަށް ދެކޭ ބައެއްވެސް އުޅެއެވެ.
     އެއްފަހަރަކު ޔަމަނުގެ މީހަކު އޭނާގެ ބުރަކަށިމަތީ އޭނާގެ މަންމަ އުފުލައިގެން ޙައްޖަށްދިޔައެވެ. އަދި އޭނާގެ ބުރަކަށިމަތީ އޭނާގެ މަންމަ އުފުލައިގެން މަންމަގެ ޠަވާފުކުރުވިއެވެ. އެއަށްފަހު ޢުމަރު ރަޟިޔަﷲ ޢަންހަށް މިވާހަކަތައް ބަޔާންކޮށްދެއްވައި އެކަލޭގެފާނުގެ އަރިހުން ސުވާލުކުރިއެވެ. އަޅުގަނޑަށް މަންމަގެ ޙައްޤު އަދާކުރެވިއްޖެތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. لا وَلا زَفْرَةً وَاحِدَةً. ނޫނެކެވެ. އަދި ތިބާއަށް މަންމަ އުފުލި ވޭންތަކުގެ ތެރެއިން އެންމެ ވޭނެއްގެ ޙައްޤުވެސް އަދާނުކުރެވެއެވެ. ﷲ އަކުބަރު...
     މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭ މަގެކެވެ. މީގެ އިތުރުން ރިޒުޤު ތަނަވަސް ވެގެންދާނެ މަގެކެވެ. އަދި ދެދުނިޔޭގެ އެންމެހާ ކަންތައް ފަސޭހަވެގެންދާނެ ސަބަބެެއްގެ އިތުރުން ހިއްހަމަޖެހިލައިގެން އުޅެލުމަށް ލިބެވޭ ފުރުސަތުތަކެކެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. عن أبي هريرة -رضي الله تعالى عنه- عن النبي -صلى الله عليه وسلم- قال: ((رغم أنف، ثم رغم أنف، ثم رغم أنف من أدرك أبويه عند الكبر أحدُهما أو كلاهما فلم يدخل الجنة)). رواه مسلم. މާނައީ: އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ އެ މީހެއްގެ މައިންބަފައިން މުސްކުޅި ޙާލުގައި، އެ ދެމީހުން، ނުވަތަ އެއިން އެކަކާ ބައްދަލުވެ، (އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން) އޭނާއަށް ސުވަރުގެ ނުވަދެވުނު މީހާއެވެ.  ﷲ އަކަބަރު...
     އަޅުގަނޑުމެން މިވަނީ ގެއްލި ހަލާކުވަފައެވެ. އަޅުގަނޑުމެން މިވަނީ ފެއިލްވެފައެވެ. އަޅުގަނޑުމެންގެ މައިންބަފައިން ދުނިޔޭގައި އެބަތިއްބެވެ. އެމީހުންނަށް އަޅާލާ އޯގާވެރިވެ ހެޔޮކޮށްހިއްތެވުމަށް އަވަސްވެގަންނަން ހިނގާށެވެ. އަޅުގަނޑުމެންގެ މައިންބަފައިން ތިބޭނީ އަޅުގަނޑުމެންގެ ލޯތްބަށް އެދިއެދިއެވެ. އެމީހުންނަށްޓަކައި ވަގުތު ކޮޅެއް ހުސްކޮށްލަން ހިނގާށެވެ. ލޯބިވާ އަނބިމީހާއަށާއި ލޯބިވާ ފިރިމީހާއަށް ގުޅާލަން ވަގުތު ހޯދާ ފަދައިން އަޅުގަނޑުމެން ދެކެ އެންމެ ލޯބިވާ މައިންބަފައިންނަށް ގުޅަން ފޯނުނަގާށެވެ. ލޯބިވެރިޔާ ދައްކާ ވާހަކަ އަޑުއަހަން ކަންފަތް ހުޅުވާލާ ފަދައިން އަޅުގަނޑުމެން ދެކެ ޙަޤީޤީ ލޯބިވާ މައިންބަފައިންގެ ވާހަކަ އަޑުއަހަން ކަންފަތް ހުޅުވާށެވެ.
     ﷲ ތަޢާލާ އަޅުގަނޑުމެންނަށް ވެސް ތެދުމަގު ދައްކަވައި މައިންބަފައިންނަށް ކަމޭހިތުމުގެ ސަބަބުން ސުވަރުގޭގެ މަތިވެރި ދަރަޖަތައް ލިބޭ ޞާލިޙު އަޅުންގެ ތެރެއިން އަޅުގަނޑުމެން ލައްވާށި! އާމީން





Tuesday, June 19, 2018

islaam dheenuge thin asaas


އިސްލާމް ދީނުގެ ތިން އަސާސް

Image result for ‫مراتب الإسلام‬‎ 
ލިޔުނީ: ޒީނަތު ލަބީބު
އިސްލާމް ދީން ބިނާވެގެންވަނީ ތިން އަސާސެއްގެ މައްޗަށެވެ. އެއީ އިސްލާމްކަމާއި އީމާންކަމާއި އިޙްސާންކަމެވެ. އިޙްސާންކަމީ ދީނުގެ އެންމެ މަތީ ހަރުފަތެވެ.  
އިސްލާމްކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. أَنْ تَشَهَدَ أَنْ لا إِلَهَ إِلا لِلَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ ، وَتُقِيمَ الصَّلاةَ ، وَتُؤْتِيَ الزَّكَاةَ ، وَتَصُومَ رَمَضَانَ ، وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلا . މާނައަކީ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭނެ އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހެކިވުމެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނަކީ ﷲގެ ރަސޫލާ ކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމެވެ. އަދި ޒަކާތް ދިނުމެވެ. އަދި ރަމަޟާން މަހު ރޯދަ ހިފުމެވެ. އަދި ކުޅަދާނަވެގެންވާ މީހާ ޙައްޖުވުން މިއެވެ.
އީމާންކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. أَنْ تُؤْمِنَ بِاللَّهِ وَمَلائِكَتِهِ ، وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ. މާނައަކީ: އީމާންކަމަކީ ﷲ ތަޢާލާއަށް އީމާންވުމެވެ. އަދި  އެއިލާހުގެ މަލާއިކަތުންނަށް އީމާންވުމެވެ. އަދި  އެއިލާހުގެ ފޮތްތަކަށް އީމާންވުމެވެ. އަދި  އާޚިރަތް ދުވަހަށް އީމާންވުމެވެ. އަދި  ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން މިއެވެ.
އިޙްސާންކަމަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. أَنْ تَعْبُدَ اللَّهَ عَزَّ وَجَلَّ وَتَبَارَكَ وَتَعَالَى كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاكَ. މާނައަކީ: އިޙްސާންކަމަކީ ﷲ ތަޢާލާއަށް ތިބާ އަޅުކަންކުރާއިރު އެއިލާހު ދެކެދެކެ ހުރެ އަޅުކަންކުރާ ފަދައިން އަޅުކަން ކުރުމެވެ. ފަހެ ހަމަކަށަވަރުން ތިބާއަށް އެއިލާހު ނުފެނުނަސް، އެއިލާހު ތިބާ ދެކެވޮޑިގެންވާނެއެވެ.  

Monday, June 18, 2018

shawwaalu mahuge 6 roadha


ޝައްވާލް މަހުގެ ހަ ރޯދަ

Image result for ‫صوم شوال‬‎

ޝައްވާލް މަހުގެ ހަ ރޯދައަކީ ވަރަށް މާތް، އަދި އެހާމެ ގަދަވެގެންވާ ސުންނަތެކެވެ. އެކަން ބަޔާންކޮށްދެއްވައި އެރޯދަ ހިފުމަށް ހިތްވަރު ދެއްވައި ރަސޫލު ﷲ صلّى الله عليه وسلم ޙަދީޘުކުރެއްވިއެވެمن صام رمضان ثم أتبعه ستاً من شوال كان كصيام الدهر. رواه مسلم
މާނައީ: ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.
ހަދުވަސް ރޯދައާއި މެދު އަންހެން ބޭކަނބަލުންގެ ހިތުގައި ތަފާތު ސުވާލުތައް އުފެދެއެވެ. ފުރަތަމަ ހިފަންޖެހެނީ ހަދުވަސް ރޯދަ ތޯ ނުވަތަ ރަމަޟާން މަހު ގެއްލުނު ރޯދަ ތޯއެވެ.
ޝައްވާލު މަހުގެ ރޯދައާއި ބެހޭ ގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ޙަދީޘްތަކުގެ މައްޗަށް ބުރަވެ ޢިލްމުވެރިންގެ ރައުޔެއްވެއެވެ.

ފުރަތަމަ ރައުޔަކީ
ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަ ހިފަން ޖެހޭނީ ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ގެއްލުނު ރޯދަ ހިފައި، ފުރިހަމަ ކުރުމަށްފަހުގައެވެ.
މިއީ އިމާމް އަޙްމަދު ރަޙިމަހުﷲގެ މަޒްހަބުގެ ޢިލްމުވެރިންގެ ބަސްފުޅެވެ.
އެބޭފުޅުންގެ ދަލީލަކީ  من صام رمضان ثم أتبعه ستاً من شوال كان كصيام الدهر
މާނައީ: ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.
މިޙަދީޘްފުޅުގައި ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު ޝައްވާލުމަހުން 6 ރޯދަ ހިފާ ވާހަކަ ބަޔާން ވެފައި އޮތުމުން އެންމެ ފުރަތަމަ ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ކުރަން ޖެހޭނެ ކަމަށް މިބޭކަލުން ދެކެވަޑައިގެންނެވިއެވެ.


ދެވަނަ ރައުޔަކީ
ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ގެއްލުނު ރޯދަ ހިފުމުގެ ކުރިން ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަ ހިފުމަކީ ހުއްދަވެގެންވާ ކަމެކެވެ.
މިއީ އިމާމް އަބޫޙަނީފާ ރަޙިމަހުﷲ އާއި އިމާމް މާލިކު ރަޙިމަހުﷲ އާއި އިމާމް ޝާފިޢީ ރަޙިމަހުﷲ ގެ މަޒްހަބުގެ ރައުޔެވެ.
މިއީ ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔެވެ.
އަދި މިއީ މި ދެބަސްފުޅުގެ ތެރެއިން އެންމެ ޞައްޙަ ބަސްފުޅެވެ.
މިބޭފުޅުންގެ ދަލީލަކީ:
 ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރައްވާފައިވާ މި ބަސްފުޅެވެ. ( وَمَنْ كَانَ مَرِيْضاً أَو عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ ) [البقرة: 185]  މާނައީ "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުއްޓެވެ."
މިއާޔަތުގައި ﷲ ވަނީ އެހެން ދުވަސްތަކަކުން އެރޯދަ ފުރިހަމަ ކުރުމަށް އަންގަވާފައެވެ. އެއްވެސް ޙާލެއްގައި ރަމަޟާންމަހާ ވިދިގެން އެރޯދަ ހިފުމަށް، ނުވަތަ އޭގެ ކުރިން އެހެން ރޯދައެއް ނުހިފުމަށް އަންގަވާފައެއް ނުވެއެވެ. އަދި ޤަޟާކުރާ ރޯދަ ވިދިވިދިގެން ހިފުމަކަށްވެސް އަންގަވާފައެއް ނުވެއެވެ.
ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ގެއްލިފައިވާ ރޯދަ ހިފުމަށް އަހަރުތެރޭގެ ބާކީއޮތް 11 މަސް ދުވަސް އޮތްއިރު، ޝައްވާލު މަހުގެ ހަރޯދަ ހިފަން އޮތީ އެންމެ 28 ނުވަތަ 29 ދުވަހެވެ. އެހެންކަމުން ޝައްވާލު މަހުގެ ރޯދަ ހިފުމަށްފަހުގައި އަހަރު ތެރޭގެ ދުވަސްތަކުން ޤަޟާކުރަންޖެހޭ ރޯދަ ފުރިހަމަ ކުރެވިދާނެއެވެ.
  عائشة رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. " كان يكون علي الصوم من رمضان فما أستطيع أن أقضيه إلا في شعبان" [ البخاري ومسلم]
މާނައީ: ތިމަންކަމަނާ ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ރޯދަތަކެއް ހިފަން ޖެހިފައި ވިއެވެ. (އެބަހީ؛ ރަމަޟާން މަހުގައި ގެއްލިފައި ބައެއް ރޯދަ ވާކަމުގައި ވިއެވެ.) އެހެން ނަމަވެސް އެރޯދަ ތިމަން ކަމަނާއަށް ޝަޢުބާން މަހުގައި މެނުވީ ޤަޟާނުކުރެއްވެއެވެ.
މިޙަދީޘުން ބަޔާންވެގެންވާ ގޮތުގައި ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ޢުޛުރު މެދުވެރި ވުމުން ގެއްލުނު ރޯދަ އެކަމަނާއަށް ހިއްޕެވެނީ ޝަޢުބާން މަހުގައެވެ. އަދި މިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި އެކަލޭގެފާނުގެ ޙާޒިރުގައި ހިނގި ކަމަކަށްވެފައި މިކަން މަނާ ނުކުރެއްވުމުން އެއީ އެކަލޭގެފާނުގެ އިޤްރާރެއް ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ.
އަދި ހަމަ އެހެންމެ، ޢާއިޝާ ރަޟިޔަﷲ ޢަންހާ އަހަރު ތެރޭގައި އަންނަ ސުންނަތް ރޯދަތައްވެސް ހިއްޕަވާކަމަށް ޞައްޙަ މަގުން ވާރިދުވެފައި ވެއެވެ. މިގޮތުން އެކަމަނާ ޢަރަފާތް ދުވަހުގެ ރޯދަ ހިއްޕެވިކަމަށްވެސް ސާބިތުވެފައި ވެއެވެ. އަދި އެކަމަނާ މުޅި އަހަރުގެ ރޯދައިގެ ދަރުމަ ނަންގަވާލައްވާނެ ކަމަށް ސަލާމަތް ބުއްދި ޤަބޫލެއް ނުކުރެއެވެ.
ހަމަ އެގޮތަށް މިސާލަކަށް އަންހެނެއްގެ ޙައިޟުގެ މުއްދަތަކީ 15 ދުވަސް ކަމަށް ވުމުން ރަމަޟާން މަހު އޭނާއަށް ގެއްލުނީ 15 ރޯދައެވެ. ޝައްވާލު މަހުން އޭނާ 15 ދުވަހުގައި ގެއްލިފައިވާ 15 ރޯދަ ޤަޟާކޮށް ނިމިގެން ބަލާއިރު، ޝައްވާލު މަހުގައި އޭނާގެ ޙައިޟުގެ 15 ދުވަސް ގެއްލިގެން ދާނެއެވެ. އެހެން ކަމުން 6 ދުވަހުގެ ރޯދައިގެ މާތްކަމުން އޭނާ މަޙުރޫމްވާނެއެވެ. ހަމަ އެގޮތަށް ނިފާސްވެރިޔާގެ ނިފާސްގެ ދުވަސްވަރު ރަމަޟާންމަހު އައުމުން، ޝައްވާލުމަހުގައި ޤަޟާ ކުރެވޭނެ މުއްދަތު ނެތިއްޖެނަމަ އެމާތްކަމުން މަޙުރޫމުވެގެން ހިނގައިދާނެއެވެ.
އެހެންކަމުން މަތީގައި ބަޔާންކުރެވުނު ދެ ރައުޔުގެ ތެރެއިން ބޮޑަށް ބުރަވެވެނީ، ގެއްލިފައިވާ ރޯދަ ހިފުމުގެ ކުރިން ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަ ހިފިދާނެކަމަށެވެ. އަދި އެއީ މަތީގައި ބަޔާން ކުރެވިފައިވާ ދަލީލުތަކުގެ މައްޗަށް ބިނާކޮށެވެ.
އެހެން ނަމަވެސް ވަގުތު ލިބި، ފަސޭހަކަމާއެކު ގެއްލުނު ރޯދަ ހިފުމަށް ކުޅަދާނަވެއްޖެ މީހާއަށް އެދެވިގެންވަނީ، ޤަޟާރޯދަ ހިފުމަށްފަހު 6 ދުވަހުގެ ރޯދަ ހިފުމެވެ. އެއީ ޚިލާފުން ސަލާމަތް ވުމަށެވެ. والله أعلم