އަޅުގަނޑުގެ ބައްޕަގެ ބައޮގުރަފީ
އަޅުގަނޑުގެ ބައްޕަ މި ދުނިޔޭގެ
އަލިކަން ދެކެވަޑައިގަތީ 1948 ވަނަ އަހަރުގެ
ފެބުރުއަރީ މަހުގެ 06 ވަނަ ދުވަހު
ސ.ހިތަދޫ ބުސްތާނުގެއަށެވެ.
ސ.ހިތަދޫ ބުސްތާނުގެ އަކީ ސ.ހިތަދޫ
ކެމީ މިހާރު ހުރިތާނގައި ކުރިންހުރި މުސްކުޅިގެއެވެ. އެއީ އަޅުގަނޑުގެ ކާފައާއި
މާމަ ކުރިން ދިރިއުޅުއްވި ގެއެވެ.
އެގެއަކީ، ގާފުޅަރާނައި އޭގެ މަތީ މެއްލަ ޖަހައި ހިމަދުންބުރިން ބިތްގަތައި
ދަނޑިފަނުން އަޅާފައިވާ ގެއެކެވެ. ގޭގެ ފުރާޅު ހިޔާކޮށްފައި ހުރީ ވެސް
ތޮށަލިންނެވެ. އެގޭގެ ބަދިގެ ހަދާފައިވަނީ
ގެއާއި ވަކިން ގޭގެ ހުޅަނގު ދެކުނު ފަރާތުން އޮތް މަގާއިންކޮށެވެ. ބަދިގެވެސް
އަޅާފައިވަނީ ގެއަޅާފައިވާ ފެންވަރަށް ހަމަ އެކަހަލަ ގޮތަކަށެވެ. މަގުމަތީ ފާރެއް
ރާނާފައެއް ނުހުރެއެވެ. ހުންނަނީ ފުޅައްއަޅާފައެވެ.
އަޅުގަނޑުގެ ބައްޕަގެ މަންމައަކީ ފާޠިމަތު ޢަލީއެވެ. ބައްޕަގެ
ބައްޕައަކީ މުޙައްމަދު އިބްރާހީމެވެ. އެ ދެމަފިރިންނަށް ލިބުނު އަލަތު ދަރިއަކީ
ބައްޕައެވެ. ބައްޕައަށް ކިޔައްވައިދެއްވަން މާމައާއި ކާފަ ވަރަށްބޮޑަށް މަސައްކަތް
ކުރެއްވިއެވެ. މާމައަކީ ކުދިންނަށް ކިޔަވައިދެއްވާ އެދުރަކަށް ވިޔަސް،
އެންމެފުރަތަމަ ބައްޕައަށް އަލިފުބާ ދަސްކޮށްދެއްވީ ސިއްތީފާނުގެ ޙައްވާމަނިކެ
އެވެ. އޭގެފަހުންވެސް ޤުރުއާން ކިޔަވަން
ސ.ހިތަދޫ ހުދުމާވަހަރުގެއަށް (ކަމަނާގެ އަޙްމަދުފުތާގެއަށް) މާމަމެން ބައްޕަ
ފޮނުއްވިއެވެ. ބައްޕައަށް ތަޖުވީދުގެ މަގަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދެއްވީ
ސ.ހިތަދޫ ބޭދަނާގޭ މުޙައްމަދު ލުޠުފީ އެވެ. އަދި އެ އެދުރުގެ އަރިއަހުން އަރަބިބަސް
ކިޔަވައި ވިދާޅުވިއެވެ. އައްދުރޫސުއްލުޣަތުލް ޢަރަބިއްޔާގެ 1 ވަނަ
ބަޔާއި ދެވަނަ ބައި ލުޠުފީގެ އަރިހުން ކިޔަވައި ވިދާޅުވިއެވެ. އެއާއެކު އިނގިރޭސިބަސް
ކިޔަވައި ވިދާޅުވާން ސ. ހިތަދޫ ސްކައި ވިޔޫ އަޙްމަދު ޢުޤައިލު
އަރިހުން ފެއްޓެވި އެވެ. ދެން އެއަށްފަހު ގަމުގައި އިނގިރޭސިން ހިންގި އިނގިރޭސި ބަސް
ދަސްކޮށްދޭ ކުލާހަކުން ވެސް އިނގިރޭސި ބަސް ދަސްކުރެއްވިއެވެ.
އަޅުގަނޑުގެ ބައްޕައަށް ދިވެހިބަސް ކިޔަވައި
ދެއްވީ ސ.މަރަދޫ ޗަނބޭލީގޭ ޢަބްދުﷲ ޢަލީ (ބޭބޭ) އާއި މ.އަފްޒާ
މުޙައްމަދު ފަހްމީ (މާލޭ ފަހްމީ) އެވެ. ބައްޕަ ދީނީ ޢިލްމު
އުގެނިވަޑައިގެންނެވީ ސ.ހިތަދޫ ރައުޙާ އައްޝައިޚު މޫސަލްމުޞްޠަފާ (އާދެ.
މޫސާބެއްޔާ) އަރިހުންނެވެ. މޫސާބެއްޔާ އަރިހުން އަރަބިތާނަ ރީތިކޮށް ލިޔަން
ދަސްކުރެއްވުމުގެ އިތުރުން އަރަބިބަހުން ފިޤްހާއި، އަސްބާބުއްނުޒޫލާއި، ބުޚާރީ
މުސްލިމްފަދަ ޙަދީސް އިލްމުގެ
ފޮތްތަކާއި އަލްމިންހާޖުން ވަރަށްބޮޑު ބައެއް ކިޔަވައި ވިދާޅުވިއެވެ. ދެން ބައްޕަ ކިޔަވަން ވަޑައިގެންނެވީ
މަދުރަސަތުލް އިމްދާދިއްޔާއަށެވެ. އިމްދާދިއްޔާއިން ދާދި ފަސޭހަކަމާއެކު
ފާސްވެގެން ދެން ބައްޕަ ކިޔަވަންވަޑައިގެންނެވީ އަލްމަދުރަސަތުލް
ޙުސައިނިއްޔާއަށެވެ. އެއީ މިހާރުގެ ލެވެލަށް ބަލާއިރު ގްރޭޑް 11، 12 އަށް
ކިޔަވައިދިން ސްކޫލެކެވެ.
ޙުސައިނިއްޔާ
ސްކޫލުގައި ބައްޕަ ކިޔަވައި ވިދާޅުވީ ދިވެހިބަހާއި، ޤުރުއާނާއި، ތަޖްވީދާއި،
ޞިއްޙަތާއި، ހިސާބާއި، އަރަބިލިޔުމާއި، ތާނަލިޔުމާއި، އަޚްލާޤާއި، ދީނިއްޔާތާއި،
އިނގިރޭސިބަހާއި، ޢާއްމު މަޢުލޫމާތާއި، ޢަރަބިބަހާއި، ޖިއޮގްރަފީއެވެ. އާދެ، ސްކޫލު ދައުރު
ނިންމުމަށްފަހު އަފީފްދީދީގެ ސުވާދީބު ސަރުކާރުގައި ރައީސް އޮފީހުގެ ކާތިބެއްގެ
ގޮތުގައި ބައްޕަ މަސައްކަތް ކުރެއްވިއެވެ.
އެއަށްފަހު ސަނަދު ނަގަން ކިޔަވައި ވިދާޅުވުމަށް މާލެ ވަޑައިގެން
މަދުރަސަތުލް ޢާލިޔާގައި ކިޔަވައި ވިދާޅުވެ ވަރަށްގިނަ ސަނަދުތައް ބައްޕަ ޙާޞިލު
ކުރައްވާފައި ވެއެވެ.
ބައްޕަ
މީހަކާ ކާވެނި ބެއްލެވީ އުމުރުފުޅުން 17
އަހަރުގައެވެ. އެއީ ސ.ހިތަދޫ ވެނީލާގޭ (ކުދުބެޔާގެ މުޙައްމަދުދީދީގެ) ޙައްވާދީދީ
އާއެވެ. ކައިވެންޏަށް އަހަރެއްވެސް ހަމަނުވަނީސް ބައްޕަ އޭނާ ވަރިކުރެއްވުމަށްފަހު
އަޅުގަނޑުގެ މަންމައާ ކައިވެނި ބައްލަވައިގެންފިއެވެ. މަންމައާއި ބައްޕަގެ 4 ވަނަ ދަރިފުޅު ލިބެންދެން
ބައްޕަ އުޅުއްވީ މާ ހަމަޖެހޭ ދިރިއުޅުމެއްގައެއް ނޫނެވެ. އެހެންކަމުން އެހެން ކާވެންޏެއްކޮށް އެބަނޑަށް
އެހެން ކުއްޖަކުވެސް ލިބުނީއެވެ. މިފަހަރު ކާވެނި ކުރެއްވީ ސ.ހިތަދޫ
ދޮންފަތްބަގީޗާގޭ ޢާއިޝަތު ޢަލީއާއެވެ. އަޅުގަނޑުގެ ކޮއްކޮ ނަވީނަކީ އެބަނޑުން
ބައްޕައަށް ލިބިވަޑައިގެންނެވި ދަރިފުޅެވެ.
ސަރުކާރުގެ ވަޒީފާގައި ބައްޕަ އުޅުއްވީ
ހިތަދޫ ކުޑަކަތީބުކަމުން ފެށިގެންނެވެ. ބައްޕަ ވަނީ ހިތަދޫ ކުޑަކަތީބުކަމާއި
ކަތީބުކަމާއި ބޮޑުކަތީބުކަން ވެސް ކުރައްވާފައެވެ. މާތް ﷲ ގެ ފަޟްލަވަންތަ ވެރިކަމުން ބައްޕައާއި މަންމަ ވަނީ ޙައްޖުގެ މަތިވެރި
އަޅުކަންވެސް އަދާކުރައްވާފައެވެ. އެއީ މީގެ ފަސް އަހަރުކުރިން 2013
ވަނައަހަރުއެވެ.
އަޅުގަނޑުގެ
ބައްޕައަކީ މަދުރަސީ ދައުރުއްސުރެ ދިވެހިބަހަށް ވަރަށް ބޮޑަށް ލޯބި އުފެދިފައިވާ
ބޭފުޅެކެވެ. އެހެންކަމުން އަބަދުވެސް ބަސް ހޯދައި އެއްކޮށް ދިރާސާކުރެއްވުމަކީ ބައްޕަ
ކުރައްވަމުން އައި މަސައްކަތެވެ.
ޚާއްޞަކޮށް އައްޑޫބަހާއި ބަހުރުވައަށް އަންނަމުންދާ ހީނަރުކަމާދޭތެރޭ
ފިކުރުކުރައްވައި އެކަން ރަނގަޅުކުރެވޭތޯ ކުރެވެންހުރި މިންވަރަކުން މަސައްކަތް
ކުރައްވަމުން އަންނަ ބޭފުޅެކެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން:
(ހ) ދިވެހިބަހުގެ ރަދީފުގައިހުރި
އައްޑޫބަހުރުވައިގެ ކުށްތައް ރަނގަޅުކުރެވޭތޯ އޭގެ ލިސްޓެއް ނަގައިގެން
(ކުށްގޮތާއި ރަނގަޅުގޮތް އޮޅުންފިލާގޮތަށް ތައްޔާރުކޮށްގެން) ދިވެހިބަހާއި
ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހަށް ހުށަހެޅުއްވިއެވެ. ނަތީޖާއެއްގެ ގޮތުން
އެބަސްބަހާމެދު އެ މަޖިލީހުގައި (ބައްޕަވެސް ބައިވެރިވެގެން ) ބަހުސްކުރެވި އެބަސްބަސް އިސްލާޙކުރެވިފައި
ވެއެވެ.
(ށ)
އައްޑޫބަހުގެ ހަމަތަކާއި ޤާވާޢިޑާއި ބަސްމަގު ހަލާކުވަމުންދާތީ އައްޑުއަތޮޅު
ހިތަދޫގައި ހިންގަމުންދިޔަ ދިވެހިރާއްޖޭގެ އަޑުގެ މީޑިއާ ސެންޓަރާ ގުޅިގެން
ހަފުތާގެ ޕްރޮގްރާމުގެ ތެރެއިން ޖާގަ ހޯދައިގެން ޕްރޮގްރާމެއް ބްރޯޑްކާސްޓް
ކުރެއްވިއެވެ.
(ނ)
ބަހުގެ ހަމަތަކުގެ މައްޗަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްގައި އެކިއެކި ސްކޫލު
މަދަރުސާތަކުގައި މުދައްރިސުންނާއި ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވިއެވެ.
(ރ) ވާހަކަދެއްކުންތެރިކަން ދަސްކޮށްދިނުމުގެ ކޯސްތައް ހުޅުދޫ، މީދޫ،
ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫގައި ބޭއްވިފައިވާނެއެވެ. ބައެއްކޯސްތައް ހިންގީ
ޑީއާރުޕީގެ ޚަރަދާއި އެހީގައެވެ. އަނެއްބައި ކޯސްތައް ހިންގީ ރަށްރަށުގެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުންނާއި ރަށްރަށު އޮފީސް އޮފީހާއި
ސްކޫލުތަކުގެ އެދުމުގެ މަތިންނެވެ.
(ބ)
ފަތްތޫރަ މަޖައްލާއަށް ލިޔުއްވުމުގެ މަސައްކަތް ފަތްތޫރައިގެ 60 ވަނައަދަދުން
ފެށިގެން ބައްޕަ ވަނީ ފައްޓަވާފައެވެ.
(ޅ) ބައްޕަ
އަށް ދަރިވަރުވި ދަރިވަރުންގެ ޢަދަދު
އެތަކެއް ހާހުން ގުނައިލެވޭނެއެވެ. ޚުދު ބައްޕައަށް ވެސް އެ އަދަދު
އަންދާޒާކޮށްލަންވެސް އުނދަގުލެވެ.
ސްކޫލުތަކުގައި ދަރިވަރުންނަށް އުގަންނައި ދިނުމުގެ މަސައްކަތަކީ
މާކުރިންވެސް ބައްޕަ ކުރައްވަމުން ވަޑައިގަންނަވާ ކަމެކެވެ. ރަށުގެ ވެރިކަމުގައި
ހުންނަވައިގެންވެސް ވަގުތުވީ ވަރަކުން ސްކޫލުތަކުގެ ކުލާސްތަކަށް ކިޔަވައިދެމުން
ގެންދެވިއެވެ.
އެންމެ
ފުރަތަމަ ކިޔަވައިދެއްވުމުގެ މަސައްކަތް ފެށީ ހިތަދޫ ކޮމަންޑޫގޭގައި ހިންގި
"އައްޑޫ އިންގްލިޝް ސްކޫލް"ގައެވެ. ހަމަ އެއާ އެކުއެކީހެން ސިއްކަގޭ
ދޮންމަނިކުފާނު ހިންގެވި "ރަޙްމަތުއްދިރާސާ" ގައެވެ. ދެން މެދުވަލު ސްކޫލުންނެވެ. ހަމައެއާއެކު
ހިތަދޫގެ ހުރިހައި ސްކޫލެއްގައި ހުރިހާ ގްރޭޑަކަށް ބައްޕަ ކިޔަވައި ވިދާޅުވެ
ދެއްވިއެވެ. މިއަދާހަމައަށް ވެސް ބައްޕަ ކިޔަވައިދެއްވުމުގައި މަސައްކަތް
ކުރައްވަމުންގެންދަވައެވެ. އަޅުގަނޑުގެ ދުޢާއަކީ ބައްޕަގެ މަސައްކަތުގައި ބަރާކާތްލައްވައި
ބައްޕަގެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކޮށްދެއްވުމެވެ.
19.09.2018
09.01.1440
No comments:
Post a Comment