Featured Post

Ombey

Wednesday, June 20, 2018

mainbafain nnah kameyhithun


މައިންބަފައިންނަށް ކަމޭހިތުން

Image result for ‫بر الوالدين‬‎ 

ލިޔުނީ: ޒީނަތު ލަބީބު
     
އިންސާނުން ދުނިޔެއަށް އައުމުގެ އަޞްލަކީ އޭނާގެ މައިންބަފައިންނެވެ. މައިންބަފައިންނަކީ އިންސާނުން މިދުނިޔެއަށް ފޮނުއްވުމަށް ﷲ ތަޢާލާ ލައްވާފައިވާ ސަބަބެވެ. މައިންބަފައިންނަށް ކަމޭހިތުމަކީ ވަރަށް މުހިންމު މަތިވެރި ދަރަޖައެއް އިސްލާމްދީނުގައި ދެއްވާފައިވާ ކަމެކެވެ. މައިންބަފައިންނަށް ކަމޭހިތުމަކީ ނަބީބޭކަލުންގެ ޚުލްޤުފުޅެވެ. އިސްލާމްދީނުގައިވަނީ މައިންބަފައިންނަށް އޯގާވެރިވެ އަޅާލާ ކިޔަމަންތެރިކަން އަދާކުރުމަށް ނުހަނު ބޮޑަށް ބާރުއަޅުއްވާފައެވެ. ކީރިތި ޤުރުއާނުގެ 4 ތަނެއްގައި ﷲއަށް ޝަރީކު ނުކުރުމަށް އެންގެވުމާއި ވިދިގެން މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރުމަށް އަންގަވާފައިވެއެވެ. އެހެންކަމުން މައިންބަފައިންނަށް އަޅާލާ އޯގާވެރިވެ ހެޔޮކޮށްހިތުމަކީ އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާއެކެވެ.  
     މައިންބަފައިން އެމީހުންގެ ދަރިންގެ މައްޗަށް އަދާކޮށްދީފައިވާ ހެޔޮކަންތައް ގިނަގުނައެވެ. އެމިހުންނަކީ އެމީހުންގެ އަމިއްލަ ނަފްސުތައް ދަރިންނަށްޓާކައި ޤުރުބާންކުރަމުންދާ މީހުންނެވެ. އެމީހުން އެދެނީ އެމީހުންގެ ދަރިންނަށް ހުރިހާ އުފަލަކާއި ކާމިޔާބީއަކަށެވެ. މައިންބަފައިންނަކީ އެމީހުންގެ ދަރިންނަށްޓަކައި އެމީހުންގެ އަރާމު ނިދި ދޫކުރި މީހުންނެވެ. ކޮންމެ މަޔަކާއި ބަފަޔަކީ މޮޅު ޑޮކްޓަރެކެވެ. އަދި އެހާމެ މޮޅު ޙާކިމެކެވެ. އިންސާފުވެރި ލޯޔަރެކެވެ. ހުޝިޔާރު ކޯޗެކެވެ. އެހާމެ ހުނަރުވެރި އެކްޓަރެކެވެ. ކުޅަދާނަ ޝެފެކެވެ. ޤާބިލް އެދުރެކެވެ. މައިންބަފައިން އެމީހުންގެ ދަރިންނަށް ދިމާވާ ކަމެއްގެ ހައްލު ހޯދާނެއެވެ. އެކަމަކަށް ހައްލެއް ނުލިބެނީސް އެމީހުންގެ އަރުތެރެއަށް ފެންފޮދެއް ދިރުވައެއް ނުލާނެއެވެ. ދަރިންނަކީ މައިންބަފައިންގެ ހިތުގެ ވިންދެވެ. އެމީހުންގެ ލޮލުގެ ފިނިކަމާއި ލޮލުގެ ނޫރެވެ. އެމީހުންގެ މުޅި ޢުމުރު ޤުރުބާންކުރަނީ އެމީހުންގެ ދަރިންނަށްޓަކައެވެ. އެހާ މަތިވެރި ޤުރުބާނީއެއްވާ ބަޔަކަށް ހެޔޮކޮށްހިތުމަކީ ވަރަށް މަތިވެރިކަމެކެވެ.
     އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. سَألْتُ النَّبِيَّ صلى الله عليه وسلم أيُّ العَمَلِ أحَبُّ إلَى الله؟ قال: «الصَّلاةُ عَلَى وَقْتِهَا». قال: ثُمَّ أيٌّ؟ قال: «ثُمَّ بِرُّ الوَالِدَيْنِ». قال: ثُمَّ أيٌّ؟ قال: «الجِهَادُ فِي سَبِيلِ الله». متفق عليه. މާނައީ: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު ސުވާލުދެންނެވީމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ކޮން ޢަމަލެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ. ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެޔަށްފަހު މައިންބަފައިންނަށް އޯގާވެރިކޮށް ހިތުމެވެ. ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދުކުރުމެވެ.  ނަމާދަށްފަހު އެންމެ ބޮޑު ހެޔޮވެގެންވާ ކަމެއްގެ ގޮތުގައި ނަބިއްޔާ ޞައްލަޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވީ މައިންބަފައިންނަށް ހެޔޮކޮށްހިތައި އަޅާލުމުގެ ވާހަކައެވެ. މިކަމުން މައިންބަފައިންނަށްް އޯގާވެރިވުމުގެ މުހިންމުކަމާއި މާތްކަން އަހަރެމެންނަށް އެނގިގެން އެބަދެއެވެ.
     ސަލަފުއްޞާލިޙުންވަނީ މައިންބަފައިންނަށް ކަމޭހިތުމުގައި ލާމަޘީލު ނަމޫނާތަކެއް ދައްކަވާފައެވެ. ޒައިނުލް ޢާބިދީން ރަޙިމަހުﷲއަކީ މައިންބަފައިންނަށް ކަމޭހިއްތެވުމުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭކަލެކެވެ. އެކަލޭގެފާނުގެ މަންމައަށް އެކަލޭގެފާނު ވަރަށް ބޮޑަށް ކަމޭހިއްތަވައެވެ. އެހެންނަމަވެސް މަންމައާއި އެއްސުފުރާއެއްގައި ފަރީނުކުޅުއްވައެވެ. އޭގެ ސަބަބެއްކަމަށް އެކަލޭގެފާނު ވިދާޅުވިއެވެ. މަންމަ ނަންގަވަން ބޭނުންވެލައްވާ ކާއެތިކޮޅު ތިމަންކަލޭގެފާނަށް މަންމައަށްވުރެ ކުރިން ނެގި މަންމަ ހިތުގައި ޖެއްސިދާނެކަމަށް އެކަލޭގެފާނު ބިރުގަނެއެވެ. ސުބުޙާނަﷲ...
     ރަސޫލާ ޞައްލަﷲ ޢަަލައިހި ވަސައްލަމަގެ ޞަޙާބީއަކަށް ވުމަށް ނޭދޭނީ ފަހެ ކާކު ހެއްޔެވެ؟ އުވައިސުލް ޤަރްނީ ރަޙިމަހުﷲއަކީ ޞަޙާބީއަކަށް ވުމުގެ ފުރުޞަތު އެކަލޭގެފާނުގެ މަންމައަށް ޚިދުމަތްކުރެއްވުމުގެ ގޮތުން ދޫކޮށްލެއްވި ބޭކަލެކެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރު އުޅުއްވި ބޭކަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ބައްދަލުކުރައްވައި، އެކަލޭގެފާނުގެ ޞަޙާބީއަކަށް ވެވަޑައިނުގެންނެވުނީ މަންމައަށްޚިދުމަތްކުރެއްވުމުގެ ގޮތުން މަދީނާއަށް ވަޑައިނުގެން މަޑުކުރެއްވީމައެވެ. ޞަޙާބީއަކަށް ވުމުގެ މަތިވެރި ޝަރަފު ދޫކުރެއްވީ މަންމައަށްޓަކައެވެ. އެހެންކަމުން ﷲ ތަޢާލާ އެކަލޭގެފާނު މާތްކުރައްވައި، އެކަލޭގެފާނު ދުޢާއެއް ކުރައްވައިފިނަމަ، އެ ދުޢާ ވަގުތުން އިޖާބަކުރައްވައެވެ. ﷲ އަކްބަރު...
     މައިންބަފައިންގެ ހިތުގައި ނުޖައްސާ ފަޅި ސިކުންތެއްވެސް މިއަދު އަޅުގަނޑުމެން ދޫކޮށެއްނުލަމެވެ. މައިންބަފައިންގެ ހިތުގައި ޖެއްސުމަކީ އެއީ މިއަދު އަޅުގަނޑުމެންނަށް ލިބޭ ހިއްހަމަޖެހުމާއި ކާމިޔާބީއެވެ. މައިންބަފައިންގެ ނުރުހޭހާކަމެއް ކުރުމަށް އަޅުގަނޑުމެން ތިބެނީ ތައްޔާރީ ހާލަތުގައެވެ. މައިންބަފައިންނަށްޓަކައި ސިނަމާއަކަށް ދިއުންވެސް އަޅުގަނޑުމެން ދޫކޮށެއްނުލާނެއެވެ. މައިންބަފައިންނަކީ އަޅުގަނޑުމެންނަށް ޖެހިފައިވާ މުސީބާތެކޭ ބުނާ ދަރިން ދަނީ އިތުރުވަމުންނެވެ. މައިންބަފައިންގެ ކަންތައް ބަލަހައްޓާ އެމީހުންނަށް އަޅާލުމަށް އިސްނަގާނެ ދަރިއަކު މިހާރަކު ނެތެވެ.  މައިންބަފައިންގެ ދަރަޖަވަނީ ގޭގައި ގެންގުޅޭ ނޯކަރަށް ވުރެވެސް ދަށުގައެވެ. 50 ހަކަށް ރުފިޔާ ދިއްކޮށްލުމުން އެމީހުންގެ ޙައްޤު އަދާވީކަމަށް ދެކޭ ބައެއްވެސް އުޅެއެވެ.
     އެއްފަހަރަކު ޔަމަނުގެ މީހަކު އޭނާގެ ބުރަކަށިމަތީ އޭނާގެ މަންމަ އުފުލައިގެން ޙައްޖަށްދިޔައެވެ. އަދި އޭނާގެ ބުރަކަށިމަތީ އޭނާގެ މަންމަ އުފުލައިގެން މަންމަގެ ޠަވާފުކުރުވިއެވެ. އެއަށްފަހު ޢުމަރު ރަޟިޔަﷲ ޢަންހަށް މިވާހަކަތައް ބަޔާންކޮށްދެއްވައި އެކަލޭގެފާނުގެ އަރިހުން ސުވާލުކުރިއެވެ. އަޅުގަނޑަށް މަންމަގެ ޙައްޤު އަދާކުރެވިއްޖެތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ. لا وَلا زَفْرَةً وَاحِدَةً. ނޫނެކެވެ. އަދި ތިބާއަށް މަންމަ އުފުލި ވޭންތަކުގެ ތެރެއިން އެންމެ ވޭނެއްގެ ޙައްޤުވެސް އަދާނުކުރެވެއެވެ. ﷲ އަކުބަރު...
     މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭ މަގެކެވެ. މީގެ އިތުރުން ރިޒުޤު ތަނަވަސް ވެގެންދާނެ މަގެކެވެ. އަދި ދެދުނިޔޭގެ އެންމެހާ ކަންތައް ފަސޭހަވެގެންދާނެ ސަބަބެެއްގެ އިތުރުން ހިއްހަމަޖެހިލައިގެން އުޅެލުމަށް ލިބެވޭ ފުރުސަތުތަކެކެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. عن أبي هريرة -رضي الله تعالى عنه- عن النبي -صلى الله عليه وسلم- قال: ((رغم أنف، ثم رغم أنف، ثم رغم أنف من أدرك أبويه عند الكبر أحدُهما أو كلاهما فلم يدخل الجنة)). رواه مسلم. މާނައީ: އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. އެއީ އެ މީހެއްގެ މައިންބަފައިން މުސްކުޅި ޙާލުގައި، އެ ދެމީހުން، ނުވަތަ އެއިން އެކަކާ ބައްދަލުވެ، (އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން) އޭނާއަށް ސުވަރުގެ ނުވަދެވުނު މީހާއެވެ.  ﷲ އަކަބަރު...
     އަޅުގަނޑުމެން މިވަނީ ގެއްލި ހަލާކުވަފައެވެ. އަޅުގަނޑުމެން މިވަނީ ފެއިލްވެފައެވެ. އަޅުގަނޑުމެންގެ މައިންބަފައިން ދުނިޔޭގައި އެބަތިއްބެވެ. އެމީހުންނަށް އަޅާލާ އޯގާވެރިވެ ހެޔޮކޮށްހިއްތެވުމަށް އަވަސްވެގަންނަން ހިނގާށެވެ. އަޅުގަނޑުމެންގެ މައިންބަފައިން ތިބޭނީ އަޅުގަނޑުމެންގެ ލޯތްބަށް އެދިއެދިއެވެ. އެމީހުންނަށްޓަކައި ވަގުތު ކޮޅެއް ހުސްކޮށްލަން ހިނގާށެވެ. ލޯބިވާ އަނބިމީހާއަށާއި ލޯބިވާ ފިރިމީހާއަށް ގުޅާލަން ވަގުތު ހޯދާ ފަދައިން އަޅުގަނޑުމެން ދެކެ އެންމެ ލޯބިވާ މައިންބަފައިންނަށް ގުޅަން ފޯނުނަގާށެވެ. ލޯބިވެރިޔާ ދައްކާ ވާހަކަ އަޑުއަހަން ކަންފަތް ހުޅުވާލާ ފަދައިން އަޅުގަނޑުމެން ދެކެ ޙަޤީޤީ ލޯބިވާ މައިންބަފައިންގެ ވާހަކަ އަޑުއަހަން ކަންފަތް ހުޅުވާށެވެ.
     ﷲ ތަޢާލާ އަޅުގަނޑުމެންނަށް ވެސް ތެދުމަގު ދައްކަވައި މައިންބަފައިންނަށް ކަމޭހިތުމުގެ ސަބަބުން ސުވަރުގޭގެ މަތިވެރި ދަރަޖަތައް ލިބޭ ޞާލިޙު އަޅުންގެ ތެރެއިން އަޅުގަނޑުމެން ލައްވާށި! އާމީން





No comments: