Featured Post

Ombey

Wednesday, September 19, 2018

shauguverikamaaeku dharivarun filaavalhuthakugai baiverivun


ދިރާސާ ރިޕޯޓް

Image result for kids  are enjoying  the lesson


ލިޔުނީ: ޒީނަތު ލަބީބި.

ދިރާސާގެ ސުރުޚީ:

ޝައުޤުވެރިކަމާއެކު ދަރިވަރުން ފިލާވަޅުތަކުގައި ބައިވެރިވުން.

ތަޢާރަފު:

މިއީ ދަރިވަރުން ހިއްވަރު ދިނުމުގެ ސަބަބުން އުފެދޭ ޝައުޤުވެރިކަމުން ދަރިވަރުންގެ ބައިވެރިވުމަށް ކުރާ އަސަރު ދެނެގަތުމަށް ކޮލިޓޭޓިވް މެތަޑަށް ކުރެވުނު ދިރާސާއެކެވެ.  މިދިރާސާގައި ސާމްޕަލް ނެގީ އެކްޝަން ރިސާރޗް ޑިޒައިންގެ މައްޗަށް ބިނާކޮށް އިންޑެޕްތް އިންޓަރވިއު ކޮށްގެންނެވެ. ސާމަޕަލް ނަގާފައިވަނީ އައްޑޫ ސިޓީގެ ސުކޫލްތަކުގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވުނު ސުކޫލެއްގެ 3 ޓީޗަރަކާ ސުވާލުކޮށްގެންނެވެ. މިދިރާސާގެ ޑޭޓާ އެނަލިސިސް ހެދީ ބައިވެރިންނާ ކުރެވުނު އިންޓަރވިއު ރެކޯރޑު ކުރުމަށްފަހު އެއިންޓަރވިއު ލިޔެލައިގެން އެކޯޑުކުރުމަށްފަހު ތީމްތަކަކަށް ބަހާލައިގެންނެވެ. މިދިރާސާގެ އެންމެ ބޮޑު އެއްބޭނުމަކީ އެނގެނުމުގެ މާހައިލުގައި އުނގެނުންމަތިން ފޫހިވެފައިވާ ކުދިންގެ އުނގެނުމަށް ފޫހިވާ އަސްލު ސަބަބު ހޯދައި ދެނެގަތުމެވެ. އަދި ދަރިވަރުންނަށް ހިތްވަރު ދިނުމުން ދަރިވަރުންގެ ބައިވެރިވުމަށް ކުރާ އަސަރު ހޯދާ ހަމަހަމަ ގޮތެއްގައި ހުރިހާ ކުދިންނަށް ތަޢްލީމު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.ދިރާސާތަކުން ދައްކާ ގޮތުގައި ދެ ވައްތަރެއްގެ ޝައުޤުވެރިކަމެއްގެ ސަބަބުން ދަރިވަރުންގެ ބައިވެރިވުން އިތުރުވެގެން ދާކަމަށް ޑރ މެޑަލިން ހަންޓާރ (2003) ހާމަކުރައްވައެވެ.

ސްޓޭޓްމެންޓް އޮފް ދަ ޕްރޮބްލަމް:

މި ދިރާސާއަކީ ޝައިޤުވެރިކަމުގެ ސަބަބުން ދަރިވަރުންގެ ބައިވެރިވުމަށް ކުރާއަސަރު ދެނެގަތުމަށް ކުރެވުނު ދިރާސާއެކެވެ. މުދައްރިސުން ކިޔަވާދެއްވާ ގޮތުންނާއި ދަރިވަރުން ގެންގުޅޭގޮތުން ކުލާސްތަކުގެ މާހައުލު ވަނީ މީގެ 10 ވަރަކަށް އަހަރާ އަޅާ ބަލާއިރު ވަރަށް ބޮޑުތަން ބަދަލުވެފައެވެ. ޝައުޤުވެރިކަން ނުހުންނަ ހަރަކާތްތަކުގެ ސަބަބުން ދަރިވަރުންގެ އުޅުމާއި އެ ކުދިންގެ ސުލޫކީ މިންގަނޑު ބަދަލުކޮށްލައެވެ. މުޅި ކުލާސް އޮންނަނީ ވަރަށް ހަލަބޮލިވެފަ އެވެ. އެ ގޮތަށް ދިމާވުމުގެ ސަބަބުން ކުލާސްތައް މަސަލަސްކުރަން ވަރަށް ބޮޑަށް އުނދަގޫވެ އެވެ. މިގޮތަށް ކަންތައް ދިމާވުމުގެ ސަބަބުން ދަރިވަރުންނަށް ފޯރުކޮށްދޭން ބޭނުންވާ ޢިލްމު އެކުދިންނަށް ފޯރުކޮށް ނުދެވެއެވެ. މިކަންތައް ބަދަލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ދަރިވަރުންގެ އުޅުމަށް ބަދަލު އައި މިންވަރު މި ދިރާސާގެ އަލީގައި ފެނުނެވެ.

އުނގަންނައި ދިނުމުގައި ދަރިވަރުންނަށް ޙާޞިލުކޮށްދޭން ބޭނުންވާ މިންވަރަށް ދަރިވަރުންނަށް ޙާޞިލުކޮށް ނުދެވޭކަމީ ހުރިހާ މުދައްރިސުން ވެސް އެ ކަމަކަށް ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ. އަދި ހަމައެހެންމެ ކިޔަވާދިނުމުގައި ދަރިވަރުން މަސަލަސްކުރަން ޖެހޭ މިންވަރާއި ގާތަށްވެސް އެކަންނުކުރެވޭ ކަމީ ވެސް ޓީޗަރުންނަށް ދިމާވެފައިވާ ބޮޑުގޮންޖެހުމެކެވެ. މިކަންތައް މިގޮތަށް ދިމާވަނީ ޓީޗަރުންގެ ފެންވަރު ދަށްވެގެނެއް ނޫނެވެ. ނުވަތަ ޓީޗަރުންނަށް ކިޔަވާދޭން ނޭނގޭތީ އެއްވެސް ނޫނެވެ. މިގޮތަށް ދިމާވާން މެދުވެރިވާ ސަބަބަކީ ދަރިވަރުންގެ ޝައުޤުވެރިކަން ހޯދައި ގަންނަން ބޭނުންކުރަން ޖެހޭ އުކުޅުތަކާއި ޓީޗަރުން ބީރައްޓެހި ވެފައިވާތީ އެވެ.

ޝައުޤުވެރިކަން ދަރިވަރުންގެ މުހިންމު ބައިވެރިވުންތަކަށް އަސަރުކުރަނީ ކީއްވެގެން ހެއްޔެވެ؟

ދަރިވަރުންގެ ބައިވެރިވުމާއި ދަރިވަރުންގެ ޝައުޤުވެރިކަން މި ދޭއްޗަކީ އެކަތި އަނެކައްޗަށް ލާމެހިފައިވާ ދޭއްޗެކެވެ. އުނގަންނައިދޭ އެއްޗެއް ނަގައިގަތުމަށް އެންމެ މުހިއްމު އެއް ރޯލު އަދާކުރާނީ ޝައުޤުވެރިކަމެވެ. ޝައުޤުވެރިކަން ނެތް މާހައުލެއްގައި ކިޔަވާދީގެން ކާމިޔާބީ އާއި ހަމައަށް ވާޞިލު ނުވެވޭނެ ކަމަށް ސިޓްވަޓް ސައީދު އެންޑް ޑޭވިޑް ޒައިނާރ (2012) ހާމަކުރައްވައެވެ. ޚާއްޞަކޮށް ކުޑަ ކުދިންނަށް ޝައުޤުވެރިކަން ނެތް މާހައުލެއްގައި ކިޔަވާނުދެވޭނެއެވެ. އެ ކުދިންނަކީ އެ ކުދިންނަށް ލިބޭ ފިލާވަޅުތަކުންނާއި ޝައުޤުވެރިކަމުން ހިތްވަރު ނަގައިގެން ކުރިއަށް ދާނެ ކުދިންނެވެ. އުނގެނުމުގެ ހަޔާތުގެ ދައުރުގެ ކުރީކޮޅު އެކުދިންގެ އެ އުފެދޭ ޝައުޤުވެރި ކަމަކީ ކުލާހުގެ ބައެއް ކަމަށް އެކުދިންނަށް އިޙްސާސް ކުރެވެއެވެ. ކިޔަވައިދިނުމު ގައި ކުދިން ޝައުޤުވެރި ކުރުވަން ޖެހެއެވެ. ޓީޗަރު ކިޔަވާދިނުން ކުރިއަށް މި ގެންދަނީ ކުދިން ބައިވެރި ކޮށްގެން ކަން އޭރުން އެ ކުދިންނަށް އިހްސާސް ކުރެވޭނެއެވެ. އަދި ޝައުޤުވެރިކަމަކީ އެ ކުދިންގެ އުނގެނުމުގެ އެއް ބައި ކަމަށް ވެސް އެކުދިން ދެކޭނެއެވެ.

ދިރާސާ ވެރިން ވަނީ މި ކަމާއި ގުޅޭގޮތުން ދިރާސާތަކެއް ކޮށްފައެވެ. އަދި މި ކަމަށް ވަނީ ތިއަރީތަކެއް ހޯދިފައެވެ. އުނގަންނައި ދިނުމުގައި މޯޓިވޭޝަން ތިއަރީއަކީ ވަރަށް މުހިއްމު ތިއަރީއެކެވެ. ސަބަބަކީ ކޮންމެ ކަމެއް ކާމިޔާބުވާނީ ޝައުޤުވެރި ކަމާއެކު އެކަމެއް ކޮށްގެން ކަމަށްވާތީއެވެ. މި ތިއަރީތަކުގެ އެހީގައި ފިލާވަޅުތަކަށް ދަރިވަރުން ޝައުޤުވެރި ކުރުވުމަށް ގިނަގުނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އުނގެނުމަކީ ދަރިވަރިންނަށް މާނަހުރި އެއްޗަކަށް ހަދަންޖެހެއެވެ. އެގޮތުން ދަރިވަރުން ގަޔާވާ އެ ކުދިންގެ މިޒާޖާ ގުޅޭ ހަރަކާތްތަކެއް ދެވިދާނެއެވެ. ކުލާހެއްގައި ތިބޭނީ ތަފާތު ފެންވަރުގެ ކުދިންކަން ދަނެގެން އެކި ކުދިންނާއި ގުޅޭގޮތަށް ހަރަކާތްތައް ރާވާލެވިދާނެއެވެ.  

މިދިރާސާގެ މައިގަނޑު މައްސަލަ ގުޅިފައިވަނީ "މޯޓީވޭޝަން" މި ލަފްޒާއެވެ. އެހެންކަމުން މިހާ ސިސާބުން މޯޓިވޭޝަނަކީ ކޮބާއިކަމާއި މޯޓިވޭޝަންގެ ބައިތަކަށް ބަލާލާނަމެވެ. މޯޓިވޭޝަނަކީ ކަމެއްކުރުމަށް ހިތް ބޭނުންވާ ބޭނުންވުމަށް ނުވަތަ ވަކި ކަމަކަށް ކުއްޖަކު ލަންބާލުމަށް އަމާޒުކުރުވާ އެކަމެއް ޙާޞިލުވުމަށް ލިބޭ ބާރަށް ކިޔާ ނަމެކެވެ. ހަމައެހެންމެ އެއީ ވަކި މަޤްޞަދެއް ޙާޞިލުކުރުމަށް ކުއްޖެއްގެ ކިބައިން އުފެދިގެން އަންނަ އުޞޫލުތަކާއި ސުލޫކުތަކެކެވެ. އެހެންގޮތަކަށް ދަންނަވާނަމަ ވަކި އަމާޒެއް ޙާޞިލުކުރުމަށްޓަކައި ލަނޑުދަނޑިއެއް ކަނޑައަޅައި އެލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ދާންޖެހޭ މިސްރާބާ ހަމައަށް ދިއުމަށް ހިތްވަރާއެކު މަސައްކަތްކުރުމުގެ ބާރަށް ކިޔާ ނަމެއް ކަމަށް ކެންޑްރާ ޗެރީ (2017) ހާމަކުރައްވައެވެ. މީގެ އިތުރުންވެސް މޯޓިވޭޝަނަކީ ކަމެއް ބޭނުންވާ ސަބަބުކަމަށް ކެންޑްރާ ޗެރީ (2017) ހާމަކުރައްވައެވެ. މިސާލަކަށް ގެވެށި އަނިޔާގެ ޝިކާރައަށްވެފައި ހުރި މީހަކު އޭނާ އެހިރު ގެއިން އެހެން ގެއަކަށް ދާން ބޭނުންވާ ބޭނުންވުމަކީ މޯޓިވޭޝަންއެވެ. ޢިލްމުވެރިން މޯޓިވޭޝަން ބަޔާންކުރާނީ ދެގޮތަކަށެވެ. އެއީ އިންޓްރިންސިކް މޯޓިވޭޝަނާއި އެކްސްޓްރިންސިކް މޯޓިވޭޝަންއެވެ.

އިންޓްރިންސިކް މޯޓިވޭޝަނަކީ ފަރުދީގޮތުން އެތެރޭގެ ބޭނުންތަކުގެ މައްޗަށް ބިނާވެފައިވާ ޝައުގުވެރިކަމެވެ. މިކަހަލަ ޝައުގުވެރިަކަން ހުންނަކުދިން ކަމެއްކޮށް ނިންމުމުން ލިބިދާނެ ހަދިޔާއަކަށް ނުވަތަ އިނާމަކަށް ސަމާލުކަމެއް ނުދޭނެއެވެ. އަދި މިފަދަ ޝައުގުވެރިަކަން ހުންނަ ކުދިން އެކަމެއް ކުރާނީ އެކަމެއް ކުރަން ބޭނުންވާތީއެވެ. އެކަމެއް ކުރުމުން ތިމާގެ އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަޖެހުމެއް ހޯދުމުގެ ބޭނުމުގައި ކަމަށް   ކޭވީ ބްރައުން (2007) ހާމަކުރައްވައެވެ. އެކަމެއް ކުރާނީ އެއްވެސް މީހެއްގެ ނުފޫޒެއް ނުވަތަ އެދުމެއް އޮވެގެނެއް ނޫނެވެ. މިސާލަކަށް އެރިތް މެތަމެޓިކްސް ހަދަން ދަސްކޮށްދޭ ޓިއުޝަން ކުލާހެއްގައި ބައިވެރިވެ އެރިތް މެތަމެޓިކްސް ހަދަން ދަސްކުރާނީ އެކަމަށް ހުރި ޝައުގުވެރިކަމެއްގެ ސަބަބުންނެވެ.  

އެކްސްޓރިންސިން މޯޓިވޭޝަނަކީ ހާލަތާ ގުޅިފައިވާ ޝައުގުވެރިކަމެވެ. މިކަހަލަ ޝައުގުވެރިކަން ބިނާވެފައިވާނީ އެކަމެއް ކުރުމުން ލިބިދާނެ އިނާމެއް ނުވަތަ ތަރުހީބެއް ހޯދުމަށެވެ. ނުވަތަ ކަމަކަށް ކުއްޖަކު ޝައުގުވެރިވާނީ ވަކިކަމެއް ނުވަތަ އެއްޗެއް ލިބިގަތުމުގެ ބޭނުމުގައެވެ. އަދިހަމައެހެންމެ މީހެއްގެ ފަރާތުން ލިބިދާނެ އަދަބަކުން ސަލާމަތް ވުމުގެ ބޭނުމުގައި ކަމެއް ކުރުމަށް ޝައުގުވެރިވުމަކީ ވެސް އެކްސްޓްރިންސިކް މޯޓިވޭޝަން ކަމަށް ކެންޑްރާ ޗެރީ (2014) ހާމަކުރައްވައެވެ. މިސާލަކަށް އެންމެ ގިނި ސޫރަތް ހިފްޟުކުރާ ކުއްޖަކަށް ޤުރުއާން ސީޑީއެއް ދޭން މުދައްރިސް ބުނެފައިވާނަމަ އެންމެ ގިނަ ސޫރަތް ހިފްޟުކުރަން މިހާލަތުގައި ޝައުގުވެރިވާނީ މުދައްރިސްގެ ފަރާތުން އެލިބޭ އިނާމަށެވެ.

ދިރާސާގެ މަޤްޞަދު:

މިދިރާސާ ކުރުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ހިއްވަރުދިނުމުގެ ސަބަބުން އެ އުފެދޭ ޝައުގުވެރިކަމުގެ ސަބަބުން ދަރިވަރުން ފިލާވަޅުގައި ބައިވެރިވުމަށް ކުރާ އަސަރު ދެނެގަތުމެވެ. މީގެ އިތުރުން ދަރިވަރުންގެ އަޚްލާޤު ދަށްވުމާއި އުނގެނުމަށް ޝައުޤުވެރިވުމާއި ދެމެދު ގުޅުމެއްވޭތޯ ހޯދުމެވެ. އަދި އެ އަސަރުތައް ދެނެގަނެ ހުރިހާ ދަރިވަރުންވެސް ޝައުގުވެރިކަމާއެކު ފިލާވަޅުތަކުގައި ބައިވެރިވެ ކަމިޔާބު ކުދިންތަކަށް ހެދުމަށް މަގުފަހިކޮށް ދިނުމެވެ. މީގެ އިތުރުން ކުލާހުގައި ކުދިން މަސަލަސްކުރަން އުނދަގޫވާ ސަބަބަކީ ދަރިވަރުންގެ ޝައުގުވެރިކަމާއި ގުޅުމެއް ހުރި ކަމެއްތޯ ދެނެގަތުންވެސް ހިމެނެއެވެ. މީގެ އިތުރުން ދަރިވަރުންގެ އުނގެނުމަށް ބޮޑަށް އަސަރުކުރަނީ އިންޓްރިންސިކް މޯޓިވޭޝްން ހުންނަ ކުދިންތޯ ނުވަތަ އެކްސްޓްރިންސިކް މޯޓިވޭޝަން ހުންނަ ކުދިންތޯ ދެނެގަތުމަށެވެ. އަދިހަމަ އެހެންމެ ކިޔަވާދިނުމުގައި މިދިރާސާގެ ނަތިޖާއަށް ބަލައި އިޞްލާޙުކުރަންޖެހޭ ކަންތައްތައް އިޞްލާޙުކޮށްގެން އަމިއްލަ ކިޔަވާދިނުމުގެ ކަންތައް ބައްޓަންކުރުންވެސް ހިމެނެއެވެ.

ދިރާސާގެ ސުވާލުތައް:

ހިތްވަރުދިނުމުގެ  ސަބަބުން ދަރިވަރުން ފިލާވަޅު އުނގެނުމަށް ކުރަނީ ކޮންކަހަލަ އަސަރުތަކެއް ހެއްޔެވެ؟

ހިތްވަރު ދިނުމުގެ  ސަބަބުން އުފެދިގަންނަ  އަސަރުތަކުން ދަރިވަރުންގެ ބައިވެރިވުމަށް އަސަރުކުރަނީ ކިހިނެއް ހެއްޔެވެ؟

އެތެރޭގެ ޝައުގެވެރިކަން (އިންޓްރިންސިކް މޯޓިވޭޝަން) ހުންނަ ކުދިންނަށްވުރެ ބޮޑަށް ފިލާވަޅުތަކުގައި ބައިވެރިވަނީ ބޭރުގަ ޝައުގެވެރިކަން (އެކްސްޓްރިންސިކް މޯޓިވޭޝަން) ހުންނަ ކުދިން ހެއްޔެވެ؟

އިންޓްރިންސިކް ކޮށް މޯޓިވޭޓްކުރުމަށް ކުރަނީ ކޮންކަހަލަ ކަންތައްތަކެއް ހެއްޔެވެ؟

"އިންޓްރިންސިކް މޯޓިވޭޝަން އާއި އެކްސްޓްރިންސިކް މޯޓިވޭޝަން" މި ދެވައްތަރުން ކުރެ ދަރިވަރުންނަށް އެންމެ ފައިދާ ބޮޑީ ކޮންކަހަލަ މޯޓިވޭޝަން އަކުން ހެއްޔެވެ؟ އޭގެ ހެއްކަކީ ކޮބައި ހެއްޔެވެ. އަދި އަނެއް ވައްތަރުން ލިބޭ ގެއްލުންތަކަކީ ކޮބައި ހެއްޔެވެ؟

ދަރިވަރުން ޝައުގުވެރިކުރުވަން ތިބާ ގެންގުޅޭ މެތަޑަކީ ކޮބައިހެއްޔެވެ؟

ދަރިވަރުން މޯޓިވޭޓް ކުރުމަށް އެންމެ ރަނގަޅީ ރިވާރޑް ސިސްޓަމްހޭ ނުވަތަ ޕަނިޝްމަންޓް ސިސްޓަމް ހެއްޔެވެ؟

ރިވާޑް ސިސްޓަމޭ ބުނާނަމަ އެއީ ކޮންކަހަލަ ރިވާޑް ސިސްޓަމެއް ހެއްޔެވެ؟





ދިރާސާގެ ބެކްގްރައުންޑް:

މި ދިރާސާ ހެދުމަށް ބޭނުންކޮށްފައިވާނީ ކޮންސްޕްޗުއަލް ފްރޭމް ވޯކެކެވެ. މި ދިރާސާގެ އިންޑިޕެންޑެންޓް ވޭރިއަބަލް އަށް ޑިޕެނެޑެންޓް ވޭރިއަބަލްގެ ސަބަބުން ކުރާ އަސަރު މި ފްރޭމް ވޯކްގެ އެހީގައި އެނގިގެންދިޔައެވެ. ދަރިވަރުން އުނގެނޭ އުނގެނުމަކީ އިންޑިޕެންޑެންޓް ވޭރިއަބަލްއެވެ. ޑިޕެންޑެންޓް ވޭރިއަބަލް އަކީ ހިތްވަރު ދިނުމުގެ ސަބަބުން އުފެފެދޭ ޝައުގުވެރިކަމެވެ. މި ދިރާސާގެ އެހީގައި އިންޑިޕެންޑެންޓް ވޭރިއަބަލްއަށް ޑިޕެންޑެންޓް  ވޭރިއަބަލްގެ ސަބަބުން އަސަރުކުރާ ގޮތާއި ކުރަނީ ކޮންކަހަލަ އަސަރުތަކެއް ކަމާއި ކިހާ ވަރަކަށް އަސަރުކުރާކަން އެނގިގެންދިޔައެވެ.

ދަރިވަރުންގެ އުނގެނުމަށް މިހާރަކަށް އައިސް އަންނަމުންދާ ބަދަލުތަކުގެ ސަަބަބުން އެޑިއުކޭޝަން މިނިސްޓްރީއާއި ޓީޗަރުންނާއި ބެލެނިވެރިންވެސް ވަނީ ވަަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން އިތުރުވާ މިންވަރަށް ވުރެ އެތަށް ގުނައެއް އިތުރު ވަމުންދަނީ ފެއިލްވާ ކުދިންނެވެ. މިކަމަށް ހައްލެއް ހޯދުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިއްޖެ ކަމެކެވެ. މިކަމަށް ހައްލެއް ހޯދޭނީ މިގޮތަށް ދިމާވާ ސަބަބު ވަރަށް ރަނގަޅަށް އެނގިގެންނެވެ. މިދިރާސާގެ ނަތީޖާއަށް ބަލާއިރު ގަބޫލުކުރެވެނީ ކުދިންގެ ހިތުގައި ތައްލީމަށް އުފެދެންޖެހޭ ޝައުގުވެރިކަން އުފެދިފައި ނުވާތީވެ ދިމާވާ މައަސަލައެއް ކަމަށެވެ.

ލިޓްރޭޗަރ ރިވިއު

ދަރިވަރުންގެ އުނގެނުމާއި ބެހޭގޮތުން ވަރަށް ގިނަގުނަ ދިރާސާތަކެއްވަނީ ހެދިފައެވެ. އަޅުގަނޑުގެ މިދިރާސާ ހަދަން ފެށުމުގެ ކުރިން ދަރިވަރުންގެ އުނގެނުމަށް ކުރާ އަސަރުތަކާއި ގުޅިގެން އެހެންމީހުން ކޮސްފައިވާ ދިރާސާތަކަށް ނަޒަރުހިންގީމެވެ. ގިނަދިރާސާވެރިން ބުރަވާގޮތުގައި ދަރިވަރުން ކިޔެވުން މަތިން ފޫހިވާގޮތް މެދުވެރިވަނީ އުނގެނުމަށް ދޭންޖެހޭ ޝައުގުވެރިކަން ނުދެވޭތީއެވެ. އެހެންކަމުން ކާމިޔާބު ކުދިންތަކެއް އުފެއްދޭނީ އުނގެނުމަށް ކުދިންގެ ހިތުގައި ޝައުގުވެރިކަން އުފައްދައިގެންނެވެ. ޝައުގުވެރިކަމާއި ގުޅޭ ތިއަރީތަކެއް ކަމުގެ މާހިރުންވަނީ އުފައްދާފައެވެ. ޝައުގުވެރިކަމާއި ގުޅިގެން ފާހަގަކުރެވޭ ދެ ތިއަރީއެއްވެއެވެ. އެއީ ބީ އެފް ސްކިނާރަގެ ތިއަރީ އާއި އަލްބަޓް ބަންދޫރާގެ ތިއަރީ އެވެ.

ސްކިނާގެ ތިއަރީ ގައި ތަރުހީބު ދިނުމާއި ހިތްވަރު ދިނުން ގުލުވާފައިވަނީ ޝައުގުވެރިކާމާއެވެ.  ކުދިންގެ ކިބައިން ފެންނަ ރަނގަޅު ކަންތައްތަކަށް ހިތްވަރުދީ ހެދުމަކީ އެކަން ތަކުރާރުކޮށް ކުރުމުގެ ޝައުގުވެރިަކން ކުދިންގެ ހިތުތެރޭގައި އުފެދޭނެ ކަމެއް ކަމަށް ސްކިނާރ (1971) ގެ ތިއަރީގައިވެއެވެ. ޝައުގުވެރިކަން ގުޅުފައިވާނީ ތަފާތުކަންތައްތަކާއެވެ. ކުރެވިފައިވާ ތަޖުރިބާތަކާއި ހިތްހަމަޖެހޭފަދަ ކަންތައްތަކާއި ހިތްހަމަނުޖެހޭ ފަދަ ކަންތައްތަކާއިވެސް ޝައުގުވެރިކަމާއި ގުޅުމެއްވާކަމަށް ސްކިނާރގެ ތިއަރީގައި ވެއެވެ. މިސާލަކަށް ކުރެހުމުގެ ކުލާހަކަށް ވަރަށް ގަޔާވެގެން އެއްބަޔަކު ވަންނައިރު އަނެއްބަޔަކު އެކުލާހަށް ވަންނާނީ ވަރަށް ފޫހިކަމާއެކުގައެވެ. މިގޮތަށް މިފަދަ އިޙްޞާސްތައް ކުރެވެނީ އެކުދިން ކުރިން ކޮށްފައިވާ ތަޖްރިބާއެއްގެ މައްޗަށްކަމަށް ސްކިނާރ ހާމަކުރައްވައެވެ. ގިނަފަހަރަށް މިކަހަލަ އިޙްޞާސްކުރެވެނީ ހިތިތަޖުރިބާތަކާއި ގުޅިގެންނެވެ. މިގޮތަށް ކުދިންނަށް ކުރެވޭ އިޙްޞާސްތައް ބަދަލުކުރެވިދާނެއެވެ. ކުދިން އެކަމަކަށް ހިތްއެދޭފަދަ ގޮތަކަށް ޕްލޭން ކޮށްގެން އެކުދިންގެ ވިސްނުން ބަދަލުކޮށްލެވިދާނެއެވެ. އިނާމުދީގެން މިކަހަލަ އިޙްޞާސްތައް ދުރުކޮށް ޝައުގުވެރިކަން އުފެދިދާނެކަމަށް ސްކިނާރގެ ތިއަރީގައި ބަޔާންކޮށްފައި ވެއެވެ. އެހެންނަމަވެސް އިނާމު ދިނުމުގައި ތިން ކަމަކަށް ސަމާލުވާންޖެހޭ ކަމަށް ސްކިނާރ ހާމކުރައްވައެވެ. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ކުދިން އަމިއްލައަށް ޝައުގުވެރިކަން ނުދޭ ކަންކަމަށް އިނާމުދިނުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ކަމެއް ފުރިހަމަކުރި މިންވަރަށް ބަލާފައި އިނާމުދިނުމެވެ. ތިންވަނަ ކަމެއްގެ ގޮތުން ފާހަގަ ކޮށްފައިވަނީ އެދެވޭ އިނާމެއްގެ ސަބަބުން ކުރާ މަސައްކަތް ފުރިހަމައަށް ކުރުމަށް ބާރުއަޅާފަދަ ގޮތަކަށް ދެވޭ އިނާމަކަށް ވުމެވެ.

އަލްބަޓް ބަންޑޫރާ (1977) ގެ ތިއަރޫގައި ވާގޮތުންނަމަ ކުދިން ކަންކަން ދަސްކުރަނީ އެއްޗެހި ބަލައިގެން ކަމަށާއި އެއްޗަކުން އެއްޗެއް ނަކަލުކޮށްގެން ކަމަށް ބުނެފައިވެއެވެ. އަދި އެހެން މީހުންގެ ތަޖުރިބާތައް އަޑުއަހައިގެން، އެއަޑުއަހާ އެއްޗަކުން ކަންތައްތަކެއް ދެނެގަނެގެން ދަސްކުރާކަމަށްވެސް ބުނެފައިވެއެވެ. މިސާލަކަށް ކުލާހުން އެއްކުއްޖަކަށް މުދައްރިސް ފީޑްބެކް ދެމުން ދެއްކި ވާހަކަ އަޑުއަހަންހުރި އެހެން ކުއްޖަކު އެކުއްޖާގެ މަސައްކަތް އެކިޔާދިންގޮތަށް ބަދަލުކުރަން މަސައްކަތް ކުރިއެވެ. މިހާލަތުގައި ކަންތައް ވެގެން އެދަނީ ބަންޑޫރާ ދެކޭ ފަދައިން އެހެންމީހެއްގެ ތަޖުރިބާ އަޑުއަހައިގެންނެވެ.

އަބްރަހަމް މާސްލޯ ހާމަކުރައްވާފައިވާ ގޮތުގައި އިންސާނާގެ ޝައުގެވެރިކަން ގުޅިފައިވާ ތަރުތާިބަށް ބަލާއިރު ތިންބަޔަކަށް ބަހާލެވެއެވެ. އޭގެ ތެރެއިން ތިންވަނަ ބަޔަކީ ނަފްސުގެ ފުރިހަމަކަމަށް ބޭނުންވާ ބޭނުންތަކާ ގުޅުފައިވާ ބައެވެ. މިބައިގައި އަމިއްލައަށް ޙާޞިލުކުރުމަށް ބޭނުންވި ކަންތައްތައް އަމިއްލައަށް ޙާޞިލިވިކަމުގެ އިޙްޞސް ކުރެވޭނެއެވެ.  މާސްލޯ ހާމަކުރައްވާ ގޮތުގައި އޭނާގެ އަހްރާމުން ތިރިން މައްޗަށް އަރަމުންދާއިރު ހުއްޓުމެއް އައިސްފިނަމަ އެހިސާބުން ޝައުގުވެރިކަމަށް ސީދާގޮތުންނާއި ނުސީދާގޮތުން ކުރާނެއެވެ.

އުނގަންނައި ދިނުމުގައި މޯޓިވޭޝަން ތިއަރީ ބޭނުންކުރުމުން ފައިދާއެއް ލިބިދާނެ ހެއްޔެވެ؟

މޯޓިވޭޝަން ތިއަރީއަކީ އުނގަންނައި ދިނުމުގައި ވަރަށް ފައިދާ ބޮޑު ތިއަރީއެއްކަމަށް މޫސާ މާހިރު (2007) ފާހަގަ ކުރައްވައެވެ. އޭނާ ހާމަކުރާގޮތުގައި ޝައުގުވެރިކަމާއި ނުލާ ކަމެއް ކުރަން އުޅެފިނަމަ އެކަމެއް ކާމިޔާބު ނުވެދާނެއެވެ. މޯޓިވޭޝަން ތިއަރީގެ އަލީގައި ދަރިވަރުން ފިލާވަޅުތަކަށް ޝައުގުވެރިކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އުނގެނުމަކީ ކުދިންނަށް މާނައެއް ހުރި އެއްޗަކަށް ހެދުމަށްޓާކައި ކުދިންގެ މިޒާޖާގުޅޭ ކުދިން ގަޔާވާ މަސައްކަތްތަކެއް ދެވިދާނެއެވެ.  ކުދިންގެ އަމިއްލަ ޒިންމާއެއްވާކަން އެކުދިންނަށް ކިޔައިދީ އަމިއްލައަށް މަސްއޫލިއްޔުތަށް ނެގުމުގެ މިނިވަންކަން ވީހާވެސް ބޮޑަށް ދެވިދާނެއެވެ. ހުރިހާ ދަރިވަރުންނަށް ކުރެވޭ ކަހަލަ ތަފާތު މަސައްކަތްތަކެއް ރާވާލާ އުނގެނުމުގައި އަމިއްލައަށް އުނގެނުމުގެ ފުރުޞަތުތަކެއް ފަހިކޮށްދެވިދާނެ ކަމަށް މޫސާ މާހިރު (2007) ހާމަކުރައްވައެވެ. ދަރިވަރުންނަށް ހިއްވަރުދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށްވެސް މޫސާ މާހިރު ހާމަކުރައްވައެވެ. އަދި ކުދިންގެ ބައިވެރިވުން ލިބޭފަދަ ފުރުޞަތުތައް ދެވި ކުދިން އުނގެނުމަށް ހެދަކުރާ ވަގުތައް އެކުދިންގެ ބޭނުންތަކާއި ގުޅޭފަދަ ގޮތަކަށް އިޚްތިޔާރުކުރުމުގެ ފުރުޞަތު ދިނުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ހާމަކުރައްވައެވެ. ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ ގައި ވަރަށް ގިނަ ސިފަތަކެއް ވެއެވެ. އޭގެތެރޭގައި ރަނގަޅު ސުލޫކަށް ހިތްވަރުދެވޭތީ ކުދީނންގެ ޝައުގުވެރިކަން އިތުރުވެގެންދާ ކަމަށް ހިމަނާފައިވާކަމަށް އައިޝަތު އަހުމިއްޔާ (2014) ހާމަކުރައްވައެވެ.


މަތީގައި ދައްކާފައިވާ މޯޓިވޭޝާން އެންގޭޖްމެންޓް ވީލް އިން ދައްކާގޮތަށް ކުދިންގެ ބައިވެރިވުމަށް ހިތްވަރުދިނުމުގެ ސަބަބުން އަސަރުކުރާ ކަމަށް ކްލެސެން (2012) ހާމަކުރައްވައެވެ. ކުދިންނަށް ހިއްވަރުދިނުމުން އެކުދިން އަމިއްލައަށް ކުރިއަށް ދިއުމަށް މަސައްކަތްތަކެއް ކުރާނެއެވެ.

ސިގްނިފިކަންސް އޮފް ދަ ސްޓާޑީ:

މިއީ ދިރާސާއެއް ކޮންމެހެން ކުރަންޖެހޭ ފަދަ މައްސަލައެއް ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ މިއީ ދުނިޔޭގެ ނިސްބަތަށް ބެލި ކަމުގައި ވިޔަސް ވަރަށް ބޮޑު މައްސަލއެއްގެ ގޮތުގައި ފާހަގަ ކުރެވޭ މައްސަލައެކެވެ. މަތީ ތަޢްލިމް ނިންމާ ކުދިންގެ ޢަދަދު ދުވަހަކަށް ވުރެ ދުވަހެއް އިތުރުވެގެންދާ ފަދައިން ތަޢްލީމީ ޙަޔާތް އެއްވެސް ކޮޅެއްގައި ނުޖައްސާ ހުއްޓާލާ ދަރިވަރުންގެ ލިސްޓް ވެސް ދަނީ ދުވަހުން ދުވަހަށް ދިގުވެ އިތުރުވަމުންނެވެ. މިގޮތަށް ދިމާވުމުން އަށާރަ އަހަރު ނުފުރޭ ކުދންގެ ކުށުގެ ރެކޯޑު ދަނީ އިތުރުވަމުންނެވެ. މުޖުތަމަޢުގެ އަމާންކަން ގެއްލުވާލާ ވިޔާނުދާ އަމަލުތަކަށް ހުށަހެޅުމުންދާ ކުދިންނަކީ ސުކޫލް މަދަރުސާގެ ކުދިންގެ ގޮތުގައި މިއަދު ވަނީ ވެފައެވެ. އެހެންކަމުން މި ކަންތައް ދިމާވާ އަސްލު މައްސަލަ ހޯދިގެން ނޫނީ މި ކަމަށް ހައްލެއް ލިބިގެން ނުދާނެތީވެ މިފަދަ ދިރާސާތައް ހެދުމަކީ ނިހާޔަތަށް ބޭނުންތެރި ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ.

ރިސާރޗް މެތްޑްސް

މި ދިރާސާއަކީ ޝައުޤުވެރިކަމުގެ ސަބަބުން ދަރިވަރުންގެ ބައިވެރިވުމަށް ކުރާ އަސަރު ދެނެގަތުމަށް ކޮލިޓޭޓިވް މެތަޑަށް އެކްޝަން ރިޗާރޗް ޑިޒައިންނަށް ހަދާލެވޭ ދިރާސާއެކެވެ. ކޮލިޓޭޓިވް އުސޫލުން މިދިރާސާ ހެދުމުގެ އެންމެ ބޮޑު ފައިދާ އަކީ ފުންކޮށް ދިރާސާ ކުރެވި ފާހަގަ ކުރެވިފައިނުވާ ގުޅުންތަކާއި ސިފަތައް ދެނެގަނެ އެކަންކަމާމެދު އައު ޢިލްމީ ނަޒަރިއްޔާތައް އުފެއްދުމުގެ ޤާބިލްކަން ލިބިފައިވާ މެތަޑެއް ކަމަށް ޤަބޫލުކުރެވޭތީއެވެ. އެކްޝަން ރިސާރޗްގެ ޑިޒައިންގައި އެންމެ ފުރަތަމަ އިސްކަންދޭނީ ދިރާސާކުރާ މައްސަލަ ދެނެގަތުމާއި އޭގެ ފަހުން، މައްސަލައިގެ ހައްލުތަކެއް ހޯދުމަށް ދިރާސާ އަމާޒު މިސްރާބު ކުރުމަށެވެ. އަދި ދިރާސާ އަމާޒުކުރާ މައްސަލައިގެ ހައްލުތައް ހޯދުމަށްފަހު އެ ހައްލުތަކުގެ އެކަށީގެންވާކަން ދެނެގަތުމަށް އިތުރު ދިރާސާ ކުރުމާއި މައްސަލަ އިތުރަށް ހޯދުމަށް މަސައްކަތް ކުރުމަކީ މި ޑިޒައިންގެ އެންމެ މުހިންމު އެއް ސިފައަކަށްވާތީވެ މި މައްސަލައަކީ ވެސް ހައްލު ހޯދަންޖެހިފައިވާ މައްސަލައެކެވެ.

އެކްޝަންރިސާރޗް މި ޑިޒައިނަކީ އެތަނެއްގައި ހުރެ އެތަނެއްގައި ހިނގާ ކަންކަމުގެ ތެރެއިން ކަމެއް ރިސާރޗްކޮށް އިސްލާހް ގެންނަމުން ދިއުމެވެ، މިސާލަކަށް: ކުލާހެއްގައި ކިޔަވާދޭ ޓީޗަރަކަށް ވަކި ކަހަލަ ޓީޗިން މެތަޑެއް ދިާސާ ކުރެވިދާނެއެވެ. އެގޮތަށް ކިޔަވައިދިނުން ބައްޓަންކުރުމުން ކުދިންނަށް އަންނަ ބަދަލުތައް ފާހަގަ ކުރެވޭނެއެވެ. އެބަދަލާ ގުޅިގެން ދެން ކުރަންވީ ކަމެއް ކުރެވޭނެއެވެ. ދެންވެސް އަންނަ ބަދަލަސް ބަަލައި ގެންނަންޖެހޭ އިސްލާހެއް ގެނެވޭނެއެވެ. މި ޑިޒައިނަކި ވަގުތުން ހާލަތު ރަނގަޅު ކުރުމަށް ބޭނުންކުރާ ރިސާރޗް ޑިޒައިނެކެވެ. އެހެންކަމުން މިއީ ތަޢްލީމީ ދާއިރާއާއި ސިއްހީ ދާއިރާފަދަ އިޖްތިމާއީ ދާއިރާގައި ހިންގާ ހަރަކާތްތައް ދުވަހުން ދުވަހަށް ރަނގަޅު ކުރަން ގެންދިއުމަށް ބޭނުން ކުރެވިދާނެ ރިސާރޗް ޑިޒައިނެކެވެ. އަޅުގަނޑުގެ މިދިރާސާއަކީ ތަޢްލީމީ ދާއިރާގެ މައްސަލައަކަށް ވާތީވެ މި މެތަޑަކީ މިދިރާސާހެދުން އެންމެ ރަނގަޅު މެތަޑު ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީވެ މި މެތަޑް އިޚްތިޔާރު ކުރީއެވެ.

ދިރާސާގެ ސާމްޕަލް:

މިއީ ޝައުޤުވެރިކަމުގެ ސަބަބުން ދަރިވަރުންގެ ބައިވެރިވުމަށް ކުރެވުނު އަސަރު ދެނެގަތުމަށް ކުރެވޭ ދިރާސާއެކެވެ. މި ދިރާސާގެ ސާމްޕަލް ނަގާފައިވަނީ އެކްޝަން ރިސާރޗް ޑިޒައިނަށް އިންޑެޕްތް އިންޓަރވިއު އެއް ކޮށްގެންނެވެ. ސާމްޕަލް ނެގުމަށް ބޭނުންކުރީ ރޭންޑަމް ސާމްޕަލިންގ އެވެ. ސާމްޕަލް ނެގީ އައްޑޫ ސިޓީގެ ހިތަދޫގެ ސްކޫލެއްގެ ޓީޗަރުންނާއި ސުވާލު ކޮށްގެންނެވެ. މިދިރާސާގެ ސާމްޕަލް ސައިޒަކީ 3 ޓީޗަރުންނެވެ. ސާމްޕަލް ނެގީ އިންޓަރވިއު ކޮށްގެންނެވެ. އިންޓަރވިއު ކުރަމުން ދިޔަ ގަޑީގައި ބައިވެރިންގެ ހުއްދައާއި އެކު އިންޓަރވިއު ރެކޯޑު ކުރީމެވެ. އެއަށްފަހު އިންޓަރވިއުތަކުގައި ދެއްވި މަޢްލޫމާތުތައް އެމީހުން ދެއްވި ޖަވާބު ދެއްވި ގޮތަށް ލިޔުނީމެވެ. އެއަށްފަހު ކޯޑު ކުރީމެވެ. ކޯޑު ކުރުމަށްފަހު ތީމްތަކަކަށް ބަހާލީމެވެ. އެއަށްފަހު ނަތީޖާ އާއި ހަމައަށް ދިޔައީމެވެ.

އިންސްޓްރުމެންޓޭޝަން:

މި ދރާސާގެ މަޢްލޫމާތު އެއްކުރުމަށް އަޅުގަނޑު ބޭނުންކުރީ ކުއެސްޝަނިއާރ އެކެވެ. އެއީ އިންޓަރވިއު ކުރުމުގައި އަޅުގަނޑު ބައިވެރިންނާއި ކުރި ސުވާލުތަކެވެ. މި ސުވާލުތަކަކީ އަޅުގަނޑު އަމިއްލައަށް ހަދާފައިވާ ސުވާލުތަކެވެ. މި ތައްޔާރު ކުރުމަށް ނަމޫނާއަކަށް ބަލާފައިވާނީ ސިޓްވަޓް ސައީދު އެންޑް ޑޭވިޑް ޒައިން ޖިއާރ (2012) ގެ ހައު މޯޓިވޭޝަން އިންފުލުއެންސް ސްޓޫޑެން އެންގޭޖްމެންޓް މި ދިރާސާއެވެ.

ދިރާސާގެ ސުލޫކީ މިންގަނޑު:

ދިރާސާ ކުރަން ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ހޯދަންޖެހޭ ހުއްދަ ހޯދުމަށް ފުރަންޖެހޭ ފޯރމްތައް ފުރުމަށްފަހު ހޯދަންޖެހޭ ހުއްދަ ހޯދީމެވެ. މީގެ އިތުރުން ސްކޫލްގެ އިސްވެރިންނަށް މި ދިރާސާގެ މަޤްލޫމާތު ވަރަށް ރަނގަޅަށް ދިނީމެވެ. މި ދިރާސާއިން ހޯދާ މަޢްލޫމާތު ތަކަކީ ކިޔަވާ ކުދިން ކަމަށް ވާތީވެ ބެލެނިވެރިންނަށް ދިރާސާގެ މަޢްލޫމާތު ދިނީމެވެ. އަދި ދރިވަރުންނަށް ވެސް ދިރާސާގެ މަޢްލޫމާތު އެންގީމެވެ. އަދި ދިރާސާގެ ތިން ބައިވެރިންނަށް ދިރާސާގެ މަޢްލޫމާތު ވަރަށް ރަނގަޅަށް ދިނުމަށްފަހު ކޮންސްޓް ފޯރމުގައި ސޮއިކުރުވީމެވެ. އަދި ދިރާސާއަށް ބޭނުންވާ މަޢްލޫމާތު ނެގުމަށް އިންޓަރވިއު ކުރަން ދާނެ ތަނަކާއި ވަގުތު ހަމަޖައްސަން ބައިވެރިންނާއި ވާހަކަ ދައްކައި ނިންމީމެވެ. ދިރާސާގެ ބައިވެރިން ދެއްވި މަޢްލޫމާތުތައް ރައްކާ ކުރެވޭނެ ގޮތާއި އެ މަޢޮލޫމާތު ބޭނުން ކުރުމަށްފަހު އެ ނައްތާލެވޭނެ ގޮތް ބައިވެރިންނަށް ކިޔާދިނީމެވެ. އިންޓަރވިއުތައް ރެކޯޑު ކުރަން ޖެހޭތީވެ އެކަމަށް ވެސް ބައިވެރިންގެ ފަރާތުން ހުއްދަ ހޯދީމެވެ. ބައިވެރިންގެ ނަން އެއްވެސް ވަރަކަށް ހިއްސާ ނުކުރެވޭނެ ކަމުގެ ޔަޤީންކަމާއި ސިއްރު ހިފެހެއްޓޭން ކަމުގެ ޔަޤީންކަން ބައިވެރިންނަށް އެރުވީމެވެ. މިދިރާސާގައި ބައިވެރިން ބައިވެރި ކުރީ އެއްވެސް ކަހަލަ މަޖްބޫރު ކަމެއް ނެތިއެވެ. ދިރާސާގެ ތެރެއިން ވެސް ބައިވެރިޔަކު ދާން ބޭނުން ވެއްޖެނަމަ ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެ ބައިވެރިންނަށް ދިނީމެވެ. ދިރާސާ ކުރުމުގެ ތެރޭގައި ބައިވެރިންގެ އެއްވެސް ޒާތީ ކަމަކާއި ނުބެހޭނެ ކަމުގެ ޔަޤީންކަން ވެސް ދިނީމެވެ. ދިރާސާގެ ބައިވެރިން ބުނާ ގަޑިއަކަށް ދިރާސާ ވެރިޔާ ދާނެކަމާއި ގަޑިއަށް ފަރުވާތެރި ވާނެ ކަމުގެ ޔަޤީންކަންވެސް ބައިވެރިންނަށް ދިނީމެވެ.

ޑޭޓާ އެނަލިސިސް:

ބައިވެރިންގެ އިންޓަރވިއު ކޯޑު ކުރުމަށް ފަހު ތީމްތަކަށް ބަހާލީއެވެ. އެއަށްފަހު ބައިވެރިންގެ ޚިޔާލު އަޅާ ބެލުމަށްފަހު ނަތީޖާއަކަށް ދިއުމުގެ ކުރިން އެހެނިހެން ދިރާސާވެރިންގެ ދިރާސާތަކާއި ބައިވެރިންގެ ނިންމުނަތާކާއި އަޅައިކިޔާލީމެވެ. އަދި އެއްކުރެވުނު މަޢްލޫމާތު ތެދު ދޮގު ބެލުމަށް އިތުބާރުކުރެވޭ މީހަކަށް ދައްކާ ޗެކްކުރީމެވެ. މިގޮތުން ދައްކާފައިވާނީ × ސްކޫލްގެ ޕްރިންސިޕަލެއްގެ ގޮތުން މަސައްކަތް ކުރަމުންދާ ވައި އަށެވެ. ދިރާސާގެ އެއްވޭރިއަބަލް އިން އަނެއް ވޭރިއަބަލް އަށް ކުރާ އަސަރު ވަރަށް ރަނގަޅަށް މިދިރާސާގެ ސަބަބުން އެނގުނެވެ. މި ދިރާސާގެ ބައިވެރިންގެ އިއްތިފާގުވާ ގޮތުގައި ހިއްވަރު ދިނުމާއި ޝައުޤުވެރިަކަމުން ދަރިވަރުންގެ ބައިވެރިވުމަށް ރަނގަޅު އަސަރުތައް ކުރެއެވެ.

ދިރާސާގެ ހުސްކަން:

މިދިރާސާގައި ބައިވެރިން ނަކީ މުޅިންވެސް ޓީޗަރުންނަށް ވުމީ ދިރާސާއަށް ލިބުނު ހުސްކަމެކެވެ. އަދި ދިރާސާގެ ސާމްޕަލް ސައިޒު ކުޑަވުމުން ނަތީޖާ ޖެނެރަލައިޒް ކުރަން އުނދަގޫވާނއެވެ. އަދި ދިރާސާ ކޮށްލަން ލިބުނު ވަގުތުގެ ކުޑަކަމުންނާއި މިފަދަ ދިރާސާއެއް ރަނގަޅު ގޮތުގައި ހަދާލުމަށް ނުހަނު ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. އެހެން ކަމުން މުސްތަޤްބަލުގައި ކޮންމެވެސް ބަޔަކު މިފަދަ ދިރާސާއެއް ސާމްޕަލް ސައިޒު ބޮޑުކޮށް ބައިވެރިން ތަފާތު ދިމަދިމާލުން ނަގައިގެން ދިރާާ ކޮށްލަން ފެނެއެވެ.

ނަތީޖާތައް

މުދައްރިސުންނަށް ވުރެ ބޮޑަށް ދަރިވަރުންގެ ބައިވެރިވުމަށް އިސްކަންދީގެން ފިލާވަޅުތައް ކުރިޔަށް ގެންދެވެންޏާ ދަރިވަރުންގެ ބައިވެރިވުން ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ދިރާސާގެ ބައިވެރިންގެ ތެރެއިން ތިން ބައިވެރިންވެސް އިއްތިފާގުވެއެވެ. މުދައްރިސުން ޖަޖްކުރަން ޖެހޭނީ ދަރިވަރުންގެ މަސައްކަތް ކަމަށް ބައިވެރިޔާ 1އަދި 2 ވަނީ  ދެކެއެވެ. ކުދިންގެ އެކްޝަނަށް ބަލައިގެން ޖަޖްނުކުރުމަށް ވެސް އެދެބައިވެރިން އިލްތިމާސް ކުރިއެވެ. މުދައްރިސުން ގެންގުޅޭ ބަހުރުވަ ނުވަތަ ބޭނުންކުރާ ބަސްތަކަކީ ކުދިންނަަށް ވަރަށް އަސަރުކުރާ އެއްޗެއް ކަމާއި އަބަދުވެސް ކުއްޖެއްގެ ހުރި މޮޅު ކަމެއްގެ ވާހަކަ ދައްކާ އެކުއްޖެއްގެ ބަލިފައި ހަނދާން ކޮށް ނުދެވޭ ގޮތަކަށް ޓީޗަރުންގެ ބަހުރުވަ ހުންނަންޖެހޭ ކަމަށް ތިން ބައިވެރިންވެސް ވަނީ ވިދާޅުވެފައެވެ. 

ހިތްވަރު ދިނުމުގެ ސަބަބުން ދަރިވަރުންގެ ބައިވެރިވުން އިތުރުވާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެގެންދާ ކަމަށް ބައިވެރިންވަނީ ހާމަކުރައްވާފައެވެ. ހިއްވަރު ދިނުމުން ހުރިހާ މާއްދާއެއްގައި ދަރިވަރުން އެއްވަރަކަށް ބައިވެރިވާ ކަމާއި އެކުދިންނަށް އެކުދިންގެ ހުނަރު ވަކިކުރަން އެނގި އެ ހުނަރަކާއިގެން ކުރިއަށް ދިއުމަށް ފުރުޞަތުލިބޭ ކަމަށް ތިން ބައިވެރިން ވެސް އެއްބަސްވެއެވެ. ހިތްވަރަކީ ކުދިން ދާންޖެހޭ މިސްރާބު ދައްކައިދޭ ވަރަށް މުހިންމު އެއް މަސްދަރުކަމަށް ބައިވެރިންގެ ވާހަކައި ދޭހަވެއެވެ. ދަރިވަރުންނަށް ދެވޭ ހިތްވަރަކީ އެކުދިންގެ ކަންތައް ރާވާލާ ކުރިއަށް ގެންދިއުމަށް އެހީވެދޭ އެއްޗެކެވެ. ކުލާހުގައި ދަރިވަރުންނަށް ހިއްވަރު ދޭނަޖެހޭ ގޮތަށް ހިތްވަރު ދެވިއްޖެނަމަ ބައިވެރި ނުވާ އެންމެ ކުއްޖަކުވެސް ނުހުންނާނެއެވެ. އެންމެ މޮޅު ކުއްޖާގެ ބައިވެރި ވުމާއި އެއްގޮތަށް އެންމެ ދަށް ކުއްޖާވެސް ބައިވެރިވާނެއެވެ. އެގޮތަށް ހިތްވަރު ދިނުމުން ކިޔެވުމަށް ހިތް ދެވޭ ކަމަށް ބައިވެރިން އެއްބަސްވެއެވެ.

ކުލާހުގައި ތިބޭ ބައެއް ކުދިން ފިލާވަޅުތަކަށް ޝައުގުވެރިކަން ނެތުމުން ބައެއްކަހަލަ އަޚްލާގީ މައްސަލަ ފެންމަތިވާ ކަމަށް ބައިވެރިން ދެކެއެވެ. އެކުދިން އަޚްލާގީ މައްސަލަތަކަށް ހުށަހެޅޭ އެއް ސަބަބަކީ އެހެން ކުދިން ކުރާ މަސައްކަތުގައި އެކުދިންގެ ދައުރެއް ނުވާކަމާއި މަސައްކަތް ކުރާ ކުދިންނަށް ޓީޗަރުގެ ސަމާލުކަން ހުއްޓިފައި ހުންނާނެތީވެ އެކުދިންވެސް ސަމާލުކަން ހޯދަން ކޮންމެވެސް ކަމެއް ކޮށްލަނީ ކަމަށް ބައިވެރިޔާ ތިނެއް ވިދާޅުވިއެވެ. އެހެންނަމަވެސް އެކުދިންނަށް ވެސް ދެވެނެ ޖެހޭ ހިތްވަރާއި އެއްބާރުލުން ދެވި އެކުދިންނަށް ކުރެވިދާނެ ކަންތައް އެކުދިންނާއި ހަވާލުކުރެވޭ ނަމަ އެފަދަ ކަންތައްތަކުން މުޅި ކުލާސް ސަލާމަތްވެ ހަމަޖެހިގެން އެންމެންނަށް ކުލާހުގައި ތިބެވޭނެއެވެ.

ހިތްވަރު ދިނުމުގެ ސަބަބުން ދަރިވަރުނެގެ ބައިވެރިވުންތައް އިތުރުވާ ފަދައިން ދަރިވަރުންގެ އިހްސާސްތަކާއި އެކުދިންގެ ހިޔާލު ހިއްސާކުރާ މިންވަރުވެސް ދަނީ އިތުރުވަމުންކަމަށް ބައިވެރިން ދެކެއެވެ. އެކުދިންނަށް އެކުދިންގެ މޮޅުކަމާއި އެކުދިންގެ ހުނަރު އެނގުމުން އެކަމާ ފަޚުރުވަރިވެ އެކުދިންގެ އިހްސާސްތައް ހިއްސާކުރަން ފަސޭހަވެއެވެ. ކޮންމެ ކަމެއްގައިވެސް އެކުދިން އެކުދިންގެ ހިޔާލާއި އިހްސާސްތައް ހިއްސާކުރާނެއެވެ. އެކަމަށް ޖެހިލުން ނުވާ ނެއެވެ. ސަބަބަކީ އެކުދިންނަކީ ޓީޗަރުން ބަލައިގަންނަ ޓީޗަރުންގެ ހިތްވަރު އެކުދިންގެ މައްޗަށްވާ ކުދިބަޔަކަށް ވާތީއެވެ.

ޗައުގުވެރިކަމާއެކު ދަސްކުރާ އެއްޗެއް ހަނދާނުގައި ހަރުލާފައި ހުންނަ މިންވަރު އިތުރުކަމަށް ތިން ބައިވެރިންވެސް އިއްތިފާގުވެއެވެ. އަދި ދަސްކުރާ އެއްޗެއް ހާލަތާއި ގުޅުވައިގެން ބޭނުން ކުރަން އެނގޭނެކަމާއި ދަސްކޮށްފައި ނިންމާލަނީ ނޫންކަން ބައިވެރިންގެ ވާހަކައިން އެނގެއެވެ. އެކުދިންގެ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ދަސްކުރި އެއްޗެއްގެ ބޭނުން ހިފާނެ ކަމަށް ބައިވެރިންވަނީ ވިދާޅުވެފައެވެ. ޝައުގުވެރިކަމާއެކު ދަސްކުރާ އެއްޗެއް ހުންނާނީ ކުދިންގެ ކިބައިގައި ހަރުލާފައެވެ. އަދި އެކަމުން ލިބެންޖެހޭ ހުރިހާ ފިލާވަޅެއް ވެސް އެކުދިންނަށް އެނގޭނެއެވެ. ޝައުގުވެރިކަމެއް ނެތި ކޮންމެވެސް އެހެން ބޭނުމަކަށް ދަސްކުރާ އެއްޗަކީ ވަގުތީ ގޮތުން ދަސްވާ އެއްޗެއް ކަމަށާއި ގިނަދުވަހަށް ނުވަތަ ލޯންގްޓާމް މެމަރީ އަށް ސޭވް ކުރެވޭނީ ޝައުގުވެރިކަން ދީ ގެން ދަސްކުރާ އެއްޗެކެވެ.

ދަރިވަރުން ގަޔާވާ އެކުދިންނާއި ގުޅޭ ފިލާވަޅުތަކުގެ އައުޓްކަމް ހާސިލުކުރެވޭ ފަދަ ހަރަކާތަތަކެއް ކުރިއަށް ގެންދެވޭނަމަ ކުދިންގެ ބައިވެރިވުން ވަރަށް ބޮޑަށް ފެންނާނެއެވެ. އެޔާއު ޚިލާފަށް ތަގްރީރެއް ދޭ އުސޫލުން ބޯޑު ކައިރީ ހުއްޓި ހުރެ ކިޔައިދުނުމުން ކުދިން ބައިވރިވާ ހިތެއް ނުވާނެއެވެ. ދަރިވަރުންނަށް ސީދާ ކުރަންވީ ކަމެއް ބުނެދިނުމުގެ ބަދަލުގައި ކުދިން ގެ ސިކުނޑިން ވިސްނަން ފުރުސަތު ދީ އެކުދިންނާއި ގުޅޭ ހަރަކާތްތައް ގެންދަން ޖެހޭ ކަމަށް ބައިވެރިން އެއެްބަސްވެއެވެ. ތަފާތު ހަރާކާތްތަކެއް ކޮންމެ ދުވަހަކުވެސް ގެންދަން ޖެހެއެވެ. އަދި ކިޔަވާ ދޭ މަހައުލު ދޭތެރެ ދޭތެރެއިން ބަދަލުކޮށް ހަދަން ޖެހޭ ކަމަށް ތިންވަނަ ބައިވެރިޔާ ދެކެއެވެ. އެއީ ފިލާވަޅާއި ގުޅޭ މާހައުލެއްނަމަ އެކުދިން އެކަމެއް ތަޖްރިބާ ކުރަން ލިބޭ ފުރުސަތަކަށް ވާތީއެވެ.

ދަރިވަރުންނަކީ ދަރިވަރުންގެ ހުނަރުތަކަށް އިތުބާރު ކުރެވޭ އެކުދިންގެ އަމިއްލަ ނަފްސަށް ޔަގީންކަން އޮންނަ ކުދިންނަށް ވާނީ އެކުދިންގެ ބައިވެރިވުންތައް ގިނަކޮށް އެކުދިންނަށް ހިއްވަރު ދެވިގެން ކަމަށް ބައިވެރިން އެއްބަސް ވެލައްވައެވެ. އެކުދިންގެ އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރު އިތުރު ނުވާ ނަމަ އެކުދިން ކިޔެވުންމަތިން ފޫހިވެސް ވެދާނެއެވެ. އެހެންކަމެން އެކަމަށް ޓީޗަރުން ވަރަށް ސަމާލުކަން ދޭންޖެހެއެވެ. ދަރިވަރުންނަށް ކޮންމެ ފިލާވަޅުކާއި ގުޅިގެން ގޯލެއް ކަނޑައަޅުވާށެވެ. ނުވަތަ ސަކްސަކް ކުރައިޓީރިއާ ކުދިންނާ ހިއްސާ ކުރާށެވެ. އޭރުން އެ ލަނޑުދަނޑު ހާސިލުކުރުމަށް ކުދިން ސަމާލުކަން ދޭނެއެވެ. ސަކްސަސް ކުރައިޓީރިއާ ކުދިންނާ ހިއްސާ ކުރަންޖެހޭ ކަމަށް ބައިވރިޔާ އެކެއް ވަނީ ބުނެފައެވެ. އޭރުން އެދުވަހެއްގައި އެކުދިން ދަސްކުރަންޖެހޭ އެއްޗެއް ކުދިންނަށް އެނގޭނެއެވެ.

ކުދިން ތަރުބިއްޔަތު ކުރުމަށް ބޭނުން ކުރަން ޖެހެނީ ރިވާރޑް ސިސްޓަމް ކަމަށް ތިން ބައިވެރިން ވެސް އެއްބަސްވެއެވެ. ޕަނިޝްމެންޓް ދޭކަށް ނުޖެހޭ ކަމަށް ބައިވެރިޔާ އެކެއް ފާހަގަ ކޮށްފައިވާ އިރު ބާކީ ދެ ބައިވެރިންގެ ބަހުން ވެސް އެނގެނީ ޕަނިޝްމެންޓް ދޭން ނުޖެހޭ ކަމެވެ. ސަބަބަކީ ޕަނިޝްމެންޓަކީ ވަގުތީ ހައްލެއް ކަމާއި އެއީ ދާއިމީ ހައްލަކަށް ނުވާނެ ކަމަށް ބައިވރިޔާ ތިނެއް ވަނީ ވިދާޅުވެފައެވެ. އަދި ބައެއް ޕަނިޝްމެންޓްގެ ސަބަބުން ކުދިން ކުށްކުރުން ބަދަލު ހިފުމެއްގެ ގޮތުގައި ކުރަން ފަށާފާނެކަމަށް ބައިވެރިޔާ ތިނެއް ވިދާޅުވިއެވެ. ދަރިވަރުން ތަރުބިއްޔަތު ކުރުމުގައި އެންމެ ރަނގަޅީ ރިވާޑް ސިސްޓަމެވެ. އެ ސިސްޓަމަކީ މިސްޓޭކް އިން ދަސްކުރެވޭ (ލާންކުރެވޭ) ސިސްޓަމަކަށް ވާން ޖެހެއެވެ. ސިސްޓަމްގެ ސަބަބުން ކުދިންނަށް ކުރެވޭ ގޯސްކަމެއް ތަކުރާރު ކުރެވޭފަދަ ސިސްޓަމަކަށް ވެގެން ނުވާނެ ކަމަށް ތިން ބައިވެރިން ވެސް އެއްބަސްވެއެވެ.

ޝައުގުވެރި ކަމުގެ ދެވައްތަރެއް ވެއެވެ. އެއީ އެތެރޭގެ ޝައުގުވެރިކަމާއި (އިންޓްރިންސިކް މޯޓިވޭޝަން) އެތެރޭގެ ޝައުގެވެރިކަން (އެކްސްޓިރިންސިކް މޯޓިވޭޝަން) އެވެ. މި ދެވައްތަރުން ކުރެ އެންމެ ގިނައިން ބައިވެރިވަނީ ބޭރުގެ ޝައުގުވެރިކަން ހުންނަ ކުދިން ކަމަށް ތިން ބައިވެރިން ވެސް އެއްބަސްވެއެވެ. އެތެރޭގެ ޝައުގުވެރިކަން ހުންނަކުދިން މަދު ކަމަށާއި ބޭރުގެ ޝައުގުވެރިކަން ހުންނަ ކުދިން ވަރަށް ގިނައެވެ. ހިތްވަރު ދެވިއްޖެ ނަމަ އެތެރޭގެ ޝައުގުވެރިކަން ހުންނަ ކުދިންނަށް ދެވޭ ހިތްވަރަކުން އެކުދިންނަކީ އެތެރޭގެ ޝައުގުވެރިކަން ހުންނަ ކުދިންނަށް ބަދަލުކޮށްލެވޭނެ ކަމަށް ތިންވަނަ ބައިވެރިޔާ އޭނާގެ ތަޖްރިބާއާއި އެކީ ކިޔާދިނެވެ. ދިރާޗާގެ ބައިވެރިން ގަބޫލުކުރާގޮތުން ނަމަ އެންމެ ފައިދާ ބޮޑީ އެތެރޭގެ ޝައުގުވެރިކަމެވެ. އެކުދިންނަކީ އެތަނަކާއި ހާލަތާއި ގުޅޭގޮތަށް އެތަނެއްގައި އޮންނަ ގަވާއިދަކަށް ކަމޭހިތައިގެން މަސައްކަތްކުރާނެ ކުދިންނެވެ. އަދި އެކުދިން ގެންގުޅެން ވަރަށް ފަސޭހަވާނެއެވެ. އެހެންނަމަވެސް ބޭރުގެ ޝައުގުވެރިކަން ހުންނަ ކުދިން މަސައްކަތް ކުރާނީ ކޮންމެވެސް ރިވާޑަކަށް ކަމާއި އެކުދިން ގެންގުޅެން ވެސް ތަންކޮޅެއް އުނދަގޫ ވެދާނެއެވެ. އެހެން ވުމުން ރިވާޑް ސިސްޓަމް ގެންގުޅެން ޖެހޭ ކަމަށް ބައިވެރިޔާ އެކެއް ދެކިލައްވައެވެ.

ހުށަހެޅުންތަކާއި ނިންމުންތައް

ދިރާސާގެ ބައިވެރިން ދެއްވި މަޢްލޫމާތާއި މި މައްސަލައަށް އެހެން ދިރާސާ ވެރިން ކުރައްވާފައިވާ ދިރާސާތަކަށް ބަލާއިރު ހިތްވަރު ދިނުމުގެ ސަބަބުން އެ އުފެދޭ ޝައުގުވެރިކަމުން ދަރިވަރުންގެ ބައިވެރިވުމަށް ވަރަށް ރަނގަޅު އަސަރުތައް ކުރެއެވެ. އަދި ޝައުގުވެރިކަމާއި ކުދިންގެ އަޚްލާގާއި ދެމެދު ވެސް ގުޅުމެއް ވާކަމަށް ބައިވެރިންގެ ވާހަކައިން އެނގުނެވެ. އަދި ކުދިންނަށް ހިއްވަރު ދީގެން ކުދިންގެ ބައިވެރިވުން ހޯދޭނަކަމާއ ކުދިންގެ ޝައުގުވެރިކަން ހޯދަން ބޭނުންވާނަމަ އެކުދިންނާއި ގުޅޭ ކަހަލަ ހަރަކާތްތަކެއް ރާވަން ޖެހޭކަން އެނގިގެން ދިޔައެވެ. ދަރިވަރުން މަސަލަސްކުރަން ދިމާވާ ގޮންޖެހުމަކީ އެކުދިންގެ ބައިވެރިވުން ފިލާވަޅުތަކަށް ނުދެވޭތީކަން މިދިރާސާގެ އަލީގައި އެނގުނެވެ. ދަރިވަރުންގެ އުނގެނުމަށް އެންމެ ބޮޑަށް އަސަރުކުރަނީ އެތެރޭގެ ޝައުގުވެރިަކަން ކަން މިދިރާސާގެ އެހީގައި އެނގިގެން ދިޔައެވެ. މިދިރާސާގެ ނަތީޖާ އަކީ ހިތްވަރުދިނުން އަބަދުވެސް ހުއްޓާނުލާ ދަރިވަރުންނަށް ދޭންޖެހޭކަމެވެ. ކުދިން ޝައުގުވެރިވާފަދަ ހަރަކާތްތަކެއް ހިފައިގެން ކުލާހަށް ދާންޖެހޭކަންވެސް މިދިރާސާގެ ނަތީޖާއިން އެނގެއެވެ. އެހެންކަމުން ކުދިންނާއި ގުޅޭ ކަހަލަ ތަފާތު ހަރަކާތްތަކެއް ރާވާލައިގެން ދިޔުން ވަރަށް މުހިއްމެވެ.  

ރިފަރެންސް

ކެންޑްރާ ޗެރީ (2017) އިންޓްރިންސިކް މޯޓިވޭޝަން. ނެގީ 21 އެޕްރީލް 2018.

ސީ ލެވެސް ކިއު. ކޭ ވީ ބްރައުން (2007) މޯޓިވޭޝަން އެންޑް އިމޯޝަން. ނެގީ 20 އެޕްރީލް 2018.

އަލްބަރޓް ބަންޑޫރާ. (1997). ސޯޝަލް ލާރނިން ތިއަރީ. އެންގަލްޑްވުޑް ކްލިފްސް. އެން ޖޭ ޕްރިންޓިސް ހޯލް.

އާމިނަތު ޝާފިޔާ އާދަމް. (2011) އިންސްޓްރަކްޝަނަލް ސައިކޮލޮޖީ. ސްޓަޑީ ގައިޑް. ސެންޓާރ ފޮރ އޯޕަން ލާރނިންގ. މާލެ: ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީ.

އައިޝަތު އަހްމިއްޔާ. (2014) ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާ. ނެގީ 1 މޭއި 2018.

ތޯމަސް ފެޓްސްކޯ، ޖޯން މެކްލުރީ. (2005) އެޑިއުކޭޝަނަލް ސައިކޮލޮޖީ. މެކްސިކޯ ސިޓީ، ޕިއާރސަން އެޑިއުކޭޝަން.

ޝަހުލާ މުޙައްމަދު. (2003). އަންޑަސްސްޓޭޑިންގް ޕެޑަގޮޖީ އެންޑް ލާރނިންގ ތިއަރީސްގެ ނޯޓުސް. ސެންޓާރ ފޮރ އޯޕަން ލާރނިންގ. މާލެ، ދިވެހިރާއްޖެ.

އަނީތާ ވުލްފޯކް. (2010). އެޑިއުކޭޝަނަލް ސައިކޮލޮޖީ. އިލެވެންތް އެޑިޝަން، ޕިއާރސަން އެޑިއުކޭޝަން. ނެގީ 1 މޭއި 2018.

އަބްރަހަމް މާސްލޯ. (1943) އަ ތިއަރީ އޮފް ހިޔުމަން މޯޓިވޭޝަން. ވޮލިއުމް ފަންސާސް ހަތަރެއް.

އީ އޭ ސްކިނާރ، އެމް ޖޭ ބެލްމޮންޓް. (1993) ޖާރނަލްއޮފް އެޑިއުކޭޝަނަލް ސައިކޮލޮޖީ.



No comments: