Featured Post

Ombey

ވާހަކަ: ހެޔޮކަންތައްކުރުމުގައި ކުރިއަރައިދާށެވެ!

ހެޔޮކަންތައްކުރުމުގައި ކުރިއަރައިދާށެވެ!

އާދިލު ނިންމަންޖެހޭ ވަރަށް ގިނަ "ހޯމްވޯކް" ހުއްޓެވެ. އޭނާ އުއްމީދުކުރަމުން ދިޔައީ އޭނާގެ މަންމަ އޭނާއަށް އެހީތެރިވެދޭނެ ކަމަށެވެ. ނަމަވެސް މަންމަ އޮތީ ނިދިފައެވެ. އޭނާގެ މަންމަ ނިދިފައި އޮތްކަން އެނގުމުން އޭނާއަށް އެހީތެރިކަމެއް ދޭނެ އެއްވެސް މީހެއް ނެތް ކަމުގެ އިހްސާސް ކުރެވުނެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނައިގެ ސާލެއް ދެމިގެންފިއެވެ.

އާދިލު: "ކުރަންވީ ކަމެއް އަހަންނަކަށް ނުވިސްނޭ. މަންމަ އޮތީ ނިދިފައި. އަހަރެން ނިންމަންޖެހޭ ބައިވަރު މަސައްކަތް އެބަހުރި."

ސާލިމު: "ކަންބޮޑު ނުވޭ! އަހަރެން ތިބާއަށް އެހީވެދޭނަން. އަހަންނަކީ ތިބާގެ ބޭބެ. އަހަންނަށް ތިބާ ދެރަވެ ކަންބޮޑުވާތަން ބަލާކަށް ނުހުރެވޭނެ."

އާދިލާއި ސާލިމު އެމީހުންގެ ގޭގެ ކުޑަކުޑަ ބަގީޗާގައި ކިޔަވަން ޚާއްޞަކޮށްފައި ހުންނަ ހޮޅުއަށްޓަށް ދިޔައެވެ. ފަހަރަކު މަސައްކަތެއް ނިންމަމުން ގޮސް ހުރިހާ މަސައްކަތެއް ނިންމިއެވެ.

އިރުކޮޅެއް ފަހުން މަންމަ ހޭލިއެވެ.

މަންމަ: "ސާލިމް... ސާލިމް... ސާލިމް... މަންމައަށް މާފުކުރޭ ދެ ކުދިން. މަންމައަށް ނިދުނީ. ދަރިފުޅާ ސާލިމް... ދަރިފުޅު ކޮއްކޮ އާދިލަށް އެހީވުމުން މަންމަ ވަރަށް އުފާވެއްޖެ. މިއިން މަންމައަށް އެނގުނީ ދަރިފުޅުމެން މަންމަ ދެކެ ލޯބިވާވަރު. އަދި މަންމަ އަރާމުކުރަން ވަގުތު ދޭން ވެސް ބޭނުންވާވަރު. ވަރަށް ބޮޑަށް ޝުކުރިއްޔާ ދަރިފުޅާ. ދެކުދިން ދެކެ ވެސް މަންމަ ވަރަށް ލޯބިވޭ"

ސާލިމް: "މަންމަ އަޅުގަނޑުމެން ދެމީހުން ދެކެ ވާލޯބި އަޅުގަނޑުމެންނަށް އެނގޭ. އަދި މަންމަ ވަރުބަލިވާނެ ވަރު ވެސް އިހްސާސްކުރެވޭ. އަޅުގަނޑަށް އެނގޭ މަންމަ އާދިލަށް އެހީވާން ބޭނުންކަން. މަންމަ ވަރުބަލިވެފައި ހުރިލެއް ބޮޑުކަމުން ނިދުނީ ކަން. އެހެންވެ އަޅުގަނޑު ކޮއްކޮއަށް އެހީވީ. ﷲ ތަޢާލާ އަންގަވާފައިވަނީ އެކަކު އަނެކަކަށް އެހީވާށޭ. ހެޔޮކަންކަން ކުރުމުގައި ކުރިއަރައިދާށޭ. ދޯ މަންމާ."

ދަރިފުޅު ސާލިމުގެ ވާހަކަ އަޑުއަހަން މަންމަ ހުރީ ފަޚުރުވެރިކަމާއެކީގައެވެ. އޭނާގެ ދަރިފުޅުގެ ރިވެތި އަޚުލާޤާއި އެހެން މީހުންނަށް އެހީވުމުގެ މުހިއްމުކަން އެ ދަރިފުޅަށް އެނގިފައިވުމުން އޭނާ އެކަމާ އުފާކޮށް ﷲ އަށް ޙަމްދުކޮށް އޭނާގެ ކުދިންނަށް ހެޔޮގޮތް މެދުވެރިކޮށްދެއްވުމަށާއި ފާފަ ފުއްސަވައިދެއްވުން އެދި ދުޢާ ކުރިއެވެ.

މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.

فَاسْتَبِقُوا الْخَيْرَاتِ - البقرة: ١٤٨

ފަހެ، ހެޔޮކަންތައްކޮށް އުޅުމުގައި ތިޔަބައިމީހުން އެކަކު އަނެކަކާ ވާދަކޮށް، (އެކަކު އަނެކަކަށްވުރެ) ކުރިއަރައިދާށެވެ!

 


No comments: