އިނގިރޭސިން ގަމުން ފޭބުން
ލިޔުނީ: ޒީނަތު ލަބީބު.
މީލާދީން
1957 ވަނަ އަހަރު އައްޑު އަތޮޅު ގަމުގައި އިނގިރޭސިންގެ ރޯޔަލް އެއަރފޯސްގެ ވައިގެ
މަރުކަޒެއް ޤާއިމު ކުރެވުނެވެ. މިފަދަ މަރުކަޒެއް މި އަތޮޅުގައި ޤާއިމު ކުރުން
ވެގެން ދިޔައީ އައްޑު އަތޮޅަށް ޚާއްޞަކޮށް، ޢާއްމުކޮށް ދެކުނުގެ ގިނަ އަތޮޅުތަކަށް
ލިބުނު ވަރަށް ބޮޑު ތަނަވަސް ކަމަކަށެވެ.
އިނގިރޭސިންގެ މަސައްކަތުގައި ދިވެހިންގެ ގިނަ ބަޔަކު ބައިވެރިވެ
އެމީހުންގެ ޕައުންޑް ފައިސާއިން މުސާރަ ލިބެން ފެށުމުން ރާއްޖޭގައި އޭރު އެންމެ
ބޮޑަށް ފުދިގެންތިބި ބަޔަކީ ޙަޤީޤަތުގައިވެސް އައްޑޫ މީހުންނެވެ. އެހެންކަމުން އަވަށްޓެރި
އަތޮޅުތަކުން ވަރަށްގިނަ ބަޔަކު އައްޑު އަތޮޅަށް އައިސް އާމްދަނީ ހޯދުމަށް ޓަކައި
ތަފާތު މަސައްކަތް ތަކެއް ކުރިއެވެ. ޚާއްޞަކޮށް ގަމުގައި ޤާއިމު ކުރެވިފައިވާ
އިނގިރޭސި އާރ.އޭ.އެފް ގެ ހަސްފަތާލުން ލިބެންހުރި ޔޫރަޕްގެ ފެންވަރުގެ
ރަނގަޅު ޑޮކްޓަރީ ފަރުވާ މާލެއާއި
ރާއްޖެތެރޭގެ ވަރަށްގިނަ ބަޔަކު ހޯދަމުން
ދިޔައެވެ.
ތަފާތު
އެކިއެކި ބަލިބައްޔަށް އޭރު މާލެއިން ވެސް
ލިބެން ނެތް ކިތަންމެ ފަރުވާ އަކާއި، މާލޭގައި ހުރި ހަސްފަތާލުން ވެސް ވެވެންނެތް
ކިތަންމެ އޮޕްރޭޝަނެއް ގަމުގެ ހަސްފަތާލުން ކުރުވިއެވެ. ގަމުގައި މަސައްކަތްކުރި
ލޭބަރުންނަށާއި، އަތޮޅުގެ ރަށްރަށުގެބައެއް ކުދިންނަށް ގަމުގައި އިނގިރޭސިބަސް
ކިޔަވައި ދިނުމުގެ މަސައްކަތް ވެސް އިނގިރޭސިން ކޮށްދިނެވެ. އަލަމާރި އެނދު
ގޮދަޑިފަދަ ތަކެއްޗާއި، އެނޫންވެސް ގޭގައި ގެންގުޅޭނޭ އިނގިރޭސިވިލާތުގެ ގެވެހި ކަންވާރު
އައްޑުއަތޮޅު ރައްޔިތުންނަށް ލިބުނެވެ.
އަތޮޅުން ތަފާތު އެކިއެކި ބަލިބަލި ނައްތާ ލުމުގެ ބޭނުމުގައި، ވަޅުވަޅަށް
ބޭސްއަޅައި ކޮލޮރިން ކޮށްދިނުމުގެ މަސައްކަތާއި، މަދިރި ހުސްކޮށްލުމަށް ޓަކައި،
މުޅި އަތޮޅަށް ދުން ޖެހުންފަދަ ކަންތައް އިނގިރޭސިން ކޮށްދިނެވެ. އަދި އޭގެ
އިތުރުން އިނގިރޭސިންގެ ނެފީ އިން ދިވެހި ( ލޭބަރުންނަށް) ހެޔޮއަގުގައި
ކާބޯތަކެއްޗާއި މުދާ ލިބޭގޮތް ފަހިކޮށް ދިނެވެ.
އޭރުއޮތް
އައްޑު އަތޮޅަކީ، ޢުމްރާނީ ތަރައްޤީގެ ގޮތުން ބެލިކަމުގައި ވިޔަސް، ވަރަށް
ކުރީގައި އޮތް އަތޮޅެކެވެ. އިނގިރޭސި
ސާމާނު ތަކުން މުއްސަނދި ވެފައިވާ ގޭގޭގެ ޢަދަދު ގިނަ އަތޮޅެކެވެ. އިނގިރޭސި ވެހިކަލްތައް މިއަތޮޅުގެ
ރަށްރަށުގައި ގެންގުޅުނުއިރު، ރާއްޖޭގެ ވެރިރަށް މާލޭގައިވެސް އޭރު އެފެންވަރުގެ
ވެހިކަލް ތަކެއްނެތޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. އައްޑުއަތޮޅު މީހުން ލައިއުޅުނު
ފޭރާމާއި، ބޭނުންކުރި ލަގްޒަރީ ސާމާނަކީ، އޭރު ރާއްޖޭގެ އެއްވެސް ތަނަކުން
ލިބެންހުރި އެއްޗެއް ނޫނެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓްނެތް އިރުވެސް
މިއތޮޅުގެ ރަށްރަށުގައި ހަވީރު އިރުއޮއްސި 06:00 ން ރޭގަނޑު 11:00 އަށް
ތަނަވަސްކަން ހުރި ބައެއް ދިވެހިން އަތޮޅުގެ ގޭގެއަށް އެމީހުންގެ ޖަނަރޭޓަރު
ތަކުން (މަހުފީއެއް ނަގައިގެން) ކަރަންޓުގެ ޚިދުމަތް ވެސް ދެމުން
ގެންދިޔައެވެ. ޚާއްޞަކޮށް ގަމުގެ ނެފީން
ލިބެން ހުރި ފަޓުލޫނު ފޮތިން މާލޭގެ ޢިއްޒަތްތެރި ބޭފުޅުންނަށް ކުރެވޭ ވެދުމަކީ،
އެބޭފުޅުންނަށް ވަރަށް މަޤްބޫލު ވެދުމެއް ކަމަށް ވެސް އޮތީ ވެފައެވެ.
މިފަދަ
ބޮޑު ތަނަވަސް ކަމެއްގެ މަތީގައި އައްޑު އަތޮޅު ރައްޔިތުން އުޅެއުޅެ ތިއްބާ
އިގިރޭސިން ގަން ދޫކޮށްލާފައި 1976 މާޗް 31 ގައި ފައިބައިގެން ދިޔަ ދިއުންވީ
އައްޑު އަތޮޅަށް ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް ކަމަށެވެ. އިނގިރޭސިން ގަމަށް
އައުމުގެ ކުރިން އައްޑު އަތޮޅު ރައްޔިތުންނަކީ، ޢާންމުކޮށް އޮޅުއަލަ
ހައްދައިގެންނާއި ތަފާތު ބާވަތް ބާވަތުގެ ގޮވާންކޮށްގެންނާއި، މަސްވެރިކަން
ކޮށްގެން ލިބޭ އެއްޗަކުން ދެކޮޅުޖައްސައިގެން އުޅެމުން އައި ބައެކެވެ. އިނގިރޭސިން
ގަމުން ފައިބައިގެން ދިޔައިރު އައްޑު އަތޮޅު ރައްޔިތުން ގޮވާންކުރި ދަނޑުތަކެއްގައި އެއްވެސް
ގޮވާމެއް ނެތެވެ.
ދަނޑު ތަކުގައި ހުރީ ބޭނުން ނުުކުރެވޭ ވަރަށް ވިނަ ފަޅައި
ބިޔަ ގަސް ހެދިފައެވެ. 19 އަހަރުދުވަސް ވަންދެން އަޅާނުލައި ދޫކޮށްލެވިފައި ވުމުން
އަލުން ބަލުން އޮޅުކޮނެގެން ދަނޑު ހައްދަން ޖެހިފައެވެ. ކުއްލިއަކަށް މިފަދަ
ބޮޑު ދަތިކަމެއްގެ ތެރޭގައި އައްޑު އަތޮޅު ރައްޔިތުން އުޅެން
ދިމާވުމުގެ ސަބަބުން ނުކޮށް ނުދާނެ ހުރިޙާ އަސަރެެއް އައްޑު އަތޮޅަށް އޭރުއޮތީ
ކޮށްފައެވެ.
އިނގިރޭސިން ފައިބައިގެން ދިޔައިރު ގަމުގެ ހަސްފަތާލުގައި ތިބި ދިވެހިންގެ
ތެރެއިން ބައެއް މީހުން ވަނީ ފުދޭވަރަށްވުރެވެސް ބޮޑަށް ބޭސްފަރުވާ ދިނުމުގެ ތަމްރީނު ހޯދާފައެވެ. އިނގިރޭސިންގެ އަތްދަށުން ލިބުނު ބައެއް ކަހަލަ
ބޭހުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށް ޓަކައި، ވަރަށް
އާދައިގެ ސެންޓަރެއް ހިތަދޫގައި އުފައްދައިގެން މިދެންނެވި ދިވެހިން މަސައްކަތް
ކުރައްވަމުން ގެންދެވިއެވެ. އެސެންޓަރ ފުރަތަމަ ހިންގީ އައްޑޫ ޓްރޭޑިން ކޯޕަރޭޝަން
(އޭ.ޓީ.ސީ) ހިންގި އިމާރާތުގެ އިރުމަތީގެ ތިރީބައިގައެވެ. ދުވަސް ކޮޅަކުން އެޞިއްޙީ މަރުކަޒު ދެން ބަދަކުކުރީ
އަތޮޅުގޭގެ ކޮޓަރިއަކަށެވެ. މިސެންޓަރަކީ، މާއެދެވޭ ފަރުވާއެއް ދެވެން ނެތް ތަނެއް
ކަމުގައި ވިޔަސް، މުޅި އަތޮޅުން ވެސް ބޭސް ފަރުވާއަށް އޭރު އަންނަން ޖެހެނީ،
ހިތަދޫގައި ހުރި މިދެންނެވި ސެންޓަރަށެވެ.
އިނގިރޭސިން ގަމުން ފައިބައިގެން ދިޔައިރު، މިއަތޮޅުގެ ތަޢުލީމީ ޙާލަތުވެސް
އެހާ ރަނގަޅެއް ނޫނެވެ. ހިތަދޫގައި ފަޟީލަތުއްޝައިޚް ޙުސައިން ޝަރަފުއްދީނު
(ޙުސައިން ރަހާ) ގެ ނަންފުޅަށް ނިސްބަތް ވެގެން ހިންގަމުން އައި، އަލްމަދުރަސަތުލް
ޙުސައިނިއްޔާ އާއި، އަލްފާޟިލު ޢަލީ
ލުޠުފީގެ މަސްއޫލުވެރިކަމުގެ ދަށުން
ހިންގަމުން އައި، ނޫރާނީ
ސްކޫލާއި، (މިހާރު އެހެރަ ކޮމަންޑޫގޭގައި ރައްޔިތުންގެ ޚަރަދުގައި) ހިތަދޫސްކޫލް
ހިންގަމުން ދިޔައެވެ. ހުޅުދޫގައި
މަދުރަސަތުއް ނަޞްރިއްޔާގެ ނަމުގައި ރައްޔިތުންގެ ޚަރަދުގައި ހިންގަމުން ދިޔަ
ސްކޫލަކާއި، މީދޫގައި މަދުރަސަތުލް ހިދާޔާގެ ނަމުގައި ރައްޔިތުންގެ ޚަރަދުގައި
ހިންގި މަދަރުސާއެއް ހިންގަމުން ގެންދިޔައެވެ. އަދި މީގެ އިތުރުން ފޭދުއާއި،
މަރަދޫފޭދުއާއި، މަރަދުއާއި މިތިންރަށުންކުރެ ކޮންމެ ރަށެއްގައިވެސް ރައްޔިތުންގެ
ޚަރަދުގައި މަދަރުސާއެއް ހިންގަމުން ގެންދިޔައެވެ.
އިޤްތިޞާދީ
ގޮތުންބަލާއިރު، އިނގިރޭސި ޕައުންޑް ލިބިގެން ގަމުގެ ނެފީން ތަކެތި ގަނެގެން
ރަށްރަށުގައި ބައެއް ފަރާތްތަކުން ކުދިވިޔަފާރި ކުރަމުން ގެންދިޔަ މަދުޢަދަދެއްގެ
ބަޔަކު މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް އުޅުނެވެ. އިނގިރޭސިން ފޭބުމުން
މިވިޔަފާރި އިތުރަށް ފުޅާކުރެވޭނެ ގޮތެއް ނެތިގެން ބައެއް ފަރާތްތަކުން ވިޔަފާރި
ހުއްޓާލީއެވެ. އަނެއް ބަޔަކު ވަރަށް
ދަތިޙާލުގައި މާލެއަށް ގޮސްގެން މާލޭގައި ވިޔަފާރި ކުރުމުގެ މަސައްކަތް ފެށީއެވެ.
އަނެއްބަޔަކު، ބޯޓުފަހަރުން މާލެއަށް ގޮސްގެން މުދާގެނެސްގެން ވިޔަފާރި
އާޅާކުރުމަށް މަސައްކަތް ކުރީއެވެ. އެހެންނަމަވެސް ތަނަވަސްކަމެއް އޭރު ނެތް
ބައެއްގެ މެދުގައި ވިޔަފާރި އާލާކުރެވޭނެ މިންވަރު ޚިޔާލުކޮށްލަން އަޅުގަނޑު
ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.
No comments:
Post a Comment