ޙަޔާތުގެ ހިތްދަތި ތަޖުރިބާ
ލިޔުނީ: ޒީނަތު ލަބީބު.
މިއީ
ސ.ހިތަދޫ ފަތިސްހަނދުވަރުގޭ މުޙައްމަދު ޙަސަންދީދީ އަށް ދިމާވި ހިތްދަތި ޙާދިސާ
އޭނާ ކިޔައިދިން ގޮތަށް ލިޔެފައިވާ އޭނާގެ ދަތުރުގެ ދަތުރުނާމާއެކެވެ. " 1964
ވަނައަހަރު އާރޭފް ޙުސައިންގެ މައްސަލާގައި އަޅުގަނޑުގެ ލޯބިވާ ވަޒަން
ދޫކޮށްލާފައި ދާންޖެހުނީ ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަކުރަމުންނެވެ. އެއީ
އަޅުގަނޑާމެދު ތަޤްދީރު ނިޔާކުރި ގޮތްކަމަށް ބަލައިގެންނެވެ.
އާރޭފް ޙުސައިނުގެ ޖަގަޑާގައި
އަޅުގަނޑުމެން ހައްޔަރުކޮށްގެން ގޮސް ލީ މަރަދޫ "ވެންބޮޅޮފީށެ ބޮޑުގެ" އަށެވެ.
އެތާގައި ދުވާލު ދެއިރު ދިން ކާއެތިކޮޅެއް ދިނީވެސް ބަނބުކެޔޮފަތަށް އަޅާފައެވެ.
އެ ޙާލަތުގައި އެތާގަނއި 6 ދުވަސް ވަންދެން ތިއްބާ ކުއްލިއަކަށް އަޅުގަނޑުމެން
އަތުގައި ބިޑިއަޅުވައިފިއެވެ. އަދި އޭގެ މަތިން ހިމަރޯނުން ފަށަކާފަށެއް ޖައްސާ
ބަނދެފަ މާލެ ފޮނުވުމަށްޓަކައި ބޯޓަކަށް ލައިފިއެވެ. ބޯޓަށް ލަމުންވެސް
އަނިޔާވެރިން އަޅުގަނޑުމެންނާ ދިމާއަށް " ދެން ކަލޭމެން ދެކޭނެ ބަޔަކު
މިދުނިޔެއަކު ނޫޅޭނެ، ދެން ބައްދަލުވާނީ މަޙުޝަރު ބިމުން" ނޭ މި އިބާރާތުން ބުންޏެވެ.
ދެން އަޅުގަނޑުމެން ގޮވައިގެން
ބޯޓަކުން މާލެ ދަތުރު ފަށައިފިއެވެ. މާލެ ދެވުމުން ބޯޓުގެ ނެވިމީހާ ބޯޓުން
ފައިބައިގެން ދިޔައީ ކަސްޓަމަށެވެ. އޭނަ ދިޔަތާ އިރުކޮޅެއްފަހުން މާލޭގެ
ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ ބަޔަކު އަޅުގަނޑުމެން ތިބި
ބޯޓުކައިރިއަށް ތޮށިމައްޗަށް ޖަމާވެގަތެވެ. "ތިޔަ ބާޣީން ކޮބައިހޭ، އަވަހަށް
ގެންނާށޭ، ހަދާލާގޮތްދައްކާލާނަމޭ" މިކަހަލަ ގޮވެލިތައް ގޮވަމުން
އަޅުގަނޑުމެން ތިބި ބޯޓަށް އަރަން ދިމާކުރިއެވެ. އެވަގުތު ސިފައިން އައިސް
ރައްޔިތުން ދުރައްޖައްސައި، އަޅުގަނޑުމެން ސިފައިންގެ އުޅަނދަކަށް ލައިގެން
ކަނޑިންމައިން ނުކުމެ ދަތުރު ފަށައިފިއެވެ.
މި އުޅަނދު ދިޔައީ ވިލިގިއްޔަށެވެ. ވިލިގިއްޔަށްގޮސް
އަޅުގަނޑުމެން ގެންދިޔައީ 1 ނަމްބަރު ޖަލަށެވެ. އަޅުގަނޑުމެން އެތަނަށްލީތަނާ
އިރުކޮޅަކުން ސިފައިންގެ ބަޔަކު އަތުވެއްޖެއެވެ. އެއިރު އެމީހުން އަތުގައި
ބަޑިވެސް ހުއްޓެވެ. އަޅުގަނޑުމެންގެ އަތް
ބަނދެފައިވާ ރޯނު މޮހެ ބިޑި ނައްޓާލުމަށްފަހު، އެތާހުރި ގެއެއް ދައްކާފައި އެގެ
އަޅުގަނޑުމެން ލައްވައި ސާފުކުރުވިއެވެ. ސާފުކޮށް ނިމުމުން ދެންއެންގީ މޫދަށްގޮސް
ފެންވަރައިގެން އައުމަށެވެ. އެތަނުން އަޅުގަނޑުމެންނަށް ސައި ދީފަ، އެންގީ ތަންބަލަހައްޓާ
ފަރާތުގެ އިޒުނައާ ނުލައި އެއްވެސް މީހަކު މިތަނުން ބޭރަށް ނުދިއުމަށެވެ.
ދެން އަޅުގަނޑުމެން
ގޮވައިގެންގޮސް ފަޅުއޮޑިފަހަރުތަކަށް ލައިފިއެވެ. ނޮޅިވަރަންފަރަށް ދިއުމަށް
ދަތުރު ފަށައިފިއެވެ. މި ދަތުރުމަތީގައިވެސް ކާންލިބެނީ ހަމަ ޖަލުގައިވެސް
ކާންދިން އެއްޗެތި ހަމަ އެ މިންވަރަށެވެ. މިޙާލަތުގައި ދަތުރުކޮށް ނޮޅިވަރަންފަރަށް
ދެވިއްޖެއެވެ. އޮޑީގެ ނެވިމާހީ އަޅުގަނޑުމެން ގޮވައިގެން ގޮސް ޙަވާލުކުރީ
އަތޮޅުއޮފީހާއެވެ. އަތޮޅުވެރިން އަޅުގަނޑުމެންނާ ވާހަކަ ދައްކަވާފައި ވިދާޅުވީ
އަޅުގަނޑުމެންނަށް ކުރަން އެނގުނު މަސައްކަތެއްކޮށްގެން މަހަށް ފަރަށް ވަލަށް
ގޮސްގެން ކައިބޮއި އުޅުމަށެވެ. މަހަށްދާއިރުވެސް ރަށުންބޭރު އެއްވެސް ތަނަކަށް
ފައިބައިގެން ނުވާނެ ކަމަށެވެ. އަތޮޅުވެރިން އަޅުގަނޑުމެންނާ މިވާހަކަ
ދައްކަވާފައި ދެން އަޅުގަނޑުމެން ފޮނުވާލީ ރަށުއޮފީހަށެވެ. އެ އޮފީހުންވެސް
އަޅުގަނޑުމެންނަށް އެންގެވީ ހަމަ އެވާހަކައެވެ.
މިހެން މި ބުރަމަސައްކަތް ކޮށްގެން
ބަލިވީމާ އަޅާލާނެ މީހަކުވެސް ނެތި އެތައް އަހަރަކަށް އުޅުނުފަހުން 1966
ވަނައަހަރު ނޮވެމްބަރ 11 ވަނަ ދުވަހު މެންދުރުން އަނބުރާ 2:00 ގައި އަޅުގަނޑުމެން
އަތޮޅު އޮފީހަށް ގެންގޮސްފިއެވެ. އަތޮޅުވެރިން ވިދާޅުވީ މަޙްކަމަތުލް
އަމަންޢާއްމުން ކަލޭމެން މާލެ ފޮނުވަން އަންގަވައިފި ވާހަކައާއި، މިހާތަނުން
ކަލޭމެންނަކީ މިނިވަނުން ކަމަށެވެ. އޭރު އަޅުގަނޑުމެން އެރަށުގައި އެކިބާވަތްބާވަތުގެ
ގޮވާމުގެ ދަނޑުތައްވެސް އޮތީ ހައްދާފައެވެ. އެހެންނަމަވެސް، އެރަށުންފުރި
އުޅަނދުފަހަރުގައި އަޅުގަނޑުމެން މާލެ ފުރުވައިފިއެވެ. މާލެގޮސް މަޙްކަމަތުލް
އަމްނުޢާއްމާ އަޅުގަނޑުމެން ޙަވާލު ކުރުމުން އެ މަޙްކަމާއިން އެންގެވީ
ކަލޭމެންނަކީ ތީމިނިވަން ރައްޔަތުންކަމަށެވެ. އައްޑުއަތޮޅަށް ފިޔަވައި އެހެން
ކޮންމެ އަތޮޅަކަށްވެސް ދެވޭނެ ކަމަށެވެ. އައްޑުއަތޮޅަށް ދެވޭނީ މި މަޙްކަމާގެ
ޚާއްޞަ ހުއްދައެއް
ލިބިގެން ކަމަށެވެ.
މާލޭގައި އަޅުގަނޑުމެންގެ ތެރެއިން
ބައެއްމީހުން ދަންނަ ގެއެއް ނެތުމާއެކު އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑާއި،
ޢަބްދުﷲ ފާއިޒާއި، ބުގެޢަލިދީދީ އާއި، ތިންމީހުން ބ.އަތޮޅުގެ ބޯޓަކަށް
ޖައްސައިފިއެވެ. އެބޯޓުން ކައިގެން އެބޯޓުން ފެންވަރައިގެން އުޅެމުން އައިސް 1967
ގެ ޖުލައިމަހުގެ 26 ގެ ކުޅިވަރަށްފަހު ބޯޓު ފުރައިގެންގޮސް ވިއްސާރަވެގެން
ހައްދުންމަތީ މާމެންދޫ ބޭރު ބޯޓު ޖައްސައިފިއެވެ. އަޅުގަނޑުމެން ތިންމީހުންގެ
މަޤްޞަދަކީ، ހުވަދުއަތޮޅަށް ފޭބުމެވެ. ދެދުވަސް ވަންދެން މާމެންދޫ ބޭރުގައި
ތިބުމަށްފަހު ތިންވަނައަށްވީ ދުވަހު ބޯޓު ފުރައިގެން ދަތުރުފަށައިފިއެވެ. އޭރުވެސް
ވަރަށް ވައިބާރެވެ. ކަނޑު ގަދައެވެ. ރާޅު ބޮޑެވެ. އެއްވެސް ތަނެއް ނުފެނެއެވެ. ދެރޭދެދުވާ
ވީއިރު ބޯޓުން ބޯފެންވެސް ހުސްވެއްޖެއެވެ.
ތެޔޮފޮދު ހުސްވާން ކާރިވުމުން ސަތަރިގަނޑެއް ނަގައިގެން ބޯޓު
ދުއްވަނީއެވެ. ވަކި މިސްރާބެއް ނެތިއެވެ.
އޮޔަށް ވަޔަށް ދާނެ ގޮތަކަށް ދިއުމަށެވެ. މިދަތުރުގައި ކަނޑުމަތިން ބޮޑެތި ބޯޓުފަހަރާވެސް
ދިމާވެއެވެ. އެކަމަކުވެސް އަޅުގަނޑުމެން ޖަހާ ހަމަކަށް ބަލައިލުމެއްނެތި
ދަތުރުކޮށްފަ ދަނީއެވެ. ފަނަރަރޭ ފަނަރަދުވާ ފާއިތުވެއްޖެއެވެ.
ހެނދުނު އަލިވެގެން ބަލައިލިއިރު،
މިރަށަކީ ލަކުޑިގަސްތަކެއް ހެދިފައިއޮތް ރަށެކެވެ. ދެން ނަގިލި ނަގައިގެން
ކަރުގޮނޑުން ރަށާ ކައިރިން މަޑުމަޑުން ދަތުރު ފަށައިފީމެވެ. މެންދުރު ބާރަޖަހާ
އެހާކަށްހައި އިރު ކުޑަކުޑަ ބޮއްކުރާގަނޑެއްގައި ދަތުރު ކުރަމުން އަންނަ ދެތިން
މީހަކު ފެނިއްޖެއެވެ. އަޅުގަނޑުމެން ހަންޖެހުމުން އެ ބޮއްކުރާ އައިސް
އަޅުގަނޑުމެންނާ ކައިރި ކޮށްލައިފިއެވެ. އެމީހުންގެ ފަރާތުން އެނގުނު ގޮތުގައި
މިއީ އަންޑަމަން އައިލެންޑްސް ކިޔާ އަންޒަމާން ކަރައެވެ. ދެން އެމީހުން
އާރުކާޓީންގެ ގޮތުގައި ބަލައިގެން މީހުން އުޅޭ ހިސާބަކަށް ދިޔައީއެވެ. އެތަނުން
އަޅުގަނޑުމެންނާ ދިމާވީ ސިފައިންގެ އިސް އޮފިސްރުންތަކާއެވެ. އެމީހުން
ވާހަކަދެއްކީ އިނގިރޭސިބަހުންނެވެ. އަޅުގަނޑުމެންނަކީ
ކޮންތާކު ބައެއްކަމާ، ދަތުރުގައި ދިމާވި ކަންތައްތަކާ ބެހެން މެދުވެރިވި ސަބަބު
އަޅުގަނޑާއި ޢަބްދުﷲ ފާއިޒާ ދެމީހުންވެގެން އެމީހުންނަށް ކިޔައިދީފީމެވެ.
އަޅުގަނޑުމެން ދެމީހުން ނޫން އެހެންމީހަކަށް އެމީހުންނާ ވާހަކައެއް ދައްކާކަށް
ނޭނގެއެވެ.
އެމީހުންގެ އޯގާވެރިކަމާއެކު އަޅުގަނޑުމެންގެ
ތެރޭގައިތިބި ބަލިމީހުން ހޮސްޕިޓަލަށް ގެންދެވުނެވެ. އެގޮތުގެ މަތިން 4 މަސް ދުވަހު
އަންޒަމާންކަރައިގައި އުޅުމަށްފަހު އެމީހުންގެ ޙިމާޔަތުގައި އާގުބޯޓަކުން
އަޅުގަނޑުމެން ގޮވައިގެން މެޑްރާސް އަށް ގެންގޮސްދިނެވެ. މެޑްރާސްއިން ރޭލުދަތުރުގައި
އިންޑިއާގެ ބަނދަރަކަށް ގެންގޮސް އެތާގައި
ކޮލަމްބޯއަށް ފުރަން ތައްޔާރުކޮށްފައިވާ އާގުބޯޓަކުން ކޮލަމްބޯއަށް ފޮނުވައިދިނެވެ.
ކޮލަމްބޯއިން އަނެއްކާވެސް ކަނޑު ދަތުރުކޮށްފައި އާދެވުނީ މާލެއަށެވެ. މާލެއަށް ގޮސް ސަރުކާރަށް ސިޓީލައިގެން
އަޅުގަނޑަށް އަޅުގަނޑުގެ ވަޒަނަށް އާދެވުނީ ހަތަރު އަހަރު ފަހުން، 28 ނޮވެމްބަރ 1968 ގައެވެ."
No comments:
Post a Comment