ފުއްބޮލީގެ ޝަކުވާ
އަހަރެމެން މިއީ ކޮން
ބައެއްކަން ދިވެހިން ދަންނާނެއެވެ. ޚާއްޞަކޮށް އަހަރެމެންގެ އަގު ވަޒަންކުރަން ދިވެހިންގެ ތެރެއިން މުނިވެ
ދިޔަ ޖީލުތަކުގެ މީހުން ދަންނާނެއެވެ .
ހަނދުމަފުޅު ކުރައްވާށެވެ. އަހަރުމެންގެ
ގޯތިގެދޮރު ކަމުގައިވާ މޫދުގެ ތިލަތަންތަނަށް ހެނދުނާއި ހަވީރު ދެއިރު ދެދަޅައަށް ހިކިދިޔާގައި
ކަނޑިކިން ދަރަޖަހައިގެން އައި އެކި އުމުރުފުރައިގެ ކަނބަލުން މިދުނިޔެއިން ވަކިވެ
ހިނގައްޖެއެވެ. އެމީހުންގެ ހިތްތަކުގައި އަހަރުމެންނަށް އޮންނަ އިޙްތިރާމަކާއި ކުލުނައެއްގެ
ސަބަބުން އަހަރެމެންގެ ޖަގަހައިން ބޭރުކޮށް މުޅޯށިތަކަށާއި ދަޅު ޓައްޕުތަކަށް ލައިގެން
އަހަރުމެން އުފުލައިގެން ގެންދިޔައެވެ. ގޭދޮށަށް ގެންދާގޮތަށް ވަޅުދާނިން ނުހަނު އޯގާތެރިކަމާއެކު
ފެންއަޅައި ލޮނުފިލުވުމަށްފަހު ގޭދޮށުގައި ވަޅުކޮނެ ފުންޏަކަށް ވަޅުލިއެވެ. ފޮއިދުވަސް
ކޮށްލާފައި އެވަޅުގަނޑު ކޮނެ އަހަރުމެން ނަގައިގެން އަލުން ސާފުކޮށް ނުހަނު އިއްޒަތުގައި
އަހުރެމެން ގެންގުޅުނީމުއެވެ.
އައްސަވާށެވެ! އަދި އެވަރަކުން ފުދުނީއެއް ނޫނެވެ. އަހަރުމެން
އޮޅިތަކަށް ބައިކޮށް ކޮންމެ ފަނަރަ މީހަކަށް އަތްގެއްގެ ނަން ދިނެވެ. ކޮންމެ ނުވަދިހަ
ހަމީހަކަށް ހިޔަގެ ނަންދިނެވެ. އަދި އަށާރަހާސް މީހުންނަށް ކޮއްޓެގެ ނަމުން ނަންކިއެވެ.
އޭރު މިގޮތަށް ބައިއަޅައިގެން ބައިހަމަކޮށް އެމީހުން އަހަރުމެން ގެންގުޅުނީ ވަރަށް
ބޮޑަށް ފޮރުވައިގެންނެވެ. ބޮޑުފޮށީގެ އެންމެ އަޑީގެ ވަތްގަނޑުން ޖާގަދީގެންނެވެ. ނިހާޔަތަށް
އިއްޒަތް ދީގެން ފާރަވެރިވެގެންނެވެ. ސަބަބަކީތޯއެވެ؟ އާދެ، ސަބަބަކީ ކުރިން ވެސް ދެންނެވިފަދައިން
އެކިއަދަދުން އަހަރުމެން ބާޒާރަށް ވިއްކައިގެން ކާބޯތަކެއްޗާއި ގެވެހި ސާމާނު ގަންނަން
މުހުތާދުވާތީއެވެ. ކާރި އަވަށްޓެރި ކަރަކަރަތަކަށް
ވެސް އަހަރެން ކޮއްޓެކޮއްޓެއިން އަހަރެމެން ފޮނުވައިގެން އެކަރަތަކުގެ މަހުޖަނުންނަށް
އަހަރުމެން ދީގެން ފާސްމާނުމުދާ ގަނެގެން ރަށަށް ގެނެސް ހެދިއެވެ.
އާނއެކެވެ. އެދުވަހާއި
އެކަމާއި އެވިޔަފާރި މާޒީވެ ނިމިއްޖެއެވެ. ނިމިގެންގޮސް ނިމިނިމުނުކަމަކަށްވެ ހަނދާންނެތޭ
ހިސާބަށް ވެސް ހިނގައްޖެއެވެ. ޒަމާނަށް މިއައި ބަދަލާއި ތަހުޒީބުގެ ކުރިމަތީގައި އަހަރެންގެ
އަގު ވަޒަންކުރާނެ ހަމަ އެކަކުވެސް ނެތި ހިނގައްޖެއެވެ. ލިބިފައި އޮތް ހަމައެކަނި ޖާގައަކީ
މަނިޓަރީ އޮތޯރިޓީގެ ލޯގޯއިން އަހަރެމެންނަށް ދިން ޝަރަފާއި ދިވެހިނޫޓްތަކުގެ ފުށަތުގައި
އަހަރުމެންގެ ފޮޓޯ ޖެހުން އެކަންޏެވެ. މިހާރަކު އަހަރުމެންނަކީ އަގެއް ހުރި އެއްޗެއް
ނޫނެވެ. ކިޔާމީހުން ކިޔައެވެ. ބުނާމީހުން ބުނެއެވެ. އަހަރުމެންގެ ޢާއިލާގެ ބޮޑުބޭބެއަށް
ޖެހުނު ހާލު މިއަދު މިއޮތީ އަހަރުމެންނަށް ވެސް ޖެހިފައެވެ. ފެންކައްކާބޮއްޔަށް ވެސް
ހަމަ ވީވަރު ވެފައެވެ.
No comments:
Post a Comment