Featured Post

Ombey

Wednesday, September 19, 2018

dhebassakamaai thoonufilikamaai han'dhaanaai gulhummehvaa kamuge hekkakee kobaiheyyeve.


ދެބައްސަކަމާއި ތޫނުފިލިކަމާއި އަދި ދެބައްސަކަމާއި ހަނދާނާއި ގުޅުމެއްވާ 

ކަމުގެ ހެއްކަކީ ކޮބައިހެއްޔެވެ؟ 

Related image
ލިޔުނީ: ޒީނަތު ލަބީބު.
1-     ތަޢާރަފް:
މި މަޒްމޫނުގައި  ދެބައްސަކަމާއި ތޫނުފިލިކަމާއި އަދި ދެބައްސަކަމާއި ހަނދާނާއި ގުޅުމެއްވާ ކަމުގެ ހެއްކަކީ ކޮބައިހެއްޔެވެ؟  މި މައުޟޫޢުގައި ޢިލްމީގޮތުން އެކިބޭބޭފުޅުން ކުރައްވާފައިވާ ދިރާސާތަކުގެ މަޢުލޫމާތު ހިމަނާފައި ވާނެއެވެ. މިގޮތުން ދެބައްސަކަމަކީ ކޮބައިކަމާއި އެއްބަހަށްވުރެ ގިނަބަސް ދަސްކޮށްދޭން ބޭނުންނަމަ ފުރަތަމަ ދަސްކޮށްދޭން ޖެހެނީ ކޮންބަހެއްކަން ހިމަނާފައި ވާނެއެވެ. އަދި ދެބަހުން ވާހަކަ ދައްކަން އެނގުމުން ލިބޭ ފައިފާ އާއި ދެބައްސަކަމާއި ހަނދާނާއި ދެމެދު ވާ ގުޅުމާއި ބެހޭގޮތުން ދެބައްސަ ބޭބޭފުޅުންގެ ޚިޔާލާއި ޝުޢޫރު ހިމަލާފައިވާނެއެވެ.
މި ދިރާސީ މަޒުމޫނުގައި ހިމެނޭނީ މައިގަނޑު ހަތަރު ބައެކެވެ. އެގޮތުން ތަޢާރަފުގެ ބައިގައި މަޒުމޫނުގެ ތަޢާރަފެއް ދީފައިވާނެއެވެ. އެއަށްފަހު މަޒުމޫނުގެ މައިގަނޑުގައި ދެބައްސަކަމަކީ ކޮބައިކަމާއި އެއްބަހަށްވުރެ ގިނަބަސް ދަސްކޮށްދޭން ބޭނުންނަމަ ފުރަތަމަވެސް މާދަރީބަސް ރަނގަޅަށް ދަސްކޮށްދޭން ޖެހޭ ކަން ހިމަނާފައި ވާނެއެވެ. އޭގެ އިތުރުން ދެބަހުން ވާހަކަ ދައްކަން އެނގުމުން ލިބޭ ފައިދާއާއި ދެބައްސަކަމާއި ތޫނުފިލިކަމާއި ދެމެދު ވާ ގުޅުމާއި ދެބައްސަކަމާއި ހަނދާނާއި ދެމެދު ވާ ގުޅުން ހެއްކާއެކު ގެނެސްދިފައި ވާނެއެވެ. އަދި އޭގެ ފަހުން ނިންމާލުމުގެ ގޮތުން މުޅި ދިރާސާ މަޒުމޫނުގެ ޚުލާސާއެއް ގެނެސްދީފައި ވާނެއެވެ. އެންމެ ފަހު ބައެއްގެ ގޮތުން މިދިރާސާ  މަޒުމޫނު ލިޔުމަށްޓަކައި ހަވާލާދީފައިވާ ގޮތުގެ ތަފްސީލު ހިމަނާފައި ވާނެއެވެ.
2-   މައިގަނޑު:
ދެބައްސަކަމަކީ ދެ ބަހަކުން ވާހަކަދެއްކުމެެވެ. މިގޮތަށް ވާހަކަ ދެއްކުމުގައި ދެބުހުގެ ޤަވާއިދާއި ހަމަތައް ބަރާބަރަށް ބޭނުންކުރަން އެނގޭނެއެވެ. ދެ ބަހުގެ އަހުލުވެރިޔަކު އޭނާ ވާހަކަ ދައްކާ އެއްބަހަށް ވުރެ އަނެއްބަހަށް މާ ފަރިތަނަމަ އެއީ ދެބަހުން ވާހަކަދައްކާ މީހެކޭ ބުނެވިދާނެ ހެއްޔެވެ؟ އަދިހަމަ އެހެންމެ ދެ ބަހުގެ އަހުލުވެރިޔަކު އޭނާގެ ދެ ބަހުންކުރެ އެއް ބަހުން އެއްގޮތަކަށްވެސް ވާހަކަ ނުދައްކާނަމަ އެއީ ދެބައްސަ މީހެކޭ ބުނެވިދާނެ ހެއްޔެވެ؟ ހަޤީޤީ ދެބައްސައިންނަކީ އެމީހުންގެ މާދަރީ ބަހުގެ ގޮތުގައި ދެ ބަހެއް ލިބިގެންވާ މީހުންނެވެ. އެމީހުންނަކީ އެމީހުން އެންމެ ތުއްތުއިރުން ފެށިގެން ދެ ބަހުން ވާހަކަ ދައްކަމުންއައި މީހުންނެވެ. ދެ ބަހުގެ ޤަވާޢީދާއި ހަމަަތަކާއި އުޞޫލުތަކުގެ މަތިން އެއްބަސް އަނެއްބަހާ މަސްހުނިނުކޮށް ދެ ބަހުންވެސް އެމީހުން ވާހަކަ ދައްކާނެއެވެ. އެއްބަހުން ވާހަކަ ދައްކަމުންގޮސް އަނެއް ބަހަށް ބަދަލުކޮށްލުމުގައި އެއްވެސްކަހަލަ އުނދަގުލެއް އެމީހުންނަކަށް ދިމާނުވާނެއެވެ. މިކަހަލަ ދެބައްސައިންގެ މާދަރީ ބަހަކީ އެމީހުން ވާހަކަދައްކާ ދެ ބަހެވެ. އޭގެތެރެއިން ވަކި ބަހެއް ޚާއްޞަ ނުކުރެވޭނެއެވެ.
ދެބައްސަކަމުގެ ވައްތަރުތަކުގެ ތެރެއިން އެއްވައަތަރަކީ "ކޮންޕައުންޑް ބައިލިންގުއަލް" އެވެ. މިކަހަލަ ދެބައްސައިންގެ ކިބައިގައި ހުންނާނީ ދެބަހާއި އެއް "ސިމޭންޓިކް" ނިޟާމެވެ. މި މާނައިގައި ދެބައްސަކަން އާއްމުގޮތެއްގައި ބޭނުންކުރަނީ ނިސްބަތުން އެކުއެކީގައި ދެބަސް ދަސްކުރާ މީހުންނަށެވެ. އޭގެ ތެރެއިން ދެވަނަ ވައްތަރަކީ "ކޯޑިނޭޓް ބައިލިންގުއަލް" އެވެ. މިކަހަލަ ދެބައްސައިންގެ ކިބައިގައި ހުންނާނީ ދެބަހާއި ދެ "ސިމޭންޓިކް" ނިޟާމެވެ. މި މަފްހޫމުގައި ދެބައްސަކަން މާނަކުރަނީ ދެބަސް ވަކިވަކީން ދެމާހައުލެއްގައި ދަސްކުރުމަށެވެ. މީގެ އަނެއްވައްތަރަކީ "ސަބްއޯޑިނޭޓް ބައިލިންގުއަލް" އެވެ. މިފަދަ ދެބައްސައިންނަށް ދެބަސްވެސް އެނގޭނެއެވެ. އެހެންނަމަވެސް މިފަދަ ދެބައްސައިން ދޭހަކުރާނީ ނުވަތަ ފަހުމު ކޮށް ވިސްނާނީ ދެބަހުގެ ތެރެއިން އެމީހާ އެންމެ މޮޅުބަހަކުންނެވެ.


2.1 އެއްބަހަށް ވުރެ ގިނަ ބަސްދަސްކޮށްދޭން ބޭނުންނަމަ ފުރަތަމަ މާދަރީ ބަސް ރަނގަޅަށް ދަސްކޮށްދޭށެެވެ.
މާދަރީ ބަހަށް އިސްކަންދީގެން ތަޢްލީމު ދެވޭނަމަ އެ ދެވޭ ތަޢްލީމުގެ ފެންވަރު މަތިވާކަމަށް ދިރާސާތަކުން ދައްކައެވެ. 2010ވަނަ އަހަރު (ޒެލީހާ ޔެޒްކީ، ބިނޫރު ޖެންކް އިލްޓަރ2010 އާއި ފިލިން ގުލޯވަރ 2010) ކުރި މިފަދަ ދިރާސާއަކުން ދެއްކިގޮތުގައި އެއްބަހަށްވުރެ ގިނަބަހުން ތަޢްލީމު ޙާޞިލުކުރާ ކުދިންގެ ތެރއިން މާދަރީ ބަހަށް މޮޅުކުދިން އެހެނިހެން ބަސްބަހަށް ވެސް މޮޅުކަން ފާހަގަ ކުރެވުނެވެ. އެއްބަހަށްވުރެ ގިނަ ބަހުން ތަޢްލީމު ޙާޞިލުކުރާނަމަ އެމީހެއްގެ މާދަރީބަހަށް ޚާއްޞަ ސަމާލުކަމެއް ކިޔެވުމުގައި ދެވޭނަމަ އެހެން ބަސްބަހަށް އެމީހަކު މޮޅުވާނެއެވެ(އިސްމާޢީލު ޙަބީބު ޢަބްދުއްރަޙީމް 2013). މީގެ އިތުރުން 2011ވަނަ އަހަރު ޔުނެސްކޯ އިން ހާމަކުރައްވާފައިވަނީ ކުދިންގެ ޅަފަތުގައި "މީޑިއަމް އޮފް އިންސްޓްރަކްޝަން" ގެ ގޮތުގައި މަދަރީބަސް ނޫން އެހެންބަހެއް ބޭނުންކުރުމުން ނަތީޖާ ރަނގަޅުވެ، ތަޢްލީމީ ޙަޔާތް ކާމިޔާބުވާ ކަމަށް ދެންނެވޭކަށް ނެތްކަމުގައެވެ. އޭގެ ސަބަބެއްކަމުގައި އެމީހުން ބަޔާންކޮށްފައިވާނީ "އައިޖީސީއެސްއީ" އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ނިސްބަތުގެ ތެރެއިން ފަސް މާއްދާއިން ފާސްވަނީ ފަންސާސް އިން ސައްތަ ދަރިވަރުންނެވެ. އަދިހަމަ އެހެންމެ އިނގިރޭސި ފާހެއް ޙާޞިލުކުރެވެނީ ނިސްބަތުން ވިހި އިން ސައްތަ ދަރިވަރުންނަށެވެ. މިފަދަ ދިރާސާތަކުން ހޯދިފައިވާ ނަތިޖާއަށް ރިޢާޔަތްކޮށް ބަލާއިރު ދަރިވަރުންގެ ޅަފަތުގައި "މީޑިއަމް އޮފް އިންސްޓްރަކްޝަން" ގެ ގޮތުގައި އެކުދިންގެ މާދަރީބަސް ބޭނުންކުރާ ކުދިންގެ ޤާބިލުކަން ކިޔުމާއި ލިޔުގައި އުޅެނީ މާބޮޑަށްވެސް ކުރީގައެވެ. އަދި ހަމަ އެފަދައިން މާދަރީ ބަހުން އުނގެނޭ ކުދިން އުނގެނިގައްނަ ގޮތް މާއަވަހެވެ (ޢަބްދުއްޟާ ސަޢީދު ވިލިގިލި 20 އޮކްޓޫބަރު 2015).
މާދަރީ ބަސް ނޫން ބަހަކުން ތަޢްލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ފިލާވަޅުތަކުގެ މަފްހޫމުތަކާއި މަޢުލޫމާތު އެނގެންވާ ވަރަށް ނޭނގެއެވެ. މީގެ އިތުރުން އެބުނާ އެއްޗެއް ފަހުމުވާން ޖެހޭ މިންވަރަށް ފަހުމު ނުވާތީ އެއިން ކުރަންޖެހޭ އަސަރު ނުކުރާކަން ފާހަގަވެއެވެ (ޖޭ. ފިޝަމަން 1972). ޖޭ. ފިޝަމަންގެ މިނިންމުމަށް ބާރުދެއްވަމުން (ގްރޯސް ޖީން 1982) ހާމަކުރައްވަނީ ދަރިވަރުންގެ ޅަފަތުގައި އެ ދަރިވަރުގެ މާދަރީ ބާހާއި އެކު އެކީ އެހެންބަހެއް ތަޢަރަފްކުރުމުން ދަރިވަރަށް އެއްވެސް ބަހެއް ރަނގަޅަށް ނޭނގޭނެކަމަށެވެ. އެންމެ ޅަފަތުގައި ދަރިވަރުންނަށް އެކުދިން ބީރައްޓެހި ބަހަކުން ކިޔަވާ ދޭން ލެވޭ ބާރަކީ ދަރިވަރުންގެ ޚިޔާލު ހުށަހެޅުމަށް ނުކުޅެދުންތެރި ކުރުވާ ކަމެކެވެ (ޑރ ހަސަން ޙަމީދު 2002). ތުއްތު ކުދިން ކަންކަން ދެނެގަތުމަށާއި ދަސްކުރުމަށް ބޭނުންކުރާނީ އެ ކުއްޖެއްގެ މާދަރީބަހާއި އެ ކުއްޖަކު ދިރިއުޅޭ ވެއްޓެއްގެ މީހުން ދައްކާ ވާހަކަ ތަކުންނާއި ފެންނަ ކަންތައްތަކުންނެވެ (ޑރ. ޖީންސް ކަމިންސް 2002). ކުއްޖާގެ ބަސްކޮށާރު މުއްސަނދިވި ވަރަކަށް ކުއްޖާއަށް ދޭހަވާ މިންވަރު ފުޅާވާނެއެވެ.މީގެ އިތުރުން ކުއްޖާގެ އުފެއްދުންތެރިކަން އިތުރުވާނެއެވެ. އޭގެ ނަތިޖާއަކަށް ވެގެންދާނީ މާދަރީ ބަހުން ކުއްޖާއަށް ދަސްވެފައިވާ މަޢުލޫމާތު ދެވަނަ ބަހަކަށް ފަސޭހަކަމާއެކު ގެންގޮސް ބޭނުންކުރުމުގެ ޤާބިލުކަން ލިބޭނެއެވެ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (2012) ދެކޭ ގޮތުގައި އެ ކުއްޖެއްގެ މާދަރީ ބަހުން އެ ލިބޭ ހުނަރުތަކާއި މަޢްލޫމާތު ވަރަށް ފަސޭހަކާމާއެކު ދެވަނަ ބަހަކަށް ބަދަލުކުރެވެއެވެ. މިސާލަކަށް ކުއްޖާއަކީ ވަރަށް ފަރިތަކޮށް ފްރާންސް ބަހުން ގުނަކުރާ ނަވަތަ ދަސްކޮށް ކިޔާ ކުއްޖެކެވެ. އެހެންވެއްޖެނަމަ އެހުނަރު އިނގިރޭސި ބަހުން ކިޔުމުގައިވެސް އެކުއްޖާ ބޭނުންކުރާނެއެވެ. އަލުން އެދަސްކުރާކަށް ނުޖެހޭނެއެވެ.
ދިވެހި މުދައްރިސު އަޝްރަފް އަލީ ވިދާޅުވި ކަމަށް އާމިނަތު ޝިފްލީން (2012) ހާމަކުރައްވާފައިވެއެވެ. ޅަފަތުގެ ތަޢްލީމީ މަރުޙަލާގައި އެ ބައެއްގެ މާދަރީ ބަހުން ކިޔަވައި ދިނުމުން، އެ ބައެއްގެ ސިނކުޑި ހުޅުވި، ހަނދާން ގަދަވެއެވެ. ޚާއްޞަކޮށް ރާއްޖެކަހަލަ ދެބަހުން ކިޔަވއިދޭ ތަނެއްގައި، ޅައުމުރުގައި އެ ކުއްޖެއްގެ މާދަރީ ބަސް ތަޢްލީމު ޙާޞިލުކުރުމުގައި އިޚްތިޔާރުކުރުމުން އެ ކުއްޖެއްގެ ވިސްނުން އެހެން ބަސްބަހަށް ހުޅުވިގެން ދެއެވެ. އެ ކުދިންގެ ވިސްނުމުގައި ހަރުލާނީ އެކުދިންގެ މާދަރީ ބަހުގެ ނަންބަރުތަކާއި އަކުރުތަކެވެ. މާދަރީ ބަހަށް މޮޅުވުމަކީ އެހެން ބަސް ބަހަށް ލޯހުޅުވި އެހެން ބަސް ބަހަށް މޮޅުވުމަށް އެޅޭ ބާރެއްކަމަށް ނިންމިދާނެއެވެ (އައްބާސް ނޯޓް ފޮތް 2015). އެހެންނަމަވެސް ދިވެހި ބަހުގެ ކުޅަދާން އަދީބެއްކަމުގައިވާ ޢަބްދުﷲ ސާދިޤު (2013) ހާމަކުރައްވާ ގޮތުގައި، ރާއްޖޭގެ ސުކޫލްތަކުގައި "މީޑިއަމް އޮފް އިންސްޓްރަކްޝަން" ގެ ގޮތުގައި އިނގިރޭސި ބަސް ބޭނުން ކުރުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. މީގެ ސަބަބެއްގެ ގޮތުގައި ހާމަކުރައްވާފައިވަނީ ސުކޫލު ނިންމާލުމަށްފަހު ދަރިވަރުން ކުރިމަތިލާން ޖެހެނީ އިނގިރޭސި ބަހުން އެކުލަވާލެވިފައިވާ އިމްތިޙާނަކާއެވެ. އަދިހަމަ އެހެންމެ ޅަފަތުގައި އެބަސް ބޭނުންކުރަން ފެށުމުން އެ ބޭނުންކުރުމުގެ ޤާބިލުކަން ލިބި ތަޢްލީމީ ޙަޔާތް ކާމިޔާބު ކަމާއެކު ނިންމާލެވޭނެއެވެ.
  2.2  ދެ ބަހުން ވާހަކަ ދައްކަން އެނގުމުން ލިބޭ ފައިދާ:
ދެބަހުން ވާހަކަދައްކާ ގޭބިސީ އެއްގައި ކުދިން ބޮޑުވުމަކީ އެކުދިންނަށް ދެބަސް އެކުއެކީ ދަސްކުރުމުގެ ނަސީބު ލިބިފައިވާ ކުދިންނެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ ގިނަ ކުދިންނަކީ ދެބައްސަ ކުދިންނޭ ބުނެވިދާނެއެވެ. އެހާވެސް ދެބައްސައިންވަނީ ގިނަވެފައެވެ. ދެބަހުން ވާހަކަ ދައްކާ ކުދިންގެ ވިސްނުން އެއްބަހުން ވާހަކަ ދައްކާ ކުދިންނަށްވުރެ ނިސްބަތުން ރަނގަޅުކަމަށް ވެއެވެ. އެއީ އެކުދިންގެ ސިނކުޑި އެ ދެބަހަށް ސަމާލުވެ މަސައްކަތް ކުރާތީއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުއްޖާ ކަންކަމަށް ދޭ ސަމާލުކަން އިތުރުވެއެވެ. އަދި ދެ ބަސް ފާހަގަކޮށް ވަކި ކުރަން ދޭ ސަމާލުކަންވެސް އިތުރުވެގެންދެއެވެ (މަނާހިލް 2016). އެކުދިން ދުނިޔޭއާ މެދު ގެންގުޅޭ ވިސްނުން ތަފާތު ވާނެއެވެ (ބޭކާރ ސީ 2011). މީގެ އިތުރުން އެކުދިންނާއި ދިމާވާ މައްސަލަތަކަށް ފަސޭހަކަމާއެކު ހައްލު ހޯދަން އެކުދިންނަށް އެނގެއެވެ. އަދިހަމަ އެހެންމެ ކަންކަމަށް ކެއްތެރިވެ އެކަމަކުން ދިމާވެދާނެ ބުރަތައް އުފުލާލުމުގެ ޤާބިލުކަންވެސް ދެބައްސަ ކުދިންނަށް ލިބިގެންވެއެވެ. މީގެ އިތުރުންވެސް އެހެން މީހުންގެ ވިސްނުމާއި ޚިޔާލާއި ފިކުރުތަކަށް އިޙްތިރާމް ކުރުމުގެ ކުޅަދާނަކަން މިކުދިންނަށް ލިބިގެންވެއެވެ. ދެބައްސައަކަށް ވުމުން ކަންކަމާ ދޭތެރޭ ވިސްނާގޮތް ފުޅާވެގެންދެއެވެ. އެކަމަކާއި ގުޅޭގޮތުން ތަފާތު ދިމަދިމާލުން ވިސްނާނެއެވެ(ބޭކާރ 2011). އެކުދިން ބުނަން ބޭނުންވާ ވާހަކަ އެއް ބުނުމުގެ ކުރިން އެވާހަކައެއް ބުނެވޭ ގޮތަކުން ނިކުމެދާނެ ނަތީޖާއަކާ ދޭތެރޭ އެކުދިން ވިސްނާނެއެވެ. ދެބައްސަ ކުއްޖަކަށް ވުމުން ތިންވަނަ ބަހެއް ދަސްކުރަން އެމީހަކަށް ފަސޭހަވެގެން ދެއެވެ (މަނާހިލް 2016).
2.3 ދެބައްސަކަމާއި ތޫނުފިލިކަން:
މީގެ 45 ވަރަކަށް އަހަރު ކުރިން ބެލެނިވެރިންނަށާއި މުދައްރިސުންނަށް ފަންނީ މާހިރުން ލަފާ ދެއްވަމުން އައިސްފައިވަނީ ވަކިވަކި ކުދިންނާއި އެއްބަހުން ވާހަކަ ދެއްކުމަށެވެ. އެހެންނަމަވެސް ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި މިވިސްނުމަށްވަނީ ހީނަރުކަމެއް އައިސްފައެވެ. މިގޮތަށް ވާހަކަ ދައްކަމުން އައި މީހުންގެ ޢަދަދުވަނީ މަދެވެފައެވެ. ދިރާސާތަކުގެ އަލީގައި މިއަށްވުރެ ރަނގަޅު ގޮތްގޮތް ދަނީ މަޑުމަޑުން ހާމަވަމުންނެވެ. ކަން މިހެން އޮތްކަމުގައި ވިޔަސް ދެބަހުން ވާހަކަ ދައްކައިގެން ބައެއް ހިސާބު ތަކުގައި ދެބަހުން ވާހަކަ ދައްކާ ކުދިންގެ އަނގަ ސައިބޯނި ލައިގެން ދޮއްވާފައިވެއެވެ. (އިސާކް 1976) . ދެބައްސަކަމާއި ދޭތެރޭ އިދިކީލި ވިސްނުން ގެންގުޅޭ މީހުން މިހާރުވެސް މުޖްތަމަޢު ތެރެއިން ފެންނާނެއެވެ. ޚާއްޞަކޮށް ޢުމުރުގެ ގޮތުން ދޮށީ މީހުންގެ ނަޒަރުގައި ދެ ބަހެއް އެއްފަހަރާ ދަސްކޮށްދިނުމަކީ އެމީހެއްގެ ތަޢްލީމަށް ނޭދެވޭ އަސަރުތަކެއް ކުރާކަމެކެވެ.
ދެބައްސައަކަށް ވުމުން މީހާގެ ވިސްނުމަށްކުރާ ނޭދެވޭ އަސަރު ދެ ގޮތަކަށް މާނަކުރެވެއެވެ. އޭގެތެރެއިން ފުރަތަމަ ގޮތަކީ ތިލަފަތެއްގެ އެއްކޮޅަށް ބަރުވާ ވަރަކަށް އަނެއްކޮޅަށް ލުއިވާ އުޞޫލުން ދެވަނަ ބަހެއް އުނގެނި އެބަސް ބޭނުންކުރާ ވަރަކަށް އޭނާގެ ފުރަތަމަ ބަހުގެ ޤާބިލުކަން އުނިވެގެންދެއޭ ބުނާ ވައްތަރެވެ. ދެވަނަ ގޮތަކީ ދެ ބަހުން ވާހަކަ ދެއްކޭނީ އެ މީހެއްގެ ވިސްނުމާއި ވާހަކަ ދެއްކުމުގެ ކުޅަދާނަކަން އެމީހަކަށް ލިބިގެންވާ މިންވަރަކަށޭ ބުނާ ވައްތަރެވެ. 19ވަނަ ޤަރުމުގެ ކުރީކޮޅުން ފެށިގެން 1960 ގެ އަހަރުތަކާ ހަމައަށް ޢިލްމުވެރިން ދެކެމުންއައީ ދެބައްސަކަމުގެ ސަބަބުން ވިސްނުމަށް ނޭދެވޭ އަސަރު ފޯރާނެ ކަމަށެވެ. އަދި ހަމައެހެންމެ އޭރުގެ ދިރާސާވެރިން މިކަމާއި ގުޅޭގޮތުން ދިރާސާތަކެއް ހެދީވެސް އެމީހުންގެ ޤަބޫލުކުރުން އެއީ ތެދެއްކަން މީހުންނަށް ކަށަވަރުކޮށް ދިނުމަށެވެ.
ތޫނުފިލިކަމަކީ ނަފްސާނީ ޢިލްމުގެ މައިގަނޑު މަފްހޫމެވެ. ދެބައްސަކަމުގެ ސަބަބުން ތޫނުފިލިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ހޯދުނު ދުވަސްތަކެއް ވެސްވަނީ މަޟީއާއެކުވެ ގޮސްފައެވެ. އެދުވަސްވަރަށް "ދަ ޕީރިއަޑް އޮފް ޑެޓްރިމެންޓަލް އިފެކްޓްސް" އޭ ކިޔުނެވެ. ޢިލްމީގޮތުން މީހުން ކުރިއަރައި މިކަމާގުޅޭ ގޮތުން ވަނީ ވަރަށް ގިނަ ދިރާސާތަކެއް ހެދިފައެވެ. މިހާތަނަށް ކުރެވުނު އެއްވެސް ދިރާސާއަކުން ދެބައްސައަކަށް ވުމަކީ މީހާގެ ސިކުނޑިއަށް ލޯޑު ބޮޑުވާ ކަމެއް ކަމަށް ފާހަގަކުރެވިފައި ނުވެއެވެ. އަދިހަމަ އެހެންމެ ދެބައްސައަކަށް ވުމަކީ މީހާގެ ދިރިއުޅުމުގެ ކަންތައް ރާއްވަވައި ހިންގުމުގައި ވިސްނުމުގައި ކޮށިކަމެއް ހުންނަކަމެއް ކަމަށްވެސް ފާހަގަކުރެވިފައި ނުވެއެވެ.
ނިސްބަތުން ބަލާއިރު ދެބައްސައިންނާއި އެއްބައްސައިންގެ ދެމެދުގައި ވިސްނުމުގެ އެއްވެސް ފަރަގެއް ނުހުންނަ ކަމަށް ނިންމާފައިވާ ދިރާސާތައް ވަރަށް މަދެވެ. އެހެންނަމަވެސް "ދަ ޕީރިއަޑް އޮފް ނިއުޓްރަލް އިފެކްޓް" ގެ ދުވަސްވަރު ހަދާފައިވާ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ދެބައްސައިންނާއި އެއްބައްސައިންގެ ދެމެދު ވިސްނުމުގައި އެއްވެސް ފަރަގެއް ނުހުންނަ ކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ. މިދުވަސްވަރު ހޯދާފައިވާ ހޯދުންތަކުން ވަނީ ދެބައްސަކަމުގެ ސަބަބުން މީހާގެ ވިސްނުމަށާއި ތޫނުފިލިކަމަށް ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ހޯދާފައިވާ ހޯދުންތަކުގައި ހުރި ހަމަނުޖެހޭ ކަންކަން ފާހަގަ ކޮށްފައެވެ. މީގެ މިސާލަކީ 1959ވަނަ އަހަރު ވޭލްސްގައި ޖޯން ހަދާފައިވާ ދިރާސާއެވެ. މިދިރާސާގެ ނަތީޖާ ދައްކާގޮތުންނަމަ ދެބައްސައިންގެ ވިސްނުމާއި ތޫނުފިލިކަން އެއްބައްސައިންނަށްވުރެ ދެރައެވެ. ނުވަތަ  ދެބައްސައިންގެ ވިސްނުމާއި ތޫނުފިލިކަން އެއްބައްސައިނަށްވުރެ ދަށެވެ. މިދިރާސާގައި ވަނީ 10 އަހަރާއި 11 އަހަރުގެ 2500 ކުދިން ބައިވެރިކޮށްފައެވެ. އެހެންނަމަވެސް މިދިރާސާ އަލުން ބަލައި ހޯދި ހޯދުންތަކުން އޭނާއަށް ފާހަގަކުރެވުނު ގޮތުގައި އޭނާގެ ކުރީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫނެވެ. ދެވަނަ ފަހަރަށް އެދިރާސާ ހެދުމުގައި ޖޯންސް (1959) ވަނީ އޭނާގެ ދިރާސާގެ ބައިވެރިންގެ އިޤްތިޞާދީ ހާލަތާއި އިޖްތިމާޢީ ހާލަތު ދިރާސާކޮށްފައެވެ. ފަހުގެ ހޯދުންތަކަށް ބުރަވެ ޖޯންސް (1959) ބުނެފައިވަނީ ދިރާސާގެ ބައިވެރިންގެ ތެރެއިން އެމީހުންގެ ބެލެނިވެރިންގެ މާލީ ތަނަވަސްކަމުގެ ފަރަގެއް ނެތް ކުދިންގެ ވިސްނުމުގައްޔާއި ތޫނުފިލިކަމުގައި އެއްވެސް ފަރަގެއް ނުހުންނަ ކަމުގައެވެ.   
ޖޯންސް ގެ މިހޯދުން "ނިއުޓްރަލް އިފެްކްޓް" ތަކުގެ ނަތީޖާ ވެގެންދިޔައީ ކުދިންނަށް ދެބައްސަކަން އުނގަންނައި ދިނުމަށް ބޭނުންވެފައިތިބި ބެލެނިވެރިންނާއި މުދައްރިސުންގެ ސުވާލުތަކަށް ލިބުނު ޖަވާބަކަށެވެ. އަދިހަމަ އެފަދައިން މިދުވަސްވަރު ވެގެން ދިޔައީ މާދަރީ ބަހާ އެކުއެކީ ދެވަނަ ބަހެއް އުނގެނުމަށް ނުހަނު ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެން ދިޔަ ދުވަސް ވަރަކަށެވެ. މިދުވަސްވަރަށް "ޓްރާންސިޝަނަލް ޕީރިއަޑް" ނުވަތަ އިންތިޤާލީ ދުވަސްވަރުގެ ނަމުން ވަނީ ނަންދެވިފައެވެ. މީގެ އިތުރުން މިދުވަސްވަރު ވެގެންދިޔައީ ދެބައްސަކަމާއި ތޫނުފިލިކަމާއި ދެމެދު ގުޅުމެއްވޭތޯ ބެލުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދިޔަ ދުވަސްވަރަކަށެވެ. މިދިރާސާއަށްފަހު ތޫނުފިލިކަން ވަޒަންކުރަން ދެބައްސަކަން ބޭނުން ނުކުރެއެވެ.
2.4 ދެބައްސަކަމާއި ހަނދާނާއި ވާ ގުޅުން:
ދިރާސާތަކުން ދައްކާ ގޮތުގައި ވާތު "ހެމިސްފެއަރު" ގައި ބަހުގެ މަސައްކަތް ހިނގަނީ އެއްބައްސަ ކުދިންގެ ސިނކުޑީގައެވެ. މިއާ ޚިލާފަށް ދެބައްސައިންގެ ސިނކުޑީގެ ވާތު "ހެމިސްފެއަރު" އަދި ކަނާތު "ހެމިސްފެއަރު" ގައިވެސް ބަހުގެ މަސައްކަތް ހިނގައެވެ. މީގެ އިތުރުންވެސް ދިރާސާތަކުން ހާމަވާ ގޮތުގައި އުމުރުގެ ފަހުކޮޅުގައި ދެވަނަ ބަހެއް ދަސްކުރާ މީހުންނަށްވުރެ މާ ރަނގަޅަށް ތުއްތުއިރުން ފެށިގެން ދެބަސް ބޭނުންކުރަމުން އައި ކުދިންގެ ސިނކުޑީގެ ދެ "ހެމިސްފެއަރު" ގައި ބަހުގެ މަސައްކަތް ހިނގައެވެ. އެހެންކަމުން އެއްބައްސައަކަށްވުރެ ދެބައްސަ މީހަކުގެ ސިނކުޑީގެ ވާތު ފަޅިއަށް ލޯޑު ކުޑަވާނެއެވެ. ބަހުގެ ގޮތުން ދެބައްސައަކަށްވީތީ ލިބޭ ފައިދާތަކެއް ވެއެވެ. ދެބައްސަ ކުދިންނަށް ދެ ބަހުގެ ޤަވާޢިދާއި ހަމައާއި މާނައިގެ ފަރަޤު ރަނގަޅަށް ދެނެގަނެވޭނެއެވެ. އެކުދިން ބަހާމެދު ހޭލުންތެރިިވާނެއެވެ. އެއްބައްސައިންނަށްވުރެ އަވަހަށް  ދެބައްސައިންގެ ކިޔުމުގެ ހުނަރު ތަރައްޤީވެއެވެ.  ލިބިފައިވާ މަޢްލޫމާތުތަކަށް ބުރަވެ އެއްޗެއް ބުނާނަމަ ބުނެވޭނީ ދެބައްސަކުމުގެ ސަބަބުން ކުދިންގެ ވިސްނުމަށް އެއްވެސްކަހަލަ ނޭދެވޭ އަސަރެއް ނުކުރާކަމަށެވެ (ބިޔަލީސްޓޮކް 2006a). މީހަކު ވާހަކަ ދައްކަނީ ކޮންމެ ބަހަކުން ކަމުގައި ވީނަމަވެސް ވާހަކަ ދެއްކުމާއި ކިޔުމާއި ލިޔުމާއި އަޑުއެހުމާއި ގުޅޭ ޚިޔާލުތައް އުފެދިގެން އަންނަނީ އެއް އިންޖީނަކުންނެވެ. ދެބަހެއް ނުވަތަ އެއަށްވުރެ ގިނަ ބަސް ރައްކާކުރުމުގެ ޖާގަ އިންސާނުންނަށް ޤުދުރަތުންވަނީ ދެއްވާފައެވެ (ބޭކާރ ސީ 2011).
3-   ނިންމުން:
ކުދިންނަށް އެއްބަހަށްވުރެ ގިނަ ބަސް ދަސްކޮށްދޭން ބޭނުން ކަމުގައި ވަނީ ނަމަ އެކުދިން އެންމެ ތުއްތު އިރުން ފެށިގެން އެކަމަށް މަސައްކަތް ކުރާށެވެ. ދަސްކޮށްދޭނެ ބޭނުންވާ ބަސްތަކުގެ އަޑުތަކަށް ކުއްޖާ ހާނުވާށެވެ. މިގޮތަށް ދަސްކޮށްދިނުމުގައި އަޑުތައް ރަނގަޅަށް ދަސްނުވަނީސް ބަހަށް މޯލުކުރަން ބަސް މަސްހުނިކޮށްގެން ކުދިންނާ ވާހަކަ ނުދައްކާށެވެ. މިސާލަކަށް ކުއްޖާއަށް ދަސްކޮށްދޭނެ ބޭނުންވަނީ ދިވެހި ބަހާއި އިނގިރޭސިބަހެވެ. އެހެންވެއްޖެ ކަމުގައި ވަނީ ނަމަ ބެލެނިވެރިންގެ ތެރެއިން ކޮންމެވެސް އެއް ބެލެނިވެރިޔަކު ދިވެހި ބަހުން ވާހަކަ ދައްކާށެވެ. އަނެއް ބެލެނިވެރިޔާ އިނގިރޭސި ބަހުން ވާހަކަ ދައްކާށެވެ. އެއްބަހުން އަނެއް ބަހަށް ބަދަލުކުރުން ކުދިންގެ އިޚްތިޔާރަށް ދޫކޮށްލާށެވެ.
ނިންމާލުމުގެ ގޮތުން ވެސް އަޅުގަނޑަށް ދެންނެވޭނީ ދެބައްސަ ކަމަކީ ތޫނުފިލިކަމާއި ހަނދާން ބަލިކަށިވުމާ އެއްވެސް ގުޅުމެއް ހުރިކަމެއް ނޫނެވެ. ދެބަސް ނުވަތަ ގިނަ ބަސް އެނގުމަކީ ކުއްޖާ ދުނިޔެއަށް ލޯހުޅުވި ކުއްޖާގެ ހުރިހާ ޤާބިލިއްޔަތުތަކަށް ވެސް ލިބޭ ބޮޑު ކުރިއެރުމެކެވެ.  އެންމެ ފަހު ބަހެއްގެ ގޮތުން ދިވެހި ޒުވާނުންނަށް އަޅުގަނޑަށް ބުނެލާނީ ދެބައްސަ މީހެއްގެ ގޮތުގައި ދެބަހެއް އުނގެނި ދަސްކުރަން ބޭނުންނަމަ އެންމެ ފުރަތަމަވެސް ތިމާގެ އަމިއްލަ މާދަރީ ބަހަށް އިސްކަންދޭށެވެ. މާދަރީ ބަހަށް ކެހިކުޅު ޖަހާފަ އެއީ މާ ކަޓް އެއްޗެއް ކަމަށް ނަހަދާށެވެ. ދެބައްސަކަން އޭގެ ޙަޤީޤީ މިންގަނޑާ ހަމައަށް އުނގެނުމުގެ ފުރުޞަތު ފަހިވެގެންދާނީ މާދަރީ ބަހަށް އެކުއްޖަކު ލޯހުޅުވިފައިވާ މިންވަރެއްގެ މައްޗަށެވެ. މިއީ ނިސްބަތުން ހުރިހާ ދިރާސާވެރިން އެއްބަސްވާ ވިސްނުމެކެވެ.
މިއަދުގެ ބަވަނަވަމުންދާ މި ދުނިޔޭގައި ފަސޭހަކަމާއެކު ދިރިއުޅެވެން އޮތީ ގިނަބަހުން ވާހަކަ ދައްކަން ދަސްކޮށްގެންކަމީ ޝަައްކެއްއޮތް ކަމެއް ނޫނެވެ. ކަންމިހެން އޮތަތީވެ ކުދިންނަށް ބަސްތައް ދަސްކޮށްދޭންޖެހެއެވެ. އެކުދިން ވެސް ދިރިއުޅުން އާރާސްތުކުރާނީ މި ބަވަނަވެފައިވާ ދުނިޔޭގައި ކަމަށްވާތީއެވެ. އެހެންނަމަވެސް ބަސް ދަސްކޮށްދިނުމުގައި ކަމުގެ މާހިރުން ދެއްވާފައިވާ ލަފާތަކާއި އިރުޝާދުތަކުގެ މަތިން އެކަން ކުރިޔަށް ގެންދިއުމަށް ނަސޭޙަތްތެރި ވަމެވެ. ވިމާ، އިސްވެ ދެންނެވުނު މަޢްލޫމާތުގެ އަލީގައި ބަސް އުނގެނުމުގެ ބިންގާ އެޅިއްޖެނަމަ ކެއްޗާހަމަޔަށް ދިޔަޔަސް އެ ބިންގާ އޮންނާނީ ހަމަ ސީދާ ބިންގަލެއްގެ ގޮތުގައެވެ.  

4-   ހަވާލާދިނުން: (ރެފަރެންސް)
o        ބޭކާރ،ސީ.(2011). ފައުންޑެޝަންސް އޮފް ބައިލިންގުއަލް އެޑިއުކޭޝަން އެންޑް ބައިލިންގުއަލިޒަމް. 2ވަނަ އީޑީ.     Baker, C., 2011, Foundations of Bilingual Education and Bilingualism, 2nd ed
o        ކަރޮލް ބެންސަން.(2004) ސެންޓާ ފޮރ ރިސާޗް އޮން ބައިލިންގުއަލިޒަމް. 14 އެޕްރީލް 2004. ސްޓޮކްހަމް ޔުނިވަސިޓީ.   Carol Benson, Ph.D.  Centre for Research on Bilingualism Stockholm University 14 April 2004
o        ޙަސަން ޙަމީދު. (2002) މަދަރުސީ ތަޢުލީމު ހަތަރު އަނގޮޅިއެއްގައި. ފުރަދާނަ، 4(4)،12-11 މާލެ: ފެކަލްޓީ އޮފް އެޑިޔުކޭޝަން.
o        ޢަބްދުއްﷲ ސަޢީދު.(2015) ވިލިގިނލި 20 އޮކްޓޫބަރު 2015.
o        އައްބާސް.(2015) ނޯޓު ފޮތް. 3 ނޮވެންބަރު 2015.   
o        އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް.(2014) ދަ މޯލްޑިވްސް ނޭޝަނަލް ޖާރނަލް އޮފް ރިސާރޗް. ވޮލިއުމް 2، ނަމްބާރ.1، ޖޫން 2014 ޞަފްޙާ.73-94.
The Maldives National Journal of Research Vol. 2, No. 1, June 2014, pp. 73-94
o         މަނާހިލް.(2016) 25 ޑިސެންބަރު 2016. (އާދީއްތަ).
o         ޢަބްދުއްﷲ ޢަޒީޒު.(2010).13 ޑިސެންބަރު 2010.



No comments: