ދިރިއުޅޭ ރަށުގައި އިނގިރޭސިބަހަށް ދެވިފައިވާ
ޙައިޘިއްޔަތާއި އެބަސް ބޭނުންކުރާ ދާއިރާ ތަކާއި އެބަހުގެ ދައުރު
ލިޔުނީ: ޒީނަތު ލަބީބު.
ދިރާސާ ޚުލާޞާ
ބަހަކީ ޤައުމެއްގެ ވަހުދަތާއި ވަޠަނީ ރޫޙު
ދައްކުވައިދޭ ޖަމާޢަތް އެކަތިގަނޑަކަށް ހަދައިދޭ ހަތިޔާރެކެވެ. އެބައެއްގެ ދީނާ
ސަޤާފަތާއި އާދަކާދަ އަންނަންއޮތް ޖީލުތަކަށް ވާޞިލުކޮސްދޭ ސަވާރީއެކެވެ. ދުނިޔޭގެ
ބައެއް ޤައުމުތަކުންދަނީ އެމީހުންގެ މާދަރީބަސް ޙިމާޔަތްކުރަން ކުރެވެން އޮތްހާ މަސައްކަތެއް
ކުރަމުންނެވެ. އަޅުގަނޑުގެ މިދިރާސާގައި ބަލާލެވިފައިވާނީ 400 އެއްހާ މިލިއަން
މީހުންގެ މާދަރީ ބަސް ކަމުގައި ބެލެވޭ އިނގިރޭސި ބަހަށް އަޅުގަނޑުގެ މި ކުޑަކުޑަ
ރަށުގައި ދެވިފައިވާ ޙައިޘިއްޔާތާއި އެބަސް ބޭނުންކުރާ ދާއިރާ ތަކާއި އެބަހުގެ ދައުރާއި
ބެހޭގޮތުންނެވެ. މިމައްސަލަ ދިރާސާ ކުރުމަށް ބޭނުންކުރީ އެތްނޮގްރަފީ މެތަޑެވެ.
މިދިރާސާ ކުރިއަށް ގެންދިޔައީ ކޮލިޓޭޓިވް ރިސާރޗް މެތަޑަށް އިންޑެޕްތް އިންޓަރވިއު
އެއް ކޮށްގެންނެވެ. ދިރާސާގެ ސާމްޕަލް ނަގާފައިވަނީ އައްޑޫ ސިޓީގެ މީހުންގެ ތެރެއިން
ރޭންޑަމްކޮށް ހޮވާލެވުން 3 މީހެއްގެ ފަރާތުން އިންޓަރވިއު ކޮށްގެންނެވެ. ޑޭޓާ އެނަލަސިސް ހަދާފައިވާނީ އިންޓަރވިއު
ރެކޯރޑުކުރުމަށްފަހު ލިޔެގެން ކޯޑުކުރުމަށްފަހު ތީމްތަކަކަށް ބަހައިގެންނެވެ. ދިރާސާގެ
ނަތީޖާ ދައްކާ ގޮތުގައި ވަރަށް ކުރިއްސުރެ އައްޑޫ ސިޓީ ހިތަދޫގެ ރަށުގެ
ރަށްވެހިންގެ ގޮތުގައި އިނގިރޭސި ބަސް ދަންނަ އެބަސް އުނގެނެން ލޯބިކުރި ބަޔަކު
އުޅޭފައިވާކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ. ސުކޫލު މަދަރުސާ ފަދަ
ތަންތަނުގައި ކިޔަވައިދޭ ކިޔަވައި
ދިނުމުގެ ތެރެއިންނާއި ދަރިވަރުންގެ ބެލެނިވެރިންނާއި ޒުވާނުންނާއި މުޅި
މުޖުތަމަޢުން އިނގިރޭސި ބަހަށް ސަމާލުކަންދޭ މިންވަރު އިތުރު ވުމާއެކު މި ރަށުގެ
ކުރިމަގު އިނގިރޭސި ބަހަށް އޮތީ ފަހިވެފައި ކަން އެނގިއްޖެއެވެ. ދިރާސާއިން
ފާހަގަވި ގޮތުގައި އައްޑޫ ބަހުރުވަ އާއި ދިވެހި ބަހަށް ވުރެ އިނގިރޭސި ބަހަށް
އިސްކަންދެވޭ މިންވަރު އެތަށް ގުނައެއް އިތުރެވެ. އައްޑޫ ބަހުރުވަ ދިރުވާ
އާލާކުރުމަށް މަސައްކަތްތަކެއް ކުރުމަށް އައްޑޫ ސިޓީގެ ކައުންސިލަރުންނަށް
އަޅުގަނޑު އިލްތިމާސްކުރަމެވެ.
ދިރާސާގެ ތަޢާރަފް
މިފަދަ
ދިރާސާއެއް ކޮށްލުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވިކަމަށްޓަކައި ﷲ ސުބުޙާނަހޫ
ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ. މިފަދަ ދިރާސާއެއްގެ ބޭނުން އަމިއްލަ
ވަންތަކަމުގެ އެއްނިޝާން ކަމަށްވާ އަމިއްލަ ބަހުރުވަ ވަޅުޖެހެމުންދާ މިކުޑަކުޑަ
މުޖްތަމަޢަށް ވަނީ ޖެހިފައެވެ. އަޅުގަނޑު ދިރިއުޅޭ ރަށުގައި ޢާއްމުކޮށް އިނގިރޭސި ބަހަށް ދެވިފައިވާ
ޙައިޘިއްޔަތާއި، އިނގިރޭސި ބަސް ބޭނުންކުރާ ދާއިރާތަކާއި އެބަހުގެ ދައުރަކީ ކޮބައިކަން
ބަލައި ދިރާސާއެއް ކޮށްލުމަށް ލިބުނު ފުރުޞަތަކީ ނުހަނު ބޭނުންތެރި ފުރުޞަތެއް
ކަމަށް ޤަބޫލުކުރަމެވެ. މިފަދަ ދިރާސާއެއް ކުރުމުގެ މަޤްޞަދަކީ ދިވެހިބަހަށް
އަންނަ ހީނަރުކަން ދެނެގަނެ އެބަހަށް އަލުން ތާޒާ ކަމެއް ލިއްބައި ދިނުމަށް ކޮށިގެންދާނެ
މަގެއްކަމަށް ވެސް ޤަބޫލުކުރަމެވެ. އެކި ދައުރުގެ އެކި ބަސްވާރުންނާއި އެކި
ގޮތްގޮތުން ބަހަށް ޚިދުމަތް ކުރާ އެކި ބޭފުޅުންގެ ރައުޔާއި ވިސްނުން މިކަމުގައި
ހުރިގޮތަށް ވެސް މި މަސައްކަތުގައި އަޅުގަނޑު ވަނީ ހޯދާފައެވެ.
އާދެ، އަޅުގަނޑު ދިރިއުޅޭ ރަށަކީ ރާއްޖޭގެ
އެންމެ ދެކުނުގައި އޮންނަ އައްޑުއަތޮޅުގެ މައި ރަށެއް ކަމުގައިވާ ހިތަދޫއެވެ.
މިހާރުގެ ނަމުން ބުނާނަމަ އައްޑޫ ސިޓީގެ ހިތަދޫއެވެ. އަތޮޅުގެ ވެރިރަށް ކަމަށް
ޒަމާނުއްސުރެ ބަލަމުން އަންނަ ހިތަދޫއެވެ. ހިތަދޫއަކީ އާބާދީގެ ގޮތުންނާއި ބިމުގެ
ގޮތުން އަތޮޅުގެ އެހެން ރަށްތަކަށް ވުރެން ބިޔަ ބޮޑު ރަށެކެވެ. މިރަށަކީ ފުރަތަމަ
ބޮޑުހަނގުރާމައިގައި އިނގިރޭސިންގެ ދިފާޢީ މަރުކަޒެއް ހިތަދޫ ކޯއްޓޭގައި ޤާއިމު
ކޮށްގެން އެމީހުން އުޅެމުން އައި ރަށެކެވެ. އެކަމުގެ އަސަރު މިހާރު ވެސް ހިތަދޫގެ
ކޯއްޓޭ ސަރަޙައްދުން ފެންނަން އެބަހުއްޓެވެ. ދާދި ފަހަކާ ޖެހެންދެން ކޯއްޓޭގައި
އިނގިރޭސިން ބެހެއްޓި ބޮޑުބަޑި ބެހެއްޓި ތަން ވެސް ސަލާމަތުން ހުއްޓެވެ. އޭރު ވެސް އެމީހުންގެ މަސައްކަތުގައި މިއަތޮޅުގެ
އޭރުގެ ރަށްވެހިން އުޅެމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އުރުދޫ ބަހާއި
އިނގިރޭސި ބަސް އޭރުވެސް އަތޮޅުގެ ކޮންމެވެސް އެއް ބަޔަކަށް ހިސާބަކަށް ނަމަވެސް
އެނގި ދަސްވުމުގެ ފުރުޞަތު އޮތީ ފުޅާ ދާއިރާ އެއްގައި ލިބިފައެވެ.
އާދެ، ދުނިޔޭގެ ފުރަތަމަ
ބޮޑު ހަނގުރާމައިގައި ހިތަދޫގައި އިނގިރޭސިން ދިރިއުޅުމުގެ އިތުރުން އެފަހުން އައި
ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގައި ވެސް ހިތަދޫގައި އިނގިރޭސިން އުޅެފައި
ވެއެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި އައި ފަހަރު އެމީހުންގެ މަރުކަޒުތައް
ހަދައިގެން އުޅުނީ ހިތަދޫގެ މާމެންދޫގައެވެ. އެއީ ރަށުގެ އެންމެ ފުޅާ ސަރަޙައްދެވެ.
މިހާރު އެސަރަޙައްދަށް އެންމެން ވެސް ކިޔަނީ އާރޭފެވެ. އާރޭފް މިނަން ދެވުނީ ވެސް
އެމީހުން އެތާނގައި އުޅުމުގެ ސަބަބުން އެމީހުންގެ ކުންފުންޏެއް ކަމަށްވާ ރޯޔަލް
އެއަރފޯސް ގެ ނަމަށް ނިސްބަތްކޮށް ކަމަށް ދުވަސްވީ އިހު ރަށްވެހިންގެ ފަރާތުން
މަޢުލޫމާތު ލިބިފައިވެއެވެ. އިނގިރޭސިން އާރޭފް ސަރަޙައްދުގައި އުޅުނީ އެމީހުންގެ
ރާޑަރު ސިސްޓަމެއް އާރޭފުގައި ޤާއިމް ކޮށްގެންނެވެ. އޭރު ތިބި ދިވެހިންގެ ތެރެއިން
ގިނަ ޢަދަދެއްގެ ބަޔަކު އާރޭފުގައި ވެސް މަސައްކަތް ކުރިއެވެ. އެމީހުން ގެންގުޅުނު
އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރު ދުއްވުމުގެ މަސައްކަތުގައި ވެސް އުޅުނު ކަމަށް
ވެއެވެ. ނަތީޖާ އެއްގެ ގޮތުން
އަނެއްކާވެސް ހިތަދޫ ރައްޔިތުންގެ
ތެރެއިން ގިނަ ބަޔަކަށް އިނގިރޭސި ބަސް އެނގުމާއި އުނގެނުމުގެ މަގު ފަހިވެގެން
ދިޔައެވެ.
މިވަގުތު ދުނިޔޭގައި އޮތް އެންމެ
ބާރުގަދަ އަދި އެންމެ ނުފޫޒުގަދަ ބަހަކީ އިނގިރޭސި ބަސްކަމީ ޤަބޫލުކުރަންޖެހޭ
ހަގީގަތެވެ. މިއީ ވަރަށް ގިނަ ބައެއްގެ ހިތުން މިކަން ނިންމާފައިވާގޮތެވެ.
މިމަތިވެރި ޝަރަފު އިނގިރޭސި ބަހަށް ލިބިފައިވާ ކަމަށް ބަހުގެ ޢިލްމުވެރިންވެސް
އިއްތިފާގުވެވަޑައިގަންނަވެއެވެ. މިއަދުގެ ހަލަބޮލި މިދުނިޔޭގެ ގިނަ ޤައުމުތަކުގެ
އިޤްތިޞާދީ ބާރާއި އިޖްތިމާޢީ ބާރާއި އިންސާނުން އެބަހެއް ބޭނުންކުރާ
މިންވަރަށްދެވޭ ސަމާލުކަމަށް ބެލިނަމަވެސް އިނގިރޭސި ބަހަކީ ދުނިޔޭގެ މެދު
އުޑުގައި ފިޔަޖަހަމުންދާ ފަނޑުވުމެއް ނުވާފަދަ އަލިގަދަ ތަރިއެކެވެ. އެހެން
ބަސްތަކުގެ މައްޗަށް އަތްގަދަކުރަމުންދާ ބަހޭ ނުބުނާނެ އެކަކުވެސް ނުހުންނާނެކަމީ
ޝައްކެއްއޮތް ކަމެއް ނޫނެވެ.
މީގެ
70 ވަރަކަށް އަހަރު ކުރިއަށް ޖެހިލާއިރު އައްޑޫގެ ރަށްތަކުގައި މީހުން ވާހަކަ
ދައްކަން ބޭނުންކޮށްފައިވަނީ އެމީހުންގެ ޝަރަފާއި ޢިއްޒަތާއި ކަރާމާތް ކަމުގައި
އެމީހުން ދެކެމުންދިޔަ އައްޑޫ ބަހުރުވަ އެކަންޏެވެ. އައްޑޫ ބަހުރުވަ އަކީ އައްޑޫގެ
ރައްޔިތެއްކަން ރަމްޒުކޮށްދޭ އެއްސިފައެވެ. އައްޑޫ މީހަކަށް މީހާ
ނިސްބަތްކޮށްދޭކަން އަންގައިދޭ އެންމެ ބޮޑު ވަޞީލަތެވެ. އައްޑޫގެ އާދަކާދަ އާއި
ޘަޤާފަތުގެ ބިންގަލެވެ. އެހެންނަމަވެސް މިދުވަސްތަކަކީ މާޟީއާއެކުވެ ފާއިތުވެ
ގޮސްފައިވާ ރަން ޞަފްޙާތަކަކަށް ވަނީ ބަދަލުވެފައެވެ. މިހާރު އައްޑޫގެ ފަޚްރަކީ
ނުވަތަ ތާޖަކީ އައްޑޫ ބަހުރުވައޭ ބުނަން ގިނަ ބަޔަކު ފަސްޖެހޭނެ ކަމީ ޝައްކެއް
އޮތްކަމެއް ނޫނެވެ.
ބަހެއް
ނުވަތަ ބަހުރުވައެއް ތަރައްޤީވެ ހެދިބޮޑުވަމުންދާނީ އެއަށް ލިބިދޭންޖެހޭ
ހައްޤުތައް ފުރިހަމަވެގެންނެވެ. މިގޮތުން ބަލާއިރު ބަހާއި ބަހުރުވައަށް ބޭނުންވާ
އެންމެ މުހިއްމު އެއް ހައްޤަކީ އެބަހުން ނުވަތަ އެބަހުރުވައިން ވާހަކަދައްކާނެ
ބަޔަކު ތިބުމެވެ. ބަހަށް ދެވިފައިވާ ދަރަޖަ ދަށްވަމުންދާނަމަ ބަހުގެ
މުހިއްމުކަމާއި ބަހުގެ ހުރި ރީތިހަމަތައް ގެއްލި ބަހުގެ އަސްލު ނެތިގެން
ހިނގައިދާނެއެވެ. އެހެންކަމުން އަޅުގަނޑުގެ މިދިރާސާގެ މަޤްޞަދުތަކަކީ އައްޑޫގެ
ރައްޔިތުން އެބަހުރުވައަކަށް ޝަރަފުވެރިވި ބަހުރުވައެއްގެ މައްޗަށް އަތްގަދަކޮށް
ނުފޫޒު ފޯރުވަމުންދާ އިނގިރޭސި ބަސް އައްޑޫއަށް ތަޢާރަފް ވިގޮތާއި މިބަހަށް
މީހުންގެ ހިތުގައި ލޯބި ޖެހި މިބަހަށް ދެވިފައިވާ ޙައިޘިއްޔަތު ހާމަކޮށްދިނުމެވެ.
އަދި އިނގިރޭސި ބަސް ބޭނުންކުރާ ދާއިރާތަކާއި އެބަހުގެ ދައުރު ހާމަކޮށްދިނުމެވެ.
މީގެ އިތުރުން މިބަހަށް މަތީ ދަރަޖައެއް ދެވެން ފެށިގޮތް މިއަދުގެ ޒުވާން ޖީލަށް
ހާމަކޮށްދިނުމެވެ.
ދިރާސާގެ ސުވާލުތައް
·
ދިރިއުޅޭ ރަށުގައި އިނގިރޭސި ބަހަށް ދެވިފައިވާ ޙައިޘިއްޔަތަކީ ކޮބައިހެއްޔެވެ؟
·
އަދި އެބަސް ބޭނުންކުރާ ދާއިރާތަކާއި އެބަހުގެ ދައުރަކީ ކޮބައިހެއްޔެވެ؟
·
މިދިޔަ
ދިހަ އަހަރު ތެރޭގައި އެކަން އޮތް ގޮތުގެ ތަޞައްވަރަކީ ކޮބައިހެއްޔެވެ؟
·
އަދި
ކުރިމަގުގައި ފެންނާނެ ބަދަލުތަކަކީ ކޮބައިހެއްޔެވެ؟
ލިޓްރެޗާރ ރިވިއު
މާދަރީ
ބަހަކީ ޤައުމަކަށް ނުވަތަ ބަޔަކަށް ލިބޭނެ އެންމެ އަގުބޮޑު ޝަރަފެވެ. ގިނަ
ދިރާސާވެރިން ދެކޭގޮތުގައި ދުނިޔެ ބަވަނަވުން ވެގެން ދިޔައީ އިނގިރޭސި ބަސް
ދުނިޔެއަށް އަތްގަދަކުރުމަށް މެދުވެރިވި ސަބަބަކަށެވެ. އިނގިރޭސި ބަހުގެ ދައުރު
ޓެކްނޮލޮޖީއާއި ވިޔަފާރީގައި އަންނަނީ އިތުރުވަމުންނެވެ. ނަތީޖާއަކަށް ވެގެންދަނީ
އިނގިރޭސި ބަހަށް ދެވޭ ސަމާލުކަން އިތުރުވުން ކަމުގައި ލޭންޑް ރޮބާރޓްސަން (1992)
ހާމަކުރައްވައެވެ. އަޅުގަނޑުމުންގެ
ވިޔަފާރިއާއި ޓެކްނޮލޮޖީ ބިނާވެފައިވަނީ އިނގިރޭސި ބަހުގެ މައްޗަށެވެ.
ބަހަކީ
އެބައެއްގެ އެއްބައިވަންތަކަމާއި ނިސްބަތްވުން ރަމްޒުކޮށްދޭ އެއް މަޞްދަރެވެ.
ކޮންމެ ބައެއްގެ ބަހަކީ އެބައެއްގެ ޅަ ޖީލުތަކަށް ފޯރުކޮށްދޭން ޖެހޭ އަމާނާތެއް ކަމުގައި ޖޭމްސް ޑަބްލިއު (2004)
ހާމަކުރައްވައެވެ. އެހެންކަމުން އައްޑޫ ބަހުރުވަ އަކީ ވެސް އަންނަންއޮތް
ޖީލުތަކާއި ހަވާލުކުރަންޖެހޭ އަމާނާތެކެވެ.
ބަވަނަވުމަކީ
ފަހަކަށް އައިސް އުފަންވެގެންއުޅޭ މަފްހޫމެއްކަމަށް ރޮލޭންޑް ރޮބާރޓްސް (1992)
ހާމަކުރައްވައެވެ. އެމަފްހޫމުގެ ސަބަބުން ގިނަ ބަސްތަކެއްގެ ކަރުގައި އިގިރޭސިބަސް
މިވަނީ ވަކި ހިއްޕާފައެވެ. އޭގެ ސަބަބުން ޤައުމުތަކުގައި ނަގާކިޔާ ބަސްތައް
އަންނަނީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުންނެވެ. މީގެ ހިތި އަސަރު އެންމެ ބޮޑަށް
ކުރާ އެއްބަޔަކީ މިކުޑަ ދިވެހިރާއްޖެއޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ. މިއަދުގެ
ޒުވާނުންގެ ދޫމައްޗަށް އެންމެ ފަރިތަ
ބަހަކީ އިނގިރޭސި ބަހެވެ.
އިނގިރޭސި
ބަހަކީ މުޅިދުނިޔޭގައިވެސް އެންމެގިނަ އިޤްތިޞާދީ ސިޔާސީ ފުދުންތައް ފުއްދައިދޭން
މެދުވެރިވާ އެއް ވަޞީލަތެވެ. ބަހެއްގެ ސިޔާސަތު ކަނޑައަޅުމަށް އެބަހެއްގެ ޒަރީޢާއިން ލިބޭ ފައިދާގެ
ނިސްބަތަށް ރިޢާޔަތް ކުރަންވަނީ ފަށާފައެވެ. އެހެންކަމުން މުޅިދުނިޔޭގެ ބަހެއްގެ
ގޮތުގައި އިނގިރޭސި ބަސް މިވަނީ ވެފައެވެ. އެހެންކަމުން އެބަހަށްދޭ ސަމާލުކަން
އިތުރުވެގެންދާ ކަމަށް ޑޭވިޑް ގްރެޑޯ (2008) ހާމަކުރައްވައެވެ. އެގޮތުން
އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގެ އިޤްތިޞާދުގެ މައި ބަހަކަށް ވެފައިވަނީ
ނުފޫޒުގަދަ އިނގިރޭސިބަހެވެ.
މީގެ
އިތުރުން ޑޭވިޑް ކުރިސްޓަލް (2003) ހާމަކުރައްވާ ގޮތުގައި އިނގިރޭސި
ބަހުގެ ނުފޫޒު އެހެން އެހެން ބަސްބަހަށް ފޯރާ މިންވަރު ބޮޑުވުމުގެ ސަބަބުން އެތައް
ބައެއްގެ މާދަރީބަސް އުވިގެންދާނެއެވެ. ދުނިޔެ ބަވަނަވެ އިނގިރޭސި ބަހުގެ ނުފޫޒު
އެހެން ޤައުމުތަކުގެ އިޤްތިޞާދުގެ ތެރެއަށް ބާރުފޯރުމުގެ ސަބަބުން މުޅިދުނިޔޭގައި
އެއްސަޤާފަތެއް ފެތުރެން ދިމާވުމުން ހަލުވި ދުވެއްޔެއްގައި ބަސްތައްދަނީ ކަފުނުގެ
ތެރެއިން ޖާގަ ކަށަވަރުކުރަމުންނެވެ. އިނގިރޭސި ބަހުގެ ނުފޫޒު އެހެނިހެން
ބަސްތަކަށް ފޯރުމުގެ ސަބަބުން 21 ވަނަ ޤަރުނުގެ ތެރޭގައި ދުނިޔޭގެ މީހުން ވާހަކަ
ދައްކަން ބޭނުންކުރަން އޮންނާނީ ހައެއްކަ ބަހެވެ. އެހެނިހެން ބަސްތައް ނެތިގެން
ހިނގައިދާނެ ކަމަށް ރޮލޭންޑް ރޮބާރޓްސަން (1992) ހާމަކުރައްވައެވެ.
ދިރާސާގެ ޑިސްކަޝަން
މިކަމާ ގުޅޭގޮތުން އުމުރުފުޅުން
70 އަހަރުގެ ތެރޭގައި އުޅުއްވަމުން ވެސް އައްޑުއަތޮޅުގެ ތާރީޚު ދިރާސާ ކުރައްވާ
އެއް ބޭފުޅެއް ކަމަށްވާ ސ. ހިތަދޫ ނުފެންނަގޭ (އަޞްލު ނަމެއް ނޫން) އަލްފާޟިލު ހަސަން
ޖަލީލު (އަސްލު ނަމެއް ނޫން) އާއި ބައްދަލުކޮށް އެފަރާތުގެ ބަސްދީގަތުމެއް
ހޯދީމެވެ. ވިދާޅުވަނީ "އައްޑޫއަތޮޅު ހިތަދޫގެ ރައްޔިތުންގެ ތެރެއިން ގިނަ
އަދަދެއްގެ މީހުން މީލާދީ ސަނަތުން 1914 އިން ފެށިގެން 1918 ގެ ނިޔަލަށް ހިނގަމުން
ދިޔަ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ އާއި މީލާދީ ސަނަތުން 1939 އިން ފެށިގެން
1945 ގެ ނިޔަލަށް ހިނގި ދެވަނަ ބޮޑުހަނގުރާމައި ގައި 1941 އިން ފެށިގެން 1976 އާއި
ހަމައަށް އިނގިރޭސިންނާއެކު އެމީހުންގެ މަސައްކަތުގައި ހިތަދޫ މީހުން އުޅުނު"
ކަމަށެވެ. "އެކަމުގެ ނަތީޖާއެއްގެ ގޮތުން ހިތަދޫ މީހުންނަށް އިނގިރޭސި ބަސް
(އެބަހުން ވާހަކަ ދައްކައި އުޅެވޭ މިންވަރަށް) ދަސްވެފައި ވަނީ" ކަމަށެވެ.
"އެބަހުގެ ގަވާއިދާއި ހަމަތަކެއް މާބޮޑަކަށް ނޭނގުނަސް އިނގިރޭސިން ވާހަކަ
ދައްކާ އަޑު އަހައިގެން އެބަހުން ދިވެހިން ވެސް އިނގިރޭސިންނާ މުޢާމަލާތު ކޮށް
އުޅުނު" ކަމަށެވެ. ދެން ވިދާޅުވީ "އެދުވަސްވަރު ދިވެހިންނަށް
އިނގިރޭސިން ވަރަށް ގިނައިން ގިޒިޓު ދޭ" ވާހަކައާއި "އެހެން އެ ލިބޭ
ގިޒިޓު ލިބެނީ ކިރިސްމަސް ދުވަސް ފަދަ ދުވަސް ދުވަހުގައި ކަމަށް ވާހަކަ ދައްކާ އަޑުވެސް
އިވޭ" ކަމަށެވެ. "އެގޮތުން އެލިބުނު ގިޒިޓަކީ ގިފްޓް " ކަމަށާއި
"ކިރިސްމަސް ދުވަހަކީ ކްރިސްޓްމަސް ދުވަސް" ކަމަށެވެ. "އެކަހަލަ
އެތައް ބަހެއް އަދި އެނޫންވެސް ހުންނާނެ" ކަމަށެވެ. ވާހަކަފުޅު ކުރިޔަށް
ގެންދަވަމުން އޭނާ އިތުރަށް ވިދާޅުވީ "13 މާރޗް 1959 އިން 30 ސެޕްޓެމްބަރ
1963 އަށް އައްޑުއަތޮޅު ހިތަދޫ ވެރިރަށަކަށް އޮވެގެން އައްޑުއަތޮޅު ހިތަދޫ
ފިނިފެންމާގޭ އަލްފާޟިލު ޢަބްދުﷲ ޢަފީފްގެ ރައީސުކަމުގެ ދަށުން އިނގިރޭސިންގެ
އެހީތެރިކަމާއެކު އުފައްދައި ހިންގެވި ސުވާދީބު ސަރުކާރުގެ ސަބަބުން ވެސް ހިތަދޫ
މީހުންގެ އިނގިރޭސި ބަހުގެ ފެންވަރު އެތައް ގޮތަކުން މަތިވެގެން ދިޔަ"
ކަމަށެވެ. "އަދި އެދުވަސްވަރު ހިތަދޫގައި ހިންގި ޙުސައިނިއްޔާ އިންގްލިޝް
ސްކޫލުގައި ކިޔަވައިދޭން އޮޅުދޫކަރައިން އިނގިރޭސިބަހުގެ ޓީޗަރަކު ގެންނަވައިގެން އިނގިރޭސިބަސް
ކިޔަވައި ދެއްވުމުގެ ނަތީޖާ އަކަށްވީ އެތައް ބައިވަރު ޒުވާނުން ތަކެއް އިނގިރޭސިބަހަށް
ފަރިތަ ވުން" ކަމަށްވެސް ވިދާޅުވިއެވެ. "މިސަބަބުތައް މިހެން ހުރުމާއެކު
އެ ދުވަސްވަރު ރާއްޖޭގެ އެހެން އަތޮޅު ތަކަށް އިނގިރޭސިބަސް ބީރައްޓެހި ވިޔަސް
އައްޑުއަތޮޅަށް އެބަހަކީ ބީރައްޓެހި ބަހެއްނޫން" ކަމަށާއި "މާލޭގައި އެ
ބަސް އެނގޭ މީހުން ތިބުމަކީ ވެދާނެކަމެއް" ކަމަށެވެ.
ވެއަތުވެ ދިޔަ ދިހަ އަހަރު
މި ރަށުގައި އިނގިރޭސި ބަސް އޮތް ގޮތުގެ ތަޞައްވަރަކީ ކޮބައިތޯ ދެންނެވުމުން
ވިދާޅުވީ، "ވެއަތުވެދިޔަ ދިހަ އަހަރު އަޅުގަނޑަށް މިރަށުގެ ޒުވާން ޖީލު
އެއްކޮށްހެން ތަޞައްވަރު ކުރެވުނީ، އެކުދިން އިނގިރޭސިވިލާތުގައި އުޅެން
ބޭނުންވެގެން އުޅޭހެން" ކަމަށާއި "މިހެން މި ދެންނެވީ ދޭދޭ ޒުވާނުން
އެކަކު އަނެކަކާ ބައްދަލުވެ ވާހަކަ ފަށައިގަންނަނީ އެންމެ ފުރަތަމައިނުން ވެސް
އިނގިރޭސި ބަހުން ކަމަށް ވާތީ" ކަމުގަ އެވެ.
އަދި "އަޅުގަނޑަކީ ދިވެހި ބަސް އުނގަންނައި ދިނުމުގެ މަސައްކަތް
ވަރަށް ފުޅާ ދާއިރާ އެއްގައި ކުރަމުން އަންނަމީހަކީމު. އެކަމަކު އެގޮތުން ހިންގާ
ކުލާސް ތަކަށް ޙާޒިރުވާ މަތީ އުމުރުގެ ދަރިވަރުންނަށް ވެސް ދިވެހި ބަހުން ގުނަން
ވެސް ނޭނގޭ" ކަމަށާއި "މިދުވަސްވަރުގެ ބައެއް ޓީޗަރުން ކުދިންނަށް
ކިޔަވައި ދެއްވާ އިރު ވެސް "ވަންގެ ތިރީގައި ތިރީ ޖަހާފައި އެޑް ކޮށްލީމާ
ފޯވާ ވާހަކަ އެބަ ދައްކާ" ކަމަށެވެ. އެހެން ކަމުން "އިނގިރޭސިބަހަށް
މިދިޔަ ދިހަ އަހަރު އެއްވެސް ވަރަކަށް ހީނަރު ކަމެއް ނާންނަކަން ފާހަގަ ކުރެވޭ"
ކަމަށް ވިދާޅު ވިއެވެ.
ކުރިމަގުގައި އިނގިރޭސި ބަސް
ބޭނުން ކުރުމުގައި ފެންނާނެ ބަދަލު ތަކަކީ ކޮބައިތޯ، ސުވާލު ދެންނެވުމުން އޭނާ
ވިދާޅުވީ "އިނގިރޭސި ބަސް މިހާރު ކުރިއަރަމުންދާ ހަލުވިމިނަށް ބަލާއިރު
ލަފާކުރެވެނީ މާދުރުނޫން މުސްތަޤްބަލެއްގައި އަޅުގަނޑުމެންގެ އަމިއްލަ މާދަރީބަސް
ކަމަށްވާ ދިވެހިބަހުގެ މައްޗަށް އިނގިރޭސި ބަސް ކުރިއަރައި ގަދަވެގަންނާނެ" ކަމަށެވެ.
"މިހެން މިދެންނެވީ ސްކޫލު މަދަރުސާ ތަކުން އިނގިރޭސިބަހަށް ދެއްވާ
ސަމާލުކަން މިހާރު ދުވަހަކަށް ވިއްޔާ ދުވަހަކަށް އިތުރު ކުރަމުން ދާތީ" ކަމަށެވެ.
"މިހާރު ވެސް މިއޮންނަ ގޮތުން ސްކޫލު މަދަރުސާ ތަކުގެ މާޙައުލުގައި އެއްގޮތަކަށް
ވެސް ދިވެހިބަހުން ވާހަކަދައްކާ މަންޒަރެއް ފެނިގެނެއް ނުދާއިރު ލައިބްރަރީ
ގަޑިތަކުގައި އޮޅިގެން ވެސް ދިވެހި ބަހުގެ ފޮތެއްގައި އަތްލުން އޮންނަނީ މަނާ ވެފައި
ކަމަށް" ވިދާޅުވިއެވެ. ހަމަ އެހެންމެ އެސެމްބްލީ ތަކުގައި ބާއްވާ
ވާހަކަދެއްކުން ވެސް މަދުފަހަރެއްގައި މެނުވީ ދައްކަނީ އިނގިރޭސި ބަހުން"
ކަމަށެވެ. އަދިހަމަ އެހެންމެ "މައިން ބަފައިން ބެލެނިވެރިން އެންމެންވެސް އެބޭބޭފުޅުންގެ
ތުއްޕުޅު ބޭފުޅުންނަށް މަޖުބޫރު ކުރަނީ އިނގިރޭސި ބަސް ދަސްކުރުމަށް ކަމަށްވާތީ،
އަޅުގަނޑުމެން ނޭދުނަސް އިނގިރޭސިބަހަށް
އަލި އުޖާލާ މުސްތަޤްބަލެއް އެބައޮތް" ކަމަށެވެ. "ލަފާކުރާ ގޮތުން
ކުރިޔަށް އޮތް އަށްޑިހަ ވަރަކަށް އަހަރު ތެރޭގައި އިނގިރޭސިބަސް އެއީ
އަޅުގަނޑުމެންގެ އަތްމަތީ ބަސް ކަމަށް ވެގެން ހިނގައިދާނެ" ކަމަށް ވެސް
ހިތާމައާއެކު ފާހަގަ ކުރެއްވި އެވެ.
ދެވަނަ ބޭފުޅަކާއެކު
އަޅުގަނޑު ބަސްދީގަތުމެއް ބޭއްވީ ސ. ހިތަދޫ ހުނިގޮނޑިފިލާގޭ (އަސްލު ނަމެއްނޫން)
އަލްފާޟިލު އަލީ ޝާކިރު (އަސްލު ނަމެއްނޫން) އެކުގައެވެ. އޭނާ ވެސް ވިދާޅުވީ
އިސްވެ ދެންނެވި ބަސްދީގަތުމުގައި އަލްފާޟިލު ޙަސަން ޖަލީލު (އަސްލު ނަމެއްނޫން)
ވެސް އެވިދާޅުވެފައިވާ ފަދައިންނެވެ. އެކަމަކު އެއަށްވުރެ އިތުރު ވާހަކަތަކެއް އޭނާ
ވަނީ އިތުރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ތިމެންނަ އަކީ "އިނގިރޭސިން
ގަމުގައި އުޅުނު ދުވަސްވަރު އެމީހުންގެ މަސައްކަތުގައި ގަމަށް މަސައްކަތު ދިޔަ މީހެއް"
ކަމަށާއި ތިމެންނަ "މަސައްކަތް ކުރީ ސީދާ އިނގިރޭސިން މަސައްކަތް ކުރަމުން
ދިޔަ އޮފީހެއްގައި" ކަމަށެވެ. "ގަމަށް މަސައްކަތު ދިޔަ ބައެއް ލޭބަރުން
ޕާކިސްތާނު މީހުންގެ އަތްދަށުގައި ވެސް މަސައްކަތް ކުރި" ކަމަށާއި "އަޅުގަނޑު
ފަދައިން އިނގިރޭސިންގެ އަތްދަށުގައި މަސައްކަތް ކުރި ކިތަންމެ ކިތަންމެ ބަޔަކު
ގަމަށް މަސައްކަތު ދިޔަ" ކަމަށެވެ. އެގޮތުން "އެދުވަސްވަރު މުޅި
ރާއްޖެއަށް ވެސް މަޝްހޫރު ވެގެން ދިޔަ އިނގިރޭސިންގެ ހޮސްޕިޓަލުގައި ޑޮކްޓަރުންގެ
ތަރުޖަމާނުންގެ ގޮތުގައްޔާއި މަތިހަމަގޭގެ މުވައްޒަފުންގެ ގޮތުގައްޔާއި ފަޔަރ
ސެކްޝަންގައްޔާއި ނެފީގައްޔާއި މަސައްކަތު މީހުންގެ ގޮތުގައްޔާއި ރޫމްބޯއީންގެ
ގޮތުގައި ވެސް ދިވެހިން މަސައްކަތް ކުރަމުން ގެންދިޔަ" ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން އެހެން އުޅުނު ހުރިހާ ދިވެހިންނަކީ ވެސް އިނގިރޭސި ބަހުން
މުޢާމަލާތު ކުރަން އެނގިފައިވާ މީހުން" ކަމަށާއި "ގަމުގައި އިނގިރޭސިން
ހިންގި އިނގިރޭސި ބަސް ކިޔަވައިދޭ ތަނަކުން ވެސް ދިވެހިންގެ އެތައް ބަޔަކު
އިނގިރޭސި ކިޔަވައިގެން ޖީސީއީ އޯ ލެވެލް ސެޓްކެޓް ނަގާފައިވާނެ" ކަމަށެވެ. "އެކުދިންގެ
ތެރެއިން މިހާރުވެސް ބައެއް ކުދިން ދުނިޔޭގައި އެބަ ތިބި" ކަމަށާއި
"މިހާރުވެސް އެއިން ކޮންމެ ކުއްޖަކީ ނުވަތަ މީހަކީ ފަރިތަ ކަމާއެކު
އިނގިރޭސިބަހުން ބަސްމޮށެ އުޅޭ މީހެއް" ކަމަށެވެ. "އަދި އޭރު
އައްޑުއަތޮޅު ގަމުގައި ހުރި އިނގިރޭސިންގެ މެޑިކަލް ސެންޓަރު ގައި ހިތަދުއަށް
ނިސްބަތްވާ މީހުން، ޑޮކްޓަރުންގެ ތަރުޖަމާނުންގެ ގޮތުގައްޔާއި ލެބޯޓްރީ ގައްޔާއި ޑިސްޕެންސަރީ
ގައްޔާއި ފަޅާކޮޓަރީގައި ވެސް މަސައްކަތް ކުރި ކަމަށާއި ފަހުން އެމީހުންނަކީ
އާދައިގެ ޑޮކްޓަރުންނެކޭ އެއް ފެންވަރަށް މެޑިސިންގެ ދާއިރާއިން ވެސް ކުރިއެރުން
ލިބިފައިވާ ބައެއް" ކަމަށެވެ. "އަދި އެމީހުންގެ ތެރޭގައި ހިތަދޫ މީހުންހިމެނޭ"
ކަމަށެވެ. "އަދި އޭރު ގަމަށް ލޭބަރުންގެ ގޮތުގައި މަސައްކަތުދިޔަ ހަމަ ކޮންމެ
މީހަކީ ވެސް ކޮންމެވެސް އެއް މިންވަރަކަށް އިނގިރޭސި ބަހުން ވާހަކަ ދެއްކޭ މީހުން
ކަމަށް ވެފައިވާ ކަމަށް ޤަބޫލުކުރެވޭ" ކަމަށްވެސް ވިދާޅުވިއެވެ. އަދި
ވިދާޅުވީ "އައްޑޫ މީހުންނަކީ ރާއްޖޭގެ އެހެން އަތޮޅު ތަކުގެ މީހުންނާ
ޚިލާފަށް މީގެ ހަތްދިހަ އަށްޑިހަ ވަރަކަށް އަހަރު ކުރިން ބަނޑުއޮޑިފަހަރުން
ސިލޯނަށާއި ބަނގާޅަށާއި އުތުރުކަރައަށް ވެސް ދަތުރުކުރި ބަޔަކަށް ވާތީ އެ
ދަތުރުތަކުގެ ތެރެއިން ވެސް އިނގިރޭސި ބަސް ކޮންމެވެސް ވަރަކަށް އެނގުމުގެ
ފުރުޞަތު ލިބިފައި ވާނެ" ކަމަށެވެ.
އަލްފާޟިލު ޢަލީ ޝާކިރު
(އަސްލު ނަމެއްނޫން) ބަސްދީގަތުމުގައި ބައެއް ބޭފުޅުންގެ ނަންފުޅުތައް (ޝާއިޢު
ނުކުރުމަށް ޝަރުޠުކޮށް) ވިދާޅުވެފައިވާފައިވާތީ އެގޮތުން ތިންވަނަ ބޭފުޅެއްގެ
ގޮތުން އަޅުގަނޑު ދެން ބައްދަލު ކޮށްލީ ސ. ހިތަދޫ މަންތިރިގޭ (އަސްލު ނަމެއްނޫން)
އަލްފާޟިލު ރަބީޢު ނަޞީރު (އަސްލު ނަމެއްނޫން) އާއެވެ. އޭނާއަށް އަޅުގަނޑު
ހުށަހެޅި ސުވާލަކީ، ދިރިއުޅޭ ރަށުގައި އިނގިރޭސިބަހަށް ދެވިފައިވާ ޙައިސިއްޔަތާއި،
އެ ބަސް ބޭނުންކުރާ ދާއިރާތަކާއި، އެބަހުގެ ދައުރަކީ ކޮބައިތޯ؟ އަޅުގަނޑުގެ މިސުވާލަށް
އޭނާ ދެއްވި ޖަވާބު އަކުރުން އަކުރަށް ތިރީގައި މި ދަންނަވަނީ އެވެ.
"އަޅުގަނޑަކީ އުމުރުން
މިހާރު 67 އަހަރު ވެފައިވާ މީހަކީމު. އަޅުގަނޑު ޤަބޫލުކުރާ ގޮތުން އައްޑު އަތޮޅު
ހިތަދޫއަކީ އިނގިރޭސިބަހަށް ވަރަށް ބޮޑަށް ލޯބި އުފެދިފައިވާ ބަޔަކު އުޅޭ
އަތޮޅެއް. އަދި ވަކިން ޚާއްޞަކޮށް އަޅުގަނޑުމެން މިއުޅޭ ރަށް، ހިތަދުއަކީ ވަކިން
ހޮވައިލެވޭ ރަށެއް. އަޅުގަނޑުގެ ހަނދާނުގައި ފުރަތަމަ ބޮޑުހަނގުރާމައިގެ
ވާހަކައެއް ނެތް. އެވާހަކަ އިވެނީ ދުވަސްވީ މީސްމީހުންގެ ދޫދޫ މަތިން ދެކެވޭ
ވާހަކައެއްގެ ގޮތުގަ. އެހެންނަމަވެސް އެނގޭ އެއްޗަކީ އެދުވަސްވަރު އިނގިރޭސިން
އައްޑުއަތޮޅު ހިތަދޫގައި އުޅުނު ނަމަ އެމީހުންގެ ފަރާތުން އެބަހުގެ އަސަރު
ކޮންމެވެސް މިންވަރަކަށް ކޮންމެވެސް ބަޔަކަށް ކޮށްފައި ވާނެކަން. އަޅުގަނޑު އެންމެ
ފުރަތަމަ އިނގިރޭސި ބަސް ކިޔަވަން ވެގެން ދިޔައީ ޢަބްދުﷲ ޢަފީފުގެ ވެރިކަމުގައި
ސުވާދީބު ސަރުކާރުގެ ދުވަސްވަރު މާލެއިން ވަޑައިގެން ހުންނެވި އަލްފާޟިލު
އިބްރާހިމް ޙިލްމީ އަރިހަށް. އިބްރާހިމް
ޙިލްމީ އަޅުގަނޑަށް ކިޔަވައި ދެއްވީ "ފަންޑަމަންޓަލް އިންގްލިޝް"
މިނަންކިޔާ ފޮތްބަޔަކުން. އެފޮތްބަޔާއި
އެފޮތްބަޔާ ގުޅުނު ޑިކްޝަނަރީ މިހާރު ވެސް އަޅުގަނޑުގެ އަތުގައި އެބައޮތް. ދުވަސްކޮޅަކަށް ޙިލްމީ އަރިހުން އިނގިރޭސި
ކިޔެވުމަށް ފަހު ދެން އަޅުގަނޑަށް އިނގިރޭސި ބަސް ކިޔަވައި ދެއްވީ ސ. ހުޅުދޫ
އެޅެހިށިގޭ އައްޝައިޚު މުޙައްމަދު ތައުފީޤް. އަދި ހުޅުދޫ އިބްރާހިމް ތައްޚާނުންގެ
އަޙްމަދުދީދީ. އަޙްމަދުދީދީ އަކީ ސ.ހިތަދޫ
ރަށްދެބައިގޭގައި އެއިން މުޙައްމަދު
ނަޞީރުގެ އަނބިކަނބަލުން މަރިޔަމް
އަޙްމަދުދީދީގެ ބައްޕާފުޅު. މުޙައްމަދު ތައުފީޤް އަރިހުންނާއި އަޙްމަދުދީދީގެ
އަރިހުން އިނގިރޭސި ބަހުގެ ބަސްތައް އެނގި ދަސްވި. ދެން އެއަށްފަހު އަޅުގަނޑު ދަރިވަރުވީ ސ.ހިތަދޫ
ވިކްޓަރ އަލްފާޟިލު އިބްރާހިމް ޝާކިރަށް. ދެން އެއަށްފަހު އަޅުގަނޑު ކިޔަވަން ދިޔައީ
ޙުސައިނިއްޔާ އިންގްލިޝް ސްކޫލަށް. އެތަނުގައި އޭރު ކިޔަވައި ދެއްވީ ވަރަށް
ކުޅަދާނަ އިނގިރޭސި ޓީޗަރެއް، އިނގިރޭސި
ޓީޗަރެކޭ ދެންނެވިޔަސް "ރާޖަ ސިންހަމަ'' އަކީ އޮޅުދޫކަރައިގެ ކެންޑީއަށް އުފަން
ސިލޯނުގެ ރައްޔިތެއް.
އެހިސާބުން ދެން އަޅުގަނޑު
ގަމުގެ މަސައްކަތުގައި ބައިވެރިވެ އޭރު ގަމުގައި އިނގިރޭސިން ހިންގަމުންދިޔަ
މެޑިކަލް ސެންޓަރުގައި އުޅެންފެށިން. އެތާނގައި ފުރަތަމަކޮޅުގައި އަޅުގަނޑު އުޅުނީ
ޑިސްޕެންސަރީގައި. ޑިސްޕެންސަރުގެ އެހީތެރިއެއްގެ ގޮތުގައި. މަސައްކަތަކަށް އޮތީ ހޮސްޕިޓަލުން
ބަލިމީހުންނަށް ދޫކުރާ ބޭސް ސިޓީތަކަށް، ޑިސްޕެންސަރ ބޭސް ދޫކުރީމަ، ދޫކުރާ ބޭސް
އުރަތަކުގެ ބޭރުގައި އެބޭސް ބޭނުންކުރާގޮތް އިނގިރޭސިބަހުން ލިޔެދިނުން.
"ވަން ޓަބްލެޓް ތްރީ ޓައިމްސް" މިކަހަލަ ގޮތަކަށް އެބޭހެއް ބޭނުން
ކުރަންޖެހޭ ގޮތް ލިޔެދިނުން. މިގޮތަށް އުޅެން ޖެހުނުނަމަވެސް އަޅުގަނޑުވެސް
ގަމުގައި އިނގިރޭސިން ހިންގި އިނގިރޭސިބަސް ދަސްކޮށްދޭ ކުލާހަށް ގޮސްގެން އެތަނުން
ކިޔަވައިގެން ޖީސީއީ ނެގޭތޯ ވެސް މަސައްކަތް ކުރިން. އެހެންނަމަވެސް، އަޅުގަނޑުގެ ނަޞީބު ދެރަކަމުން އެތަނުން ކިޔަވައިގެން ދިން ޓެސްޓުން
އަޅުގަނޑު ފާހެއް ނުވި. އެފަހަރު އިންތިޙާނުން އަޅުގަނޑު ފެއިލްވީ. އެހެންނަމަވެސް
ބައެއް ބޭފުޅުން އެ އިންތިޙާނުން ފާސްވެ ލަންޑަން ޖީސީއީ އޭ ލެވެލް ސެޓްފިކެޓް
ޙާޞިލު ކުރި.
އޭގެފަހުން އެތާގައި ބޭއްވުނު
އިމްތިޙާނުތަކުގެ ތެރެއިން އަޅުގަނޑު
ބައިވެރިވީ އިނގިރޭސި އޮފިސަރުންނަށް ޚާއްޞަ ކޮށްގެން ބޭއްވި އިމްތިޙާނެއްގައި. އޭގައި ބައިވެރިވެ ފާސްވެގެން "ރޯޔަލް
އެއަރފޯސް ގެ އިންގްލިޝް ފޯރ ލެވެލް (ވަން)" ސެޓްފިކެޓެއް ލިބުނު. މިހާރު
ވެސް އެ ސެޓްފިކެޓް ރައްކާކޮށްފަ އެބައޮތް.
އެހެންކަމުން އަޅުގަނޑު ޤަބޫލުކުރަނީ އަޅުގަނޑު
ދިރިއުޅޭ ސ. ހިތަދޫގައި އިނގިރޭސިބަހަށް ވަރަށް ކުރިއްސުރެވެސް ވަނީ އިސްކަމެއް
ދެވިފައި ކަމަށް."
މިއީ އަޅުގަނޑުގެ ފުރަތަމަ
ސުވާލަށް އޭނާ ދެއްވި ޖަވާބެވެ. ދެވަނަ ސުވާލަކަށް އަޅުގަނޑު އޭނާއަށް ހުށަހެޅީ، ކުރިމަގުގައި އިނގިރޭސި ބަހަށް އޮތީ ކުރިއެރުން
ތޯއެވެ؟ ނުވަތަ އެބަހަށް އެއްވެސް ކުރިއެރުމެއް ނުލިބި ހިނގައިދާނެތޯ؟ މިސުވާލެވެ.
ޖަވާބުގައި ވިދާޅުވީ.....
"އަޅުގަނޑު ގަބޫލުކުރާ
ގޮތުގައި ދިވެހިބަހުގެ މައްޗަށް އިނގިރޭސިބަސް މިދަނީ އެއްދުވަހުން އަނެއް
ދުވަހަށް އަތް ގަދަކުރަމުން. ސްކޫލު މަދަރުސާ ތަކުގައި ތަޢުލީމު ދެވެމުންދާ
ގޮތުންނާއި އެ ތަންތާނގެ މާޙައުލުގައި އިނގިރޭސިބަހުން ނޫނީ ވާހަކަދެއްކުން ނޯންނަ
ކަމުންނާއި ސްކޫލުގެ ލައިބްރްރީ ތަކުން ދިވެހި ފޮތެއްގައި (ވުޟޫ ކޮށްގެން ވެސް)
އަތްލެވޭކަށް ނޯންނާތީއާއި، ގޭތެރޭގެ މާޙައުލުން ދަރިން ތަރުބިއްޔަތު ވަމުންދާ
ގޮތުން އިނގިރޭސިބަހަށް އަލިމުސްތަޤްބަލެއް އެބައޮތް ކަމަށް. އަޅުގަނޑު ލަފާކުރާ ގޮތުން
21 ވަނަ ޤަރުނު ނިމިގެންދާނީ އިނގިރޭސި ބަހަކީ އަޅުގަނޑުމެން އެންމެންގެ
ބަސްކަމަށް ހަދާފަ" މިއީ ދެއްވި ޖަވާބެވެ.
އާދެ، އައްޑޫސިޓީއަކީ
ޖިއޮގްރަފީ ގޮތުން ވަކި ރަށްތަކެއް ހިމެނޭ އަތޮޅެއް ކަމަށް އޮތަސް ސިޔާސީ ގޮތުން
މިއީ އެއްރަށް ނުވަތަ އެއްސިޓީ ކަމަށް ބައްލަވާތީ އެނަޒަރިއްޔާތުން ބަލާއިރު
މިސިޓީގައި މީހުން އުޅޭ ކޮންމެ ރަށަކީ މިހާރު ބަލަނީ އެއީ މިސިޓީގެ އަވަށެއް
ކަމަށެވެ. އެހެން އެކަން އޮތުމުން
މިސިޓީގެ އެއްއަވަށް ކަމަށްވާ މީދޫ އަވަށު ސްކޫލެއްގެ އިސް ވެރިއެއް ކަމަށްވާ
އަލްފާޟިލު ޖައުޝަން އަލީ (އަސްލު ނަމެއްނޫން) އާއި ސުވާލެއް ކުރީމެވެ. ކުރިމަގުގައި އިނގިރޭސިބަހަށް އޮތީ ކުރިއެރުން
ތޯއޭ ނުވަތަ ދިވެހިބަހަށް އޮތީ ކުރިއެރުމެއްތޯއޭ ސުވާލު ދެންނެވުމުން ވިދާޅުވީ:...
"އަޅުގަނޑުގެ އުމުރުން
53 އަހަރު ވެފައިވާއިރު 27 އަހަރު ވަންދެން ތަޢުލީމީ ދާއިރާގައި މެދުނުކެނޑި މަސައްކަތް
ކޮށްފިން. މިހާރުވެސް މިދަނީ އެމަސައްކަތް ކުރަމުން. އުމުރު މިދެންނެވީ
އަޅުގަނޑަށް ކުރެވުނު ތަޖުރިބާ ޙިއްޞާ ކޮށްލުމުގެ ބޭނުމުގަ. ދަންނަވަންތޯ.
އަޅުގަނޑު ދެކޭގޮތުގައި އިނގިރޭސިބަސް މިހާރު މިދަނީ ދިވެހިބަހުގެ މައްޗަށް
ނިހާޔަތަށް އަތްގަދަ ކުރަމުން. ކަން މިދާގޮތަށް ދާކަމަށް ވަންޏާ ދާދިއަވަސް
މުއްދަތެއްގެ ތެރޭގައި މިރާއްޖޭގެ ބަހަކީ އިނގިރޭސިބަސް ކަމަށްވުމަކީ
އެކަށީގެންނުވާ ކަމެއްނޫން. އަޅުގަނޑު މިހެން ދަންނަވާއިރު މިޙާރު ވެސް
ސްކޫލުތަކުގައި ފޮތްކިޔުމުގެ މުބާރާތެއް ދަނީ ހިނގަމުން. އެމުބާރާތުގައި ވެސް
ކިޔަންޖެހޭ ދިވެހި ފޮތްފޮތަށްވުރެ އިނގިރޭސި ފޮތްތައް ދެގުނަ އިތުރު. އެހެންވީމާ
މިމިންވަރުން ދެން އިނގިރޭސި ބަހަށް މުސްތަޤްބަލް އޮތް މިންވަރު ވަޒަން ކުރެވިދާނެ
ކަމަށް ހީކުރަން." މިފަދަ
ޖަވާބެކެވެ.
ދެން އަޅުގަނޑު
ބައްދަލުކޮށް ބަސްދީގަތުމެއް ހޯދި އިސްވެ ދެންނެވި ބޭބޭފުޅުންނަށް ވުރެ
އުމުރުފުޅުން ޒުވާން ވެފައި ތަޢުލީމީ ދާއިރާގައި މިހާރުވެސް މަސައްކަތް ކުރައްވާ ބޭކަނބަލެއް
ކަމަށްވާ ސ.ހިތަދޫ އަވިނިވާގެ (އަސްލު ނަމެއްނޫން) އަލްފާޟިލާ ނަޖުމާ މުޙައްމަދު
(އަސްލު ނަމެއްނޫން) ގެ ފަރާތުންނެވެ. ދިރިއުޅޭ ރަށުގައި އިނގިރޭސިބަހަށް
ދެވިފައިވާ ޙައިސިއްޔަތާއި އެބަސް ބޭނުންކުރާ ދާއިރާ ތަކާއި އެބަހުގެ ދައުރާ
ބެހޭގޮތުން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، ތިމެންނާއަށް ލިބިފައިވާ
މަޢުލޫމާތު ކުށްކަމުގައި ނުވަނީ ނަމަ އައްޑުއަތޮޅު ހިތަދޫ މީހުންނަކީ ދެވަނަ
ބޮޑުހަނގުރާމައިގެ ތެރޭގައި އިނގިރޭސިން މިއަތޮޅު ގަމަށާއި ހިތަދުއަށް އައުމުގެ
މާކުރިންވެސް އިނގިރޭސި ބަހުން ވާހަކަ ދައްކައި އުޅުނު ބައެއް ކަމަށެވެ. އެހެން އެކަން ދިމާވީ މައިގަނޑު ސަބަބަކީ އޭރު
ހިތަދޫގައި ދުއްވި ބޮޑެތި އޮޑިފަހަރުގައި އަވަށްޓެރި އޮޅުދޫކަރަ އަށާއި އުތުރުކަރަ
އަށާއި ކޮއްޗޭ އަށާއި ބަންގާޅަށް އައްޑޫއަތޮޅު ހިތަދޫ މީހުން ދަތުރުކުރި ކުރުމެވެ.
އެދުވަސްވަރަކީ އިނގިރޭސިންގެ އަތްދަށުގައި ބަނދެ ހަފުސަވެފައި އެކަރަކަރަ ތަކެއްއޮތް
ދުވަސްވަރު ކަމަށްވުމުން އެތަންތަނަށް ދަތުރު ކުރާ މީހުން އެމީހުންނާ މުޢާމަލާތު
ކުރުމުގައި އިނގިރޭސިބަސް ބޭނުން ކުރެވުނު ކަމަށް އުމުރުން ދުވަސްވީ އިސް
ރަށްވެހިންގެ ތުންތުން މަތިން ތިމަންނައަށް ވަނީ އެނގިފައި ކަމަށް ވިދާޅުވިއެވެ.
ބުނެވޭގޮތުގައި ސުވާދީބު
ސަރުކާރުގެ ރައީސް އަލްފާޟިލު ޢަބްދުﷲ ޢަފީފްދީދީގެ ބައްޕާފުޅު ސ. ހިތަދޫ ފިނިފެންމާގޭ
އެޅެދީދީގެ ޢަލިދީދީއަކީ ވެސް އިނގިރޭސިބަސް ދެނެވަޑައިގަންނަވާ ބޭފުޅެއްކަމަށް
ވިދާޅުވިއެވެ. ހަމައެހެންމެ އޭރު ޢަފީފްދީދީ އުފެއްދެވި ޔުނައިޓެޑް ރިޕަބްލިކް
އޮފް ސުވާދީބްގެ ވަޒީރުންގެ ކޮމިޓީގައި ހިމެނި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަކީ
ވެސް ކޮންމެވެސް ވަރަކަށް އިނގިރޭސިބަސް ދެނެވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށް އޭނާ
ވިދާޅުވިއެވެ.
އޭނާ ވިދާޅުވަނީ އޭރު މާލޭގައި
ކަންކަން އޮތްގޮތުން އިނގިރޭސިބަސް ކިޔަވަން ފުރުޞަތެއް ލިބުނަސް ލިބެނީ މަތީޚާންދާންތަކުގެ
ބޭފުޅުންނަށާއި ސައްޔިދު މަތިފުށުގެ ބޭފުޅުންނަށްއެކަނި ކަމަށެވެ. އެއްވެސް ޙާލަތެއްގައި
އާއްމުންނަށް އިނގިރޭސިބަސް ކިޔެވޭކަށް މާލޭގައި އޭރަކު ނޯންނަކަމަށެވެ.
އެދުވަސްވަރު އައްޑުއަތޮޅު ހިތަދޫގެ އާއްމުންގެ ތެރެއިން ފުދޭވަރެއްގެ
ގިނައަދަދެއްގެ މީހުންނަކީ އެމީހުންގެ އަމިއްލަ ޟަރޫރީ ޙާލަތުތައް އެބަހުން
ފުއްދައި ގަނެވޭފަދަ ޤާބިލުކަން ހުރިމީހުން ކަމަށެވެ.
މާލެފިޔަވައި އިންގްލިޝް މީޑިއަމަށް
އެންމެފުރަތަމަ ކިޔަވައިދޭންފެށުނީވެސް އައްޑުއަތޮޅު ހިތަދޫގައި ކަމަށް އޭނާ
ފާހަގަ ކުރެއްވިއެވެ. އެގޮތުން ހުޅުވުނު ފުރަތަމަ ސްކޫލަކީ އައްޑޫ އިންގްލިޝް
ސްކޫލު ކަމަށާއި އެސްކޫލަކީ އޭރު ހިތަދޫ އާރޭފްގައި ތިބި އިނގިރޭސިންގެ
އެހީތެރިކަމާއެކު ސ.ހިތަދޫ ޒަމާނީގޭ އަލްފާޟިލު އިބްރާހިމް ޢަލިދީދީ (ޢަބުދުލްމަޖީދުގެ
ޢަލިދީދީގެ ތުއްތުދީދީ) ބިނާކުރެއްވި ސްކޫލެއްކަންވެސް ފާހަގަކުރެއްވިއެވެ. އެސްކޫލަކީ
ހިތަދޫ ކޮމަންޑޫގެއާ ދިމާއަށް މަގުގެ އިރުމަތީ ފަރާތުގައި އިމާރާތް ކުރެވުނު
ސްކޫލެއް ކަމަށާއި އެސްކޫލަކީ އައްޑުއަތޮޅުގައި އިނގިރޭސި މީޑިއަމަށް ކިޔަވައި
ދޭން ފެށުނު ފުރަތަމަ ސްކޫލު ކަމަށެވެ. ފަހުން ފަހުން އަދި މާފަހުން އެ ސްކޫލަކީ
ހިތަދޫ ސްކޫލުކަމަށް ވެފައި ވަނީކަމަށް ވެސް ފާހަގަ ކުރެއްވި އެވެ. އެތަނުންވެސް
އެތައް ކުދި ބަޔަކު އިނގިރޭސި ބަސް ކިޔަވައިގެންވަނީ ދަސްވެނިވެފައެވެ.
1984،1985 އެހައި ހިސާބުގައި މާލޭގައި އިންގްލިޝް މީޑިއަމަށް ކިޔަވައި ދެއްވަން
ފެއްޓެވިއިރު އައްޑޫ އިންގްލިޝް ސްކޫލަކީ ވުޖޫދުގައިހުރި ސްކޫލެކެވެ. އެހެންކަމުން
އެގޮތުންވެސް ދޮށީ އައްޑުއަތޮޅު ހިތަދޫ ކަމަށް ގަބޫލު ކުރަން ޖެހޭކަމަށްވެސް
ފާހަގަކުރެއްވިއެވެ. އަދި އެދުވަސްވަރު އެޑިޔުކޭޝަނުން ފޮތްތައް ތައްޔާރު
ކުރައްވަނީ މާލެއަށް ވަކިން އިންގްލިޝް މީޑިއަމަށް ކަމަށާއި ރާއްޖޭގެ އެހެން
އަތޮޅު ތަކަށް ފޮތް ތައްޔާރު ކުރައްވަނީ ދިވެހި މީޑިއަމަށްކަންވެސް ފާހަގަކުރެއްވިއެވެ.
އިނގިރޭސިން ގަމުގައި އުޅުނު
ދުވަސްވަރު ގަމުގައި އިނގިރޭސިބަސް ކިޔަވައިދޭ ސްކޫލެއް ހުޅުވައިގެން އެތަނުން
އިނގިރޭސިބަސް ކިޔަވައިދެއްވި ހަނދާންހުންނަ ވާހަކައާއި ސ.ހިތަދޫ ނޫރާނީ ސްކޫލުގެ
ބާނީ އަލްފާޟިލު ޢަލީ ލުޠްފީ އާއި ޕްރޮފެސަރ ޙަސަން ޢުޤައިލުގެ ބައްޕާފުޅު
އަލްފާޟިލު އަލްމަރުޙޫމް އަޙްމަދު ޢުޤައިލަކީ ވެސް އެތަނަށް ކިޔަވަން ވަޑައިގެން
ޖީސީއީ ހެއްދެވި ބޭފުޅުން ކަމަށް އޭނާ ވިދާޅު ވިއެވެ. ހަމައެހެންމެ ގަމުގައި
އިނގިރޭސިން އުޅުނު ދުވަސްވަރު ހިތަދޫ މީހުން (ފިރިހެނުން) އެމީހުން ކުރި ގޮވާން
ދޫކޮށްލައި މަހަށްދިޔަ މަސްދޯނި ފަހަރު އެހިލާފަ އާމްދަނީ ހޯދުމުގެ މައިގަނޑު
މަސައްކަތެއްކަމަށް ބެލީ އިނގިރޭސިންގެ މަސައްކަތު ކާމަށްދިއުން ކަމަށާއި އެހުރިހާ
އެންމެންނަކީ އެންމެ އާދައިގެ މީހާއަށް ދާންދެން އިނގިރޭސި ބަހުން
ކޮންމެވެސްވަރަކަށް ވާހަކަދައްކަން އެނގުނު ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ވީއިރު، ވޭތުވެދިޔައަހަރު ފާހަގަކޮށްލެވެނީވެސް އިނގިރޭސިބަހަށް އިސްކަންދެވުނު
އަހަރެއްކަމަށޭ ވިދާޅުވިއެވެ.
އާދެ، މިހާހިސާބުންދެން އަޅުގަނޑު އޭނާއަށް
ދެންނެވީ އެހެންސުވާލެކެވެ. އަދި އެންމެފަހުގެ ސުވާލުވެސްމެއެވެ. މިފަހަރު
އަޅުގަނޑުގެ ސުވާލަކަށްވީ އިނގިރޭސި ބަހުގެ ޙާލަތު މިދިޔަ ދިހަ އަހަރު އޮތް ގޮތުގެ
ތަޞައްވަރަކީ ކޮބައިތޯ؟ މިސުވާލެވެ. ޖަވާބުގައި ވިދާޅުވީ، ތިމަންނަ މިއީ މިހާރުވެސް އަދިމިދިޔަ އަހަރުވެސް ސްކޫލެއްގައި އިސްދައުރެއް
އަދާކުރަމުންދާ މީހެއްކަމަށާއި، މިދިޔަ އަހަރުވެސް ސްކޫލު / މަދަރުސާތަކުގައި ބަހެއްކިޔަވައި ދިނުމުގެގޮތުން އެންމެ
އިސްކަންދީގެން ކިޔަވައިދެމުން ގެންދެވިބަހަކީ އިނގިރޭސިބަސް ކަމަށެވެ. ހަފުތާކު
ކޮންމެ ދުވަހަކުވެސް އިނގިރޭސިބަހުގެ ފަސްގަޑި އޮންނާނެއެވެ. އަދި ސްކޫލް /
މަދަރުސާ ތަކުގައި ބަހެއް ކުރިއަރުވަން އެންމެ ބޮޑު ހޭދައެއް ކުރެވި އެންމެ ބޮޑު
މަސައްކަތެއް ކުރެވިފައިވަނީވެސް އިނގިރޭސިބަސް ކުރިއަރުވާށެވެ. ސްކޫލު
މަދަރުސާތަކުގެ ލައިބްރަރީއިން އެކަން ފާހަގަ ކުރެވޭނެ ކަމަށެވެ. މުބާރާތެއް
ބޭއްވިޔަސް އިނގިރޭސި ބަހަށް ނުދިން އިސްކަމެއް އެހެންބަހަކަށް ދީފައެއް
ނޯންނާނެއެވެ. އަދި އިތުރުގަޑީގެ ފިލާވަޅުތައްވެސް ބިނާވެފައިއޮތީ އިނގިރޭސިބަހުން
ކިޔަވައިދޭ މާއްދާތަކުގެ ގަޑިތަކަށްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
މިހާހިސާބުން އަޅުގަނޑު އޭނާއަށް ދެންނެވީ
އެހެން ސުވާލެކެވެ. އަޅުގަނޑުގެ ސުވާލެއްކަމަށް މިފަހަރު ހުށަހެޅީ އިނގިރޭސިބަސް
މިދާވަރުން ކުރިއަރަމުންދާ ކަމަށްވަންޏާ އެބަހުގެ މުސްތަޤްބަލާ ދޭތެރޭ ދެކެވަޑައިގަންނަވަނީ
ކިހިނެއްތޯއޭ، މިސުވާލެވެ. މީގެޖަވާބުގައި ވިދާޅުވީ، އެއްވެސް ބަހެއް އޭގެޒާތުގައި
ކިޔެވުމަކީ ގޯހެއްނޫން ކަމުގައެވެ. އަދިހަމައެހެންމެ ތަހްޒީބާއި ތަމައްދުންގެ
ރޮނގުން ކުރިއަރަމުންދާ މިޒަމާނުގައި ކޮންމެމީހަކުވެސް ވީހާގިނަބަހެއް
ކިޔަވައިގެން މޮޅުވުމަކީ ރާއްޖެއަށް އޮތް ފަޚުރެއްކަމަށާއި ހަމައެހެންމެ މިރަށުގެ
ކުރިމަގަށްވެސް އޮތް ފަޚުރެއް ކަމަށެވެ. އިނގިރޭސިބަސްވެސް ކިޔަވަންވީ ކަމަށާއި،
ޢަރަބިބަހާއި އުރުދޫބަސްވެސް އަދި ނުވީތާކަށް ދުނިޔޭގެ އެހެނިހެން ބަސްތައްވެސް
ދަސްކުރަންވީކަމަށެވެ. އެބަސްބަސް ދަސްކޮށްގެން ނޫނީ ތަހްޒީބު މުޖުތަމަޢެއްގައި
ރޯފިލާފައިވާ ޝަޚްޞެއްގެ ދަރަޖައެއް ނުލިބޭނޭކަމަށެވެ. މީގެ ދެރަވަޑާމަކީ ބޭރުބަސްބަސް ދަސްކޮށްގެން
ބޭރުމީހަކަށްވުން ކަމަށެވެ. ތިމާއަށް ކޮންމެ ބަހެއް އެނގުނަސް ތިމާ ވާންވާނީ
ދިވެއްސަކަށެވެ. އެއުޞޫލާއި ހަމަތައް ބޮލާލާ ޖަހާފަ، އަމިއްލަވަންތަކަމާއި
ދިވެހިވަންތަ ކަމަށް ނަފްރަތު ވާކަމީ އޭގެ އެންމެ ދެރަވަރުކަން، ކަމަށްވެސް
ވިދާޅުވިއެވެ.
ދެންވިދާޅުވީ، ކުރިމަތިކުރުވި ސުވާލުގެ
ދާއިރާއިންބޭރުން ކަމުގައިވިޔަސް އަދިއެހެން ވާހަކައެއްވެސް ދަންނަވަންޖެހޭ
ކަމަށެވެ. ކޮން ވާހަކައެއްތޯ ސުވާލު ދެންނެވުމުން ވިދާޅުވީ، ދިވެހިބަހަށް ދިމާވަމުންދާ
ނިކަމެތިކަމުގެ ވާހަކައެވެ. މިއަދުގެ ކުދިންނަށް އެއްގޮތަކަށްވެސް ދިވެހިބަހުން
ހިސާބުއަކުރެއްވެސް ނޭނގޭކަމަށެވެ. މިހާރުގެ ކުދިން ކައިވެންޏެއްވެސް ނުކުރެއެވެ.
މިހާރު ކުރަނީ މެރީއެވެ. އަދިއަމުދުން މާލޭބަސް ކިޔަވައިދޭން ޖެހޭތީ
އަމިއްލަވަންތަ މާދަރީ ބަސްވެސް ގެއްލެމުން ދިއުމަކީ ހިތާމައެއް ކަމަށެވެ.
ބަސްދީގަތުން ނިންމާލުމުގެގޮތުން ވިދާޅުވީ
އިނގިރޭސިބަހަށް އަލިއުޖާލާ މުސްތަޤްބަލެއް އައްޑުއަތޮޅު ހިތަދޫގައި އެބައޮތް
ކަމަށެވެ. އެއީ އަޅުގަނޑުމެން ކަހަލަ ދިވެހިބަހަށް ލޯބިކުރާ މީހުންނަށް ހިތާމަހުރިކަމެއް
ކަމުގައި ވިޔަސް މިއަދު މިމާޙައުލުގައި އެބަހަށް ދެވިފައިވާ ޤަދަރާއި ޢިއްޒަތުގެ
ކުރިމަތީގައި ބެލެނިވެރިންނާއި މައިން ބަފައިންނާއި މުރައްބީން ވެސް ހަމަހިނިތުން ވެފައި
އަތްތިލަބަޑި ޖައްސަވަނީއެވެ. އެހެންކަމުން މާދަމާ (ދުރުނޫން މުސްތަޤްބަލެއްގައި)
މި ހަންހާރަވެތި އިނގިރޭސިބަސް މިރާއްޖޭގެ ރަސްމީ ބަހަކަށްވާނެ ދުވަސް ތިބިބަޔަކަށް
ފެންނާނެކަމަށެވެ. މިކަމަށް ދެކޮޅުހަދާ ބަޔަކު ހެއްދެވިޔަސް އަދިއަޅުގަނޑު
މިދެންނެވި އެއްޗަކާ އެއްބަސްވިޔަސް ނުވިޔަސް މިމަގުން މިކަންހިނގައި ނިމިގެންދާނެ
ދުވަހެއް ލަހުންނަމަވެސް އަންނާނެކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުގެ މިމަޒުމޫނު މިހާތަނަށް
ލިޔުނު ފަހުން އަވަށްޓެރި ގެއެއްގެ ކުލާހަކުން ޓިއުޝަން ނިންމާލާފައި ދިޔަ ގްރޭޑް
09 ގެ 09 ކުއްޖަކާ އެއްތަނަކުން ބައްދަލުވިއެވެ. އިނގިރޭސި ބަހުން އޮލަވާހަކައެއް
ދައްކަމުން ހެމުން މަޖާކުރަމުންދިޔަ އެކުދިން މަޑުކުރުވާފަ ރަނގަޅު ދަނޑިވަޅެއްކަމަށް
ބަލައިގެން ސަމާސާރާގަކަށް އެކުދިންނާ ދެތިން ސުވާލެއް ކޮށްފީމެވެ. އަހާލީމެވެ.
ހިތަދޫގައި އިނގިރޭސިބަސް ދަންނަމީހުން އުޅޭތާ މިހާރު ކިހައިދުވަހެއް ވެދާނެކަމަށް
ލަފާވޭ ހެއްޔެވެ. އެސުވާލު ކުރުމުން އެއްވެސް ކުއްޖަކަށް އެއަށް ދޭނެ ޖަވާބެއް
ނޭނގުނެވެ. ބުނީ ޖަވާބު ނޭނގޭ ކަމަށެވެ. ދެން އަޅުގަނޑު އަހައިލީމެވެ.
މިދިޔައަހަރު ތިޔަކުދިން އެންމެ ގިނައިން ކިޔަން ގެންގުޅުނީ ދިވެހި ފޮތްތޯ އަރަބި
ފޮތްތޯ ނުވަތަ އިނގިރޭސި ފޮތްތޯއެވެ. ސުވާލު ނުނިމެނީސް އެންމެން އެއްއަޑަކުންހެން،
"އަޅުގަނޑު އެންމެ ގިނައިން ކިޔާފައި ވަނީ އިނގިރޭސި ބަހުގެ ފޮތްތައް.
އިންގްލިޝް އިސްޓޯރީ ފޮތްތައް" ކަމަށް ބުންޏެވެ. ކުރިން ވެސް ދެންނެވި
ފަދައިން މިކުދިން އައީ އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ކަމަށްވާތީ، ދެންވެސް
އަހާލީމެވެ. ތިޔަކުދިންނަށް ހީވާގޮތުގައި ކުރިޔަށްއޮތް ވިއްސަކަށް ނުވަތަ ތިރީހަކަށް
އަހަރުގެ ތެރޭގައި އިނގިރޭސިބަސް މިހާރަށްވުރެ ނިކަމެތިވެ ދަށަށް ހިނގައިދާނެކަމަށް
ހީވޭހެއްޔެވެ. މިސުވާލު އަމާޒުކުރުމުން އެކުދިން
އެކުދިންނަށް އިނގިރޭސިބަހުން ވާހަކައެއް ދެއްކުމަށްފަހު ވަރަށް ޖޯޝާއެކު ބުނީ
އިނގިރޭސިބަސް ދާނީ ކުރިއަރަމުން ކުރިއަރަމުން ކަމަށެވެ. ދެންވެސް އަހާލީމެވެ. ތިޔަކުދިން
އެންމެ ލޯބިވަނީ ކޮން މާއްދާއެއް ކިޔަވަން ހެއްޔެވެ؟ ނުވަ ކުދިންގެ ތެރެއިން 6
ކުއްޖަކު ޖަވާބުދިނީ އެންމެ ކިޔަވާހިތްވަނީ އިނގިރޭސި ބަހުގެ މާއްދާ ކަމަށެވެ.
އަނެއް 3 ކުދިންގެ ޖަވާބު އެއާއި ތަފާތެވެ. ދެކުއްޖަކު ބުނީ ތިމަންނަ އެންމެ
ކިޔަވާ ހިތްވަނީ މެތުސް އެވެ. އަނެއް ކުއްޖާ ކިޔަވާހިތްވީ ޤުރުއާނެވެ. "
މެތުސް " އެއީ ކޮން މާއްދާއެއްހޭ އަހައިލުމުން އެއްކުއްޖަކު އަނެއް
ކުއްޖަކަށް އެއީކޮން މާއްދާއެއް ކަމަށް ދިވެހިން ބުނަން ނޭނގިގެން އުޅުމަށްފަހު
އެއްކުއްޖަކު ޖަވާބު ދިނީ އެއީހިސާބު ކަމަށެވެ.
ދޭދޭ ޒުވާނުން އެކަކު އަނެކަކަށް
މިގޮތަށް އިނގިރޭސި ބަހުންނާއި މަސްހުނިކުރި ދިވެހިބަހުން ވާހަކަދައްކާ މަންޒަރު
މިނޫނަސް ފެނިފައިވާތީ އަޅުގަނޑުގެ ހިތަށްއެރީ އިނގިރޭސިން މިރާއްޖޭގައި މިހާރު ނުއުޅުނަސް
އެމީހުން މިފަސްގަނޑުގައި އުޅުނުއިރު ލީނޭވާގެއަސަރު މިޖައްވުން ހަމަގައިމުވެސް
ފިލައި ނުގޮސް އެބަހުރިކަމެވެ. އެހެން
ބޭފުޅުން ވެސް ވިދާޅުވި ފަދައިން ބަޔަކު ރުހުނަސް ނުރުހުނަސް އިނގިރޭސިބަސް ދާނީ ކުރިޔަށްކަމެވެ.
އާދެ، "ދިރިއުޅޭ ރަށުގައި
އިނގިރޭސިބަހަށް ދެވިފައިވާ ޙައިސިއްޔަތާއި، އެބަސް ބޭނުންކުރާ ދާއިރާ ތަކާއި
އެބަހުގެ ދައުރާއި، ކުރިމަގުގައި ފެންނާނެ ބަދަލުތަކަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި
ކުރެވުނު ދިރާސާގައި މިހާތަނަށް ބަސްދީގަތުން ދެއްވި ބޭފުޅުންގެ ވާހަކަފުޅުތަކަށް
ބަލައިގެން އަޅުގަނޑަށް ވިސްނުނު އެއްޗެއް ތިރީގައި ނަކަލު ކޮށްލާނަމެވެ.
1-ބަސްދީގަތުން ދެއްވި ބޭބޭފުޅުންގެ
ވާހަކަފުޅުން އެނގި ސާބިތުވާ ގޮތުންނަމަ، އައްޑުއަތޮޅު ހިތަދޫގައި އިނގިރޭސިބަސް
ދަންނަ ރަށުގެރަށްވެހިން ވަރަށްކުރިއްސުރެ އުޅެފައިވާކަން އެއްވެސް ޝައްކެއްނެތް މިންވަރަށް
ސާބިތުވެއެވެ.
2-އެއްވެސް ބަޙުސަކަށް ތަނެއްނެތް ގޮތުގައި،
މީގެސަތޭކަވަރަކަށް އަހަރުކުރިން ފެށިގެން ކޮންމެވެސް ފެންވަރަކަށް
އިނގިރޭސިބަހުން ވާހަކަދައްކާ ބަޔަކު އުޅެފައި ވާކަން އެބައެނގެއެވެ.
3-އިސްވެދެންނެވި ތަޖުރިބާކާރު
ބޭބޭފުޅުންގެ ވާހަކަފުޅުތަކުން އެނގުނު ގޮތުގައި އިނގިރޭސިބަހަކީ މިރަށުގެ
މީހުންނަށް އާބަހެއް ނޫންކަން ޔަޤީން ވެއްޖެއެވެ.
4-މާޒީ ވެގެންދިޔަ ދުވަސްތަކުގައި އިނގިރޭސިން
ދެފަހަރެއްގެމަތިން މިރަށުގައި އެތައްއަހަރަކަށް އުޅެން ދިމާވުމުގެ ސަބަބުންނާއި
ބޮޑެތި އޮޑިއޮޑިފަހަރުން ރާއްޖެއިން ބޭރުޤައުމުތަކަށް ދަތުރުފަތުރު ކުރުމުގެސަބަބުން
ހިތަދޫ މީހުން އިނގިރޭސިބަހާއި ފުދޭވަރަކަށް ދޯޅުވެފައިވާކަން އެނގިއްޖެއެވެ.
5-ހަމައެހެންމެ އިނގިރޭސިބަސް
އެކިފަހަރު އެކިއެކިޙާލަތުތައް މެދުވެރިވެގެން ކުރިއަރަމުން އައިކަން ސާބިތު
ކުރެވިފައި ވާކަން އެނގިއްޖެއެވެ.
6-ރާއްޖޭގެ ވެރިކަންކުރާރަށް ކަމަށްވާ
މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން އާއްމު ރައްޔިތުންނަށް އާއްމުކޮށް
އިނގިރޭސިބަސް އެނގުމުގެ ކުރިންވެސް އައްޑުއަތޮޅު ހިތަދޫގައި އިނގިރޭސިބަސް ދިރެމުން
އާލާވަމުން އައިކަން އިސްވެ ދެންނެވި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭބޭފުޅުންގެ
ބަސްދީގަތުމުން އެނގެން އޮތްކަން އެއީވެސް ޤަބޫލު ކުރަންޖެހޭ ޙަޤީޤަތެއްކަމަށް
ބަލަން ޖެހެއެވެ.
7-ސްކޫލު މަދަރުސާފަދަ ތަންތަނުގައި
ކިޔަވައިދޭ ކިޔަވައި ދިނުމުގެ ތެރެއިންނާއި ދަރިވަރުންގެ ބެލެނިވެރިންނާއި
ޒުވާނުންނާއި މުޅިމުޖުތަމަޢުން އިނގިރޭސިބަހަށް ސަމާލުކަންދޭ މިންވަރު
އިތުރުވުމާއެކު މިރަށުގެ ކުރިމަގު އިނގިރޭސިބަހަށް އޮތީ ފަހިވެފައިކަން އެނގިއްޖެއެވެ.
އާދެ، ބަސްދީގަތުން ތަކުން އެނގުނު
މަޢުލޫމާތުގެ މައްޗަށް އަޅުގަނޑު ފާހަގަކުރި މި 7 ނުކުތާއަށް ބަލާއިރު އަޅުގަނޑު
ދިރިއުޅޭ ރަށް އާދެ، އައްޑޫސިޓީ ހިތަދުއަކީ އިނގިރޭސިބަހުގެ ކުލަގަދަ އުޖާލާ މާޒީއެއްއޮތް
ރަށެކެވެ. އެކަމުގެ ހެތްކާއި ދަލީލު ނުހަނު ސާފުކޮށް އެނގިގެން ހިނގައްޖެ އެވެ. އިނގިރޭސިބަސް
ބޭނުން ކުރަމުންދާ ދާއިރާތަކަށް ބަލާއިރު މިހާރުވެސް ބައެއްކަހަލަ މުއައްސަސާ
ތަކުގައި އެބަސް އޮންނަނީ އަހުލުވެރި ބަހަކަށް ވެފައެވެ. މިދެންނެވީ އޭރުއްސުރެ
މިހާރުވެސް އެކަންއޮންނަގޮތުގެ ވާހަކައެވެ. މިދެންނެވީ ބޭންކިން ދާއިރާގައްޔާއި ހެލްތުގެ
ދާއިރާގައްޔާއި ދަތުރުފަތުރުގެ ދާއިރާގައްޔާއި އެޑިޔުކޭޝަން ދާއިރާފަދަ
ދާއިރާތަކުގެ ވާހަކައެވެ.
އާދެ، ވެއަތުވެ ދިޔަ ފަންސަވީހަކަށް
އަހަރުގެ ތެރޭގައި ދުނިޔޭގެ މުވާޞަލާތީ ވަސީލަތްތައް އަޅުގަނޑުމެންނާ ހަމައަށްއައިސް
މިއަދު މިދަނީ ފުޅާވެ އޭގެބޭނުން އިންތިހާއަށް ކުރަމުން ކަމަށްވާތީ
އެދާއިރާތަކަކީވެސް އިނގިރޭސިބަހަށް ލިބިގެންދާ ކާނާއެއް ކަމަށް ފުދެއެވެ. އިންޓަރނެޓްގެ
ވެބްސައިޓް ތަކަށް ބަލާލިޔަސް އެންމެ ގިނައިން ފެންނަނީ އިނގިރޭސި ބަހުގެ
ވެބްސައިޓް ތަކެވެ. އަދިހަމަ އެހެންމެ ސްކޫލުތަކުގެ ކިޔަވައި ދިނުމަށް ބަލާއިރު
ސްކޫލު ތަކުގައި އިސްލާމާއި ދިވެއްސާއި ޤުރުއާން ފިޔަވައި އެހެން ހުރިހާ
މާއްދާތަކެއް ކިޔަވައި ދެމުން އަންނަނީ އިނގިރޭސި ބަހުންނެވެ. ސްކޫލު މާޙައުލުގައި އިސްލާމްމުދައްރިސާއި
ދިވެހިމުދައްރިސާއި ޤުރުއާންމުދައްރިސު ފިޔަވައި އެހެން އެއްވެސް ޓީޗަރަކު، އަދި
ލީޑިން ޓީޗަރަކުވެސް އިނގިރޭސިބަހުންނޫނީ
ކުދިންނާ މުޚާޠަބު ނުކުރައްވައެވެ. އަދިއަމުދުން އިލްމު ލިބިގެންހުރި ޤާބިލު
މީހެއްކަމަށް މުޖުތަމަޢު ދެކެނީވެސް އިނގިރޭސިބަހުން ކޮންމެވެސް މިންވަރަކަށް
ވާހަކަދައްކަން އެނގޭ މީހުންކަމަށް މިހާރު މިއޮންނަނީ މުޖުތަމަޢު ޤަބޫލު
ކޮށްފައެވެ.
ދިރާސާގެ ނިންމުން
އައްޑޫގެ ރައްޔިތުން އެބަހުރުވައަކަށް
ޝަރަފުވެރިވި ބަހުރުވައެއްގެ މައްޗަށް އައްގަދަކޮށް ނުފޫޒު ފޯރުވަމުންދާ އިނގިރޭސިބަސް
އައްޑޫއަށް ތަޢާރަފްވީ ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެވަނަ ބޮޑު ހަނގަރާމައިގެ
ދުވަސްވަރު އިނގިރޭސިން އައްޑޫގައި އުޅެމުން ދިޔުމުގެ ތެރޭގައެވެ. މިބަސްވަނީ
މީހުންގެ ހިތުން ޝަރފުވެރި މަޤާމެއް ހޯދާފައެވެ. މިބަހަކީ ދިވެހިންގެ ހިތުގެ
ވިންދާ ކުޅެމުންދާ ބަހަކަށް ވަނީ ވެފައެވެ. ކޮންމެ މުއައްސަސާއަކަށް
ނަޒަރުހިންގާލި ނަމަވެސް ފެނިގެންދާނީ އެތަނެއްގައި ކުރެވޭ މުޢާމަލާތުގެ 75% އިނގިރޭސިބަހުން
ކުރިއަށް ގެންދެވޭ މަންޒަރެވެ. މިބަހަށް މިހާ މަތިވެރި ދަރަޖައެއް ދެވެން
ފެށިކަމަށް ޤަބޫލުކުރެވެނީ ތަޢްލީމީ ނިޒާމަށް އައި ބަދަލެއްގެ ސަބަބުންނެވެ. އަދި
ބަވަނަވެފައިވާ ދުނިޔޭގައި ފަސޭހަކަމާއެކު ދިރިއުޅެން އާރާސްތުކުރެވެން އޮތީ
ގިނަބަޔަކު ޤަބޫލުކުރާ ބަހަކުން ވާހަކަ ދައްކަން އެނގިގެންނެވެ. އަދި އިނގިރޭސި
ބަހުން ވާހަކަ ދައްކާ މީހުންނަށް މުޖްތަމްޢުގައި ދެވިފައިވާ ޤަދަރާއި އެބަހުން
ވާހަކަ ދައްކަން ނޭނގޭ މީހުންނަކީ ކަޓު ބައެއްކަމަށް މީހުން ދެކެންފެށުން
ވެގެންދިޔައީ މިބަހަށް ދެވުނު ސަމާލުކަން އެތައްގުނައެއް އިތުރުވެގެން ދިޔަ
ސަބަބަކަށެވެ. ބަސްދީގަތުން ދެއްވި ބޭފުޅުންގެ އިތުބާރުހުރި މައުލޫމާތަށް
ވިސްނުމަށްފަހު ދިރާސާގެ އެންމެ ފަހުބަހެއްގެ ގޮތުން އަޅުގަނޑުވެސް ދަންނަވާނީ ދަންނަވާނީ
ކުރިމަގުގައި އަޅުގަނޑުމެންގެ ބަހަށްއޮތް ގޮންޖެހުން ވަރަށްބޮޑުކަމަށެވެ.
އިނގިރޭސިބަހުގެ ނުފޫޒު ވަރަށްބޮޑަށް ގަދަވެ މާދަރީބަހަށް ބަލިމަޑުކަމަކާ ދިމާވާނެ
ކަމަށެވެ. ދުރުނޫން މުސްތަޤްބަލެއްގައި އަޅުގަނޑުމެންގެ ވިލީބަހެއްގެ ގޮތުގައި
އިނގިރޭސި ބަސް ޖާގަ ހޯދާތަން ދުނިޔޭގައި ތިބިބަޔަކަށް ފެނިގެންދާނެ ކަމަށެވެ.
އަޅުގަނޑުގެ މިދިރާސާއަކީ ބުރަދަންހުރި
ދިރާސާއެއްކަމަށް ބަޔަކަށް ބަލައިގަނެވިއްޖެނަމަ ކިތަންމެހައިވެސް ރަނގަޅެވެ.
މިދިރާސާ ކުރުމުގައި އަޅުގަނޑު އިޚްތިޔާރުކުރި ބޭބޭފުޅުންނަކީ ރަށުގެ
މުޖުތަމަޢުގައި ޤަދަރާއި އިއްޒަތް ލިބިފައިވާ ބޭބޭފުޅުންނެވެ. ޢިލްމީ
ބޭބޭފުޅުންނެވެ. ތަޖުރިބާ ޙާޞިލު ކޮށްފައިވާ މުރުއްވަތްތެރި ބޭބޭފުޅުންނެވެ.
އަޅުގަނޑުގެ މިދިރާސާ މަޒުމޫން މިހާހިސާބުން ނިންމާލާނީ މިކުރެވުނު ދިރާސާގެ
އަލީގައި އިނގިރޭސިބަހަށްއޮތް މަޤާމުގެ ސަބަބުން އަމިއްލަ ބަހަށް ހީނަރުކަމެއް
ނައިސް އެބަސްވެސް ދެމިއޮތަދިނުމަށް ކޮންމެވެސް އެއްބަޔަކު މަސައްކަތް ކުރައްވާނެ
ކަމަށް އުއްމީދު ކުރަމުންނެވެ.
ދިރާސާ ކުރުމުގައި ހިފަހައްޓަންޖެހޭ
ސުލޫކީމިންގަނޑު
އަޅުގަނޑުގެ މިދިރާސާއާއިބެހޭ މަޢްލޫމާތު ދިރާސާގެ
ބައިވެރިންނާވާނީ ހިއްސާކޮށްފައެވެ. މީގެއިތުރުން ދިރާސާގެ މަޢްލޫމާތު
ބޭނުންކުރާނެ ގޮތާއި ބައިވެރިންގެ ސިއްރު ހިފެހެއްޓޭނެ ކަމުގެ ޔަޤީންކަން
އަޅުގަނޑުވާނީ އެބައިވެރިންނަށް ދީފައެވެ. އަދި ބައިވެރިން ދެއްވި މަޢްލޫމާތު
އެބޭފުޅުން ދެއްވި ގޮތަށް ބުނިޢިބާރާތުން ކާކުކަން ނޭނގޭގޮތަށް ބޭނުންކުރުމަށް
އަޅުގަނޑުވާނީ އެއްބަސްވެފައެވެ. އަދިހަމައެހެންމެ އިންޓަރިވިއު ރެކޯރޑުކުރުމުގެ
ކުރިން އެކަމަށް ހޯދަންޖެހޭ ހުއްދަ އަޅުގަނޑުވާނީ ބައިވެރިންގެ ގާތުން ހޯދާފައެވެ.
ދިރާސާގެ ބައިވެރިން ދިރާސާގައި ބައިވެރިވެފައިވާނީ އެއްވެސް މަޖްބޫރުކަމެއްނެތި
އެބޭފުޅުންގެ އިޚްތިޔާރުގައެވެ.
ހަވާލާދިނުން
އިސްމާޢީލު ޙަބީބު ޢަބްދުއްރަޙީމް.(2014).ދިވެހިބަހާމެދު
ދިވެހިޒުވާނުންގެ ވިސްނުންހުރީ ކިހިނެއްތޯ؟.ޖާރނަލް އާރޓިކަލް. ވޮލިއުމް.1.
ޝަކީލާ ހަމީދު.(2009) .ދިވެހިބަހުގެ އަސްލާމެދު.
ފަންވަތް.
ޢަބްދުﷲ ޖަމީލް.(2013). ތަޢްލީމީ ނިޒާމުގައި
ބަސްބޭނުންކުރުން. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީ.
ރޮލޭންޑް ރޮބާޓް ސަން.(1992). ގްލޯބަލައިޒޭޝަން.
ލަންޑަން: ސޭޖް.
މަޑަވެލީ އަލީ ނަސީރު. ބަހަށް ލިބިފައިވާ ކުރިއެރުން.
ފަންވަތް.
އަހްމަދު ޒަކަރިއްޔާ. (2015) އެކާވީސްވަނަ ސައްތަ ނިމޭއިރު
މަރުވެގެންދާ ބަސްތަކުގެ ތެރޭގައި ދިވެހިބަސް ހިމެނޭނެބާ؟.
ޑޭވިޑް ކްރިސްޓަލް.(1997). އިންގްލިޝް އޭޒް އަ ގްލޯބަލް ލެންގުއޭޖް.
ކޭމްބްރީޖް ޔުނިވާރސިޓީ.
_________________________________
No comments:
Post a Comment